ލާމަރުކަޒީ ނިޒާމަށް ރައްޔިތުންގެ އިތުބާރު އުފެއްދުން












ލާމަރުކަޒީ ނިޒާމަށް ރައްޔިތުންގެ އިތުބާރު އުފައްދާނީ ކިހިނެއްތޯ ބައެއް ފަރާތްތަކުން ވާހަކަދައްކަވާއިރު އެނިޒާމަށް ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި ކުރަންވީ ކަންކަމާމެދު ވާހަކަދައްކަން އެބަ ޖެހެއެވެ. މިގޮތަށް ވާހަކަދައްކާއިރު އެނިޒާމެއް ރާއްޖެއަށް ތަޢާރަފުކުރީ ކީއްކުރަން ކޮންބޭނުމަކު ކޮންބައެއްތޯ އާއި އެނިޒާމެއްގެސަބަބުން ރާއްޖެއަށް ލިބުނު ފައިދާތަކެއްވާނަމަ އެފައިދާއަކާއި ނުވަތަ އޭގެ ސަބަބުން ރާއްޖެއަށް ލިބުނު ދެރައެއްވާނަމަ އެވާހަކަވެސް ދައްކަން ޖެހެއެވެ. އެހެންނޫނީ އެނިޒާމަކަށް ރައްޔިތުންގެ އިތުބާރެއް ނުލިބޭނެއެވެ.

ލާމަރުކަޒީ ނިޒާމެއް ރާއްޖެއަށް ތަޢާރަފުކުރި ގޮތެއްގައި ތަޢާރަފުކުރި ބޭނުމެއްގައި ކުރުމާމެދުވެސް ރާއްޖޭގެ ގިނަ ރައްޔިތުންގެ ހިތްތަކުގައި މީގެކުރިން އުފެދުނު ޝައްކާއި ވަހުމްތައް މިހާރުވަނީ ފުރިހަމަ ޔަގީންކަމަކަށް ބަދަލުވެފައެވެ. ލޯމައްޗަށް ހާމައަށް ފެންނަމުންދާ ގިނަ ކަންކަމުގެ ސަބަބުންނެވެ. ރައްޔިތުންގެ ގިނަބަޔަކު ގަބޫލުކުރަނީ ނަމެއްކިޔައިގެން ތަޢާރަފުކުރި މިއެއްޗެއްގެ އެންމެބޮޑު ބޭނުމަކީ ރައްޔިތުންގެ ލޮލުގައި ހީލަތްތެރި މަކަރުވެރި ގިރިޓީ އަދުނެއްއަޅުވައިގެން ވަކިބަޔެއްގެ އަމިއްލައެދުމާއި ފައިދާއަށްޓަކައި ރައްޔިތުންގެ މައްޗަށް ވެރިވެގަތުންކަމަށެވެ. 

ރައްޔިތުންގެ ބަޔަކަށް މިގޮތަށް ގަބޫލުކުރެވެނީ ލާމަރުކަޒީ ނިޒާމުގެ ސަބަބުން މިހާތަނަށް ރައްޔިތުންނަށް ލިބުނު ފައިދާއެއްނެތްތާގައި އެކި ގޮތްގޮތުން ރައްޔިތުންނަށް ލިބިފައިވީ ދެރަތަކާއި ލިބެމުންދާ އިންތިހާދަރަޖައިގެ ގެއްލުންތަކުގެ ބޮޑުކަމުންނެވެ. ގިނަފަރާތްތަކާއި ފޯނުން ސުވާލުކުރުމުން އޭގެ 95% އަށްވުރެ ގިނަބަޔަކު ބުނެފައިވަނީ އެނިޒާމެއް ރާއްޖެއަށް ތަޢާރަފުކުރި ފަހުން ނުފޫޒާއި ނުލަފާކަމާއި ބާރާއި ޙީލަތުގެ ތެރެއިން ވެރިންގެގޮތުގައި ރައްޔިތުންގެމައްޗަށް އިސްވެގަތް ވަރަށްގިނަ މީހުންނަކީ އިމާމްވެ ނަމާދުކުރުމާއި ކަށުކަމާކެމީގެ ކަންކަން ކުރަންވެސް ނުދަންނަ ބަޔެއްކަމަށްވާތީ އޭގެ ސަބަބުން އިސްލާމީ ޢަގީދާއާއި ދިވެހިގައުމިއްޔަތަށް ނުބައި އަސަރުތަކެއް ކުރަމުންދާ ކަމަށެވެ. އަދި އޭގެތެރޭ ހެޔޮވިސްނޭ ރަގަޅު މީހަކުވެސް މަދުންނޫނީ ނެތްކަމަށެވެ.

ލާމަރުކަޒީނިޒާމުގެތެރެއިން ރައްޔިތުންގެ ވެރިންގެގޮތުގައި މިހާތަނަށް ފެނުނު އަދި ފެންނަން ތިބި ގިނަމީހުންނަކީ ރައްޔިތުން ގޮވައިގެން އުޅުމުގެ ކުޑަވެސް ގާބިލްކަމެއް ނެތް އަދި ރައްޔިތުންގެ ކުރިއެރުމާއި މަންފާއަށްޓަކައި ކުރަންޖެހޭ ކަންކަމަށްވުރެ އެބަޔެއްގެ އަމިއްލަ ނަފުސުގެ މަޞްލަޙަތާއި އެބަޔަކު ނިސްބަތްވާ ޕާޓީއެއްގެ މަޞްލަޙަތަށް އިސްކަންދޭ ބަޔެއްކަމަށެވެ. އެބަޔަކު ބޭނުންވާ ގޮތަކަށް ބޭނުންވާ ބަޔަކަށް ރައްޔިތުންގެ ފައިސާއާއި ތަކެއްޗާއި ބިންބިމާއި ފަޅުފަޅާއިވެސް ދެމުން ބަހަމުން ގެންދަނީއެވެ. މިބަހުގެ އަލިގަދަ ސާފުހެކިތައް ހާމައަށް ފެންނަން އެބަހުރިކަމަށެވެ. މިފަދަ ބައެއްކަންކަން ރާއްޖޭގެ ބައެއް ތަހުގީގީ، ޝަރުޢީ އިދާރާތަކަށްވެސް ހުށަހެޅެމުންދާ ކަމަށެވެ.

ފޯނުން ސުވާލުކުރެވުނު 100% މީހުން ގަބޫލުކުރާގޮތުގައި އާބާދީ ނުހަނުމަދު ރަށްރަށަށްވެސް އެރަށްރަށަށް ބޭނުންވާ ޢަދަދަށްވުރެ ގިނަޢަދަދަކަށް ކައުންސިލަރުންގެ ނަމުގައި މީހުންތައް ލެއްވުމުން އޭގެ ކޮންމެމީހަކަށް މަހަކު 10، 12، 15، 20 ހާސް ރުފިޔާ ނިކަމެތި ރައްޔިތުންގެ ފައިސާއިން ދޭންޖެހުމަކީވެސް ލާމަރުކަޒީ ނިޒާމުގެ ސަބަބުން ދުވަހުންދުވަހަށް ރައްޔިތުންނަށް ލިބެމުންދާ ކޮޅުނެތްކޮޅުގެ ބޮޑު ދެރައެކެވެ. މިކަން މިހެންއޮތްއިރު މީގެކުރިން ކަތީބުންނާއި އެހީތެރިންގެ ގޮތުގައި ތިބި މީހުންނަށްވެސް ނުހަނު ބޮޑެތި ޢަދަދުގެ މުސާރަ ދޭން ޖެހެއެވެ.

ވީމާ ލާމަރުކަޒީ ނިޒާމަކީ ދިވެހިރާއްޖޭގައި ކޮންމެހެން އޮތުން ލާޒިމް ނިޒާމެއްކަމަށްވާނަމަ، އެނިޒާމަށް ރައްޔިތުންގެ އިތުބާރު އުފެދޭނެތޯ އުފެދިދާނެ ގޮތެއް އޮތްނަމަ އެގޮތަކީ ކޮބައިތޯވެސް ކަމާބެހޭ ފަރާތްތަކުން ވިސްނަވައި އޭގެޙައްލު އަވަހަށް ހޯއްދެވުން ބުއްދިވެރިއެވެ. މިނިޒާމެއް މިހާރު އޮތް ސިފައަށް މިހާރު އޮތް ބައްޓަމަށް ދިވެހިރާއްޖޭގައި އޮންނަންވެއްޖެނަމަ ދިވެހިގައުމިއްޔަތު ހަލާކުވެ ދިވެހިވެށީގެ އޮމާންކަންގެއްލި އަދި ދިވެހި ރައްޔިތުން ބަގުރޫޓުވެ އިދަޖެހުމަކީ ދާދިގާތުގައި އޮތް ކަމެކެވެ.
                                                                     --------------------

ލިޔުއްވީ: އިބްރާހީމް އާދަމް