ޙިކުމަތްތެރި ނުކުތާތަކެއް - 1










މުއްސަނދިކަމުގެ ދަޅައިގައި ނުޖެހޭށެވެ!
ޤާރޫނު އަވަދިކޮށްލީ އޭނާގެ މުއްސަނދިކަމެވެ.
ޙާލަތާމެދު ބޮޑާ ނުވާށެވެ!
ޙައްލާޖު ޤަތުލުކޮށްލީ އޭނާގެ ޙާލަތެވެ.

މަޤާމާއި ޤަދަރަށް ބަރޯސާ ނުވާށެވެ!
ފިރުޢައުނު ތިރިކޮށްލީ އޭނާގެ މަޤާމެވެ.
އަބޫ ޖަހުލު ނަރަކައަށް ވައްޓައިލީ އޭނާގެ ޤަދަރެވެ.
އަބޫ ލަހަބު އަންދައިލީ އޭނާގެ ޒަޢާމަތުގެ އަލިފާނެވެ.

ހަށިކޮޅުގެ ކަޅުކުލަ، ބިލާލުގެފާނަށް ގެއްލުމެއް ނުދިނެވެ. އެކަލޭގެފާނުގެ ހިތްޕުޅު ސާފެވެ.
ޢަޖަމީ ނަސަބު، ސަލްމާނުލް ފާރިސީގެފާނު ފަހެއް ނުކުރި އެވެ. ޢަރަބި ނަބިއްޔާއާ އެކަލޭގެފާނު ތަބާވެވަޑައިގެންނެވި އެވެ.
ފަޤީރުކަން، އިބްނު މަސްޢޫދުގެފާނު ކަސްތޮޅެއް ނޭޅި އެވެ. އެކަލޭގެފާނުގެ ހިތްޕުޅު ތަނަވަހެވެ.
ހެޔޮކަމުން ޒައްރެއް ވެސް އަބޫ ޒައްރުގެފާނަށް އުންޏެއް ނުވި އެވެ. ޔަޤީންކަމުގެ ފަރުބަދަތައް އެކަލޭގެފާނުގެ މޭފުޅުގައިވި އެވެ.

އަރަހުށި މާތް ﷲ ގެ ހުސްޠާހިރުވަންތަކަމުގެ ބޮޑުކަމާއެވެ!
ތިބާ އެކަލާނގެ ހަނދުމަކޮށް ޒިކުރުކޮށްފިނަމަ، މަތިވެރިކުރައްވަ އެވެ.
ތިބާ އެކަލާނގެ ޙަޟުރަތަށް ޝުކުރުކޮށްފިނަމަ، އިތުރުކުރައްވަ އެވެ.
ތިބާ އެކަލާނގެ ޙަޟުރަތަށް ވަކީލުކޮށްފިނަމަ، ފުއްދަވައިދެއްވަ އެވެ.
ތިބާ އެކަލާނގެ ޙަޟުރަތަށް ދަންނަވައިފިނަމަ، ހިންމަވައިދެއްވަ އެވެ.
ތިބާ އެކަލާނގެ ޙިމާޔަތަށް އުންމީދުކޮށްފިނަމަ، ރައްކާތެރިކުރައްވަ އެވެ.

މާތް ﷲ ގެ ޙަޟުރަތަށް ކުއްތަންވެ ތަވާޟުޢުވެރިވުން، ކިސްރާގެ ރަސްކަމަށްވުރެ މާމޮޅެވެ.
އެކަލާނގެ ޙަޟުރަތަށް ތިރިވެ ސަޖިދަކުރުން، ޤައިޞަރުގެ ޢިއްޒަތަށްވުރެ މާމަތިވެރި އެވެ.

އީމާންކަމުން ހިތް ބިނާކުރާށެވެ!
ޔަޤީންކަމުން ހިތް އާރާސްތުކުރާށެވެ!
އޭރުން ރަސްރަސްކަލުންގެ ގަނޑުވަރުތަކަށް ހިތެއް ނޭދޭނެ އެވެ!!!

މާތް ﷲ، ހިންޏެއް ހަލާކުރައްވަން އެދިވޮޑިގެންފިނަމަ، އޭގައި ފިޔަ ލައްވަ އެވެ.
އެކަލާނގެ، ފަންޏެއް ނެއްތަވައިލައްވަން އެދިވޮޑިގެންފިނަމަ، އެއަށް އުފާފާގަތިކަން ދެއްވަ އެވެ.

ބަކަރީގެ މަރު ލައްވާފައިވަނީ އޭގެ ނިޔަފަތީގަ އެވެ.
ހަރުފައިގެ ދިރުން ލައްވާފައިވަނީ އޭގެ ވިހައިގަ އެވެ.

މިންވަރުފުޅަށް އީމާންވާށެވެ! މަނާކުރައްވާފައިވާ ކަންތައްތައް ދޫކޮށްލާށެވެ! މިންވަރުފުޅުގެ ކުރިމަތީގައި އުޒުރުވެރިވާނެ ޖާގައެއް ނެތެވެ. މިންވަރުކުރައްވާފައިވަނީ، ތިބާގެ އިޚުތިޔާރުން ބޭރުގައިވާ ކަންތައްތަކެވެ. ތިބާ، އަމިއްލަ އިޚުތިޔާރުގައި ކުރާ ކަންކަމާމެދު ޒިންމާވާންޖެހޭނެ އެވެ.

ފާފަކުރުމުގައި ޖަބަރީއަކަށް ނުވާށެވެ!
ކިޔަމަންގަތުމުގައި ޤަދަރީއަކަށް ނުވާށެވެ!
ނުކުތުމުގައި ޚަވާރިޖީއަކަށް ނުވާށެވެ!
ނަފުސާއެކު މުރުޖިއީއަކަށް ނުވާށެވެ!
އަދި މިތުރުންނާއެކު ގުޅުން ކަނޑައިލާ މީހަކަށް ވެސް ނުވާށެވެ!

ނަމަވެސް ...
އަނެކުންގެ ޙައްޤުތައް ދިނުމުގައި އަގުހުރި މީހަކަށް ވާށެވެ!
ދުޝްމަނުކަން ދޫކޮށްލާށެވެ!
ތިބާއަށް އެހެން މީހުން މަދަޙަކިޔަ ނުދޭށެވެ! އެއީ ނަފުސަށް ދެރަ އެއްޗެކެވެ.
ޝައިޠާނާގެ ވަސްވާހުގެ މައްޗަށް ތައުޙީދުގެ އައްޑަނައިން އީމާންކަން ގަދަކޮށް ދަމަހައްޓާށެވެ!
އެދުންވެރިކަން ފުނޑުފުނޑުކޮށްލާށެވެ! ޙައްޤު ގޮތުގައި މެނުވީ އޭގެ ރަހަނުބަލާށެވެ!
ހެޔޮ ޢަމަލުތައް ކުރަމުން ބުނާށެވެ!
"ޤުރުބާންކުރަމާ ހިނގާށެވެ! މާތް ﷲ އެތަކެތި ޤަބޫލުކުރައްވާށި އެވެ!"
(ނުނިމޭ)
           ---------------------------


މުޞަންނިފު: ފަޟީލަތުއްޝައިޚު ޑރ. ޢާއިޟު ބިން ޢަބްދު ﷲ ޢަލްޤަރްނީ
ތަރުޖަމާ: އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން