ހުވަދުއަތޮޅު ތިނަދޫގެ ތަޢުލީމީ ހަރުފަތްތަކުން - އެކެއް















އިންސާނީ ދުނިޔޭގައިލެއްވި އިންސާނީ ތަޢުލީމުގެ ހަރުފަތްތަކުން މައްޗަށް އަރަމުންދާ އިންސާނަކަށް ދެވޭނެ އެންމެ މައްޗަކީ އެ އިންސާނެއްގެ ކިބައިގައި އެ ކަމަށް ހުރި ކުޅެދުންތެރިކަމެއްގެ ތެރެއިން އޭނާ ގަދައަޅައި މަސައްކަތްކުރުމުން ދެވިދާނެ ހިސާބެވެ. މިގޮތުން އެކި އިންސާނުން އިންސާނީ ތަޢުލީމީ ހަރުފަތްތަކުގެ އެކި ހިސާބަށް ވާޞިލްވެއެވެ. ނަމަވެސް އިންސާނީ ދުނިޔޭގައިލެއްވި އިންސާނީ ތަޢުލީމުގެ ހަރުފަތްތަކުގެ އެންމެކުރިއަކީ ކޮބައިކަމާއި، އެ ހިސާބަށް ދެވިއްޖެ އިންސާނަކަށް ލިބިގަނެވޭނޭ އަދި އޭނާއަށް ކުރެވިދާނޭ ކަންކަމަކީ ކޮބައިކަން ވަނީ ނޭނގުމެއްގެތެރޭގައެވެ. އިންސާނާއަށް އޮތީ އެ ކަމަށް ގަދައަޅައި މަސައްކަތްކުރުމެވެ. ތައުފީޤުދެއްވާނީ އިންސާނީ ދުނިޔޭގައި އިންސާނީ ތަޢުލީމުލެއްވި އެންމެމަތިވެރި ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ.

ދުނިޔެ ފެށުނީއްސުރެ އިންސާނީ ތަޢުލީމު ހޯދައި ލިބިގަނެ އުނގެނުމުގެ ތަފާތު ގޮތްތައް ހުރެއެވެ. ތަފާތު ވަސީލަތްތައް ހުރެއެވެ. ތަފާތު ތަންތަން ހުރެއެވެ. ދިވެހިރާއްޖޭގައިވެސް މިކަން އޮތީ މިހެނެވެ. މިގޮތުން ކިޔަވާގެއާއި އެދުރުގެއަކީ ރާއްޖޭގެ ވެދިޔަ ތާނގައި އިންސާނީ ތަޢުލީމު އުނގަންނައި ދިނުމަށް ބޭނުންކުރި ތަންތަނެވެ. ފަހުގެ ދުވަސްވަރެއްގައި އެފަދަ ބައެއް ތަންތަނަށް މަކުތަބު، މަދަރުސާ، ކިލާސް ފަދަ ނަންނަން ކިޔާފައިވެއެވެ.

ހުވަދުއަތޮޅު ތިނަދޫގެ ފުރަތަމަ މަދަރުސާއަކީ، ހުވަދުއަތޮޅުގެ ވެސް ފުރަތަމަ މަދަރުސާއެވެ. އެއީ ހުވަދުއަތޮޅުގެ އަތޮޅުވެރިޔާ ހަވަރުތިނަދޫ ޙާޖީ މުޙައްމަދު ކަލޭގެފާނުގެ އަތޮޅުވެރިކަމުގެ ދުވަސްވަރު އޭނާގެ އިސް ނެންގެވުމާއި އެހީތެރިކަމާއެކު 17 ޖުމާދިލްއައްވަލް 1350ހ. (2 އޮކްޓޫބަރ 1931މ.) ގައި ތިނަދޫގައި ހުޅުވި "މަދަރުސަތުލް އަޞްބާޙު"އެވެ.

މަދަރުސަތުލް އަޞްބާޙު ހުޅުވައި އުނގަންނައި ދިނުމުގެ މަސައްކަތް ފުރަތަމަކުރީ ދަނޑިފަނުގެ ޢިމާރާތެއްގައެވެ. މި ޢިމާރާތް ހުރީ މިހާރު ތިނަދޫ މާކޯނި ގެއާއި ތިނަދޫ ކިޔްޕިޑް ގެ ހުރި ހިސާބުގައެވެ. ނަމަވެސް ފަހުން މި މަދަރުސާ ހިނގަމުންދިޔައީ މިހާރު ތިނަދޫ ކަންރެހާ ސިނަމާއާއި މިތާނގެ އިރުމަތީގައި އެ ހުރި 2 ޢިމާރާތް ހުރި ހިސާބުގައި ބިނާކުރި އެ ދުވަސްވަރުގެ ބޮޑު ރީތި ޢިމާރާތެއްގައެވެ.

ހުވަދުއަތޮޅާއި އަދި ތިނަދޫގެ ފުރަތަމަ މަދަރުސާ "މަދަރުސަތުލް އަޞްބާޙު"ގެ ނަން "މަދަރުސަތުއް ސުބުލައްސަލާމް" އާއި "މަދަރުސަތުލް އަމީރު އިބްރާހީމް"އަށް ބަދަލުވެފައިވެއެވެ. ދިވެހި ސަރުކާރުގެ ލާއިންސާނީ ނުފޫޒާއި ގަދަބާރުގެ ދަށުން 1962މ. ގައި ތިނަދޫގައި ތިބި އެންމެހައި އިންސާނުން އެ ރަށުން ބޭލިއިރު އެ ރަށުގައި ހިނގަމުންދިޔައީ "މަދަރުސަތުލް އަމީރު އިބްރާހީމް"އެވެ. 

(ދިވެހި ސަރުކާރުގެ ލާއިންސާނީ ނުފޫޒާއި ގަދަބާރުގެ ދަށުން ތިނަދޫން ބޭލީ އެރަށުގައި ތިބި އެންމެހައި އިންސާނުންކަމަށް ދަންނަވާފައިވަނީ، އިންސާނުން ފިޔަވައި ފުރާނައެޅުއްވި އެހެނިހެން ޖަނަވާރާއި ފަނިފަކުސަތައް ފަދަ އެއްޗެތި އެ ރަށުން ނުބާލާތީއެވެ. އެންމެ ދެ ގަޑިއެއްހާއިރު ތެރޭ އެ ތަކެތިވެސް ރަށުން ފައިބައިގެން ދާނެތާކަށް ދާން ދިވެހި ސަރުކާރުން އަންގަވާފައި ނުވާތީއެވެ. އެހެންނަމަވެސް މީގެތެރޭ ހިމެނޭ އެ ތަކެއްޗެއް އިންސާނުން ބަލަހައްޓައި ކާންބޯންދިން ކުކުޅުހާލާއި ބުޅާފަދަ ބައެއް ތަކެތި، ތިނަދޫން މީހުން ބޭލުމުން ކާނެ ބޯނެ އެއްޗެއް ނުލިބިގެން އެ ރަށުގެ އެތަންމިތާނގައި މަރުވެފައިވަނިކޮށް ދުށް މީހުން މިހާރުވެސް މަދެއްނުވާނެއެވެ.)

ހުވަދުއަތޮޅު ތިނަދޫ "މަދަރުސަތުލް އަޞްބާޙު" ހުޅުވުމާއެކު ތިނަދޫ ފިޔަވައި ހުވަދުއަތޮޅުގެ ރަށްރަށުގެ ބައެއް ކުދިންވެސް އެ މަދަރުސާއިން ތަޢުލީމު ޙާޞިލްކުރުމަށްފަހު ރަށްރަށުގެ ވެރިންނާއި ނައިބުންނާއި މުދައްރިސުންނާއި އެނޫންވެސް ބޭނުންތެރި ރޮނގުތަކުން ޚިދުމަތްކުރި ކަމާއި ހުވަދުއަތޮޅުގެ ރަށްރަށަށް ތަޢުލީމާ ތަހްޒީބާ ތަމައްދުނު ފުރަތަމަ ގެންގޮސްދެއްވި އިސް މޭސްތިރިންނަކީ އެއީކަމަށް ހުވަދުއަތޮޅުގެ ތާރީޚު ދިރާސާކުރެއްވި ބޭފުޅެއްކަމަށްވާ މަޑަވެލީ ޒޫރިޔާގޭ އަލްމަރުޙޫމް ޢަލީ ނަޞީރު ލިޔުއްވާފައިވެއެވެ.

"މަދަރުސަތުލް އަޞްބާޙު" ގައި ތަޢުލީމު ޙާޞިލްކުރި ބައެއް ދަރިވަރުންގެ ނަންތައް ތިރީގައި ލިޔެފައިވާއިރު އެ ފަރާތެއްގެ ގެ، ނުވަތަ ރަށުގެ ނަން ލިޔެފައިވަނީ އެ ފަރާތްތައް ދެނެގަތުމަށް މިޖީލުގެ ފަސޭހައަކަށެވެ.

އަޙުމަދު ޙިލްމީދީދީ (ވިލިގިލި)
ޙަސަން ޚަޠީބު (ގެމަނަފުށި)
ޚަޠީބު ދޮންމަނިކު (ގެމަނަފުށި)
މުޞްޠަފާ ރަޝީދު (މާތޮޑާ)
އަޙުމަދު ވަޙީދު (ގެލަ/ ތިނަދޫ)
އިސްމާޢީލް ޒާހިރު ނުވަތަ ނާއިބު އިސްމާޢީލްދީދީ (ފީރޯޒުގެ/ ތިނަދޫ)
ޢަބުދުﷲ ސަޢީދު ދީދީ (ހާޖަރާގެ/ ތިނަދޫ)
ޙަސަން ފަހުމީދީދީ (ސަވޭރާ/ ތިނަދޫ)
ޤާސިމް ރަޝާދު ނުވަތަ ކާސިންފުތުބެއްޔާ (ފެންފިޔާޒުގެ/ ތިނަދޫ)
ޙަސަން ތަކުރުފާނު ނުވަތަ ކުޑަކަތީބު ޙަސަންތަކުރުފާނު ؟
ޙުސައިން ޢަފީފު ނުވަތަ ޙަކީމު ޙުސައިން ޢަފީފު (ކޭވަކުގެ/ތިނަދޫ)
ޙަސަން ވަޙީދު ؟
ޢަބުދުﷲ ޝަކީބު (ގެލަ/ތިނަދޫ)
ޙަސަން ޙިލްމީ (ޖަނަވަރީގެ/ތިނަދޫ)
އަޙުމަދު ޙިލްމީ (ސްޓާރލިންގ/ތިނަދޫ)
މުޙައްމަދު ސަޢީދު ނުވަތަ މުޙައްމަދު ސަޢީދު ކަތީބު ( //////)
ޙަސަން ރުޝްދީ (ކިޔުޕިޑް/ ތިނަދޫ)
މޫސާ ރިފުޢަތު (ނޫތަރި/މާލެ)
ޙަސަން އިބްރާހީމް (ގްރީންސްޓާރ/ ތިނަދޫ)
އާދަމް ފަތުޙީ (މާގަލާ/ ތިނަދޫ)
މުޞްޠަފާ މަންޞޫރު (ހ.ތެވެލި/މާލެ)
މުޙައްމަދު ނަޖީބު ނުވަތަ އަސޭ ދޮންކަލޭގެފާނު (އަސޭގެ/ތިނަދޫ)
އިބްރާހީމް ލުޠުފީ ؟
މުޙައްމަދު ޖަމީލު ނުވަތަ ދޮންކަލޭގެފާނު (ގުލްދަސްތާގެ/ ތިނަދޫ)
އަޙުމަދު ނަޖީބު (ނެލްސަން/ ތިނަދޫ)
ޙަސަން ޡާފިރު (ގްރީންސްޓާރ/ ތިނަދޫ)
ޒަކަރިއްޔާ ޝާކިރު (ތިނަދޫ)
ޙުސައިން ޝައުޤީ ؟
ޢަލީ ރާޝިދު (މުޝްތަރީގެ/ ތިނަދޫ)
ޢަބުދުﷲ ރާޝިދު (ގޯލްޑަންއެގް/ ތިނަދޫ)
ޢަބުދުލް ޙަމީދު ޒާހިރު (ބީޗްހެވަން/ ތިނަދޫ)

މި ދަރިވަރުންގެ ތެރެއިން ޢަބުދުﷲ ސަޢީދުދީދީ، ޙުސައިން ޢަފީފު، ޢަބުދުﷲ ޝަކީބު، އަޙުމަދު ޙިލްމީދީދީ ވިލިގިލި، މުޞްޠަފާ މަންޞޫރު، ރާއްޖެއިން ބޭރުންވެސް ތަޢުލީމް ޙާޞިލްކުރެއްވިއެވެ. (ނުނިމޭ)
             -----------------
ޢަބުދުﷲ ޙިލްމީ
12 ނޮވެމްބަރ 2015މ.