ޙަބުޝްކަރައިގެ ރާޖާއާއި ދިވެހިންގެ ޖަމާޢަތް – ތިންވަނަބައި










ފުނަދޫގެ ފަރުމައްޗަށް ބޭލިފަހުން އިބްލީހަށްވީގޮތެއް ނޭގޭކަމަށް ދާވޫދު ރަސްގެފާނުގެ އަރިހުގައި މޫސާތަކުރުފާނު ދެންނެވުމުން ދިވެހިންގެ ޖަމާޢަތުގައި ހިމެނޭ ގިރާވަރު އުބުރެހެމު ކުރިޔަށް ޖެހިލައި ރަސްގެފާނުގެ އަރިހުގައި ބަސްދެންނެވުމުގެ އިޒުނައަށް އެދުމުން ރަސްގެފާނު އެއިޒުނަ ދެއްވައިފޫއޭ.

ގިރާވަރު އުބުރެހެމު – މަސާހިބާގެ ޢުމުރުފުޅު ދަންމަވައި ނަޞްރުވެރިކުރެއްވުން އަޅަމެން އެދެމުއޭ.

ރާޖާ – އެދުހު އިބްލީހަށްވީގޮތުގެ ކަބަރުދަބަރު ތިބާގެ ފުށުގައި ވޭހޭ؟

ގިރާވަރު އުބުރެހެމު – ލައްބައި. އެދުވަހު މާލެއިން ހުޅުލެއަށް ދަތުރުކުރަމުން ދިޔަ އެހެން ފެރީއެއްގެ ބަޔަކަށް ފެނުނީ ފުނަދޫގެ ފަރުމަތީގައި ކަރުތާފެނުގައި ހުރި އާދަމުގެ ދަރިއަކު ހުދުފޮށައެއް ހޫރައި ހަނާއަޅަމުން ދާތަނޭ. އެހިދު އެފެރީގައި ތިބި އެންމެން އެއްއަޑަކުން އެހަރަގެން މީހަކު ޣަރަގުވަނީޔޭ، މަރުވަނީޔޭ އެމީހާ އަވަހަށްނަގާށޭ ބުނެ ހަޅޭއްލަވަން ފެށުމުން އެމީހަކު ނަގައިގެން ހުޅުލެއަށް ދިޔައީއޭ.

ރާޖާ – އެމީހަކީ އިބްލީސްކަން އެގުނީ ކިހިނަކުންހޭ؟

ގިރާވަރު އުބުރެހެމު – ހުޅުލެއަށް ފެރީގޮސް އެންމެން ފައިބައިގެން ދަންދެން ފެރީގައި މަޑުކުރުމަށްފަހު އޭގެފަހުން ފެރީގެ ކައްޕިތާނަށް ލައްކަގިނަ ކަބަރުދަބަރު އެމީހާ ކިޔައިދިނޭ. އަދި ކިޔެއްތޯއޭ އެންމެފަހުން އޭނާގެ ނަމަކީ ނަޖިދުކަލޭގެ ކަމަށް ބުނުމަށްފަހު ހުޅުލެއަށް ފައިބައި ޓާމިނަލާ ދިމާލަށް ދިޔަފަހުން ދެން އޭނާގެ ލިސާނެއް އެފެރީގެ ކައްޕތާނަކަށްވެސް ނުވެޔޭ.

ރާޖާ – ނަޖިދުކަލޭގެއީ އިބްލީސްކަން މޭރުންވީ ކިޔެއްވެހޭ؟

ގިރާވަރު އުބުރެހެމު – މިކަން މޭރުންވީ ފެރީގެ ކައްޕިތާނަށް އޭނާ ކިޔައިދިން ޑިމޮކްރަސީގެ ދެފުށް އެއްފަހަރާ ފެންނަ ކަބަރުދަބަރުގެ ބާވަތުންނާއި އަދި އަޅަމެންގެ ކަރައިގެ ބޮޑު ޢިލްމުވެރިޔަކު އޭނާއަށް ދެއްވި ނަމަކީ ނަޖިދުކަލޭގެ ކަމަށް އޭނާ ބުނުމުންނޭ.

ރާޖާ – ތިޔަބުނާ ކަބަރުދަބަރުގެ ބާވަތަކީ ކޮބައިހޭ؟

ގިރާވަރު އުބުރެހެމު – އެދުވަހު ފެރީގެ އެންމެން ހުޅުލެއަށް ފޭބިއިރުވެސް އެރަށަށް ނުފައިބައި އެމީހަކު އިންނާތީ ފެރީގެ ކައްޕިތާނު ކިޔައިފިޔޭ، ތިބާ ބެއިނުންވަނީ މާލެދާންހޭ؟ ނޫނީ ހުޅުލެއަށް ފައިބަންހޭ؟

މިހެން އެހުމުން އެމީހާ ބުނެއްޕޭ ތަކުރާވޭ، ތިމަންނާ މާލެއަށް ދިޔުމުގެ ބެއިނުމަކީ ވަކި ކޮބައިހޭ؟ އަދި ހުޅުލެއަށް ނުފައިބައި މިފެރީގައި އިނުމުގެ ބެއިނުމަކީވެސް ވަކި ކޮބައިހޭ؟ ތިމަންނާ ތަންތަނަށް ދަނީ ނުގޮސްނުވާނޭ ނުހަނު ބޮޑު މުހުތާދެއް އޮވެގެންނޭ. އެމުހުތާދެއް އެތާކުން ނުފުދެންޏާ އެތާކަށް ދިޔުމުގެ ބެއިނުމެއް ވަކި ނޯންނާނެތާވޭ. މިހެން ބުނެފައި އެމީހާ ފެރީން ފައިބަން އުޅުމުން ތިބާއީ ކޮން ކަރަޔެއްގެ މީހަކީމުހޭ؟ ފެރީގެ ކައްޕިތާނު އެހުމުން އެމީހާ ބުނެއްޕޭ، ތަކުރަކީ މީހުންނަށް ފެންނަ ފެނުމަށް އަހުރެންނަށް ނުހަނުބޮޑު ހެޔޮކަމެއް ކޮށްދިން މީހެކޭ، މީހުންނަށް ފެންނަ ފެނުމަށް މިކަން މިމަގަށް އޮތުމުން އަހުރެންގެ ބައެއްބައެއް ކަބަރުދަބަރު ތިބާއަށް ދޭހުށީމޭ ބުނެފައި ޑިމޮކްރަސީގެ ދެފުށް އެއްފަހަރާ ފެންނަޒާތުން ސުމާރެއްނެތްހާ ގިނަގުނަ ކަބަރުދަބަރުގެ ބާވަތްތަކުން ކައްޕިތާނުގެ ސިކުޑި ކަމާލުކޮށްލިއްޔޭ.

ސާހިބާވޭ، އެދުވަހު ފެރީގެ ކައްޕތާނަށް ކަބަރުދަބަރު ދެމުން އެމީހަކު ބުންޏޭ، މަރޫކޫ (މޮރޮކޯ) ގައި ހުރެފައި ފަތުރުވެރިއެއްގެ ވިސާގައި ތިމަންނާ މާލެދާން އުޅުނީ މާލޭގެ އެމް.އެމް.އޭ ދިމާލުން ބިމުގެ އަޑިން ބާހަތްތަރި ރިޔަނުގައި ކުޑަވަރެއްގެ ޢިބާދާތުޚާނާއެއް (އަޅުކަންކުރާ ތަނެއް) އެޅިދާނެމަގެއް ފެނޭތޯ މާލޭގައި ތިބި އަހުރެމެންގެ ބަޔެކޭ ހީވާ ބަޔަކާއި މުޝާވިރުކޮށްލުމުގެ މުހުތާދު އޮވެގެންނޭ. މި ޢިބާދާތުޚާނާ ފަރުމާކުރަން ހިތުގައިއޮތް މަގީ، އަހުރެމެންގެ މިއްލަތަށް ޖިޒީދޭ ބަޔަކަށް ދައްޗެއްނެތި ކަމުފޮޅައިދާނެ އެންމެހައި މަގުތައް ބަލައިގެންނޭ. އެއިގެތެރޭ އަސިދައަށް ކޮރުލައްވާނެ ޚާއްޞަ މާލަމެއްވެސް ހުންނާނެމެއަ.

އެދުވަހު ތިމަންނާ މާލެދާން ފެރީގައި ގޮސް ފުނަދޫއާއި ހަމަވިތަނާ މާލޭގެ ކަޑުތޮށިމަތީގައި ހުރި ތިމަންނާގެ މިއްލަތަށް ހިތުންރުހުމުން ތަބާވެ ހަމަޔަށް ޖިޒީދައްކާ އަޢުވާނަކު ގޮވައިފިޔޭ، ސަރުދާރު ތަކުރުފާނުވޭ މާލެދުރުވުމުގެ ބެއިނުމެއްނެތޭ، މާލޭގައި ތިބި އަހުރެމެންގެ ބަޔެކޭ ހީވާ މީހުންގެ ތެރެއިން އިސްވެތިބި މީހުން މިހައިރުވީ ހަސްފަތާލު ގޮވަތިތެރޭ އެއްކަނެއްގައި އާދަމުގެ ދަރިންނާއި ވަކިން އެކަހެރިކޮށް އެދުމަތިކުރެވި ވަރުވަރުގެ ހޮޅިގުޅައި ފީނާބާވަތުގެ މޫނުމަތި އަޅުވައިފަޔޭ. އެއުރެންގެ ބައްޔަކީ އުކުޅުވަޅުން ގަދަ ހޫނެއް އެރުމުން ތަންދޮރު އޮޅުންފިލުން ދަތިވެ ބުއްދި ބުރާންތިވެ މަޢިދާގައި ބާވަތެއްގެ ދިލައެއް ނެގުމޭ. 

އަދި މިފަދަމިފަދަ އެކަހެރި ބަލިމަޑުކަމަށް އާދަމުގެދަރިން ހުރަހޮޅެނީ ފަރަންޖީ ނަގުލަންދާށި ހޮރަކުން އެފަހަރާ ދޮޅަސް (ބާރަ) ކަށި ޖެހުމުންކަމަށް މިކަރައިން ބޭރުގެ ބޮޑެތިބޮޑެތި ޙަކީމުން ކުރެ ދިހަ ބާރަ ބެއިކަލުން އެބަ ރިވާކުރައްވަތޭ. (ނުނިމޭ)
                -----------------

ލިޔުއްވުން: އަލިފު ރާ (އީ މެއިލް)