ދެކުނުގެ އަތޮޅުތަކާއި މާލެ މުޑިއެރުމުގެ ސިއްރުތައް - 6










މިނިވަންކަން ނަގައިލުމަށްފަހު ރަސްކަމުގެ ހާލަތު

ކުރީގެ ބާބެއްގައި ބަޔާން ކުރެވިފައިވާ ފަދައިން ދިވެހިރާއްޖޭގެ މިނިވަންކަން ތަބަކަށް ލާފައި އިނގިރޭސިންނަށް ހަދިޔާކޮށް ނިންމައިފިއެވެ. މުއީނުއްދީނު ދެވަނަ ނުވަތަ ކުޑަ ބަންޑާރައިން ރަސްކަމުން ބާލައި އިބްރާހިމް ނޫރައްދީނު އަލުން ރަސްކަމަށް ގެނެސްފިއެވެ. އަރުވާލެވިފައި ތިއްބެވި ބޮޑުހުޅުގެ މޭސްތިރިން އަލުން މާލެ ގެނެސް މަގާމުތައްދީ ހެދުމަށްފަހު 1888 ވަނަ އަހަރުން ފެށިގެން ރަސްކަމުގައި ހުންނަވާ ބޭފުޅެއްގެ ހަގީގީ އެއްވެސް ބާރެއް ނެތެވެ. ހުރިހާ ބާރެއް އޮތީ އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނާއި އެކިލެގެފާނުގެ ތިން ބޭފުޅުން ކަމަށްވާ އަހުމަދު ކުޑަ ދޮށިމޭނާއާއި އަބްދުލްމަޖީދު ރަންނަބަނޑޭރި އާއި އަބްދުލްހަމީދު ދީދީއަށެވެ.

މިމަގުން ވެރިކަމުގެ ކަންކަން ހިނގަމުން ދަނިކޮށް ފަސް އަހަރު ފަހުން އިބްރާހިމް ނޫރައްދީން ބަންޑާރައިން 1892ގައި އަވަހާރަވެއްޖެއެވެ. ނޫރައްދީން ބަންޑާރައިން އަވަހާރަވުމުން އިބްރާހިމް ދޮށިމޭނާކިލެގެފާނު ވިދާޅުވެގެން ދެން ތަޚުތުގައި ބޭންދީ އުމުރުވެސް ހަމަނުވާ ތުއްތު ކުއްޖެކެވެ. އެއީ މުހައްމަދު އިމާދުއްދީން ފަސްވަނައެވެ. ތުއްޕުޅު ރަދުންގެ ނަންފުޅުގައި ހުރިހާކަމެއް ހިންގަވަނީ އަތިރީގޭ ބޭފުޅުންނެވެ. އަހަރެއްވީތަނާ މިގޮތްވެސް ކަމު ނުގޮސްގެން އެރަދުން ތަޚުތުން ބާލުއްވައި 1893 ގައި މުލީގޭ މަނިއްޕުޅު ނުވަތަ މުހައްމަދު ޝަމްސުއްދީން ތިނެއް ރަސްކަމަށް ލައްވައިފިއެވެ.

މިރަދުންނަކީ ކުކުޅު ގެންގުޅުއްވުމާއި ގަނޑުވަރުތެރޭގެ އަންހެން ބޭފުޅުންނާއެކު ފަސް އޮށް ކުޅުއްވުމާއި ރާގަކުންކުރެ ރާގެއް ނަޔަސް ބޭލާ ކުޅުއްވުން ފިޔަވައި އެހެން އެއްވެސް ހުނަރެއް އަދި އިލްމެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ނޫނެވެ.

ހާޖީ އިމާދުއްދީނުގެ ރަސްކަން

މާލެ އަންނަ އިނގިރޭސި މަނަވަރުތަކުގެ އޮފިސަރުންގެ ކުރިމަތީގައި ލަދުގަންނަން ޖެހޭ ކަންކަން ހިނގާތީ އިބްރާހިމް ދޮށިމޭނާކިލެގެފާނު ބޭނުންފުޅުވެގެން އަހަރެއްވެސް ނުވަނީސް މި ރަދުން ތަޚުތުން ބާލުއްވައި 1893 ގައި މުހައްމަދު އިމާދުއްދީން ހަވަނަ ރަސްކަމަށް ލައްވައިފިއެވެ. މަޝްހޫރު ހާޖީ އިމާދުއްދީނަކީ އަދި ސުވޭހު ބަންޑާރައިންނަކީ މިއީއެވެ. މިއީ ގިނަ ރަސްރަސްކަލުންނާ ޚިލާފަށް ދުނިޔޭގެ އޮޔާވައި ދެނެވަޑައިގެން އިސްލާހަށް ލޯބި ކުރެއްވި ރަސްކަލެކެވެ. ރަސްކަމުގެ ކޮއިލުތެރެއަށް ބާރުވެރިކަން އަލުން ގެނެސް ހަގީގީ ރަސްކަމެއް ކުރެއްވޭތޯ ގަދައެޅުއްވި ރަސްކަލެކެވެ. ރާއްޖެއަށް ތައުލީމު ފެތުރުއްވުމާއި ފޮތްތައް ލިޔުއްވުމާއި ތާރީޚު އަލުން ތަރުތީބު ކުރުމާއި މާލޭ ބަނދަރު ފުންކުރުމާއި ކަނޑު ތޮށި އާކުރެއްވުމާއި މިހެންގޮސް ވަރަށް ގިނަކަންކަން މިރަދުން ކުރެއްވިއެވެ.

އިނގިރޭސިންވެސް އޭރުތިބީ ޒަމާނީ ބަދަލުތައް ރާއްޖެއަށް ގެނައުމަށް ހިސާބަކަށް ބޭނުންވެފައެވެ. އެހެންކަމުން ހާޖީ އިމާދުއްދީން ބަންޑާރައިން ވެވަޑައިގެންނެވީ އިނގިރޭސިންވެސް ވަރަށް ރުހޭ ބޭފުޅަކަށެވެ. އިނގިރޭސިންގެ ރުހުން ނެތި އޭރު ރަސްކަލަކަސް ބޮޑުވަޒީރަކަސް ހަނދެއިގިރިއަކަށް ވެސް އެނޫން މީހަކަށްވެސް ކަމެއް ކުރެވޭކަށް ނޯވެއެވެ. ގަނޑުވަރުތެރެއިން ގެއްލިފައިވާ ބާރުތައް އަލުން ގަނޑުވަރަށް ގެންނެވުމުގެ ކެމްޕެއިނުގެ ތެރޭގައި ހާޖީ އިމާދުއްދީނާއި އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނު ރަނގަޅަށްވެސް މުޑިއަރައިފިއެވެ. ނަތީޖާއެއްގެ ގޮތުން އިބްރާހިމް ދޮށިމޭނާކިލެގެފާނު ބޮޑުވަޒީރުކަމުން ދުރުކުރައްވައި ކަކާގޭ މުހައްމަދު ރަންނަބަނޑޭރިކިލެގެފާނަށް އަލުން ބޮޑުވަޒީރުކަން ދެއްވައިފިއެވެ. ހާޖީ އިމާދުއްދީނުގެ އިސްލާހީ މަސައްކަތް ކާމިޔާބު ކުރެވޭނީ ކަކާގޭ ބޭފުޅުންގެ ފަރާތުން މަދަދު ލިބިގެން ކަމަށް ހިއްތަވައިފިއެވެ. އަތިރީގޭ ބޭފުޅުންނަކީ އިސްލާހުގެ ހަތުރުންކަމުގައި ނިންމަވައިފިއެވެ.

އަތިރީގޭ ބޭފުޅުން ރަސްކަމުގެ ކޮއިލުން ބޭރު ކުރެއްވުމުގެ އެއްމަގުސަދަކީ ބާރު އޮތީ ރަދުންނަށް ކަމާއި ރަދުންނަކީ އަތިރީގޭ ގޮނޑިކޮއްކޮއެއް ނޫންކަން ދެއްކެވުމެވެ. އަދި އިސްލާހީ މަސައްކަތުގައި ރަދުންގެ ނިޔަތުގެ އިޚުލާސްތެރިކަން ދެއްކެވުމެވެ. މިބަދަލަށް އިނގިރޭސިންވެސް ދެކޮޅެއް ނުހަދައެވެ. އެހެންކަމުން އިބްރާހިމް ދޮށިމޭނާކިލެގެފާނު ކިތަންމެވަރަކަށް ކުސް ތެޅުއްވިޔަސް އިނގިރޭސިން އިވޭކަމަށް ނުހެދިއެވެ. މިހެންވީމާ މާލޭގައިވެސް ނުހުންނަވާން ވެގެން އިބްރާހިމް ދޮށިމޭނާކިލެގެފާނު ދުވަސްކޮޅަކަށް ސިލޯނަށް ވަޑައިގެންފިއެވެ. އެކަމަކު އޭނާގެ ތިން ބޭފުޅުން ކަމަށްވާ އަހުމަދު ދޮށިމޭނާ އާއި އަބްދުލްމަޖީދު ރަންނަބަނޑޭރި އާއި އަބްދުލް ހަމީދުދީދީ ތިއްބެވީ އެތިފަހަރެއް އަޅާލައި ބަގާވާތެއް ގެނެވޭނެ ދަނޑިވަޅެއް އާދޭތޯ ބެއްލެވުމުގައި މާލޭގައެވެ.

ހާޖީ އިމާދުއްދީން ރަދުންގެ ބަލިފަޔަކީ ތަނަކުން އަންހެން ކަނބަލަކު ހަމަ ފެނިވަޑައިގަންނަވާއިރަށް ކައިވެނި ބެއްލެވުމެވެ. މިހެންވުމުން ހުރަވީ ޚާންދާނުގެ ތަފާތު ގޮފިތައް އެއްބަޔަކު އަނެއްބަޔަކާއި މުޑިއަރައި މޫނުކެނޑި ތަފާތު އޮއިވަރުތަކަށް މަގު ފަހިވެގެންދިޔައެވެ. މީގެ ތެރެއިން އެއްކައިވެނިފުޅަކީ އެއްގަމުގޭ އުއްމުކުލްސޫމް ދީދީއާ ކުރެއްވި ކައިވެނިފުޅެވެ. ރަސްކަމުގެ ބޮޑުންގެ ތެރެއިން ގިނަބަޔަކު މިކައިވެނި ކުރެއްވުމަށް ދެކޮޅެވެ. އެކަމަކު ރަދުންގެ އިސްތަށިފުޅަށް ކިއުޕިޑޭ ކިޔުނު ލޯބީގެ ދެޔޯ އިނީ މާބޮޑަށްވެސް ސަވާރުވެގެންނެވެ. އެހެންވެ މަލިންގޭ ހަސަން ދީދީ ނުވަތަ ވެލާނާ މަނިކުފާނުގެ ރުހިވަޑައިގަތުމާއި އެހީތެރިކަމާއެކު ހާޖީ އިމާދުއްދީން މިކައިވެނިފުޅު ކުރައްވައިފިއެވެ.

މިކައިވެނިފުޅަށް ވެލާނާމަނިކުފާނު އެހީތެރިވެވަޑައިގެން ދެއްވުމުން އަތިރީގޭ ބޭފުޅުންނާއި ވެލާނާ މަނިކުފާނު ހަމަރަނގަޅަށްވެސް މުޑިއަރައިފިއެވެ. ވެލާނާ މަނިކުފާނު ކައިވެނި ބައްލަވައިގެން ހުންނެވީ އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނުގެ އެއްބަނޑު އެއްބަފާ ދައިތާފުޅާއެވެ. ވެލާނާމަނިކުފާނުގެ ދޮށީ ދަރިކަލުން ވެލާނާގޭ މުހައްމަދު ދީދީ ކައިވެނި ބައްލަވައިގެން ހުންނެވީ އިބްރާހިމް ދޮށިމޭނާކިލެގެފާނުގެ ކަނބަލަކާއެވެ. ކައިވެނީގެ ގުޅުން މިވަރަށް އޮތަސް އަދި ބޮޑުހުޅުގެ ކަންތަކުގައި އިބްރާހިމް ދޮށިމޭނާގެ ކަނާތަކީ ވެލާނާ މަނިކުފާނު ކަމަށްވިޔަސް އެހިސާބުން ދެ ގޭގެ ގުޅުން ވަރަށް ގޯސްވެއްޖެއެވެ. ފަހުން މަޝްހޫރުވި ގޯދީ ރާޖާގެ ބަގާވާތަށް މަގުފަހިވެގެން ދިޔައީ މި މުޑިއެރުމެވެ. އެވާހަކަ އަދި ފަހުން އަންނާނެއެވެ.

ހާޖީ އިމާދުއްދީނުގެ ރަސްކަމުގައި މުލަކު އީސާ ނާއިބުގެ ދަރިކަލުން ނާއިބު ތުއްތުއަށް އަލުން ދަރަޖަ ދެއްވިއެވެ. އައްޑޫ މީދޫ އެޅެގޭ ޝައިޚް އަލި ދީދީ ގެންނަވައި ފަނޑިޔާރުކަން ދެއްވިއެވެ. މި އަލިދީދީއަކީ ގިޔާސުއްދީން ރަދުންގެ އިބްރާހިމް ފާމުލަދޭރިކިލެގެފާނަށް މުނިކާފަ ވިދާޅުވާ ބޭފުޅެކެވެ. ޝަރުއީ ދާއިރާ ހިންގަވަނީ ނާއިބު ތުއްތު އާއި ޝައިޚް އަލި ދީދީއެވެ. ހާޖީ އިމާދުއްދީން އަންގަވައިގެން ދީން އުނގެނުމަށް ދިވެހިބަހުން ދީނީ އިލްމުގެ ފޮތެއް ނާއިބު ތުއްތު ލިޔުއްވީ މިދުވަސްވަރުއެވެ. އެފޮތް މަޝްހޫރުވީ ތުއްތު ތަރުތީބުގެ ނަމުންނެވެ.

ހާޖީ އިމާދުއްދީނާ ދެކޮޅަށް ހިންގި ބަގާވާތް

ހާޖީ އިމާދުއްދީނުގެ ރަސްކަމުގައި އެރަދުން ހައްޖަށް ވަޑައިގެން އުޅުއްވަނިކޮށް މާރީތި ކަނބަލަކު ފެނިވަޑައިގެންފިއެވެ. އެއީ މިސްރުގެ ސުވޭހުގައި ހުންނަވާ އީރާނުގެ ސަފީރުގެ ދަރިކަނބަލުން ޝަރީފާ ހާނިމެވެ. މާލެވަޑައިގެންފައި މި ޝަރީފާ ހާނިމާއި ކައިވެނި ބެއްލެވުމަށް ތައްޔާރު ކުރައްވައި ރަދުންނަށް ދެގޮތެއްނުވެ ވަފާތެރިކަންމަތީ ތިބުމަށް ބޮޑުން ލައްވައި ހުވައި ކުރެއްވުމަށްފަހު ހާޖީ އިމާދުއްދީން ސުވޭހަށް ފުރާވަޑައިގެންފިއެވެ. ހަމަފުރާވަޑައިގަތުމާއެކު އަތިރީގޭ ބޭފުޅުން ނުކުމެވަޑައިގެން މާންދޫގޭ މަނިއްޕުޅު މުހައްމަދު ޝަމްސުއްދީން އެމަނިއްޕުޅުގެ ތިމާގެ އަންހެންބޭފުޅުންނާއެކު ފަސް އޮށް ކުޅުއްވަން އިންނަވަނިކޮށް ވަޑައިގެން އަތުގައި ހިއްޕަވައިގެން ހިންގަވާފައި ވަޑައިގެން ގަނޑުވަރަށް ގެންދަވައި ތަޚުތުގައި ވަޑުވައިފިއެވެ. މިކަމެއް ހިނގީ 1902 ގައެވެ.

މި ޝަމްސުއްދީނަކީ ކުރިންވެސް އަތިރީގޭ ބޭފުޅުން އެއްފަހަރު ތަޚުތުގައި ވަޑުވާފައި މޮޔަފުޅުކަމުން ކަމުނުގޮސްގެން ތަޚުތުން ބާލުއްވާފައި ހުންނެވި ބޭފުޅެކެވެ. އަތިރީގޭ ބޭފުޅުންނަށް މިފަހަރު ބޭނުންވީ އެފަދަ ބޭފުޅެކެވެ. އަމިއްލަފުޅު ގޮތެއް ނެތް ކުޅޭކުޅޭ ބޭފުޅެކެވެ. އެޝަރުތު ހަމަވަނީ މިމަނިއްޕުޅުގެއެވެ. ޝަމްސުއްދީނަކީ ދުނިޔޭގެ އޮޔާއި ވައި އެނގިވަޑައިގަންނަވާ ބޭފުޅެއް ނޫންކަން ކަށަވަރުވަނީ އެރަދުންގެ ރަސްކަމުގެ ތަންކޮޅެއް ފަހުގެ ތާރީޚެއްގައި ހިނގި ކަމަކާއި ގުޅިގެން ރައްޔިތުންގެ ތެރެއަށް ނުކުމެވަޑައިގެން ކަލޭމެން ބޭނުންވަނީ ތިމަންގެ ދެބަފައިންހޭ ނުވަތަ ދެފަރީދާއި އަމީނުހޭ އެއްސެވިކަމުންނެވެ. ޝަމްސުއްދީނުގެ ދަރިކަލުން ހަސަން އިއްޒުއްދީނަކީ އެ މަނިއްޕުޅުގެ އައްޔާޝީ އަދި ޝައިތާނީ އުޅުއްވުމުގެ ސަބަބުން މުޅި ރާއްޖެވެސް ރުޅިއަރާ ބޭފުޅެކެވެ. ދެފަރީދާއި އަމީނުހޭ ވިދާޅުވިއިރު މުޅި ގޭމު ޕްލޭން ކުރަނީ އެބޭފުޅުންކަން އެނގިވަޑައިގެން ނުވެއެވެ.

ހާޖީ އިމާދުއްދީނަކީ އާދައިގެ ބޭފުޅެއް ނޫނެވެ. އެހެންކަމުން އިހު ރަސްރަސްކަލުން ތަޚުތުން ބޭލުން ފަދަ ފަސޭހަ ކަމަކަށް މިކަން ނުވިއެވެ. މާލެ ތެރެ ހަލަބޮލިވެއްޖެއެވެ. ހަވަރު އެއްވެއްޖެއެވެ. ރައްޔިތުން ކުދި ކިޔަންފަށައިފިއެވެ. އެކަމަކު ބާރުވެރިކަން އަތިރީގޭ ބޭފުޅުން ފިރުކައިގަންނަވައިފިއެވެ. މާލެތެރެ ހަލަބޮލިވެގެން ދިޔަ ވަގުތު ނާއިބު ތުއްތު ފަތުވާ ނެރުއްވިއެވެ. ރަސްކަމުގައި ބޭފުޅަކު އިންނަވަނިކޮށް އެހެން ބޭފުޅަކު ރަސްކަމުގައި ނުބޭންދޭނެއެވެ. އެއީ ފޮތުގައި އޮންނަ ގޮތެއް ނޫނެވެ. މިއަޑު އައްސަވާފައި އިބްރާހިމް ދޮށިމޭނާކިލެގެފާނު ވިދާޅުވިއެވެ. އޭބަލަ ތުއްތޫއެވެ. ތިޔަފޮތް ދުށީ ކަލޭ އެކަންޏެއް ނޫނެވެ. މާބޮޑަށް އަނގަގަދަ ކުރާން ހަދާނެ ކަމެއް ނެތެވެ. ރައްޔިތުންނޭވެ. މި ތުއްތޫ އޭނާގެ ބަސް އިއްވައިފިއެވެ. އެހެންވީމާ މީނާ ގެންގޮސް އޮޑިއަށްލާށެވެ. މިހެން ވިދާޅުވުމުން ހަގުބޭކަލުން ގޮސް ނާއިބު ތުއްތު ހިފާ ހައްޔަރުކޮށް ތަޅަމުން އަނިޔާކުރަމުންގޮސް އޮޑިއަށް ލައި މާއެނބޫދޫއަށް އަރުވާލައިފިއެވެ. ނާއިބު ތުއްތު އަވަހާރަވީ އެރަށުގައި ހުންނަވަނިކޮށެވެ.

ފަނޑިޔާރު މަނިކުފާނު އެޅެގޭ އަލި ދީދީގެ އަރިހަށް ވަޑައިގެންފައި އިބްރާހިމް ދޮށިމޭނާކިލެގެ އެންގެވީ ނާއިބު ތުއްތު ނެރުއްވި ފަތުވާ ބާތިލް ކުރައްވާފައި އެއަށްވުރެ ބާރުގަދަ ފަތުވާއެއް ނެރުއްވައި ރަސްކަމަށް އައި ބަދަލަކީ ދީނީގޮތުން ސައްހަ ބަދަލެއްކަން ރައްޔިތުންނަށް ވިދާޅުވެ ދެއްވުމަށެވެ. ޝައިޚް އަލިދީދީއަށް ދީނީގޮތުން މިކަން ހުއްދަކުރެވޭނެ ގޮތެއް ފެނިވަޑައިނުގެން އިންނަވަނިކޮށް އޭނާ ފަނޑިޔާރުކަމުން ވަކިކޮށްފިއެވެ. ތިން ހަތަރު ދުވަހެއްގެ ތެރޭގައި ޝައިޚް އަލި ދީދީ އަވަހާރަވެސް ވެއްޖެއެވެ. ބުނެވެނީ ޝައިޚް އަލި ދީދީ އަވަހާރަވީ އަތިރީގޭ ބޭފުޅުން ކުރެއްވި ކޮންމެވެސް ކަމެއްގެ ނަތީޖާއަކުން ކަމަށެވެ. އެހެންނަމަވެސް އެކަން އަދިއޮތީ ސާބިތު ނުކުރެވިއެވެ.

އަތިރީގޭ ބޭފުޅުން ފަހަތުގައި ތިއްބަވައިގެން އާރަދުން މުހައްމަދު ޝަމްސުއްދީނުގެ ރަސްކަން އިނގިރޭސިން ގަބޫލު ކުރުމަށާއި ގާނޫނީ ހައިސިއްޔަތަށް އެދިވަޑައިގެންފިއެވެ. އެހެންނަމަވެސް ސިލޯނުގައި ހުންނެވި އިނގިރޭސި ގަވަރުނަރު މިކަމަށް ދެކޮޅު ހައްދަވައިފިއެވެ. ދިވެހި ރައްޔިތުންގެ ތާއީދު އޮތީ އިހު ހުންނެވި ރަދުން ހާޖީ އިމާދުއްދީނަށްތޯ ނުވަތަ އާރަދުން ޝަމްސުއްދީނަށްތޯ ސާބިތުކޮށް ދިނުމަށް އިނގިރޭސި ގަވަރުނަރު އަންގަވައިފިއެވެ. މިގޮތަށް އެންގެވުމުން އަތިރީގޭ ބޭފުޅުން ދެން ރޭއްވެވީ ހާޖީ އިމާދުއްދީނުގެ ފަސާދައޭ ވިދާޅުވެ ބޮޑު ކަންތައްގަޑެއް އުފައްދަވައި މިކަން ތަހުގީގުކުރުމަށް އިނގިރޭސި ވަފުދެއް ގެނައުމަށެވެ.

ރައްޔިތުންގެ ތާއީދު އޮތީ ކާކަށްތޯ ބެއްލެވުމަށާއި ކުރީގެ ރަދުން ހާޖީ އިމާދުއްދީނު ކުރެއްވިކަމަށް އާ ރަދުންގެ ނަންފުޅުގައި އަތިރީގޭ ބޭފުޅުން ވިދާޅުވާ ފަސާދައިގެ އަމަލުތައް ތަހުގީގު ކުރުމަށް މާލެ އައި އިނގިރޭސި ވަފުދުގެ ވެރިޔަކީ ސިލޯނުގައި ހުންނަވާ އިނގިރޭސި ގަވަރުނަރުގެ ނާއިބު އީއެފް ތާރން އެވެ. މީނާ އަތިރީގެއަށް ގެންދަވައި މާވަހަރާއި ރަން ދެއްވައި ވަފުދުގެ ރިޕޯޓު އަތިރީގެއާ އެއްކޮޅަށް އަދި ހާޖީ އިމާދުއްދީނާ ދެކޮޅަށް ތައްޔާރު ކުރެވޭނެ މަގު އިބްރާހިމް ދޮށިމޭނާކިލެގެފާނު ތަނަވަސް ކުރައްވައިފިއެވެ. އަދި ހުރިހާ ނުބައެއްގެ އަޑީގައި ހުންނެވީ ހާޖީ އިމާދުއްދީނުކަން ދެއްކެވުމަށް ޝަމްސުއްދީނު ރަދުންގެ ފަރާތަށް ހުންނަކަން އެންމެނަށްވެސް ކަށަވަރުވާ މީހަކު މަރުއްވައި މާލޭ މަގުމައްޗަށްވެސް އެއްލަވައިފިއެވެ.

މަރާލެވުނު މީހަކީ ހުވަދު އަތޮޅު ނިލަންދޫ ކަޅު އަލި ދީދީއެވެ. މީނާއަކީ އިސްދޫ ޚާންދާނަށް ނިސްބަތްވާ މީހެކެވެ. ހިސާބަކަށް ފަންޑިތަވެސް ހަދައި އުޅޭ މީހެކެވެ. މިމީހަކީ މުހައްމަދު އަމީނުގެ ދުވަސްވަރު ސިހުރު ހަދާކަމަށް މުހައްމަދު އަމީނަށް ފެނިވަޑައިގެން ހުޅުލޭގައި ބަޑިޖަހައި މަރާލެވުނު ނިލަންދޫ ހަކީމު ދީދީގެ ބައްޕައެވެ. މިމަރާއި ގުޅިގެން އިނގިރޭސި ވަފުދަށް ހީކުރެވުނީ ހާޖީ އިމާދުއްދީނަކީ ވެރިކަމުގެ އެދުންފުޅުގައި ރައްޔިތުން މަރުއްވާ ބޭފުޅެއް ކަމުގައެވެ.

ދެކުނުގެރައްޔިތުންގެފަރާތުންވަގަކުނެރުން

ރައްޔިތުންގެ ތާއީދު އޮތީ އާ ރަދުން ޝަމްސުއްދީނަށްކަން ދެއްކުމަށް އަތިރީގޭ ބޭފުޅުން ރާއްޖޭގެ ކޮންމެ އަތޮޅަކުން އަތިރީގެއަށް ވަފާތެރި މަންދޫބެއް ނެރުއްވައި އެމަންދޫބުންގެ ދުލުން ޝަމްސުއްދީނު ޒިންދާބާދު ކިޔުއްވިއެވެ. ކަންދިމާކުރި ގޮތުން ހުވަދޫ އާއި ފުވައްމުލައް އަދި އައްޑޫއަށް ނިސްބަތްވާ އެފަދަ ބަޔަކު ނުވަތަ މީހަކު މާލެއަކުން ނުފެނުނެވެ. މިކަންތައް ބޮޑުވެގެން އުޅެނިކޮށް މާލޭ ހުރަގޭގައި ދޮން މޫސައޭ ކިޔުނު އައްޑޫ ހިތަދޫ މީހަކު ފޮށިފެޅުމާއި ވަގުރުކު އެޅުންފަދަ ވައްކަމުގެ އެތަކެއް މައްސަލައެއްގައި ހައްޔަރުކޮށް އަނދަގޮނޑި ޖަހާފައި އެބައޮތޭ ކޮންމެވެސް މީހަކު ދަންނަވައިފިއެވެ. އިނގިރޭސިންނަށް ދޮން މޫސައެއް މުދިމެއް ވަގެއް އަނެކައްޗެއް ރޭކާނުލާނެކަން އެނގޭތީ ތިޔަ މީހަކުވެސް ނެރެގެން ގެނެސްބަލާށޭ އިބްރާހިމް ދޮށިމޭނާކިލެގެފާނު ވިދާޅުވެގެން ދޮން މޫސަ ހުރަގެއިން ނެރެފިއެވެ.

ދޮން މޫސަ ހުރަގެއިން ނެރެގެން އެންމެ ފުރަތަމަ ގެންދިޔައީ މިސްކިތު ބޮޑު ވެޔޮދޮށަށެވެ. އެތަނަށް ގެންގޮސް ނިކަން ރަގަޅަށް ފެންވަރުވައި އަތިރީގެއިން ގެނައި ހުދު ހެދުމެއް ލައްވާފައި މީނާއަށް އެންގިއެވެ. މިއަދު ކަލޭ ތިޔައީ ހުވަދު އަތޮޅާއި އައްޑު އަތޮޅު އަދި ފުވައްމުލަކުގެ ރައްޔިތުން ތަމްސީލުކުރާ އެމީހުންގެ މަންދޫބެވެ. މިއަދު ތިޔައީ ކަމުން ވަގަކަސް ނަމުން އިއްޒަތްތެރިއެކެވެ. ކަލޭ ކުރަންވީ ކަމަކީ އާ ރަދުން މުހައްމަދު ޝަމްސުއްދީނު ދެކެ ރައްޔިތުން ލޯބިވާ މިންވަރު އިނގިރޭސިންނަށް ދައްކައިދިނުމެވެ. މީނާ އާދޭހޭ ދެންނެވީމާ ގެންދިޔައީ އަތޮޅުތަކުގެ މަންދޫބުންގެ ބައްދަލުވުން އޮތްތަނަށެވެ. އެތަނުގައި އިނގިރޭސި ވަފްދުގެ މީހުންވެސް މިކުޅިވަރު ދެކޭން ތިއްބެވެ.

އަތޮޅުތަކުގެ ނަގުލީ މަންދޫބުންގެ ބައްދަލުވުން ނިމިގެން ދޮން މޫސަ މަގުމައްޗަށް ނިކުތް ވަގުތު އާ ރަދުން މުހައްމަދު ޝަމްސުއްދީނު ހަތްކޮޅު ނަންގަވައިގެން މިމަގުން އެބަހަރަ ވަޑައިގަންނަވައެވެ. އޭރު ރައްޔިތުންގެ ތެރެއިން މިމަކަރު ދަސްކޮށްދީފައި ތިބި ބައެއް މީހުން ރަދުންނަށް ސަނާކިޔުމުގެ ގޮވެލި ފަތިން އަޑު ގަދަކުރަނީއެވެ. ހަޖާމުގޭ ދޮންމޫސަ ވެސް ހެދި ގޮތަކީ އަވަސްއަވަހަށް އެމީހުންނާއި ބައިވެރިގެން އެމީހުން ގޮވަމުން ދިޔަ ފަތިވަރުތައް އެއަށްވުރެ މާބާރަށް ގޮވަން ފެށީއެވެ.

ރަދުން މިމީހުންނާ އަރާހަމަވިއިރު ފެނިވަޑައިގަތީ އިސްކޮޅުން ދިގު ކުލަ އަލި މީހަކު އިސްވެހުރެ ރަދުންނަށް ސަނާކިޔުމާއި ތާއީދުކުރުމުގައި ގުރުބާންވާ މަންޒަރެވެ. އެމީހަކު ގޮވަމުންދިޔައެވެ. ޝަމްސުއްދީން ޒިންދާބާދު، ޝަމްސުއްދީން ޒިންދާބާދު އެވެ. މީނާގެ ފަހަތުން އެހެން މީހުންވެސް އެފަތިވަރު ގޮވަމުން އަމުނަމުން ދިޔައެވެ. ޝަމްސުއްދީނަކީ އިހުވެސް ލިޔެވުނު ފަދައިން މާކަހަމަޖެހޭ ބޭފުޅެއް ނޫނެވެ. ރަދުން ހީފުޅުކުރެއްވީ މިއީ ހަގީގަތުގައިވެސް ލޯބިން ކުރި ކަމެއް ކަމަށެވެ.

ގަނޑުވަރަށް ވަޑައިގެންފައި ރަދުން ވިދާޅުވިއެވެ. ރައްޔިތުން ތަމްސީލުކުރަން އައިސްތިބި މަންދޫބުން ގެންނާށެވެ. މި މަންދޫބުން ގެނައިއިރު ރަދުންނަށް ކުރިން ފެނިވަޑައިގެންނެވި އިސްކޮޅުން ދިގު ދޮން މީހާވެސް މީގެތެރޭގައި ހުއްޓެވެ. ރަދުން ހީފުޅުކުރެއްވީ އެއީ މަންދޫބުންގެ ވެސް އިސްމީހާކަމުގައެވެ. މީނާ ކުރެން ނަމަކީ ކޮބައިތޯ ސުވާލު ކުރެއްވުމުން ދެންނެވިއެވެ. ނަމަކީ ހިތަދޫ ހަޖާމުގޭ ދޮން މޫސައެވެ. ރަދުން ވިދާޅުވިއެވެ. ކަލެއާ އަހަރެން ވަރަށް ބޮޑަށް ރުހިއްޖައިމެވެ. އެހެންވީމާ އެދޭ ކަމެއްގެ ވާހަކަ ބުނާށެވެ. މޫސަ ދެންނެވިއެވެ. އައްޑު އަތޮޅުގެ އިސް ނާއިބުކަން ދެއްވުމަކީ ވަރަށް ބޮޑު އެދުމެކެވެ.

މިހެން ހަމަ ދެންނެވުމާއެކު ފަތް ލިޔާ ކަލޭގެފާނު ގެނެސް އައްޑު އަތޮޅުގެ އިސް ނާއިބުކަން ދޮން މޫސާއަށް ލިޔެ ދެއްވައިފިއެވެ. މި މަގާމު ދެއްވުމުގެ އިތުރަށް އައްޑު އަތޮޅުގެ ހަތަރު ފަސް ފަޅުރަށެއްވެސް ދެއްވައިފިއެވެ. މިމަގާމެއް ދެއްވިއިރު މި މޫސަޔަކީ ލިޔަންކިޔަންވެސް އެނގޭ މީހެއް ނޫނެވެ. ޝަރުއީ އެއްވެސް ހަމައެއް އެނގިހުރި މީހެއް ނޫނެވެ. މީހާއަކީ ވަގެކެވެ. އެހެންކަމުން މި ދޮންމޫސަގެ ފަރާތުން އައްޑޫ ރައްޔިތުންނަށް ނުހަނު ގިނަ ގުނަ މުސީބާތްތައް މެދުވެރިވިއެވެ.

މުހައްމަދު އަމީނާއި ހަސަން ފަރީދުގެ ދުވަސްވަރު ހިތަދޫ ވެރިންނާއި ކަމުވޮށިގެންވާ މީހުން ކުށްވެރިކޮށް ކުޓުވައި އުޅުނީ މި ދޮންމޫސަގެ ދަރި ސަގަރު އަލި ތައްޚާނެވެ. ހިތަދޫ އަފީފާއި ހުސައިން ރަހާ ފަދަ މީހުން ހިމަރޯނުން ބަނދެގެން މާލެ ގެނެސް ބުރިން ހަންނަގައި އަދަބު ދިނުމުގެ އެއްސަބަބަކީ ސަގަރު އަލި ތައްކާނުގެ ކުޓުވުންތަކެވެ.

ކޮންމެއަކަސް މިކަހަލަ ތަމްސީލުތަކެއް ކުޅުވައިގެން އިނގިރޭސި ވަފްދުގެ ސިކުނޑިތަކާއި އަތިރީގޭ ބޭފުޅުން ކުޅުއްވައިފިއެވެ. އީއެފް ތާރން ރިޕޯޓެއްް ލިޔުއްވައި 1903 ގެ ޖޫން މަހު އިނގިރޭސި ގަވަރުނަރަށް ހުށައެޅުއްވުމުން ޝަމްސުއްދީނުގެ ރަސްކަމުގެ ގާނޫނީ ހައިސިއްޔަތު އިނގިރޭސި ދައުލަތުން ރަސްމީކޮށް ގަބޫލުކޮށްފިއެވެ. އަދި އިނގިރޭސިން ގަބޫލުކުރާ ރަސްކަލަކީ ޝަމްސުއްދީން ކަން އެންގުމުގެ ގޮތުން އިނގިރޭސި ގަވަރުނަރު ދެއްވާ ކަނޑިކޮޅުވެސް ޝަމްސުއްދީނަށް އަރުވައިފިއެވެ.

އަތިރީގޭގެ ބާރު ދާއިމީވުން

މި ގަބޫލުކުރުމަށްފަހު އަނެއްކާވެސް ބޮޑުވަޒީރަކަށް އިބްރާހިމް ދޮށިމޭނާކިލެގެފާނު ވެވަޑައިގެންފިއެވެ. ސިފައިންގެއާއި ހަތިޔާރުތަކުގެ ވެރިޔަކަށް އިބްރާހިމް ދޮށިމޭނާގެ އެއްބަފާ ކޮއްކޯފުޅު އަބްދުﷲ ދީދީ ލައްވައިފިއެވެ. މި ދީދީއަކީ ގަލޮޅުގޭ އަލި ދޮށިމޭނާކިލެގެފާނު ސިލޯނުގެ ގާލީގައި ހުންނެވިއިރު އަރިހުގައި ގެންގުޅުއްވި ބިދޭސީ ބްނދީއެއްގެ ފަރާތުން ލިބިވަޑައިގަތް ބޭފުޅެކެވެ. ކަސްޓަމްސް އާއި ޕޯސްޓު އޮފީހާއި ރަދުންގެ ހުރިހާކަމެއްގެ ކޮންޓްރޯލް އިބްރާހިމް ދޮށިމޭނާކިލެގެފާނުގެ ދޮށީ ދަރިކަލުން އަހުމަދު ދޮށިމޭނާއަށް ދެއްވައިފިއެވެ. ދައުލަތުގެ އާމްދަނީ އާއި ޚަޒާނާގެ ވެރިކަން ދެވަނަ ދަރިކަލުން އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނަށް ދެއްވައިފިއެވެ. ބޭރާއި ރާއްޖެ ގުޅުވައިދޭ ސަފީރުކަން ތިންވަނަ ދަރިކަލުން އަބްދުލްހަމީދު ދީދީއަށް ދެއްވައިފައި ސިލޯނަށް ފޮނުއްވައިފިއެވެ. މިމަގުން ކަންތައްކޮށް ނިމުނުއިރު އަތިރީގޭ ބޭފުޅުންގެ ރުހުން ނެތި ދިވެއްސަކަށް ނޭވާވެސް ނުލެވޭވަރު އޮތީ ވެފައެވެ. މިފަހަރު ބޮޑުވަޒީރުކަމަށް އިސްވެވަޑައިގެންނެވި ގޮތަށް 1925 ގައި އަވަހާރަވަންދެން ވެސް އިބްރާހިމް ދޮށިމޭނާކިލެގެފާނު އެމަގާމުގައި ދެމިހުންނެވިއެވެ.

ރަސްކަމުން ދުރުކުރެވުނު ހާޖީ އިމާދުއްދީން ފަހުން ލަންކާއަށް ވަޑައިގެންނާއި އިންޑިޔާއަށް ވަޑައިގެން ރަސްކަން އިންގިލާބުކޮށްލެވޭތޯ ގަދައެޅުއްވިއެވެ. ކޮންމެފަހަރަކުވެސް އޭނާއަށް ހުރަސްއެޅީ އިނގިރޭސިންނެވެ. ދިވެހި ދައުލަތުން ހާޖީ އިމާދުއްދީނަށް ޒާތެއްގެ ޕެންޝަނެއްވެސް ހަމަޖައްސައިދީފައި އޮތެވެ. އެންމެފަހުން މިކަންތައް ބޮޑުވެގެން ޕެންޝަން ކަނޑައިލަން ޖެހިދާނެއޭ ބުނެ އިނގިރޭސިން އިންޒާރު ދިނީމާ ހާޖީ އިމާދުއްދީނު މިކަންތައް ހުއްޓަވައިލައްވަފައި އަލުން މިސްރުގެ ސުވޭހަށް ޝަރީފާ ހާނިމުގެ އަރިހަށް ވަޑައިގެންފިއެވެ.

މިއަށްފަހު އަތިރީގޭ ބޭފުޅުން ފަސްއެނބުރި ބެއްލެވުމެއް ނެތެވެ. ޖަވާބުދާރީވާން ޖެހޭ މީހެއް ބިރުގަންނަ މީހެއް ނެތެވެ. ރަދުންނަކީ އަތިރީގޭ ބޭފުޅުންގެ ބުދެކެވެ. އެރަދުންނަށް އެއްޗެއް ލިބެނީވެސް އަތިރީގޭ ބޭފުޅުން ދެއްވިއްޔާއެވެ. ނުދެއްވިޔަސް ކުރެއްވޭ ކަމެއް ނޯވެއެވެ. އިސްތަށިފުޅު މައްޗަށް ހަތްކޮޅު ނަންގަވައިގެން މާލެތެރެއިން ރަނޑުހެން ހީފުޅުވާހާ ބަޔަކު އެއްކުރައްވައިގެން ރަދުންގެ ކަމަކީ ގުޑިއެރުވުމާއި ޒާތްޒާތުގެ ކުޅިވަރު ކުޅުއްވުމެވެ. ދެން ރަދުންގެ ދަރިކަލުން މުލިއާގެއަށް އަންހެނުންނާއި ފިރިހެނުން ވައްދަވައިގެން ފާހިޝްކަންތައް ކުރެއްވުމެވެ. ރަސްކަން ރަމަތަ ކުރެވޭތޯ އުޅުއްވުމުގެ ކެރިކުޅަދާނަކަމެއް ބުއްދިއެއް ނެތެވެ.
                  -------------------------
ލިޔުއްވީ: ގަދަކަލޭގެފާނު