މާލޭގައިވާ ދަރިކޮޅުތަކުގެ އެކިއެކި ގޮފިތަކުގެ ތެރެއިން އެދުރުދީދީ ގެ ޢާއިލީ ގޮފި - 1


ޢިލްމުލް އަންސާބު ނުވަތަ ޖެނެއޮލޮޖީ އަކީ އެންމެ އިހު ޒަމާނުން ފެށިގެން އަދާ ހަމަޔަށްވެސް އިންސާނުން ތަރުޙީބު ދެމުން އަންނަ ޢިލްމެކެވެ. އެހެން ނަމަވެސް ޒަމާނާއި ގުޅިގެން އެ ތަރުޙީބު ދެމުން އަންނަ ގޮތް ވަނީ ހިސާބަކަށް ނަމަވެސް ބަދަލުވެފައެވެ. އެންމެ އިހު ޒަމާނުގައި މި ޢިލްމާއި މެދު އަހަންމިއްޔަތު ކަމެއް ބޮޑަށް ދީފައިވަނީ ރަސްރަސްކަލުންނާއި އަމީރުން ފަދަ ބޭބޭފުޅުންނެވެ. މިކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ ތިމާމެންގެ އަމިއްލަ ދަރިފަސްކޮޅުގެ މޮޅު ވާހަކަ ތަކާއި އެ ދަރިފަސްކޮޅުން އަންނަ ބޭފުޅުންގެ މޮޅުކަމުގެ ވާހަކަތައް މީހުންނަށް ކިޔާ އިއްވާ ދިނުމުގެ ބޭނުމުގައެވެ. މި ޢިލްމަކީ ބޭސްވެރިކަމުގެ ރޮނގުގައްޔާއި ތަރިކަ މުދަލުގެ މައްސަލަތަކުގައްޔާއި ތާރީޚު އިލްމުގައިވެސް ވަރަށް ބޮޑަށް ބޭނުން ޖެހޭ ޢިލްމަކަށް ވުމުން އަދު މި ޢިލްމަށް ލޯބި ކުރައްވާ ބޭފުޅުންވެސް އަންނަނީ ގިނަ ވަމުންނެވެ. ދުނިޔޭގެ އެކިއެކި ކަންކޮޅު ތަކުގައި ޢިލްމެއްގެ ގޮތުގައި މި ޢިލްމު ކުރި އަރުވަން މަސައްކަތް ކުރާ ފަރާތްތައްވެސް އަންނަނީ ގިނަ ވަމުންނެވެ. އަދި މި ޢިލްމަށްޓަކައި މަސައްކަތް ކުރާނޭ ބޮޑެތި ޖަމުޢިއްޔާތައްވެސް އަންނަނީ ވުޖޫދުވަމުންނެވެ.

ދުނިޔޭގެ ތާރީޚުގައި މެދުކެނޑުމެއްނެތި އެންމެ އެންމެ ބޮޑަށް ބެލެހެއްޓެމުން އައިސްފައިވާ ދަރިކޮޅަކީ ސީނުކަރައިގެ ބޭފުޅެއްކަމުގައިވާ ކޮންފިކުއަސް ގެ ޢާއިލީ ދަރިކޮޅުކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މި ދަރިކޮޅުގެ ތާރީޚު ބަލަހައްޓަމުން އަންނަތާ މިހާރު 2500 އަހަރަށްވުރެ ގިނަ އަހަރު ވެއްޖެއެވެ. އަދި މިއީ މިހާރު ދުނިޔޭގެ ރެކޯޑެކެވެ. މިއީ ދުނިޔޭގައި ބެލެހެއްޓެމުން އަންނަތާ އެންމެ ދުވަސްވީ ޢާއިލާއެވެ. މި ނޫނަސް ތަފާތު އެކިއެކި ޤައުމުތަކުގައި އަދި ތަފާތު ސަގާފަތްތަކުގެ ބޭފުޅުންދަނީ އެމީހެއްގެ ނަސަބު ކިޔާ ދިރާސާކުރަމުންނެވެ. އެގޮތުން ބަޔެއް ސަގާފަތްތަކުގައި ތިމާޔަކީ ކޮން ޤަބީލާއެއްގެ މީހެއްކަން ދެނެގަތުމައްޓަކައި ނުވަތަ އަންގާދިނުމަށްޓަކައި ނަސަބު ބަލާ ހޯދާ އުޅެއެވެ.

އާދެ! އަޅުނގަޑުވެސް ގަލަން ނަގައިގެން މި އިނީ އަޅުނގަޑުމެންގެ މި ކުޑަކުޑަ ރާއްޖޭގައިވާ ތަފާތު ދަރިދަރި ކޮޅުތަކާއި އެ ދަރިދަރި ކޮޅުތަކުގެ ގޮފިތަކުގެ ތެރެއިން އެއް ގޮތްޕާ މެދު އަޅުނގަޑަށް އެނގި ހުރި މަޢުލޫމާތެއް ހިއްސާ ކޮށްލެވޭތޯއެވެ. މާލޭގައިވާ ބަޔެއް ދަރިކޮޅު ތަކުގެ މަޢުލޫމާތު އެއްކުރުމަށް އަޅުނގަޑަށްވެސް އެކިއެކި ގޮތްގޮތުން ކުރެވުނު މަސައްކަތުން ލިބިހުރި މަޢުލޫމާތެއް ތިޔަބޭފުޅުންނާއި ޙިއްޞާކޮށްލާ ހިތްވީއެވެ. އަޅުނގަޑަށް ގަސްތުވެވިގެން މި އުޅެނީ ދިޔަމިނގިލީ ދަރިކޮޅުގެ ގޮތްޕެއް ކަމުގައިވާ އެދުރުދީދީ ޢާއިލާގެ ބަޔެއް ތަފްސީލުތައް ދަންނަވާލުމަށެވެ. މި ދަރިފަސްކޮޅަކީ މާވާގަނޑުވަރު މަރިޔަމް ދީދީ ގެ ޙަސަންދީދީގެ ފުށުން ހިނގާފައިވީ ދަރިފަސްކޮޅެއް ކަމުގައި ވިޔަސް މާލޭގައި މަޝްހޫރު ވެފައި ވަނީ އެދުރު ދީދީ ގެ ޢާއިލާގެ ނަމުންނެވެ. އެހެންކަމުން މަޢުޟޫ އާއިގެން ކުރިޔަށް ދެވޭތޯ އަޅުގަނޑު އުޅޭނަމެވެ.

އެދުރުދީދީގެ މަޝްހޫރު ނަންފުޅަކީ އެދުރުދީދީ ކަމުގައި ވިޔަސް ޢަރަބި ނަންފުޅަކީ އަޙްމަދު ދީދީ އެވެ. މި އެދުރުދީދީ އަކީ މާފަންނު ފޮތު އެދުރެވެ. މިދީދީ ގެ މަސައްކަތަކީ މައުލޫދު ކިޔެވުމާއި ޞަލަވާތް ކިޔެވުން ފަދަ ކަންކަމެވެ. އެ ޒަމާނުގައި އެއީ ޤަދަރު ހުރި މަޤާމެކެވެ. އެދުރުދީދީގެ ފަރާތްޕުޅުން ބޮޑު ދަރިފަސްކޮޅެއް އުފެދިފައި އެބައޮތެވެ. މިދީދީ އަވަހާރަވެ ވަޅުފުޅު ލެވިފައިވަނީ މާލޭ ހުކުރު މިސްކިތު ޤަބުރުސްތާނުގައެވެ. މިހާރު ހުރަވީ ބިލްޑިންގް ކުރިމަތީން ހުކުރު މިސްކިތާއި ވީ ދިމާލަށް އެ އޮތް މަގު އެ އޮތީ މި ދީދީގެ މަހާނަ ހުރި ހިސާބުގައެވެ.

އެދުރުދީދީ ގެ ނަސަބު

ކޮޅުމަޑުލު ދިޔަމިނގިލީ މުޙައްމަދު ތޮށަލި ތަކުރު ( ނުވަތަ ތޮށަލި ކަލޯ) ގެ އަލްވަޒީރުލް އަޢްޒަމް އިބްރާހިމް ދޮށިމޭނާ ތަކުރުފާނުން، އުކުޅަހު މުޅޯށި ކަލޯގެ އާމިނާދިޔޯ އާއި ކުރެއްވި ކައިވެނިން 3 ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ:

1 ޙަސަން މަނިކުފާނު

2 ކަދީދާ މަނިކެ

3 މުޙައްމަދު މަނިކުފާނު ( ފަހުން އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން ދެވަނަ) އެވެ.

މި 3 ބޭފުޅުންގެ ތެރެއިން 3 ވަނަ ނަމްބަރުގައިވާ މުޙައްމަދު މަނިކުފާނަކީ ދިވެހިރާއްޖޭގެ ރަސްކަމުގެ ތަޚްތަށް އިސްވެވަޑައިގަތުމުގެ ކުރީގައި އަލްވަޒީރުލް އަޢްޡަމް މުޙައްމަދު ފާމުލަދޭރި ތަކުރުފާނެވެ. މި ތަކުރުފާނުންނަކީ އައްސުލްޠާން އިބްރާހިމް މުޡްހިރުއްދީން ގެ އިސް ވަޒީރުވެސްމެ އެވެ. މުޡްހިރުއްދީން ރަދުން ޙައްޖަށް ވަޑައިގެންނެވުމަށްފަހު އަނބުރާ މާލެ ވަޑައިގެންނެވި މަގުމަތީ ވަރަށް ގަދަ ވިއްސާރަ ޖެހި ނައުކޮޅާއި އެކު ދަތުރު ކުރަމުން އައި ގިނަ ފުރެއްދެ އޮޑިތައް ހަލާކުވީއެވެ. ސަލާމަތްވީ އަލްޤާޟީ ޙަސަން ތާޖުއްދީން އިންނެވި އޮޑިކޮޅެވެ. މި އޮޑިކޮޅު މާލެއާއި ހަމަޔަށް ފޯރުމުން ނައުކޮޅު ޣަރަގުވެގެން ދިޔަ ވާހަކަ މާލެއަށް ޚަބަރު ކޮށް ރަދުން ގެއްލިއްޖެކަމަށް ޚަބަރު ކުރުމުން މާލޭގެ ތެރޭގައި ފިތުނަ ބޮޑުވެގެން ދިޔައެވެ. އެކިއެކި ބޭބޭފުޅުން ރަސްކަމުގެ ތަޚުތަށް ދަޢުވާ ކުރަން ފެއްޓެވިއެވެ. އިސްދޫ ދަރިކޮޅުގެ ބޭފުޅުންގެ ތެރޭގައި ފިތުނަ ބޮޑުވެފައި ވުމުން އަލްވަޒީރު މުޙައްމަދު ފާމުލަދޭރި ތަކުރުފާނު އިބްރާހިމް މުޡްހިރުއްދީން ރަދުންގެ އަނބި ކަމަނާ ރަސްކަމުގެ ކޮއިލުން ނެރުއްވާ ރަސްކަން ހިއްޕެވިއެވެ. އާދެ ތާރީޚުގެ އާ ބާބެއް ފެށުނީއެވެ.

އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީން ސިރީ ކުލަސުންދުރަ ސިޔާކަ ސާސްތުރަ މަހާރަދުން ދެވަނަ ރާއްޖޭގެ ރަސްކަމަށް އިސްވެވަޑައިގަތް ފަހުން އިސްދޫ މުޡްހިރުއްދީން ރަދުންނަށް ރާއްޖެ ވަޑައިގެންނެވުނެވެ. ސިއްރުން މާލެއަށް އަރަން ވިސްނާ ވަޑައިގަންނަވާ މާލެ ވަޑައިގަންނަވަނިކޮށް ދިޔަމިނގިލީ ބަންޑާރައިންގެ ލަޝްކަރު އެ މަނިކުފާނުން އަތުލައްވާ ފުވައްމުލަކަށް ފޮނުވާލެއްވިއެވެ. އާދެ ހިލިހިލާ އަޅުއްވާފައެވެ. އެހެންނަމަވެސް އެތަނުގައި ދުވަސްގަނޑަކު ހުންނެވުމަށްފަހު ފިއްލަވައިގެން ސިލޯނުގެ ގޯލަށް މުޡްހިރުއްދީން ވަޑައިގެންނެވިއެވެ. އަދި އެތަނުން އިންޑިޔާއަށް ވަޑައިގެން ދެތިން ހަތަރު ފަހަރަކު ރަސްކަން ހިއްޕަވަން މަސައްކަތްޕުޅު ކުރެއްވިއެވެ. އެހެންނަމަވެސް އެ ރަދުން އަވަހާރަވީ އެކަން ކާމިޔާބު ވެޑައިނުގެން އިންޑިޔާގައި ހުންނަވައެވެ.

އާދެ! އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން ސިރީ ކުލަސުންދުރަ ސިޔާކަ ސާސްތުރަ މަހާރަދުން، އަލްވަޒީރު ފެންފުށީ ކުރަހާ ޙަސަން ޚަޠީބުގެ މަރިޔަމް ކަނބާ، ގޮއިދޫ ޢަލީ ދޮށިމޭނާ ކިލެގެ އާއި ކުރެއްވި ކައިވެނިން ލިބިލެއްވި އާމިނާ ކަނބައިދި ކިލެގެއާއި ކުރެއްވި ކައިވެނިފުޅުން 4 ބޭފުޅުން ލިބިވަޑައިގެންނެވި އެވެ. އެބޭފުޅުންނީ:

ހ އިބްރާހިމް ( ޅަފަތުގައި އަވަހާރަވީ)

ށ ޢަލީ ( ފަހުން އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން 3 )

ނ ޢާއިޝާ ކަނބާފާނު

ރ އިބްރާހިމް ( ފަހުން އައްސުލްޠާން އިބްރާހިމް އިސްކަންދަރު ) އެވެ.

ދިޔަމިނގިލީ ބަންޑާރައިން 17 އަހަރާއި އެތައް މަހަކު ވެރިކަން ކުރެއްވުމަށްފަހު ފަސްދާނަށް ވަޑައިގަތީ 21 އޮކްޓޫބަރ 1721 ވަނަ އަހަރުގައެވެ. އެއިރު ރަދުންގެ ޢުމުރުފުޅުން 62 އަހަރުފުޅެވެ. ދެން ރަސްކަމުގެ ތަޚްތަށް އިސްކުރެއްވި ބޭފުޅަކީ އެ ރަދުންގެ ދޮށީ ފިރިހެން ދަރިކަލުން އިބްރާހިމެވެ. ރަސްކަމަށް އިސްވެވަޑައިގަތުމަށް ފަހު އައްސުލްޠާން އިބްރާހިމް އިސްކަންދަރު ސިރީ ރަންނަވަ ލޯކަ މަހާރަދުނެވެ. މި ރަދުން ތަކަންދޫ އަލްވަޒީރު ޙަސަން ހަކުރާ ތަކުރުފާނުގެ ޢާއިޝާ ކަނބާފާނާއި ކުރެއްވި ކައިވެނިފުޅުން ލިބިވަޑައިގެންނެވީ 6 ބޭފުޅުންނެވެ. އެއީ:

1 އަލްއަމީރާ އާމިނާ ކަނބާފާނު

2 އަލްއަމީރާ މަރިޔަމް ކަނބާފާނު

3 އަލްއަމީރާ  ފާޠިމާ ކަނބާފާނު

4 އަލްއަމީރާ ސަންފާ ރަންދި ކަނބާފާނު

5 އަލްއަމީރު މުޙައްމަދު މަނިކުފާނު

6 އަލްއަމީރާ ޢާއިޝާ ކަނބާފާނު

ދިޔަމިނގިލީ އިބްރާހިމް ރަސްގެފާނުންގެ ބޭފުޅުންގެ ތެރެއިން 6 ވަނަ ނަމްބަރުގައި ދެންނެވިފައި އެވާ އަލްއަމީރާ ޢާއިޝާ ކަނބާފާނުން، ސިއްކަ ވެލާނާ މަނިކުފާނާއި ކުރެއްވި ކައިވެނިފުޅުން މާވާ ގަނޑުވަރު މަރިޔަމް ދީދީ ލިބިވަޑައިގަންނަވައެވެ. މި މަރިޔަމް ދީދީ ، އަލްވަޒީރު މުޙައްމަދު ދަހަރަދަ މަނިކުފާނާއި ކުރެއްވި ކައިވެނިފުޅުން 3 ބޭފުޅުން ލިބިވަޑައިގަންނަވައެވެ. އެއީ:

1 މާވާގަނޑުވަރު ޙަސަންދީދީ

2 މާވާގަނޑުވަރު ޙުސައިންދީދީ

3 މާވާގަނޑުވަރު އާމިނަތުދީދީ އެވެ.

މާވާގަނޑުވަރު މަރިޔަމްދީދީގެ ޙަސަންދީދީ ކުރެއްވީ ކިތައް ކައިވެނިފުޅު ކަމެއް އަދި ކައިވެނި ކުރެއްވި ފަރާތެއްގެ ނަންވެސް އަދި ވަނީ ނޭނގުމެއްގެ ތެރޭގައެވެ. އެހެންނަމަވެސް މި ދަރިކޮޅަށް ނިސްބަތްވެވަޑައިގަންނަވާ އަލްފާޟިލް ރަބީޢުގޭ ޢަބްދުﷲ މުފީދު ވިދާޅުވަނީ މާވާގަނޑުވަރު ޙަސަންދީދީ ކައިވެނި ކުރެއްވީ އެ ނަސަބާއި ގުޅޭ ސަންފާ ރަންދި ކަނބާފާނުގެ ބޭފުޅެއްގެ ބޭފުޅަކާއި ކަމަށެވެ. އެހެންނަމަވެސް ނަންފުޅެއް ހަނދުމަފުޅު ނެތްކަމަށް ވިދާޅުވިއެވެ. މި ޙަސަންދީދީގެ ހުންނެވި ދަރިކަލަކީ އަޙްމަދު ދީދީ ( މާފަންނު ފޮތު އެދުރު ދީދީ)  އެވެ.

އެދުރުދީދީ ކައިވެނި ކުރައްވަނީ ގަލޮޅު ގަނޑުވަރު މެދުދީދީ އާއިއެވެ. މި މެދުދީދީ ގެ ޢަރަބި ނަންފުޅެއް ނޭނގެއެވެ. މި ދެމަފިރިކަނބަލުންނަށް ލިބިވަޑައިގެންނެވި ބޭފުޅުންނަކީ:

ޢަބްދުﷲ ދީދީ ( އެދުރުދީދީ ޢަބްދުﷲ ދީދީ)

ޙުސައިންދީދީ ( އެދުރުދީދީ ހުސައިން ދީދީ)

ދޮންދީދީ    (އެދުރުދީދީ ދޮންދީދީ)

ފާޠިމަތުދީދީ (އެދުރު ދީދީ ފާޠިމަތު ދީދީ ) އެވެ.

މި ބޭފުޅުންނޫން އެހެން ބޭފުޅަކު ހުންނެވިކަން އެދުރުދީދީގެ މުދާ ބެހުމަށް ފަނޑިޔާރުގެޔަށް ހުށައެޅުނު މައްސަލައަކާއި ގުޅިގެން ލިޔެފައިވާ ފަތްކޮޅަކުން އެނގެއެވެ. އެހެނަސް އެއީ އެދުރުދީދީ މި ގަލޮޅު ގަނޑުވަރު މެދުދީދީ އާއި ކުރެއްވި ކައިވެނިން ލިބިވަޑައިގެންނެވި ދަރިކަނބަލެއް ކަމެއް ނޭނގެއެވެ. އެ ދަރިކަނބަލަކީ، މަރިޔަމްދީދީ ( އެދުރުދީދީގެ މަރިޔަމްދީދީ) އެވެ. (ނުނިމޭ)

                ----------------------

ލިޔުއްވީ: އަޙްމަދު ޢަލާ (ޢަލާ އަލް ހިލާލީ)

މަޢުލޫމާތު ހޯއްދަވާފައިވަނީ:

*އަލްފާޟިލް ރަބީޢުގޭ ޢަބްދުﷲ މުފީދުގެ އަރިހުން ނެގުނު އިންޓަރވިޔު

*އަލްއުސްތާޛް މުޙައްމަދު ވަޙީދު ނަދުވީ ދެއްވި ބަޔެއް ނޯޓް ތަކަކުން

*އަލްޙާފިޒް އިބްރާހިމް ޒުހައިރު ( އެދުރުދީދީގެ ޢަބްދުﷲ ދީދީ ގެ އަޙްމަދު ދީދީގެ އިބްރާހިމްދީދީ) ގެ އަރިހުން

* އަމިއްލަ ދިރާސާ