ހުވަދުއަތޮޅު ތިނަދޫގެ މިސްކިތްތަކަށް ޢަރަބި ނަން ކިޔުން














ރާއްޖޭގެ ގިނަ ރަށްރަށުގެ މިސްކިތްތަކަށް އެންމެ އިހުއްސުރެ ކިޔަމުންދިޔައީ ދިވެހި ނަންތަކެވެ. ޢަރަބި ނަމެއް ނުކިޔައެވެ. މިގޮތުން ހުވަދުއަތޮޅު ތިނަދޫގެ މިސްކިތްތަކަށް ވެސް އިހުއްސުރެ ކިޔަމުންދިޔައީ ދިވެހި ނަމެވެ. އޭގެތެރޭ ހުކުރުމިސްކިތާއި، ހުޓިކޮޑޭ ނުވަތަ ހުއްޓޭކޮޑު (ފުށިކޮޅު) މިސްކިތާއި، އަލިބެއްޔާ މިސްކިތާއި، މެދުމާ މިސްކިތާއި، ކައުޑާ މިސްކިތާއި، ބަރާސީލް މިސްކިތް ހިމެނެއެވެ.

ތިނަދޫގެ މިސްކިތްތަކަށް ދިވެހިނަމުގެ އިތުރަށް ޢަރަބިނަމެއް ހަމަޖެއްސީ މަތިވެރި ﷲ އަށް އަޅުކަން އަދާކުރާ  އެފަދަ ޙުރުމަތްތެރި މާތް ބިނާތަކަށް ޢަރަބި ނަމެއް ކިޔައި އެބިނާއެއްގައި އެނަން ފެންނަން ހުރުމުގެ ބޭނުންތެރިކަން ބޮޑުކަމުންނެވެ. ތިނަދޫގައި މިކަން ހަމޖެހިގެންދިޔައީ މ. ސްޓާރލިންގ އަލްމަރުޙޫމް އާދަމް ޙަލީމްގެ އަތޮޅުވެރިކަމުގެ ދުވަސްވަރު، އޭނާގެ އިތުރަށް ތިނަދޫގެ ތާރީޚާ ގުޅުންހުރި ގިނަ ކަންކަމުގެ މަޢުލޫމާތު އެނގިވަޑައިގަންނަވާ ތިނަދޫގެ ކަމުވޮށިގެންވާ ބައެއް ބޭފުޅުންކޮޅެއް ހިމެނިވަޑައިގަންނަވާ ބައްދަލުވުމެއްގެ ތެރެއިންނެވެ.

މިދެންނެވި ބައްދަލުވުމުގައި ޔޫސުފު ޞިދުގީ/މާނެލް، އަޙުމަދު ނަޞީރު/ވައިލެޓްވިލާ، ޢަބުދުއްޞަމަދު ޙުސައިން/މާކޯނި، ޙަކީމް ޙުސައިން ޢަފީފު/ކޭވަކުގެ، މޫސާ ފަތުޙީ/އަތިރީގެ، އަޙުމަދު ޙިލްމީ/ސްޓާރލިންގ، މުޙައްމަދު ޢަލީ/އަލިވާގެ، ޙަސަން ޙިލްމީ/ޖަނަވަރީގެ، ޢަބުދުﷲ ޢަފީފު/އަލިދޯދި މިބޭބޭފުޅުން ތިއްބެވި ހަނދާންވެއެވެ. އަދި އަޅުގަނޑުވެސް އެބައްދަލުވުމުގައި އިނީމެވެ.

ތިނަދޫގެ މިސްކިތްތަކަށް ޢަރަބިނަމެއް ކިޔުމުގައި ބަލާފައިވާ އެންމެ މުހިއްމު ކަމަކީ އެތާނގައި މިސްކިތެއް ފުރަތަމަ ބިނާކުރެއްވި ފަރާތެއްގެ ނަމަށް އެތާނގައި ހުރި މިސްކިތެއްގެ ނަން ނިސްބަތްކުރުމެވެ. ނުވަތަ އެތާނގައި ފުރަތަމަ މިސްކިތެއް ބިނާކުރެއްވި ފަރާތަކީ ކޮބައިކަން ނޭނގޭނަމަ އެންމެ ބޭނުންތެރި ރޮނގުރޮނގުން ރަށަށް ޚިދުމަތްކުރެއްވި ކޮންމެވެސް ބޭފުޅެއްގެ ނަމަށް ނިސްބަތްވާގޮތަށް އެތާނގައި ހުރި މިސްކިތަކަށް ނަން ކިޔުމެވެ.

މިގޮތުން އޭރު ތިނަދޫގައި ހުރި މިސްކިތްތަކުގެ ތެރެއިން އެތާނގައި މިސްކިތެއް ފުރަތަމަ ބިނާކުރެއްވި ފަރާތެއް އެނގެންނެތް މިސްކިތަކަށް ހުރީ މެދުމާ މިސްކިތެވެ. މިހެންވެ މިމިސްކިތުގެ ޢަރަބިނަން "މަސްޖިދުއް ޝައިޚު މުޙައްމަދު" ނިސްބަތްކުރީ ތިނަދޫގައި އެންމެ ފުރަތަމައަށް ޢާއްމުކޮށް ޢަރަބި ތަޢުލީމު އުނގަންނައި ދެއްވަން ފެއްޓެވި އެދުރު، ނުވަތަ ތިނަދޫގެ އެންމެފުރަތަމަ މަދަރުސާގެ ނާޡިރު ޝައިޚު މުޙައްމަދު ފަހުމީ ފާއިޒް(މަޝްހޫރު ދެކުނުގޭ ދޮންމަނިކު)ގެ ނަމަށެވެ. މިމިސްކިތް ހުރީ ތިނަދޫ އިންޖީނުގެ ކުރިން ހިންގި ޢިމާރާތް ހުރި ތާނގައެވެ. މިމިސްކިތް އުވާލީ ރަށެއްގެ އިންޖީނުގެ ހުރުން ރަނގަޅުތަނަކީ އެރަށެއްގެ މެދުތެރޭގައި ކަމަށް ބެލެވުނު ދުވަސްވަރު ތިނަދޫގެ އިންޖީނުގެ ޢިމާރާތް ކުރުމަށެވެ.

ތިނަދޫގެ އިންޖީނުގެ ޢިމާރާތްކުރުމަށް އުވާލަންޖެހުނު މިސްކިތުގެ ބަދަލުގައި  އެޢިމާރާތް ހުރި ކޮށި ނުވަތަ ބްލޮކްގެ ހުޅަނގު ކޮށީގައި ޢިމާރާތްކުރި މިސްކިތަކީ މިހާރު ފެންނަންހުރި "މަސްޖިދުއް ތައުބާ" އެވެ. މިމިސްކިތް ޢިމާރާތްކުރެއްވީ ތިނަދޫ ޒަމާނީގޭ އަލްފާޟިލް މުޙައްމަދު ވަޙީދެވެ.

ތިނަދޫ މިސްކިތްތަކުގެ ޢަރަބި ނަންތައް:

1- "މަސްޖިދުލް ޣާޒީ މުޙައްމަދު"
(މިއީ ހުކުރުމިސްކިތެވެ. ނިސްބަތްވަނީ ޣާޒީ ރަދުންނަށެވެ.)

2- "މަސްޖިދުއް ސުލްޠާން މުޙައްމަދު"
(މިއީ ހުޓިކޮޑޭ ނުވަތަ ހުއްޓޭކޮޑު ނުވަތަ ފުށިކޮޅު މިސްކިތެވެ. ނިސްބަތްވަނީ ދެއްވަދޫ ރަދުންނަށެވެ.)

3- "މަސްޖިދު ޢަލީ"
(މިއީ އަލިބެއްޔާ މިސްކިތެވެ. ނިސްބަތްވަނީ އެތާނގައި ފުރަތަމަ މިސްކިތް ބިނާކުރެއްވި ހަވަރުތިނަދޫ "ޢަލީ"އަށެވެ.)

4- "މަސްޖިދުއް ޝައިޚު މުޙައްމަދު"
(މިއީ މެދުމާ މިސްކިތެވެ. މިތާނގައި ފުރަތަމަ މިސްކިތެއް ބިނާކުރެއްވި ފަރާތަކީ ކޮބައިކަން އެނގޭނޭ ގޮތެއް ނެތުމުން "މަސްޖިދުއް ޝައިޚު މުޙައްމަދު" މިނަން ނިސްބަތްކުރީ ތިނަދޫގައި އެންމެ ފުރަތަމައަށް ޢާއްމުކޮށް ޢަރަބި ތަޢުލީމު އުނގަންނައި ދެއްވަން ފެއްޓެވި އެދުރު، ނުވަތަ ތިނަދޫގެ އެންމެފުރަތަމަ މަދަރުސާގެ ނާޡިރު ޝައިޚު މުޙައްމަދު ފަހުމީ ފާއިޒް(މަޝްހޫރު ދެކުނުގޭ ދޮންމަނިކު)ގެ ނަމަށެވެ.)

5- "މަސްޖިދުލް ޙާއްޖު މުޙައްމަދު"
(މިއީ ބަރާސީލު މިސްކިތެވެ. "މަސްޖިދުލް ޙާއްޖު މުޙައްމަދު" މިނަން ނިސްބަތްވަނީ ބަރާސީލުގައި ތިބޭ ބައެއް ބަލިމީހުންނަކީ ރަށުތެރޭގެ އެހެނިހެން މިސްކިތްތަކަށް ގޮސް މަތިވެރި ﷲ އަށް އަޅުކަންކުރުމަށް ދަތިވާ ބަޔަކަށްވާތީ އެފަދަ މީހުންނަށް ޚާއްޞަކުރައްވައިގެން އެތާނގައި ފުރަތަމަ މިސްކިތެއް ބިނާކޮށްދެއްވި ހަވަރުތިނަދޫ އަލްމަރުޙޫމް ޙާޖީ މުޙައްމަދު ކަލޭގެފާނަށެވެ.

ނަމަވެސް އަހަރުތަކެއްގެ ފަހުން ތިނަދޫ ފިނިވާގޭ އަލްމަރުޙޫމް މުޙައްމަދު މާހިރު މިމިސްކިތުގެ ޢިމާރާތަށް ގެންނެވި ޢިމްރާނީ ބަދަލަކާއެކު މިސްކިތުގެ ނަމަށްވެސް ބަދަލު ގެންނެވިއެވެ. އެނަމަކީ "މަސްޖިދުލް މައުވާ" އެވެ. އަލްމަރުޙޫމް މުޙައްމަދު މާހިރަކީ ހަވަރުތިނަދޫ ޢަލީ (ކަޅެބެއްޔާ)ގެ ސަންފާ (ސަންފާދިޔެ)ގެ ޢާއިޝާ (އައިސާދިޔެ)ގެ ބޭފުޅެކެވެ. އަލްމަރުޙޫމް ޙާޖީ މުޙައްމަދު ކަލޭގެފާނަކީ ހަވަރުތިނަދޫ ޢަލީ (ކަޅެބެއްޔާ)ގެ ބޭފުޅެކެވެ.)
                            ------------------ 
ޢަބުދުﷲ ޙިލްމީ
01 ޑިސެމްބަރ 2015މ.