މާލޭގައިވާ ދަރިކޮޅުތަކުގެ އެކިއެކި ގޮފިތަކުގެ ތެރެއިން އެދުރުދީދީ ގެ ޢާއިލީ ގޮފި - 2

އެއްވަނަ ބަޔާއި ގުޅޭ

އާދެ! އަޅުނގަޑު ލިޔަމުން ގެންދާ މާލޭގެ ދަރިކޮޅުތަކުގެ ގޮފިތަކުގެ ތެރެއިން އެދުރުދީދީގެ ޢާއިލާ އާއި ބެހޭ ގޮތުން ޝާޢިއު ކުރެވުނު ފުރަތަމަ ލިޔުމުގައި ވަރަށް މުލައްޚަސް ގޮތެއްގައިވާނީ އެދުރުދީދީ ނުވަތަ އަޙްމަދު ދީދީގެ މަތިފުށާއި ބެހޭގޮތުން އަލިއަޅުވާލާފައެވެ. އެބައިގައި ދަންނަވާފައި ވާނޭ ފަދައިން އެދުރު ދީދީ އަކީ ދިޔަމިނގިލީ ދަރިކޮޅުން ދިވެހި ރަސްކަމުގެ ތަޚްތުގައި ރެނދަލި ކުރެވުނު ކީރިތި މަހާރަދުން އައްސުލްޠާން އިބްރާހިމް އިސްކަންދަރު ދޭއްގެ އަލްއަމީރާ ޢާއިޝާ ކަނބާފާނުގެ މާވާގަނޑުވަރު މަރިޔަމް ދީދީ ، އަލްވަޒީރު މުޙައްމަދު ދަހަރަދަ މަނިކުފާނާއި ކުރެއްވި ކައިވެނިފުޅުން ލިބިވަޑައިގެންނެވި ދަރިކަލެއް ކަމުގައިވާ މާވާގަނޑުވަރު ޙަސަން ދީދީ ގެ ދަރިކަލެކެވެ. މާފައްނު ފޮތު އެދުރެވެ. އެހެނަސް މި ދީދީ ގެ ކާފަ ކަމުގައިވާ އަލްވަޒީރު މުޙައްމަދު ދަހަރަދަ މަނިކުފާނާއި ބެހޭގޮތުން އެ ލިޔުމުގައި އެއްޗެއް ދަންނަވާލެވިފައި ނުވާތީ އެބޭފުޅާ އާއި މެދު ކުރު ގޮތަކަށް ނަމަވެސް އެއްޗެއް ދަންނަވާލެއްވުމަށްފަހު ނޫނީ އެދުރުދީދީގެ ދަރިފަސްކޮޅާއި ބެހޭ ގޮތުން އެއްޗެއް ދެންނެވޭކަށް ނެތެވެ.

މާވާގަނޑުވަރު މަރިޔަމްދީދީ އަށް ލިބިވަޑައިގެންނެވި 4 ބޭފުޅުންގެ ތެރެއިން 3 ބޭފުޅުންގެ ބައްޕަކަމަށްވާ އަލްވަޒީރު މުޙައްމަދު ދަހަރަދަ މަނިކުފާނަކީ ވެސް ރާއްޖޭގެ މަޝްހޫރު ދަރިކޮޅެއްގެ ބޭފުޅެކެވެ. ޢިލްމީ ދީނީ ދަރިކޮޅަކަށް ނިސްބަތްވެވަޑައިގަންނަވާ ރަނގަޅު މަތިފުށަކުން ވަޑައިގެން ހުންނެވި ހަރުދަނާ ޝަޚްސިއްޔަތެކެވެ. 

މި އަލްވަޒީރު މުޙައްމަދު ދަހަރަދަ މަނިކުފާނުން ނުވަތަ ދަހަރާގޭ މުހައްމަދު ދީދީ އަކީ ގަމު ރަތްބޭ މަޙަމޫދަށް ލިބިލެއްވި ދެބޭފުޅުންގެ ތެރެއިން އައްނާއިބު ޙުސައިން ޢަފީފުއްދީންގެ އަލްޤާޟީ މުޙައްމަދު މުޙިއްބުއްދީން ޝައިޚުލް އިސްލާމް، މުލީ ބޮޑު ސަންޕާފާނާއި އަލްޚަޠީބު މުޙައްމަދާއި އިނދެ ލިބުނު އާމިނާ މަނިކުފާނާ ކުރެއްވި ކައިވެނިން ލިބިލެއްވި ފަނޑިޔާރު ޢާއިޝާ މަނިކުފާނުން ސައްޔިދު ކޯލާޑި ހޮޅި ނަޚާ އަލްމަލާބާރީ ގެ ހޮޅި ޙަސަން ހަކުރާ މަނިކުފާނުންގެ އަލްވަޒީރު ޢަލީ ކުޑަ ހަކުރާކުރެއްވި ކައިވެނިން ލިބިލެއްވި އަލްވަޒީރު މުޙައްމަދު ދަހަރަދަ މަނިކުފާނެވެ. ފަނޑިޔާރު ޢާއިޝާ މަނިކުފާނާއި ޢަލީ ކުޑަހަކުރާ ތަކުރުފާނު ކުރެއްވި ކައިވެނިން ލިބިވަޑައިގަތް ބޭފުޅުންނަކީ:

ހ ތުއްތުދީދީ

ށ މުޙައްމަދު ދީދީ

ނ ޚަދީޖާ މަނިކުފާނު

ނޯޓް: މި ދަހަރަދަ މަނިކުފާނުންގެ މާމައަކީ އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން ދޮން ބަންޑާރައިންގެ މަންމާފުޅެވެ. އެ ކަމަނާ މި ދަހަރަދަ މަނިކުފާނުންގެ ކާފާ އާއި ކައިވެނި ކުރެއްވީ ހޮޅިން ދޮން ބަންޑާރައިންގެ ބައްޕާފުޅު އަލްވަޒީރު މުޙައްމަދު ފާމުލަދޭރި ތަކުރުފާނު މަލާބާރަށް ގެންދިޔުމުންނެވެ. ދޮން ބަންޑާރައިންގެ ބައްޕާފުޅަކީ ހުރާ ދޮން މަރުދުރު ފަޑިއްކަލޭގެފާނުންގެ ދަރިކޮޅު ބޭފުޅެކެވެ. އެ މަތިފުށުން ގޯއާގައި ހުންނެވި ކާފަރުވި 9 ވަނަ ޙަސަން ރަސްގެފާނާވެސް ގުޅެއެވެ. އަދި މި ނުވަނަ ޙަސަން ރަސްގެފާނުގެ އަނބިކަނބަލުންގެ ފުށުން ޔޫރަޕުގެ ގިނަ ރަސްރަސްކަލުންގެ ނަސަބާއިވެސް ވަނީ ގުޅިފައެވެ. އެވާހަކަތަށް އަލުނގަޑު ލިޔެފައިވާ ހިލާލީ ދަރިކޮޅާއި ބެހޭ ފޮތުގައި ވާނެތީވެ އެ ވާހަކަތަށް ބަޔާންނުކޮށް ކުރު ކުރާން ގަސްތުކޮށް މަޢުޟޫއަށް ރުޖޫޢަވަމެވެ.

އާދެ! އެދުރުދީދީ، ގަލޮޅު ގަނޑުވަރު މެދުދީދީ އާއި ކުރެއްވި ކައިވެނިފުޅުން ލިބިވަޑައިގެންނެވި 4 ބޭފުޅުންގެ ވާހަކަ ވާނީ ދަންނަވާލެވިފައެވެ. އެއީ ޢަބްދުﷲ ދީދީ ( އެދުރުދީދީ ޢަބްދުﷲ ދީދީ)، ޙުސައިންދީދީ ( އެދުރުދީދީ ހުސައިން ދީދީ)، ދޮންދީދީ(އެދުރުދީދީ ދޮންދީދީ)، ފާޠިމަތުދީދީ (އެދުރު ދީދީ ފާޠިމަތު ދީދީ )ކަންވެސް މިހާރު ވާނީ ސާފުވެވަޑައިގެންފައެވެ. މި ބޭބޭފުޅުންގެ ތެރެއިން ޢަބްދުﷲ ދީދީ ނުވަތަ ޢާއްމު ނަމުން ނަމަ އެދުރުދީދީގެ ޢަބްދުﷲ ދީދީ އަށް ދެ ކައިވެންޏަކުން ބޭފުޅުން ލިބިވަޑައިގެންނެވި ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.އެންމެ ފުރަތަމަ ކައިވެނި ކުރެއްވީ ބަޑިއަލިބޭގެ ޢާއިޝަތުދީދީ އާއި އެވެ. މި ކައިވެނިން ލިބިވަޑައިގަތް ބޭފުޅަކީ ޙުސައިންދީދީ ( ބަޑިއަލިބޭގެ ޙުސައިންދީދީ) އެވެ. މި ޙުސައިން ދީދީ އަކީ ސުމުއްވުލް އަމީރުލް މަރްޙޫމުލް ޙާއްޖު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަމުގައި ވައްކަމުގެ މައްސަލައަކާއި ގުޅިގެން އަތް ކެނޑުއްވި 3 ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެކެވެ.

އަލްމަރްޙޫމް ބަޑިއަލިބޭގެ ޙުސައިންދީދީ ކައިވެނި ކުރެއްވީ ކަޅުހުރާގޭ ސީދީގެ ސިއްތި އާއި އެވެ. މި ކައިވެނީން ލިބިވަޑައިގެންނެވީ ދެ އަންހެން ބޭފުޅުންނެވެ. އެހެންނަމަވެސް ދަރިކޮޅު ހިނގާފައިވަނީ އެއް ބޭފުޅެއްގެ ފަރާތުންނެވެ. ލިބިވަޑައިގެންނެވި ދެ އަންހެން ދަރިކަނބަލުންނަކީ:

އައިމިނަތު ޙުސައިން ދީދީ ( ކުޑަ ސިއްތި)

ޚަދީޖާ ޙުސައިން ދީދީ އެވެ. ( ދަރިކޮޅު ނެތި އަވަހާރަވެފައި)

އަލްމަރްޙޫމް ހުސައިން ދީދި ( ބަޑިއަލިބޭގެ ޙުސައިން ދީދީ ) ގެ އައިމިނަތު ޙުސައިން ދީދީ (ކުޑަ ސިއްތި) އެންމެ ފުރަތަމަ ކައިވެނި ކުރެއްވީ އިރުމަތީގޭ ޖަލީލުއާއި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެހެންނަމަވެސް ކުޑަ ދުވަސްކޮޅަކަށް ފަހު މި ކައިވެނި ރޫޅިގެން ދިޔައެވެ. ކުޑަ ސިއްތިއަށް ބޭފުޅުން ލިބިވަޑައިގަތީ އަލްއުސްތާޛް އިބްރާހިމް ޝިހާބާއި ކުރެއްވި ކައިވެނީންނެވެ. ބަގީޗާގޭ އިބްރާހިމް ޝިހާބާއި ކުރެއްވި ކައިވެނީން ލިބިވަޑައިގެންނެވި ބޭފުޅުންނަކީ:

ޢަބްދުﷲ ޝިހާބު ( ދަރިކޮޅު ނެތި އަވަހާރަވެފައި)

އިސްމާއިލް ޝިހާބު

ފާޠިމަތު ޝިހާބު

ޢާއިޝަތު ޝިހާބު

ޙަސަން ޝިހާބުއެވެ.

އާދެ! އަލްމަރްޙޫމް ޢަބްދުﷲ ދީދީ ( އެދުރުދީދީގެ ޢަބްދުﷲ ދީދީ) ދެ ކައިވެންޏެއް ކުރެއްވި ކަމަށް ވާނީ ދެންނެވިފައެވެ. ދެވަނައަށް ކުރެއްވީ އައްޑު އަތޮޅު ހިތަދޫ ފާޠިމާފާނު ( ސިއްތީފާނުގެ ފާޠިމާފާނު) ކިޔާ ބޭކަނބަލަކާއިއެވެ. ޢަބްދުﷲ ދީދީ މި ފާޠިމާފާނާއި ކައިވެނި ކުރެއްވީ މާރާމާރީއެއްގެ މައްސަލައެއްގައި އައްޑު އަތޮޅު ހިތަދޫއަށް ފޮނުވާ ލެއްވުމުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި މި ކައިވެނީން ލިބުނު ބޭފުޅުންނާއި އެބޭފުޅުންގެ ދަރިފަސްކޮޅުވެސް ވަނީ އައްޑު އަތޮޅުގައެވެ. އެކިއެކި ގޮތްގޮތުން މަސައްކަތް ކުރެވުނު ކަމުގައި ވިޔަސް މި ޢަބްދުﷲ ދީދީ އަވަހާރަވީ މާލޭގައި ކަމެއް ނޫނީ މަޢާފު ލިބިވަޑައިނުގެން އައްޑު އަތޮޅުގައި ހުންނަވަނިކޮށްކަމެއް ޔަގީނެއް ނުކުރެވުނެވެ. އެކިއެކި ބޭފުޅުން ވިދާޅުވަނީ އެކި ގޮތަށްކަމަށް ވާތީއެވެ. މި ޢަބްދުﷲ ދީދީ،އައްޑު އަތޮޅު ހިތަދޫ ސިއްތީފާނުގެ ފާޠިމާފާނާއި ކުރެއްވި ކައިވެނީން ލިބިވަޑައިގަތީ 2 ފިރިހެން ބޭފުޅުންނެވެ. އެއީ:

އަޙްމަދު ޒުހައިރު ( އަޙްމަދު ދީދީ)

މުޙައްމަދު ލުޠުފީ ( މުޙައްމަދު ދީދީ) އެވެ.

އެދުރުދީދީގެ ޢަބްދުﷲ ދީދީގެ އަޙްމަދު ޒުހައިރު ނުވަތަ އަޙްމަދު ދީދީ އަކީ ގަމުގައި ތިބި އިނގިރޭސިންގެ ގާތުން ނަރުސްކަން ކިޔަވައިގެން ހުންނެވި ޢިލްމީ ބޭފުޅެކެވެ. ޙަޔާތުގެ ބޮޑުބައި ހޭދަކުރެއްވީ ޞިއްޙީ ދާއިރާގައެވެ. އައްޑު އަތޮޅުގެ ގިނަ ބޭފުޅުންގެ އަރިހުގައި މި އަޙްމަދު ޒުހައިރު މަޝްހޫރުވެފައި ވަނީ ކުދު ބޭބެ ގެ ނަމުންނެވެ. މި އަޙްމަދު ޒުހައިރަށް 4 ކައިވެންޏަކުން ބޭފުޅުން ލިބިވަޑައިގަންނަވާފައިވެއެވެ. އެ ބޭފުޅުންނަކީ:

މުޙައްމަދު ޒުހައިރު ( ޞަފިއްޔާގެ)

އާމިނަތު ޒުހައިރު ( ޞަފިއްޔާގެ)

ޢާއިޝަތު ޒުހައިރު ( ކަތްދާ މަނިކުފާނުގެ)

ނަޖުމާ ޒުހައިރު ( ކަތްދާމަނިކުފާނުގެ)

އިބްރާހިމް ޒުހައިރު ( ކަތްދާ މަނިކުފާނުގެ)

ކުއްޖަކު މަރުވީ   ( ކަތްދާ މަނިކުފާނުގެ)

ޙަސަން ޒުހައިރު ( ކަތްދާ މަނިކުފާނުގެ)

ޙުސައިން ޒުހައިރު ( ކަތްދާ މަނިކުފާނުގެ)

ޢަބްދުﷲ ޒުހައިރު (ފޭދޫ މަރިޔަމް މަނިކުފާނުގެ)

ނޫރުލް އަމީން ޒުހައިރު (ފަރެސް މާތޮޑާ ފާއިޒާ ޢަލީގެ)

ޖަމްޝީދާ ޒުހައިރު(ފަރެސް މާތޮޑާ ފާއިޒާ ޢަލީގެ)

ޝަރަފުލް އަމީން ޒުހައިރު(ފަރެސް މާތޮޑާ ފާއިޒާ ޢަލީގެ)

ނަޞްރުލް އަމީން ޒުހައިރު(ފަރެސް މާތޮޑާ ފާއިޒާ ޢަލީގެ)

ޖަންނަތު ޒުހައިރު(ފަރެސް މާތޮޑާ ފާއިޒާ ޢަލީގެ)

ޝަހްރަތު ޒުހައިރު(ފަރެސް މާތޮޑާ ފާއިޒާ ޢަލީގެ) އެވެ.

އެދުރުދީދީގެ ޢަބްދުﷲދީދީގެ މުޙައްމަދުދީދީ ގެ އަސްލު ނަންފުޅަކީ މުޙައްމަދު ލުޠުފީއެވެ. މިއީ އެދުރުދީދީ ޢަބްދުﷲދީދީ އައްޑޫ ސިއްތީފާނުގެ ފާޠިމާފާނާއި ކުރެއްވި ކައިވެނިފުޅުން ލިބިވަޑައިގަތް އެންމެ ދޮށީ ދަރިކަލުންނެވެ.މުޙައްމަދު ލުޠުފީ ޢާއްމު ގޮތެއްގައި ކުރެއްވި މަސައްކަތަކީ ޤުރުއާން ކިޔަވައިދިނުމެވެ. މި މުޙައްމަދު ދީދީ ވެސް 3 ކައިވެންޏެއް ކުރެއްވި އެވެ. އެގޮތުން ވަޙީދާ ކިޔުނު ބޭކަނބަލަކާއި ކުރެއްވި ކައިވެނިން:

މުނައްވަރު ލުޠުފީ

ވަޙިދާ ވަރިކުރެއްވުމަށްފަހު ދެން ކައިވެނި ކުރެއްވީ މަރިޔަމްދީދީ ކިޔުނު ބޭކަނބަލަކާއެވެ. އެ ކައިވެނިން ލުޠުފީއަށް ލިބިވަޑައިގެންނެވި ބޭފުޅަކީ:

ޝަމްސުއްނަހާރު ލުޠުފީ

 

މި މަރިޔަމްދީދީ ވަރިކުރެއްވުމަށް ފަހު ދެން ކައިވެނި ކުރެއްވީ ނަފީސާ ކިޔާ ބެކަނބަލަކާއި އެވެ. މި ކައިވެނިން ލުޠުފީ އަށް:

މުކައްރަމު ލުޠުފީ

ޖުނައިނަތު ލުޠުފީ

މުޝައްފައު ލުޠުފީ ލިބިވަޑައިގަތެވެ.

(ނުނިމޭ)

              -------------------------

ލިޔުއްވީ: އަޙުމަދު ޢަލާ (ޢަލާ އަލްހިލާލީ)

މަޢުލޫމާތު ހޯއްދެވީ:

*އެދުރުދީދީގެ ޙުސައިން ދީދީގެ ކަޅުތުއްތު ދީދީގެ މުޙައްމަދު ދީދީ ގެ އަރިހުން

* މުޙައްމަދު ވަޙީދު ނަދުވީ ދެއްވި ނޯޓްތަކަކުން

*އެދުރުދީދީގެ ޢަބްދުﷲ ދީދީ ގެ އަޙްމަދު ދީދީ ގެ އިބްރާހިމް ޒުހައިރު( އިބްރާހިމް ދީދީ) ގެ އަރިހުން

* ބައެއް އަމިއްލަ ދިރާސާ