ތިނަދޫ ފެންޕްލާންޓްގެ ތަކެތި މޫދަށް އުކައިލުން
















އެންމެ އިހު އެވޭލާ ޒަމާނުއްސުރެ ފެށިގެން ދާދިފަހަކާ ޖެހެންދެން، ރާއްޖޭގެ މީހުން އުޅޭ ރަށްރަށުގައި ޢާއްމުގޮތެއްގައި ބޯން ބޭނުންކުރި ފެނަކީ، މިސްކިތްތަކުގެ ވަޅު ފެނެވެ. ގިނަ ރަށްރަށުގައި އެ ރަށެއްގެ ހުކުރުމިސްކިތުގެ ވަޅުފެނެވެ. މިސްކިތްތަކުގެ ވަޅުތަކާއި ކައިރީގައި ގަޟާޙާޖަތްކުރާ ތަންތަން ނެތުމާއި، އަދި އެ ވަޅުތަކަށް ފެންދަތުރުކުރާ ލައިނުގައި ވެސް ބޮޑުކަމުދާ ނަޖިހުގެ އަސަރު ނުހުރުމާ އެކު، މިސްކިތްތަކުގެ ވަޅުފެނަކީ ވާރޭފެނަށް ވުރެ އެ ދުވަސްވަރު ބޯންކަމުދާ ފެނެއްކަމަށް ބެލެވުނެވެ. މިހާރަށް ބެލިކަމަށް ވިޔަސް، ވާރޭ ފެނަކީ އެ ފެން ނެގުމަށްޓަކައި ކުރަންޖެހޭ ކަންކަން ރަނގަޅަށްނުކޮށްފިނަމަ، އިންސާނުން ބޯން ކަމުދާ ފެނަކަށްނުވެއެވެ. ވާރޭވެހިގެން ފުރާޅާއި ދިޔަދޮވި ސާފުވުމުގެ ކުރިންނާއި، ނޫނީ މީހެއްގެ މަސައްކަތުން ފުރާޅާއި ދިޔަދޮވި ސާފުކުރުމުގެ ކުރިން ފުރާޅާއި ދިޔަދޮވި ބޭނުންކޮށްގެން ނަގާ ފެނަކީ، އިންސާނުން ބޯން ކަމުދާ ފެނަކަށް ނުވާނެއެވެ.

ފުރާޅާއި ދިޔަދޮވި ސާފުކުރުމަށްފަހު، ދިޔަދޮއްވާއި ވާރޭފެން ތާނގީއާއި ގުޅައިދޭ ވޭލް ދޫކޮށް ފެންނަގަމުންދަނިކޮށް ވާރޭ ހުއްޓައިލުމުންވެސް ވޭލް ބަންދުނުކޮށް ހުންނަތާ އެތައްއިރެއްގެ ފަހުން، އެތައް ދުވަހެއްގެފަހުން، ވާރޭވެހެން ފެށުމުން ފުރާޅާއި ދިޔަދޮވީގެ ސާފުކަމަށް އަލުންބެލުމެއް ނެތި ފެންނަގާނަމަ، އެ ފެނަކީވެސް ބޯން ބޭނުންކުރުމަށް ސާފުތާހިރު ރަނގަޅު ފެނަކަށްނުވާނެއެވެ. އެއީ، ވޭތިވި ގަޑިތަކާއި ދުވަސްތަކުގައި ބުޅަލާއި މީދަލާއި އެހެނިހެން ސުފާސޫފީގެ ނަޖިހާއި ޖަރާސީމުގެ އަސަރު ފެންނަގާ ފުރާޅުގައި ހުރުމުގެ ފުރުޞަތު ބޮޑުވީމައެވެ.

1962މ. ގައި ހުވަދުއަތޮޅު ތިނަދޫން މީހުން ބޭލުމާއި ހަމައަށް ވެސް އެރަށުގެ ގިނަ ގެތަކުގައި ބޯން ބޭނުންކުރީ މިސްކިތްތަކުގެ ވަޅުފެނެވެ. އެންމެގިނައިން ބޭނުންކުރަނީ ހުކުރުމިސްކިތުގެ "ހޮއްވަޑާ" ކިޔާ ފެން ހެޔޮ، ފެން މީރު ވަޅުގެފެނެވެ. ހުކުރުމިސްކިތުގެ ކުރިމަތީގައިވާ ހަތަރެސްކަން މި ވަޅުގެ ހަތަރުކަން ހުންނަނީ އެތާނގައި ބޯފެން އަޅާ ބަނޑިޔާ ބަހައްޓާލެއް ގިނަކަމުގެ ސަބަބުން ހަމަ މިނަށްވުރެ އަޑިވެލާފައެވެ. 

ދިވެހީންގެބަޔަކު ދެވަނަފަހަރަށް ތިނަދޫގައި ވަޒަންވެރިވީފަހުން ހުކުރުމިސްކިތާއި މިސްކިތުގެ ގޯއްޗަށް ގެންނަމުންދިޔަ ބަދަލުތަކުގެތެރޭ މިސްކިތުގެ ކުރިމަތީގައިވާ "ހޮއްވަޑާ" ގެ މަތި ތަޅައިލައި ފޮރުވައިލުމުން ދެން ފެން ނެގުމަށް ބޭނުންކުރި ހަތަރެސްކަން ވަޅު މިހާރުވެސް އެ ހުރީއެވެ. ފޮރުވައިލެވުނު "ހޮއްވަޑާ" މިހާރުވާނީ މިސްކިތުގެ ކުރިމަތިން ބިންގަޑުތެރޭގައެވެ.

ފެރޯސިމެންތި ތާނގީތަކާއި ކަޅުހަންތައް މިސްކިތްތަކުގެ ގޯތިތެރެއާއި ގޭގޭގައި ބެހެއްޓިފަހުން ވެސް ތިނަދޫ ހުކުރުމިސްކިތުގެ ވަޅުން މަދުމަދުން ފެންނަގައެވެ. އަދި މަސްދޯނިފަހަރާއި، ބޯޓް ފަހަރުގައި ބޯންބޭނުންކުރުމަށް ވެސް ފެން ނަގައެވެ. 2004މ. ގެ ސުނާމީއާއި ގުޅިގެން ރާއްޖޭގެ ގިނަ ރަށްރަށުގެ ފެންފަށަލައަށް ބަދަލުތަކެއް އައި ނަމަވެސް ތިނަދޫއަށް އޭގެ އަސަރު ފޯރިލެއް ކުޑައެވެ. ނަމަވެސް ވާރޭވެހުން މަދު މޫސުމްތަކުގައި ތިނަދޫގެ ގިނަ ސަރަޙައްދުތަކުގެ ފެނުގެ ވަހަށް ބަދަލު އާދެއެވެ. މިއީ، އެކަމުގައި ގުދުރަތީ ސަބަބެއް އޮތުމަށްވުރެ ބޮޑަށް އިންސާނީ ސަބަބެއް އޮތް ކަމެކެވެ. ރަށުގެ ގޭގޭގައި ފެންނަގާ މޯޓަރތަކާއި ޕަމްޕުތައް ބޭނުންކޮށްގެން ގިނަ ޢަދަދަދަކަށް ފެންނެގި ފެނުގެ އިސްރާފު ވެސް ބޮޑުވުމުންނެވެ. އެހެންނަމަވެސް ތިނަދޫގެ ގިނަ ސަރަޙައްދުތަކުގެ ފެންފަށަލަ މުޅިން ތަޣައްޔަރުވެގެން ދިޔައީ، ގޭގޭގައި ފާޚާނާބަހައްޓައި އޭގެ ފެންހިންދާ ވަޅުތަކުގެ ފެން ފެންފަށަލަތެރެއަށް ދާންޖެހުމާއި ގުޅިގެންނެވެ.

މިހެންވުމުން، ރާއްޖޭގެރަށްރަށުގެ ފެން ފަށަލަ އިތުރަށް ގޯސްވިޔަ ނުދީ ދެމެހެއްޓެނިވި ގޮތެއްގައި ދުރު މުސްތަގުބަލަކަށް ބޭނުން ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބެއްލެވުމުގެ ތަފާތު ދިރާސާތަކެއް، އެމް.ޑަބްލިޔޫ.އެސް.އޭ އިން 2005މ. ގައި ފެއްޓެވިއެވެ. އޭގެތެރޭ ބިމުގެ ފެން ފަށަލަ ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމަށްޓަކައި ތަރައްގީގެ ތަފާތު މަޝްރޫއުތައް ރާވާ އިރު އެކަމަށް ޚާއްސަ ގޮތެއްގައި ބެއްލެވުމުގެ ޢަމަލީ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާނެއެވެ. އަދި ސާފު ބޯފެނާއި ނަރުދަމާގެ ވަސީލަތްތައް އިތުރުކުރައްވައި އެ ކަންތައް ރަނގަޅު އުސޫލަކުން ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ އިތުރު މަސައްކަތްތަކެއް ކުރެއްވުމާއި، ރަށްރަށުގައި ވާރޭ ފެން ރައްކާ ކުރެވޭ މިންވަރު އިތުރުކުރުމަށާއި ބިމުގެ ފެން ފަށަލަ ގޯސްވެފައިވާ ރަށްރަށުގެ ރައްޔިތުންނަށް، މީރު ފެން އުފައްދާ ނިޒާމުތައް ބަހައްޓައިގެން ފެނުގެ ވަސީލަތް ފޯރުވައި ދިނުމުގެ މަސައްކަތްތަކެއް ވެސް އެމް.ޑަބްލިޔޫ.އެސް.އޭ އިން ކުރައްވަމުން ގެންދެވިއެވެ.

ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވެއްޖެނަމަ، ތިނަދޫގެވަޅުތަކުގެ ފެން ތަޣައްޔަރުވުމުގެ އިތުރަށް ބޯން ބޭނުންކުރާ ވާރޭފެން ވެސް ހުސްވެ، އެކަމުގެ ދައްޗާއި ކުރިމަތިވަމުން ދިޔައެވެ. މިއީ ރާއްޖޭގެ ބައެއް ރަށްރަށުގައި ވެސް މިކަން ހިނގަމުންދިޔަގޮތް ކަމަށް ވާތީ، ވާރޭފެން ހުސްވުމުގެ ދަތިތަކާ ކުރިމަތިވުމުން އެ ރަށްރަށަށް ފެން ފޯރުކޮށްދެއްވުމުގެ މަސައްކަތް ސަރުކާރުން ކުރެއްވިއެވެ. މިގޮތުން ތިނަދޫން ވެސް ވާރޭފެން ހުސްވެފައިވާތީ، ސަރުކާރުން ފޮނުއްވި މޯބައިލް ފެން ޕްލާންޓްގެ ބޯޓެއް ތިނަދޫއަށް ގޮސް ޢާއްމުކޮށް ހުރިހާ އެންމެންނަށާއި ޚިދުމަތުގެ މުއައްސަސާތަކަށް ވެސް ފެން ދޫކުރިއެވެ.

ތިނަދޫއަށް ކުރިމަތިވެފައިވާ ފެނުގެ ދަތިކަން ޙައްލުކޮށްދެއްވުމަށްޓަކައި، ދުވާލަކު 200 ޓަނުގެ ފެން އުފައްދާ ފެންޕްލާންޓެއް މިނިސްޓްރީ އޮފް ހެލްތުން ތިނަދޫއަށް ފޮނުއްވިއެވެ. މިއީ 2004މ. ގެ ސުނާމީއާއި ގުޅިގެން ސިންގަޕޫރުން ހަދިޔާކުރެއްވި ދެ ޕްލާންޓްގެތެރެއިން އެކައްޗެވެ. އަނެއް ޕްލާންޓް ބެހެއްޓީ ލ. ގަމުގައެވެ. ތިނަދޫއަށް ފެން ޕްލާންޓް ގެންދިޔައީ، 2005މ. ގެ ކުރީކޮޅުއެވެ.

ރާއްޖޭގެ އާބާދީ ބޮޑު ބައެއް ރަށްރަށުގެ ފެންފަށަލަ ބޭނުންނުކުރެވޭ ވަރަށް ތަޣައްޔަރުވެފައި ވާތީ، ވިޔަފާރި އުޞޫލުން ރާއްޖޭގެ ފަސް ރަށަކަށް ފެނުގެ ޚިދުމަތްދިނުމަށް ބޭނުންވެ، އެކަމަށް ޝައުގުވެރިވާ ބަޔަކު ތިބިތޯ ބެއްލެވުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެނަރޖީ އެންޑް ވޯޓަރ އިން 2006މ. ގެ ކުރީކޮޅު އެ ފުރުޞަތު ހުޅުވާލެއްވިއެވެ. ވިޔަފާރި އުޞޫލުން މިކަން ހަމަޖެއްސެވީ، މާލެއަށް ފެންލިބޭ އަގަށްވުރެ ހެޔޮ އަގެއްގައި އެ ރަށްރަށަށް ފެންލިބޭ ގޮތަށެވެ. އެފަހަރު،16 ފަރާތަކުން އެކަމަށް ޝައުގުވެރިވެ ހުށަހެޅި އިރު، އޭގެތެރޭ ގދ. ތިނަދޫ ވެސް ހިމެނެއެވެ. އަނެއް 4 ރަށަކީ، ބ. އޭދަފުއްޓާއި، ޅ. ނައިފަރާއި، އެ އަތޮޅު ހިންނަވަރާއި، އަދި ސ. ހިތަދޫ އެވެ. މީގެތެރޭ އޭދަފުއްޓަށް 12 ފަރާތަކުން، ނައިފަރަށް11 ފަރާތަކުން، ހިންނަވަރަށް 13 ފަރާތަކުން، ތިނަދުއަށް 14ފަރާތަކުން، އަދި ހިތަދުއަށް 13 ފަރާތަކުން ހުށަހެޅިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެނަރޖީ އެންޑް ވޯޓަރ އިން ތިނަދޫގައި ފެން ޕްލާންޓް ބެހެއްޓެވުމުގެ މަސައްކަތްކުރައްވަން ނިންމެވުމާ އެކު، ސަރުކާރުން ތިނަދޫއަށް ފޮނުއްވި ފެންޕްލާންޓްގެ ބައެއް ތަކެތި ހަލާކުކޮށް، ބައެއް ތަކެތި ވަގަށް ގެންގޮސް،  އަދި ބައެއް ތަކެތި ޕްލާންޓް ހުރި ދިމާލުން ގޮނޑުދޮށާއި މޫދަށް ވެސް އުކާލާފައި ހުއްޓެވެ. ތިނަދޫގެ މި ފެންޕްލާންޓް ހުރީ މިހާރުވެސް ފެންޕްލާންޓް ހުރި ސަރަޙައްދުގައެވެ. އަތްވާއި ވާރޭއިން ހިޔާވާގޮތަށް ސަތަރިއަޅައި ބަންދުކޮށްފައިހުރި މި ފެންޕްލާންޓްގެ ބައެއް ތަކެތި ހަލާކުކޮށް، ބައެއް ތަކެތި ވަގަށް ގެންގޮސް، ބައެއް ތަކެތި ގޮނޑުދޮށާއި މޫދަށް އުކާލާފައިވަނީ ބޭރުގައިހުރި ސަތަރިތައް ކީހައިގެންނެވެ. މިކަންކުރިއިރު ފެންޕްލާންޓުން ގޭގެއަށް ފެން ސަޕްލައިކުރުމަށް ބޭނުންކުރާ ހޮޅިތަކެއް ނުގެނެއެވެ. އެ ހޮޅިތައްހުރީ މާލޭގެ ގުދަނެއްގައެވެ.

ތިނަދޫގެ ފެން ޕްލާންޓްގެ ތަކެތި ގެއްލުމުން އޭގެބަދަލުގައި އެއްޗެހިގެނައުމަށްޓަކައި، ފެންޕްލާންޓުން މަދުވެފައި ވަނީ ކޮން ކޮން އެއްޗެއްސެއްތޯ ބެލުމަށްޓަކައި ފިނޭންސް މިނިސްޓްރީއާއި އެންވަޔަރމެންޓް މިނިސްޓްރީން މިކަމަށްޓަކައި ބިޑް ހުށަހަޅާފައިވާ ދެކުންފުނިން ތިނަދޫއަށް ޒިޔާރަތްކޮށް މަދުވާތަކެތީގެ ލިސްޓްނަގައި އެ ތަކެތި އޯޑަރކޮށް މާލެގެނައިތަނާ، އަނެއްކާ ވެސް ތިނަދޫގައި ހުރި ފެން ޕްލާންޓުން އިތުރު އެއްޗެހިތަކެއް ގެއްލި ވީނުވީއެއް ނޭނގުނެވެ. މިކަންދެނެހުރި އިންސާނަކު ނެތެވެ. މިހެންވުމާއި، އަދި އެ ދުވަސްވަރު ތިނަދޫގެ ބައެއް ކަންކަން ހިނގަމުންދިޔަ ގޮތަށް ބަލާއިރު، ފެންޕްލާންޓްގެ ބައެއް ތަކެތި ހަލާކުކޮށް، ބައެއް ތަކެތި ވަގަށް ގެންގޮސް، ބައެއް ތަކެތި ގޮނޑުދޮށާއި މޫދަށް އުކާލުމުގައި ސުވާލުއުފެދޭ ކަންކަމެއް ހުންނާނެއެވެ. އެބަހުއްޓެވެ. ގިނަބަޔަކު ގަބޫލުކުރަނީ، ބޭރުގެ އެހީއެއްގެ ދަށުން ވިޔަސް ދިވެހިސަރުކާރުގެ ޙިއްޞާއެއް އޮވެގެން އެ ފެން ޕްލާންޓްގެ ޚިދުމަތް ތިނަދޫގެ ރައްޔިތުންނަށް ލިބިއްޖެނަމަ، އެކަމަކީ ތިނަދޫގެ ކޮންމެވެސް ބަޔަކު ޝުކުރުވެރިކަމާ އެކު އެކަން ފާހަގަކުރުން އެކަށީގެންވާ ކަމަކަށްވާތީ، އެކަން އެހެންވުމަށް ކޮންމެވެސް ބަޔަކު ބޭނުންނުވީ ކަމަށެވެ. މިހެންވީމާ، އެވަނީ "މީސްމީހުންގެ އަމިއްލަ އެދުމާއި، ޙީލަތާއި މަކަރުވެރިކަމުގެ ތެރެއިން ކުރާ ކަންކަމުގެ ސަބަބުން އެ ބަޔަކަށް ވަގުތީ ފައިދާއެއް ލިބެން އޮތް ކަމެއްގައި ވިޔަސް، އެ ކަމެއްގެ ސަބަބުން ތިމާމެންގެ އަންނަން އޮތް ޖީލަށް ދެރަޔާއި ގެއްލުންތަކެއް ކުރިމަތިނުވާ ގޮތަށް ވިސްނުން ބަހައްޓާ ފަރާތްތައް އުޅެޔޭ އެ ބުނާ ބުނުމާއި، އަދި މިހެންމެ، މިގޮތަށް ވިސްނުން ނުބަހައްޓާ ފަރާތްތަކެއް ވެސް އުޅެއޭ" އެ ބުނާ ގޮތަށެވެ. އެހެނީ، ޢާއްމުކޮށް ރަށެއްގެ މުޅި ރައްޔިތަށް ލިބެންއޮތް ނުހަނުބޮޑު ފަސޭހައަކާއި ފައިދާއެއް އެ މީހުންނަށްލިބުމަށް ކޮންމެވެސްބަޔަކު ބޭނުންނުވީމާ، އެ ފަސޭހައަކާއި ފައިދާއެއް ހަފުސްކޮށްލީއެވެ.

މެދު ކެނޑުމެއްނެތި ތިނަދޫގެ ރައްރިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ސާފު ބޯފެނުގެ ޚިދުމަތް ލިބިގެންދާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ތިނަދޫ ފެން ޕްލާންޓްގެ ސާމާނު ވަގަށްނަގައި އޭގެ ބައެއްތަކެތި ހަލާކުކޮށް އުކައިލުމުން އެ ތަކެތި ހޯދަންޖެހުމާއި، އަދި ތިނަދޫގައި ޤާއިމްކުރެވިފައިވާ 150 ކިޔުބިކް މީޓަރުގެ ފެން ޕްލާންޓްއާއި، 1000 ކިޔުބިކު މީޓަރުގެ ސްޓޯރޭޖް ޓޭންކް އަޕްގްރޭޑް ކުރުމަށް މާލޭ ވޯޓަރ އެންޑް ސުވަރޭޖްކޮމްޕެނީ ޕްރައިވެޓްލިމިޓެޑް އާއި ޙަވާލުކޮށްގެން ކުރިއަށްގެންދިޔަ މި ފެން ޕްލާންޓްގެ މަސައްކަތަށް (25 ޖެނުއަރީ 2014މ. އާއި ހަމައަށް) ދައުލަތުގެ ބަޖެޓުން ޖުމްލަ 5,111,215.91 ރ. (ފަސް މިލިޔަން އެއްލައްކަ އެގާރަހާސް ދުއިސައްތަ ފަނަރަ ރުފިޔާ ނުވަދިހަ އެއްލާރި) ޚަރަދުވެފައިވާ ކަމަށް ނޫސްތަކުން ވެސް މިހާރު އެނގޭނެއެވެ.

ތިނަދޫގެ ގޭގެއަށް ސާފު ބޯފެން ފޯރުވައިދިނުމުގެ ޚިދްމަތް ރަސްމީގޮތުން ފެއްޓެވި ދަތުރުފުޅުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، 14 ސެޕްޓެމްބަރ 2012މ. ގައި ތިނަދުއަށް ވަޑައިގެންނެވި ދުވަހު އެ ޚިދުމަތް ފައްޓަވައިދެއްވުމަށް ފަހު، އެ ދުވަހުގެހަވީރު ތިނަދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ "ކޮންމެ ފަލްސަފާއެއް ޤަބޫލުކުރި ކަމުގައި ވިޔަސް، ދައުލަތް ހިންގުމަށްޓަކައި އަދި ދިވެހި ސަރުކާރު ހިންގުމަށްޓަކައި، އެންމެން އެކީގައި ގުޅިގެން މަސައްކަތް ކުރުމަށާއި، ދައުލަތުން ކޮށްދޭންޖެހޭ ކަންތައްތައް ކުރެވޭނީ ރަށްރަށުގެ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ލިބިގެން ކަމަށާއި، އެގޮތުން ތިނަދުއަށް ކަނޑައެޅިފައިހުރި މަޝްރޫޢުތައް ވެސް ހިންގޭނީ ރަށުގެ ވެރިންގެ އެހީތެރިކަން ލިބިގެން ކަމަށެވެ." އަދި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، "ސަރުކާރުން ކޮށްދޭ ކަންތައްތަކަކީ ރައްޔިތުންނަށް ކޮށްދޭ ކަންކަމަށް ވުމުން، ސަރުކާރުދެކެ އަންނަ ރުޅިއެއްގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާ ދެކެ އަންނަ ރުޅިއެއްގައި، ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަމަށް ހުރަސްއަޅައި، އެކަންކަމުގައި އެއްބާރުލުން ނުދިނުމަކީ، ހަމަޖެހޭކަމެއް ނޫން ކަމުގައި" ވެސް ވިދާޅުވިއެވެ. މިގޮތަށް ރައީސް ވިދާޅުވެފައިވަނީ އެދުވަހު އެމަނިކުފާނު ތިނަދުއަށް ވަޑައިގަތުމުން އެ ރަށުގެބަޔަކު ހިންގާފައިވާ ނޭދެވޭ ކަންކަމެއްގެ ސަބަބުން ކަމަށް ގަބޫލުކުރެވެއެވެ. 

14 ސެޕްޓެމްބަރ 2012މ. ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު،  ތިނަދުއަށް ވަޑައިގަތްފަހުން 12 ޖޫން 2013މ. ގައި އެމަނިކުފާނު ތިނަދޫއަށް ވަޑައިގަތުމުން ވެސް، ތިނަދޫގެ ބަޔަކު ހަމަނުޖެހުން ހިންގަން ފެށުމުން ފުލުހުންނާއި ސިފައިންގެ ޙިމާޔަތުގައި ކާރުކޮޅެއްގައި އެ މަނިކުފާނު، އަތޮޅުގެއަށް ވަޑައިގަތުމާއި، މި ހަމަނުޖެހުމުގެ ތެރޭ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އިބްރާހީމް މުއްޠަލިބާއި، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢައްބާސް އާދިލް ރިޒާ އާއި ވެސް  ބަޔަކު ދިމާކޮށް ޖިސްމާނީގޮތުން އެކަށީގެންނުވާ ކަންތައްތަކެއް އެ ބޭފުޅުންނާ މެދު ހިންގާފައިވާކަމަށް ރާއްޖޭގެ ބައެއް ނޫސްތަކާއި ހަމައަށް ވެސް ދިޔައެވެ.  

މިކަހަލަ ކަންކަން މިހެންހުރުމުން ތިނަދޫއަކީ، އިޖްތިމާޢީ ޢަދާލަތެއް، ހަމައެއް، ލަމައެއް ނެތް ރަށެއްކަމަށް އެތައްބަޔަކަށް ވަނީ ގަބޫލުކުރެވިފައެވެ. އަދި ތިނަދޫގެ ވަކިބަޔަކު ހިތްހަމަ ނުޖެހޭމީހަކަށް އެ ރަށަށް އަރައި ފޭބުމުގެ އިތުރަށް އެރަށުގެ މަގުތަކުގައި އަމާންކަމާއެކު އުޅެވެންނެތް ކަމަށް ވެސް އެދުވަސްވަރު ރާއްޖޭގެ ގިނަ ބަޔަކު ގަބޫލުކުރިއެވެ.  ކޮންމެއަކަސް މި އުޞޫލު ބަދަލުވާން ޖެހެއެވެ. މި ނުބައިކަން ތާއަބަދަށް ނައްތައިލަން ޖެހެއެވެ.
             -----------------------

ޢަބުދު ޙިލްމީ
04 އޭޕްރީލް 2014މ.