ހުވަދު އަތޮޅުގެ ވިދުންގަދަ ޝަޚްޞިއްޔަތްތައް - އެއްވަނަބައި











ހުވަދުއަތޮޅުގެ ފޯކްލޯރެއްގައި ކިޔާގޮތުން، މީލާދީން 1388 ގައި ދިވެހިރާއްޖޭގެ ސިންގާސަނާގައި ރެދަލިކުރެއްވި ފެހެންދޫ ޢުޘްމާނު ރަސްގެފާނުގެ ރަސްކަމުގައި، ހުވަދުއަތޮޅުގެ ވާރުއޮޑި (ކޮންމެއަހަރަކު ސަރުކާރަށް ގެންދާ ވާރުމުދަލާއެކު) މާލެދިޔަ އެވެ. އަދި އެދަތުގައި ވާރުމުދަލާއެކު ރަސްގެފާނަށް ވެދުމަށް ގެންދިޔަ ތަކެތި ގަނޑުވަރަށް ގެންދިއުމަށްޓަކައި ހުވަދުއަތޮޅު ވާރުވެރިޔާ (ވާރުވެރި ކަލޭފާނު) ގަނޑުވަރަށް ދުރުވީ، އަތިރިމަތީގައި އޭނާ ބަހައްޓާފައިހުރި ތަކެތި ކާޅުގެ ނުރައްކަލުން ސަލާމަތްކުރުމަށްޓަކައި، ކާޅުފައްސަން ކުއްޖަކު ބަހައްޓާފައެވެ.

އެކުއްޖަކީ، އެވަގުތު އަތިރިމަތީގައި ހުރި ބީރައްޓެހި (ބަންގާޅު) ކުއްޖެކެވެ. އެކުއްޖާއަށް ދޭން ބުނި އުޖޫރައަކީ، ހުވަދޫ ބޮނޑިގަނޑެކެވެ. އުޖޫރަލިބޭނީ ވާރުވެރިކަލޭފާނު ގަނޑުވަރުން އެނބުރި ދުރުވުމުން އެކުއްޖާ އުޖޫރައަށް އެދުމުންނެވެ.

ވާރުވެރިކަލޭފާނު ގަނޑުވަރުން އެނބުރި ދުރުވުމުން އެކުއްޖާ އުޖޫރައަށް އެދުމުން އެކުއްޖާއަށް ދެއްވަން ބުނުއްވި އުޖޫރަކަމަށްވާ ހުވަދޫ ބޮނޑިގަނޑެއް (ފައިން) އެކުއްޖާއާއި ދިމާއަށް ހޫރާލުމުން އެބޮނޑި ގަނޑާއެކު، އެކުއްޖާގެ ގަޔަށް ވެލި ބުރައިގެން ދިޔައެވެ. އަދި ފައިންވެސް ޖެހުނެވެ.

އާދެ! އަހަރުތައް ފާއިތުވަމުންގޮސް އޭގެ ވިއްސަކަށް އަހަރުފަހުގެ ތާރީޚެއްގައި ވާރުވެރިކަލޭފާނު މާލެ ދުރުވި އިރު ތަޚުތުގައި އިންނެވީ އައްސުލްޠާން ނާޞުއްދީނުލް ކަލާވަހީ އެވެ. އެރަދުން ރަސްކަންކުރެއްވީ 1409 ން 1411 އަށެވެ. ބުނެވޭގޮތުގައި، ބަންގާޅުގެ ބޭފުޅެއްކަމަށްވާ އެރަދުންނަކީ، ހުވަދޫ ވާރުވެރިކަލޭފާނު، ކާޅުފައްސަން އަތިރިމަތީގައި ބެހެއްޓި އަދި ހުވަދޫ ބޮޑިގަނޑެއްދިން ކުއްޖާއެވެ. މީނާގޭ އިތުރު ތަފްޞީލް ބުރާރަމުހައްމަދު ކިޔާފައިވާ ބޮޑުތަކުރުފާނު ވާހަކައިގައި ލިޔެފައިވާނެއެވެ. އެ ތަފްޞީލުން އެނގޭގޮތުގައި އެރަދުންގެ ރަސްކަމުގެ (މިސަބަބައްޓަކައި) ތިންފަހަރެއްގެ މަތިން ހުވަދޫ ވާރުވެރިކަލޭފާނުގެ ފައިބުރިކުރަން ރަދުން މަސައްކަތްކުރެއްވިއެވެ. ނަމަވެސް އެކަން ނުކުރެއްވުނީ، ވާރުވެރިކަލޭފާނުގެ ދަނބިދަރިދަރި ހޯނޑެއްދޫ ތިންރުއް މުޙައްމަދު، މާލެ ގޮސް ރަދުންގެ ދަރިކަނބަލުންނާއި ވަރަށްގާތް ގުޅުމެއް އުފައްދައި، އެކަމަށް މަސައްކަތްކުރުމުގެ ސަބަބުންނެވެ.

ހޯނޑެއްދޫގައި ވާރުކުރިކަން އެނގެނީ ވެސް ވާރުވެރިކަލޭފާނުގެ ފައި ކަނޑަށް ރަދުންކުރެއްވި އަމުރާއި ގުޅިގެން ވާރުވެރިކަލޭފާނު ރަށަށް (ހޯނޑެއްދުވަށް ދުރުވެ) އެކަމާއި ކަންބޮޑުގެ ވާރުގޭ އުނދޯލީގައި އިންނަވަނިކޮށް މިދެންނެވި ތިންރުއް މުޙައްމަދު ވާރުގެއަށް ގޮސް ވާރުވެރިޔާ އިންނެވި މޮޅިވެރިކަމާއި މެދު ސުވާލުކުރުމުން، ކަންހިނގާފައިވާ ގޮތް ކިޔައިދެއްވުމުންނެވެ. ވާރުވެރިޔާ އެކަމުން ސަލާމަތްކޮށްދިނުމަށް، ތިންރުއް މުޙައްމަދު (ހަމައެކަނި ތިންރުއް އަރާ ރާވެރި މުޙައްމަދު) އެއްބަސްވީ، ވާރުވެރިޔާގެ ދަރިފުޅާއި ކައިވެނި ކޮށްދޭން ޝަރުޠުކޮށް، އެއްބަސްވުމުންނެވެ.

އާދެ! މަތީގައި މިދެންނެވި ފޯކްލޯރަށްބަލާއިރު (ހޯނޑެއްދޫގައި ވާރުވެރިކަންކުރަން ފެށުނު ދުވަސްވަރެއް އެނގެން ނެތްކަމަށް ވިއަސް) މީލާދީން 1388 ން ފެށިގެން 1930 ވަނަ އަހަރާއި ހަމައަށް (މަދުވެގެން) 540 ވަރަކަށް އަހަރުވަންދެން ހުވަދުއަތޮޅުގެ ވާރުވެރިކަމުގެ މައި އިދާރާ ހުރީ އެރަށުގައެވެ. އެރަށުގައި ހުރި ވާރުގެ ރޫޅާލައްވައި، އަތޮޅުގޭގެ ނަމުގައި ހަވަރުތިނަދުއަށް ބަދަލުކުރެއްވީ 1930 ވަނަ އަހަރު ހަވަރުތިނަދޫ ޙާޖީ މުޙައްމަދުކަލޭފާނެވެ. ހ.ތެވެލި މުޙައްމަދު ޝަރީފަކީ، މި މުޙައްމަދު ކަލޭފާނުގެ ބޭފުޅެއްކަމަށްވާ މުސްޠަފާ މަންޞޫރު (ދޮންތައްކާނު) ގެ ބޭފުޅެކެވެ.

ހުޅުވާރުލު ގުއްބަޑިއާ:
މީނާއަކީ ހުވަދުއަތޮޅު ހުޅުވާރުލަށް އުފަން ބޭކަލެއްކަމަށް ބުނެވެއެވެ. އޭރު އަތޮޅުވެރިކަން ކުރި ރަށެއް އެނގޭކަށް ނެތެވެ. ނަމަވެސް އެއަތޮޅުގެ ފޯކްލޯރަކުން އެނގޭގޮތުގައި މީލާދީން 1368 ގައި އެ އަތޮޅުގެ ވާރުވެރިކަންކުރީ، ހޯނޑެއްދޫގައެވެ. އެރަށުގައިހުރި ވާރުގެ ހަވަރުތިނަދުއަށް ބަދަލުކުރެއްވީ ޙާޖީ މުޙައްމަދުކަލޭފާނުގެ އަތޮޅުވެރިކަމުގައި، ޑިސެމްބަރ 16، 1930މ. ގައެވެ. މިއީ ޙަޤީޤަތެއްކަމަށްވާނަމަ 562 އަހަރަށްވުރެ ގިނަ އަހަރުވަންދެން ވާރުގެ ހުރީ އެރަށުގައެވެ. ލިޔުންތަކުން އެނގެން ހުރީ ހޯނޑެއްދޫގައި ވާރުގެ ހުރިކަމާއި (1962 ން 1968 ށް) ގައްދޫގައި އަތޮޅުގެ ހުރިކަމާއި 1968 ން 2008 ށް ތިނަދޫގައި އަތޮޅުގެ ހުރިކަމެވެ. އޭގެފަހުން އެއީ އަތޮޅުކައުންސިލުގެ އިދާރާއެވެ. ގައްދޫގައި އާބާދުވީ، ހުޅުވާރުލު ފަޅުވުމަށް ފަހުގައިކަމަށް ބުނެވެއެވެ.

ކުނބުރުދޫ ދޮންތަކުރު:
މީނާއަކީ، ޙާޖީބަންޑާރައިން ކަނޑުފެއްތި އުޅަނދުގެ ވެރިއަކަށްހުރި މީހާއެވެ. ބުނެވޭ ގޮތުގައި އޭނާ ކުރި މަސައްކަތުގެ އަގުވަޒަންކޮށް ހުވަދުއަތޮޅުގެ އަތޮޅުވެރިކަން އޭނާއަށް ދެއްވީ މާލީގޮތުން، ދިވެހިރަސްކަމާއި އެއްވަރުގެ ތަނަވަސްކަމެއް ހަމަޖެއްސުމުގެ ގޮތުންނެވެ. އެދުވަސްވަރުގެ އެންމެބޮޑު އާމުދަނީއަކީ، ރުއްގަހުން ލިބޭ ނަފާއެވެ. ހުވަދުއަތޮޅަކީ 150 ފަޅުރަށް އޮންނަ އަތޮޅެކެވެ. ކުނބުރުދޫ ދޮންތަކުގެ މިދުވަސްވަރަކީ މީލާދީން 1774 ން 1779 ށް ރަސްކަން ކުރެއްވި އައްސުލްޠާން މުޙައްމަދު މުޢިއްޒުއްދީން އިސްކަންދަރުގެ ރަސްކަމުގެ ދުވަސްވަރެވެ. މި މުޢިއްޒުއްދީނަކީ، ދޮންބަންޑާރައިންގެ ދޮށީ ދަރިކަލުން މުޙައްމަދު މަނިކުފާނެވެ.

ހަވަރުތިނަދޫ މާކަނާ ބަނޑޭރީގެ އާދަނު:
މީނާއާއި ބެހޭ އިތުރު މަޢުލޫމާތެއް އެނގޭކަށް ނެތެވެ. 

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭފާނު: 
މީނާ އާއި ބެހޭ އިތުރު މަޢުލޫމާތެއް އެނގޭކަށް ނެތެވެ. 

ހަވަރުތިނަދޫ ރާގުޅި އަޙުމަދު ކަލޭފާނު: 
މީނާއަކީ، ވަރަށްބޮޑު މުއްސަންޖަކަށްވި މީހެކެވެ. އޭނާގެ މުއްސަނދިކަން އިންތިހާއަށް ގޮސް، އެތައްކަމެއް މެދުވެރިވެ 3 ފަހަރެއްގެ މަތިން (ސަރުކާރުގެ ފަރާތުން) އޭނާގެމުދާ ފޭރިގަތްކަމަށް ބުނެވެއެވެ. ފަހުން އޭނާ ހުންނެވީ އާރާއިބާރުގައި އެ އަތޮޅުގެ ވާރުވެރިކަމުގެ މަޤާމުގައި، ހަވޮއްޑޭ ތިރުގޭ ޙައްވާ ކަނބުލޭގެފާނާއި ކައިވެނި ކުރައްވައިގެންނެވެ. (ޢާއިލާ އެބައޮތެވެ.) އޭނާ ނިޔާވުމުން ޙައްވާ ކަނބުލޭގެފާނު ދެން ކައިވެނިކުރެއްވީ އައްޑުއަތޮޅު ހިތަދޫ ދޮންކޮއްޔަގެ އަލިތައްކާނާ އެވެ. އޭނާ މަޝްހޫރުވެފައިވަނީ ހަވޮއްޑޭ މޭނާކަލޭފާނުގެ ނަމުންނެވެ. ޢާއިލާ އެބައޮތެވެ.

ގައްދޫ އާދަމްތަކުރުފާނު:
މީނާ އާއި ބެހޭ އިތުރު މަޢުލޫމާތެއް އެނގޭކަށް ނެތެވެ.

އައްޑު އަތޮޅު ފޭދޫ ފަސްގަނޑުގޭ އިބްރާހީމް ކަލޭފާނު: 
(ނުނިމޭ)
                   --------------------
ލިޔުއްވާފައިވަނީ: އަލްމަރުޙޫމް ޢަލީ ނަޞީރު ޒޫރިޔާގެ/މަޑަވެލި