ހުވަދުއަތޮޅު ތިނަދޫ އަބޫބަކުރު ސްކޫލް

ހުވަދުއަތޮޅު ތިނަދޫގެ ޗަސްބިން ހިއްކަވައި އެ ތާނގައި ދިވެހި ސަރުކާރުން ޢިމާރާތްކުރައްވައި 13 ޖޫން 2004މ. ގައި ހުޅުއްވެވި "އަބޫބަކުރު ސްކޫލް" އަކީ، ކިޔަވައިދޭން ފެށުނުތާ ކުރު މުއްދަތެއްގެ ތެރޭ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ސްކޫލެކެވެ. ކިޔަވައިދިނުމާއި އެހެނިހެން ކަންކަމުގައި ރާއްޖޭގެ ރަށްރަށުގައި ހިންގަމުންގެންދާ ޕްރައިމަރީ ސްކޫލްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ސްކޫލަކީ ތިނަދޫ "އަބޫބަކުރު ސްކޫލް" ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވެސް ފާހަގަކުރައްވައި އެކަމަށް ތަޢުރީފުކުރައްވައި ހިތްވަރު ދެއްވާފައިވެއެވެ.

ތިނަދޫ އަބޫބަކުރު ސްކޫލްގެ ނަން ނިސްބަތްވާ ފަރާތްޕުޅާއި އަދި އެ ފަރާތްޕުޅުން ދިވެހި ގައުމަށް ކޮށްދެއްވި ޚިދުމަތުގެ ބަރުދަނަކީ ކޮބައިކަމެއް ރަނގަޅަށް ނޭގޭ މީހުން މަދެއްނޫނެވެ.

ހުވަދުއަތޮޅު ތިނަދޫ "އަބޫބަކުރު ސްކޫލް" ނިސްބަތްވަނީ ހުވަދޫ އަބޫބަކުރު ފަނޑިޔާރު ތަކުރުފާނަށެވެ. އެ ތަކުރުފާނަކީ ވާދޫ ދަންނަކަލޭގެފާނު އުފެއްދެވި އިސްލާމީ ޢިލްމުގެ އެންމެއަލިގަދަ ތިން ދަންމަރުން ކުރެ އެއް ދަންމަރެވެ. ވާދޫ ދަންނަކަލޭގެފާނު އުފެއްދެވި އިސްލާމީޢިލްމުގެ އެންމެއަލިގަދަ ތިން ދަންމަރަކީ ހުވަދޫ އަބޫބަކުރު ފަނޑިޔާރު ތަކުރުފާނާއި، އައްޑޫ ޝަމްސުއްދީން ފަނޑިޔާރު ތަކުރުފާނާއި، އަދި މުލަކު ދޫޑިގަމު އެދުރު ކަލޭގެފާނެވެ. އެ ދުވަހުއްސުރެ މިއަދާހަމައަށް ވެސް އެ އަލިގަދަ އިސްލާމީ ޢިލްމުގެ ތިން ދަންމަރުގެ ވިދުވަރު، ރާއްޖޭގެ ކަންކޮޅުތަކުން ފިލައިގެން ނުދާކަމަށް ޤަބޫލުކުރެވެއެވެ.


ދިވެހިރާއްޖެ ޢިލްމުން ހުސްވެ ޖަހާލަތުގެ އަނދިރިކަމަށް އަނބުރައި ރުޖޫޢަ ވެދާނެކަމުގެ ބިރެއް ނޯންނާނެ ހިސާބަށް ގެންދެވިއެވެ. މިހެނީ ދަންނަކަލޭގެފާނުގެ ދަރިވަރުންނާއި، ދަރިވަރުންގެ ދަރިވަރުންނާއި، މިމީސްމީހުންގެ ދަރިވަރުންނާއި، މިދަރިވަރުންގެ ކިބައިން އުނގެނުނު ދަރިވަރުންނާއި، އަދި އެނޫން ވެސް ޢިލްމީ ހިޔާވެހިކަމުގެ ތެރެއިން އުނގެނުނު ދަރިވަރުންގެ އުނގެނުމާއި އުނގަންނައިދިނުން ވެސް ހުއްޓުމެއް ނެތި މިދަނީއެވެ. 

ޝައިޚުލް އުސްތާޛު ޙުސައިން ޞަލާޙުއްދީން ލިޔުއްވި "އައްސުލްޠާނު އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމު ސިރީ ސަވާދީއްތަ މަހާރަދުން" މި ފޮތުގެ 283 ވަނަ ޞ.ގައި އެމަނިކުފާނު ލިޔުއްވަނީ [ކޮރަލިތަކުރުގެ އަބޫބަކުރު ފަޑިޔާރު ތަކުރުފާނުން ނިޔައުވީމާ ދެން ފަޑިޔާރުކަމަށް އިސްވީ ހުވަދޫ އަބޫބަކުރު ފަޑިޔާރު ތަކުރުފާނެވެ. އުތީމު ސަވާދީއްތަ މަހާރަދުންގެ ރަސްކަމުގެ ފަހުކޮޅުގައްޔާއި ކަލާފާނު ރަސްކަމުގެ އިހުކޮޅުގައި ފަޑިޔާރުކަމުގައި ހުންނެވީ މި އަބޫބަކުރު ފަޑިޔާރު ތަކުރުފާނެވެ. ކަލާފާނު ޢަރަބި ކިޔަވާވިދާޅުވެ ޢިލްމުވެރިވީ މި ތަކުރުފާނުންގެ އަރިހުންނެވެ.]

ޝައިޚު ޞަލާޙުއްދީންގެ ލިޔުއްވުމުގައި އެވާ ފަނޑިޔާރުކަމަށް އަބޫބަކުރު ފަނޑިޔާރު ތަކުރުފާނު އިސްކުރެއްވުމުގައި ވާދޫ ދަންނަކަލޭގެފާނުގެ ފަރާތްޕުޅުން ޣާޒީ ރަދުންނަށް އެއްވެސް އިޝާރާތެއް މަޝްވަރާއެއް ލިބިވަޑައިނުގެން އޮންނާނެކަމަށް ނުފެނެއެވެ. އަދި ކީއްތޯއެވެ. އެ އިޝާރާތަކާއި އެ މަޝްވަރާއެއް އޮންނާނީ ޣާޒީ ރަދުންނަށް ލިބިވަޑައިގެންފައި ކަމަށް ބަލަންޖެހެއެވެ. ޣާޒީ ރަދުންގެ ދުވަސްވަރު، ވާދޫ ދަންނަކަލޭގެފާނުގެ ދަރިވަރުންގެ ތެރެއިން ފަނޑިޔާރުކަން ކުރެއްވި އަބޫބަކުރު ފަޑިޔާރު ތަކުރުފާނަކީ ވިސްނުންފުޅު ތޫނު ބޭފުޅެއްކަމަށް ދަންނަކަލޭގެފާނު ވަނީ އޭނާގެ ދަރިވަރުންގެ ގާތުގައި ވެސް ވިދާޅުވެފައެވެ.

ދެއްވަދޫގަނޑުވަރު ޢާއިލާގެ އިސްކަމެއް، ނުވަތަ މަޝްހޫރުކަމެއް ކުރިއްސުރެ އޮތްނަމަ އެކަމެއް ގުޅިފައިވަނީ ދެއްވަދޫ ރަސްގެފާނާއި ނޫނެވެ. ޝަމްސުއްދީން ފަނޑިޔާރު ތަކުރުފާނާއި ވެސް ނޫނެވެ. އަދި މުޡުހިރުއްދީން ރަދުން، ނުވަތަ ޣިޔާޘުއްދީން ރަދުން، ނުވަތަ ދިހަވަނަ ޙަސަން ރަސްގެފާނުގެ ޢާއިލާތަކަށް ދެއްވަދޫ ގަނޑުވަރު ޢާއިލާގެ ބޭފުޅުންކޮޅެއް ނިސްބަތްވުމެއް ވެސް ނޫނެވެ. އަދި ކީއްތޯއެވެ. އެކަމެއް ގުޅިފައިވަނީ ޣާޒީ ރަދުން، ހުވަދޫ އަބޫބަކުރު ފަނޑިޔާރު ތަކުރުފާނަށް ދެއްވި ޚާއްޞަ އިސްކަމާއި ޢިނާޔަތާ ގުޅިގެން ސީދާ ހުވަދޫ އަބޫބަކުރު ފަނޑިޔާރު ތަކުރުފާނާ އެވެ.

ދެއްވަދޫގެ މިސްކިތްތަކަށް ވަޤްފުކޮށްދެއްވި ފަޅުރަށްރަށާއި ތަންތަނާއި ކަންކަމާއި ޢިނާޔަތްތައް އެނގޭ ދެއްވަދޫގެ މުސްކުޅި ގިނަ ފަތްކޮޅުތަކަކީ އުތީމު މަހާރަދުންނާއި އެރަދުންގެ ދަރިކަލުން ކަލާފާނު ރަދުންގެ ދުވަސްވަރުން ފެށިގެން އެކިއެކި ރަސްރަސްކަލުން ދެއްވަމުން އައުކޮށްދެއްވަމުން ގެންދަވާފައިވާ ފަތްކޮޅުތަކެކެވެ. އެ ފަތްކޮޅުތަކުގައި އަބޫބަކުރު ފަނޑިޔާރު ތަކުރުފާނުގެ ދަރިދަރި މިރިމިނީންނަށް ޚާއްޞަ އިސްކަމެއް ދެއްވައިފައި ހުންނަކަން ފާހަގަކުރެވެއެވެ. އަދި ޣާޒީ ރަދުންގެ ދުވަސްވަރުން ފެށިގެން ގިނަ އަހަރުތަކެއްގައި ދެއްވަދޫގެ ވެރިކަން ހަމަޖެހެމުން ދިޔައީ ވެސް އަބޫބަކުރު ފަނޑިޔާރު ތަކުރުފާނުގެ ދަރިކޮޅުގެ ބޭފުޅުންނަށެވެ. ދެއްވަދޫގެ މުސްކުޅި ބައެއް ފަތްކޮޅުތަކުން ވެސް މިކަން އެނގެން ހުރެއެވެ. މީގެތެރޭ އޭރު ވެސް އަދި މިހާރު ވެސް މޮޅު ޢިލްމީ ބޭފުޅުން ވެސް ތިއްބެވިކަން ފާހަގަކުރެވެއެވެ. ދެއްވަދޫގެ މުސްކުޅި ބައެއް ފަތްކޮޅުތަކާއި ބައެއް މަހާނަ ގައުތަކާއި މުސްކުޅި ބައެއް ލިޔުންތަކާއި އަދި ދިވެހިތާރީޚު ފޮތުން ވެސް އެނގޭހެން އަބޫބަކުރު ފަނޑިޔާރު ތަކުރުފާނުގެ ޢާއިލާގެ ބޭފުޅުންނަކީ ވަރަށް ކުރިއްސުރެ އެބޭފުޅެއްގެ ފެންވަރުން އެބޭފުޅަކަށް ދެއްވެންއޮތް ދަރަޖައެއް، ކަމެއް، ރާއްޖޭގެ އެއިރެއްގެ އެންމެމަތީ ވެރިކަމުގެފަރާތުން ވެސް ދެއްވަމުން ގެންދެވި ބޭފުޅުންނެވެ. ދިޔަމިގިލީ އިބްރާހީމް ރަސްގެފާނުގެ ދުވަސްވަރު މާލޭގެ ޚަޠީބަކަށް ހުންނެވި (ދިވެހިތާރީޚު ފޮތުގެ 148ވަނަ ޞ) ދެއްވަދޫ އިސްމާޢީލްގެ ފުތް ދަންނަ ޚަޠީބު ތަކުރުފާނަކީ ވެސް ހުވަދޫ އަބޫބަކުރު ފަޑިޔާރު ތަކުރުފާނުގެ ޢާއިލާގެ މޮޅު ބޭފުޅެއްކަމަށް ބުނެވެއެވެ.

ހުވަދުއަތޮޅު ތިނަދޫ އަބޫބަކުރު ސްކޫލް ނިސްބަތްވާ އަބޫބަކުރު ފަނޑިޔާރު ތަކުރުފާނާއި ބެހޭ ގިނަ މަޢުލޫމާތްތަކެއް "ލިޔުންތެރިންގެ ގުޅުން" ވެބްސައިޓާއި "ގަލެހިރި" ވެބްސައިޓާއި އަދި "ދެއްވަދޫ ނިއުސް ބްލޮގްސްޕޮޓް" ގައި ލިޔެފައިވެއެވެ.
                    -----------------
ލިޔުނީ: ޢަބުދުﷲ ޙިލްމީ
11 އޮކްޓޫބަރ 2014މ.