އަތިރީ ކަމަނާތާރީޚީ ބައެއް ލިޔުންތަކުން އަތިރީކަމަނާގެ ނަންފުޅުގައި ދެ ބޭފުޅަކު އެބަ ފެނެއެވެ. މީގެތެރެއިން ތާރީޚީ މަދު ލިޔުންތަކުން މަދުބަޔަކަށް ފެނި މަޝްހޫރުވެފައިނުވާ އަތިރީކަމަނާއަކީ އަރިއަތޮޅު އުކުޅަހު މުޅޯށިކަލޭގެ ދެ އަންހެން ބޭފުޅުންގެ ތެރެއިން އެއްބޭފުޅެއްކަމަށްވާ އަތިރީކަމަނާއެވެ. މިކަމަނާއަށް ފާޠިމާދިޔޯ، އަދި ޚަދީޖާ ދިޔޯ ވެސް ކިޔާފައި ހުރެއެވެ.

ތާރީޚީ ގިނަ ލިޔުންތަކުން ގިނަބަޔަކަށް ފެނި މަޝްހޫރުވެފައިވާ އަތިރީކަމަނާއަކީ އަލްޙާފިޡް މުޙައްމަދުލް މިޞްރީގެ، ފުވައްމުލަކު ދޮރުބައިގެދަރު އެދުރުޙަސަން ނާއިބު ރަނަހަމާދިތަކުރުފާނުގެ، މީދޫ އަލްޤާޟީ މުޙައްމަދު ޝަމުސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނުގެ، އަލްޙާފިޡާ ފާޠިމާފާނުގެ، ޒުލޭޚާފާނު(ޒުލޭޚާބީ)ގެ، ޙައްވާފާނު(ޙައްވާބީ) އާއި ނޮޅިވަރަންފަރު ބޮޑު ހަނދޭގިރި ތަކުރުފާނު ކައިވެނިކުރައްވައިގެން ލިބިވަޑައިގެންނެވި ދަރިކަނބަލުން އަތިރީކަމަނާ އެވެ.

"އަތިރީކަމަނާ"ގެ ނަންފުޅުގައި ލިޔުންތަކުންފެންނަ ދެ ބޭފުޅުންނަކީ އެ ބޭފުޅުންނާއި ގުޅިވަޑައިގަތުން ހުރި ޢާއިލީ ގިނަ ކަފިތަކަށް ބަލާއިރު ގިނަ ގޮތްގޮތުން ގުޅިވަޑައިގަތުން ބޮޑު ބޭފުޅުންނެވެ. މިހެންވުމުން އެ ބޭފުޅުންގެ އެ ކަފިތަކަށް ރަނގަޅަށް ނުވިސްނައިފިނަމަ އެ ޢާއިލީ ވަނަވަރު އޮޅޭގޮތްވުން އެކަށީގެންވެއެވެ.


މުޡުހިރުއްދީން ރަދުންގެ މުންނަ އަތިރީކަމަނާއަކީ މުޡުހިރުއްދީން ރަދުންގެ މަންމާފުޅު އަތިރީކަމަނާގެ މުންނައާއި އެއްބަނޑުއެއްބަފާ ބޭފުޅެކެވެ. މުޡުހިރުއްދީން ރަދުންގެ މަންމާފުޅު އަތިރީކަމަނާގެ ބައްޕަ ހަނދޭގިރި ތަކުރުފާނަކީ މުޡުހިރުއްދީން ރަދުންގެ ބައްޕާފުޅު ޙަސަން މާފަތްތަކުރުފާނާއި ދެބެންގެދެދަރި ބޭފުޅެކެވެ. މުޡުހިރުއްދީން ރަދުންގެ މަންމާފުޅު އަތިރީކަމަނާގެ ބައްޕަ ހަނދޭގިރި ތަކުރުފާނަކީ ދިޔަމިގިލީ ބަންޑާރައިންނާއި އެއްބަނޑު ބޭފުޅެކެވެ. އަދި ދިޔަމިގިލީ ބަންޑާރައިންގެ ދަރިކަލުން އިބްރާހީމް ރަސްގެފާނު ކައިވެނިފުޅުކުރައްވައިގެން 6 ބޭފުޅުން ލިބިވަޑައިގެންނެވި ޢާއިޝާ ކަނބާފާނަކީ މުޡުހިރުއްދީން ރަދުންގެ މަންމާފުޅު އަތިރީކަމަނާގެ، ފާޠިމާ މާވާކިލެގެފާނުގެ، ދަރިކަނބަލުންނެވެ. ޝަހީދުކުޅަ މަޝްހޫރު ޙާޖީ ބަންޑާރައިންނަކީ ވެސް މިދެންނެވި 6 ބޭފުޅުންގެތެރެއިން ބޭފުޅެކެވެ.

އަރިއަތޮޅު އުކުޅަހު މުޅޯށިކަލޭގެ ދަރިކަނބަލުން އަތިރީކަމަނާ

ތާރީޚީ މަދު ލިޔުންތަކުން މަދުބަޔަކަށް ފެނި މަޝްހޫރުވެފައިނުވާ އަތިރީކަމަނާއަކީ ކުރިންދެންނެވިހެން އަރިއަތޮޅު އުކުޅަހު މުޅޯށިކަލޭގެ ދެ އަންހެން ބޭފުޅުންގެ ތެރެއިން އެއްބޭފުޅެއްކަމަށްވާ އަތިރީކަމަނާއެވެ. މިކަމަނާއަށް ފާޠިމާދިޔޯ، އަދި ޚަދީޖާ ދިޔޯ  ވެސް ކިޔާފައި ހުރެއެވެ. މުޡުހިރުއްދީން ރަދުންގެ ބައްޕާފުޅު ޙަސަން މާފަތްތަކުރުފާނަކީ މިދެންނެވި އަތިރީކަމަނާ ނުވަތަ ފާޠިމާދިޔޯގެ ބޭފުޅެކެވެ. މި އަތިރީކަމަނާ ނުވަތަ ފާޠިމާދިޔޯއަށް ޙަސަން މާފަތްތަކުރުފާނު ލިބިވަޑައިގަތް ފިރިކަލަކީ ފުވައްމުލަކު ފުނާޑު ދޮންމަޙުމޫދު ޚަޠީބުގެ ދޮންއަޙުމަދު އެދުރުކަލޭގެފާނުގެ ދައިގަޑު ދޮންޢީސާ ޚަޠީބުކަލޭގެފާނު، ހައްދުންމަތީ އިސްދޫ އައިސާދިޔޯ(ކުޑައިބީކަމަނާ) އާއި ކައިވެނިކުރައްވައިގެން ލިބިވަޑައިގެންނެވި ދަރިކަލުން ފުވައްމުލަކު ދައިގަޑު މާފަތްތަކުރުފާނު ނުވަތަ އިސްދޫ އިބްރާހީމް ޝާހުބަންދަރު ބޮޑު ވެލާނާތަކުރުފާނެވެ.

އަރިއަތޮޅު އުކުޅަހު މުޅޯށިކަލޭގެ ދެ އަންހެންބޭފުޅުންގެ ތެރެއިން އަތިރީކަމަނާ ފިޔަވައި އަނެއް ބޭފުޅަކީ އާމިނާދިޔޯ އެވެ. މިކަމަނާ ދެފަހަރަށް ދެބޭފުޅަކާއި ކައިވެނިފުޅުކުރައްވައި ބޭފުޅުން ލިބިވަޑައިގަތެވެ. ފުރަތަމަ ކައިވެނިފުޅުން ލިބިވަޑައިގަތް ބޭފުޅަކީ ހަނދޭގިރި ތަކުރުފާނެވެ. ނުވަތަ ނޮޅިވަރަންފަރު ބޮޑު ހަނދޭގިރި ތަކުރުފާނެވެ. މިތަކުރުފާނު، މީދޫ މުޙައްމަދު ޝަމުސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނުގެ، އަލްޙާފިޡާ ބޮޑު ފާޠިމާފާނުގެ، ޒުލޭޚާފާނު(ޒުލޭޚާބީ)ގެ، ޙައްވާފާނު(ޙައްވާބީ) އާއި ކައިވެނިކުރައްވައިގެން ލިބިވަޑައިގަތް ބޭފުޅަކީ ތާރީޚީ ލިޔުންތަކުގައި މަޝްހޫރުވެފައިވާ އަތިރީކަމަނާ އެވެ.

އަރިއަތޮޅު އުކުޅަހު މުޅޯށިކަލޭގެ ދަރިކަނބަލުން އާމިނާދިޔޯގެ އަނެއް ކައިވެނިފުޅުގެ ފިރިކަލަކީ ކޮޅުމަޑުލު ދިޔަމިގިލީގެ ބޭފުޅެއްކަމަށްވާ ބޮޑުވަޒީރު އިބްރާހީމް ދޮށިމޭނާ ތަކުރުފާނެވެ. މިކައިވެނިފުޅަށްފަހު އާމިނާދިޔޯގެ ނަންފުޅަކަށް އާމިނާ މާވާރަނި ކިޔާފައިވެއެވެ. މި ދެމަފިރިކަނބަލުންނަށް ދެ ބޭފުޅަކު ލިބިވަޑައިގަތެވެ. ޙަސަން މަނިކުފާނާއި، ސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީން ނުވަތަ ދިޔަމިގިލީ ބަންޑާރައިންނެވެ. މިދެންނެވި ޙަސަން މަނިކުފާނު އަވަހާރަވެ ފަސްދާނުލެވިފައިވަނީ ހުވަދުއަތޮޅު މާތޮޑާގެ ކުރީގެ ހުކުރުމިސްކިތުގެ ޤަބުރުސްތާނުގައެވެ.

ނޮޅިވަރަންފަރު ބޮޑު ހަނދޭގިރި ތަކުރުފާނުގެ ދަރިކަނބަލުންއަތިރީކަމަނާ

ފުވައްމުލަކު ދޮރުބައިގެދަރު މުޙައްމަދުލްމިޞްރީގެ ދަރިކަލުން އައްނާއިބު ޙަސަން ތަކުރުފާނު، އައްޑޫ މީދޫ ކެއުޅާރާގެ ސަންފާބީފާނާއި ކައިވެނިކުރައްވައިގެން ލިބިވަޑައިގަތީ، އަލްޤާޟީ މުޙައްމަދު ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނާއި، ސިއްތީބީ އާއި، އަދި ކުޑައިބީ އެވެ.

އަލްޤާޟީ މުޙައްމަދު ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނަށް 5 ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ، މީދޫ ކަޅިހާރު ދޮން ސީދީކަލޭގެއާއި އެޅާނޑަގެދަރު ދޮން ޢާއިޝާ ކަނބުލޭގެއާއި ދެމަފިރިކަނބަލުންގެ ދަރިކަނބަލުން ބޮޑު ދޮން ދަލޭކަ ކަނބުލޭގެފާނާއި އަލްޤާޟީ މުޙައްމަދު ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނު ކައިވެނިކުރައްވައިގެން ލިބިވަޑައިގަތް އަލްޤާޟީ ޙުސައިން ޤުޠުބުއްދީނާއި، އައްނާއިބު އަޙުމަދު ޝިހާބުއްދީނާއި، އައްނާއިބު އިބްރާހީމް ފަޑިއްތަކުރުފާނާއި، އަލްޙާފިޡާ ބޮޑު ފާޠިމާފާނާއި، އަދި ހުވަދޫ ވާދޫގެ ބޭފުޅަކާއި ކައިވެނިކުރައްވައިގެން ލިބިވަޑައިގަތް  އަލްޙާއްޖު ޢަލީ ތުއްކަލާ އެވެ.

(މީދޫ ކަޅިހާރު ދޮން ސީދީކަލޭގެ، އެޅާނޑަގެދަރު ދޮން ޢާއިޝާ ކަނބުލޭގެއާއި ދެމަފިރިކަނބަލުންގެ ދަރިކަނބަލުން ބޮޑު ދޮން ދަލޭކަ ކަނބުލޭގެފާނާއި އެއްބަފާ އަނެއް ބޭފުޅަކީ ފަޑިއަތްކަލޭގެ އެވެ. އަލްޤާޟީ މުޙައްމަދު ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނުގެ ކުރިންދޮން ދަލޭކަ ކަނބުލޭގެފާނުގެ ފުރަތަމަ ކައިވެނިފުޅުން އޭނާއަށް 3 ބޭފުޅުން ލިބިވަޑައިގެންފައި ވެއެވެ. އެއީ، ދޮން ބުއި ނާއިބާއި، ދޮން ޢީސާ ނާއިބާއި، އަދި ދޮން ޚަދީޖާ އެވެ.)

އަލްޤާޟީ މުޙައްމަދުޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނާއި، ދޮން ދަލޭކަ ކަނބުލޭގެފާނުގެ ދަރިކަނބަލުން އަލްޙާފިޡާ ބޮޑު ފާޠިމާފާނާއި ފުރަތަމަ ކައިވެނިކުރެއްވީ ކެއުޅާރާގެ ވަތަބަނޑޭރިތަކުރުގެ ކުޑަ ތަކުރުފާނެވެ. ލިބިވަޑައިގަތީ، ތުއްބީ އެވެ. އަލްޙާފިޡާ ބޮޑު ފާޠިމާފާނާއި ދެވަނައަށް ކައިވެނިކުރެއްވީ ހެންވޭރު މުޙައްމަދު ކުޑަބަނޑޭރި ތަކުރުފާނެވެ. ލިބިވަޑައިގަތީ، މޫސާ ކުޑަބަނޑޭރި ތަކުރުފާނެވެ. އަލްޙާފިޡާ ބޮޑު ފާޠިމާފާނާއި ތިންވަނައަށް ކައިވެނިކުރެއްވީ އޭނާގެ ބައްޕައާއި އެއްބަނޑު އެއްބަފާ ސިއްތީބީގެ ބޮޑު ޙަސަން ތަކުރުފާނެވެ. ލިބިވަޑައިގަތީ، ކޮރުވަލުގޭ ޒުލޭޚާބީފާނެވެ.

އަލްޙާފިޡާ ބޮޑު ފާޠިމާފާނުގެ ޒުލޭޚާބީފާނަށް ދެކައިވެނިފުޅަކުން ބޭފުޅުން ލިބިވަޑައިގަތެވެ. ބޭރުމާތު ޒުލައިޚާގެ ޙަސަން ތަކުރުފާނުގެ ކައިވެނިފުޅުން ޙުސައިން ތަކުރުފާނާއި، މުޙައްމަދު ތަކުރުފާނާއި، ސަންފާފާނެވެ. އަދި އުހުނިއަރު މުސްކުޅިކަލޭގެ ކައިވެނިފުޅުން ފާޠިމާފާނާއި، ޙައްވާފާނު (ޙައްވާބީ) އެވެ.

އަލްޙާފިޡާ ބޮޑު ފާޠިމާފާނުގެ ކޮރުވަލުގޭ ޒުލޭޚާފާނު(ޒުލޭޚާބީފާނު)ގެ ޙައްވާފާނު(ޙައްވާބީ)އަށް ވެސް ދެ ކައިވެނިފުޅަކުން ބޭފުޅުންލިބިވަޑައިގަތެވެ. އެއީ ނޮޅިވަރަންފަރު ބޮޑު ހަނދޭގިރި ތަކުރުފާނު ކައިވެނިކުރައްވައިގެން އަތިރީކަމަނާ އެވެ. އަދި މާޅޮހު ވެލަވަޅުނައި ތަކުރުފާނުގެ ފެންނައި ތަކުރުފާނުގެ ދޮންތަކުރުފާނުގެ ޝަހީދުވީ މުޙައްމަދުތިރި ކުޑަބަނޑޭރި ތަކުރުފާނު ކައިވެނިކުރައްވައިގެން އަލްވަޒީރު މުޙައްމަދު ދޮށިމޭނާތަކުރުފާނެވެ. މި މަނިކުފާނު އަވަހާރަވީ ދޮންބަންޑާރައިން ރަސްކަމަށްއިސްވެވަޑައިގަތުމުގެ ކުރިން ރަސްކަމުގެ ކަންކަން ބެލެހެއްޓެވި ދުވަސްކޮޅު11 ޖުމާދިލްއާޚިރު 1167ހ. ގައެވެ.

ނޮޅިވަރަންފަރު ބޮޑު ހަނދޭގިރި ތަކުރުފާނުގެ ދަރިކަނބަލުން އަތިރީކަމަނާ ތިން ބޭފުޅަކާއި ކައިވެނިކުރައްވައިގެން ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ ނައިފަރު ކަޅު މުޙައްމަދު މަނިކުފާނުގެ ކައިވެނިން ޙުސައިން ވެލާނާމަނިކުފާނާއި ޙަސަން ހަނދޭގިރި މަނިކުފާނެވެ. ޙަސަން މާފަތްތަކުރުފާނުގެ ކައިވެނިން މުޡުހިރުއްދީން ރަދުންނެވެ. އަދި ފަސްމަންދޫ ޙަސަން ބޮޑުހަކުރާ ތަކުރުފާނުގެ ކައިވެނިން ޙަސަން ހޮޅި ހަކުރާމަނިކުފާނާއި، އިބްރާހީމް ބޮޑު ވެލާނާމަނިކުފާނާއި، ފާޠިމާ މާވާކިލެގެފާނެވެ.

އަލްޙާފިޡް މުޙައްމަދުލް މިޞްރީގެ، ފުވައްމުލަކު ދޮރުބައިގެދަރު އެދުރުޙަސަން ނާއިބު ރަނަހަމާދި ތަކުރުފާނުގެ، މީދޫ އަލްޤާޟީ މުޙައްމަދު ޝަމުސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނުގެ، އަލްޙާފިޡާ ބޮޑު ފާޠިމާފާނުގެ، ޒުލޭޚާފާނު(ޒުލޭޚާބީ)ގެ، ޙައްވާފާނު(ޙައްވާބީ) އާއި ނޮޅިވަރަންފަރު ބޮޑު ހަނދޭގިރި ތަކުރުފާނު ކައިވެނިކުރައްވައިގެން ލިބިވަޑައިގެންނެވި ދަރިކަނބަލުން އަތިރީކަމަނާގެ ފަރާތްޕުޅުން އުފެދިގެންދިޔަ ދަރިކޮޅުގެ ބައެއް ބޭފުޅުންގެތެރޭ ޤައުމީ އަދި ފަރުދީ ޚިދުމަތުގައިވެސް ފާހަގަކުރެވޭ ބޭފުޅުން ތިއްބެވިއެވެ. އެ ބޭފުޅެއްގެ އެ އިރެއްގެ ރަސްމީ ޙައިސިއްޔަތުގެ އިތުރަށް އަމިއްލަފުޅުގޮތުން ވެސް ބޭނުންތެރި ޚިދުމަތެވެ.

އިސްވެ ދެންނެވިގޮތަށް ނޮޅިވަރަންފަރު ބޮޑު ހަނދޭގިރި ތަކުރުފާނުގެ ދަރިކަނބަލުން އަތިރީކަމަނާގެ ފަރާތްޕުޅުން އުފެދިގެންދިޔަ ދަރިކޮޅުގެ ބައެއް ބޭފުޅުންގެތެރޭ، އަލްޤާޟީ އިބްރާހީމް ސިރާޖުއްދީން، އަލްޤާޟީ މުޙައްމަދު މުޙިއްބުއްދީން، އަލްޤާޟީ ޙުސައިންދީދީ(ވެލިދޫގޭ ތުއްތުދީދީ)، އަލްޤާޟީ ޝައިޚުލްއުސްތާޛު ޙުސައިން ޞަލާޙުއްދީން، އަލްޤާޟީ އެޅަގޭ ޢަލިދީދީ، އަލްޤާޟީ މުޙައްމަދު ސަޢީދުދީދީ، އަލްޤާޟީ ޝައިޚުލްއުސްތާޛު މުޙައްމަދު ޖަމީލްދީދީ، އަލްޤާޟީ ޝައިޚުލްއުސްތާޛު މުޙައްމަދު ރަޝީދު އިބްރާހީމް، ސުލްޠާން އިބްރާހީމް މުޡުހިރުއްދީން، ސުލްޠާން މުޙައްމަދު ޣިޔާޡުއްދީން، ސުލްޠާން މުޙައްމަދު ޢިމާދުއްދީން(ފަސްވަނަ)، ސުލްޠާން މުޙައްމަދު ޢިމާދުއްދީން(ހަވަނަ)، ސުލްޠާން މުޙައްމަދު ޝަމްސުއްދީން(ތިންވަނަ)،  އަލްއަމީރު ޙަސަން ފަރީދުދީދީ، ޖަލާލަތުލްމަލިކު މުޙައްމަދު ފަރީދުލްއައްވަލް، ރައީސް މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނު، ރައީސް އިބްރާހީމް ނާޞިރު ރަންނަބަނޑޭރިކިލެގެފާނު، ރައީސް އުސްތާޛު މައުމޫން ޢަބުދުލްޤައްޔޫމް، ނައިބުރައީސް އިބްރާހީމް މުޙައްމަދުދީދީ، ނައިބުރައީސް މުޙައްމަދު ވަޙީދުއްދީން، ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު، ބޮޑުވަޒީރު ޢަބުދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު، ބޮޑުވަޒީރު ޢަލީ ރަންނަބަނޑޭރިކިލެގެފާނު، ބޮޑުވަޒީރު މުޙައްމަދު ރަންނަބަނޑޭރިކިލެގެފާނު، ބޮޑުވަޒީރު އެއްގަމުގޭ އިބްރާހީމް ފާމުލަދޭރިކިލެގެފާނު، އަދި ބޮޑުވަޒީރު އަޙުމަދުޒަކީ ހިމެނިވަޑައިގަނެވެ.
                            ---------------------

ޢަބުދުﷲ ޙިލްމީ

މަޢުލޫމާތުގެ ޙިއްޞާ:
އަޙުމަދު ނާޞިޙު ޢަންބަރީވިލާ/ ސ. މީދޫ
ޢަލިދީދީ ވިދުވަރުގެ/ ފުވައްމުލައް