އިސްލާމީ ޢިލްމުވެރީންގެ ތެރެއިން، އަބޫ ޙަނީފާ އައްދައިނޫރީ - ފުރަތަމަބައި













އަބޫ ޙަނީފާ އައްދައިނޫރީގެ ޚިޔާލީ ކުރެހުމެއް 

އަޅުނގަޑުމެންގެ މާތްވެގެންވާ އިސްލާމްދީން ޢިލްމަށް އަހަންމިއްޔަތުކަންދީފައިވަނީ ވަރަށްވެސް މަތީ ދަރަޖައަކަށެވެ. މިކަން އެންމެ ފުރަތަމަ ބާއްވާލެއްވުނު ޤުރުއާނުގެ އާޔަތްތަކަށް ވިސްނާލިޔަސް ނޫނީ އިތުރު މާތް ނަބިއްޔާގެ ޙަދީޘްފުޅުތަކަށް ބަލާލިޔަސް ހާމަވެގެން ދާނެއެވެ. މި މާތް ދީނުގައި ޢިލްމަށް ދެވިފައިވާ ޤަދަރާއި އަހަންމިއްޔަތުގެ ބޮޑުކަމުން ފާއިތުވެގެން ދިޔަ ޒަމާންތަކުގައި އިސްލާމީ އެތަކެއް ބޮޑެތި ޢިލްމުވެރީންނެއް ދުނިޔެ ވަނީ ދެކެފައެވެ. އެބަޔަކަށްޓަކައި ދުނިޔެ ފަޚްރުވެރިވާނޭފަދަ ބޭފުޅުންނެވެ. ޒަމާންތައް ފަސްދެމުން ގޮސް މިހާރު މި ދުނިޔެ ގުނަމުން މިދަނީ 21 ވަނަ ޤަރުނުގެ ދުވަސްތަކެވެ.

އާދެ! 21 ވަނަ ޤަރުނާއި ހަމަޔަށް މި ދުނިޔެ ފޯރިއިރު، އަޅުނގަޑުމެން މި ވަނީ ތަރައްޤީގެ މައިދާނުގައި ވަރަށް ހަލުވިކަމާއި އެކު ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. ތަމައްދުން އާއި ތަހުޒީބުގެ ހަރުފަތްތަކުން އެތަކެއް ހަރުފަތްތަކެއް ޤިރާކޮށްފައެވެ. މި ހަރުފަތްތަށް ގިރާކުރެވުމުގެ އަދި ބޮޑެތި ކާމިޔާބީތަށް ޙާސިލްވުމުގެ އެންމެ ބޮޑު ސިއްރަކީ އަޅުނގަޑުމެންނާއި އަދު އަލްވަދާޢު ކިޔާފައިވާ އެތަކެއް ޢާލިމުންތަކެއްގެ ބުރަ މަސައްކަތްތަކެވެ. އެބޭބޭފުޅުންގެ އަގުހުރި ޚިދުމަތްތަކެވެ. އެތަކެއް ވަގުތުތަކެއް ހޭދަކުރައްވާގެން ނެރެދެއްވި މޮޅު ޙިކްމަތުގެ ނަތީޖާތަކެވެ.

ދުނިޔެ އަދު މިދެކޭ ތަރައްޤީ އާއި ހަމަޔަށް ވާސިލުވުމުގެ އެންމެ އިސްރޯލެއް އަދާކުރައްވާފައިވާ ބޭބޭކަލުންގެ ތެރޭގައި އިހުގައި އަޅުނގަޑު މި ދެންނެވި އިސްލާމީ ޢާލިމުންގެ ޢަދަދު މަދެކޭވެސް ނުދެންނެވޭނެއެވެ. އަދި އެބޭބޭފުޅުންގެ ދައުރު ކުޑައެކޭވެސް ނުދެންނެވޭނެއެވެ. އިސްލާމީ ބޮޑެތި ޢާލިމުން ދުނިޔެއަށް ދޫކުރައްވާފައިވާ އަގުހުރި މަސައްކަތްތަކާއި އެބޭފުޅުން ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަކީ ދުނިޔެ ދެމިއޮތްހާ ދުވަހަކު ފިލާނުދާނޭ ފަދަ މަސައްކަތްތަކަކާއި ޚިދުމަތްތަކެކެވެ.

ޢިލްމީ ދާއިރާއެއްގެ ގޮތުގައި ފާހަގަކުރެވޭ ކޮންމެ ދާއިރާއަކަށް ބެލި ކަމުގައި ވިޔަސް މި ޙަގީގަތް ސާފުކޮށް ފެންނާނެތެވެ. ތެދުވެރިކަމަށް ލޯބިކުރާ ކޮންމެ މީހަކުމެ މިކަމަށް އިންކާރެއް ނުކުރާނެއެވެ.އަޅުނގަޑުގެ މި ޤަލަން މި އުފުލައިލީ އަބޫ ޙަނީފާ އައްދައިނޫރީ އާއި ބެހޭ ގޮތުން ކުރު ގޮތަކަށް ނަމަވެސް އެއްޗެއް ދަންނަވާލެވޭތޯއެވެ.

އަބޫ ޙަނީފާ އައްދައިނޫރީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ޢީސާގެފާނުގެ ސަނަތުން 828 ވަނަ އަހަރު ފާރިސްކަރައިގެ ދިނަވާރު އޭ ކިޔުނު ކުރުދީންގެ ޝަހަރަކަށެވެ. ތާރީޚް ދިރާސާކުރައްވާ ބަޔެއް ބޭކަލުން މި ތާރީޚާއި މެދު ޢިޚްތިލާފް ވެލައްވާފައިވެއެވެ. އެހެންނަމަވެސް އެންމެ ސައްޙަކަން ބޮޑު ރަޢުޔަކީ ސަނަތުން 828 ވަނަ އަހެރެވެ. އަބޫ ޙަނީފާގެ ފުރިހަމަ ނަންފުޅަކީ އަބޫ ޙަނީފާ އަޙްމަދު އިބްނު ދާވޫދު އިބްނު ވާނަންދު އެވެ. ޝައިޚް އަބޫ ޙަނީފާގެ ނަމުގެ ފަހަތުގައިވާ އައްދައިނޫރީ އަކީ މި ޝައިޚް އުފަންވެވަޑައިގެންނެވި ރަށަށް ނިސްބަތް ކުރައްވާ އިތުރު ކުރެވިފައިވީ ނަމެއް ކަމުގައި ގިނަ ތާރީޚް ޢިލްމުވެރީން އެއްބަސްވެލައްވައެވެ. އެހެން ނަމަވެސް މަދު ބޭފުޅުންކޮޅެއް ވިދާޅުވާ ގޮތުންނަމަ އެއީ އެކަލޭގެފާނުންގެ ކާފާ ވާނަންދުގެ އުފަން ރަށަށް ނިސްބަތްކޮށް ވާނަންދުގެ ފަހަތަށް އިތުރު ކުރެވިފައިވީ ނަމެކެވެ. ޝައިޚް އަބޫ ޙަނީފާގެ ކާފަ ކަމުގައިވާ ވާނަންދުއަކީ ފާރިސްކަރައިގެ މުސްކުޅި ދީނުގެ ބޭކަލެއްކަމުގައިވެސް ބުނެވެއެވެ. ވާނަންދަކީ ފާރިސީ ބަހުން ތަރިޔަކަށް ކިޔާ ނަމެއްވެސް މެއެވެ.

ޝައިޚް އަބޫ ޙަނީފާ އައްދައިނޫރީގެ ޒުވާން ދުވަސްވަރު ހޭދަކުރައްވާފައިވާ ތަނަކާއި މެދުވެސް އިޚްތިލާފް އުފެދިފައިވެއެވެ. ބަޔެއް ބޭކަލުންގެ ރަޢުޔުގައި އަބޫ ޙަނީފާގެ ޒުވާން ދުވަސްވަރު ހޭދަކުރައްވާފައިވަނީ އުފަން ރަށްކަމުގައިވާ ދައިނޫރުގައި ކަމެވެ. މި ޒަމާނުގެ ތާރީޚް ޢިލްމުވެރީން ވިދާޅުވަނީ ނުވަ ވަނަ ޤަރުނުގައި ދައިނޫރު ވެގެން ގޮސްފައިވަނީ ޢައްބާސީ ޚިލާފަތާއި ދެކޮޅަށް ޢުމަރުއްދީނު ހިންގެވި އިންޤިލާބީ ޙަރަކާތްތަކުގެ އަމާޒު ފަތްގަނޑަކަށް ކަމަށެވެ. އެހެންކަމުން ޝައިޚް އަބޫ ޙަނީފާގެ ޒުވާން ދުވަސްވަރު އެ ރަށުގައި ހޭދަކުރައްވާފާނެ ކަމާއި މެދު ސުވާލު އުފެދޭކަމަށް އެބޭފުޅުން ވިދާޅުވެއެވެ. އަދި މިކަމުގައިވެސް ސީދާ ވަކިގޮތެއް ނިންމަން ތާރީޚް ޢިލްމުވެރީންނަށް ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. އެހެނީ މިބޭފުޅާ އާއި މެދު ފެންނަންހުރި މަޢުލޫމާތުތަކުގެ މަދު ކަމުންނެވެ.


މީލާދުން 13 ވަނަ ޤަރުނުގައި އުޅުއްވި ޢިލްމުވެރިއެއް ކަމުގައިވާ ޔާޤޫތު އޭ ކިޔުނު ބޭކަލަކު މިފަދަ ޢިލްމުވެރީންނާއި ބެހޭގޮތުން ލިޔުއްވާފައިވާ އެކުމާފާނަކުންނާއި 10 ވަނަ ޤަރުނުގައި އިބްނި ނަދީމް ލިޔުއްވާފައިވާ އަލްފިހްރިސްތު އޭ ކިޔުނު ފޮތުން ނޫނީ މި ޝައިޚާއި މެދު މަޢުލޫމާތެއް ފެންނާކަށް ނެތެވެ.  މި ޒަމާނާއި ހަމަޔަށް އައި އިރު އެހެން ހުރިހާ އެއްޗެއް ވަނީ ނެތި ފަނާވެ ގޮއްސައެވެ. މިހެންކަމުން މި ޝައިޚުގެ އަމިއްލަ ދިރިއުޅުއްވުމާއި ބެހޭ ގޮތުން ގިނަ ގުނަ އިޚްތިލާފުތަށް އުފެދިފައި ވަނީއެވެ. އެގޮތުން އިސްވެ ދެންނެވިފައިވާ ފަދައިން އަބޫ ޙަނީފާ އުފަންވެވަޑައިގަތް ރަށަކާއި މެދު އިޚްތިލާފް އުފެދިފައިވެއެވެ. ބަޔެއް ތާރީޚް ޢިލްމުވެރީން އަބޫ ޙަނީފާ އުފަންވެވަޑައިގަތީ ދައިނޫރަށް ނޫންކަމުގައި ވިދާޅުވެ ދައްކަވާ ހެއްކަކީ އިބްނު ޤުޠައިބާގެ ނިސްބީ ރަށަކީ ދައިނޫރުކަމަށްވީ ކަމުގައި ވިޔަސް އެބޭފުޅާ އުފަންވެވަޑައިގަތް ރަށަކީ ޢިރާޤު ކަރައިގެ ކޫފާ ކަމުގައި ވާކަމެވެ.

ޝައިޚް އަބޫ ޙަނީފާ އަޙްމަދު އިބްނު ދާވޫދު އިބްނު ވާނަންދު ހިމެނިވަޑައިގަންނަވަނީ އިސްލާމީ ޕޮލިމެތުންގެ ތެރޭގައެވެ. އިނގިރޭސި ބަހުގައި ޕޮލިމެތުންނޭ ކިޔެނީ ވަރަށް ގިނަގުނަ ޢިލްމީ ދާއިރާތަކުން ތަޚައްސުސް ބޭފުޅުންނަށެވެ.އެގޮތުން ޝައިޚް އަބޫ ޙަނީފާ ވެސް ހިމެނިވަޑައިގަންނަވަނީ ޖިއޮގްރަފީގެ ޢިލްމާއި ތާރީޚު ޢިލްމާއި ދަރިފަސްކޮޅު ދިރާސާކުރުމުގެ ޢިލްމާއި، ނުޖޫމީ ޢިލްމާއި ހިސާބު ޢިލްމާއި، ގަސްގަހާގެއްސާއި ބެހޭ ޢިލްމާއި ޅެންވެރިކަމާއި އަދި މެޓަލޮޖީ ފަދަ އެތަކެއް ޢިލްމުތަކުން ތަޚައްސުސް ބޭފުޅެއްގެ ގޮތުގައެވެ. މި ދެންނެވި އިލްމީ ދާއިރާތަކުގައި އަގުހުރި އެތަކެއް މަސައްކަތްޕުޅުތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްގެ ގޮތުގައެވެ. ޝައިޚް އަބޫ ޙަނީފާ އައްދައިނޫރީ އެންމެ ފުރަތަމަ ޢިލްމު އުނގެނިވަޑައިގަތީ ފާރިސްކަރައިގެ އިސްފަހާނުންނެވެ. އަދި އެޔަށްފަހު ޢިރާޤުކަރައިގެ ބަސަރާއިންނާއި ކޫފާއިންވެސް ޢިލްމު އުނގެނިވަޑައިގަތެވެ. އަދި މީގެ އިތުރުން މަޝްހޫރު ދެ ޢިލްމުވެރިން ކަމުގައިވާ އިސްޙާޤު ސެއްކިތަށާއި އޭނާގެ ދަރިކަލުން ޔަޢުޤޫބު އިސްޙާޤަށް ދަރިވަރުވިއެވެ.

މިބޭފުޅާގެ އެންމެ ފާހަގަކުރެވޭ އެއް މަސައްކަތަކީ ގަސްގަހާއި ގެއްސާ ބެހޭގޮތުން ކުރައްވާފައިވާ ޢިލްމީ މަސައްކަތެވެ. އައް ނަބާޠް (ބޮޓެނީ) ޢަރަބީންގެ ދުނިޔެއަށް ގެންނެވި ބޭފުޅަކީ އައްދައިނޫރީ ކަމުގައި ހުރިހާ ޢިލްމުވެރީންވެސް އެއްބަސްވެވަޑައިގަންނަވައެވެ. ކިތާބުއް ނަބާޠުގެ ނަމުގައި ލިޔުއްވާފައިވާ މިކަމާއި ގުޅޭ ފޮތުގައި ޝައިޚް އަބޫ ޙަނީފާ ވަނީ ޢަރަބި ބައްރުގައި ހެދޭ ގިނަގުނަ ގަސްތަކާއި އަދި ފާރިސް ކަރައިގައި ހެދޭ ގިނަގުނަ ގަސްތަކާއި ބެހޭގޮތުން ވަރަށް ފުރިހަމައަށް ދިރާސާކުރައްވާ ލިޔުއްވާފައެވެ. އެފޮތުގައި ގަސް ހެދިބޮޑުވުމާއި އަދި މަރުވުމާއި ބެހޭގޮތުންވެސް ވަނީ ލިޔުއްވާފައެވެ. އަދި މީގެ އިތުރުން މިބޭފުޅާއަށްވުރެ ކުރީގެ ޢިލްމުވެރީންގެ މަސައްކަތްތަށްވެސް ވަނީ މި ފޮތުގައި ހިމަނުއްވާފައެވެ. އެތަކެތި މިޒަމާނާއި ހަމަޔަށް ފޯރާފައިވަނީ އަބޫ ހަނީފާގެ މި ފޮތުންނެވެ. ކިތާބުއް ނަބާޠް އެކުލެވިގެންވަނީ 6 ޖިލްދުގެ މައްޗަށް ކަމުގައި ވިޔަސް މި ޒަމާނާއި ހަމަޔަށް ފޯރާފައިވަނީ 3 ވަނަ ޖިލްދާއި 4 ވަނަ ޖިލްދެވެ.

ޝައިޚް އަބޫ ޙަނީފާ ފޮތް ލިޔުއްވާފައިވަނީ ހަމައެކަނި ނަބާޠުގެ ދާއިރާގައެއް ނޫނެވެ. ޢިލްމީ އެކިއެކި ދާއިރާތަކާއި ބެހޭ ގޮތުން ގިނަގުނަ ފޮތްތަކެއް ވަނީ ލިޔުއްވާފައެވެ. މިއީ މިބޭފުޅާގެ ޢިލްމީ ފެންވަރު ހާމަކޮށްދޭ އަލިގަދަ ދަލީލެކެވެ. ކޮންމެ މަޢުޟޫއަކަށް ނުވަތަ ޢިލްމީ ކޮންމެ ދާއިރާއަކަށް ބެލިކަމުގައި ވިޔަސް ދުނިޔެ ސިއްސުވާލި ފޮތްތަކެއް މިބޭފުޅާވަނީ ނެރެދެއްވާފައެވެ. މީގެ ސަބަބުން ގިނަ ގުނަ އައު ހޯދުންތަށް ހޯދުމުގައްޔާއި ޢިލްމުގައި ކުރިޔަށް ދިޔުމުގައި ގިނަ ގުނަ ފަސޭހަތަކެއް ވެފައިވާ ކަމަށް ދުނިޔޭގެ ތާރީޚް ހެކި ދެއެވެ.

ނޯޓް: ކިތާބުއް ނަބާޠު ނެތި ގޮސްފައިވާކަމަށް ހީ ކުރެވިފައި ވަނިކޮށް އެންމެ ފުރަތަމަ މި ފޮތުގެ ބަޔެއް މަޢުލޫމާތުތަށް ފެންމަތިވެފައިވަނީ ޖަރުމަންވިލާތުގެ ޢިލްމުވެރިޔެއް ކަމުގައިވާ ސިލްސަރބާރގް ކުރެއްވި މަސައްކަތުންނެވެ. އެބޭފުޅާވަނީ މީލާދުން 1908 ވަނަ އަހަރު ލިޔެފައިވާ ތީސިސް އަކުން އަބޫ ޙަނީފާ އައްދައިނޫރީގެ ފޮތުގައި ހިމެނޭ 400 އަށްވުރެ ގިނަ ގަސްގަހުގެ މަޢުލޫމާތު ހޯއްދަވާފައެވެ. (ނުނިމޭ)
               -----------------------------

ލިޔުއްވީ: އަޙްމަދު ޢަލާ (ޢަލާ ދީދީ )