ތައުބީންގެ އަސަރުގަދަ ޖަލްސާ









ނޯޓް: މިއީ 1979މ. ގައި ރަޖިސްޓްރީކޮށް ހުވަދުއަތޮޅު ތިނަދޫގައި ހިންގި "ހުވަދޫ ސްކޫލް"ގެ ދެ ދަރިވަރަކު ކަނޑުވެ ޝަހީދުވުމާއި ގުޅިގެން 12 ޖޫން 1981 (09 ޝަޢުބާން 1401) ގައި އެ ސްކޫލްގައި ބޭއްވި ޖަލްސާއާއި ގުޅޭ މަޒުމޫނެކެވެ. މި މަޒުމޫނުގެ މަތީގެ ފޮޓޯގައި އެވަނީ އެ ސްކޫލްގެ ދިދައާއި ބެޖެވެ.

ދުނިޔެ ދޫކުރާ މުސްލިމުންގެ ތައުބީންގެ ޖަލްސާތަކުގައި ކީރިތި ޤުރުއާން ކިޔަވައި އެމީހުންގެ ރަނގަޅު ކަންކަމުގެ ވާހަކަ ދައްކައި ޛިކުރާ އާކުރެއެވެ. އަދި އެމީހުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތާއި ރަޙުމަތްލެއްވުން އެދި މަތިވެރި ﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވުމަކީ ދިރިތިބި މުސްލިމުންގެ މާތް ސިފައެކެވެ. މިފަދަ ޖަލްސާއެއްގެ ކަންކަން ހިނގަމުންދާއިރު ޖަލްސާގެ ބައެއް ބައިވެރިންނަށް ބައެއް ފަހަރު ވަރަށްފުން އަސަރެއް ކުރެއެވެ. ލޮލުން ކަރުނަ އާދެއެވެ. ގިސްލައެވެ. ރޮވެއެވެ.

ރޮވުމަކީ މޮޅިވެގެންދިޔުމުން ނުވަތަ ހިތަށްކުޅަ ގަދަ އަސަރަކުން ލޮލުން ކަރުނައައުން ކަމަށް ދިވެހިބަހުގެ ރަދީފުގައި އޮވެއެވެ. ރޮވުމަކީ ހަމައެކަނި ގިސްލާފައި ކަރުތެރެއިން ރޯއަޑު ނުކުތުން އެކަންޏެއް ނޫނެވެ. ރޯއަޑު ނުކުންނަނީ އޭގެކުރިން އެހެންނޫނީ އެއާއެކީ ވިއަސް ކަރުނަޔާއެކީއެވެ. މީހަކަށްލިބޭ ބޮޑު އުފަލަކާ ލިބޭ ބޮޑު ހިތާމައަކީ ހިތަށް ކުރާނޭ ގަދަ އަސަރަކަށްވީމާ މިއިން ކަމެއް ކުރިމަތިވުމުން ލޮލުން ކަރުނަ ހިލެއެވެ.

ކަރުތެރެން ރޯއަޑު ނުކުތުމަކީ ކުރާ އަސަރެއްގެ މިންވަރުންވާ ކަމަކަށް ވިޔަސް އެއީ އެ މީހެއްގެ ހިފެހެއްޓުމާ ނުވަތަ ކެތްތެރިކަމުގެ ބޮޑު ކުޑަ މިންވަރާ ވެސް ގުޅިފައި އޮންނަ ކަމެކެވެ

ޝަހީދުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ޝަޢުބާންމަހުގެ 1 ވަނަ ދުވަހަށްވީމާ އެ މުނާސަބާ ފާހަގަކުރުމުގެ ކަންކަން ސަރުކާރާ އަތޮޅުތަކާ ރަށުފެންވަރުގާ ކުރަމުން ގެންދިޔައެވެ. 01 ޝަޢުބާން 1401 (04 ޖޫން 1981) ބުރާސްފަތި ދުވަހަކީ ޝަހީދުންގެ ދުވަހަށްވީމާ ހުވަދުއަތޮޅު ތިނަދޫގެ އޮފީސްތަކާ ސްކޫލް މަދަރުސާތަކުން ވެސް އެ ދުވަސް ފާހަގަކުރިއެވެ. ބޭރުގެ އިނގިރޭސި މުދައްރިސަކާ މޮޅު މުދައްރިސުންތަކެއް ތިއްބަވައިގެން ކިޔަވައިދެމުން ގެންދިޔަ ތިނަދޫ ހުވަދޫ ސްކޫލްގައި އެ ދުވަސް ފާހަގަކުރުމުގެ ޢަމަލީ ކަންކަން ހިންގުމުގައި ސްކޫލްގެ ދަރިވަރުން ވަރަށްބޮޑު ޙިއްޞާއެއް އަދާކުރިއެވެ. އެ ދުވަސްވަރަކީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒު ހުޅުވުމުގެ ކުރީގެ ދުވަސްވަރަކަށް ވީމާ ކިޔެވުމާ ސްކޫލް ޙަރަކާތްތަކުގައި ހުވަދޫ ސްކޫލަކީ ތިނަދޫއާއި އަތޮޅުންވެސް ފާހަގަކުރެވޭ ސްކޫލެކެވެ.

ޝަހީދުންގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ހުވަދޫ ސްކޫލްގެ އިސްކޮށް އުޅުނު ބައެއް ދަރިވަރުން އެ މުނާސަބާ ނިމުމުން ޖެހިގެން އައި، 05 ޖޫން 1981 ހުކުރުދުވަހު އަމިއްލަގޮތުން ޗުއްޓީ ހޭދަކުރުމަށް ތިނަދޫކައިރި ބައެއް ފަޅުރަށްރަށަށް ދިޔަ އެވެ. އޭގެތެރެއިން ބައެއް ކުދިން އެ ދުވަހުގެ މެންދުރަށް ތިނަދޫއަށް އައުމަށް ކުރި ދަތުރުގާ ދިމާވި ކަނޑުމަތީގެ ޙާދިސާއެއްގާ ތިނަދޫގެ ފަރާ ދާދިގާތަށް ދެ ކުއްޖަކު ކަނޑުވެ ގެއްލިއްޖެއެވެ. ކިޔެވުމާ އަޚުލާޤާ ސުލޫކު ރަނގަޅު މި ދެ ކުދިންނަކީ، އެއްބަނޑު އެއްބަފާ އަންހެން ދެބެއިންނެވެ. މި ހިތާމަވެރި ޚަބަރު ލިބުމާއެކު މުޅި ރަށުގެ ސަމާލުކަމަށް އެ ކަން އައެވެ. އެ ވަގުތު ރަށުގެ ދޯނިތަކުން ގިނަބަޔަކު ފުރައިގެން ގޮސް އެ ކުދިން ގެއްލުނުކަމަށް ބުނާ ހިސާބު ހޯދައި ބަލައި، އެ ކުދިން ފެނޭތޯ މަސައްކަތްކުރަން ފެށިއެވެ. އަޅުގަނޑަކީވެސް އެ ކުދިން ފެނޭތޯ ދޯންޏަކުން ދިޔަ މީހަކީމެވެ. އިރުއޮއްސި އަނދިރިވުމާ ހަމައަށްވެސް ކުއްޖެއް ނުފެނެއެވެ. ދެން އަނދިރީގާ މަސައްކަތް ކުރެވޭނޭ ގޮތެއް ނެތީމާ ފަތިހު އަނެއްކާވެސް އެ މަސައްކަތަށް އެނބުރި ދާން ބައެއް ދޯނިފަހަރު ރަށަށް އައެވެ. ބައެއް ދޯނި މުޅި އެ ރޭ ހޭދަކުރީ ކުދިން ފެނޭތޯ އެ ހިސާބުގައެވެ

އެ ދުވަސްވަރު ތިނަދޫ ޝޭޚު ޔޫސުފު ޞިދުޤީ އުޅުއްވީ އާލާސްކަންފުޅާއެވެ. އެއީ އަޅުގަނޑުމެންގެ ގާތް ބޭފުޅަކަށްވީމާ އޭނާގެ ޙާލު ދެކިލުމަށާއި ބޭސްވެރިކަމުގެ ބައެއް ކަންކަން ހުރެގެންނާ އެކު އެ ގެއަށް އަޅުގަނޑު ގޮސް އުޅެމެވެ. އެ ރޭ އަޅުގަނޑު އެ ގެއަށް ދިޔައިރު ދެ ކުދިން ގެއްލުނު ޚަބަރު އޭނާއަށްވަނީ ލިބިވަޑައިގެންފައެވެ. އަޅުގަނޑު ދިޔުމުން ވަރަށް ދެރަވެ އޮންނަވައި އެ ކުދިން އަދިވެސް ނުފެނޭތޯ ޝޭޚު އެއްސެވީމާ ކުދިން ފެނޭތޯ އެހާތަނަށް އަޅުގަނޑުމެން ކުރި މަސައްކަތުގެ ވާހަކަ ދެންނެވީމެވެ. ވިދާޅުވީ [އެކުދިން ނުފެނި ގިނައިރުވުމަކީ ވަރަށް ހިތާމަވެރި ދެރަ ކަމެކެވެ. ނަމަވެސް އެ ކުދިން ހޯދަން މަސައްކަތް ކުރާށެވެ. އިރާދަ ކުރެއްވިއްޔާ ކުދިން ފެންނާނެއެވެ. އުއްމީދު ބޮޑެވެ.]

ޝޭޚަކީ ހުވަދޫ ސްކޫލްގެ މަތީ ކްލާސްތަކުގެ މުދައްރިސެކެވެ. އަޅުގަނޑަކީ އޮފީހެއްގައި އުޅެމުން އެ ސްކޫލްގެ އިދާރީ މަސައްކަތެއްގައި އެ ތަނަށްދާ މީހަކީމެވެ. އޮފީސްތަކުގާ އުޅުއްވަމުންވެސް ކިޔަވާދޭ ގަޑި ފުރުއްވާ މޮޅު ބޭފުޅުން އޭރު އެ ސްކޫލްގައި ތިއްބެވުމުން ހުވަދޫ ސްކޫލްގައި ކިޔެވި ދަރިވަރުންނަކީ މިހާތަނަށްވެސް އެބައުޅޭ މިބައުޅޭ ފާޑަށް އުޅޭބަޔެއް ނޫނެވެ. ޢިލްމީ މީހުންނެވެ. މަސައްކަތްތެރިންނެވެ. ހެޔޮގޮތުގާ ދަރިން ތަރުބިއްޔަތު ކުރާ ރަނގަޅު ބަފައިންނާ މައިންނެވެ. ގެވެހި އަނބިންނެވެ. ބޭނުންތެރި ހުނަރާ ފަންވަރު ހުރި މީހުންނެވެ. ހުވަދޫ ސްކޫލްގެ ދަރިވަރުންގެ ތަޢާރަފެއް ދިނުމަކީ ކޮންމެހެން މި ލިޔުމުގެ ބޭނުމެއް ނޫނެވެ. އެއީ މިހާރު ކޮން ބަޔެއްތޯ ހޯދަން ބޭނުންވާ މީހަކަށް އެ ކަމަކީ ނުކުރެވޭނޭ ކަމެއް ނޫނެވެ.

ގެއްލުނުކުދިން ފެނޭތޯ ޖެހިގެންއައި ދުވަހު ހޯދި ހޯދުމުންވެސް އެއްވެސްކުއްޖެއް ނުފެނެއެވެ. ނަމަވެސް އެ ދުވަހުގެ ރޭވެފައި އަނެއް ދުވަހަށް އިރުގެ އަލިކަން ފާޅުވަމުން ދިޔައިރު ގެއްލުނު ދެ ބެއިންގެތެރެއިން ހަނގު ޚަދީޖާ ފެނިއްޖެއެވެ. އޭރު އޭނާވަނީ ނިޔާވެފައެވެ. މަތިވެރި ﷲ އޭނާގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށިއެވެ.

ޚަދީޖާ ފެނުމާއެކު ލަސްނުކޮށް އެ ޖަނާޒާ ނިންމީމުއެވެ. ޖަނާޒާގެކުރިން އެޚަބަރު ޝޭޚު ޞިދުގީ އަށް ދެންނެވޭނޭ ފުރުޞަތެއް އަޅުގަނޑަށް ނުލިބުނީ ޖަނާޒާގެ މަސައްކަތުގައި އަޅުގަނޑުމެން އުޅެން ޖެހުމުންނެވެ. ޖަނާޒާގެފަހުން އެ ވާހަކަ ޝޭޚަށް ދެންނެވީމާ މަރުޙޫމާ ޚަދީޖާއަށް ހެޔޮދުޢާ ކުރެއްވިއެވެ. އަދި ޚަދީޖާގެ ދައްތަ މަރިޔަމުވެސް ފެންނާނޭކަމުގެ އުއްމީދު އޭނާއަށް ވަރަށް ބޮޑުކަމަށް ވިދާޅުވިއެވެ. އެކަންވީވެސް އެހެންނެވެ. އެ ދުވަހު މެންދުރުހާއިރު މަރިޔަމް ފެނުނެވެ. އޭރު އޭނާވެސްވަނީ ނިޔާވެފައެވެ. މަތިވެރި ﷲ މަރިޔަމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށިއެވެ.

މަރިޔަމްގެ ޖަނާޒާ ނިންމީވެސް ޚަދީޖާގެ ޖަނާޒާއެކޭ އެއްގޮތަށް ވަރަށް އަވަހަށެވެ. އެ ކުދިން ހޯދި މީހުންނާ ޖަނާޒާގެ ޖަމާޢަތްތެރިންނާ ވެރިންގެ ދެތިން ބޭފުޅެއް ފިޔަވައި އެއްވެސްމީހަކު އެކުދީން ނިޔާވެފައިވަނިކޮށް ނުދެކޭނެއެވެ. އެއީ ކުދިންގެ މައިންބަފައިންނާ ގާތްތިމާގެ މީހުންނާ ސްކޫލްގެ އެކުވެރިންނަށް ވެސް ޙާލަތާއި ވަގުތުގެ މުހިއްމުކަން ވިސްނުވައި ދެވުމުންނެވެ. އެ ކުދިންނަށް މިހާރު އެންމެ ބޭނުންބޮޑީ އަދި އެދެވިގެންވާ ގޮތަކީ އެންމެފަހުގެ އިޙްތިރާމަކަށް ކޮންމެހެން މޫނުދެކިލުން ނޫން ކަމަށާއި ބޭނުމީ ހެޔޮ ދުޢާކުރުން ކަމަށް ނަޞޭޙަތްތެރި ވެވުނެވެ.

މަރިޔަމްގެ ޖަނާޒާ ނިމުނުފަހުން ދެން އެންމެއަވަހަށް ޝޭޚު ޞިދުޤީގެ އަރިހަށް އަޅުގަނޑަށް ދެވުނުއިރު އޭނާއަށް އެ ޚަބަރު ލިބިވަޑައިގެންފައި ވެއެވެ. ވިދާޅުވިއެވެ.
“ފެނުތެރަށް ޣަރަޤުވެ ފުރާނަ ގެންދަވާ މީހުންނަކީޝަހީދުންގެ ތެރެއިން ބަޔެކެވެ. އެ ކުދީންނަށް އެދަރަޖަ ދެއްވާށިއެވެ. ނިޔާވި ދެބެއިންގެ ޛިކުރާ އާކޮށް ހެޔޮދުޢާކުރުމަށް ތައުބީންގެ ޖަލްސާއެއް ސްކޫލްގައި ބާއްވާށެވެ. އެޖަލްސާގައި ކިޔަވާނީ ކީރިތި ޤުރުއާނުގެ އާލު ޢިމްރާން ސޫރަތުގެ 169 ވަނަ އާޔަތުން ފެށިގެން އެ ސޫރަތުގެ 173ވަނަ އާޔަތުގެ ނިޔަލަށެވެ. އަދި އެ ކުދިންނަށް ހެޔޮދުޢާކުރުމަށް ކުރާނޭ ދުޢާއެއް ދޭނަމެވެ.”
ދެން ޢަރަބި ބަހުންނާއި ދިވެހި ބަހުން ދުޢާ ވިދާޅުވެދެއްވީމާ އަޅުގަނޑު ލިޔުނީއެވެ.

ޝޭޚު ޔޫސުފް ޞިދުޤީ ދެއްވި އިރުޝާދުގެމަތިން ލަސްނުކޮށް ޚަދީޖާއާ މަރިޔަމްގެ ތައުބީންގެ ޖަލްސާ ހުވަދޫ ސްކޫލްގައި ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދަނިކޮށް 10 ޖޫން 1981 (07 ޝަޢުބާން 1401) ދުވަހުގެރޭ ޝޭޚު ޔޫސުފު ޞިދުޤީ ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރައްވައިފިއެވެ. ނަޞީބު ދިމާކުރިގޮތުން އެ ވަގުތާއި އަޅުގަނޑާ ދިމާވިއެވެ. ކުއްލިއަކަށް ޝޭޚުގެ ޙާލު ބޮޑުވީކަމުގެ ޚަބަރުލިބިގެން އެގެއަށް އަޅުގަނޑު ދިޔުމުންނެވެ. އަޅުގަނޑާވެސް ބައެއް ވާހަކަ ދެއްކެވިއެވެ. ދެން އޭގެފަހުން ގިނައިރެއް ނުވެ ޝަހާދަތް ވިދާޅުވަމުން ގެންދަވަނިކޮށް އަވަހާރަވީއެވެ. އޭރު އޭނާގެ ބޭފުޅުންނާ ގާތްތިމާގެ ގިނަ ބަޔަކުވެސް އެ ތާނގައި ތިއްބެވިއެވެ. މަތިވެރި ﷲ އޭނާގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތްދެއްވާށިއެވެ.

ދުނިޔޭގައި ހިނގާ ކަންކަމުން ނިސްބަތުން މަދު މިންވަރެއްގެ ކަމެއް ނޫނީ އިންސާނުންގެ އުނގެނުމާއި ބުއްދިއަށް ހޯދައި ނުގަނެވެއެވެ. މީސްތަކުން ހީނުކުރާ ކަންކަން ހީނުކުރާ ގޮތްގޮތަށް ދުނިޔޭގައި ކުރިމަތިވެއެވެ. އެހެންވުމުން މީސްތަކުންގެ ފެންނަފަށުގައި ހިނގާ ކަންކަމަށް ބުއްދިއާއި ފިކުރުހިންގައި ޢިބްރަތެއް ލިބޭތޯ އުޅުމަކީ ހަމަ ކޮންމެ މީހަކަށްމެ އޮތް ކަމެކެވެ.

އޭގެ ފަހުން ދެ ދުވަހެއްގެ ތެރޭ ހުވަދޫ ސްކޫލްގައި ތައުބީންގެ ޖަލްސާ ބޭއްވީ އެ ސްކޫލްގެ ނިޔާވި ދެ ދަރިވަރުންގެ އިތުރަށް އެ ސްކޫލްގެ އަވަހާރަވި މުދައްރިސް ޝޭޚް ޔޫސުފު ޞިދުޤީގެ ޛިކުރާ އާކޮށް ހެޔޮދުޢާ ކުރުމަށެވެ. ޖަލްސާފެށުމުގެ ކުރިން ސްކޫލްގެ ހޯލާއި ގޯއްޗާއި ގޯތީގެ އިންފާރު މަތީގާ ވެސް މީހުންފުރިފައި ވަނިކޮށް ފެނުނެވެ. އެކަން އެހެންވާން ޖެހުނީ އެ ދުވަސްވަރުގެ ކިޔެވުން މޮޅު ސްކޫލަކަށް ވުމާ ގިނަ ދަރިވަރުންތަކެއް ސްކޫލްގާ އުޅުމާ ކައިރި ކައިރީގާ އެ ސްކޫލްގެ ދެ ދަރިވަރަކާއި މުދައްރިސަކު ވެސް ދުނިޔެ ދޫކުރެއްވުމާ ގުޅިގެންނެވެ.

ތައުބީންގެ ޖަލްސާ ފެއްޓީ އެންމެ މާތް ފެށުންކަމަށްވާ ކީރިތި ޤުރުއާން ކިޔެވުމުގެ ބަރަކާތުންނެވެ. މަރުޙޫމް ޝޭޚު ޞިދުޤީ އަވަހާރަވުމުގެ ކުރިން ވިދާޅުވެދެއްވި އާލު ޢިމްރާން ސޫރަތުގެ 169ވަނަ އާޔަތުން 173ވަނަ އާޔަތުގެ ނިޔަލަށް ކިޔެވީ ހުވަދޫ ސްކޫލްގެ ދަރިވަރު ތިނަދޫ ދިއްލަގީ ޒަޢީމާ މުޙައްމަދެވެ.  

وَلَاتَحۡسَبَنَّ ٱلَّذِينَ قُتِلُواْ فِىسَبِيلِ ٱللَّهِ أَمۡوَٲتَۢا‌ۚ بَلۡ أَحۡيَآءٌ عِندَ رَبِّهِمۡ يُرۡزَقُونَ (١٦٩) فَرِحِينَ بِمَآ ءَاتَٮٰهُمُ ٱللَّهُ مِنفَضۡلِهِۦ وَيَسۡتَبۡشِرُونَ بِٱلَّذِينَ لَمۡيَلۡحَقُواْ بِہِممِّنۡ خَلۡفِهِمۡ أَلَّاخَوۡفٌ عَلَيۡہِمۡ وَلَاهُمۡ يَحۡزَنُونَ (١٧٠) يَسۡتَبۡشِرُونَ بِنِعۡمَةٍ۬ مِّنَٱللَّهِ وَفَضۡلٍ۬ وَأَنَّٱللَّهَ لَا يُضِيعُأَجۡرَ ٱلۡمُؤۡمِنِينَ (١٧١) ٱلَّذِينَ ٱسۡتَجَابُواْ لِلَّهِوَٱلرَّسُولِ مِنۢبَعۡدِ مَآ أَصَابَہُمُ ٱلۡقَرۡحُ‌ۚ لِلَّذِينَ أَحۡسَنُواْ مِنۡہُمۡوَٱتَّقَوۡاْ أَجۡرٌعَظِيمٌ (١٧٢)ٱلَّذِينَ قَالَلَهُمُ ٱلنَّاسُ إِنَّٱلنَّاسَ قَدۡجَمَعُواْ لَكُمۡفَٱخۡشَوۡهُمۡ فَزَادَهُمۡ إِيمَـٰنً۬ا وَقَالُواْ حَسۡبُنَا ٱللَّهُوَنِعۡمَ ٱلۡوَڪِيلُ (١٧٣)فَٱنقَلَبُواْ بِنِعۡمَةٍ۬ مِّنَ ٱللَّهِوَفَضۡلٍ۬ لَّمۡيَمۡسَسۡہُمۡ سُوٓءٌ۬وَٱتَّبَعُواْ رِضۡوَٲنَ ٱللَّهِ‌ۗ وَٱللَّهُ ذُو فَضۡلٍعَظِيمٍ (١٧٤) إِنَّمَاذَٲلِكُمُ ٱلشَّيۡطَـٰنُ يُخَوِّفُ أَوۡلِيَآءَهُ ۥ فَلَا تَخَافُوهُمۡ وَخَافُونِ إِنكُنتُم مُّؤۡمِنِينَ (١٧٥) وَلَايَحۡزُنكَ ٱلَّذِينَ يُسَـٰرِعُونَ فِىٱلۡكُفۡرِ‌ۚ إِنَّهُمۡ لَن يَضُرُّواْ ٱللَّهَ شَيۡـًٔ۬ا‌ۗ يُرِيدُ ٱللَّهُأَلَّا يَجۡعَلَ لَهُمۡحَظًّ۬ا فِى ٱلۡأَخِرَةِ‌ۖ وَلَهُمۡ عَذَابٌعَظِيمٌ (١٧٦)إِنَّ ٱلَّذِينَ ٱشۡتَرَوُاْ ٱلۡكُفۡرَ بِٱلۡإِيمَـٰنِ لَن يَضُرُّواْ ٱللَّهَ شَيۡـًٔ۬ا وَلَهُمۡ عَذَابٌأَلِيمٌ۬ (١٧٧) وَلَايَحۡسَبَنَّ ٱلَّذِينَ كَفَرُوٓاْ أَنَّمَانُمۡلِى لَهُمۡ خَيۡرٌ۬لِّأَنفُسِہِمۡ‌ۚ إِنَّمَانُمۡلِى لَهُمۡ لِيَزۡدَادُوٓاْ إِثۡمً۬ا‌ۚ وَلَهُمۡعَذَابٌ۬ مُّهِينٌ۬ (١٧٨)مَّا كَانَ ٱللَّهُلِيَذَرَ ٱلۡمُؤۡمِنِينَ عَلَىٰ مَآأَنتُمۡ عَلَيۡهِ حَتَّىٰيَمِيزَ ٱلۡخَبِيثَ مِنَٱلطَّيِّبِ‌ۗ وَمَاكَانَ ٱللَّهُ لِيُطۡلِعَكُمۡ عَلَى ٱلۡغَيۡبِ وَلَـٰكِنَّ ٱللَّهَيَجۡتَبِى مِنرُّسُلِهِۦ مَنيَشَآءُ‌ۖ فَـَٔامِنُواْ بِٱللَّهِ وَرُسُلِهِۦ‌ۚ وَإِن تُؤۡمِنُواْ وَتَتَّقُواْ فَلَكُمۡأَجۡرٌ عَظِيمٌ۬ (١٧٩)

ޝަހީދުންނަށް ސުވަރުގޭގައި ހުރި މަތިވެރި ދަރަޖަ ބަޔާންކޮށްދެއްވައި ﷲ ސުބްޙާނަހޫ ވަތަޢާލާ ބާވައިލެއްވި ކީރިތި ޤުރުއާންގެ މިއާޔަތްތައް ސްކޫލްގެ ދަރިވަރު ޒަޢީމާ ކިޔަވަމުންދިޔަ އިރު އޭނާގެ އަޑަށް އަސަރުތަކެއްގެ އިޙްސާސް ކުރަމުން ދިޔުމާއެކު ހިނގާފައިވާ ހިތާމަވެރި ޙާދިސާ އެނގޭ، އޭގެ އަސަރުކޮށްފައި ތިބި އެހެން ދަރިވަރުންނަށް ވެސް އިތުރު ފުން އަސަރަކާ ކުރިމަތި ވިއެވެ.

ކީރިތި ޤުރުއާން ކިޔަވާ ނިމުމުން ޖަލްސާގެ ތަޢާރަފާއި ޖަލްސާގައި ވާހަކަދެއްކެވި އެހެން ބޭފުޅުންވެސް ވާހަކަފުޅު ދެއްކެވީ ވަރަށްބޮޑަށް އަސަރުކޮށްފައި ތިބި ދަރިވަރުންތަކާ ނިޔާވި ފަރާތްތަކުގެ މައިންބަފައިންނާ ލޮބުވެތިން އެ ތާނގައި ތިބިކަން ދެނެވަޑައިގެނެވެ. އެވިސްނުން ގެންގުޅުއްވޭތޯ ބައްލަވަމުންނެވެ. ތައުބީންގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވި އަތޮޅުވެރިޔާ ކެތީރޯޒް އަލްފާޟިލް މުޙައްމަދު ޝަރީފު އާއި ހުވަދޫ ސްކޫލްގެ އޭރުގެ ޕްރިންސިޕަލް ތިނަދޫ އަލިވާގެ އަލްފާޟިލް މުޙައްމަދު ޢަލީގެ ވާހަކަ ދެއްކެވުންވެސް އެތައްފަހަރަކު މެދުކެނޑުނެވެ. އެއީ ދަރިވަރުންނާ ބެލެނިވެރިންނާ އަދި ޚުދު އެ ބޭފުޅުންނަށް ވެސް ޙާދިސާގެ އަސަރުތަކެއް އިރުއިރުކޮޅާ ކުރެއްވެމުންނެވެ. ކުދިން ގިސްލައެވެ. މަޑުންނާއި ބާރަށްވެސް ރޯ ކުދިން ތިއްބެވެ. ދަރިވަރުން ނޫން އެންމެން ފެންކަޅިވެފައެވެ. ގިނަ ބަޔެއްގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހޭތަން ފެނެއެވެ.

ދުނިޔެ ދޫކޮށްލި ދެ ދަރިވަރުންގެ އަޚުލާގާއި ކިޔެވުމުގެ ރަނގަޅުކަމާ އެ ކުދިން މައިންބަފައިންނާ ގާތްތިމާގެ މީހުންނާ މުދައްރިސުންނާ އެކުވެރިންދެކެ ވާ ލޯތްބާ ކުރާ އިޙްތިރާމާ ގުޅޭގޮތުން ޖަލްސާގައި ފާޅުކުރަމުން އިވެމުން ދިޔަ ހުރިހާ ޝޫޢޫރެއް ގުޅިފައިވަނީ ކުރިމަތިވި ހިތްދަތި ހިތާމަވެރި ޙާދިސާއަށްކަމަށް ވާތީ ބައެއް ދަރިވަރުންނަށް މާ ބޮޑަށް އަސަރު ކުރީއެވެ. ގިސްލުމާ ރުއިމުގެ އަޑު ގަދަވުމުން އިރުއިރުކޮޅާ ޖަލްސާ މެދުކަނޑާލަން ޖެހެއެވެ. އެއްގޮތަކަށްވެސް އިތުރަށް ކުރިއަށް ނުގެންދެވޭ ހިސާބަށް ދިޔައީ ޖަލްސާގެ އެންމެފަހުގެ ނަމްބަރާ ހަމައިންނެވެ. ނިޔާވި ދެބެއިންގެ ހަނދާނުގައި މަޝްހޫރު ޝާޢިރު އަދި ހުވަދޫ ސްކޫލްގެ މުދައްރިސް އަލިދޯދި އަލްފާޟިލް ޢަބުދުﷲ ޢަފީފު ހައްދަވާފައިވާ ހަނދާނީ ހިތާމައިގެ ޅެމެއް ހިތާމަވެރި ރާގެއްގައި ތިނަދޫގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސްޓާރލިންގ މަރިޔަމް ޙިލްމީ ކިޔުއްވަން ފެއްޓެވުމުންނެވެ. އެންމެފަހުގެ ކަމަކަށް މިކަން ބޭއްވީވެސް އެ ހިސާބުން ދެން ވެދާނެގޮތެއް ކުރިން ވިސްނުމަށް ގެނެވުނީތީއެވެ. މިއީ އެ ޅެމެއްގެ އަޑު އެހީމާ ޚާއްޞަކޮށް އެ ހިތާމަވެރި ޙާދިސާ ހިނގި ދުވަސްކޮޅަށްވީމާ ނިޔާވި ދެ ކުދިންގެ ޢާއިލާއާއި އެ ކުދިންގެ އެކުވެރިންނަށް ކެތްކުރަން އިންތިހާއަށް ދަތި އަސަރުތަކެއް ކުރާނެ ޅެމެކެވެ.

މިޅެމަކީ އަމާ ބުނީތީ ފަރަށްދާ އުޞޫލުން ކޮންމެހެން ޅެމެއް ހަދަން ބުނީތީވެ ހެއްދެވި ޅެމެއްނޫން ކަމަށް ޢަފީފު ވިދާޅުވެއެވެ. ޅެމަކީ ހުވަދޫ ސްކޫލާ އަދި އޭނާގެ ޓިއުޝަން ކްލާހުންވެސް އޭނާ އުނގަންނައި ދެއްވަމުން ގެންދެވި ދެ ދަރިވަރެއްގެ ހިތާމަވެރި ޛިކުރާއަށް ވުމުން އެ ޅެން ހެއްދެވީ އޭގެ ތެރެއަށް ފަސޭހައިން ވަންނަވައި އެ ދުވަސްވަރު އަޑުއަހާ ބަޔެއްގެ ފުން އިޙުސާސާ ޖަޒުބާތާ ފަސޭހައިން ކުޅެލެވޭހާ މޮޅަށެވެ. އެ ފަހަރުގެ ޙާދިސާއާ ގުޅިގެން ޢަފީފު ހެއްދެވި ދެ ޅެމުން ޖަލްސާގައި ކިޔާފައިވަނީ އެއްޅެމެވެ. އަނެއް ޅެން ޖަލްސާގައި ކިޔުމަކީ ކުދީންނަށް މާބޮޑަށް ހިތްދަތިކަމެއް އަތުވެދާނެ ކަމަކަށް ވާތީ އެ ޅެން ޖަލްސާގައި ނުކިޔައެވެ. އެއީ އަތޮޅުވެރިޔާ ވެސް އެ ގޮތަށް މަޝްވަރާ ދެއްވީމައެވެ.

މަރިޔަމް ޙިލްމީ ޖަލްސާގައި ކިޔުއްވި ޅެން ނުނިމެނީސް ދެ ކުއްޖެއް އަނބުރައިގެން އުޅުނު ހަނދާނެއް އަޅުގަނޑު ވެއެވެ. އެ ކަން އެނގޭ އެހެންމީހުން މިހާރުވެސް ތިނަދޫގައި ތިބުން އެކަށީގެންވެއެވެ. އޭގެ އެތައް ދުވަހެއްގެ ފަހުންވެސް މަރިޔަމް ޙިލްމީ އެ ޅެން ކިޔުއްވި އަޑު އިވުނީމާ، ނިޔާވި އެ ދެކުދިންގެ ޢާއިލާއާ އެ ކުދިންގެ އެކުވެރި ކުދިން ވަރަށް ހިތްދަތިވެއެވެ. ތައުބީންގެ އެ ޖަލްސާ ނިންމާލަން ޖެހުނީ އެޖެންޑާގައި ކުރިއަށް ބައެއް ކަންކަން ހުއްޓައެވެ.


މަރުޙޫމާ ޚަދީޖާ ޙަސަނާއި މަރުޙޫމާ މަރިޔަމް ޙަސަނާއި، މި ކުދިންގެ ސްކޫލް މުދައްރިސް އައްޝައިޚު އަލްމަރުޙޫމް ޔޫސުފު ޞިދުޤީ އާއި އެ ކުދިން ސްކޫލްގައި ކިޔެވި ދުވަސްވަރުގެ ޕްރިންސިޕަލް އަލްފާޟިލް އަލްމަރުޙޫމް މުޙައްމަދުޢަލީގެ މަހާނަވަނީ ގާތް ގާތުގައެވެ. ތިނަދޫ ޤަބުރުސްތާނުގައެވެ. މަރިޔަމާއި ޚަދީޖާ އާއި ޝޭޚް ޞިދުޤީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވިތާ އަހަރު ތަކެއްގެފަހުން ހުވަދޫ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ޢަލީ ވެސް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީއެވެ. މަރިޔަމާއި ޚަދީޖާގެ މަހާނަވަނީ އެ ކުދިންގެ ޕްރިންސިޕަލާއި މުދައްރިސާއި ދޭތެރޭގައެވެ. މި ޕެރެގްރާފްގެ މަތީގެ ފޮޓޯގެ މަހާނަގަލުގައި ނަން ޕްލޭޓް އެ ފެންނަނީ ހުވަދޫ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް އަލްމަރުޙޫމް މުޙައްމަދު ޢަލީގެ މަހާނައެވެ. އެ މަހާނައިގެ ވާތް ފަރާތުން ހުސްކޮށް އޮތް ތާނގައި މަރުޙޫމާ ޚަދީޖާ އާއި މަރިޔަމާއި އަދި އެ ކުދިންގެ މުދައްރިސްގެ މަހާނައެވެ.

ތެދެކެވެ. ދުނިޔޭގައި ހިނގާ ކަންކަމުން ނިސްބަތުން މަދު މިންވަރެއްގެ ކަމެއް ނޫނީ އިންސާނުންގެ އުނގެނުމާ ބުއްދިއަށް ހޯދައި ނުގަނެވެއެވެ. މީސްތަކުން ހީނުކުރާ ކަންކަން ހީނުކުރާ ގޮތްގޮތަށް ދުނިޔޭގައި ކުރިމަތިވެއެވެ. އެހެންވުމުން މީސްތަކުންގެ ފެންނަ ފަށުގައި ހިނގާ ކަންކަމަށް ބުއްދިއާ ފިކުރު ހިންގައި ޢިބްރަތެއް ލިބޭތޯ އުޅުމަކީ ހަމަ ކޮންމެ މީހަކަށްމެ އޮތް ކަމެކެވެ.

1981 ވަނަ އަހަރުގެ ޝަހީދުންގެ ދުވަސް ތިނަދޫ ހުވަދޫ ސްކޫލްގައި ފާހަގަކުރުމުގެ ކުލަގަދަ ތައްޔާރީތައް ހިނގަމުންދިޔަ އިރު “ތިމަންނާމެންވެސް ޝަހީދުންނަށްވާނެ ނަމަ، ކޮންފަދަ ރަނގަޅުތޯ” މަރުޙޫމާ މަރިޔަމް މެން ބުނިކަމަށް އެ ސްކޫލްގެ ދަރިވަރުންނާއި ރަށުގެ ގިނަ ބަޔެއްގެ ތެރޭ ވާހަކަ ދެކެވެއެވެ.

ހުވަދޫ ސްކޫލްގައި ތައުބީންގެ ޖަލްސާ ބޭއްވުމަށް ޝޭޚް ޞިދުޤީ ކުރިން ދެއްވި އިރުޝާދާ އެއްގޮތަށް ބޭއްވުނު ޖަލްސާއަކީ ނިޔާވި ހުވަދޫ ސްކޫލްގެ ދެ ދަރިވަރުންގެ އިތުރަށް ހުވަދޫ ސްކޫލްގެ މުދައްރިސް ޚުދު ޝޭޚް ޞިދުޤީވެސް ހިމެނޭ ތައުބީންގެ ޖަލްސާއަކަށްވީ ކަމީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަ ކަމެވެ. ދުނިޔޭގެ ކަންކަން ހިނގައި ނިމިގެންދާ ގޮތުގައި މީސްތަކުން ލިބިގަންނަށް ޖެހޭ ވަރަށްބޮޑު ފިލާވަޅެކެވެ. ވަރަށްބޮޑު ޢިބްރަތެކެވެ. މިހެނީ އެ ކަންކަމަކީ އެހެން ހިނގާނެކަން އޭގެ ކުރިން ކާކަށް ކޮން ގޮތަކުން ވިސްނިފައި އޮންނާނެކަމެއް ހެއްޔެވެ. ޢިބްރަތްލިބުން ވަނީ ވިސްނާ ބަޔަކަށެވެ. (ނިމުނީ)
                              ----------------------
ޢަބުދުﷲ ޙިލްމީ
16/1/2013