ހަވަރުތިނަދޫ ދެވަނަ އާބާދީގެ ފުރަތަމަ ކްލަބް




ހަވަރުތިނަދޫގެ ދެވަނަ އާބާދީގައި އެރަށުގައި އުފެއްދި ފުރަތަމަ ކްލަބަކީ "ހަވަރުތިނަދޫ ސްޕޯޓްސް ކްލަބް"އެވެ. މަސްއޫލުވެރިންނަކީ ހަވަރުތިނަދޫ އަތިރީގޭ އަލްފާޟިލް އަލްމަރުޙޫމް މޫސާ ފަތުޙީ އާއި ގ.މަލިންގޭ(ހަވަރުތިނަދޫ ސަނީޑޭލް) އަލްފާޟިލް އަލްމަރުޙޫމް އާދަމް ޝަރީފު އެވެ.

ހަވަރުތިނަދޫ ސްޕޯޓްސް ކްލަބް ހުޅުވީ ގދ. ހެލްތް ސެންޓަރ ހުޅުއްވެވުމަށް ސީނިއަރ ހެލްތް އެސިސްޓެންޓް ޅ.ނައިފަރު މީޒާން އަލްފާޟިލް މުޙައްމަދު ޒަކަރިއްޔާ ހަވަރުތިނަދޫއަށް ވަޑައިގެން ހުންނެވި ދުވަސްވަރުގައެވެ. އޭނާއަކީ ދުވަހުން ދުވަހަށް ޑައިރީ ލިޔުއްވަމުން ގެންދެވި ބޭފުޅަކަށްވާތީ ހަވަރުތިނަދޫ ސްޕޯޓްސް ކްލަބް ހުޅުވުމުގެ ކަންތައް ހިނގައިދިޔަގޮތް ވެސް އޭނާވަނީ ޑައިރީގައި ލިޔުއްވައިފައެވެ.

މުޙައްމަދު ޒަކަރިއްޔާގެ ޑައިރީއިން:

14،15 ސެޕްޓެމްބަރ 1969މ.
މިރަށުގައި ވަރަށްމުހިއްމު ދެދުވަހެވެ. ދެއަވަށުގައި ދެ މަކްތަބު ރާނާން ފަށައިގަނެވުނު ކަމެވެ. ރޭނުމުގެ މަސައްކަތް ކުރަމުންދަނީ އަވަށުމީހުން އަވަށުފޯރީގައެވެ. 15 ވަނަދުވަހު އަލުން އައު ޚިޔާލަކަށް ޢަމަލީސިފަ ލިބެން ފަށައިފިއެވެ. އެއީ ކްލަބެއް އުފެއްދުމެވެ. އިސްވެ އުޅުއްވާކަމުގައި ވަނީ އައްޝައިޚު މޫސާފަތުޙީ، އަލްފާޟިލް ޙަކީމް ހުސެންޢަފީފު، އަލްފާޟިލް އާދަމްޝަރީފު، އަދި އަލްފާޟިލް ޢަބުދުލް މުޙްސިން އެވެ. ކްލަބް ރަޖިސްޓަރީކުރުމަށް ހޯދަންޖެހޭ -/1000 ރުފިޔާގެތެރެއިން -/700 ރުފިޔާ ފަތުޙީ ދެއްވާނޭކަމަށް ވެއެވެ. ރެޔާއި ހަމަޔަށް (ކްލަބް ރަޖިސްޓަރީވެއްޖެ ނަމަ) ބައިވެރިވުމަށް 70 މީހުން ސޮއިކޮށްފިކަމަށްވެ އެވެ.

25 ޖެނުއަރީ 1970މ.
ދުވަހަކީވެސް އަލުން ފާހަގަކޮށްލެވޭ ކަހަލަ ރެޔެކެވެ. އެތައް ދުވަހަކުއްސުރެ ރަށުގެ ވަރަށްގިނަ ޒުވާނުން ހޭބޯނެތި މަސައްކަތް ކުރަމުން ދިޔަ "ހަވަރުތިނަދޫ ސްޕޯޓްސްކްލަބް" ހުޅުވޭ ރެޔެވެ. ހަވީރުއްސުރެ ޙަފްލާއަށް ތައްޔާރުވަމުން ދަނިކޮށް ވިއްސާރަވެ، އެއުފާވެރި ޖަލްސާ ޖެހުނީ ފަސްކޮށްލާށެވެ. 

26 ޖެނުއަރީ 1970މ.
ވިއްސާރައިގެ ސަބަބުން ފަސްކޮށްލެވުނު ޖަލްސާ 26 ވަނަދުވަހުގެ ރޭ ޤާޟީ އަޙުމަދު ޙަބީބުގެ ގޭގެ(ޕާމްޝޭޑް) ގޯތިތެރޭގައި އޮތެވެ. ޖަލްސާއޮތީ އޯޕަން ޖަލްސާއެއްގެ ގޮތުގައެވެ. ވަރަށްގިނަ ބިގަރުތަކުން އަލިކޮށް އެކަށީގެންވާ ވަރަށް ޒީނަތްތެރިކޮށްފައިވެއެވެ.

ފުރަތަމަ ވަންނަތަނުން ފެންނަނީ "މަރްޙަބާ! ރައީސުލްޖުމްހޫރިއްޔާ"އެވެ. ޖަލްސާއަށް ވަރަށްގިނަ އަންހެނުންނާ ފިރިހެނުން ހާޒިރު ވެފައިވެއެވެ. ޖަލްސާގެ ރިޔާސަތުގައި އިންނެވީ (ގދ.އަތޮޅުއޮފީސް ވަގުތީގޮތުން ހިންގެވުމާއި ޙަވާލުވެ ހުންނެވި) އަލްފާޟިލް ގައްދޫ ޙަސަން މަނިކެވެ. ރިޔާސަތުގެބަރިން ދެން ފެންނަނީ އަތޮޅުކޮމިޓީގެ މެމްބަރު އަލްފާޟިލް ވާދޫ ތުއްތުކަތީބު އާއި، އައްޝައިޚު މޫސާފަތުޙީ އާއި، އަލްފާޟިލް ޙަސަންޙިލްމީ( ތުއްތުކަތީބު)އާއި، އަލްފާޟިލް ހަކީމް ޙުސެން ޢަފީފު އާއި، ޤާޟީ އަލްފާޟިލް ވާދޫ މުޙައްމަދު ސަޢީދުދީދީ އާއި، އަދި ޤާޟީ އަލްފާޟިލް ގައްދޫ މުޙައްމަދު  ލަޠީފު އެވެ.

ޖަލްސާ ތަޢާރަފުކުރެއްވީ ކްލަބްގެ މަސްއޫލުވެރިޔާ އަލްފާޟިލް އާދަމް ޝަރީފު އެވެ. އިސްވެ ޞަލަވާތް ވިދާޅުވީ ޤާޟީ އަލްފާޟިލް ވާދޫ މުޙައްމަދު ސަޢީދުދީދީ އެވެ. ކްލަބް ހުޅުވާދެއްވުން އެދި ދެންނެވީ މަސްއޫލުވެރިޔާ އެވެ. އުތުރުފަރާތުގައިވާ ސްޓޭޖްގެ ފަރުދާގައިވާ ފީތާފަށެއް ކަނޑައިލެއްވުމާއި އެކު ފަރުދާކެހިގެންދިޔަ އިރު ވަރަށްބޮޑު އަކުރުން ކްލަބްގެ ނަން ލިޔެވިފައިވެއެވެ. ކްލަބް ހުޅުވާދެއްވުމަށް ފަހު ރެޔާ އެކަށޭނަ ވާހަކަކޮޅެއް ޙަސަންމަނިކު ދައްކަވާލެއްވިއެވެ. ރާއްޖޭގެ ކުޅިވަރުގެ މާޒީގެތެރެއިން މިޒަމާނުގެ ކުޅިވަރުތަކުގެ ބާނީ ޞާޙިބުލްފަޚާމާ މުޙައްމަދު އަމީނަށާއި އަދުގެ ޒަޢީމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކްލަބުގެ މަޤްސަދެއްކަމުގައިވާ އެކުވެރިކަމާއި އިޖްތިމާޢިއްޔަތު ކުރިއެރުވުމަށް އިލްތިމާސް ކުރެއްވިއެވެ.

ދެން އޮތީ ކްލަބުގެ ގަވާޢިދު އިއްވުމެވެ. އޭގެ ފަހުގައި ކްލަބުގެ ހިންގާކޮމިޓީގެ މެމްބަރުންގެ ނަންތައް އިއްވެވިއެވެ. އަދި އެނަންތަކަށް ކްލަބްގެ މެމްބަރުންގެ ވޯޓަކަށް އައްސަވައި އަޣްލަބިއްޔަތުން ފާސްވިއެވެ. ކްލަބްގެފަރާތުން ޝުކުރު އަދާކުރެއްވީ ޙަކީމު ޙުސެން ޢަފީފެވެ. ދެންއޮތީ ފިނި ހިތްޕެވުމެކެވެ. އެވަގުތު ގަދަޔަށް މިޔުޒިކު ފޮނުވަމުންދިޔައެވެ. ކޭކާ ދޮންކޭލާ ގުޅަ ބޯކިބާ އަދި ޖޫހުގެ ބުރެއްގެ ތެރޭގައެވެ. ބައިގަޑިއެއްހާ އިރުގެ ފަހުން އޮތީ ހުޅުވުނު ކްލަބްގެ ކުޅިވަރު ޝޯއެކެވެ. ރާޒުވާއާއި ކެރަމް އަދި ތާސްކުޅުމެވެ.

މިރަށުގެ(ހަވަރުތިނަދޫގެ) ތާރީޚުގައި މުހިއްމު ޞަފްޙާއެއް ލިޔެލެވުނީއެވެ. ކޮންމެއަކަސް ކުލަގަދަ ޙަފްލާއަކާއި އެކު ކްލަބް ހުޅުވިއްޖެއެވެ. ދެންއޮތީ ކްލަބްގެ މަޤްޞަދާއެކު ކުރިޔަށް ދިއުމެވެ. ކްލަބްގެ މަސްއޫލުވެރިޔާ އާދަމް ޝަރީފުއަކީ މާލޭ މަލިންގޭ ބޭފުޅެކެވެ. މިރަށު ހިރިހަމައިދިގޭ(ޗާނދަނީގޭ) އާމިނަތު ނަފީސާ އާއި ކައިވެނި ބައްލަވައިގެން އުޅުއްވާތާ ހަޔެއްކަ އަހަރު ވެއްޖެކަމަށްވެއެވެ. މިހާރު މިރަށުގައި ވަޒަންވެރިވެ އުޅުއްވަނީއެވެ. ހީވާގި ކުޅިވަރުގެވެސް ބޭފުޅެކެވެ.
                                     
ހަވަރުތިނަދޫ ސްޕޯޓްސް ކްލަބަކީ ބޭނުންތެރި އެކި ރޮނގުތަކުން ޚިދުމަތްތަކެއް ކުރި ކްލަބެކެވެ. ގައުމީ މުނާސަބާތަކުގައި އިޖްތިމާޢީ ތަފާތު ކުޅިވަރުތަކުގައި ބައިވެރިވެފައިވެއެވެ. ކްލަބް އުފެއްދި މަގްޞަދާއި އެއްގޮތަށް ކްލަބްގެ ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި އެކަންކަމުގެ ހުނަރު ލިބިވަޑައިގެން ތިއްބެވި ރަށުންބޭރުގެ ތަފާތު ބޭފުޅުން ތިނަދޫއަށް(ކްލަބަށް) ގެނެސް އެބޭފުޅުންގެ ހުނަރާއި ތަޖުރިބާއިން އިތުރު ތަމްރީން ހޯދާފައިވެއެވެ. އެދުވަސްވަރު މާލެނޫން ރަށެއްގައި އޭސީ، ނޫނީ ޑީސީ ކަރަންޓެއް ނެތި ބިގަރުގެ ކުލަކުލައިގެ އަލީގައި ކާނިވަލެއް ހުޅުވައި ފެންއަރުވާ ވަޑާމާއި އެކި ކުޅިވަރާއި ވިޔަފާރީގެ ސްޓޯލްތައް ގާއިމުކޮށް މިޔްޒިކްގެ އަމިއްލަރާގުތައް އުފެއްދިއެވެ. އަމިއްލައަތޮޅު(ރަށުގެ) ބަހުރުވައިގެ ލަވައެއްކަމަށްވާ "ގާމުން މިއީބޫ" އަކީ ހަވަރުތިނަދޫ ސްޕޯޓްސް ކްލަބްގެ އެދުވަސްވަރުގެ މިޔްޒިކް ގްރޫޕުން ކިޔައި ރާއްޖޭގެ ކަންކޮޅުތަކަށް މަޝްހޫރުވެގެން ދިޔަ ލަވައެކެވެ. އަދި މިއީ ހުވަދޫ ބަހުރުވައިން ފުރަތަމަ ހެދިކަން އެނގިފައިވާ ލަވައެވެ.


އަހަރުތަކެއްގެ ފަހުން (1975މ. ގައި) އަޅުގަނޑު ބ. ހެލްތްސެންޓަރ ގައި ހުއްޓައި ހަވަރުތިނަދޫ ސްޕޯޓްސް ކްލަބްގެ މަސްއޫލުވެރިޔާ މަލިންގޭ އަލްފާޟިލް އާދަމް ޝަރީފާއި އަޅުގަނޑާއި ބައްދަލުވި ފަހަރެއްގައި އޭނާ ވިދާޅުވިއެވެ.

"އަހަރެމެންގެ ކްލަބްގެ މިޔްޒިކް ޕާޓީން ކިޔާފައިވާ 'މިހިތެކެ އަބެރައި ނުނަގަންނެއި ވެނެފަހެ ލޯތްބެކެ ދީފަންނެއި' މިރާގަކީ އެބަޔެއްގެ އަމިއްލަ ރާގެއްގެ ގޮތުގައި "މިދެހިތް އަލަކުން ނުގުޅޭނޭ" ކިޔާ ލަވައެއް މިހާރު މާލެއިން އެބަ އަޑުއިވެއެވެ. ނާހަމުހެއްޔެވެ. މިވަނީ އަނެއްކާ ކިހިނެއްހެއްޔެވެ.

އަޅުގަނޑު ދެންނެވީމެވެ. "ތިޔަ ރާގު ހަވަރުތިނަދޫ ސްޕޯޓްސް ކްލަބުން ރެކޯޑްކޮށްފައިވަނީ، 1971މ. ގެ މިނިވަންދުވަހުގެ އިޙުތިފާލްގައި ބާއްވާ ޝޯވއަކަށް ބޭނުންވާ ލަވަތަކެއް ހެދުމަށް އައު ރާގުތަކެއް ހޯދުމުގެ ބޭނުމުގައި ގދ. އަތޮޅުއޮފީހުގެ(ހުއްދަ ލިބިގެން) ރޭޑިޔޯ ޓެލެފޯންގެ ރޭޑިޔޯ ރިސީވަރ "ސިންގަޅަ ސިލޯން" ރޭޑިޔޯއަށް ޓިއުންކޮށްގެން އުޅުމުގެތެރޭއެވެ. އޭގެފަހުން އެރާގަށް ފެތޭގޮތަށް ހުވަދޫ ބަހުރުވައިން ހެދި ލަވަޔަކީ "މިހިތެކެ އަބެރައި ނުނަގަންނެއި" ނޫންތޯއެވެ.

މިވާހަކަ ދަންނަވާފައި އިތުރަށް އަޅުގަނޑު ދެންނެވީމެވެ. "އަތޮޅުވެރިޔާގެ އަރިހުގައި މިއަތޮޅުގެ ރަށަކަށް އަޅުގަނޑު ދިޔަ ދުވަހެއްގެ ރޭ އެރަށުގައި މިޔްޒިކް ޝޯވއެއް އޮތެވެ. އެޝޯވގައި ހަވަރުތިނަދޫ ސްޕޯޓްސް ކްލަބުން މަޝްހޫރުވެގެން ދިޔަ ލަވަ "ގާމުން މިއީބޫ" ކިޔެވެ. އެކަމަކު އެލަވަ ކިޔަމުންދިޔައީ އެލަވަ ހެދިގޮތަކަށް(ޢިބާރާތާއި އެއްގޮތަކަށް) ނޫންކަމަށް ވާތީ ލަވަ ކިޔަމުންދިޔަ ވަގުތު ކިޔާގޮތް(ޢިބާރާތް) ރަނގަޅުނޫން ކަމަށް އަޅުގަނޑު ބުނުމުން އެތާނގައި ހުރި (ފިޔޯރީއަށް ނިސްބަތްވާ ބޭކަލަކު) ބުނުއްވީ މިކަހަލަ(ލަވައިގެ) ކަންކަމެއް އަޅުގަނޑަށް ނޭނގޭނެ ކަމަށާއި އެނގޭނީ ސެންޓަރގެ ކަންކަން ކަމަށެވެ."


އަޅުގަނޑު މިވާހަކަ ދެންނެވުމުން "އެއްވަރުގެ ކަންތަކޭ" ވިދާޅުވެ، އާދަމް ޝަރީފު ހިނިފުޅުވެޑުވިއެވެ. ކޮންމެއަކަސް ހަވަރުތިނަދޫ ސްޕޯޓްސް ކްލަބަކީ ދުވަސްވަރާއި ޙާލަތުގެ ނިސްބަތުގައި ރާއްޖެއިން ފާހަގަކޮށްލެވޭ އުފެއްދުންތެރި ކްލަބެއްކަމަށް އެކްލަބްގެ ކަންކަން ދެކިވަޑައިގެންނެވި ގިނަ ބޭފުޅުން ފާހަގަކުރައްވާފައިވެއެވެ.
                           -----------------------------
ޢަބުދުﷲ ޙިލްމީ
01 އޮކްޓޫބަރ 2015މ.


މަޢުލޫމާތުގެ ޙިއްޞާ:

ޅ. ނައިފަރު މީޒާން މުޙައްމަދު ޒަކަރިއްޔާގެ ޑައިރީ، އަޙުމަދު ޙަބީބު ޕާމްޝޭޑް/ ތިނަދޫ، ޢަލީ ޒާހިރު ރޯޒަރީ/ ތިނަދޫ، ޢަބުދުﷲ އަޙުމަދު ސޯސަންޕާކް/ ތިނަދޫ، މުޙައްމަދު ފާރޫގު ގުލްދަސްތާގެ/ ތިނަދޫ، އާމިނަތު ވަޙީދާ މަދަރުސާދޮށުގެ/ ތިނަދޫ