ޢަޞުރުގެ ފަހުން ކުޑަދޮންތު ގެއަށް އައިސް ވަދެލުމާއެކު ގިބުލައަށް
ކުރިމަތިވާގޮތަށް ގޮނޑިއެއް ބަހައްޓައިގެން ދެއަތުގެ އިނގިލިތައް ހުޅުވައި ލައްޕައި
ގުނަމުން ސިއްރުސިއްރުން އެއްޗެހިތަކެއް ކިޔަން ފަށައިފިއެވެ. ކިޔާ އެއްޗެއް އެހާ ސިއްރު
ސިއްރުން ކިޔަމުންދިޔަ ނަމަވެސް މީހާ އިނީ ގޮތަކަށް ނުރުހިފައިކަން ބަލާމީހަކަށް އެނގޭވަރުވެއެވެ.
މިތަން ފެނިފައި ކުޑަދޮންތުގެ އަނބި ޙައްވާފުޅު އައީ އަމަށަކު
ރުޅިއެއްނޫނެވެ. އޭނާގެ އެހަރަ ޒީލަ އަޑުން ބުންޏެވެ. "ތިޔަ ކިޔަވާ އެއްޗެއް ސިއްރުސިއްރުން
ކިޔެވީމާ، ކިޔަވަނީ ކޮންއެއްޗެއްކަމެއް ބަޔަކަށް ނޭނގުނަސް ތިޔަ އެއްޗެއް ކިޔަވަނީ
ކޮން ބޭނުމެއްގައިކަން ނޭނގެނީ ކާކަށްހެއްޔެވެ. ހިތުން ތިޔަ އުޅެނީ އެއުޅޭ ހަރީރާއާއި
މައްލަވަ ނުކުރެވިގެން ނޫންހެއްޔެވެ. ބަލަ، ތިޔަ ސަކަރާތްގަނޑެއް ދޮންތު ޖަހާތާ މިވަނީ
ކިހާ ދުވަހެއްހެއްޔެވެ. ވާކަމެއް ހަރާމުންހަރާމެވެ. މީހާ ލޯބޯ ކޮށިވެ އަބަހައްދަވެ
ފަސްތަނުން ބަނދެލަން ޖަމާޢަތްތެރިން އުޅޭ ހިސާބަށް ދިޔައީމާ އުޅެންވަނީ ތިޔަ ވައްތަރަށްހެއްޔެވެ."
ޙައްވާފުޅު ފަތިވަރު އަމުނަން ފެށީމާ ދޮންތު ފުންމައިގެން ތެދުވެ
އޭނާ އިށީނދެ އިން ގޮނޑި ގޭގެ އެއްފަރާތަށް ހޫރާލަމުން ބުންނެވެ. "ތިޔަ ހަރީރާއަކާއި
މަށަކާއި ކޮންކަމެއްހެއްޔެވެ. މަމިއުޅެނީ އެހަރީރާއެއްގެ މޯހިރުގައި އަޅައިގެންހެއްޔެވެ.
އެހެންޏާ ފަހެ، މިގެއެކޭ ބަންޑާރަ މިސްކިތެކޭ މިވަނީ އެއްވަރުތާއެވެ. އެމިސްކިތުގައި
ބަޔަކަށް ނަމާދުކުރެވޭވަރެއް ނޫނެވެ. މިގޭގައި މީހަކަށް ޒިކުރު ތަސްބީޙަ ކިޔެވޭވަރެއް
ނޫނެވެ."
ކުޑަދޮންތުއާއި ޙައްވާފުޅާއި ދެމަފިރިން އެދުވަހު ވަރިފަށަށް
ނޭރީ އެދެމަފިރިންގެ އަވައްޓެރިއަކު އެވަގުތު އެގެއަށް ވަދެ ސަންޕާފުޅު ރަމަތަކުރުމުންނެވެ.
އެހެންނޫންނަމަ ކަންތައްގަނޑު ވަރަށްބޮޑުވީހެވެ.
ބަންޑާރަ މިސްކިތަށް އެދުވަހު ޢަސުރު ނަމާދަށް ދިޔަ ބަޔަކަށް
ޢަޞުރުނަމާދުގެ ފަހު އައްތަޙިއްޔާތު ރަނގަޅަށް ކިޔުނު ކަމެއްވެސް ނޭނގެއެވެ. ނަމާދުގެ
ފުރަތަމަ ސަލާމްދީ ދެވަނަ ސަލާމަށް ފެށިތަނުން މުދިންކަލޭގެ ކޮނޑުގައި މީހަކު ކޮއްޓާލައިފައި
"އަވަހަށް ނިންމާލަން އުޅެހަރޭ، މިއުޅެނީ އަސާސީ ބޮޑުފޮތް ތަޞްދީގު ކުރުވަން މަޖްބޫރުކުރުވަން
ދާށޭ" ބުނެ އަޅައި ދުއްވައިގަތީއެވެ.
އެއީ ތެދެކެވެ. އެކަންވީވެސް ހަމަ އެހެންނެވެ. ބަޔަކު މަޖުބޫރު
ކުރުވައިގެން ވިޔަސް ނޫނީ ނުކުރުވައި ވިޔަސް އެގޮލާ އެވަނީ އެބުނާ ތަޞްދީގެއް ކުރުވައިފައިތާއެވެ.
އޭގެފަހުން އެގޮލާގެ ހުރިނަމަ ހުރި އޮއްޓަރަކާއި ފޮނިކަމަކާއި ކުޅިމީރުކަމެއްވެސް މިރާއްޖޭގެ
މިތިބަ އާދަމުގެ ދަރިންނަށް މިދަނީ ފެންނަމުންތާއެވެ.
ދިވެހިރާއްޖެއަށް ލެއްގި ނަމޫނާ ޑިމޮކްރަސީގެ ތެރެއިން ބަޔަކުމީހުން
ގަދައަޅައި އުފަންކުރުވި އޭގެ ދެވަނަ މިސާލެއްނެތް އަސާސީ މިފަދަ ބޮޑުފޮތެއް މިއުޑުދަށުގައި
ދިރިއުޅޭ އާދަމުގެދަރިންގެ ބަޔަކަށް ލިބޭނެކަމެއް ނޭނގެއެވެ. މިފޮތާމެދު އެކަކު ބުނަނީ
ސުއްކަތުރާ ކަނޑަށްވުރެ އެގޮލާގެ ފައިކުރި ފުޅާވެފައި މާބޮޑަށްދިގުވީތީ އެއަށް ހެޔޮވަރުވާނެ
އެއްވެސް އިންސާނަކު މިރާއްޖޭގައި ނެތްކަމަށެވެ. އަނެކަކު ބުނަނީ އޭގެ ފައިކުރި ފުޅާވެފައި
ދިގުވިޔަސް އޭތީގެ ކައްގަނޑު ނުހަނު ބާރުކަމަށެވެ. އެހެންވީމާ އިންސާނަކު އޭގެ ބޭނުންކޮށްފިނަމަ
އޭތީގެ ކަށްގަނޑު ބާރުކަމުން އެދިމާލުން ފަތިތަކުން ކޮށައިގެން ދާނެތީ އެޙާލަތުގައި
އެތަން ބެލުމަކީ އިސްލާމުންގެ ބަޔަކަށް ހުއްދަވެގެންވާނޭ ކަމެއްނޫން ކަމަށެވެ.
އަނެކަކު ބުނަނީ އެގޮލާގެ އެއްވެސް ފަރާތެއްގައި ފައިކޭޓެއް
ނުހެދިވަނިކޮށް މާއަވަހަށް އެބުނާ ތަޞްދީގެއް ކުރުވަން އުޅެ އެކަންވީމާ ފައިކޭޓެއްނެތުމުގެ
ދަތިކަން މިހާރު އެބަ އިޙުސާސްކުރެވޭ ކަމަށެވެ. އެހެންވީމާ އެކަމާއި އޭނާ އުޅޭނޭކަމަށެވެ.
މިކަން މިހެންހުރިއިރު ތަންކޮޅެއް ދުރުން އެގޮލާގެ އެއްއަރިމަތިން
ނިޒާމީ ނުކުތާއެއްގެ ތެރެއިން އެއަށް މީހަކު ބަލައިފިނަމަ އެމީހަކަށް ފެންނާނީ ކޮންމެވެސް
މީހަކު އިސްވެހުރެގެން ބަޔަކުމީހުންލައްވައި ސިޔާސީ ކަނޑުލެއް ކަނޑުވައި އޭގެ ތޮށި
މަށާތަނެވެ. އަދި އެގޮލާގެ ތަންކޮޅެއް ކައިރިއަށް މީހަކު ޖެހިލައިފިނަމަ "އަހަރެން
ކެހި ކަނޑުލުގެ ހިތި އަހަރެން ފިލުވާނަމޭ" މިގޮތަށް ހުއްޓުމެއްނެތި މީހަކު ކިޔަމުންދާ
އަޑުވެސް އިވޭނެއެވެ.
-------------------
ލިޔުއްވީ: މީމު ނޫނު