ދިވެހިގައުމަށްޓަކައި ނޫރީ އާއި ހިތާވުން













އަންހެނަކު ދެކެ ފިރިހެނަކު ހިތާވާނަމަ އެ ހިތާވުމުގެ ޙަގީގަތަކަށްވާން ޖެހެނީ އެ އަންހެނެއްގެ ފުށުން ފެންނަ އަންހެންވަންތަ ރީތިކަމާއި ފުރިހަމަކަމެވެ. އެހެނީ ހިތާވުމަކީ މީހެއްގެ ނުވަތަ އެއްޗެއްގެ މައްޗަށް ހިތް ލެނބުން ނޫނީ ހިތްޖެހުން ކަމަށް ދިވެހިބަސް މާނަކުރައްވާ ބޭފުޅުން ވިދާޅުވެއެވެ. އަދި މިބަސް ގިނައިން ބުނެއުޅެނީ ވެސް އިންސާނުންގެ ދެޖިންސުގެ ދެމެދުގައި ހިންގާ ލޯތްބަށް ކަމަށް ވެސް އެބޭފުޅުން ވިދާޅުވެއެވެ.

އަންހެނަކު ދެކެ ފިރިހެނަކު ހިތާވަނީ އެއަންހެނެއްގެ މުއްސަނދިކަމަށްޓައި ނޫނީ އެއަންހެނެއްގެ ފަރާތުން ލިބިދާނޭ ދުނިޔަވީ ފަސޭހަތަކާއި ކަންކަމަށް ނަމަ، އެފިރިހެނަކު ހިތާއެވަނީ އެއަންހެނަކާ ނޫނެވެ. ކީއްހެއްޔެވެ. ހިތާ އެވަނީ އެއަންހެނެއްގެ މުއްސަނދިކަމަށެވެ. ނޫނީ އެއަންހެނެއްގެ ފަރާތުން ލިބިދާނޭ ދުނިޔަވީ ފަސޭހަތަކާއި ކަންކަމަށެވެ. އެހެންނަމަވެސް ހުޅަނގު އަވަށު ދޮންސޮރުބެ ބުނަނީ އޭނާ ނޫރީ އާއި ހިތާވަނީ ދިވެހިގައުމަށްޓަކައެވެ. މިކަން މިހެންވުމުން ދިވެހިގައުމަށްޓަކައި އަންހެނަކާ ހިތާވި ފުރަތަމަ ފިރިހެނެއްގެ ރެކޯޑް މުގުރާލި މީހަކީ ހުޅަނގު އަވަށު ދޮންސޮރުބެ ކަމަށް ނިމި، އެކަން ތާރީޚުގެ ޞަފުޙާތަކުގައި ލިޔެވިއްޖެއެވެ.

ނޫރީ ދެކެ ދޮންސޮރުބެ ހިތާވުމަކީ ބައެއް މީހުންނަށް ހެއްވާކަމަކަށްވެއެވެ. އަދި ބައެއް މީހުންނަށް ބޮޑު ޖޯކަކަށްވެއެވެ. އެއީ ދޮންސޮރުބެއަކީ ލިބުނުގޮތަކުން ލިބުނު ދުނިޔަވީ ތަނަވަސްކަމާއި ފަސޭކަން ލިބިހުރި މީހަކަށް ވިޔަސް އޭނައަކީ ޢުމުރުން ގިނަ ދުވަސްވެ، ބަލާބެލުމަށް ނޫރީއާ އެކަށީގެންވާ މީހަކަށް ކަމަށް އެމީހުން ނުދެކޭތީއެވެ. އަނެއްކޮޅުން ނޫރީއަކީ ނުހަނު ރީތި ޒުވާން ކުއްޖަކަށްވާތީއެވެ.

މިހެން މިކަންއޮތް ނަމަވެސް ދިވެހިގައުމަށްޓަކައި ނަމަ، ދޮންސޮރުބެ ނޫރީއާއި ހިތާވުމަކީ މާބޮޑު މައްސަލައެއް ނޫނެވެ. މިކަން މައްސަލައަކަށް ވާނީ ދިވެހިގައުމަށްޓަކާ، ދިވެހިންގެ ދީނަށްޓަކާ އެހެންވެސް ޓަކާ ޓަކާ ބޭނުންކޮށްގެން އެހެން މީހުންވެސް ކަންކަން ނުކުރާނަމަތާ އެވެ. ދިވެހިރާއްޖޭގައި އެގޮތަށް "ޓަކާ، ޓަކާ ބޭނުންކޮށްގެން ކިތަންކަމެއް އެ ކުރަނީ ނޫންހެއްޔެވެ.

ދޮންސޮރުބެއަކީ މުސްކުޅިއެކޭ ބަޔަކު ބުންޏަސް ދޮންސޮރުބޭގެ ހިތަކީ ނުހަނު ޒުވާން ސާދަ ފަނަރައިގެ ހިތެކެވެ. އެހެންވީމާ އެހިތުގައި ޝާއްބަކަމާއި ޒަމާނީ ގުއްވަތުގެ ދިލްޗަސްޕުކަން ވެސް ހުންނާނެތާއެވެ. ދޮންސޮރުބެ ބުނާގޮތުން ނަމަ، އޭނާ ދިވެހިގައުމަށްޓަކައި ނޫރީއާއި ހިތާވި ހިތާވުމަކީ އޭނާ ދޫނުކުރާނެ ކަމެކެވެ. އެކަމުގެ ސަބަބުން ކޮންމެކަމަކާއި ކުރިމަތިލާން ޖެހުނުކަމަށް ވިޔަސް ދޮންސޮރުބެ ހުންނާނީ ތައްޔާރަށެވެ. އަދި ނޫރީ ދެކެ ދޮންސޮރުބެ އެވާ ހިތާވުން އެ ހިތުގެ ތެރެއިން ނުކުމެގެން ރައްކާވެގެން ދިޔަ ނުދިނުމަށްޓަކައި އެ ހިތުގެ ވަށައިގެން ދޮންސޮރުބެއަށްޓަކައި "މަރުދޭނެ" އެކި ވަރުގެ މީހުން ވެސް ތިބީ ތައްޔާރަށެވެ.

ދެން އޮތީ ނޫރީ ދެކެ ދޮންސޮރުބެ އެވާ ހިތާވުމާމެދު ނޫރީ ދެކޭ ގޮތެވެ. އެކަމަށް ނޫރީ ދޭ ޖަވާބެވެ. މިޖަވާބެއްގެ އަޑެއް ނީވުނު ނަމަވެސް ނޫރީ އާއި ދޮންސޮރުބެއާއި ދެމީހުންނަށް ވަކިވަކިން ބަލާލުމުން ވެސް ނޫރީގެ ޖަވާބަކަށް ވާނީ ކޮން ޖަވާބެއްކަން އެނގިދާނެއެވެ. އެއްބަޔަކު ބުނާގޮތުން ނަމަ، ދޮންސޮރުބޭގެ އެ ހުށަހެޅުމަށް ކިތަންމެފަހަރަކު ނޫރީވަނީ "ނޫން" ޖަވާބުދީފައެވެ. އެންމެނަށް އެނގޭގޮތަށް އެންމެނަށް ފެންނަ ފަށުގައެވެ. މިޖަވާބު އޮތީ މިހެންނަމަ، ދޮންސޮރުބެއަށް ނޫރީ ޙާޞިލްވުމުގެ އުފާލިބޭނޭ އެއްވެސްގޮތެއް ނެތެވެ. އެހެނެއްނޫނެވެ. ދިވެހިގައުމަށްޓަކައި އަންހެނަކާ ހިތާވި ފުރަތަމަ ފިރިހެނެއްގެ ރެކޯޑް މުގުރާލުމުގެ ފަޚުރާއި ޝަރަފު ލިބޭނީ ދޮންސޮރުބެއަށެވެ.
               ---------------------
ލިޔުއްވީ: މީމު ނޫނު