ޒުވާނަކު ކޮލެޖުގެ ކިޔެވުން ނިންމައި ދަސްވެނިވާން ތައްޔާރުވަމުން ދިޔައެވެ. އެޒުވާނާގެ ހިތުގައި ވަރަށްބޮޑު ޝަޥްޤުވެރިކަމެއް އުފެދިފައިވާ ސްޕޯރޓްސްކާރެއް ކާރުވިއްކާ ފިހާރައެއްގައި ބަހައްޓައިފަ ހުއްޓައި އޭނާ ދުށްޓެވެ. އެހެންކަމުން މިކާރަށް ޝަޥްޤުވެރިކަމާއެކު އެޒުވާނާ ބަލަމުންދާތާ ދުވަސްކޮޅެއްވެއްޖެއެވެ. އޭނާގެ ބައްޕަޔަށް އެކާރު ގަނެދެވިދާނެ ކަން އޭނާޔަށް އެނގެއެވެ. އެހެންކަމުން އޭނާ ގްރެޖްއޭޓް ވާދުވަހަކު ބައްޕަގެފަރާތުން ހަދިޔާއެއްގެ ގޮތުގައި އޭނާ ބޭނުންވަނީ އެ ކާރުކަމަށް ބައްޕަކައިރީ ބުންޏެވެ.
ގްރެޖުއޭޝަން ދުވަސް ކައިރިވުމުން އޭނާ ހުރީ ބައްޕަ އެ ކާރު ގަނޭތޯ އިންތިޒާރުކޮށްކޮށެވެ. އެންމެފަހުން، ގްރެޖުއޭޓްވެ ނިމުނުދުވަހުގެ ހެނދުނު ބައްޕަގެ އަމިއްލަ ސްޓަޑީރޫމަށް އައުމަށް ބައްޕަ އެންގިއެވެ. އޭނާ އެތަނަށް ދިއުމުން ބައްޕަ އޭނާއާއި ވާހަކަދެއްކިއެވެ. އެފަދަ ރަނގަޅު އަދި ކިޔަމަންތެރި ފިރިހެންދަރިއަކު ބައްޕައަށް ލިބިފައިވާތީ ބައްޕަ ވަރަށް ފަޚުރުވެރިވާކަމަށް ދަރިފުޅުކައިރީ ބުންޏެވެ. އަދި ބައްޕަ ދަރިފުޅުދެކެ ވަރަށްލޯބިވާ ކަމުގައިވެސް ބުންޏެވެ. މިހެންބުނުމަށްފަހު އޭނާ ދަރިފުޅުގެ އަތަށް ވަރަށްރީއްޗަށް ޕާރުސަލްކޮށްފައި އޮތް ކުޑަފޮށްޓެއް ދިނެވެ.
އެޒުވާނާ ވަރަށް
ހިތްއަވަސްވެފައިހުރެ އެކަމަކު ކޮންމެވެސްވަރެއްގެ ހިތްހަމަނުޖެހުމަކާއެކު އެފޮށި ހުޅުވިއެވެ. އޭގައި އޮތްވައި
އޭނާއަށް ފެނުނީ ވަރަށް ރީއްޗަށް
ހަމުން ބޭރުގަނޑު ހަދާފައިވާ ފޮތެކެވެ. އެފޮތުގައިވަނީ އެ ޒުވާނާގެ
ނަން ރަންއަކުރުން ބިންވަޅުނަގައި ލިޔެފައެވެ. މިފޮތް ފެނުމާއެކު ރުޅިއައިސްފައި
ޒުވާނާ ހަރުއަޑުން އޭނާގެ ބައްޕައާ ދިމާއަށް ބުންޏެވެ. “ބައްޕަގެ އަތުގައި އެހާގިނަ ފައިސާ ހުރި އިރުވެސް އަޅުގަނޑަށް ތިޔަ ދިނީ ހަމައެކަނި ފޮތެކެވެ.” މިހެން ބުނެފައި،
ބައްޕައަށް ވާހަކަދައްކާނެ
އިތުރު ފުރުޞަތެއްނުދީ، ފޮތް ބާއްވައިފަ ގެއިން ނިކުމެގެން ވަރަށްބާރަށް ހިނގައްޖެއެވެ.
އެހާދިސާއަށްފަހު
ވަރަށްގިނަ އަހަރުތަކެއް ފާއިތުވެގެން ހިނގައްޖެއެވެ. އެ ޒުވާނާ ވަނީ ވިޔަފާރީގެ ރޮނގުން
ވަރަށް ކާމިޔާބު މީހަކަށް ވެފައެވެ. އޭނާގެ އަމިއްލަ ވަރަށްރީތި
ގެއަކާއި، އުފާވެރި އާއިލާއެއް ވެއެވެ. އެއްދުވަހަކު އޭނަގެ ހިތަށްއެރިއެވެ. މިހާރު
އޭނާގެ ބައްޕަ ވަރަށް މުސްކުޅިވެދާނެއެވެ.
އެހެންވީމާ ބައްޕައަށް ޒިޔާރަތްކުރަންވީއެވެ. އޭނާގެ ގުރެޖުއޭޝަންދުވަހު، ގެއިން ނިކުމެގެން އައިފަހުން އޭނާއާ އަދި
ބައްޕައާ ބައްދަލުވެފައެއް
ނެތެވެ. މިޚިޔާލު އޭނާގެ ހިތުގައި އުފެދުނު ނަމަވެސް ބައްޕައާ ބައްދަލުކުރަން ދިއުމަށް މުޅިން ތައްޔާރު ނުވެވިގެން
އުޅެނިކޮށް އޭނާއަށް ޓެލެގްރާމެއް
ލިބިއްޖެއެވެ. އޭގައިވަނީ ބައްޕަ ނިޔާވެއްޖެ ވާހަކައާއި ބައްޕަގެ ހުރިހާ މުދަލެއް އޭނާއަށް ދިނުމަށް ވަސިއްޔަތް ކޮށްފައިވާ ވާހަކައެވެ. އެހެންވީމާ ވީހާވެސް އަވަހަކަށް އޭނާ
ބައްޕަގެ ގެއަށް ޒިޔާރަތްކޮށް
ހުރިހާ ތަކެއްޗަކާ ޙަވާލުވާން ވެއްޖެވާހަކައެވެ.
ބައްޕަގެ ގެއަށް
އާދެވުމުމާއެކު އޭނާގެ ހިތަށް ކުއްލި ހިތާމަވެރިކަމެއްގެ އިޙްސާސް ވެރިވެގެންދިޔައެވެ. ބައްޕަގެ ވަޞިއްޔަތާ އެއްގޮތަށް ހުރިހާ ތަކެއްޗަކާ ޙަވާލުވުމުގެ ގޮތުން އޭނާގެ ބައްޕަގެ މުހިއްމު ހުރިހާ ލިޔެކިއުންތައް ބަލަމުން ދިޔައިރު، އޭނާ ގްރެގުއޭޓްވީ ދުވަހު ބައްޕަ ހަދިޔާއަކަށްދިން އެއްކަލަ ފޮތް މިހާރުވެސް ވަރަށް
އާކޮށް އޮތްވައި ފެނުނެވެ.
މީގެ އެތަށް އަހަރުތަކެއް ކުރިން އެ ދޫކޮށްފައި އޭނާ ދިޔަގޮތަށް އަދިވެސް އެބައޮތެވެ. އޭނާގެ ލޮލުން ކަރުނަ ފައިބަމުންދާ ޙާލުގައި އެފޮތުގެ ގަނޑުތައް އުކަން ފަށައިފިއެވެ. ގަނޑުތައް
އުކަމުން ދަނިކޮށް ކުއްލިއަކަށް
ފޮތުގެ ބަނޑޭރިގަނޑުގެ ތެރެއިން ކާރެއްގެ ތަޅުދަނޑި ބިންމައްޗަށް ވެއްޓިއްޖެއެވެ. އޭނާ އެތަޅުދަނޑި ނަގައިގެން
ބެލިއިރު އޭގައި ކާރުވިއްކާފިހާރައިގެ
ނަންޖަހައިފަ އޮތް ޓެގްކޮޅެއް އޮތެވެ. އޭގައި ލިޔެފައިއޮތް ނަމަކީ އޭނާ ގަންނަން ބޭނުންވި ސްޕޯރޓްސްކާރު
ވިއްކަން ބަހައްޓައިފަހުރި
ފިހާރައިގެ ނަމެވެ. އޭގައި ލިޔެފައިވާ ތާރީޚަކީ އޭނާ ގްރެޖުއޭޓްވި ދުވަހުގެ ތާރީޚެވެ. އަދި “ފައިސާދައްކައި ނިމިފަ”
މިހެން ލިޔެފައި އޮތެވެ.
މިފަދައިން ކިތައްފަހަރު
އަޅުގަނޑުމެނަށް ލިބޭ ނިޢުމަތްތަށް ލިބިގަތުމުގައި ޢާފިލުވެވޭ ތޯއެވެ. ސަބަބަކީ އެފަދަ ކަންކަން އަޅުގަނޑުމެންނާ ހަމައަށް ގިނަފަހަރު އަންނަނީ އަޅުގަނޑުމެން
ހީކުރާ ގޮތްގޮތަށް ނޫންކަމެވެ.
-----------------------------
http://www.meedhoo.com/?p=1050