ޢަބްދުﷲ ޢަފީފުގެ ބުރިހަންނެގުން: މުޙައްމަދު އަމީން ނާއިންޞާފުން ކުރެއްވި ކަމެއް



ބުރިހަންނެގުމަކީ، ބަނޑު ބިންމަތީޖައްސައިގެން ހަތަރުފަށް އެއްތެލުން ބުރިކަށީގައި ތެޅުމެވެ. މިއީ އިހުގައި ސިޔާސީ ކުށްކުށަށް ދައުލަތުން ދެއްވި އެންމެބޮޑު ޢުޤޫބާތެވެ.


ދުވަސްވަރަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރެވެ. އައްޑުއަތޮޅަށް އިނގިރޭސި ސިފައިން ފައިބައިފިއެވެ. ކަނޑުގެ ސިފައިންގެ ބަޔަކު ކާނަލް ޖޯންސްގެ ވެރިކަމުގެ ދަށުގައި ފުރަތަމަ ފޭބީ އެއަތޮޅު ވިލިގިއްޔަށެވެ. އެއީ 29  ސެޕްޓެމްބަރ 1941 ގައެވެ.

ރޯޔަލް އެއަރފޯސް އާރު.އޭ.އެފްގެ މަރުކަޒު ހުރީ މާމެންދޫގައެވެ. މާމެންދޫއަކީ ހިތަދޫގެ ބައެކެވެ. ގަމަކީ އެއަތޮޅުގައި ގާއިމް ކުރި ދިފާއީ ބާރުތަކުގެ ވެރިރަށެވެ. މަރަދޫގެ ހުޅަގު ކޮޅަކީ ސިފައިންގެ "ކަބުރުގެ" އެވެ. ހިތަދޫ ކޯއްޓޭ ތެރޭގައި ވަނީ ސިފައިން ތިބުމަށް ފޭލިގެތައް ޖަހާފައެވެ. ފެންމުލި މަތީގައި ބޮޑު ބަޑީގެ ދެބަޑި ދުއްވާފަ އޮތެވެ. ފެންމުއްޔަކީ ހިތަދޫ އޮޑައްސަލު ތެރޭގައި އޮންނަ ސަރަހައްދަކަށް ކިޔާ ނަމެކެވެ. މީދޫގެ ފުއްޓަރު ފަރާތު މާއެޅުވެސް އޮތީ ދިފާއުގެ ގޮތުން ތައްޔާރުކޮށްފައެވެ. ކުރުގޮތަކަށް ދަންނަވާނަމަ މުޅި އައްޑުއަތޮޅު އޮތީ ވަޔާއި ކަނޑުގެ ސިފައިންގެ މަރުކަޒަކަށެވެ. 

އެދުވަސްވަރު ސިލޯނުގައި ހުންނެވި ދިވެހި ދައުލަތުގެ ރެޕްރެޒެންޓެޓިވްއަކީ އފ. ކަކާގޭ ހުސެން ހިލްމީ ދީދީއެވެ. ނަމަވެސް ފަހުން އެމަގާމުގައި ހުންނެވީ - ހަމައެދުވަސްވަރު - އަލްއަމީރު ހަސަން ފަރީދު ދީދީއެވެ. މުޙައްމަދު އަމީން ލިޔުއްވައެވެ. އަލްއަމީރު ހަސަން ފަރީދުގެ އަނެއް ބޭފުޅަކީ އައްޑުއަތޮޅުގައި ހިގިކަމުގައި އޭނާއަށް އިވިވަޑައިގެންފައިވާ ގަޑުބަޑަކާމެދު ތަހުގީގު ކުރައްވައިގެން އެކަން ހަމަޖެއްސުމެވެ. (ދިވެހިރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި)

މިދަތުރު ހަސަން ފަރީދު އައްޑުއަތޮޅަށް ވަޑައިގަތީ އެޗް.އެމް.އެސް "މާލޮއި" ކިޔާ އިނގިރޭސި މަނަވަރެއްގައެވެ. އޭނާގެ އަރިހުގައި ސިއްކަ އަލިމަނިކުފާނު ގެންދެވިއެވެ. މިދަތުރު އައްޑޫ ހިތަދުއަށް ވަޑައިގެން މުޙައްމަދު އަމީން ވިދާޅުވާ ގަޑުބަޑު ހަމަޖައްސެވުމަށްފަހު ހަސަން ފަރީދު "މާލޮއި" ގައި ގަމުން ފުރާވަޑައިގަތީ ސީދާ ސިލޯނަށެވެ. ފުރާ ވަޑައިގަތީ ސަރުކާރުން ހިތަދޫގައި ބައިތިއްބާފައި ތިބި ބުޗާ ހަސަން ކަލޭފާނާއި, މައުލަވީ މުހައްމަދު ޙަސަން ނަދްވީ ގޮވައިގެންނެވެ. ބުޗާ ހަސަން ކަލޭފާނު ބަހައްޓާފައިހުރީ އައްޑުއަތޮޅަށް އިނގިރޭސިން ފޭބުމުން ދިވެހިންނަށް ސަރުކާރުން ހައްދަވާފައި ހުރި ގަވައިދުތައް ހިންގަވާށެވެ. މިދެބޭކަލުން ތިއްބެވީ އަތިރެއެޅެގެ- މިހާރުގެ "ސީވިއު"ގައެވެ. ހިތަދޫގައި ހިނގި ގަޑުބަޑަކީ ބުޗާ ހަސަން ކަލޭފާނެވެ. އޭނާ އަތޮޅުގެ ރައްޔިތުންނާމެދު ކަންތައްތައް ކުރައްވަމުން ގެންދެވި ހަރުކަށި ގޮތެވެ. ލިބެމުން ދިޔަ އަނިޔާއެވެ.

"މާލޮއި" ހައްދުންމަތިން ކޮޅުމަޑުލުގައި ޖައްސައި އަރިހުގައި ގެންނެވި ދެބޭކަލުން އެރަށަށް ބޭލުއްވީ އެވެ. އަދި އެންމެ އަވަހަށް މާލެ ފުރާ އެއްޗަކުން އެދެބޭކަލުން މާލެ ފޮނުވުމަށް އަތޮޅުވެރިޔާއަށް އެންގެވުމަށްފަހު ފުރާވަޑައިގަތީ އެވެ. "މާލޮއި" ކޮޅުމަޑުލުން ނުކުމެ ހައްދުންމަތީ މަތިން - ދެކުނުން - ހުވަދޫ ކަނޑުތެރެއަށް ގޮސް ހައްދުންމައްޗަށް ކައިރިކޮށް މިސްރާބު ޖެހީ ސިލޯނަށެވެ. އައްޑޫން ފުރާ ވަޑައިގަތީ 1944ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައެވެ.

އައްޑޫގައި ގަޑުބަޑެއް ހިނގިކަމަށް މުޙައްމަދު އަމީނު ލިޔުއްވި ނަމަވެސް އެހިނގި ގަޑުބަޑަކީ ކޮބައިކަމެއް ނުލިޔުއްވައެވެ. އެހިނގި ގަޑުބަޑު ރަނގަޅަށް ދަންނަ މީހުން އެއަތޮޅު ހިތަދޫގައި މިހާރުވެސް އެބަތިއްބެވެ. އަދި ހިތަދޫ ސިއްކަގޭ ދޮންމަނިކުފާނު މިގަޑުބަޑާ ބެހޭ ގޮތުން ލިޔުއްވާފައިވެސް ވެއެވެ. ދޮންމަނިކުފާނަކީ އެއަތޮޅުގެ ތާރީޚަށް ޚިދުމަތް ކުރެއްވި މުޙައްރިރެކެވެ. މިގަޑުބަޑުގެ ތަފްޞީލު ހޯދަން އަޅުގަނޑު ހިތަދޫގެ މުސްކުޅިން ކުރެން އިތުބާރު ހުރި އެތައް ބަޔަކާއި އިންޓަވިއުކުރީމެވެ.

ގަޑުބަޑެއް ހަމަހުރެފައެއް ނުހިނގައެވެ. ކޮންމެ ގަޑުބަޑެއް ވެސް ހިނގަނީ ކަންތައްތަކެއް ދިމާވެގެންނެވެ. ގަޑުބަޑެއް ހިނގާއިރު އޭގެ ފަހަތުގައި ސަބަބުތަކެއް ހުރެއެވެ. ތާރީޚު ދިރާސާ ކުރުމަކީ އެސަބަބު ތަކާއެކު ދިރާސާކުރުމެވެ.

ދުވަސްވަރަކީ ކުރިންވެސް ދެންނެވިހެން ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރެވެ. ރާއްޖެ އޮތީ ބަޑަށް ޖެހިފައެވެ. ގަމަށް އަންނަ އިނގިރޭސި ބޯޓް ފަހަރުން ކާބޯތައްޗާއި އެނޫންވެސް ތަކެތި އާދެއެވެ. ބޯޓްދޮށަށް ދިވެހިން ދިއުން ސަރުކާރުން އޮތީ މަނާކޮށްފަ އެވެ. މިކަން ބަލަން ސަރުކާރުން ބަހައްޓާފައި ހުރީ ބުޗާ ހަސަންކަލޭފާނެވެ. ވަގަށް ނަމަވެސް އައްޑޫގެ ބައެއް މީހުން ބޯޓްދޮށަށް ގޮސް އެނޫންވެސް ބައެއް ތަކެތި ހޯދައެވެ. ވިޔަފާރިކޮށް ހަދައެވެ. މިކަން އެނގޭއިރަށް އެބަޔަކު ގެނެސް ބަންދުކޮށް ތަޅާ ހަދައެވެ. މިކަން ކުރައްވަނީ ބުޗާ ޙަސަން ކަލޭފާނެވެ.

ބުޗާ ހަސަން ކަލޭފާނުގެ އަނިޔާވެރިކަމާ ހެދި އެއްދުވަހަކު ހިތަދޫގެ ބަޔަކު ނުކުމެ "އެޅެގެ" ހަސަންކަލޭފާނު ހުންނަވާ ގެއަށް ގޮސް އެގޭ ގުދަނުގައި ހުރި 2 ގަޑުފޮށީގައި ހުރި ތަށިތައް ތަޅާލައި ލިޔެކިޔުންތައް ވީދާލައި ހަސަން ކަލޭފާނު ދުއްވަވާ ބައިސްކަލް ފުނޑުފުނޑުކޮށް ހެދިއެވެ. މިކަން ހިނގިއިރު ހަސަން ކަލޭފާނުހުންނެވީ އާދަވެގެން އެއަތޮޅު ތެރެއަށް ކުރައްވާ ދަތުރުމަތީގައެވެ. މިކަން ހިނގިކަން ހަސަން ކަލޭފާނަށް އެންގެވީ މޫސާ އަލިދީދީއެވެ. މިޚަބަރު ލިބިލެއްވުމުން ޙަސަން ކަލޭފާނު އިންނެވީ ބައްތެލި ގާތްކުރީ މާމެންދޫ ގަން ފަންނަށެވެ. ހިތަދުއަކަށް ނޫނެވެ.

ފަހު ދުވަހު ހަސަން ކަލޭފާނުގެ އަނިޔާވެރިކަމާ ދެކޮޅަށް ނިކުތީ ހިތަދޫ ރައްޔިތުންނެވެ. ލީޑަރަކަށް ހުންނެވީ ވާރުގޭ ޙަސަންދީދީއެވެ. މިމީހުން ފޭދުއަށްގޮސް ފޭދޫ މުޙައްމަދު ކަތީބު ހައްޔަރުކުރިއެވެ. އަދި ފޭދޫގައި ގަމު މީހުން ތިބޭ އަވަށްގަނޑުގައި ހުރި ގެއެއް ކަމަށްވާ "މާވަށްގެ" އަށް ގޮސް ހަސަން މަނިކުފާނު (ހަސަނާބެއާ) ހިތަދުއަށް ގެނެސް ތަނބެއްގައި ބަނެވެ. މިބައިގަނޑު އާރުއޭއެފް އަށް ގޮސް ބުޗާ ހަސަން ކަލޭފާނު ކޮބައިހޭ؟ އޭނަ ދޭށޭ ބުންޏެވެ. ނަމަވެސް އިނގިރޭސިން ހަސަން ކަލޭފާނެއް ނުދިނެވެ. ހިނގި ގަޑުބަޑަކީ މިއެވެ. ހަސަން ފަރީދު ދީދީ އައްޑުއަށް ވަޑައިގަތީ މިގަޑުބަޑާ ގުޅިގެންނެވެ. ހިތަދުއަށް ވަޑައިގެން އޭނަ ފުރަތަމަވެސް ވަޑައިގަތީ "ފިނިފެންމާގެ" އަށެވެ. އެޅަދީދީގެ އަލިދީދީގެ ގެއަށެވެ. އެގޭ އުނދޯލީގައި އިށީދެވަޑައިގެން އިންނަވާވަރުގެ ވެރިންނާ ވާހަކަ ދެއްކުމަށްފަހު ގަން, ފޭދޫ ހިތަދޫ ތިން ރަށުގެ ފިރިހެނުން ހިތަދޫ ބޮޑުހަރުގޭ ކުރިމައްޗަށް އެއްކުރައްވައި އެމީހުންނާ ވާހަކަ ދެއްކުމަށްފަހު ހިނގާދިޔަ ގަޑުބަޑާ ގުޅިގެން އަތޮޅުގެ ރައްޔިތުންނަށް މާފްދެއްވި އެވެ.

ހަސަން ފަރީދު ޝަހީދުވުމުން ހިތަދޫގެ ބަޔަކު ފިތުނަވެރި ހުޅުގަނޑެއް ރޯކޮއްލިއެވެ. މިކަމުގައި އިސްކޮށްހުރީ ސަގަރު އަލި ތައްޚާނެވެ. އަލިތައްޚާނު ފެތުރުއްވި ޚަބަރަކީ ޢަބްދުﷲ ޢަފީފުމެން ހަސަން ފަރީދު އަވަހާރަކޮށްލަން ސިހުރު ހެދިއެވެ.

ޑަންގީގައި މުޙައްމަދު އަމީން ހުވަދުއަތޮޅަށް ވަޑައިގެން ދެ މަސް ދޯނީގައި އައްޑުއަށް ވަޑައިގަތެވެ. އެއީ 26 ޖޫން 1944 ދުވަހު އިރުއޮއްސި އަނދިރިވީތަނާ އެވެ. މުޙައްމަދު އަމީން ވަޑައިގަތީ ސީދާ މަރަދޫއަށެވެ. ސަގަރު އަލިތައްޚާނު ދޮންރަހާބެއާގެ އިބްރާހިމްދީދީ ބުގެ އަލިދީދީ މި މީސްމީހުން މިގަޑުބަޑުގެ ލީޑަރުން ކަމުގައި މުޙައްމަދު އަމީނަށް ދެންނެވީ މީސްމީހުން މި މީސްމީހުންގެ ދޮގު ހެކިބަހުގެ މައްޗަށް މުޙައްމަދު އަމީން މާލެ ގެންދެވިއެވެ.

މިމީސްމީހުން މުޙައްމަދު އަމީނަށް ދެންނެވި މީސްމީހުން މާލެ ގެންދަވައި ބަނޑޭރިގޭ އަށިގޭގައި ހައްޔަރުކުރެއްވުމަށްފަހު މި މީސްމީހުންގެ މައްޗަށް ޝަރީޢަތް ހިންގުނެވެ. ޙުކުމް ކުރީ އެއަހަރު ޝައްވާލް މަހުގެ 18 ވަނަ ދުވަހުއެވެ. މީލާދީގޮތުންނަމަ އެއީ 1944 ވަނަ އަހަރުގެ އޮކްޓޯބަރުން 6 އެވެ. ޙުކުމް ކުރެއްވީ ޢަބްދުﷲ ފަހުމީދީދީ އެވެ.

ބުރިން ހަންނަގާ އަރުވާލަން ޙުކުމް ކުރި މީސްމީހުންނަކީ  :


ޢަބްދުﷲ އަފީފު 26 އެތިފަހަރުން ތަޅައި 26 އަހަރަށް އަރުވާލުން ކ. ގާފަރަށް
 * އައްޝައިޚު ތުއްބީގެ އަލިދީދީ 26 އެތިފަހަރުން ތަޅައި 26 އަހަރަށް އަރުވާލުމަށް ފ. މަގޫދޫއަށް
ހިތަދޫ ކަތީބު ސިއްކަގޭ ޢަބްދުﷲ މަނިކުފާނު 26 އެތިފަހަރުން ތަޅައި 26 އަހަރަށް އަރުވާލަން ހއ. ތުރާކުނަށް
ޢަބްދުލް މަޖީދު އަލިދީދީ 26 އެތިފަހަރުން ތަޅައި 26 އަހަރަށް އަރުވާލުމަށް.
 * ކަތްދާފާނުގެ މުޙައްމަދު ސަލީމް 26 އެތި ފަހަރުން ތަޅައި 26 އަހަރަށް އަރުވާލުމަށް

ތަޢުޒީރުކޮށް އަރުވާލުމަށް ޙުކުމް ކުރެވުނު މީހުން:
 * ފަޟީލަތުއް ޝައިޚު ހުސަން ރަހާ އަލްއަޒްހަރީ 2 އެތި ފަހަރު 1 އަހަރާއި 6 މަހަށް އއ. ތޮއްޑުއަށް
 * އެޅަދީދީގެ އަލިދީދީ (އަފީފުގެ ބައްޕަ) 3 އެތިފަހަރު 3 އަހަރަށް ކ. ގުޅިއަށް
 * ހިތަދޫގެ އިސްކަތީބު އައްޝައިޚު މާވަޑިބެއްޔާގެ އިބްރާހިމް މަނިކު 8 އެތިފަހަރު 8 އަހަރަށް ހއ. ތުރާކުނަށް
 * އަބުދުލްމަޖީދު މުޙައްމަދު ދީދީ 8 އެތިފަހަރު 8 އަހަރަށް

އައްޝައިޚު މާވަޑިބެއްޔާގެ އިބްރާހިމް މަނިކު ބުނުއްވި ކަމަށް ސިއްކަގޭ ދޮންމަނިކުފާނު ލިޔުއްވާފައިވެއެވެ.
"އެމީހުން ރަށަށް ފޮނުއްވި ދުވަހު މުޙައްމަދު އަމީން ވިދާޅުވިއެވެ. "ކަލޭމެނަށް ސަރުކާރުން މިދެއްވި އަދަބަކީ ނުޙައްގު އަދަބެއް ކަން އެނގުމުން ދޫކޮށްލީއެވެ. މިއީ ބަޔަކު ފެށި ވަރަށް ބޮޑު ފިތުނައެއްކަން ސަރުކާރަށް ސާބިތުވުމުން ކަލޭމެން ދޫކޮށްލީއެވެ." އަދި އެންމެ ކައިރިން މުޙައްމަދު އަމީނު ޙައްޤު ކެނޑުއްވިއެވެ."
             ---------------------------

މަސްދަރު: "ޖަޒީރާ ޑެއިލީ"
19 ފެބްރުއަރީ 2008 - 14:27