ވެރިންނަށް ވަފާތެރިނުވުމާއި އޮޅުވައިލުމާއި މަކަރުހެދުން

ނޯޓް: މިއީ 16 ޖުލައި 2013މ. ގައި ލިޔެފައިވާ ލިޔުމެކެވެ.

ދިވެހިރާއްޖޭގެ ވެރިކަންކުރެއްވި ބައެއް ބޭފުޅުންނަށް އެ ވެރިކަމުގެތެރޭގައި އެ ބޭފުޅުންނާއި އަރިސް ބައެއް ފަރާތްޕުޅުތަކުން ވަފާތެރިވެ ވަޑައިނުގެން އޮޅުވައިލައްވައި މަކަރުހައްދަވައި ޣަދަރުވެރިވެ ވަޑައިގެންފައިވާ ކަމަށް ދުށް މީހުން، ދެނެހުރި މީހުން މި ދިވެހިރާއްޖޭގެ ފަސްގަނޑުގައި އަދި މަރުނުވެ ދިރި އެބަ ތިއްބެވެ. މި ކަންކަމުގެ ހެއްކާއި ޤަރީނާތަކާއި ސުބޫތުތައް އަދި މި ދިވެހިބިން ދޫކޮށްފައި ނުދެ އެވެ. މި ކަންކަމަކީ މި ބޭބޭފުޅުންގެ ވެރިކަން ނިމި ދިޔުމުގެ އެންމެބޮޑު އެއް ސަބަބުކަމަށް ބުނާ މީހުން ވެސް މި ދިވެހިބިމުގައި މަދެއް ނޫނެވެ. ވެރިކަމަކީ ވަކި ފަރާތަކުން ދެއްވާ ކަމެކެވެ. މި ކަން އޮތީ މިހެންކަމަށް ޤަބޫލުނުކުރާ މީހަކީ އެ މީހަކީ އަމިއްލައަށް ދުނިޔެއަށް އައި މީހެއް ފަދަ މީހެކެވެ. އިއްތިފާޤަކުންވީ ކަމެއްކަމަށް ޤަބޫލުކުރާ މީހެކެވެ. މިހެންވީއިރު ވެރިމީހާއަކީ ވެސް ވަރަށް ބޮޑެތި ޙައްޤުތަކަކާއި މަސްއޫލިއްޔަތު ތަކެއް އުފުލަންޖެހޭ ފަރާތަކަށްވާއިރު، ވެރިމީހާ ކުރަން ޖެހިފައިވާ ވެރިކަމުގައި އެ މީހާއަށް ހުރިހާ މާނައެއްގައި އިޚުލާޞްތެރިވެ، ތެދުވެރިވެ، އެހީތެރިވެ، އެއްބާރުލައިދޭން ޖެހޭ މީހުންނަކީ ވެސް ވަރަށް ބޮޑެތި ޙައްޤުތަކަކާއި މަސްއޫލިއްޔަތެއް ކޮނޑުގައި އެޅިފައިވާ ބަޔެކެވެ. އެ ކަންކަމަށް ރައްކައުތެރިވެ ތިމާމެންގެ ވާޖިބު އަދާކުރަންޖެހޭ ބަޔެކެވެ.

ކަންހުރީ މިހެންކަމަށްވާ އިރު އެ ކަންކަމުން އެއްކިބާވެ ފެއަށް ޖެހިލުމަކީ ތިމާމެންގެ އަމިއްލައެދުން ބޮޑުވުމާއި ޙަރާންކޯރުވުމާއި ޣައްދާރުކަމެވެ. މަކަރުވެރިކަމާއި ނިފާޤުގެ ބަލިމަޑުކަމެވެ. މި ކަންކަމަކީ ވަކި ކުޑަކުޑަ ކަންކަމެއް ނޫނެވެ. މިއީ އަންނަންއޮތް ދުވަހު ތިމާމެން އެ ކަމާއި ޖަވާބުދާރީވެ އެ ކަމުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭ ކަންކަމެވެ. މި ކަންއޮތީ މިހެންކަމަށް ޤަބޫލުނުކުރާ މީހަކީ ވެސް އެ މީހަކީ އަމިއްލައަށް ދުނިޔެއަށް އައި މީހެއް ފަދަ މީހެކެވެ. އިއްތިފާޤަކުންވީ ކަމެއްކަމަށް ޤަބޫލުކުރާ މީހެކެވެ. 


ވެރިންގެ ދަށުން ކަން ހިންގަން އިސްކޮށްފައި ތިބޭ އެކި މީހުން ވެރިމީހާއަށް އޮޅުވައިލުމާއި މަކަރުހެދުމުގެ ތަފާތު ގޮތްގޮތް ހުރެ އެވެ. ޒަމާނާއި ޙާލަތާއި އެ ކަމެއްގެ ނިސްބަތުގަ އެވެ. މިފަދަ ކަންކަމަކީ ލިޔެ ނިމެން އޮތް ކަންކަމެއް ނޫނެވެ. މީގެ އެންމެ ނުރައްކާތެރި ލުއްޗާކަން އެންމެ ބޮޑު ކަމެއްގެގޮތުގައި ގިނަ ބަޔަކު ފާހަގަކުރާކަމަކީ އެ ކަމަކީ ވެރިމީހާގެ ވެރިކަން ހަރުދަނާކޮށް ވެރިކަން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ވެސް މި ވަގުތަށް އެ ކަމެއްކުރަން ޖެހިފައިވާ ކަމެއްކަމަށް ވެރިމީހާއަށް ވިސްނުވައިދީ މަޝްވަރާ ދިނުމެވެ. އެ ކަމެއް އެ ގޮތަށް ކުރުމުން ވެރިމީހާގެ ވެރިކަމުގެ ހަރުދަނާކަމާއި އެ ކަމެއްގެ ސަބަބުން ރައްޔިތުންގެ ލޯބި އިތުރުވެ ތާ އަބަދަށް ވެރިކަން ދެމިއޮންނާނެ ކަމުގެ ޙުއްޖަތާއި ދަލީލު ދެއްކުމެވެ. އަދި މި ކަމަށް ފުރާނަ ހުރި އިންސާނީ ހެކި ވެރިމީހާ ބޭނުންވާނަމަ އެ ކަމަށްޓަކައި އިންސާނުންގެ ބަޔަކު ތައްޔާރުކޮށް ވެރިމީހާގެ ގާތަށް ފޮނުވައި އެ ކަމެއް ނުކޮށް  ވެރިމީހާ ނިދިޔަނުދީ، ހުއްޓުމެއް ނެތި އެ ކަން އެ ގޮތަށް ގެންދިޔުމަށް ތަފާތު ގޮތްގޮތުން މަސައްކަތް ކުރުމެވެ. ނަމަވެސް ރަނގަޅަށް ބަލައިލާއިރު މިފަދަ މީހުންގެ ޙަޤީޤީ ބޭނުމަކަށްވެފައި އޮންނާނީ މައިގަނޑު ޚާއްޞަ ދެ ކަމެކެވެ. އެއް ކަމަކީ ވެރިމީހާލައްވައި އެ ކަމެއް ކުރުވުމުން ތިމާމެންގެ އަންބޮޑި ބޮޑުކޮށްލުމުގެ އަމިއްލަ އެދުމެވެ.. އަނެއް ކަމަކީ އެ ކަމެއް އެ ގޮތަށް ކުރުމުން ރައްޔިތުންގެ ނުރުހުންތެރިކަން އިތުރުވެ ވެރިމީހާގެ ވެރިކަން ނިމިގެންދިޔުން އަވަސް ކުރުމަށްޓަކައި ރައްޔިތުންގެ ނުރުހުމާއި އުތުރިއެރުން އަވަސްކުރުމެވެ. މި ދެ ގޮތުންކުރެ ކޮންމެވެސް އެއް ގޮތެއް އެ ކަމެއްގައި ނެތިނުދާނެ އެވެ.

ރަނގަޅަށް ވިސްނަވައި ބައްލަވައިލައްވާށެވެ. ރައީސް އަމީންގެ ވެރިކަން ނިމިގެން ދިޔުމުގެ ތެރޭ އެ ވެރިކަމަށް އެހީތެރިކަމާއި އެއްބާރުލައި ދެއްވަން ޖެހިވަޑައިގަންނަވާ ބައެއް ފަރާތްތަކުން ކަންކުރެއްވީ ކިހިނެއްތޯ އެވެ. ރައީސް ނާޞިރުގެ ވެރިކަން ނިމިގެން ދިޔުމުގެ ތެރޭ އެ ވެރިކަމަށް އެހީތެރިކަމާއި އެއްބާރުލައި ދެއްވަން ޖެހިވަޑައިގަންނަވާ ބައެއް ފަރާތްތަކުން ކަންކުރެއްވީ އެންމެ ރަނގަޅަށްތޯ އެވެ. ރައީސް މައުމޫންގެ ވެރިކަން ނިމިގެން ދިޔުމުގެ ތެރޭ އެ ވެރިކަމަށް އެހީތެރިކަމާއި އެއްބާރުލައި ދެއްވަން ޖެހިވަޑައިގަންނަވާ ފަރާތްތަކުން ކަން ކުރެއްވީ ހަމަ އެންމެ ރަނގަޅަށްތޯ އެވެ. މިހެންމެ ރައީސް ނަޝީދުގެ ވެރިކަން ނިމިގެން ދިޔުމުގެ ތެރޭގައި ވެސް އެ ވެރިކަމަށް އެހީތެރިކަމާއި އެއްބާރުލައި ދެއްވަން ޖެހިވަޑައިގަންނަވާ ބައެއްފަރާތްތަކުން ކަން ކުރައްވާފައި ވަނީ އެ ކަން ކަންކުރައްވަން ޖެހިވަޑައިގަންނަވާ ރަނގަޅު ގޮތަށްތޯ އެވެ. ބައްލަވައިލައްވާށެވެ. ފެނިވަޑައިގަންނަވާނެ އެވެ.
               ----------------

ޢަބުދުﷲ ޙިލްމީ
16 ޖުލައި 2013މ.