ޝައިޠާނާގެ ޑަބަލް ޕްރޮމޯޝަން















ޢައްބާސީ ވެރިކަމުގެ ދުވަސްވަރު ޢިރާގުގެ އަވަށްގަނޑެއްގެ ބަޔަކު ކުނިވާ ކާބޯތަކެތި އުކައިލާ ގަސްގަހާގެހީގެ ސަރަޙައްދެކެވެ. ރޭގަނޑު މެންދަމުގެ ވަގުތު ބޮޑު ޝައިޠާނާ އާއި އޭނާގެ ކުދި ޝައިޠާނީ އަޢުވާނުންގެ ބަޔަކު މިތަނުން ފައުޅުވެ އެބައިމީހުންގެ ބައްދަލުވުމެއް ބޭއްވިއެވެ. އިއްތިފާގުން މިތަން ދެކިވަޑައިގަންނަވަނީ އެ ދުވަސްވަރުގެ ބަޣުދާދުގެ ޚަލީފާއަށް ހަރާންކޯރުވެވަޑައިގަތް ދޮގު ތުހުމަތެއްގައި ގަތުލުކުރުމަށް ނިންމައި ހޯދަމުންދާ ޞާލިޙު ބެއިކަލަކަށެވެ. އޭނާ އޮންނެވީ އެ ތާނގައި ހުރި ބޮޑު ގަހެއްގެ ތޮފަޅަތެރޭގައި ފިއްލަވައިގެންނެވެ. ޝައިޠާނާގެ މި ބައްދަލުވުމުގައި ބައިވެރިވާ އަޢުވާނުންނަކީ މީގެކުރިން ޢިރާގުގެ މުސްލިމް ގަބީލާ އަވަށްގަނޑެއްގެ މީސްތަކުންގެ ތެރެއިން ޝައިޠާނާގެ ވަސްވާސްތަކަށް ބަޔަކު ހެއްލުންތެރި ކުރުވައި އެބައިމީހުން ނަރަކައަށް ފޮނުވާލެވޭތޯ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ އަޢުވާނުންގެ ބަޔެކެވެ.

ބޮޑު ޝައިޠާނާ ހިތްހަމަޖެހޭފަދަ ފެންވަރަކަށް އޭރު އެކަންކަން ކުރެވިއްޖެކަމަށް ބަލައި އޭނާ މި ކުދި ޝައިޠާނުން އަނބުރައި ގެނައީ މިބައިމީހުން ކުރަމުންދިޔަ މަސައްކަތް ކުރެވޭފަދަ ފެންވަރަކަށް އެތަނުން ޝައިޠާނާގެ އިންސާނީ އަޢުވާނުންކޮޅެއް ތަމްރީނުކޮށް އެބައިމީހުންނާއި މަސައްކަތް ޙަވާލުކުރުމަށްފަހު އެވެ.

އޭގެ ދުވަސްކޮޅެއްގެ ފަހުން މިހާރު އެތަނުގެ ޙާލަތަކީ ކޮބައިތޯ އަދި ކަން ހިނގަނީ ތަމްރީނު ދެވިފައިވާ ގޮތަށް ރަނގަޅަށްތޯ ބެލުމަށް ބޮޑު ޝާއިޠާނާ މިބައިމީހުން އެ ތާކަށް ފޮނުވުމަށްފަހު އެބައިމީހުން އަނބުރައި ގެނެސް މި ބައްދަލުވުމެއް ބާއްވަނީ އެވެ. ފެންނަ ފެނުމަށް ބޮޑު ޝައިޠާނާގެ އުފާވެރިކަން ކުޑައެވެ. ހީނލުމެއް ނެތެވެ. ގަހެއްގެ ބޮޑު ގޮފިގަނޑެއް ކަނޑައިލެވުނު ތަނުން ގަހާއި ގުޅިފައިވާ ބައިގައި ޖުއްބާއަޅުވައިގެން އެލިގަނެގެން އޮވެ ބޮޑު ޝައިޠާނާ ވާހަކަދައްކަން ފެށިއެވެ.

މިތުރުންނޭވެ! އަހަރެންނަކީ ހަމަ އަހަރެންނެވެ. ތިޔަބައިމީހުންނަކީ ވެސް ހަމަ ތިޔަބައިމީހުންނެވެ. އަހަރެންނާ ތިޔަބައިމީހުންނާ ހުރި ތަފާތަކީ ސުވަރުގެއިން އަހަރެން ނެރެލެވުނުކަމާއި އަދި ތިޔަބައިމީހުންނަށް ސުވަރުގެއަށް ވަދެވިފައި ނުވުމެވެ. ސުވަރުގެއިން އަހަރެން ނެރެލެވުނީ ކީއްވެގެންކަން މިތުރުންނަށް އެނގޭނެތެވެ. އެދުވަހު މަތިވެރި ﷲ ގެ ޢިއްޒަތް ގަންދީ އަހަރެން ހުވައެއް ކުރީމެވެ. އެ ވަގުތުން ފެށިގެން އާދަމުގެދަރީން މަގުފުރައްދާނެ ކަމަށެވެ. އަހަރެން ދުނިޔޭގައި ދިރިލަހައްޓަވައިފި ނަމަ ޤިޔާމަތާ ހަމަޔަށް ވެސް އިންސާނުން މަގުފުރައްދައި ނަރަކައަށް ފޮނުވާލުމުގެ މަސައްކަތް ކުރާނެކަމަށެވެ. ދުނިޔެވީ ހެއްލުންތެރިކަމާ ފަސާދައިގެ ދަލުގައި އިންސާނުން ޖައްސައި އެބައިމީހުން ހަލާކުގެތެރެއަށް ގެންދާނެކަމަށެވެ. މި ކުރެވެނީ އެ މަސައްކަތެވެ. ތިޔަބައިމީހުންނަކީ މި ކަމުގައި މިހައިތަނަށް ވެސް އަހަރެންގެ ނުހަނު ބޮޑެތި މަދަދުގާރުންނެވެ.

މިތުރުންނޭވެ! މިހައިތަނަށް އަހަރެމެންގެ މީސްމީހުންނަށް ކުރެވިފައިވާ މަސައްކަތަށް ލިބިފައިވާ ކުރިއެރުމާ ކަން ހުރި ނެތް ގޮތް ބަލައިލާން އެ ގަބީލާ އަވަށްގަނޑަށް ދިޔައީ ވެސް ހަމަ ތިޔަބައިމީހުންނެވެ. އެތަނުން އެނބުރި އައިސް އަހަރެން އުފާވާނޭ އެކި ޚަބަރު އެކި ވަރަށް ތިޔަބައިމީހުން ދީފީމު އެވެ. އެކަކު ބުނަނީ ދަރި ވިހެއިތަނުން ބައްޕަ މަރުވެ މަންމަގެ ބުރަ މަސައްކަތުން އެ ދަރި ރަނގަޅަށް ބަލައި ކާންދީ ބޮޑުކުރީމާ އެ ދަރި މަސްތުގެ ބުއިމަށް އެދުންބޮޑުކަމުން މައިމީހާގެ ފޮށިފަޅާލައި ފޮށީގައި އޮތް 2 ފައުނު (ފައިސާ) ނަގަން އުޅެނިކޮށް މަންމައަށް ފެނިގެން އެކަމާއި ސުވާލުކޮށް ނަޞޭޙަތްތެރި ވީމާ އެންމެފަހުން އެ ދަރި މައިމީހާ މަރާލީކަމަށެވެ. އަނެކަކު ބުނީ ދޮގުހެދުމުގެ ބައި އެތާނގައި ހެޔޮވަރަކަށް ކުރިޔަށް ޖެހިލައިފިކަމަށެވެ. ދުނިޔެވީ އެދުމުގައި ޙައްގާއި ބާޠިލް އޮޅުވައިލެވޭ މިންވަރަށެވެ. ރޯމާދުވާލު މެންދުރުގެ އިރު ފެންނަން ހުންނަ އިރު އެބައިމީހުންގެ ބަޔަކު އެއީ ރޭގަނޑޭ ވެސް ބުނެ އުޅެއެވެ. އަދި މި ބަޔެއްގެ ބަސް މިފަދަ ޙާލަތުގައިވެސް ހަމަ ދޮގުކަން އެނގޭއިރުވެސް ހިތުން ރުހުމުން ގަބޫލުކުރާ ބަޔަކު ވެސް ހަމަ އެތާނގައި އެބައުޅެއެވެ. އަނެކަކު ބުނަނީ މުސްލިމު ދަތުރުވެރިއަކު މިސްކިތެއްގައި ނަމާދުގެ ސަޖިދައިގައި ވަނިކޮށް އެމީހާގެ ކައިރީ ބާއްވައިފައި އޮތް އެމީހާގެ ސުންބުއްޔާ ބޯ ފެންފޮދު އަޅައިފައިވާ ކުޑަ ފެންދޯރު ޖެހިލުމެއްނެތި ނަގަން ކެރޭވަރަށް ވެސް އެ ގަބީލާ އަވަށްގަނޑުގެ ބަޔަކު ކުރިއަރައިފިކަމަށެވެ. ތިޔަބައިމީހުންނަށް ވެސް އެނގޭނެފަދައިން ނަމާދަށްހުންނަ މީހަކީ އަދި ޚާއްޞަކޮށް ނަމާދުގެ ސަޖިދައިގައިވާ މީހަކީ މަތިވެރި ﷲ އާ އެންމެ ކުއްތަން ބޮޑު މީހާއެވެ. އެފަދަ މީހެއްގެ ކައިރީގައިވާ ތަކެތި ނެގުމަކީ އަހަރެމެން (ޝައިޠާނުން) ނަށް ވެސް ކުރަން ކެރޭ އަދި ކުރެވޭވަރުގެ ކަމެއްނޫނެވެ. ކޮށްއުޅުނު ކަމެއް ވެސް ނޫނެވެ. އަހަރެމެންނަށް ކުރެވޭވަރަކީ އީމާންތެރިކަން ތަންކޮޅެއް ޟަޢީފު ޢަޤީދާ ބަލިކަށި މީހުންގެ ނަމާދުގެ ނިޔަތް އަރައިރުންކޮށް ރަކުޢަތްތައް އޮޅުވައިލައި ދުނިޔެވީ އެކިއެކި ކަންކަން އެމީހެއްގެ ހިތަށް ވައްދައިދިނުން ފަދަ ކުދިކުދި ވަސްވާސްތެރި ކަންކަމެވެ. އެކަމަކު ދެކިބަލާށެވެ! މިކަމުގައި އެތިބަ އިންސާނުން އަހަރެމެން (ޝައިޠާނުން) ފަހަނައަޅައި އެތައްތަނެއް ކުރިޔަށް ޖެހިލީއެވެ.

މިތުރުންނޭވެ! އަހަރެމެން (ޝައިޠާނުން)ގެ މަސައްކަތުން އެބައިމީހުންގެތެރެއިން ބަޔަކަށް ވަސްވާސްދީ ހެއްލުންތެރިކުރުވައި އެބައިމީހުން ލައްވައި ކުރުވަމުންދާ ވައްކަމާއި ފޭރުމާއި ލޫޓުވުމާއި ޒުވާބުކޮށް ހަޑިހުތުރު އަވަގުރާނަ ގޮވުމާއި މާރާމާރީއާއި ގަޔަށް އަތްލައި ފުރާނައަށް ނުރައްކާ ކުރުމާއި ދޮގުހެކިދިނުމާއި މީސްމީހުންގެ ކަދުރު ދަނޑުތަކާއި ގޮވާން ދަނޑުތައް ހަލާކުކުރުމާއި ފާޙިޝްޢަމަލް ހިންގުމާއި ފުދޭ ހާލު ދަރަނިވެރިވުމާއި އެދަރަނި އަނބުރައި ނުދީ ހިފެހެއްޓުމާއި ފަގީރު މިސްކީނުންކަމަށް ހެދިގެން ސަލާންޖަހައި ޒަކާތު ފައިސާ ނެގުމާއި ނުކުރާ މަސައްކަތްތަކަށް އުޖޫރަ ނެގުމާއި އެންމެންގެ ލާބައާއި މަންފާއަށްޓަކައި ބޭނުންކުރަންޖެހޭ ތަކެތި ބެލުމެއްނެތި ސުންނާފަތިކުރުމާ ޙަރާމްތަކެއްޗާއި ޙަރާމް ފައިސާގެ ބޭނުންކުރުމާއި މައިންބަފައިންނާއި ގާތް މީހުންނާއި މުސްލިމުންނަށް ޙުރުމަތެއް ކުލުނެއް ނެތުމާއި މިކަހަލަ އެންމެހައި ކަމެއްގައި އެބައިމީހުންވަނީ އަހަރެމެން ޝައިޠާނުންނަށް ވުރެ އެތައް ގުނައެއް ކުރީގައެވެ.

މިތުރުންނޭވެ! ކަންހުރީ މިހެންކަމަށް ވިޔަސް އަހަރެން އުފަލެއް ނުވެއެވެ. ކަން ހުރި ގޮތް އެނގޭނަމަ ތިޔަބައިމީހުން ވެސް އުފަލެއް ނުވާނެތެވެ. އެބައިމީހުންގެ މިކަންކަމަކީ އެބައިމީހުންގެ ވެރި މަތިވެރި ﷲގެ ޙަޟްރަތުގައި ތައުބާވާންވީ ގޮތަށް އެބައިމީހުން ތައުބާވެއްޖެނަމަ އެ ތައުބާ ގަބޫލުކުރައްވާނެ ކަންކަމެވެ. އެފާފަ ފުއްސަވައި ދިންނެވުން ހުރި ކަންކަމެވެ. އެފަދަ މީހުން ތައުބާވާނޭ ގޮތް ކިޔައިދޭނޭ ޢިލްމުވެރިންގެ ބަޔަކު ވެސް އެބައިމީހުންގެތެރޭ އަބަދާއިއަބަދު އުޅޭނެތެވެ. އެކަކު ނެތިދާއިރު އަނެކާ ހުންނާނެތެވެ. އެ ކިޔައިދިނުމުގެ އަޑަކީ ކޮންމެވެސް ގޮތަކުން އެބައިމީހުންނާއި ހަމައަށް ފޯރާނެ އަޑެކެވެ. މިހެނީ މަތިވެރި ﷲ އަކީ އެކަލާނގެ އަޅުތަކުންގެ ކިބައިން ތައުބާ ޤަބޫލުކުރައްވާ އަދި އެބައިމީހުންނަށް ކުރެވޭ ނުބައި ކަންތައްތައް ޢަފޫކުރައްވާ ކަލާނގެއެވެ. އެކަލާނގެ އެދިވޮޑިގެންވަނީ ފާފަކުރެވޭ އަޅުން ތައުބާވުމަށެވެ. އެކަމަށް އެމަތިވެރި ކަލާނގެ އުފާފުޅުވެ ވޮޑިގެންވެއެވެ. އެކަލާނގެ ޚަލްޤުކުރެއްވި އެއްވެސް އަޅަކަށް ދެރަގޮތެއްވުމަށް އެކަލާނގެ އެދިވޮޑިގެނެއްނުވެއެވެ. މަތިވެރި ﷲ އަންގަވާފައިވަނީ ''އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން މާތް ﷲ ގެ ކިބަފުޅަށް ތެދުވެރިކަމާ އެކު ތައުބާވާށެވެ! އެއީ ތިޔަބައިމީހުން ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ތިޔަބައިމީހުންގެ ކުށްތައް ޢަފޫކުރައްވާނޭ ކަމަށާއި އެތަންތާނގެ ދަށުން ފެން އާރުތައް ހިނގަހިނގާ ހުރި ސުވަރުގެތަކަކަށް ތިޔަބައިމީހުން ވެއްދުމަށްޓަކައެވެ." މިހެންނެވެ. މިއީ އެބައިމީހުންނަށް އެނގޭނޭ ކަމެކެވެ. ނުއެނގި ނުދާނެ އެވެ. އަދި މަތިވެރި ﷲ ގެ އަޅުތަކުންގެ ތައުބާއަކީ ހުޅަނގު ފަރާތުން އިރު އަރައްޖައުމަށް ދާންދެން އެބައިމީހުންނަށް ފިލައިނުދާނެ ވަރަށްމަތިވެރި ރަޙުމަތެކެވެ.

މިތުރުންނޭވެ! ކަންހުރީ މިހެންނެވެ. މިހެންވީއިރު ތިޔަބައިމީހުން ކުރަންވީ ކަމަކީ އިންސާނުންނަށް ޚާއްޞަކޮށް މުސްލިމުންނަށް ދޮގުހެދުމާއި ވަޢުދާއި ޚިލާފުވުމާއި އަދި އަމާނާތަށް ޚިޔާނަތްތެރިވާން ދަސްކޮށްދޭންވީ އެވެ. އެބައިމީހުންގެ ކިބައިގައި މި ތިން ސިފަ އަށަގަންނުވައިގެން ނޫނީ އަހަރެމެންގެ މަސައްކަތް ދެން އިތުރަށް ކުރިއަށްދާނެ ކަމަށް ނުފެނެއެވެ. މި ތިން ސިފަ މީހެއްގެ ކިބައިގައި ޖަމާވެއްޖެނަމަ އެވަނީ ފުރިހަމަ މުނާފިގަކަށެވެ. މިހެނީ މުނާފިގުންގެ ޢަލާމާތްތައް ތިނެކެވެ. ވާހަކަ ދައްކައިފިނަމަ ދޮގު ހަދާނެއެވެ. ވަޢުދެއްވެއްޖެނަމަ އެއާއި ޚިލާފުވާނެއެވެ. އަދި އަމާނާތެއް ޙަވާލު ކުރެވިއްޖެނަމަ އެއަށް ޚިޔާނާތްތެރި ވާނެއެވެ.

މިތުރުންނޭވެ! އަހަރެމެން އެންމެންގެ މަސައްކަތުން މުނާފިގުންގެ ބައިގަނޑެއް މި ބައްރުގައި އުފެއްދިއްޖެ ނަމަ އެއީ ވަރަށްބޮޑު ކާމިޔާބީއެކެވެ. މުނާފިގުންނަކީ ބޭރުން ބަލާބެލުމަށް ދީންވެރި ލަފާދާރު ނިޔަނެތި ކުށެއްނެތް މަޢުޞޫމް ބަޔެކެވެ. މިބަޔަކަށް ޢިލްމުވެރިއަކަށް ހެޔޮ ނަޞޭޙަތެއް ވެސް ދެވޭނީ އެއީ ނުލަފާ ފާފަވެރި ބަޔެއްކަން އެނގޭނަމަތާ އެވެ. މިހެންވީއިރު އަހަރެމެން ދެން ކުރަންޖެހޭ ކަމަކީ މުނާފިގުން އުފެއްދުމެވެ. އެބައި ގިނަވޭތޯ ހުއްޓައިނުލައި ގަދައަޅައި މަސައްކަތް ކުރަންވީއެވެ. ތިޔަބައިމީހުންގެތެރެއިން މުނާފިގުން އުފެއްދުމުގައި ކުރިއަރައިދިޔަ މީހަކަށް އަހަރެންގެ ޑަބަލް ޕްރޮމޯޝަންގެ "މިތަކެތި" ލިބޭނެތެވެ. އެކަމަށް އަވަސްވެގަންނާށެވެ. ދެން ހިނގައިދާށެވެ.

ބޮޑު ޝައިޠާނާއާ އޭނާގެ ޝައިޠާނީ ކުދި އަޢުވާނުންގެ ބައްދަލުވުން ދެކިވަޑައިގެން އަޑު އެއްސެވި ޞާލިޙު އެ ބެއިކަލަކު ވިދާޅުވަނީ "މިތަކެތި" ކަމަށް ޝައިޠާނާ ދެއްކި އޭނާގެ ޑަބަލް ޕްރޮމޯޝަންގެ އެއްޗިއްސަކީ ފިލުނދުވެ ކުނިވަމުންދާ ބަކަރިފަޔަކާއި ޖަމަލެއްގެ ފާދިޔަ ފުޅިއެކެވެ.
                        --------------------

ޢަބުދުﷲ ޙިލްމީ
16 އޯގަސްޓް 2012މ.