އިންޑިއާ ކަނޑަށް ބާރުގަދަ ބިންހެލުމެއް ގެނައި ބޮޑު ސިޙުރު










ހުވަދުއަތޮޅުގައި އުފެދުނު ސިޙުރުވެރިންގެ ތެރެއިން އެންމެ މަޝްހޫރު ސިޙުރުވެރިއަކީ، ޙަކީމްދީދީ އެވެ. އެހެނަސް އޭނާއަށްވުރެ މާމޮޅު ސިޙުރުވެރިން ހުވަދުއަތޮޅުގައި އުފެދިފައި ވެ އެވެ. އެއިން އެކަކީ، ހުވަދުއަތޮޅު މާމެންދޫ ދޮންތަކުރުފާނުގެ ތުއްތު އެވެ. ހުވަދުއަތޮޅު ދާންދޫ ވާރުގޭ އޮޑި ފައްތާލުމަށްޓަކައި އޭނާ ހެދި ސިޙުރަކީ އިންޑިއާ ކަނޑުގެ ބޮޑު ހިސާބަކަށް ފެތުރިގެންދިޔަ ބާރުގަދަ ބިންހެލުމެއް ގެނުވި ސިޙުރެއް ކަމަށް ބުނެވެ އެވެ. އެވާހަކަ ކިޔައިދޭ މީހުންގެ ބަހުން ދޭހަވާ ގޮތުގައި، އެ ހާދިސާ ހިނގާފައިވަނީ، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެވެ. ދުނިޔޭގެ ބިންހެލުމުގެ ތާރީޚަށް ބަލާއިރު، އެދުވަސްވަރު އިންޑިއާކަނޑުގެ އެކި ސަރަޙައްދުތަކަށް ބާރުގަދަ ބިންހެލުންތައް އައިސްފައިވާކަން އެނގެ އެވެ.

ވާހަކަ ކިޔައިދޭ މީހުންގެ ބަހުން އެނގޭ ގޮތުގައި، ދޮންތަކުރުފާނުގެ ތުއްތު، ދާންދޫ ވާރުގޭ އޮޑި ފައްތާލުމަށްޓަކައި ހެދި ސިޙުރުގައި ބޭނުންކޮށްފައިވާ މައިގަނޑު އެއްޗިއްސަކީ، ހިކާއަކާއި، ފެންލޯގަނޑަކާއި، ތަވީދެކެވެ. ބުނެވޭ ގޮތުގައި، ތުއްތު، ހިކާ ހިފާފައިވަނީ ވެސް އިރުވަރު ބަލައިގެން ވަކި ސާޢަތެއްގަ އެވެ. އެއަށްފަހު، އެ ހިކާ ވަޅުފެނަށް ދިރުވި އެވެ. އަދި ފެން ލޯގަނޑެއްގެ ތެރޭގައި ދުވަސްތަކެއް ވަންދެން އޭތި ގެންގުޅެ، އެއަށް އެކި ޒާތްޒާތުގެ ސިޙުރު ހެދި އެވެ. އެންމެފަހުން ކުރި ކަމަކީ، ތަވީދެއް ލިޔެފައި، އެ ތަވީދު، އެއަށް ކާންދިނުމެވެ.

ހިކާއަށް ހަދަންޖެހޭ ހުރިހައި ސިޙުރެއް ހަދައި ނިމުމުން، އެ ސޮރު، ފެންލޯގަނޑާއެކު ހިފައިގެން ތުއްތު ދިޔައީ ފުއްޓަރު ފަރާތަކަށެވެ. ވަގުތަކީ، ދެނަމާދު ދޭތެރެ އެވެ. މަޣުރިބު ނަމާދާއި ޢިޝާނަމާދާ ދެމެދުގެ ވަގުތެވެ. އާންމު ގޮތެއްގައި އެއީ ރަށުތެރޭގައި މީހުން މަދުވާ ވަގުތެކެވެ. އޭރު ރަށުގައި ފުޅާ މަގުތަކެއް ހަދާފައެއް ނުވެ އެވެ. އަތިރިމައްޗަށް ދާން އޮންނަ މަގުން ހިނގާފައިދާއިރު، މަގު ހަނިކަމުން، ދެފަރާތުގައި ހެދިފައިވާ ވިނައާއި ގަސްތައް ގައިގައި ކޭއްތޭ ކަމަށް ބުނެވެ އެވެ. އެހައި ހަނި މަގަކުން، ތުއްތު ހިނގާފައި ދިޔައީ ނުހަނު ސިއްރިޔާތުގަ އެވެ. ފުއްޓަރު ފަރާތުގެ ރާޅުމުގުރާ ހިސާބަށް ގޮސް، އެހިސާބުގައި އޭނާ އިރުކޮޅަކު އިންތިޒާރުކުރަންޖެހުނެވެ. ރާޅުމުގުރާ ހިސާބުން ބޭރަށް ހިކާ އެއްލާލާނެ ދަނޑިވަޅެއް ހޯދުމަށްޓަކަ އެވެ.

ތުއްތު އިންތިޒާރުކުރި ދަނޑިވަޅު ލިބުމުން، ރާޅު ބިންދާ ހިސާބުން ބޭރަށް ފެންލޯގަނޑުގައިވާ ފެނާއެކު ހިކާ އެއްލާލި އެވެ. އެހިނދު، މާސިންގާ ބިޔަ ކަޅު ވެނެއް ކަހަލަ މަހެއް ތިލަވެފައި، އެ ހިކާ ކާލި އެވެ! މިއީ، އޭނާ ހެދި ސިޙުރު ކާމިޔާބުކަމުގެ ފުރަތަމަ ޢަލާމާތެވެ. މިކަން ހިނގުމުން، އުފަލުން ހެނމުން ހެނމުން ރަށަށް އެރުމަށްޓަކައި ހިނގައިގަތީ، އެ ސިޙުރު ކާމިޔާބުކަމުގެ ދެވަނަ ޢަލާމާތް ދުށުމަށްޓަކަ އެވެ. ހިނގަމުން ހިނގަމުން ގޮސް އޭނާގެ އެއް ފައި މޫދުގައި، އަނެއް ފައި ރަށުގެ ދޮންވެލިގަނޑުގައި ޖެހުނުތަނާ ބިންހެލުމެއް އަޔެވެ. މިއީ، އޭނާގެ ސިޙުރު ކާމިޔާބުކަމުގެ ދެވަނަ ޢަލާމާތެވެ. އެހެނަސް ބިންހެލުމުގެ ބާރުގަދަކަމުން އޭނާއަށް ބިންމަތީގައި ކޮއްޅަށް ނުހުރެވުނެވެ. ރަށުތެރެއަށް އެރުމަށްޓަކައި އޭނާ ދާންޖެހުނީ ފިރުކިފަ އެވެ. އެހިނދު، އޭނާގެ ހިތަށް ބިރުވެރިކަން ވަނެވެ.

ތުއްތު ބުނިކަމަށް ވާހަކަ ކިޔައިދޭ މީހުން ބުނެފައިވަނީ، އެ ބިންހެލުން އެހައި ބާރަށް އައުމުން، ތުއްތުއަށް ހީކުރެވުނީ އެއީ އޭނާ ހެދި ސިޙުރުގެ ނުބައިކަން ބޮޑުކަމުން މާތް ﷲ އޭނާގެ މައްޗަށް ފޮނުއްވި ބޮޑުވެގެންވާ ކޯފާއެއް ކަމަށެވެ!

ތުއްތު ބިންމަތީގައި ފިރުކިފައި ނުވަތަ ދެކަލުލާއި ދެއަތްމަތީގައި އޮވެ، މީހުން ދިރިއުޅޭ ހިސާބަށް ދިއުމަށްޓަކައި ދުވަމުންދިޔައީ، މިނިކާ ވަގެއްގެ ކިބައިން ސަލާމަތްވުމަށްޓަކައި ފިލަންދުވާ ޖަނަވާރެއްހެންނެވެ. އޭރު އޭނާ ވަނީ، ގަތްބިރުން ވާނުވާ ނޭނގޭވަރު ވެފަ އެވެ!

ތުއްތު ބުނި ކަމަށް ވާހަކަ ކިޔައިދޭ މީހުން ބުނެފައިވަނީ، މީހުން ދިރިއުޅޭ ހިސާބަށް ދެވުމުން އޭނާއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނު ކަމަށެވެ. ކުރިން އޭނާ ހީކުރި ގޮތާ ޚިލާފަށް، އެއީ މުޅި ރަށަށް އައި ބިންހެލުމެއްކަން އެނގުމުންނެވެ. ކުރިން އޭނާ ހީކުރީ އެއީ، އޭނާ ހެދި ސިޙުރުގެ ނުބައިކަން ބޮޑުކަމުން މާތް ﷲ، އޭނާގެ މައްޗަށް ފޮނުއްވި ބޮޑުވެގެންވާ ކޯފާއެއް ކަމަށެވެ!

ބުނެވޭ ގޮތުގައި، އެ ބިންހެލުމުގެ ސަބަބުން ގެދޮރަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބުނެވެ. އެ ބިންހެލުން އައި ރޭ، މީހުން ޅަދަރިން ގޮވައިގެން ގެއިން ނުކުމެ މަގުމަތީގައި ތިބި ކަމަށް ވެސް ބުނެވެ އެވެ. އޭރު ތިބި ތަންދޮރުދަންނަ މީހުން ބުނި ގޮތުގައި، އެ ބިންހެލުމަކީ، ބިންމަތީގައި މީހުން މާ ނުބައިކޮށް އުޅޭތީ ބިމުގެ އަޑީގައިވާ އަލިފާން ފަރުބަދަތައް ރުޅިއައިސްގެން ކެކެންފެށުމުން އައި ބިންހެލުމެކެވެ. އެއިން ސަލާމަތްވެވޭނީ، ތައުބާވެ، ދުޢާކޮށް، މީހުން ތެދުމަގަށް ރުޖޫޢަވުމުންނެވެ. އެހެންކަމުން ގޮދޮރު ދޫކޮށްފައި މަގުމައްޗަށް ނިކުތް މީހުން، ޚާއްޞަކޮށް ފިރިހެނުން ބިންމަތީގައި ދެ ކަކޫ ޖަހައިގެން ތިބެ، ދުޢާކޮށް ޒިކުރުކުރި ކަމަށް ބުނެވެ އެވެ. އަދި އެއްބަޔަކު މިސްކިތްދޮށަށްގޮސް ތިބެ، ކީރިތި ޤުރުއާން ކިޔަވައި، ދުޢާކުރި ކަމަށް ވެސް ބުނެވެ އެވެ. ބިންހެލުން ނިމުމަކަށް އައީ، މީހުން ތައުބާވެ، އެފަދަ އެތައް ހެޔޮކަމެއް ކުރި ފަހުންނެވެ.

ލިޔެވިދިޔައީ، ސިޙުރު ހެދި ތުއްތުއާއި، ތުއްތު ހުރި ރަށުގެ މީހުންގެ ވާހަކަ އެވެ. ދެން ބަލައިލާނީ، ތުއްތު ސިޙުރު ހެދި، އޮޑީގެ ވާހަކަ އަށެވެ.

ބުނެވޭ ގޮތުގައި، އޭރު ހުވަދުއަތޮޅުގައި ސިލޯނަށް ދަތުރުކުރާ 25 (ފަންސަވީސް) އޮޑި ވެ އެވެ. އެއިން އެންމެ ހައިބަތު ބޮޑު، އެންމެ ބާރަށް ދުވާ އެއް އޮޑިއަކީ، ދާންދޫ ވާރުގޭ އޮޑި އެވެ. އެ އޮޑި ސިލޯނުން ފުރީ ނިލަންދޫ އޮޑިއާ އެކުގަ އެވެ. އެހެނަސް އެނބުރި ރަށަށް އައީ ނިލަންދޫ އޮޑި އެވެ. ދާންދޫ އޮޑިއަށް ވީ ގޮތުގެ ޚަބަރުތައް އޮޅުންފިލީ، ނިލަންދޫ އޮޑީގެ މީހުންގެ ކިބައިންނެވެ. އެމީހުންގެ ވާހައިން އެނގުނު ގޮތުގައި ދާންދޫ ވާރުގޭ އޮޑި ހަލާކުވެގެން ދިޔައީ، މާމެންދޫ ދޮންތަކުރުފާނުގެ ތުއްތު ސިޙުރުހެދި ރޭގަ އެވެ! އެއީ، ބިންހެލުން އައި ރެ އެވެ!

ދާންދޫ ވާރުގޭ އޮޑި ހަލާކުވެގެންދިޔަ ގޮތުގެ ވާހަކަ، ނިލަންދޫ އޮޑީގެ ދެބަޔަކު ދެ ގޮތަކަށް ކިޔައިދިން ކަމަށް ބުނެވެ އެވެ. އެއްބަޔަކު ބުނި ގޮތުގައި، މާސިންގާ ބިޔަ މަހެއް އައިސް އެ އޮޑި ކާލިތަން އެމީހުންނަށް ފެނުނެވެ. އަނެއް ބަޔަކު ބުނި ގޮތުގައި އެމީހުންނަށް ފެނުނީ އެ އޮޑި އަޑިޔަށްދިޔަ ތަނެވެ. އެހެނަސް އެ ދެބައިމީހުން އެއްގޮތަކަށް ދައްކާ ވާހަކަތަކެއް ވެސް ވެ އެވެ.

އެމީހުން ބުނި ގޮތުގައި، ދާންދޫ ވާރުގޭ އޮޑިއާއި، ނިލަންދޫ އޮޑި ފުރީ އެކުއެކީގަ އެވެ. ދެ އޮޑި ދަތުރުކުރަމުން ދިޔައީވެސް އެކުއެކީގަ އެވެ. ދެ އޮޑި އޮތީވެސް ނުހަނު ކައިރީގަ އެވެ. ވާރުގޭ އޮޑިއަށް ކޮންމެވެސް މުޞީބާތެއް ކުރިމަތިވީ ކުއްލިއަކަށެވެ. އެކަން އެއޮޑީގައި ތިބި މީހުން ނިލަންދޫ އޮޑީގައި ތިބި މީހުންނަށް އެންގި އެވެ. އެކަމަކު ކުރިމަތިވީ ކޮންކަހަލަ މުޞީބާތެއް ކަމެއް އޮޅުންފިލުވައެއް ނުދެވުނެވެ. އެކަންކުރުމަށް ވަގުތު ނުލިބުމުގެ ސަބަބުންނެވެ. އެއީ، ނިޔާމަ ދަތުރެއް ކުރަމުންދަނިކޮށް ކުއްލިއަކަށް ކުރިމަތިވި ކަމެއް ކަމުގައި ވާތީ އެވެ. އެކަން ކުރިމަތިވުމާއި، އޮޑި ފެތުމާ ދެމެދުގައި ނުވަތަ އޮޑި ގެއްލުމާ ދެމެދުގައި ގިނަ އިރުތަކެއް ނުވެ އެވެ.

ދެބައިމީހުންގެ ވާހަކައަށް ބަލާއިރު، ދާންދޫ ވާރުގޭ އޮޑިއަށް އެއްޗެއް ހަމަލަދިންކަމަށް ގަބޫލުކުރެ އެވެ. އޮޑި ފެތުނުކަމަށް ބުނާ މީހުންގެ ބަހުން ވެސް ދޭހަވަނީ އެއްޗެއް އައިސް އޮޑި ފައްތައިލިކަމަށެވެ. ނުވަތަ އޮޑީގައި ހިފައިގެން އަޑިއަށްދިޔަ ކަމަށެވެ.

މީގެ ތެރެއަށް އިތުރުކޮށްލަންޖެހޭ ތިންވަނަ ވާހަކައެއް ވެސް ވެ އެވެ. އެއީ، ތިން އޮޑި ކޮޅުނބަށް ދިޔަ ކަމަށާއި، އެނބުރި އައީ ދެ އޮޑި ކަމަށް ބުނާ ވާހަކަ އެވެ. އެ ވާހަކަ ބުނާ ގޮތުގައި، އެނބުރި ނާންނަ އޮޑިއަކީ، ދާންދޫ ވާރުގޭ އޮޑި އެވެ. އަދި އެ އޮޑި ހަލާކުވީ، ދެވަނަ ބޮޑު ހަނގުރާމައިގެ ޙަމަލައެއްގެ ސަބަބުންނެވެ. ޞައްޙަ ރައުޔަކީ، މި ރައުޔު ކަމަށް ވުން ގާތެވެ. އެހެނަސް، ދޮންތަކުރުފާނުގެ ތުއްތު ސިޙުރު ހެދި ރެއާ، ދާންދޫ އޮޑި ހަލާކުވި ރެއާ ދިމާވާ ކަމަށް ބުނެވޭތީ، އެކަން ވެސް ފާހަގަކޮށްލަންޖެހެ އެވެ. ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ، ޢަމަލީ ގޮތުން ފެށިފައިވަނީ، 1 ސެޕްޓެމްބަރ 1939 ގަ އެވެ. ނިމިފައިވަނީ 2 ސެޕްޓެމްބަރ 1945 ގަ އެވެ. މި ތާރީޚަށް ބަލާއިރު، މާމެންދޫ ދޮންތަކުރުފާނުގެ ތުއްތު، ސިޙުރު ހަދާފައިވާނީ މި ދުވަސްވަރު ކަމަށާއި، ދާންދޫ ވާރުގޭ އޮޑި ގެއްލިފައި ވާނީ ވެސް މި ދުވަސްވަރު ކަން އެނގެ އެވެ.

ދޮންތަކުރުފާނުގެ ތުއްތު ކިޔެވީ، މީދޫ އައިސާބީގެ ދަރު އަލްޚަޠީބު އައްޝައިޚް ޙުސައިން ތަކުރުފާނުގެ ދަރިކަލުން ފަޟީލަތުއްޝައިޚު އަލްޢައްލާމާ އިބްރާހިމް ތަކުރުފާނު ގެ އަރިހުންނެވެ. އެ ތަކުރުފާނުގެ މަޝްހޫރުވެފައިވަނީ، ދޮންބެއްޔާގެ ނަމުންނެވެ. ބައެއް މަޞްދަރުތައް ބުނާ ގޮތުގައި އެ ތަކުރުފާނު ދުނިޔޭގައި އުޅުއްވީ، މީލާދީ ސަނަތުން 1828 ވަނަ އަހަރުން ފެށިގެން 1916 ވަނަ އަހަރާ ހަމައަށެވެ. ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނަކީ ވެސް އެ ތަކުރުފާނުގެ ދަރިވަރެކެވެ. އެ ތަކުރުފާނަކީ، ޢިލްމާއި، ހުނަރާއި، މަސައްކަތްތެރިކަމާއި، އުޅުމާއި، ގުޅުމާއި، އަޚުލާޤުގެ ގޮތުން ނަމޫނާ ޝަޚުޞިއްޔަތެކެވެ. އެ ތަކުރުފާނުގެ އަރިހުން ދަރިވަރުވި ހުރިހައި ދަރިވަރުން ހިނގާފައިވަނީ، އެއް މަގަކުން ނޫނެވެ. ބައެއް ދަރިވަރުން ޢިލްމީ ގޮތުން ޤައުމަށް ޚިދުމަތްކުރުމުގެ މަގުން ހިނގައިދިޔައިރު، ބައެއް ދަރިވަރުން ހިނގާފައިވަނީ ސިޙުރުހެދުމާއި ޤައުމު ފަނާކުރުމުގެ މަގުގަ އެވެ.

ދޮންބެއްޔާގެ ޢުމަރަށް ބަލާއިރު، ދޮންތަކުރުފާނުގެ ތުއްތު، ވިހިވަނަ ޤަރުނުގެ ސާޅީހުގެ އަހަރުތަކުގައި ދުނިޔޭގައި އުޅޭނެކަމަށް ޤަބޫލުކުރެވެ އެވެ. އެހެންކަމުން، ތުއްތު ހެދި ސިޙުރާއި، އެ ސިޙުރުގެ ސަބަބުން އައި ކަމަށް ބުނެވޭ ބޮޑު ބިންހެލުމަކީ، ވިހިވަނަ ޤަރުނުގެ ތިރީހުގެ އަހަރުތަކުގެ ފަހުކޮޅުގައި ނުވަތަ އެ ޤަރުނުގެ ސާޅީހުގެ އަހަރުތަކުގެ ކުރީކޮޅުގައި އައިސްފައިވާ ބިންހެލުމެއް ކަމަށް ލަފާކުރެވެ އެވެ. މި ތާރީޚު އިތުރަށް ކަށަވަރުކުރެވިދާނެ އިތުރު ގޮތްތައް ވެ އެވެ. އެއްގޮތަކީ، ދާންދޫ ވާރުގޭ އޮޑި ގެއްލުނު ތާރީޚު ހޯދުމެވެ. އަނެއް ގޮތަކީ، ދިވެހިރާއްޖޭގެ ގަޑިން މަޣުރިބު ނަމާދާއި ޢިޝާ ނަމާދާ ދެމެދުގެ ވަގުތެއްގައި އައިސްފައިވާ ބިންހެލުންތައް ދިރާސާކުރުމެވެ. އަދި މިނޫން ގޮތަކުން ވެސް އެ ތާރީޚު ކަށަވަރުކުރެވިދާނެ އެވެ.

މި ލިއުމުގެ މަޤުޞަދަކީ، ދޫދޫމަތިން ވާރުތަވަމުން އަންނަ ތާރީޚީ ވާހަކައެއް ނަކަލުކުރުމެވެ. ފަހަރެއްގައިވެސް، ދޮންތަކުރުފާނުގެ ތުއްތު ހެދި ސިޙުރެއްގެ ސަބަބުން އިންޑިއާ ކަނޑަށް ނުވަތަ ދިވެހިރާއްޖެއަށް ބޮޑު ބިންހެލުމެއް އައިކަމަށް ބުނެ، އެކަން ޔަޤީންކޮށްދިނުމެއް ނޫނެވެ. ބިންހެލުން އައި ވަގުތާއި، ތުއްތު ސިޙުރު ހެދި ވަގުތާ ދިމާވެފައިވަނީ، އިލާހީ އިރާދައިގެ ޙިކުމަތްތެރިކަމުން ކަމަށް ޤަބޫލުކުރެވެ އެވެ. ނުވަތަ އޭނާ ސިޙުރު ހެދި ރޭއާއި، ދާންދޫ ވާރުގޭ އޮޑިއަށް ބޮނޑު ހަނގުރާމައިގެ ހަމަލައެއް އެރި ރެއާ ދިމާވެފައިވަނީ ކަމަށް ވެސް ވެދާނެ އެވެ.

ތާރީޚީ ޙަޤީޤަތްތަކުގެ ގޮތުގައި ދެމިއޮންނާނީ، ހިނގައިދިޔަ ކަންތައްތަކެވެ. މާމެންދޫ ދޮންތަކުރުފާނުގެ ތުއްތު، ދާންދޫ ވާރުގޭ އޮޑި ހަލާކުކޮށްލުމަށްޓަކައި ސިޙުރުހެދި ކަމެވެ. އޭނާ ހެދި ސިޙުރު ކަނޑަށް އެއްލާލުމަށްފަހު، އެނބުރި އައިސް ރަށަށް އެރި ވަގުތު ބާރުގަދަ ބިންހެލުމެއް އައިކަމެވެ. އޭނާ ސިޙުރުހެދި ރެއާ، ދާންދޫ ވާރުގޭ އޮޑި ހަލާކުވި ރެއާ ދިމާވާ ކަމެވެ. އެދުވަސްވަރަކީ، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ކަމެވެ. ދާންދޫ ވާރުގޭ އޮޑިއަށް ވީގޮތް ބުނެދޭ އެހެން ވާހަކައެއް ނުވަތަ އެ އޮޑީގެ ތާރީޚު ދެނެވަޑައިގަންނަވާ ބޭފުޅެއްގެ ޚިޔާލުފުޅެއް ލިބިއްޖެނަމަ، މިކަމާބެހޭ މަޢުލޫމާތު ތަނަސްވެ، އިތުރަށް އޮޅުންފިލާނެކަން ކަށަވަރެވެ. ފަހެ، އެފަދަ ބޭފުޅަކު "އަޑު ފޯރާ ފަށުގައި" އެބަހުންނެވިތޯ އެވެ؟
                             ---------------------

މުޞަންނިފު: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން