މާލޭގައިވާ ދަރިކޮޅުތަކުގެ އެކިއެކި ގޮފިތަކުގެ ތެރެއިން އެދުރުދީދީގެ ޢާއިލީގޮފި - 4


މާފަންނު ފޮތު އެދުރުދީދީ ގެ ދަރިފަސްކޮޅުން މިހާރު ވާނީ އެ ދީދީގެ ޢަބްދުﷲދީދީ އާއި އެ ދީދީގެ ޙުސައިންދީދީގެ މުޙައްމަދު ދީދީ އާއި ދޮންތުއްތުދީދީގެ ބައި އެއްކޮށް ލިޔެ ނިމިފައެވެ. ދެން އަޅުނގަޑު ގަސްތުކުރަނީ ކުރީގެ ލިޔުމުގައިވެސް ބަޔާންކުރެވިފައިވާ ބޭފުޅުންގެ ތެރެއިން މިހާރު ދަންނަވާނުލެވިވާ ބައިތަކުން އަޅުނގަޑަށް ލިބިފައިވާ މިންވަރަކަށް މަޢުލޫމާތު ޙިއްސާކޮށްލާށެވެ. ކޮންމެ ކަމަކަށްވެސް ތަވްފީޤް ދެއްވަނީ މާތްﷲ ސުބްޙާނަހޫ ވަތަޢާލާ ކަމުން މިފަހަރުވެސް އަޅުނގަޑުގެ ޤަލަން މި ނެގީ އެކަނލާގެ ޙަޟްރަތުން މި މަސައްކަތްކޮށް ނިންމާލުމުގެ ހެޔޮ ތަވްފީޤް ދެއްވުމަށް އެދި ދުޢާ ކުރަމުންނެވެ. އަދި އަޅުނގަޑުގެ އެދުމަކީ މި މަސައްކަތުގެ ސަބަބުން ދިވެހި އުއްމަތަށް ފައިދާއެއް ކުރުމެވެ.

އާދެ! އެދުރުދީދީގެ ބޭފުޅުންގެ ތެރެއިން ޙުސައިންދީދީ އަށް ލިބިވަޑައިގެންނެވި 5 ބޭފުޅުންގެ ތެރެއިން 2 ބޭފުޅެއްގެ ބައި ވާނީ މިހާރު ދަންނަވާލެވިފައެވެ. މިހާރު ލިޔާން ގަސްތު ކުރެވިގެން މި އުޅެވެނީ މި ޙުސައިންދީދީގެ ކަޅުތުއްތުދީދީ އާއި ކުޑަތުއްތުދީދީ އާއި ފާޠިމަތުދީދީގެ ދަރިފަސްކޮޅު ދަންނަވާލަ ދެވޭތޯއެވެ. 

އެދުރުދީދީގެ ޙުސައިންދީދީގެ ކަޅުތުއްތުދީދީ
 

ކަޅުތުއްތުދީދީ 7 ކައިވެނި ކުރެއްވި ކަމަށް ކަޅުތުއްތުދީދީގެ ދަރިކަލުން މުޙައްމަދުދީދީ ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު އޭގެ ތެރެއިން މަޢުލޫމާތު ސާފުވާން އޮތީ އެންމެ ދެ ކައިވެންޏެއްގެ އެވެ. އެއީ ކޮނޑޭ މުޙައްމަދުދީދީގެ ދޮންދީދީ އާއި ކުރެއްވި ކައިވެންޏާއި ކަޅުހުރާގޭ ދޮންސިއްތި އާއި ކުރެއްވި ކައިވެންޏެވެ. ކަޅުތުއްތުދީދީ އަށް ބޭފުޅުން ލިބިވަޑައިގަތީ ކޮނޑޭ ދޮންދީދީގެ ބަނޑުންނެވެ. 

އަޅުނގަޑު މި މަޢުލޫމާތު ސާފުކޮށްލުމަށް ކަޅުތުއްތުދީދީގެ ހުންނެވި ހަމައެކަނި ދަރިކަލުން ކަމުގައިވާ މުޙައްމަދު ޙަމީދު (މުޙައްމަދުދީދީ ހ.ވެލިރަންގެ) އާއި ވާހަކަ ދައްކާލުމުން އެނގުނީ ކަޅުތުއްތުދީދީ އަވަހާރަވީ މީލާދުން 1986 ވަނަ އަހަރުގައި ކަމެވެ. މިދީދީ ގެ ދަރިކަލުންނަކީ:
1 މުޙައްމަދު ޙަމީދު ( މުޙައްމަދުދީދީ ހ.ވެލިރަންގެ) އެވެ.
މި މުޙައްމަދު ޙަމީދު ( މުޙައްމަދުދީދީ ހ.ވެލިރަންގެ) އަށް 3 ކައިވެންޏަކުން ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ
އައްޑު އަތޮޅު ހިތަދޫ ޒުބައިދާ އާއި ކުރެއްވި ކައިވެނިން
1.2 އަޙްމަދު ޝުޖާޒް
ބ. އަތޮޅު އޭދަފުށީ އާމިނަތު އާއި ކުރެއްވި ކައިވެނިން
1.3 އިބްރާހިމް ފައްވާޒް
މާލޭ އޮގަރު ޢަލިފުޅުގެ ޖަވާޒާ އާއި ކުރެއްވި ކައިވެނިން
1.4 ޙަސަން ޢާބިރު
1.5 ޙުސައިން ޢާބިރު

އެދުރުދީދީގެ ޙުސައިންދީދީގެ ކުޑަތުއްތުދީދީ
އެދުރުދީދީގެ ހުސައިންދީދީގެ ކުޑަތުއްތުދީދީ ގެ ބޭފުޅުންނަކީ:
1. ޢަބްދުއްސައްތާރު
2. މުޙައްމަދު ހާޝިމް
3. ފާޠިމަތު ވަޙީދާ
4. ޢާއިޝަތު ވަޙީދާ
5. އިބްރާހިމް ވަޙީދު
6. އާމިނަތު ވަޙީދާ
7. ޚަދީޖާ ވަޙީދާ
8. ރުޤިއްޔާ ވަޙީދާ އެވެ.

އެދުރުދީދީގެ ޙުސައިންދީދީގެ ތުއްތުފާޠިމަތުދީދީ
މި ތުއްތުފާޠިމަތު ދީދީ ގެ ކަތްދާދީ ގެ އަޙްމަދުދީދީ ، ހަނދަގޭ ފާޠިމަތުދީދީ އާއި ކުރެއްވި ކައިވެނީން ލިބިވަޑައިގެންނެވި  ބޭފުޅުންނަކީ:
1. ރިޒްވީ އަޙްމަދު ދީދީ
2. ލައިލާ އަޙްމަދު ދީދީ
3. ރަވްފާ އަޙްމަދު ދީދީ
4. ޝިޔުރީ އަޙްމަދު ދީދީ
5. ރިޟްވާން އަޙްމަދު ދިދީ
6. ލީލާ އަޙްމަދު ދީދީ

އެދުރުދީދީގެ ބޭފުޅުންގެ ތެރެއިން ޢަބްދުﷲދީދީ އާއި ޙުސައިންދީދީ ގެ ބައި ލިޔެ ނިމުނީ އެވެ. ދެން ދަންނަވާލަން ގަސްތުކުރަނީ މި އެދުރުދީދީގެ ދޮންދީދީ އާއި ފާޠިމަތު ދީދީ ގެ ބަޔެވެ.

އެދުރުދީދީގެ ދޮންދީދީ
މިއީ މާވާގަނޑުވަރު މަރިޔަމްދީދީގެ ޙަސަންދީދީގެ އަޙްމަދުދީދީގެ ދޮންދީދީ އެވެ. އާއްމުކޮށް ކިޔާ އުޅޭ ނަމަކީ އެދުރުދީދީ ދޮންދީދީ އެވެ. މި ދޮންދީދީގެ ބޭފުޅުންނަކީ:
1. ހޯގުޅާ ޢަލިމަނިކު
2. ހޯގުޅާ ތުއްތުމަނިކު
3. ހޯގުޅާ ދޮންމަނިކު
4. ހޯގުޅާ ތުއްތުމަނިކެ އެވެ.

އެދުރުދީދިގެ ފާޠިމަތުދީދީ
މި ފާޠިމަތުދީދީ ކައިވެނި ކުރެއްވީ ކާށިދޫ އާދަމް ކަލޭގެފާނާއިއެވެ. މި ކައިވެނިން މި ދީދީ އަށް ލިބިވަޑައިގެންނެވި ބޭފުޅުންނަކީ
1. ދޮންމަނިކު
2. ތުއްތުމަނިކު
3. ތުއްތުމަނިކެ
4. ޅަތުއްތުދީދީ
5. އަޙްމަދުދީދީ
6. ދޮންދީދީ

1 ގައިވާ ދޮންމަނިކު
މި ދޮންމަނިކަކީ އެދުރުދީދީގެ ފާޠިމަތުދީދީގެ ދޮންމަނިކެވެ. މި ދޮންމަނިކުގެ ބޭފުޅުންނަކީ:
1. ޢާއިޝާ މަނިކެ
2. ވަލީދާ
3. ޒުބައިދާ އެވެ.

2 ގައިވާ ތުއްތުމަނިކު
މިއީ އެދުރުދީދީގެ ފާޠިމަތު ދީދީގެ ތުއްތުމަނިކެވެ. މި ތުއްތުމަނިކުގެ ބޭފުޅުންނަކީ:
1. ޒުހުރާ
2. މުޙައްމަދު ވަޙީދު
3. އާދަމް ސަލީމް
4. ސަޢީދާ
5. ސާދުނާ
މި ހުރިހާ ކުދިންގެ މަންމައަކީ ދޮންކަމަނަ ކިޔާ ބޭކަނބަލެކެވެ.

3 ގައިވާ ތުއްތުމަނިކެ
މި ތުއްތުމަނިކެ ކައިވެނި ކުރެއްވީ ޢަލިފުޅު ދޮހުއްތު ( ހ.ފުރުއްމާގެ) އާއި އެވެ. މި ކައިވެނީން ލިބިވަޑައިގެންނެވި ބޭފުޅުންނަކީ:
..........
6 ގައިވާ ދޮންދީދީ
މިއީ އެދުރުދީދީގެ ފާޠިމަތުދީދީގެ ދޮންދީދީ އެވެ. މި ދޮންދީދީއަށް ދެ ކައިވެންޏަކުން ދެ ބޭފުޅަކު ލިބިވައިޑައިގެންނެވިއެވެ. އެއީ
ޙުސައިން ޞަބްރީ އާއި ކުރެއްވި ކައިވެނިން
ޒަކިއްޔާ
ސީދީގެ ޙަސަންދީދީގެ އިބްރާހިމްދީދީ އާއި ކުރެއްވި ކައިވެނީން
ޘުރައްޔާ އެވެ.

5 ގައިވާ އަޙްމަދުދީދީ
 މި އަޙްމަދު ދީދީ އަށް ލިބިވަޑައިގަތީ އެންމެ ބޭފުޅެކެވެ. އެހެންނަމަވެސް އެ ބޭފުޅާވެސް ވަނީ ދަރިޔަކު ނެތި އަވަހާރަވެފައެވެ. އަޙްމަދުދީދީ އަވަހާރަވީ މީލާދުން 2011 ވަނަ އަހަރުގަ އެވެ.

އާދެ! އެދުރުދީދީގެ ފާޠިމަތުދީދީގެ ބޭފުޅުންގެ ނަންތަކަށް ރަނގަޅަށް ބައްލަވައިފިނަމަ ތަފާތެއް ފެނިވަޑައިގަންނަވާނެ އެވެ. އެއީ އެއްބައި ކުދީންނަށް "މަނިކު" ކިޔާފައިވާއިރު އަނެއްބައި ކުދީންނަށް ވަނީ "ދީދީ" ކިޔާފަ އެވެ. އަޅުނގަޑު މި ދަރިފަސްކޮޅު ހޯދާލުމަށް މި ފާޠިމަތުދީދީގެ ޅަހުއްތީދީ ގެ އަރިހަށް ގޮސް އިންޓަރވިޔު ނެގުމުން އެނގުނީ އެއީ މަންމަގެ ފަރާތަށާއި ބައްޕަގެ ފަރާތަށް ނިސްބަތްކުރައްވަން ވެގެން ކޮށްފައިވާ ކަމެއް ކަމުގަ އެވެ. ޅަހުއްތީދީ އަށް މުޙައްމަދު މަނިކު ވެސް ކިޔަ އެވެ. ޅަހުއްތީދީ އޭ ވިދާޅުވެ ނަން ދެއްވީ އެދުރުދީދީގެ ދޮހުއްތީދި ކަމަށް ޅަހުއްތީދި ވިދާޅުވެ އެވެ. ( މަޢުލޫމާތު: ޕާކަރު ރަޝީދުގެ ދަރިފަސްކޮޅު ނޯޓުތަކުން( ޗާޕްނުވާ) އަދި އެދުރުދީދީގެ ފާޠިމަތުދީދީގެ ޅަތުއްތުދީދީގެ (ހ.ޓޮޕާޒް) އަރިހުން ނެގުނު އިންޓަރވިޔު)

މިހާހިސާބުން އައްސުލްޠާން އިބްރާހިމް އިސްކަންދަރު ދެވަނައިގެ ދަރިކަނބަލުން އަލްއަމީރާ ޢާއިޝާ ކަނބާފާނު ސިއްކަ އަހަންމާ ތަކުރުފާނުންނާއި ކުރެއްވި ކައިވެނިން ލިބިވަޑައިގެންނެވި އަލްއަމީރާ މާވާގަނޑުވަރު މަރިޔަމްދީދީ، އަލްވަޒީރު މުޙައްމަދު ދަހަރަދަ މަނިކުފާނާއި ކުރެއްވި ކައިވެނީން ލިބިވަޑައިގެންނެވި 4 ބޭފުޅުންގެ ތެރެއިން މާވާގަނޑުވަރު ޙަސަންދީދީގެ ދަރިފަސްކޮޅުން އަޅުނގަޑު މަސައްކަތްކޮށްގެން މިޒަމާނަށް ތިލަކުރާން ކުރެވުނު މަސައްކަތުން ލިބުނު މަޢުލޫމާތުތައް ލިޔެ ނިމުނީ އެވެ.

ފަހަރުގައި އަދިވެސް އިތުރުކުރާން ޖެހޭ ބައިތަކެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެނީ ރާއްޖޭގައި ލިޔެ ކިޔުމުން މަޢުލޫމާތު ރައްކާކުރެވިފައި ހުރިލެއް މަދުކަމުން ބަޔެއް މަޢުލޫމާތުތައް ހޯދަން އުނދަގޫ ވަނީއެވެ. އަޅުނގަޑުގެ އެދުމަކީ މިބަޔަށް ( ޔަޢުނީ މާވާގަނޑުވަރު މަރިޔަމްދީދީގެ ބޭފުޅުންގެ ތެރެއިން ޙަސަންދީދީގެ) އިތުރުކުރާން ޖެހޭ އިތުރު މަޢުލޫމާތެއް ލިބިވަޑައިގެންފިނަމަ އެކަން އަޅުނގަޑަށްވެސް ޙިއްސާކޮށްލެއްވުމާ އެކު މި މަޒްމޫނު ޝާއިޢު ކުރެއްވި ފަރާތާއި ވެސް ޙިއްސާ ކުރެއްވުމެވެ. އަދި އަޅުނގަޑަށް ދީލަތި މަޢާފެއް ކުރުމާއި އެކު އެ ބަޔެއް އިތުރުވެސް ކޮށްލަދެއްވުމެވެ. މިހެން ދަންނަވާލަން ވެސް މި ޖެހުނީ ސަބަބެއް ނެތިއެއް ނޫނެވެ. އެހެނީ ނަސަބަކީ އަޅުނގަޑުމެންގެ ދީނުގައި ވެސް ރައްކާތެރިވާން އަމުރު ކުރައްވާފައިވާ ކަމަކަށް ވާތީ އަޅުނގަޑުވެސް ހަމަ ޖެހިލުންވާލެއް ބޮޑުކަމުންނެވެ.

އިސްވެ ބަޔާން ކުރެވުނު ބައިތައް ހިމަނާފައިވާނީ އަޅުނގަޑަށް މަޝްހޫރު އެކިއެކި ނަސަބު ޢިލްމުވެރީންގެ ފަރާތުން ލިބުނު މަޢުލޫމާތާއި، އަދި އަމިއްލައަށް ނަސަބު ހޯއްދެވުމަށް މަސައްކަތް ކުރައްވާފައިވާ ފަރާތްތަކުން އެއްކުރައްވާފައިވާ މަޢުލޫމާތާއި، އަދި ވަކި ވަކި ބޭބޭފުޅުންގެ އަރިހުން ނެގުނު އިންޓަރވިޔުތަކާއި، ބަޔެއް ފޮތްތައް ބަލައިގެންނާއި، ރިވާވަމުން އަންނަ ބަޔެއް ވާހަކަތަކުން ލިބިފައިވާ މަޢުލޫމާތުންނާއި، އިހުގެ ފަނޑިޔާރުގޭ މުސްކުޅި ފަތްކޮޅުތަކުންނާއި، ބަޔެއް ޢިލްމީ ސައިޓުތަކުން ނެގުނު މަޢުލޫމާތުންނާއި، އޭގެ އިތުރަށް އަމިއްލަ ދިރާސާތަކުން އެއްކުރެވުނު މަޢުލޫމާތުގެ މައްޗަށް ބަލައިގެންނެވެ. (ނިމުނީ)
             -----------------------

ލިޔުއްވީ: އަޙްމަދު ޢަލާ (ޢަލާ ހިލާލީ)

މަޢުލޫމާތު: 
އެދުރުދީދީގެ ޙުސައިންދީދީގެ ކަޅުތުއްތުދީދީގެ މުޙައްމަދު ދީދީ ގެ އަރިހުން
ފަނޑިޔާރުގޭ އިހުގެ މުސްކުޅި ފަތްކޮޅުތަކުން
ޕާކަރު އަޙްމަދު ރަޝީދުގެ ދަރިފަސްކޮޅު ނޯޓްތަކަކުން (ޗާޕްނުވާ)