ބަކުރުބޭގެ މެނިފެސްޓޯ - 1













ބަކުރުބެއަކީ އާދަނުގެ ބޭބެއެވެ. ބަކުރުބޭގެ ޢުމުރުގެ ގިނަދުވަހު އޭނާއުޅުއްވީ ސޯމާލިޔާގެ ކުންފުންޏަކުން ދުނިޔޭގެ ކަންކޮޅުތަކަށް "ޒަންޖަބީލްފެން" އުފުލައިދިނުމުގެ ވިޔަފާރިބޯޓެއްގައި ކަމަށް ބަކުރުބެ ބުނުއްވައެވެ. ޒަންޖަބީލް ފެނަކީ އިނގުރާއި ފޮނިތޮއްޓާއި ކާފޫރުތޮޅިއާއި ވޭމުއި އަޅައިގެން ކައްކައިފައިހުންނަ އަރިދަފުސްރޯގާއަށް ބޭނުންކުރާ ފެނެކެވެ. މިފަދަފެނަކީ ދިރިތިބި އިންސާނުންނަށް ނުހަނުބޭނުންތެރި ފެނަކަށްވާތީ މިފެންއުފުލާ ބޯޓްގެ ކައްޕިތާނުންފެށިގެން ހުރިހާ ފަޅުވެރިންނަށް ދާދެން ވަރަށްބޮޑު މުސާރަލިބޭކަމަށް ބަކުރުބެ ބުނުއްވައެވެ. ބަކުރުބެއަކީ އެބޯޓްގެ ޗީފްކުކްގެ ދަށުން އެއްވަނަ ދަރަޖައިގައި މަސައްކަތްކުރައްވާ ބޭކަލަކަށްވީނަމަވެސް ޗީފްކުކްގެ މުސާރައާއި ދާދިއެއްވަރުގެ މުސާރައެއް ބަކުރުބެއަށް ލިބިލައްވާތީވެ ބަކުރުބެއަކީ އޭނާގެ އުފަންރަށުގައި ނަންހުރި އަދި ކަންހުރި ބޮޑެތީންގެތެރެއިން ބޭކަލެކެވެ. ބަނިޔާދަންކަމާއި މަޑުމޮޅިކަމުގެ ދެކޮޅު އެއްވަރަށް ޙިއްޞާކުރެއްވުމާއި ރުޅިދުރުވާހިނދު އޭގެ އަނެއްކޮޅަށްވުރެ މިކޮޅު ޚިޔާރުކުރެއްވުމަކީ ބަކުރުބޭގެ އޮމާންޚަޞީލަތެވެ.


މިދިޔަ އަހަރުގެ ޖޫންގައި ބަކުރުބެ ރަށަށް ދުރުވިއިރު ރަށުން ފެނިލެއްވީ ކުރިއަށްވުރެ ކަންތައްގަނޑު ބޮޑު މަންޒަރެކެވެ. އެކިޕާޓީތަކުގެ ކުލަކުލައިގެ ޖަގަހަތަކާއި ދިދަތަކާއި ބެނާތަކެވެ. ރަށުގެ ބައެއްގޭގޭގެ ބޭރުފާރުތަކާއި ބައެއް ރުއްރުކާއި ގަސްތަކާއި މިވަގުތަށް ފާޚާނާ ނުހެދިހުރި ގިނަ ގޭގޭގެ ގިފިލީގައި ހާޖިތަށް ދިއުމަށްޓަކައި ހުންނަ ހަނޑަސްބުރިއާއި އަންހެންވެރިންގެ ބުރުނގާއާއި ފިރިހެންވެރިންގެ ސޯރުފޮތިކޮޅުގައިވެސް ފެންނަން ހުރީ އެފަރާތެއް އެވަގުތަކަށް ތާއީދުކުރާ ޕާޓީއެއްގެކުލައެވެ. މިކަންކަން ފެނިލެއްވުމުން ގޮތަކަށް ބަކުރުބެ ޙައިރާންވެލެއްވީހެން ހީވެގެން އޭނާގެ ކުޑައިރުގެ ރައްޓެއްސަކު ބުންޏެވެ. ބަލަ ބަކުރާއެވެ. ތިޔަ ފެންނަނީ ޕާޓީތަކުގެ ކުލަކުލަހުރި ހުރިހާ ތަނެއްނޫނެވެ. ކަންތައްތައް އަދި ނުފެނެއެއް ނޫންހެއްޔެވެ.

ބަކުރުބެ ބުނުއްވިއެވެ. ތިޔައީ ކުލަކުލައިން ނިމެންއޮތް ކަމެއްނޫނެވެ. ތިޔަކަން ވާނީ ރަނގަޅު މެނިފެސްޓޯއަކުންނެވެ. އަހަރުމެން މިތިބީ ސޯމާލިޔާއިންނާއި މަޑަގަސްކަރައިން ތިޔަކަހަލަ އިންތިޚާބީ ކަންތައްތައް ތަޖުރިބާކޮށް ނިމިފައެވެ. އެފިލާވަޅު ހިތުން ދަސްކޮށްފައެވެ. މިރަށުމީހުންގެ ވޯޓް ދޭންޖެހޭނީ އެންމެރަނގަޅު މެނިފެސްޓޯއަކަށެވެ. މިދިޔައަހަރު ސޯމާލިޔާގެ އަވަށެއްގެ އިންތިޚާބަށް ކުރިމަތިލެއްވި އެއަވަށުގެ ގޮރުނުދޯރު އެކުލަވައިލެއްވި މެނިފެސްޓޯގެކޮޕީއެއް އަހަރެންގެ އަތުގައި އެބައޮތެވެ. އެހެންވީމާ މިއަދުންފެށިގެން ތިޔަކަމަކަށް އަހަރެން ކުރިމަތިލައި އަހަރެންގެ މެނިފެސްޓޯއަކީ އެއީކަމަށް މިނިންމީއެވެ. އަހަރެންބުނާނީ ބުއްދިސަލާމަތުން ހުރި މިރާއްޖޭގެ އެއްވެސްމީހަކު މިނޫން އެހެން މެނިފެސްޓޯއަކަށް އެމީހެއްގެވޯޓެއް ނުދޭނެކަމަށެވެ.

ބަކުރުބޭގެ މެނިފެސްޓޯ:

1- މިރާއްޖޭގެ ކޮންމެ މީހަކަށްމެ އެމީހެއްގެ މާބޮޑު ބައްޔެއްނެތި ގަދަވެސަލާމަތުން ދިރިހުރިނަމަ ފުރިހަމައަށް ނޭވާލައި ނިދައި ތެދުވެ ޙަރަކާތްތެރިވެ އުޅުމުގެ ލުއިފަސޭހަކަން އަހަރެންގެ ވެރިކަމެއްގައި  ހޯދައިދޭނަމެވެ.

2- މިރާއްޖޭގެ ކޮންމެ ގޭބިސީއަކަށްމެ އެގެއެއްގެ ބިމުގައިހުރި ވަޅުފެނާއި އެގެއެއްގައި ހުރިނަމަ ހުރި ކާތަކެއްޗެއް ފަސޭހަކަމާއެކު ބޭނުންކުރުމާއި ނުކުރުމުގެ ފުރިހަމަ މިނިވަންކަން އެގެއެއްގެ ބަޔަކަށް ފުރިހަމައަށް ފޯރުކޮށްދޭނަމެވެ.

3- މީސްތަކުންގެ ހަށިދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައި ބޭނުންވާނޭ ކާބޯތަކެއްޗާއި ގައިންގަޔަށްއަރާ ބަލިތަކުން އެވަގުތަށް ރައްކާތެރިވެތިބުމަށް ބޭނުންވާނޭ އެންމެހައި ކަންކަން އެނގުމަށް ބޭނުންވާމީހަކު ހުރިނަމަ އެކަމާއިބެހޭ ފަރާތަކަށް އެމީހަކު ދިޔުމުން ލަސްނުވެ އެކަންކަން އެނގޭނޭ އިންތިޒާމް އަހަރެންގެ ވެރިކަމެއްގައި ގާއިމުކޮށްދޭނަމެވެ.

4- މިރާއްޖޭގެ ސްކޫލްތަކަށް ކިޔަވަންދާ ކޮންމެ ދަރިވަރަކަށްވެސް އެކުއްޖަކު ކިޔެވުމަށްބޭނުންވާ ފޮތާއި ފަންސުރާއި ގަލަމާއި މިރާއްޖެއިން ގަންނަން ލިބޭ ތަންތަން އެދަރިވަރަކު ކިޔަވަންދާ ސްކޫލެއްގެ ނޯޓިސްބޯޑުން ފަސޭހައިން އެނގޭނޭ އެންމެހައި އިންތިޒާމް ހަމަޖައްސައިދޭނަމެވެ.

5- ޢުމުރުން 65 އަހަރުވުމުން ދައުލަތުން ދޭންޖެހޭ ޢިނާޔަތަކީ 65 އަހަރުވުމުގެ ކުރިން ނުލިބޭނޭ އެއްޗަކަށްވާތީ އެ ޢިނާޔަތްލިބުން އަވަސްކުރުމަށްޓަކައި ކޮންމެމީހެއްގެ ޢުމުރުން 64 އަހަރުވުމަށް ފަހު އޭގެ ފަހުން 360 ދުވަސްވުމާއެކު އެމީހަކީ 65 އަހަރު ފުރިފައިވާ މީހެއްކަމަށް އަހަރެންގެ ވެރިކަމެއްގައި މުޅިން ނިންމައިދީ 65 އަހަރުގެ މީހުންނަށް ލިބެންޖެހޭ ޢިނާޔަތް އެމީހަކަށް ހަމަޖައްސައިދޭނަމެވެ.

6- ފަރުމަހުގެ މަސައްކަތްކުރާ ފަރާތްތަކަށް މީގެކުރިން އެއްވެސް ރިޔާސީ ކެންޑިޑޭޓަކު ދީފައިނުވާ ވަރަށް ބޭނުންތެރި މަޢުލޫމާތެއް އަހަރެންގެ ވެރިކަމެއްގައި ދޭނަމެވެ. އެއީ ކާން ބޭނުންނުކުރާ "މަޑަގަސްކަރަ ބިބީ" ކިޔާ މަހެއްގެ ފޮޓޯއެކެވެ. މަޑަގަސްކަރަ ބިބީއަކީ ލޯހުރަސްކޮށް ކަޅުކުލައިގެ ރޮނގެއް ހުންނަ މަހެކެވެ. މިބާވަތުގެ މަހުގެ ދެއަރިމަތީގައި އަޅިކުލައިގެ ވަރަށްފާޅު ރޮނގުތަކެއް ހުރެއެވެ. މިއީ ޖޯޑުޖޯޑަށް ދިރިއުޅޭ މަހެކެވެ. މިއީ ކެއުމަށް ބޭނުންކުރާ މަހެއްނޫނެވެ 
.
7- އަހަރެންގެ ވެރިކަމެއްގައި މިރާއްޖޭގެ ކޮންމެ ރައްޔިތަކަށްމެ ފަޅުރަށަކާއި ފުންވިލަކާއި ކަނޑުއޮޅިއަކާއި ހަމަޖައްސައިދޭނަމެވެ. އަދި މިތަންތަން ވަރުވާގެ ލުއިފަސޭހަ އުޞޫލަކުން އެމީހަކު ބޭނުންކުރާނޭ ގޮތް އެގްރިކަލްޗަރ މިނިސްޓްރީން ހަމަޖައްސައިދޭނަމެވެ.

8- އަހަރެންގެ ވެރިކަމެއްގައި މިރާއްޖޭގެ ރަށްރަށާއި ކަނޑުމަތީގައި މަރުވާ އެންމެހައި އިންސާނުންގެ ޖަނާޒާގެ ކަންތައް ސަރުކާރުގެ ޚަރަދުގައި ނުވަތަ ހެޔޮއެދޭ ފަރާތެއްގެ ދީލަތި އެހީގެދަށުން ހަމަޖައްސައިދޭނަމެވެ.
(ނުނިމޭ)
                -----------------------

ލިޔުއްވީ: އިބްރާހީމް އާދަމް