މޫސުމީ ބަލިމަޑުކަން










ދިވެހިރާއްޖެއަކީ، މޫސުމީ ބަލިމަޑުކަން ވަރަށް ބޮޑަށް ފެންނަ ޤަވްމެކެވެ. އެފަދަ ބައެއް ބަލިމަޑު ކަމުގެތެރޭގައި، ވައިރަސްއާއި، މަދިރީގެ ޒަރީޢާއިންނާއި، އާބުހަވާ ނުބައިވުމުގެ ސަބަބުން ފެތުރޭ ބަލިމަޑުކަން ހިމެނެއެވެ. އެހެންނަމަވެސް މިބައިގައި އަޅުގަނޑު މިދަންނަވަނީ، ދުޅަހެއުކަމަށް މެދުވެރިވާ ގިލަންވެރިކަން ނުވަތަ ބަލިމަޑުކަމުގެ ވާހަކައެއްނޫނެވެ. އަޅުގަނޑު މިދަންނަވަނީ، ލިބޭ މިންވަރަށް އީމާންނުވެވުމުގެ ބަލިމަޑުކަމުގެ ވާހަކައެވެ. 

މި ބަލިމަޑުކަމަކީ، ދާއިމީ ބަލިމަޑުކަމެއްގެ ގޮތުގައި، ރާއްޖެއިން ޚާއްޞަކޮށް މާލެއިން، މަދުމަދުން ފެންނަ ކަމެއްކަމަށް ވިއަސް، މޫސުމީ ކަމެއްގެ ގޮތުގައި މުޅިރާއްޖެއިންވެސް މިބަލިމަޑުކަން ފެނެއެވެ. އިސްވެ މިދެންނެވި ބަލިމަޑުކަން، އަވަށްޓެރި ޤަވްމުތަކުން ގިނައިން ފެންނަނީ، ދާއިމީ ކަމެއްގެގޮތުގަ އެވެ. އެޤަވްމުތަކަކީ، ބޭސްވެރިކަމުގެ ގޮތުން ނުހަނު ބޮޑަށް ކުރިއަރާފައިވާ ޤަވްމުތައްކަމަށް ވިއަސް، އެކަންކަމަށް ދާއިމީ ޝިފާއެއް ލިބުން އެއީ ޢަމުދުން ނެތްކަމެއް ކަހަލައެވެ. މިހެން މިދެންނެވީ، އަތްފަޔާއި، އެހެނިހެން ގުނަވަންތައް ބެންޑޭޖްކޮށްގެންނާއި، ފޮރޮޅުލީގޮނޑިތަކުގައި އަމިއްލަޙާލަތާއި އަދި އެހެނިހެންމީހުންގެ އެހީތެރިކަމުގައި އުޅޭތާ ގިނަ އަހަރުތަކެއްވެފައިވާ މީހުން މަގުތައްމަތިން ފެންނާތީ އެވެ. ވުމާއެކު، މިއީ މޫސުމީ ބަލިމަޑުކަމަށްވުރެ ބޮޑަށް ވައްތަރީ ދާއިމީ ބަލިމަޑުކަމަކާއިއެވެ. އެފަދަ މީސްމީހުންގެ ކިބައިން ބަލިމަޑުކަމާއި، ނުކުޅެދުންތެރިކަން ފަހަރުގައި ހުރިކަމަށްވިއަސް، ފަސޭހަވުން އެއީ، އެމީސްމީހުންނާއި އަދި އެކުގައިއުޅޭ މީސްމީހުން އެދޭކަމެއްނޫނެވެ. 

ދާއިމީ ބަލިމަޑުކަމެއްގެ މިސާލެއް ރާއްޖެއިން ފާހަގަކޮށްލާނަމެވެ. އާދެ! މާލޭގެ ކާރޫބާރޫބޮޑު ހިސާބެއްގައި ހުންނަ ހޮޓަލެއްގެ ދޮރުކައިރީގައި ދުވާލާއި، ރޭގަނޑުގެ ވަރަށްގިނަ ވަގުތުތަކުގައި އަސާގަނޑު ވިއްދައިގެން ހުންނަ ބަލިމީހަކު ވަރަށް ފެނެއެވެ.

އެމީހާބުނި ގޮތުގައި، އަވަށްޓެރި ރަށެއްގައި އޭނާގެ ގޯއްޗެއް އޮވެއެވެ. އެގޯތީގައިހުންނަ ގެގަނޑު ހުންނަނީ، ބަންގާޅީންނަށް، ކުޑަވަރެއްގެ ކުށްޔަކަށް ދީފައެވެ. މުސްކުޅީންނަށް ލިބޭ ފައިސާ އޭނާއަށް ލިބެއެވެ. އަންހެންނަށް މާލެއިން ލިބިފައިފާ ބިންކޮޅެއްގައި ހަތަރުބުރިއަށް ޢިމާރާތެއް ކޮށްފައި ހުރެއެވެ. 

ތިންބުރި ހުންނަނީ ކުށްޔަށް ދީފައެވެ. ބެންކުގައިވެސް ކޮންމެވެސްވަރަކަށް ފައިސާ ހުރެއެވެ. ދަރިން ނުތިބެއެވެމިތަނުގައި ތިޔަފަދަ ބަލިޙާލުގެ މީހަކު ތާއަބަދު ހުންނަނީ ކީއްވެތޯ ސުވާލުކުރުމުން އޭނާ ޖަވާބުދިނީ ހިނިތުންވުމަކުންކަމަށް ވާތީ، އެއްވެސްކަމެއް އޮޅުންފިލާނެ ގޮތެއް ނުވިއެވެ. ކޮންމެއަކަސް އެކަން އެވާ ގޮތް ފަހުން އެނގުނީ، ފެނުނު މަންޒަރަކުންނެވެ. ރޭގަނޑުގެ ދަންބައެއް އެޅުމުން، މެދު ޢުމުރުގެ އަންހެނަކުއައިސް އޭނާއަށް ލިބިފައިހުންނަ ފައިސާކޮޅު، ގެންދާތަން މަންޒަރު ފެނުނެވެ. ފައިސާކޮޅު މަދުނަމަ ނުރުހިގެން ވާހަކަވެސް ދައްކައެވެ. ކަލޭ ތިޔަހުންނަނީ ވިއްޔާއެވެ، މީހެއްގެ ގާތު ބުނަނީކީ ވެސް ނޫނެވެ. މިފަދަ ބަސްތަކަކުންނެވެ.  

އާދޭހެވެ! ތަންކޮޅެއް ތަފްޞީލުކޮށް، ދެން އަޅުގަނޑު ބަލާލާނީ ރާއްޖެއަށް ކުރިމަތިވެފައިވާ މޫސުމީ ބަލިމަޑުކަމާއި ބެހޭގޮތުންނެވެ. މި ބަލިމަޑުކަން އެންމެފުރަތަމަ އަޅުގަނޑަށް ފާހަގަކުރެވުނީ، އަޅުގަނޑުގެ ޅަފުރާގައެވެ. އެއީ 1970 ގެ އަހަރުތަކުގެ އެންމެކުރީކޮޅެވެ. އެދުވަސްވަރަކީ، ގޯތިގެދޮރު ޢިމާރާތްކުރުމަށް ދަނޑިފަން އަދި ކެއިންބުއިމަށް މަސްކާއްޓާއި، ގަބުޅި، ކުރުނބާ އާއި ކަނޑުލާއި، ހިއްތަލަފަދަ ތަކެތި ބޭނުންކުރި ދަތި ދުވަސްވަރެކެވެ. އެޒަމާނަކީ، މަސްވެރިކަން ނެތްނަމަ ބަނޑުފުރާނަ މުއްތިކުރުމަށްވެސް ދަތި ޒަމާނެކެވެ. އަތޮޅުތަކުގެ ފަޅުރަށްރަށާއި، މީހުންދިރިއުޅޭ ރަށްރަށުގެ ގޮއިފާލައްބަ ފަދަ ތަންތަނަކީވެސް މާލޭގައި ދިރިއުޅުއްވާ ޤަދަރުވެރީންގެ ތަންތަނެވެ. އެތަންތަން ބަލަހައްޓަނީ، އެބޭބޭފުޅުންނާއި، ގުޅުން އޮންނަ (ރަށްރަށުގައި ދިރިއުޅުއްވާ) ކަމުވޮށީންނެވެ. ނަމަވެސް އެއިން އެއްވެސްފަޅުރަށަކުން ނުވަތަ ގޮއިފާލައްބަ ނުވަތަ ރުއްގަނޑަކުންވެސް ނިކަމެތީން ނަށް އެއްޗެއްލިބޭނީ، މޫސުމް ފެށުމުންނެވެ. 

އާދެ! ކޮންމެއަކަސް ވަރަށްފަޤީރު ރަސްކަމަކުން، ޖުމްހޫރިއްޔަތަކަށް ފައިހަމަކޮށް، މިދެންނެވި ފަޤީރުކަމުގެ ފުންވަޅުގަނޑުން އަރައިގަތުމަށްޓަކައި، ދިވެހިސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރެއްވި އެޒަމާނުން ކޮންމެވެސްމިންވަރެއް އަޅުގަނޑުވެސް ދުށީމެވެ.



ކުރިން މިދެންނެވި މޫސިމީ ބަލިމަޑުކަމުގެ ކުލަވަރު އެންމެފުރަތަމަ އަޅުގަނޑަށް ފެނުނީ 1969 ވަނަ އަހަރުއެވެ. އެހެންނަމަވެސް ވަރަށްކުޑަކޮށެވެ. އެއީ އަތޮޅުކޮމިޓީތަކަށް މެމްބަރުން ޢައްޔަންކުރަން ފެށުނު ދުވަސްވަރެކެވެ. މޫސިމީ ބަލިމަޑުކަން ރަނގަޅަށް ވައިގައި ހިފީ ރައްޔިތުންގެ މަޖިލީހަށް މެމްބަރުންހޮވާ މޫސުމް ފެށުމުންނެވެ. އޭރު އެނޫން އެހެން ޙާލަތެއްވެސްނެތެވެ. ގޯތިގެދޮރު ޢިމާރާތްކުރުމަށް ބޭނުންވާ ދަނޑިފަނާއި، ދަރުކޮއްތު ލިބުމުގެ ފޯއްވައްސަކީވެސް ހަމަ އެއީއެވެ. އަލަށް ދިރިއުޅުން ފައްޓާ ދެމަފިރީންނަށްވެސް ބޯހިޔާވަހިކަމެއް ލިބެނީވެސް އެ މޫސުމުގައެވެ.



ވޯޓުލާ ރައްޔިތުންނަކީ، މެމްބަރުކަމަށް ކުރިމަތިލައްވާ ބޭފުޅުން ލޮލުންވެސް ދެކޭ ބައެއްނޫނެވެ. ފެނުމުގެ ބޭނުމެއްވެސް ނެތެވެ. ފެނުމުގެ ބޭނުމެއްނެތް ސަބަބަކީ، މެމްބަރުކަމަށް ހޮވުނަސް އަތޮޅަށް ނުވަތަ ރަށަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ ފަރުދަކަށްވިއަސް ވަކިކަމެއް ކޮށްދެއްވާކަށް ވާ ވަޢުދެއްވެސް އޭރަކު ނޯންނާތީއެވެ. ކޮންމެއަކަސް ވޯޓުގަތުމުގެ އަގު ފައިސާއަށް ބަދަލުވީ 1980 ގެ އަހަރުތަކުގަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގަނެގެން، ވެރިކަން ބަދަލުކުރަން ބަޔަކު ބޭނުންވި ހިސާބެވެ. އޭގެ ފަހުން ރައްޔިތުންނަށް ފައިސާ ދީގެން ވޯޓުގަނެގެން މެމްބަރުކަމަށް އައުމުގެ މަރުޙަލާ ފެށުނީ 1990 ގެ އަހަރުތަކުގެ ކުރީކޮޅުގައެވެ.



ކުރިން އަޅުގަނޑުދެންނެވިގޮތަށް 1990ގެ އަހަރުތައް ފެށުނުއިރު، ރާއްޖެވަނީ، ފަޤީރު ރަސްކަމުގެޙާލަތު ނިމި، ޖުމްހޫރީޙާލަތަކަށް ބަދަލުވެފައެވެ. އެންމެންނަކީ މުއްސަނދީންކަމަށް ނުވިއަސް އަނގާއި އަތާއި ދިމާނުވާ މީހުންގެޢަދަދު އެހާ ގިނައެކޭ ނުދެންނެވޭނެއެވެ. އެހާހިސާބަށް ދަތުރުކުރެވުނުއިރު، ރައްޔިތުންތިބީ، ސިޔާސީ ވިސްނުމުގެގޮތުން ކޮންމެވެސް މިންވަރަކަށް ތަޞައްރަފުދި، ތައުލީގޮތުން ލޯހުޅުވިފައެވެ. ސިކުނޑިއާއި، ނަފުސުގެ މުއްސަނދިކަންވެސް ތަރައްޤީވެފައެވެ. ރައްޔިތުންގެތަރައްޤީއަކީ، ޤަވްމީތަރައްޤީކަން އެނގޭވަރަށް ތަޢުލީމުލިބިފައެވެ. އިންތިޚާބީ ދާއިރާތަކަށް ކުރިމަތިލުމުގެ ކުޅަދާނަކަން ލިބިފައެވެ. އެކަކުއަނެކަކާއި ވާދަކުރުމުގެ ހުނަރުވެރިކަންވެސް ލިބިފައެވެ. އެހެންނަމަވެސް ހިތާމައަކީ، ކިޔާ ލަވައާއި، ލަވައިގެފުނަ ނުވަތަ ލަވައިގެ ދަނޑިވަޅަށް ޖަހާ ބެރު ދިމާކުރަންއެނގޭ މިންވަރުގެ ކުޑަކަމެކެވެ. ވުމާއެކު، ދެން ކިޔަންފެށި ލަވައިގެރާގު މުޅިން ތަފާތެވެ. ރައްޔިތުންނަށް ހޯދައިދޭނެކަމަށް ވަމުންދާ ވަޢުދުތައް ގިނަގުނައެވެ. އެފަދަ ވަޢުދުތަކުގެ ތެރޭގައި، ހިލޭ ފޯރުކޮށްދޭން ބުނާކަންކަމުގެތެރޭގައި ފޮހޭ ރަބަރުން ފެށިގެންގޮސް ކޮންމެ ދެމަފިރިއަކަށް މަތިންދާބޯޓެއްވެސް ދޭން ވަޢުދުވާން ފަށައިފިއެވެ. މުޅިރާއްޖެ އެކީއެކައްޗަކަށް އެއްފަސްކުރުމަށްވެސް ވަޢުދުވާން މިހާރުމިވަނީ ފަށާފައެވެ. އަތްފައިން މަސައްކަތެއްނުކޮށް ތިއްބަސް ބޭނުންވާ އެންމެހައި މުހުތާދުތައް ފުއްދައިދޭންވެސް ވަޢުދުވާން ފަށައިފިއެވެ.



އާދެ! މިއަދުގެ ޙާލަތުމިއޮތީ އެންމެހައި ރައްޔިތުންނަށް ހުރަހެއްނެތި ފެންނާށެވެ. ރައްޔިތުންގެ ޙައްޤުތައް އެމީހުންނާއިދިމާއަށް މިއޮތްގެން އޮހެނީއެވެ. ސިޔާސީ އެއްވެސްބޭފުޅެއްގެ، އެއްވެސް ބޭނުންފުޅެއް އެކަމުގައިނެތިއެވެ. ހަމައެކަނި ރައްޔިތުންނަށްޓަކައެވެ، ޤަވްމުގެ ތަރައްޤީ އާއި ކުރިއެރުމަށްޓަކައެވެ. މާތްވެގެންވާ އިސްލާމް ދީނަށްޓަކައެވެ. އަމާންކަމާއި، ލުއިފަސޭހަކަމާއި، އުފާފާގަތިކަން ލޮބުވެތި ރައްޔިތުންނަށް ގެނެސްދިނުމަށްޓަކައެވެ. ވަޢުދުފުއްދުމާއި، ނުފުއްދުން މިއީ އަދި މުޅީން އެހެން ކަމެކެވެ. އެއީ މާޒީއެވެ. ވަގުތުޖެހުމުން ރާގު ބަދަލުކޮށްލަނީއެވެ. ރައްޔިތުންނަށް އިއްވާ ރާގުގެ އަޑުމަޚްރަޖަ މުޅީން ބަދަލުކޮށްލައެވެ. އެމީހުންގެ ވިސްނުމެއް، ފިކުރެއްވެސް ނެތްކަހަލައެވެ. އެގޮތްނެތީ ސުރުޚީގައި ދަންނަވާފައިއެވާ މޫސުމީ ބަލިމަޑުކަމުގެ ސަބަބުންނެވެ. އެކަމުގެ ތަފްޞީލު ފަހަތުގައި އެވަނީއެވެ.



މިއަދު މިފެންނަ ސިޔާސީބަދަލުތައް މާބަޑުވެ އަދި އުފަންވީވެސް 2003 އާއި 2008 އާއި ދެމެދު އެވެ. މިހާރުމިއޮތް ގާނޫނޫ އަސާސީ އުފަންވީވެސް މިދެންނެވި ފަސްއަހަރުގެ ތެރޭގައި ރައްޔިތުންނަށް "ފޮނި" ޤާނޫނު އަސާސީއެއް ލިބިދިންކަމަށް ވިދާޅުވީވެސް މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުންނެވެ. އެބޭފުޅުންނަށް ޢިއްޒަތާއި، ޤަދަރު ދެއްވީވެސް ހަމަ އެބޭފުޅުންނެވެ. މިނިވަންކަމާއި، ރައްކާތެރިކަމާއި، ޢިނާޔަތާއި، ޙިމާޔަތާއި، މާލީ ތަނަވަސްކަން ދެއްވީވެސް ހަމަ އެބޭފުޅުންނެވެ. މި ގާނޫނު އަސާސީ ވުޖޫދުވާންޖެހުނީ، ޒަމާނީ ޑިމޮކްރަސީއަށް ފައިހަމަކުރުމުގެގޮތުން، ގިނަ ޕާޓީތަކަށް ބައިވެރިވެވޭގޮތަށް އިންތިޚާބެއް ބޭއްވުމަށްޓަކައެވެ. ނަމަވެސް މިގާނޫނު އަސާސީ އުފަންވެ ނިމުނުއިރު ކުރިން ރާއްޖެ ދެކެފައިނުވާ ކިތަންމެކަމެއްވަނީ ވުޖޫދުކޮށްފައެވެ. އަދި ފައިސާގެ ބޮޑެތިއަދަދުތައް ޚަރަދުވާނެ ކިތަންމެކަމެއްވެސްވަނީ "ރައްޔިތުންނަށްޓަކައި" (މަޖިލީހުގެ ރައީސުގެ އެހީތެރިކަމާއިއެކު) ކޮށްފައެވެ. އެގޮތުން ރައްރިތުންގެ މަޖިލީހުގެ މެމްބަރުންގެ ޢަދަދު 77 އަށް އިތުރުކޮށް، މެމްބަރުންގެ މުސާރަ 62 ހާހަށް އިތުރުކޮށް، މިނިވަން މުއައްސަސާތައް ގާއިމުކޮށް، އެތަންތަނުގެ މެމްބަރުންނަށް ބޮޑުމުސާރަ ހަމަޖައްސައި، ޖުޑިޝަރީގެ ބޭފުޅުންނަށް ބޮޑުމުސާރައާއި، ޢިނާޔަތާއި، ޙިމާޔަތާއި، ރައްކާތެރިކަންވެސްވަނީ ގާއިމުކޮށްފައެވެ. އެބޭބޭފުޅުން ޢަދުލުވެރިކުރުވުމަށްޓަކައެވެ. ޚިޔާނާތުން އެއްކިބާކޮށް، އަޚްލާޤު ހަރުދަނާކުރުވުމަށްޓަކައެވެ.



ދެން ނެގުނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެކެވެ. ރާއްޖޭގައި އޮންނަން ފެންނަނީ، ބަރުލާނީ ނިޒާމެއްތޯ، ރިޔާސީ ނިޒާމެއްތޯ ބެލުމަށްޓަކައެވެ. އެއީ އޭރުއޮތް ރިޔާސީނިޒާމުގައި ބަރުލަމާނީ އަދި ރިޔާސީނިޒާމުގެ ރަހަ އެކުލެވިފައިވާތީއެވެ. ބޮޑު ޚަރަދެއްކޮށްގެން ބޭއްވި އިންތިޚާބުން ފާސްވީ، އަނެއްކާވެސް ދެ ރަހަ އެކުލެވޭ ރިޔާސީ ނިޒާމެއް އޮތުމަށެވެ. ގާނޫނު އަސާސީން ދެން ކަށަވަރުކޮށްދިނީ، ކައުންސިލްތައް އުފެއްދުމަށެވެ. ފުރަތަމަބޭއްވީ ރިޔާސީ އިންތިޚާބެވެ. ހަތަރުކޮޅަށް ވާދަމާގޮތަށެވެ. އެއްކޮޅުގައިއޮތީ، ޕީއޭ ގުޅިފައިވާ ޑީއާރްޕީ އެވެ. ދެންއޮތީ، އަދާލަތު ގުޅިފައިވާ ޖުމްހޫރީޕާޓީ އެވެ. ދެން އޮތީ ޤަވްމީ ޕާޓީއެވެ. ދެން އޮތީ ޤަވްމީއިއްތިހާދު ގުޅިފައިވާ އެމްޑީޕީއެވެ. ހަނިގޮތަކަށްނަމަވެސް ދެންއޮތީ އިބްރާގެ ޝޯޝަލް ލިބަރަލްޕާޓީ އެވެ. ނަތީޖާއަކީ ދެވަނަ ބުރެއް ބާއްވަން ޖެހުމެވެ. ފުރަތަމަބުރުގައި، ޑީއާރްޕީ/ޕީއޭ އެއްކޮޅުގައެވެ. ފުރަތަމަބުރު ނިމުނީ، ޑީއާރްޕީ/ޕީއޭ އަށް 51 އިންސައްތަ ނުލިބިއެވެ. ވުމާއެކު، ޑީއާރްޕީ/ޕީއޭ އެއްކޮޅުގައި އަނެއްކޮޅުގައި ހުރިހާ ޕާޓީތައްއޮވެގެން ރައްޔިތުންގެ ފައިސާއިން ބޮޑުޚަރަދެއްކޮށްގެން ދެވަނަބުރެއް ބޭއްވީއެވެ. ހޮވުނީ ފުރަތަމަބުރުގައި 25 އިންސައްތަ ލިބުނު އެމްޑީޕީއާއި ޤަވްމީ އިއްތިހާދާއި، ޖުމްހޫރީޕާޓީ އާއި، ޤަވްމީޕާޓީ އާއި، ޝޯޝަލް ލިބަރަލްޕާޓީ ގުޅިފައިވާ ކޯލިޝަނެވެ. އެފަހަރު ޑީއާރްޕީ/ޕީއޭއަށް ލިބުނީ 48 އިންސައްތައެވެ. އަނެއްކާވެސް އެވަރުގެ ޚަރަދެއްކޮށްގެން ދެން ބޭއްވީ 77 މެމްބަރުން ހޮވުމަށްޓަކައި، ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެވެ. އެއަށްފަހު ދެން ބޭއްވީ ކައުންސިލަރުން ހޮވުމުގެ އިންތިޚާބެވެ.



ކޮންމެއަސް ރިއާސީ ދައުރު ދެބައިވީތަނާހެން އެ ކޯލިޝަންވެސް ބައިބައިވީއެވެ. އެންމެފަހުން އެފަހަރުގެ ވެރިކަން ނިމި އަނެއްކާވެސް މިހާރު ހިނގަމުން މިދަނީ ހަމަ ހަތަރުކޮޅަށް ވާދަމަށް ތައްޔަރުވަމުންދާ މަންޒަރެވެ. މިކަމުގެ ފޯރިއޮތްކަމަށް ބުނެވެނީ ފިޠުރުޢީދުގެ ފަހުންނެވެ. ނަމަވެސް ޢީދުކުޅިވަރެއްގެ ގޮތުގައެއް ނޫނެވެ. މިފަހަރު އެއްކޮޅުގައި އެކަނިއޮތީ އެމްޑީޕީ އެވެ. (އެއްބުރުން ނެވެ.) ދެން އޮތީ އެކަނިއޮތް ޕީޕީއެމް އެވެ. ދެން އޮތީ  ޖުމްހޫރީޕާޓީ އާއި އެޕާޓީއާއި ގުޅިފައިވާ ކޯލިޝަނެވެ. އެވެ. ދެންއޮތީ ޤަވްމީ އިއްތިހާދު ޕާޓީއާއި އެޕާޓީއާއި ގުޅިފައިވާ ކޯލިޝަނެވެ. ފުރަތަމަ އެޕާޓީ އޮތީ ޑީއާރްޕީ، އަދާލަތު އެއްކޮށެވެ. ނަމަވެސް މިހާރު އަދާލަތު އޮތީ ޖުމްހޫރީ ޕާޓީ އާއި އެކުގައެވެ. އެމްޑީއޭ އަދި އޮތީ ކޮންފަޅިއެއްގައިކަމެއް ނޭނގެއެވެ. ބައެއްމީހުން ބުނާގޮތުގައި، އެޕާޓީގެ ކައުންސިލުގައި ނެގި ވޯޓުން ޕީޕީއެމް އާއި ގުޅުމަށް 22 ވޯޓް، ޖުމްހޫރީ ޕާޓީ އާއި ގުޅުމަށް 8 ވޯޓް އިން ވަނީ، ފާސްކޮށްފައެވެ. އެންމެފަހުގެ ހިސާބުތަކަށް ބަލާއިރު ގާތްގަނޑަކަށް އެމްޑީޕީގައި، 43 ހާސް، ޕީޕީއެމްގައި 24 ހާސް، ޑީއާރްޕީގައި 22 ހާސް، އަދާލަތުގައި 10 ހާސް، ޖުމްހޫރީ ޕާޓީ ގައި 12 ހާސް، ޤަވްމީ ޕާޓީގައި 17 ސަތޭކަ، އެމްޑީއޭ ގައި 12 ހާސް، ޤަވްމީ އިއްތިހާދުގައި އަށްހާސް މެމްބަރުން އެބަތިއްބެވެ. ވޯޓް ހައްޤުވާ މީހުންގެ އަދަދު އުޅެނީ 215 ވަރަކަށް ހާހުގައެވެ. 190 ވަރަކަށް ހާސް މީހުން ވޯޓްލާނެކަމަށް ބައެއްފަރާތްތަކުން ބުނެއެވެ. އެފަރާތްތަކުން ބުނާގޮތުގައި، ބައެއް ޕާޓީތަކަށް ބައެއްމީހުން ވޯޓް ލީކަމަށްވިއަސް ގިނަމީހުން ވޯޓްލާނީ، އެމްޑީޕީއާއި ޕީޕީއެމް އަށެވެ.



ޕާޓީއެއްގެ ރަޖިސްޓްރީގައި ނެތްކަމަށްވިއަސް ކޮންމެމީހަކުވެސް ކޮންމެވެސް އެއްޕާޓީއަކަށް ތާއީދު ކުރާކަމަށް ބުނެވެއެވެ. އަދި ތާއީދު ނުކުރިކަމަށްވިއަސް ވޯޓް ދޭނަމަ ވޯޓްދޭން ޖެހިފައިވަނީ ކަށަވަރުން ކޮންމެވެސް ޕާޓީއެއްގެ ކެންޑިޑޭޓަކަށެވެ.



އިންތިޚާބުގެ ދުވަސްވަރު ކޮންމެ ކެންޑިޑޭޓަކުވެސް ބަލަމުންދަނީ މޮޅު ވާހަކައެއް ދައްކާލެވޭތޯއެވެ. އެގޮތުން ބައެއް ކެނޑިޑޭޓުން ބުނަނީ، މި ދާއިރާއަށް ތިމާ އިންތިޚާބުކޮށްފިނަމަ، މިދާއިރާ ދާދިއަވަށް، ކުޑަކުޑަ ނިއުޒީލެންޑަކަށް ނުވަތަ ސިންގަޕޫރަކަށް، ނުވަތަ ވެޓިކަންސިޓީއަކަށް ނުވަތަ ސަޢުދީޢަރަބިއާ އަކަށް ހަދާދޭނެކަމަށެވެ. އެފަދަ ވާހަކަތައް ސިފަކޮށްދެނީ، މިލިއަންމީހުން ދިރިއުޅޭ ޤަވްމަކަށް ތަޢާރަފުކޮށްދޭ ޚިދުމަތްތަކެއްކަމަށެވެ. އަދި މިކަން ޤަބޫލުކުރުވަން މަސައްކަތްކުރާ މީހުންނާއި، ބަޔަކުވެސް އުޅެއެވެ. މިފަދަ ބަސްތަކުން ދެން ސިފަވާ އަނެއްކަމަކީ، މިރާއްޖޭގެ އެހެން ރަށްތައް އޮތްގޮތަށް ބާއްވާފައި، ހަމައެކަނި މިކަންކަން ކޮށްދޭނީ އެދާއިރާއަކަށް އެކަނި ކަމަށް ބުނާ ބުނުމެވެ. އެހެން ދާއިރާތަކުގެ މެމްބަރުންނަކީ، އެއްވެސްކަމެއް ކޮށްދެވޭނެ ބައެއްހެން ހީއެއްނުވެއެވެ. ދާއިރާއަކަށް ކުރިމަތިލާ ބަޔަކުމިފަދަ ވާހަކަތައް ދައްކާއިރު، މިރާއްޖޭގައި އެނޫން އެހެނިހެން ދާއިރާތައް އޮތްކަމެއްވެސް ހިތަކަށް ނާރާކަހަލައެވެ. އެދާއިރާތަކުގައިވެސް ދިރިއުޅެނީ ހަމަ ދިވެހި އަޚުންނާއި އުޚުތުންކަން ހިތަށްނާރާ ކަހަލައެވެ. މިފަދަ ވާހަކަތައް މިމޭރުމުން ދެއްކިކަމަށްވިއަސް، މިއަދާ ހަމައަށްވެސް އަޅުގަނޑަށް ފެނިފައިވަނީ، ޤަވްމީތަރައްޤީގެ މިންގަނޑުގައި ހިމަނައިގެން، ސަރުކާރުން ކުރަން ހަމަޖައްސާ ކަންތައްތަކެއް ކޮށްދޭ މަންޒަރެވެ. ވަކި މެމްބަރަކަށްޓަކައި ވަކިކަމެއް ކޮށްދޭ މަންޒަރެއްނޫނެވެ.



އިންތިޚާބީ ދުވަސްވަރު ކެމްޕޭނަށް ރަށްރަށަށް މީސްމީހުން ދިއުމުން ރަށްރަށުގައި ދިރިއުޅޭ ނުފޫޒުގަދަ، އަޑުގަދަމީހުން ނިކުމެ، މިބުނަނީ، މަ ބޭނުންވަނީ މަގޭ ރަށަށް ކަމެއްކޮށްދޭ މީހަކަށް ވޯޓުލާށެވެ. މިހާރު މަ މިހުރި ޕާޓީ ކޮންމެހެން މަށަކަށް މުހިންމެއްނޫނެވެ. މަ ކީއްކުރާ ޕާޓީއެއްހެއްޔެވެ. މަގޭ ރަށުގެ އެންމެން ވޯޓުލާނީ، މަ ބުނިގޮތަކަށެވެ. މަގޭ އަމިއްލަ ނަފުސަކަށް އެއްވެސްކަމެއް ބޭނުމެއްނުވެއެވެ. ކޮންމެއަކަސް މިފަދަ ވާހަކަތައްދައްކާ މީސްމީހުންގެ ވާހަކަތައް ވަކި ހިސާބަކަށް ދިއުމުން (ސިއްރުންކަމަށްވިއަސް) މުޅީން ބަދަލުވެދެއެވެ. އެކި މީސްމީހުން އެދެނީ، އެކިއެކި ކަންކަމަށެވެ. އަޅުގަނޑުގެ ގޭގެ ފުރާޅުން ވާރޭ އެބަ ވެހެއެވެ. ތަޅުންގަނޑުގައި ހުރީ މުށި ނުޖެހިއެވެ. ފާޚާނާ ހުރީ ނުނިމިއެވެ. މަތިވަޑާންގަނޑު ހުރީ ފީވެފައެވެ. ފައިބަރުދޯނީގެ އިންޖީނު ގަނެވޭނެގޮތެއް އަދި ނުވެއެވެ. އަނެއްބަޔަކު ބުނަނީ، މަށަކީ، ޕްރީ އިސްކޫލެއް ހިންގާ މީހަކީމެވެ. (ކިޔަވައިދޭކުދީންގެ ޢަދަދު ކިޔާލާއިރު ރަށުގެ އާބާދީއަށްވުރެ އެ އިސްކޫލަކަށް ކިޔަވަންދާ ކުދީންގެ ޢަދަދު މާ ގިނައެވެ.) އިސްކޫލަށް 500 ވަރަކަށް ގޮނޑި ނުވަތަ ޑެސްކް ބޭނުންވެއެވެ. ނުވަތަ އައު ޢިމާރާތެއްގެ ބިންގާވަނީ އަޅާފައެވެ. ރޭނޭނެގޮތެއް އަދި ނުވެއެވެ. މިފަދަ އެތައް ވާހަކަތަކެއް ދައްކާ މީހުން ހަމަ އެއްވާހަކަތަކެއް ތަކުރާރުކުރާތާ ވިހި ފަންސަވީސް އަހަރުވެފައިވާ އެތައްބަޔަކު އެބަ އެނގެއެވެ.



މިދެންނެވިގޮތަށް ވާހަކަދައްކައިގެން، ކުރިން ޖިފުޓިގަނޑެއްހެން ހުރި އެތައްގެއެއް ފައްކާކޮށްފައިވާ އެތައްބަޔަކު މިރާއްޖޭގައި އެބަތިބޫއެވެ. މިއީ އެންމެންދަންނަ ހަޤީޤަތެކެވެ. މިގޮތަށް ވާހަކަދައްކާ މީހުންގެ ރަޖިސްޓްރީ އެހެން ޕާޓީއެއްގައި އޮންނައިރު ތާއީދުކޮށް ވާހަކަދައްކަނީ އަދި އެހެން ޕާޓީއަކަށެވެ. ވޯޓް ދޭނީ މުޅީން އެހެން ޕާޓީއެއްގެ ކެނޑިޑޭޓަކަށެވެ. އޭނާއަށް ނަފާދިން ކެނޑިޑޭޓަކަށްނޫނެވެ. މިގޮތަށް އެތައްބައެއްގެއަތުން ނަފާ ހޯދައެވެ. އަޅުގަނޑުގެކުރިމަތީގައި މިކަހަލަ އެތައް މަންޒަރެއްވަނީ ތަކުރާރުވެފައެވެ. މިގޮތުން އެއްކަމެއް ފާހަގަ ކޮށްލާނަމެވެ. ރައްޓެއްސެއްގެ ގާތުގައި އަޅުގަނޑުހުއްޓާ ބަޔަކު އައެވެ. ރައްޓެހި މީހާއަކީ، އިސްކޫލުގެ އިސްލާމް މުދައްރިސެކެވެ. އެމީހާއަކީ، ތުބުނޅިވެސް ދިގުކޮށްފައި ހުންނަ މީހެކެވެ. އޭނާގެ ރަޖިސްޓްރީ ޕާޓީއެއްގައި އޮވެއެވެ. އެބަޔަކު އޭނާގެގެއަށް އައުމުން އޭނާބުނީ، (ވެރިކަމަކަށް އިޝާރާތްކޮށް) އެ ވެރިކަމުގެފަރާތުން މިރާއްޖެއަށް އެއްކަމެއްވެސް ކޮށެއް ނުދެއެވެ. މިސްކިތެއްވެސް، އިސްކޫލެއްވެސް އަދި އެފަދަ އެހެން ޢިމާރާތެއްވެސް ނަހަދައެވެ. ރާއްޖެއަށް ލިބުނު ހުރިހާއެއްޗެއް އެ ވެރިކަމުގައި ކެއީއެވެ. އަހަރެން ވޯޓްލާނީ މިކަންކަން ކޮށްދޭން ބުނާ ބަޔަކަށެވެ. އެއީ މިކަންކަން ކޮށްދޭން ބުނާ، ތިޔަ ޕާޓީއަށެވެ. ކޮންމެއަކަސް ދާދި އަވަހަށް އޭނާގެ އެ ބޮޑު ގޭގައި މުށިޖަހައި އަދި ހަތަރު ފާޚާނާ ހަދައި އެކަންކޮށްދިން ޕާޓީގެ ކެމްޕޭން އޮފީހެއްގެ ނަމުގައި ރީތިރީތި މަރިޔާދު ގެއެއްވެސް ހެދިއެވެ. ފަހުން އަޅުގަނޑު ގާތު އޭނާބުނީ، ވޯޓްލީ އެކަންކަން ކޮށްދިން ޕާޓީއަށް ނޫންކަމަށެވެ. އެހެން މީހަކަށްކަމަށެވެ. އޭނާގެ ގޭގެ މަސައްކަތަށް ޚަރަދުކުރި ޕާޓީން ދީފައިވާ ފައިސާގެ އަދަދު އޭނާ ބުނެފައިވާތީ، އަޅުގަނޑު ބުނީ އެ 50 ހާސް ރުފިޔާ ލިބުނީ، އެ ޕާޓީން ނޫންހެއްޔެވެ. ޖަވާބުގައި އެމީހާބުނީ، އެއީ އެހެން ކަމެކެވެ. ވޯޓް ލާން އެމީހުން ނުބުނެއެވެ. އެދުވަހު އެޕާޓީގެމީހުން ގާތު ވެރިކަމެއްގެ ގޯސްވާހަކަދެއްކީ އެމީހުން އެންމެރުހޭނީ އެގޮތަށް ވާހަކަދެއްކުމުންކަމަށް ވާތީ އެގޮތަށް ވާހަކަ ދެއްކީއެވެ. ނަމަވެސް ކުރިކަމެއްކުރީ އެ ވެރިމީހާތާއެވެ. މިރަށު އިސްކޫލުގައި ކުރިންނެތް ވަޒީފާއެއްކަމަށްވާ ޤުރުއާން މުދައްރިސުކަމުގެ މަޤާމެއްއުފައްދައި، އެ ވަޒީފާދެއްވީ އެ ވެރިކަމުގައެވެ.



މޫސުމީ ބަލިމަޑުކަމުގައި އުޅޭ ގިނަމީހުން، ފައިސާ ދޭ މީހުންނަށް ވޯޓްދެނީ މަދު ފަހަރަކުއެވެ. ކުރިން ކިތަންމެބައިވަރު ފައިސާތަކެއް ދީ ގިނަ ކަންތައްތަކެއް ކޮށްދިންކަމަށްވިއަސް އޭގެފަހުން ފަންސާހަކަށް ރުފިޔާއަށް ވޯޓްދޭ މީހުންވެސް "މޫސުމީ ބަލިމަޑުކަމުގެ" ތެރޭގައި މަދެއްނޫނެވެ. ފާހަގަކުރެވޭ އެހެން ކަމެކެވެ. ދާއިރާއިން ހޮވޭ ކެނޑިޑޭޓް ނުވަތަ ރައީސަކަށް ހޮވޭ ބޭފުޅަކަށް ތިމާ އެދޭކަމެއް ނުކޮށްދެވިއްޖެ ނަމަ، ދެންބުނަނީ، ވޯޓްލީއިރު އޭނާ ކަންކުރާނެ ގޮތެއް ނޭގެއެވެ. މިހާރު ވަރަށް ދެރަވަމެވެ. މަގޭގަޔަށް ދެވަނަފަހަރަކަށް ކައްޓެއް ނުޖެހޭނެއެވެ. ނަމަވެސް ދެވަނަފަހަރު ކުރިއަށްވުރެ މާބޮޑަށް ބާރުލާފައި ކެމްޕޭން ކުރެއެވެ. އެއީ ލިބޭ ނަފުސީ ފައިދާއަކަށްޓަކައެވެ.



ވުމާއެކު، ވަކި ކެނޑިޑޭޓަކަށް ވޯޓުލުމަށްފަހު، އެއީ ނުވިސްނި ލެވުނު ވޯޓެކޭ ބުނުމުގެ ޖާގައެއް އެއްވެސްމީހަކަށް ނޯންނާނެއެވެ. އަދި ހަމަ އެފަދައިން ފަރުދީ ފައިދާއެއް ޙާޞިލުކޮށްގެން ލާ ވޯޓަކުން ޤަވްމަށް މަންފާއެއްވެސް ނުކުރާނެއެވެ. މިފަދަ ކަންކަމަކީ، އިސްލާމީ، އަދި ޤަވްމީ މިންގަނޑަކުން ވިސްނައިގެން ކުރަންޖެހޭނެ ކަންކަމެވެ. މޫސުމީ ބަލިމަޑުކަން ފަސޭހަވާނީ، ޢަޤީދާއަށް ފަރުވާކޮށްގެންނެވެ. މިންވަރަށް އީމާން ވެގެން ކަމަށެވެ. (ނިމުނީ)

                         ----------------------




ލިޔުއްވާފައިވަނީ: އަލްމަރުޙޫމް ޢަލީ ނަޞީރު ޒޫރިޔާގެ/ މަޑަވެލި

29 ޖުލައި 2013މ.