ޙަބުޝްކަރައިގެ ރާޖާއާއި ދިވެހިންގެ ޖަމާޢަތް – ހަތަރުވަނަބައި










ރާޖާ – (މޫސާތަކުރުފާނަށް އިޝާރާތްކުރައްވައި) އުބުރެހެމުގެ ވާހަކަ އަހުރެން ކަނުލައި އަހައި ބުއްދީގެ ތަރާދުން މިނެ ވަޒަންކޮށްފީމުއޭ. އޭނާ އެބުނަނީ އުކުޅުވަޅުން ގަދަ ހޫނެއް އަރައި ތަންދޮރު އޮޅުންފިލުން ދަތިވެ ބުއްދި ބުރާންތިވެ މަޢިދާގައި ބާވަތެއްގެ ދިލައެއް ނަގައިގެން ހަސްފަތާލު ގޮވަތިތެރޭ އެއްކަނެއްގައި އާދަމުގެ ދަރިންނާއި ވަކިން ބަޔަކު އެކަހެރިކޮށް އެނދުމަތިކުރި ވާހަކައޭ. މިކަމާއެކުމެ ވަރުވަރުގެ ހޮޅިގުޅައި ފީނާބާވަތުގެ މޫނުމަތި އަޅުވައިގެންނޫނީ މިބަޔަކަށް ނޭވާވެސް ނުލެވޭ ވާހަކައޭ.

މިބީދައިން ކަންހިނގި ކަމަށް މޭރުންވަނީ އާދަމުގެދަރިން ކުރެ ތިމައުރެންނީ މުސްލިމުންނޭ ތަންމިނަށް އަނގަހުޅުވައި އަބަދުގޮވާ ބަޔެއްގެ ގަޔަށް ފަރަންޖީ ނަގުލަންދާށި ހޮރަކުން ކައްޓަކަށްފަހު ކައްޓެއްޖަހަމުން ގޮސް މިހައިރު ދޮޅަސް (ބާރަ) ކަށިޖެހުމޭ. ކަންހިނގައި ނިމިދިޔަމަގީ މިއީކަމަށްވާއިރު ތިޔަބައިމީހުންގެ މާތްދީނަށް ފިކުރު ހިންގައިލުމުން މިކަންވާހުށީ ކޮންފަދަ ކަމަކަށްހޭ؟ މިކަމާމެދު ތަކުރުފާނުގެ ތިޔަހަރަ ފިކުރަށް ގެނެވިދާނެ ޖަވާބީ ފަހެ ކޮބައިހޭ؟

މޫސާތަކުރުފާނު – (އިރުކޮޅަކު ވިސްނުމަށްފަހު) މަސާހިބާވޭ، މުސްލިމެއްގެ ގަޔަށް ފަރަންޖީ ނަގުލަންދާށި ހޮރަކުން ކައްޓަކަށްފަހު ކައްޓެއްޖަހަމުން ގޮސް މިހައިރު ދޮޅަސް (ބާރަ) ކަށިޖެހުމުން އެމީހަކީ ފުރިހަމަ މުސްލިމެކޭ ބުނެވިދާނެ ހަމަ އެއްވެސް މަގެއް މިއަޅާގެ ފިކުރަކަށް އުޅެއުޅެ ނަޔޭ. އަދި ކިޔެއްތޯއޭ އެކަންވާހުށީ ބޮޑުވެގެންވާ މުސްތަޙީލް ކަމަކަށޭ. އެގޮތީ، އަހަރުމެންގެ މާތް ފޭތާންބަރު ރަސޫލުﷲގެފާނު ޙަދީސްކުރެއްވި ބަސްފުޅެއްގެ މަޢުނައިގައި ވަނީ، މުއުމިނެއްގެ ގަޔަށް އެއްހަރަކުން ދެފަހަރަކު ކައްޓެއް ނުޖެހޭނެއޭ.

އަދި އެމާތް ރަސޫލާ ޙަދީސްކުރެއްވި ކަމަށް ސަޙީޙް މުސްލިމްގައި އަބޫހުރައިރާ ރިވާކުރައްވަތޭ، ފިތުނަތައް ފާޅުވުމުގެ ކުރިން ހެޔޮ ޢަމަލުތައް ކުރުމަށް އަވަސްވެގަންނާށޭ. އެފިތުނަތައް ވާހުށީ ކަޅު އަނދިރި ރެއެއްގެ އަނދިރިތައް ފަދައިންނޭ. މީހަކު ހެނދުނު މުއުމިނެއްގެ ގޮތުގައި ހުރެފައި ހަވީރުވާއިރު ކާފިރުވެދެއޭ. ނުވަތަ ހަވީރު މުއުމިނެއްގެ ގޮތުގައި ހުރި މީހާ އަނެއްދުވަހު ހެނދުނުވާއިރު ކާފިރުވެދެއޭ. އަދި މީހުން ދުނިޔެވީ ފައިދާއަށްޓަކައި ދީން ވިއްކާލާނެތޭ.

ސާހިބާވޭ، އުބުރެހެމު ދެންނެވިވާހަކަތައް މަސާހިބާ އައްސަވައިފީމުތާއޭ. އުބުރެހުމު އެދެންނެވީ ކުރެވޭނެ މާބޮޑުކަމެއް ނެތުމުން އިބްލީސް މާލެދިޔުމުގެ އެއްވެސް ބެއިނުމެއް މިހައިރު ނެތްކަމަށް އިބްލީހުގެ އަޢުވާނަކު އިބްލީހުގެގާތު ބުނި ވާހަކައޭ. އެއީ ހީލަތާއި މަކަރުގެ ބާބުގައި އެތައްގުނައެއް ކުރީގައި ތިބި ހަމައެކަނި ނަމުން މުސްލިމްބަޔަކު މާލޭގައި ތިބުމުން އެބަޔަކަށްވުރެ ދޮޅުއިންޗި ކުރިޔަށްވެސް އިބްލީހަށް ޖެހެވިދާނެ ހަމަ އެއްވެސްގޮތެއް ނެތުމުންނޭ.

މިދެންނެވިބަޔަކީ ހެނދުނު އެއްވާހަކަ މެންދުރު އެއްވާހަކަ ހަވީރު އެއްވާހަކަ ރޭގަނޑު އެއްވާހަކަ ދައްކާއިރު ކޮންމެ ދެވާހަކައެއްގެ ފުށުއެރުމާއި ތަފާތު މަޝްރިގުން މަޣްރިބަށް ހުރި ބަޔެކޭ. އަދި ކިޔެއްތޯއޭ އާދަމުގެދަރިންގެ ތެރެއިން ބާލިޣުނުވާ ކުޑަކުއްޖަކު މިބަޔެއްގެ ވާހަކަތައް ކަނުލައި އަހައިފިނަމަ، ލިބޭ ޙައިރާންކަމެއްގެ ބޮޑުކަމުން އެކުއްޖަކު ވަގުތުން ބާލިޣުވެ، ފަނަރަސޯޅަ އަހަރުގެ އަންހެނާ ހަމައެހިނދުމެ ޢިއްދައިން ކެނޑިދާހުއްޓޭ. (ނުނިމޭ)
               ------------------

ލިޔުއްވުން: އަލިފު ރާ (އީމެއިލް)