ކީރިތި ރަސޫލާގެ ހަށިކޮޅު ވަގަށްނަގަން ކުރެވުނު މަސައްކަތް










ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ( އާއި އަބޫބަކުރުގެފާނާއި ޢުމަރުގެފާނުގެ ޒިޔާރަތްފުޅު ކޮނެގެން، އެބޭކަލުންގެ ހަށިކޮޅުތައް ވަގަށް ނެގުމަށް މަސައްކަތްތަކެއް ކުރެވިފައި ވެ އެވެ. މިލިއުމުގައި ބަލައިލާނީ، ތާރީޚުގައި މިކަން ކުރެވިފައިވާ 5 ފަހަރެއްގެ މައްޗަށެވެ.

ފުރަތަމަ ފަހަރު
މިފަހަރު، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އާއި އަބޫބަކުރުގެފާނާއި ޢުމަރުގެފާނުގެ ޒިޔާރަތްފުޅު ކޮނެގެން އެބޭކަލުންގެ ހަށިކޮޅު ވަގަށްނަގަން އުޅުނީ، އަލްޙާކިމު ބިއަމްރިއްލާހި އެވެ. މީނާއަކީ، މިޞްރުގައި ވެރިކަންކުރި، މީހެކެވެ. މީނާ ނިޔާވެފައިވަނީ، ހިޖުރައިން 411 ވަނަ އަހަރުގަ އެވެ. (މީނާއަކީ، ވަރަށް ގިނަ ހަމަނުޖެހޭ ކަންތައްތައް ކުރިކަމަށް މަޝްހޫރުވެފައިވާ މީހެކެވެ.) މީނާ ބޭނުންވީ، މަދީނާއިން މިޞްރަށް އެބޭކަލުންގެ ޒިޔާރަތްފުޅު ގެންދިއުމަށެވެ.

ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އާއި އަބޫބަކުރުގެފާނާއި ޢުމަރުގެފާނުގެ ޒިޔާރަތްފުޅު ކޮނެގެން އެބޭކަލުންގެ ހަށިކޮޅުތައް ވަގަށްނެގުމުގެ މަސައްކަތް، އަލްޙާކިމު ޙަވާލުކުރީ، އަބުލްފަތުޙު އަލްޙަސަނު ބްނު ޖަޢުފަރާ އެވެ. އަބުލްފަތުޙު، އޭނާއާ ޙަވާލުކުރެވުނު މަސައްކަތް ކުރުމަށްޓަކައި، އެތައް ބަޔަކާއިގެން ދަތުރުކޮށްފައި ދަނިކޮށް، ވަރަށް ބާރަށް ވައިޖެހެން ފަށައިފި އެވެ. އެ ވައިރޯޅިތަކުގެ ބާރުގަދަކަމުން، އަސްތަކާއި ޖަމަލުތައް ވެސް އެއާއެކު ބިންމަތީގައި ފުރޮޅެމުންދިޔަ އެވެ. އެ ޠޫފާނުގައި އެތައް ބަޔަކު މަރުވި އެވެ. މިމަންޒަރު ފެނުމުން، އަބުލްފަތުޙުގެ ހިތަށް ބިރުވެރިކަންވަދެ، ނަބިއްޔާގެ ޒިޔާރަތްފުޅު ކޮންނަށް ދިއުމުން އެއްކިބާވި އެވެ. ވައިގަދަކަމުން އެކަން ކުރުމަށްޓަކައި ނުދެވޭނެ ކަމަށް ބުނެ، އަލްޙާކިމު ބިއަމްރިއްލާހި އަށް އޭނާ އުޒުރުވެރިވި އެވެ.

ދެވަނަ ފަހަރު
މިފަހަރު ވެސް ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އާއި އަބޫބަކުރުގެފާނާއި ޢުމަރުގެފާނުގެ ޒިޔާރަތްފުޅު ކޮނެގެން، އެބޭކަލުންގެ ހަށިކޮޅުތައް ވަގަށްނަގަން އުޅުނީ، އަލްޙާކިމު ބިއަމްރިއްލާހި އެވެ. މިފަހަރު އޭނާ ފޮނުވި މީހާ، މަދީނާއަށް ގޮސް، މަސްޖިދުއްނަބަވީއާ ކައިރީގައި ހުރި ގެއެއްގައި އުޅުނެވެ. އެ ގޭތެރޭން ކޮނެގެން ބިމުއަޑިން ބިންގަރާސް ހަދައިގެން ގޮސް، ޒިޔާރަތްފުޅުގައިވާ ބޭކަލުންގެ ހަށިކޮޅުތައް ވަގަށް ނެގުމަށް އޭނާ މަސައްކަތް ފެށި އެވެ. އޭނާ އެކަން ކުރަމުން ގެންދަނިކޮށް، ނޫރާނީ އަލިކަމެއް އެރިތަން މީހުންނަށް ފެނުނުނެވެ. އަދި ގޮވާލެވުނު އަޑެއް އިވުނެވެ   .

މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ނަބިއްޔާގެ ޒިޔާރަތްފުޅު، އެބަ ކޮނެވެ އެވެ."
ދެން މީހުން ނުކުމެ، އެކަންކުރާ މީހަކު އުޅޭތޯ ހޯދާ ބެލިއިރު، އެމީހުނަށް ފެނުނީ، އަލްޙާކިމު ބިއަމްރިއްލާހި ފޮނުވައިގެން އުޅޭ މީހާ އެކަން ކުރަމުން ގެންދަނިކޮށްނެވެ. ދެން އޭނާ ހިފާ ހައްޔަރުކޮށް ޤަތުލުކުރެވުނެވެ.

ތިންވަނަ ފަހަރު
މިފަހަރު ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ ހަށިކޮޅު ވަގަށް ނަގަން މަސައްކަތްކުރީ، ނަޞާރާދީނުގެ ބައެއް ރަސްރަސްކަލުންނެވެ. އެމީހުން މިކަން ކުރުމަށްޓަކައި ފޮނުވީ މަޣުރިބުކަރައިގެ ނަޞާރާއިންނެވެ. މިކަން ހިނގީ، ހިޖުރީ ސަނަތުން 557 ވަނަ އަހަރުގަ އެވެ. އޭރު ޝާމުކަރައިގެ އިސްލާމީ ދައުލަތުގެ ރަސްގެފާނަކީ، ނޫރުއްދީނު ޒިންކީ އެވެ.

އެއްރެއަކު، ނޫރުއްދީނު ރަސްގެފާނަށް، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ހުވަފެންފުޅުގައި ފެނިވަޑައިގަތެވެ. އިތުރުއެކަލޭގެފާނު، ދޮންމީހުންގެ ދެ ފިރިހެނަކަށް އިޝާރަތްކުރައްވައި، ނޫރުއްދީނު ރަސްގެފާނަށް ވިދާޅުވި އެވެ. "މި ދެ މީހުންގެ ކިބައިން ތިމަންކަލޭގެފާނު ސަލާމަތްކޮށްދެއްވާށެވެ!"

ދެން އެމަނިކުފާނު، ވަރަށް އަވަހަށް ދަތުރު ހައްދަވައިގެން، ވިހި ފިރިހެނުންނާއެކު، މަދީނާއަށް ވަޑައިގަތެވެ. 16ދުވަހުގެ ދަތުރަކަށްފަހު، އެމަނިކުފާނު މަދީނާއަށް ވަޑައިގަތުމުން، މަދީނާގެ އަހުލުވެރިން ޞަދަޤާތް ހިފައިގެން އެމަނިކުފާނުގެ އަރިހަށް ޒިޔާރަތްކުރަން ފެށި އެވެ. މަދީނާގެ އެންމެން އެމަނިކުފާނަށް އަރިހަށް ޒިޔާރަތްކުރިއިރު ވެސް، ހުވަފެންފުޅުގައި ފެނިވަޑައިގަތް ދެ މީހުންނަކު ނާދެ އެވެ. ދެން އެމަނިކުފާނު އެއްސެވި އެވެ.
"ތިމަންމަނިކުފާނުގެ އަރިހަށް ނާންނަ މީހަކު މިހާރު މަދީނާގައި ވާނެ ހެއްޔެވެ؟"

އެމީހުން ދެންނެވި އެވެ.
"މަޣުރިބުކަރައިގެ ވަރަށް މުއްސަނދި ދެމީހަކު މަދީނާގައި އެބައުޅެ އެވެ. އެ ދެ މީހުން ފިޔަވައި އެންމެން މިހާރު މަނިކުފާނުގެ އަރިހަށް އަތުވެއްޖެ އެވެ. އެއީ، ވަރަށް ގިނައިން ނަމާދުކޮށް އުޅޭ، ހެޔޮލަފާ ދެ މީހެކެވެ. އަދި ނުހަނު ދީލަތިކަމާއެކު މީހުންނަށް ޞަދަޤާތްދީ ހެޔޮފޯރުވައި އުޅޭ ދެ މީހެއްވެސްމެ އެވެ."

ދެން އެ ދެ މީހުން ގޮވައިގެން އައުމަށް ރަސްގެފާނު އެދިވަޑައިގަތެވެ. އެ ދެ މީހުން އައުމުން، އެއީ ރަސްގެފާނަށް ހުވަފެންފުޅުގައި ފެނިވަޑައިގަތް ދެ މީހުންކަން އެނގިވަޑައިގަތެވެ. ދެން އެ ދެ މީހުން މަދީނާއަށް އައީ ކީއްކުރަންތޯ ރަސްގެފާނު އެއްސެވި އެވެ. އެ ދެ މީހުން ދެންނެވީ، ޙައްޖަށް ދިއުމުގެ ނިޔަތުގައި މަދިނާއަށް އައިސް އުޅެނީ ކަމަށެވެ. އެ ދެ މީހުން ދިރިއުޅޭ ގެ ހުންނަނީ، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ ޒިޔާރަތްފުޅާ ނުހަނު ކައިރީގަ އެވެ. ރަސްގެފާނު، އެ ދެ މީހުންނާއެކު، އެ ގެއަށް ވަޑައިގަތެވެ. އެ ގޭގައި އެއްވެސް ކަހަލަ އާދަޔާ ޚިލާފު ކަމެއް ވޭތޯ އަމިއްލަފުޅަށް ބެއްލެވިއިރު، އެކަހަލަ ކަމެއް ފެނިވަޑައެއް ނުގަތެވެ. އެހިސާބުގަނޑުގައި ދިރިއުޅޭ މީހުން ރަސްގެފާނަށް ދެންނެވީ، އެ ދެ މީހުންނަކީ، ނުހަނު ތަޤުވާވެރި، އަޅުކަންކުރުން ގިނަ، މާތް ދެ މެހުމާނުން ކަމަށެވެ. ނަމަވެސް ރަސްގެފާނު އިތުރަށް ހޯއްދެވި އެވެ. ހުރިހައި އެއްޗެއް އެފުށް މިފުށަށް ޖައްސަވައިގެން ފާސްކުރެއްވިއިރު، ނިވާކޮށްފައިވާ ބިންގަރާހެއް ފެނިވަޑައިގަތެވެ. އެ ބިންގަރާސް ނިމެނީ، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ ޒިޔާރަތްފުޅަށެވެ. ދެން ރަސްގެފާނުގެ އަމުރުފުޅަށް އެ ދެ މީހުންނާ ސުވާލުކޮށް އަދަބުދިނުމުން، އެ ދެ މީހުންގެ ޙަޤީޤަތް ހާމަކުރި އެވެ. އެކަން ބަލައި ތަޙުޤީޤުކުރުމަށްފަހު، އެ ދެ މީހުންނަށް އަދަބު ދެވުނެވެ.

މި ޙާދިސާއަށްފަހު، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ ޒިޔާރަތްފުޅުގެ ވަށައިގެން ފާރެއް ބިނާކުރުމަށް ނޫރުއްދީނު ރަސްގެފާނު އަމުރުފުޅުކުރެއްވި އެވެ. އެފާރު ބިނާކުރެވުނީ، ޒިޔާރަތްފުޅުގެ ވަށައިގެން ވަރަށް ފުންކޮށް ޚަންދަޤެއްކޮނެ، ތިމަރައަޅައިގެންނެވެ.

ހަތަރުވަނަ ފަހަރު
މިފަހަރު ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ ހަށިކޮޅު ނަގަން އުޅުނީ، ޝާމުކަރައިގެ ނަޞާރާއިންގެ ޖަމާޢަތަކުންނެވެ. އެމީހުން ޙިޖާޒުކަރައަށް ގޮސް، ޙައްޖާޖީން ޤަތުލުކޮށް، މުސްލިމުންގެ އުޅަނދުތައް އަންދައި، މުސްލިމުންނަށް ވަރަށް ބޮޑަށް އަނިޔާވެރިވި އެވެ. އެއަށްފަހު، އެމީހުން އުޅެނީ، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ ހަށިކޮޅު ނަގަން ކަމަށް ބުންޏެވެ. ދެން އެކަމަށްޓަކައި އެމީހުން މަދީނާއަށް ދިއުމަށް ދަތުރުކުރި އެވެ. މަދީނާއާ އެމީހުންނާ ދެމެދުގައި ދޮޅުމަސްދުވަހުގެ ރާސްތާއަށް ވެފައިވަނިކޮށް، މުސްލިމުންގެ ބަޔަކު ގޮސް އެމީހުންނާ ހަނގުރާމަކޮށް އެމީހުން ބަލިކުރި އެވެ. އެކަން ވެގެންދިޔައީ، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ ހަށިކޮޅު ފޭރިގަތުމަށް އުޅޭ އަނިޔާވެރީން ފަހަތަށް ޖައްސާލި ޢިބުރަތްތެރި ހާދިސާއެއް ކަމަށެވެ.

ފަސްވަނަ ފަހަރު
ހިޖުރައިން ހަތްވަނަ ޤަރުނުގައި، ޒިޔާރަތްފުޅުން އަބޫބަކުރުގެފާނާއި ޢުމަރުގެފާނުގެ ހަށިކޮޅު ވަގަށް ނެގުމަށް، ޝާމުކަރައިގެ ޙަލަބުގެ ބަޔަކު އުޅުނެވެ. އެކަމަށް މަގުފަހިކުރުމަށްޓަކައި، އޭރު ހުރި މަދީނާގެ އަމީރަށް ވަރަށް ގިނަ މުދަލާއި ފައިސާ އެމީހުން ދިނެވެ. އެ އަމީރާއެކު އެމީހުން އެއްބަސްވެފައިވަނީ، ރޭގަނޑު ދަންވަރު ވަދެ، ޒިޔާރަތްފުޅު ކޮނެ، ސިއްރިޔާތުގައި އެކަން ކުރުމަށެވެ. އެމީހުން ރޭގަނޑު ދަންވަރު މަސްޖިދުއްނަބަވީ އަށް ދިއުމުން، ދޮރުތަކުގެ ތަޅުހުޅުވައިދިނުމަށް، އަމީރުވަނީ، މަސްޖިދުއްނަބަވީގެ ޚާދިމުންގެ ޝައިޚަށް އަންގާފަ އެވެ. އަދި އެމީހުން ބޭނުންކަމެއް ކުރުމަށް އެމީހުން ދޫކޮށްލުމަށް ވެސް އެންގި އެވެ. އެއްބަސްވެ ހަމަޖެހިފައިވާ ގޮތުގެ މަތީން އެމީހުން، މަސްޖިދުއް ނަބަވީއަށް ދިޔައީ ރޭގަނޑެއްގެ ދަންވަރު އެވެ. އެމީހުންގެ ޢަދަދަކީ، ސާޅީހެވެ. އެމީހުންގެ އަތުގައި ބިން ކޮންނަ ސާމާނާއި އަލިކުރާނޭ ބައްތިތައް ވި އެވެ.

އެމީހުންނަށް ވީ ގޮތުގެ ވާހަކަ ވިދާޅުވެދެއްވަމުން ހުވާކުރައްވާފައި ޚާދިމުންގެ ޝައިޚު ވިދާޅުވި އެވެ.
"އެމީހުން ޒިޔާރަތްފުޅު ކޮންނަންވެގެން ގޮސް، މިންބަރާ އަރާހަމަވިތަނާ، އެމީހުންނާއި އެމީހުންގެ އަތުގައިވާހައި އެއްޗަކާއެކު ބިންގަނޑު ގަންބަވައިގެންފި އެވެ. އެއަށްފަހު، އެމީހުނަށް ވީނުވީ ގޮތެއް ނޭނގެ އެވެ."
         -------------------

މުޞަންނިފު: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން
މަސްދަރުތައް:
تاريخ المدينة المنورة - الإمام المراري
تاريخ المدينة المنورة - الإمام المطري
الرياض النضرة - محب الدين الطبري
تاريخ المدينة المنورة - الإمام السمهودي