ހުވަދޫ ޚިދުމަތުގެ މަސްރަޙުން – ގައްދޫ ޙުސައިންމަނިކު












މާތްވެގެންވާ އިސްލާމްދީނާއި ޤައުމަށްޓަކައި، ތިމާއާއި ތިމާ ދިރިއުޅޭ މުޖުތަމަޢުގެ ހެވާއި ލާބައަށްޓަކައި، ކޮންމެ މީހަކީ ވެސް މަސްއޫލިއްޔަތެއް އަދާކުރަންޖެހޭ މީހެކެވެ. ޒިންމާއެއް އުފުލަންޖެހޭ މީހެކެވެ. އެ މަސްއޫލިއްޔަތާއި ޒިންމާގެ ޙައިސިއްޔަތަކީ ފަރުދީ ޙައިސިއްޔަތު ނުވަތަ ޤައުމީ ޙައިސިއްޔަތު ކަމަށް ވިޔަސް ކަން އޮންނާނީ މިހެންނެވެ.
ފަރުދީ ޙައިސިއްޔަތުގައި ކުރާ ކަމަކަށްވުރެ ބޮޑަށް ޤައުމީ ޙައިސިއްޔަތުގައި ކުރުން އައުލާކަމެއް ކުރެވެންއޮތް އެންމެރަނގަޅު ގޮތެއްގައި ކުރުމުން އެކަންވެގެންދާނީ ޤައުމީ ޚިދުމަތަކަށެވެ. އެއަށް ނިމުމެއްނެތް މަތިވެރި ޛިކުރާއަކަށެވެ. އެއަށް ފަނޑުވުމެއްނެތް އަލިގަދަ ދިއްލުމަކަށެވެ. ވީއިރު ދީނާއި ޤައުމަށްޓަކައި، ދީނާއި ޤައުމުގެނަމުގައި ކުރާކަމަކީ ހެޔޮނިޔަތުގައި އެމަތިވެރި މާތް މަޤުޞަދުގައި ކުރާ ކަމަކަށްވުން ވާޖިބެވެ. ދީނާއި ޤައުމުގެނަމުގައި ކުރާ ކަމަކީ މުޖުތަމަޢު "ސުންނާފަތި" ވެގެންދާނޭ ކަމަކަށްނުވުން ލާޒިމެވެ.

ގައްދޫ ވައިލެޓްވިލާ އަލްފާޟިލް އަލްމަރުޙޫމް ޙުސައިން މަނިކަކީ ހުވަދޫ ވާރުލޫއިން މީހުން ފޭބުމުގެކުރިން ގައްދޫއަށް ހިޖުރަކުރި ވާރުލޫ ޢާއިލާއަކުން ގައްދޫއަށް އުފަން ބޭފުޅެކެވެ. ބައްޕައަކީ އަލް ޚަޠީބު އިދުރީސް އިބްނި އިސްމާޢީލް އެވެ. އިސްމާޢީލަކީ ގައްދޫގެ މާ މުދިމެވެ. އަލް ޚަޠީބު އިދުރީސް މަޝްހޫރުވެފައިވަނީ އެކޮޑުގޭ ދޮންބެއްޔާގެ ނަމުންނެވެ. ޙުސައިން މަނިކުގެ އަނބިކަނބަލުންނަކީ ގައްދޫ ތިރުގޭ ހުތެކުއްދާބޭގެ ދޮން ޢާއިޝާ އެވެ.


ގައްދޫ އިސްމާޢީލް ވަތަބަނޑޭރި ކަލޭގެފާނަކީ ހުތެކުއްދާބޭގެ ޢަލީގެ ބޭފުޅެކެވެ. ޙުސައިން މަނިކާއި އެއްބަނޑު އެއްބައްޕަ ފާޠިމާ މަނިކާއި ކައިވެނިކުރެއްވީ ގައްދޫ ވަތަބަނޑޭރި ކަލޭގެފާނެވެ. ގައްދޫ އަސަރީގޭ އާމިނަތު އިސްމާޢީލް އާއި މާގަސްދޮށުގޭ ޖަމީލާ ކަނބުލޭގެފާނަކީ ފާޠިމާ މަނިކާއި ގައްދޫ ވަތަބަނޑޭރި ކަލޭގެފާނާ ދެމަފިރިކަނބަލުންގެ ބޭފުޅުންނެވެ. ހުވަދުއަތޮޅު ދެބައި ކުރުމަށްފަހު ދެކުނުބައިގެ ފުރަތަމަ އަތޮޅުވެރިއަކަށް ހަމަޖެއްސެވި ގައްދޫ ވައިލެޓްވިލާ އަލްފާޟިލް ޙުސައިން މަނިކަކީ އޭގެކުރިން ގައްދޫގެ ކަތީބެވެ. ޚިދުމަތްތެރި ބޭފުޅެކެވެ. ދުރު ވިސްނިވަޑައިގަންނަވާ އޯގާތެރި ބޭފުޅެކެވެ. ޖަލާލަތުލްމަލިކު މުޙައްމަދު ފަރީދު ކީރިތި މަހާރަދުންގެ ދުވަސްވަރު ދެފަހަރަށް ހުވަދޫގައި އުފެއްދި ހަމަނުޖެހުމުގައި ވެސް ޙުސައިން މަނިކަކީ ދީނާއި ޤައުމަށްޓަކައި ފުރިހަމަ ވިސްނުންތެރިކަމާއި ޙިކުމަތު ޢަމަލީގެ ބޭނުންފުޅު ކުރެއްވި ބޭފުޅެއްކަމަށް ތާރީޚުގެ ޞަފުޙާތަކުން އެނގެއެވެ. ޙައްޤުނޫން މަގުން އޭނާއާއި ކުރިމަތިކުރުވި ދަތި އުނދަގޫ ކަންކަމަށް ވެސް ޙައްޤުގެ މަގުން ކުޑަ ވެސް ބަދަލެއް ބޭނުންފުޅު ނުވި ޙުސައިން މަނިކަކީ ތާރީޚުގައި ވަރަށް މަދުންނޫނީ ނުފެންނަފަދަ ބޭފުޅެކެވެ.

ޙުސައިން މަނިކަކީ އަތޮޅުވެރިޔެއްގެ ޙައިސިއްޔަތުން ގދ. އަތޮޅުގެ އެންމެ ގިނަ މީހުންގެ އިޙްތިރާމާއި ލޯބި މިހާތަނަށް ލިބިވަޑައިގެންނެވި ހަމައެކަނި އަތޮޅުވެރިޔާ ކަމަށް ވަރަށް ގިނަ ބަޔަކު ޤަބޫލުކުރެ އެވެ. މިހެންވާން ޖެހުނީ އެދުވަސްވަރަށް ބެލިކަމަށް ވިޔަސް އަތޮޅުގެ ކުރިއެރުމާއި ރައްޔިތުންގެ މަންފާއަށްޓަކައި އެވަޤުތަކަށް ކޮށްދެއްވެން އޮތް ކަމެއް ކޮށްދެއްވޭތޯ ބައްލަވައި އެކަމެއް ކުރެއްވުމާއި އަދި އޭނާގެ އާދަޔާއި ޚިލާފު މިޒާޖާއި އޯގާތެރިކަމެވެ.  ދޭދޭ މީހުންގެ ޙައްޤުތައް ނުލިބިގެން ހޫނު ބޮޑުވެ އެކަން ބަލައިއުޅޭ "ޑިގްރީ މީޓަރު"ތައް ކޮޅުންލުމުން އޭނާގެ އަރިހަށް އެ ދެފަރާތެއް ނުވަތަ އެބަޔަކުގެންނަވައި ވާހަކަދައްކަވައި ނަޞޭހަތްދެއްވުމުން ހޫނުމިން ޒީރޯއަށް ތިރިވެ އެކަމެއް ހަމަޖެހި، ޞުލްޙައިގެ މަގު އެބަޔަކު ޚިޔާރުކޮށްފައިވަނީ މަދެއްކޮށްނޫނެވެ.

އަލްފާޟިލް އަލްމަރުޙޫމް ޙުސައިން މަނިކު އަތޮޅުވެރިއަކަށް ގައްދޫގައި ހުންނެވިއިރު ވެސް ރައްޔިތުންގެ އިޖްތިމާޢީ ގުޅުންތަކަށް ޚާއްޞަ އިސްކަމެއް ދެއްވިއެވެ. އަތޮޅުގެރަށްރަށުގެ އާބާތުރަ އެހިނދަށް ފިލުވެންއޮތް ވަރަކުން ފިލުއްވައި އެރަށަކަށް ކޮށްދެއްވެން އޮތް ކަމެއް ކޮށްދެއްވިއެވެ. ރައްޔިތުންގެ އެކުވެރިކަމާއި އެބައިމީހުންގެ ގުޅުންބަދަހި ކުރެއްވުމުގެ ޙަރަކާތްތަކެއް ހިންގެވިއެވެ. އަތޮޅުގެ ރަށްރަށުން އިޖްތިމާޢީ ކުޅިވަރުޓީމްތައް ގައްދޫއަށް ވެސް ގެންދަވައި އަތޮޅުއޮފީހުގެ ބެއްލެވުމުގެ ދަށުން ހުރިހާކަމެއްގެ އިންތިޒާމެއް ހަމަޖައްސަވައި ވަރަށް ފޯރީއާއި ޖޯޝްގައި އެކަންކަން ހިނގަމުންދިޔަ އެވެ. ގައްދޫގެ ކުދި ބޮޑު އެންމެންގެ ޢަމަލީ ތަރުޙީބު އެކަމަށް އޮވެގެންނެވެ. ޙުސައިން މަނިކުގެ އަތޮޅުވެރިކަމުގައި ގައްދޫއަށް ޒިޔާރަތްކުރި އެއްވެސް ބަޔަކަށް ހިނިތުންވުމާއި އުފާވެރިކަމާއި އެކުވެރިކަން ނޫނީ ފެނިފައި ނުވެއެވެ.

މިހެންދެންނެވީ އެދުވަސްވަރާ ދުރުނޫން މާޒީއެއްގައި ގައްދޫއާއި މެދު އެކަށީގެންނުވާ ލާއިންސާނީ ކަންތައްތަކެއް ހުވަދުއަތޮޅުގެ ރަށްރަށުގެ ބައެއް މީހުންގެ ފަރާތުން ހިނގައިފައި ވުމާއެކު ވެސް ޙުސައިން މަނިކުގެ އަތޮޅުވެރިކަމުގައި އިޖްތިމާޢީ ޢަދާލަތުގެ ފުރިހަމަކަން އޮތް ބޮޑުކަމާއި ސިޔާސީ ހަމަޖެހުމުގެ ބޮޑުކަމުންނެވެ. ހުވަދޫ ދެވަނަ ހަމަނުޖެހުމުގެ ދުވަސްވަރު އެ ހަމަނުޖެހުމަށް ތަރުޙީބު ނުދެއްވާ ގައްދޫގެބޭފުޅުންގެ ޖާނާއި މާލަށް ބޮޑު ގެއްލުންތަކެއް ދީފައިވެއެވެ. ގައްދޫގެ ކުރިޔަށްތިއްބެވި ބޭފުޅުން މީހުންއުޅޭ ރަށްރަށާއި ފަޅު ރަށްރަށަށް ފޮނުވައިލިއެވެ. މީހުން އުޅޭ ރަށްރަށަށް ފޮނުވައިލެއްވީ ޙުސައިން މަނިކު މަޑަވެއްޔަށާއި ވަތަބަނޑޭރި ކަލޭގެފާނު ވާދުވަށެވެ. އެހެން ހުރިހާ ބޭފުޅުން ހުވަދުއަތޮޅުގެ މީހުންނޫޅޭ ފަޅު ރަށްރަށަށެވެ.

ހަވަރުތިނަދޫން މީހުން ބާލައި އެ ރަށުގެ ގިނަމީހުން ދަތިހާލުގައި ޖެހިގެން އުޅުނުއިރު އެމީހުންނަށް ކާބޯތަކެތީގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް އެންމެބޮޑަށް އެހީތެރިވެދެއްވި އެއް ބޭފުޅަކީ ވެސް ޙުސައިން މަނިކެވެ. ގައްދޫ އަލްފާޟިލް ޢަލިކަލޭގެފާނާއި އޭނާގެ އޭރުގެ އަނބިކަބަލުން އަލްފާޟިލާ އާމިނަތު އިސްމާޢީލް އަކީ ވެސް މިގޮތުން ފާހަގަ ކުރެވޭ ދެ ބޭފުޅުންނެވެ. އާމިނަތު އިސްމާޢީލް އަކީ ގައްދޫ އަލްފާޟިލް އިސްމާޢީލް ވަތަބަނޑޭރި ކަލޭގެފާނު ގެ ދަރިކަނބަލެކެވެ. ކާބޯތަކެތީގެގޮތުން ބަޔަކަށް ދަތިވި މިކަހަލަ ބޭނުންތެރި ވަގުތެއްގައި މިބޭފުޅުން މިދެއްކެވި ހެޔޮފުޅުކަމަކީ ތާރީޚުގައި ފާހަގަކުރަންޖެހޭ ޢިބުރަތްތެރި ކަމެކެވެ. މިވާހަކަތައް މި ލިޔަނީ މިވާހަކަތައް ހަމައެކަނި މީހަކު ބުނީތީއެއް ނޫނެވެ. އެކަން ރަނގަޅަށް ދެނެހުރެގެންނެވެ. ލޮލަށްފެނި ސިކުނޑިއަށް ޤަބޫލުކުރެވިގެންނެވެ.

ޙުސައިން މަނިކުގެ އަނބިކަނބަލުން ދޮން ޢާއިޝާގެ ބައްޕަ ހުތެކުއްދާބެ އަކީ ވަރަށް ކުރިއްސުރެ މާލޭ އަތިރީގޭ ބޭފުޅުންނާއި ގުޅުން ބޮޑު ބޭކަލެކެވެ. ކުރިއްސުރެ އޭނާ ވަރުވާއަށް ލިޔުއްވައިގެން އުޅުއްވި ހުވަދޫ "ގަން" ދިރުވައި އާލާކޮށް ރަނގަޅަށް ބަލަހައްޓަވަމުން ގެންދަވަނިކޮށް އެރަށް އޭނާގެކިބައިން ވަކިކުރައްވައި އެހެން ފަރާތަކަށް ވަރުވާއަށް ލިޔެދެއްވައިފައި ވަނިކޮށް ހުތެކުއްދާބެ އާއި އަލްއަމީރު ޙަސަން ފަރީދު ދީދީ އާއި ސިލޯނުން ބައްދަލުވިއެވެ. އެއީ ޙަސަން ފަރީދު ދީދީ ދިވެހި ދައުލަތް ހިންގެވި ދުވަސްވަރެވެ. ހުތެކުއްދާބެ ފެނިވަޑައިގެން ޙަސަން ފަރީދު އޭނާއަށް ގޮވައިލެއްވީމާ ދެންނެވި އެވެ.

"މީސްމީހުން ޒަމާނުއްސުރެ ގެންގުޅެ ބަލަހައްޓަމުންދާ ފަޅުރަށްރަށް އެއްވެސް ސަބަބެއްނެތި ޙަސަންދީ މެން ބޭނުންފުޅުހާ ގޮތަކަށް ވަކިކުރައްވާފައި ދެން އެމީސްމީހުންނަށް ގޮވައިލައްވާނެ ކަމެއް ނެތެވެ. ޙަސަންދީ މެންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ޙަސަންދީ މެން އުޅުއްވާށެވެ. އަޅުގަނޑުމެން ވެސް އުޅެވެން އޮތް ގޮތަކަށް އުޅެވޭތޯ ބަލާނަމެވެ."

ހުތެކުއްދާބެ އަކީ ޙަސަން ފަރީދު ދީދީ މެންގެ ޢާއިލާގެ ހުރިހާ ބޭފުޅުންނާ ވެސް ވަރަށްގާތް ބޭކަލަކަށްވުމުން ކުޑަކޮށް އޭނާއާއި ސަމާސާފުޅުގެ ދެތިން ބަސްފުޅެއް ވިދާޅުވި ނަމަވެސް ހުތެކުއްދާބެ އޭރުހުރީ ވަރަށްބޮޑަށް ހިތްހަމަނުޖެހިފަ އެވެ. ޙަސަން ފަރީދުގެ ވާހަކަފުޅުން އެނގެނީ "ގަން" ވަކިކުރެއްވިކަމެއް އޭނާއަށް އެނގިވަޑައިގެންފައި ނެތްކަމެވެ. މިދަތުރު ހުތެކުއްދާބެ ސިލޯނުން މާލެ ދުރުވިއިރު އޭނާގެކިބައިން ވަކިކުރެއްވި ފަޅުރަށް "ގަން" އޮތީ އިހެކޭ އެއްގޮތަށް ހުތެކުއްދާބެއަށް ވަރުވާއަށް ލިޔެދެއްވައިފަ އެވެ.

އަލްފާޟިލް ޙުސައިންމަނިކަށް ގައްދޫގެ ކަތީބުކަން ދެއްވީ ކުރިން އެކަން އޭނާއަށް އެންގެވުމެއްނެތި އެވެ. އޭނާ މާލެ ވަޑައިގަތް ދަތުރުފުޅެއްގައި އަތިރީގެއަށް ވަޑައިގަތުމަށް އެންގެވީމާ ގައްދޫ އިސްމާއީލް ވަތަބަނޑޭރި ކަލޭގެފާނުގެ އަރިހުގައި ވަޑައިގަތްއިރު ފެންޑާގެ ގޮނޑިކޮޅެއްގައި އަލްއަމީރު އަޙުމަދު ދޮށިމޭނާކިލެގެފާނު އިންނެވި އެވެ. ކަލޭގެފާނާއި ޙުސައިން މަނިކު ފެނިވަޑައިގަތުމުން އިށީންނެވުމަށް ވިދާޅުވެ ޙުސައިން މަނިކުގެ ޙާލު އަޙުވާލުގެ ވާހަކަ އެއްސެވި އެވެ. އަދި ވިދާޅުވިއެވެ. 

"ތިޔައީ ގައްދޫގެ ޒުވާން ކަތީބެވެ. އެކަން ކުރެވެންވާނެ އެވެ. ދާޚިލިއްޔާއަށް ދާށެވެ. އެތަނުން ކަތީބުކަމުގެ ލިޔުން (ފަތްކޮޅު) ޙަވާލުކުރާނެ އެވެ."

އޭރު ޙުސައިން މަނިކަކީ ޢުމުރުން 18 އަހަރު ނުފުރޭ ޒުވާނެކެވެ. އެންމެފަހުން ހިނފުޅުވަޑުވަމުން ޙުސައިން މަނިކަށް ދޮށިމޭނާކިލެގެފާނު ވިދާޅުވީ "ހަމައެކަނި މަތިމަހެއް ހުރެގެންނުވާނެއެވެ. ވެރިއަކަށްވީމާ މަތިމަހެއް ނުހުރޭ ނޫންހެއްޔެވެ. މަތިމަސް ބާލާށެވެ."

އަލްއަމީރު އިބްރާހީމް ނާޞިރުގެ މަންމާފުޅު އަލްފާޟިލާ ޢާއިޝަތު މޫސާ ދީދީ މާލެ/ފުވައްމުލައް ދަތުރުފުޅެއްގައި އުޅުއްވަނިކޮށް މޫސުމް ގޯސްވެ އޭނާ ދަތުރުފުޅުކުރެއްވި އޮޑިއަށް ދަތުކުރެވޭވަރު ނުވެގެން ގައްދޫ ބޭރުގައި އޮޑި އޮންނަންޖެހުނެވެ. އެދަތުރުފުޅު ޢާއިޝަތު މޫސާ ދީދީ ގައްދޫގައި އިންނެވީ ގައްދޫ ޙުސައިން މަނިކުގެ ގޭގައެވެ. އެފަހަރު ފުރާ ވަޑައިގަތުމުގެކުރިން އޭނާއަށް ޖެހިވަޑައިގަތް ކުއްލި އާލާސްކަންފުޅެއްގެ ފަރުވާގައި އުޅުއްވަނިކޮށް އެރަށުގައި އަވަހާރަވީ އެވެ. އެ އާލާސްކަންފުޅަށް ފަރުވާކުރެއްވީ ރާއްޖޭގެ އެންމެމޮޅު ބޭސްވެރިންގެތެރޭ ހިމެނިވަޑައިގަންނަވާ ގައްދޫ ފޫޅުމާގޭ އަލްފާޟިލް މުޙައްމަދު މަނިކުފާނެވެ. މަޝްހޫރު ނަމުންނަމަ ކުދުރަނިއަގެ ބެއްޔާއެވެ. މިއީ އައްޑޫ މީދޫ ޝައިޚުލް ފަޤީހު އިބްރާހީމް ތަކުރުފާނު (އައިސާބީގެ ދަރު ދޮންބެއްޔާ) އަށް މާފަ (މަންމަގެބައްޕަ) ވިދާޅުވާ ބޭފުޅެކެވެ. ޢާއިޝަތު މޫސާ ދީދީ އާއި މުޙައްމަދު މަނިކުފާނަކީ ޢާއިލީގޮތުން ގުޅިވަޑައިގަންނަވާ ބޭފުޅުން ވެސް މެއެވެ.

(
ހުވަދޫ މާމެންދޫ އިބްރާހީމްކަލޭގެ އާއި، މީދޫ ކަޅިހާރު އަބޫބަކުރު ޚަޠީބުގެ ދޮން ދަނަބޫގެ ދޮން ޙައްވާގެ އިބްރާހިމް ތަކުރުގެ އައިސާ ރަނިއަ އާއި ދެމަފިރިކަނބަލުންގެ މީދޫ ކަޅިހާރު ދޮން ދަނަބޫގެ އާމިނާ ރަނިއަގެ މީދޫ ގަނޑުވަރު ޙުސައިން ތަކުރުފާނުގެ އައްޝައިޚު އަލްޙާފިޡު އިބްރާހީމް ތަކުރުފާނު (އައިސާބީގެދަރު ދޮންބެއްޔާ) ގެ ކަތްދާ މަނިކުފާނުގެ އެއް ބޭފުޅަކީ އައްޝައިޚު މުޙައްމަދު މަނިކުފާނު (ކުދުރަނިއަގެ ބެއްޔާ) އެވެ.

ހުވަދޫ މާމެންދޫ އިބްރާހީމްކަލޭގެ އާއި، މީދޫ ކަޅިހާރު އަބޫބަކުރު ޚަޠީބުގެ ދޮން ދަނަބޫގެ ދޮން ޙައްވާގެ އިބްރާހިމް ތަކުރުގެ އައިސާ ރަނިއަ އާއި ދެމަފިރިކަނބަލުންގެ މުޙައްމަދު ޚަޠީބު މަނިކުގެ، ޙަސަންމަނިކުގެ، ކަޅިހާރު ޢާއިޝާ މަނިކުފާނުގެ، މުލަކު މާދަޑުގޭ ޙުސައިން ދީދީގެ، ދަނޑިމަގު ގަނޑުވަރު މަރިޔަމް ދީދީގެ، މޫސާ ދީދީގެ އެއް ބޭފުޅަކީ ޢާއިޝަތު މޫސާ ދީދީ އެވެ.)

އަލްފާޟިލާ އަލްމަރުޙޫމާ ޢާއިޝަތު މޫސާ ދީދީ ވަޅުފުޅުލެވުނީ ގައްދޫ ހުކުރު މިސްކިތުގެ އުތުރުފަރާތުގައި ޢިއްޒަތްތެރިންނާއި ވެރިންނާއި މަޖިލީހަށް އެރުވި ބޭފުޅުންނާއި ކަމުވޮށިންނަށް ޚާއްޞަކުރެވިފައިވާ "ބޮޑު މަޖިލިސް" ކިޔާ ބައިގައެވެ. މިބައިގައި ވަޅުފުޅުލެވޭ ބޭފުޅުންނަށް ހަމަޖެހިފައި އޮންނަ އުޞޫލާ އެއްގޮތަށް އެބޭފުޅެއްގެ ފަރާތްޕުޅުން ރައްޔިތުންގެ ކާޑުގެއަށް ފައުނެއް ދައްކަންޖެހެއެވެ. ޢާއިޝަތު މޫސާ ދީދީގެ ޖަނާޒާގެ އެންމެހައިކަމެއް ހަމަޖެއްސެވީ ގައްދޫ ވައިލެޓްވިލާ ޙުސައިން މަނިކެވެ.

ޢާއިޝަތު މޫސާ ދީދީ އަވަހާރަވި އާލާސްކަންފުޅުގައި ދެ ހަފުތާވަރު ހޭދަވިކަމަށް ގައްދޫ ޙުސައިން މަނިކާއި ޙަވާލާދެއްވައި ގައްދޫ ފޫޅޫމާގޭ އަލްފާޟިލް އަޙުމަދު ސަޢީދު ވިދާޅުވިއެވެ. ޢާއިޝަތު މޫސާ ދީދީގެ އާލާސްކަންފުޅުގެ ޚަބަރު ލިބިވަޑައިގަތުމުން ހުވަދޫގައި ތިއްބެވި އޭނާގެތިމާގެ ބައެއް ބޭފުޅުން ވެސް އޭނާގެއަރިހަށް ގައްދޫއަށް ޒިޔާރަތްކުރެއްވި އެވެ. އަދި ޢާއިޝަތު މޫސާ ދީދީގެ ޖަނާޒާގައި ވެސް މިބޭފުޅުން ބައިވެރިވެވަޑައިގަތެވެ. ޢާއިޝަތު މޫސާ ދީދީގެ މިދަތުރުފުޅު އޭނާގެ ތުއްޕުޅުދަރިކަލުން އިބްރާހީމް ނާޞިރު މަންމަ އަރިހުގައި ހުންނެވިއެވެ. މޫސުމުގެގޮތުން އެފަހަރު އޭނާއަށް މާލެ ވަޑައިނުގެންނެވި ދުވަސްކޮޅެއްވަންދެން ގައްދޫގައި ޙުސައިން މަނިކުގެ ގޭގައި ހުންނެވުމަށްފަހު ޙުސައިން މަނިކާ އެކީ އެނބުރި ވަޑައިގަތީ ވެސް މާލެއަށެވެ. އެއީ އޭނާގެ މަންމާފުޅު އެގޮތަށް އެދިވަޑައިގެންފައި އޮތުމުންކަމަށާއި ޙުސައިން މަނިކާއި އެބޭފުޅުންނާއި އޮތް ގުޅުމަކީ ޙުސައިން މަނިކުގެ އަނބިކަނބަލުންގެ ބައްޕަ ހުތެކުއްދާބެ އާއި އަތިރީގެއާއި އޮތް ޒަމާންވީ ގާތްގުޅުންކަމަށް ވެސް ގައްދޫ ފޫޅޫމާގޭ އަލްފާޟިލް އަޙުމަދު ސަޢީދު ވިދާޅުވެއެވެ.

ގައްދޫ ވައިލެޓްވިލާ ޙުސައިން މަނިކަކީ ގދ- އަތޮޅުގެ އެންމެ ގިނަ މީހުންގެ އިޙްތިރާމް މިހާތަނަށް ލިބިވަޑައިގެންނެވި ހަމައެކަނި އަތޮޅުވެރިޔާ ކަމުގައި ދަންނަވާފައި އެވަނީ ގދ. އަތޮޅުގެ ގިނަ އަތޮޅުވެރިންގެ އަރިހުގައި އަޅުގަނޑަށް މަސައްކަތްކުރެވުމުގެ ފުރުޞަތު ލިބިފައިވުމުންނާއި މިނޫނަސް ގދ. އަތޮޅުގެ އަތޮޅުވެރިކަން ކުރެއްވި އެހެން ބޭފުޅުންނާމެދު މީހުންގެ އިޙްތިރާމް އޮންނަ ނޯންނަގޮތެއް އަޅުގަނޑަށް އެނގޭތީ އެވެ. އަޅުގަނޑު ދުށްގޮތުގައި ގައްދޫ ޙުސައިން މަނިކަކީ ކުރު ގޮތަކަށް ބަޔާންކުރަން ދަތި ވަރަށް އާދަޔާއިޚިލާފު ސިޔާސަތެއްގެ ވެރިއެކެވެ. މިއީ އެބޭފުޅަކާއި މެދު އަޅުގަނޑު ދުށް ގޮތެވެ. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތެވެ.

ގައްދޫ ވައިލެޓްވިލާ އަލްފާޟިލް ޙުސައިން މަނިކު އަވަހާރަވީ އަތޮޅުކޮމިޓީގެ އިންތިޚާބުގައި އަތޮޅުކޮމިޓީއަށް ހޮވޭ 1ވަނަ މެމްބަރަށް އަތޮޅުވެރިކަން ދެއްވި ދުވަސްވަރު އޭގެ ފުރަތަމަ ކޮމިޓީގެ އިންތިޚާބުގެ ނަތީޖާއާއި ހަމައިން އަތޮޅުވެރިކަމުން ވަކިވެވަޑައިގެން ހުންނަވަނިކޮށެވެ. އޭނާ އެ އިންތިޚާބަށް ކުރިމަތިނުލައްވަ އެވެ. އޭނާ އަވަހާރަވީ 01 ޖެނުއަރީ 1976 ގެ ފަތިހު 05.45 ގައި ގައްދޫގަ އެވެ.

މަތިވެރި މާތް ﷲ އެ މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ރަޙުމަތާއި ނިޢުމަތް ލައްވާށި އެވެ. އާމީން!
                     ----------------

ޢަބުދުﷲ ހިލްމީ
27 ސެޕްޓެމްބަރ 2012މ.

މަޢުލޫމާތުގެ ޙިއްޞާ:
އަޙުމަދު ސަޢީދު/ ފޫޅުމާގެ، ގައްދޫ
އަޙުމަދު ނާޞިޙު/ ޢަންބަރީވިލާ، ސ.މީދޫ