ވެރިންގެ ބޮލަށް ކަންކަމުގެ ފޫޅު ކެނޑުން


ދިވެހިރާއްޖޭގެ މަދު ނަމަވެސް ބައެއްގެ މެދުގައި ޒަމާނުއްސުރެ ނުފިލައި ފެތުރެމުންދާ ވިސްނުމުގެ ބައްޔެއް އޮވެއެވެ. ގައިންގަޔަށް އަރާގޮތަކަށް ނޫނެވެ. ވާރުތަވާ ގޮތަކަށް ވެސް ނޫނެވެ. އަރަންވީމާ އަރަނީއެވެ. ފިކުރުގެ ޖަރާސީމެއް ޖައްސާ ބައްޔެކެވެ. ކޮންމެ ޒަމާނެއްގައި ވެސް މި ޖަރާސީމު އުޅެއެވެ. އެ ޒަމާނެއްގެ ނިސްބަތުގައި އެ ޒަމާނެއްގެ ފެންވަރުންނެވެ. މި ޖަރާސީމުން ޖެހޭ ބައްޔަކީ ވެރީންގެ ބޮލަށް ކަންކަމުގެ ފޫޅު ކެނޑުމެވެ.

ވާންޖެހޭނެ ކަމަށް އެ ބަޔަކު ބަލާ ކޮންމެކަމެއް ނުވެ ދިޔައީ ވެރިމީހާއާއި ހުރެ ކަމަށް ގޮވުމެވެ. ވެރިމީހާއަށް އެ ކަން ނުވީކަމަށް ގޮވުމެވެ. ނުވަތަ ވެރިމީހާ އެ ކަމެއް ނުކުރީކަމަށް ގޮވުމެވެ. 

ދިވެހިރާއްޖޭގެ އެންމެމަތީ ވެރިކަމުގައި ތިއްބަވާ ވެރިންނަށް ފޫޅުކަނޑާލާ ކަންކަމާއި އެއަށްވުރެ ދަށުގައި ތިއްބަވާ ބޭފުޅުންނަށް ފޫޅުކަނޑާ ކަންކަންވެސް ހުރެއެވެ. އަލްއަމީރު މުޙައްމަދު އަމީނަށް ފޫޅުކަނޑާލި ކަންކަންވެސް އެބަ ހުއްޓެވެ. އެ ވެރިކަން ނިންމާލަން އުޅުނުބަޔަކު އެކަންކުރުމުގެ ކުރިންނާއި އޭގެ ފަހުންވެސް އެކަން ކުރިއެވެ. އެމީހުން ބުނަމުންދިޔައީ އެ ވެރިކަމުގައި ދިވެހީންނަށް ލިބެންޖެހޭ ކިތަންމެ ހެވަކާއި ރަނގަޅެއް ނުލިބުނީ އެ މަނިކުފާނުގެ ސަބަބުން ކަމުގައެވެ. ދިވެހިރައްޔިތުން މަގޫފަތް ކެއުމަށް ޖެއްސީވެސް އެ މަނިކުފާނު ކަމަށެވެ. ނުލިބުނު ރަނގަޅަކާއި ނުވެދިޔަ ހެވަކާއި މަގޫފަތުގެ ފޫޅުކަނޑާލީ އެ މަނިކުފާނުގެ އިސްތަށިފުޅަށެވެ.

މިކަންތައް މިގޮތަށް ހިންގާފާ މިތަންވަޅު ކާޑު މަދުކޮށްފާ
         މިތާނގާތިބި ފަޤީރުންނަށް މަގޫފަތް ކެއުމަށް އަންގާލީ

މަގޫފަތް ކާންޖެހުނީ ޙަގީގަތުގައި ކީއްވެގެންތޯ ބުނާކަށް އެ ކަން އެނގި ތިބެމެ، އެ މީހުން ބޭނުމެއްނޫނެވެ. ބުނަން ބޭނުމީ މަގޫފަތް ކެއީ އެ މަނިކުފާނުގެ ސަބަބުންކަމުގައެވެ. ކާޑުގެ ބާވަތްތައް އެ މަނިކުފާނު ހޯއްދަވައި ނުދެއްވީމައެވެ. އެ ދުވަސްވަރުގެ ދުނިޔޭގެ ޙާލަތާއި ދުނިޔޭގައި ހިނގަމުން ދިޔަ ބޮޑު ކަމަކާއި އެ ކަމަކާއި ތިމާމެންނާއި ހުރި ގުޅުމެއް ބަލާކަށް ބޭނުމެއްނޫނެވެ. ކާބޯތަކެތީގެ ތެރެއިން ހަނޑުލާއި ފުށާއި ދޯބުރާލި ހަކުރުފަދަ އެއްޗިއްސަކީ ރާއްޖޭގައި ހައްދައި އުފައްދާ އެއްޗިއްސެއް ނޫނެވެ. ބޭރުން ރާއްޖެއަށް އެތެރެކުރާ އެއްޗިއްސެވެ. އެ ކަން އެންމެން ދަނެއެވެ. އެ އެއްޗެތި ނުލިބޭނަމަ ރާއްޖޭގައި ކުރާ ގޮވާމަކުންނާއި ބާނާ މަހަކުން އެކަނި ރާއްޖޭގެ މީހުންނަށް ކައިބޮއި ހެދޭނޭގޮތެއް އެއްއިރެއްގާ ވެސް ނޯވެއެވެ. 

އަލްއަމީރު މުޙައްމަދު އަމީންގެ އިސްތަށިފުޅަށް ފޫޅުކަނޑާލި "މަގޫފަތް" ކާންޖެހުނީ އެނޫން ގޮތެއް އެ ދުވަސްވަރު ނެތީމައެވެ. އެ މަނިކުފާނަށް އެ ކަމާއި ކުރެއްވޭނޭ މާބޮޑުކަމެއް ނެތް ދުވަސްވަރެއްގައެވެ. ރާއްޖެއިން ބޭރުން ކާބޯތަކެތިހޯދަން ދެވެނޭ ގޮތެއް ނެތިގެންނެވެ. ރާއްޖޭގެ ބަނގަލާ ބޯޓްފަހަރާއި އޮޑިފަހަރަށް އިންޑިޔާ ކަނޑުން އެ ދުވަސްވަރު ދަތުރުކުރެވެން ނެތީމައެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ނުރައްކާ ބޮޑުކަމުންނެވެ. ބޮންއަޅާތީއެވެ. ސަބްމެރީނުގެ ޓްރޮޕިޓޯއާއި ދިމާވާތީއެވެ. ރާއްޖެއިން ބޭރުން ކާބޯތަކެތި ހޯދަން ދަތުރުކުރި އައްޑުއަތޮޅުގެ "ޔާހުންބަރާސް" އޮޑިވަނީ ހަނގުރާމައިގެ އެ ތަޖުރިބާ ކޮށްފައެވެ. އަލްއަމީރު ޙަސަން ފަރީދު ދީދީ ގެއްލިވަޑައިގަތީ ހަނގުރާމައިގެ ޙަމަލާއެއްގައި ކަމަށް ބަލަން ޖެހޭތީއެވެ. އެހެންވީމާ، މަގޫފަތާއި ދިއްގާފަތް ކެއިނަމަ އެ ވެސް ކާން ޖެހުނީ އިންސާނުންގެ ސަލާމަތަށްޓަކައެވެ. ބަނޑުފުރާނަ މުއްތިކުރުމަށެވެ. އެ ދުވަސްވަރު ކާބޯތަކެތި ހޯދުމަށް ސަލާމަތުން ދަތުރެއްކޮށް ކޮޅުނބަށް އިންޑިއާއަށް ދެވިދާނޭ ކަމީ އެއްވެސްމީހަކަށް ކަށަވަރުކަމެއް ނޯންނާނެ ކަމެކެވެ.

ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމައިގައި ދުނިޔޭގެ ޤައުމުތަކަށް، ޚާޢްޞަކޮށް ބިމުގެ މުއްސަނދިކަން ކުޑަ ފަޤީރު ޤައުމުތަކަށް ލިބުނު އެންމެބޮޑު ގެއްލުމަކީ އިންސާނީ ނަފުސުތަކަށް އެކި ގޮތްގޮތުން ލިބުނު ގެއްލުމެވެ. ހަނގުރާމައިގެ ޝިކާރައަކަށް ވުމުގެ ބޮޑަށް ކާންބޯން ނުލިބިގެން މަރުވެދިޔަ މީހުންގެ ގިނަ ކަމެވެ. އެ ދުވަސްވަރު އުޅުނު ބަޔެއްގެ ދުލުން އެ ވާހަކަތައް ދައްކާއަޑު މިހާރު ނުއިވުނަސް އެ ދުވަހުއްސުރެ ލިޔެފައިވާ ލިޔުންތަކުން އެ ކަން އެނގެން އެބަހުއްޓެވެ. ހަނގުރާމަ ހިނގަމުންދިޔަ އިރު ރާއްޖެއިން ކާބޯތަކެތި މަދުވުމުން އެތައްބަޔަކު ބަނޑުހައި ހޫނުގައި މަރުވިއެވެ. ހުވަދުއަތޮޅުގެ ޙާލަތުވެސް އޮތީ އެހެންނެވެ. ރާއްޖޭގެ އެހެން އަތޮޅުތަކެކޭ ވެސް އެއްގޮތަށެވެ. މީހުންއުޅޭ ރަށްރަށާއި ފަޅު ރަށްރަށުގައި ހައްދާފައިވާ ގޮވާމުގެ ބާވަތްތައް ވެސް މުޅީންހެން ހުސްވެދިޔައެވެ.

އެ ދުވަސްވަރު ހަވަރުތިނަދޫ ރައްޔިތުންގެ ފިރިހެނުން ޢާއްމުކޮށް ކުރާ މަސައްކަތަކީ މަސްވެރިކަމެވެ. އަންހެނުން ދަނޑުވެރިކަމެވެ. އެ މީހެއްގެ ގޯތިތެރޭގެ އޮތްނަމަ އޮތް ބިންކޮޅަކާއި ކާޑެއްދޫގައެވެ. ނަމަވެސް ރާއްޖެއިން ބޭރުން އަބަދުވެސް ގެންނަމުން ދާ ހަނޑޫ، ހަކުރު، ފުށާއި ފޭރާމުގެ ބާވަތްތައް ހަނގުރާމައިގެ ސަބަބުން ގެނެވެން ނެތުމާއެކު ކެއިންބުއިމާއި ފޭރާމުގެ ދަތިކަން މުޅި ރާއްޖޭގައި ވެސް ބޮޑުވީހެން ހަވަރުތިނަދޫގައި ވެސް އެ ކަންއޮތީ އެހެންނެވެ. ރަށުގެ ތަނަވަސްކަން ކުޑަވެ ބަނޑަށް ޖެހި، މަގޫފަތާއި އަތުޖެހުނު އެއްޗެއް ކައިބޮއިއުޅޭން ޖެހުނެވެ. އަންހެނުންގެ ފޭރާންބާވެ، ދުވާލުގެ އަލީގައި މީސްތަކުންގެ ތެރެއަށް ނުކުމެއުޅެވޭނޭ ގޮތެއް ނެތިގެން ދިޔައެވެ. ފިރިހެނުންނާއި ބައެއް އަންހެނުން ނިވާވާނޭ ގޮތެއް ނެތިގެން ދުވާލުގެ ވަގުތުތަކުގައި މޫދުގައި ވެސް އުޅެން ޖެހުނެވެ. ޚާއްޞަކޮށް އަންހެނުންތައް ދުވާލު ވަލުތެރެއާއި ގޭތެރޭގެ ނިވާ ތަންތާނގައި އުޅުނެވެ. އެ ދުވަސްވަރަކީ ހަނގުރާމައިގެ ކުރިން ވެސް ތަނަވަސްކަން ކުޑަ އަންހެނުންގެ ޢުމުރުން ފަނަރަސޯޅަ ސަތާރައަހަރަށް ދާއިރު ވެސް ކަނޑިއްކެއް ފިޔަވައި މަތީގައި ހެދުމެއް ލިބާހެއް އެއްޗެއް ލައިގެން އުޅުނު ޒަމާނެއްނޫނެވެ. ބަލާ ބަޔަކަށް އެ ކަން އެ ދުވަސްވަރު އެހާ އައިބެއް ވެސް ނޫނެވެ. ކުރިއްސުރެ ޢާއްމު ކަމަކަށްވާތީއެވެ. އެހެން އެކަން އޮތްއިރު ފޭރާމުގެގޮތުން ވެސް އިންތިހާއަށް ދަތިވީމާ ދެން ވާނޭގޮތް އޮތީ ވިސްނުމަށް ގެނައުމެވެ. އެ ދުވަސްވަރު ރާއްޖޭގެ ވެރިކަން ހިންގެވުމާއި ޙަވާލުވެވަޑައިގެން ހުންނެވި އަލްއަމީރު މުޙައްމަދު އަމީން ހުވަދުއަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެންނެވި ދަތުރުފުޅެއްގައި އެ ރަށްރަށުގެ އަންހެނުން އޮރިޔާން ހާލު ބޮޑުވެ ދުވާލު ވަލުތެރޭގައި އުޅުނުކަމަށް އޭނާ ލިޔުއްވާފައިވެއެވެ.

މަހަށް ފަރަށް ދަރަށް ދެވުނު ދުވަހެއްގައި ދިޔަކަމުގާ ވިއަސް އެ ތަންތަނުން ގެންނަ ތަކެއްޗެއް ގަންނާނޭ މީހެއް ނެތިވެ އޭގެ ބަދަލުގައި ލިބޭނޭ ކާބޯތަކެއްޗެއް ނެތީމާ މީސްތަކުންގެ ހާލަތު އެ ހިސާބަށް ދިޔައީއެވެ. ފަޅު ރަށްރަށާއި މީހުންއުޅޭ ރަށްރަށުގެ ރުއްކުރިއަށް ދާނދެން ކައި ހުސްވެގެން ދިޔައެވެ. މި ދުވަސްވަރު ތެރޭގައި ރަށްރަށާއި ގޯތިގެދޮރުގެ ސާފުތާހިރުކަން އެކަށީގެންވާ ވަރެއްގައި ނެތެވެ. ތަދުމަޑުކަމުގެ ތެރެއަށް ބަލިމަޑުކަމެއް ވެސް ވެރިވިއެވެ. މަރުވެދިޔަ ބައެއް މީހުންނަކީ، ހަމައެކަނި މަގޫފަތްކެއި ބައެއް ނޫނެވެ. އެ މީހުންގެ ތެރެއިން ބައެއް މީހުންނަކީ، ބަލިމަޑުކަމާއި ހަނގުރާމަކުރަން ވެސް ޖެހުނު މީހުންނެވެ.

ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމައިގެ ކުރިން ހަވަރުތިނަދޫގެ އެ ދުވަސްވަރުގެ މުއްސަނދި ގޭގެ ފިޔަވައި ޢާއްމުކޮށް ރައްޔިތުންގެ އެންމެން ވިޔަފާރިކުރުމަށް ރައްޔިތުންގެ ކާޑުގެ ނަމުގައި ތަނެއް ހުރެއެވެ. މި ތަނަށް މާލިއްޔާއޭ ވެސް ކިޔައި އުޅެއެވެ. އެ ތަނަށް ވިއްކުމަށްޓަކައި ރައްޔިތުން ގެންދާ މަހާއި ކާއްޓާއި ރޯނާއި ބޮއްޔާއި އެ ނޫނަސް އެ ފަހަރަކަށް ވެރިކަމުގެ ފަރާތުން ހަމަޖައްސަވާފައިވާ ތަކެއްޗެއް އެ ތަނުން ގަނެއެވެ. ހަނޑުލާއި ފުށާއި ގޮދަނާއި ދޯބުރާލި ހަކުރާއި ދިޔާހަކުރު އެ ތަނުން ވިއްކަމުންދިޔަ އެވެ. ނަމަވެސް ހަނގުރާމައިގެ ދަތި ބޮޑުވީމާ ކާޑުގެއިން ވެސް އެފަދަ ތަކެއްޗެއް ޢާއްމުކޮށް ނުލިބެއެވެ. ވަކި ކޮންޓްރޯލެއްގެ ދަށުން ބޮލެއްގެ ނިސްބަތުގައި ވަކި ވަރަކަށް ދޫކުރެވެން އޮތް އެއްޗެއް ދޫކުރިއެވެ. ދަރަނި ކާޑުގެ ނަމުގައި ހިސާބަކަށް ކާބޯތަކެތީގެ ބައެއް އެއްޗެތި ދޫކުރަމުން ވެސް ގެންދިޔައެވެ. އެ ދުވަސްވަރު ކާބޯތަކެތި ދަތިވެގެން ހުވަދުއަތޮޅުން 800 ވަރަކަށް މީހުން ކާޑުބަލީގައި މަރުވެދިޔަ ކަމަށް އެ ދުވަސްވަރުގެ އަތޮޅުގެ ކަންކަން ލިޔުއްވި ފަރާތަކުން ލިޔުއްވާފައިވެއެވެ. "މާގޯނި" ކިޔާ ބައްޔެއް ވެސް އެ ދުވަސްވަރު ފެތުރިގެންދިޔަ އެވެ.

ދެވަނަ ބޮޑުހަނގުރާމަ ފެށުނީ ހުވަދުއަތޮޅުގައި ހުންނެވި އަތޮޅުވެރިޔާގެ އަތޮޅުވެރިކަމުގެ ދެވަނަ ދައުރުގައެވެ. "ހަވަރު އޮންލައިން" ސައިޓުން އެ ބޭފުޅަކާއި އެ ބޭފުޅެއްގެ ދަރިކޮޅުގެ ބައެއް ޚަބަރުތައް އެނގެން އެބަ ހުއްޓެވެ. މަޑަވެލީ މޫސިޔާގެ ދަރިކޮޅުގެ ބޭފުޅެކެވެ. މޫސިޔާގެ މަރިޔަމްގެ މުޙައްމަދު ކަލޭގެފާނެވެ. މަޝްހޫރު ޙާޖީ މުޙައްމަދު ކަލޭގެފާނެވެ. އެ ދުވަސްވަރު ހަވަރުތިނަދޫގައި ހުންނެވި އެންމެ ތަނަވަސް ފަރާތެވެ. ނަމަވެސް އަތޮޅާއި ހަވަރުތިނަދޫގެ ޙާލަތު އެ ހިސާބަށް ދާންޖެހުނީ އޭނާގެ ބެއްލެވުން ކުޑަކަމާއި އަޅާލެއްވުން ކުޑަކަމުން ކަމަށް ރާއްޖޭގެ އޭރުގެ މަތީވެރިޔާއަށް ޤަބޫލުފުޅު ކުރެވިއްޖެއެވެ. އެ ކަމުގެ ފޫޅު ކެނޑުއްވީ އަތޮޅުވެރިޔާއަށެވެ. ކެނޑުއްވި ގޮތަކުންނެވެ. އެ ގޮތަކީ ކޮބައިކަން ރަނގަޅަށް އެނގިވަޑައިގަންނަވާނީ ވެސް ސީދާ އެ މަނިކުފާނަށެވެ. އެނގެން އޮތް އެކައްޗަކީ މުޙައްމަދު ކަލޭގެފާނާއި މެދުގައި އެ މަނިކުފާނު ލިޔުއްވާފައިވާ ލިޔުއްވުމެކެވެ. އެ މަނިކުފާނު ލިޔުއްވާފައިވާ "ކަނޑުން ފިރުކެމުން ވައިން އުދުހެމުން" މި ފޮތުގައެވެ. ދަތުރުނާމާއެކެވެ. އެ ފޮތުގައި އެ މަނިކުފާނު ލިޔުއްވައެވެ.

"ޅަތުއްތުއާއި، ކުޑަދޮންކަލޭފާނާއި، އަތޮޅުވެރީން، ޑަންގީއަށް އަތުވެއްޖެ އެވެ. އައުމުން ޅަތުއްތޫއާއި ބީރު ޢަލި ދީދީ މުޙައްމަދު ކަލޭގެފާނަށް އަންގައިދީ އެދެމީހުންނަކީ،އަތޮޅުވެރީންގެ މައްޗަށް އަތޮޅުގެ ކަންތައް ބެލުމަށް ލައިފައިވާ ދެމީހުންކަން އަންގައިދީ މުޙައްމަދު ކަލޭގެފާނަށް ނަޞޭޙަތްދީ ހެދީއެވެ."

ރަޖަބުމަހު ތިންވަނަރޭ ފަތިހު އާރުކާޓީއަކަށް އަތޮޅުވެރި މުޙައްމަދު ކަލޭގެފާނު ގޮވައިގެން ދެވަނަފަހަރަށް އައްޑުއަށް ދިއުމަށް ދަތުރު ފަށައިފީމު އެވެ. އެރޭ މެންދަމެއްހައިރު އަޅުގަނޑުމެންނަށް ފިޔަވަރީ ބަނދަރާއި ހަމަވެވިއްޖެ އެވެ. ދެން އެރޭ އެތާނގާ ތިބެފައި އެރޭ ފަތިހު ދޫކޮށްލީ އެވެ. ދޯނީގައި ފަޅުވެރިންކަމުގައި ތިބީ ހަވަރުތިނަދޫ މީހުންނެވެ. އެބައިމީހުންނަކީ ރަށުން ހޮވައިގެން ނަގާފައިތިބި ފަލިޖެހުމަށް އެންމެކުރީ މީހުންނޯލައެވެ. އެބައިމީހުންގެ ފަލިޖެހުމުގެ ކުޅަދާނަ ކަމެއް ރަޙީމްވަންތަ ﷲ އަޅުގަނޑުމެންނަކަށް ނުދެއްކެވި އެވެ. ކޮންމެއަކަސް އަޅުގަނޑުމެން އެންމެންގެ އެއް ދުޢާއަކީ އެބައިމީހުންނާއި އެކަތިގަނޑަށް އަޅުގަނޑުމެން އެރުމަށް އިރާދަ ނުކުރެއްވުމެވެ. އާމީން! މިހެނީ އެއަށްވުރެން ކަންނެތް ގޮތްކުޑަ އެއްވެސްބަޔަކު އަޅުގަނޑުމެން ނުދެކެމު އެވެ. އެކަމަކު އެހެން އެކަންވީކަމީ ވެސް މާބޮޑު ޢަޖާއިބެއް ނޫނެވެ. މިހެނީ އެބައިމީހުންނަށް އަމުރުކުރާނޭ ވެރިއެއް ނެތެވެ. އަތޮޅުވެރީންނެކޭ، ދޯންޏަށް ހަވަރު ތިނަދޫން ލާފައިވާ މާލިމީއެކޭ، ފަޅުވެރީންނެކޭ، ކުޑަވެސް ތަފާތެއް ނެތެވެ. އެންމެން ގޮތް ކިޔަނީ އެވެ. އެކެއްގެ އަމުރެއް ވެސް ނުހިނގައެވެ. ނަތީޖާއަކަށްވީ އަޅުގަނޑުމެން ފަސިންޖޯރުން ދުވަހަކުވެސް އަދި ނޫފުލާހާ އުނދަގޫ އުފުއްލާން ޖެހުނު ކަމެވެ."

މަތީގައި އެ ވަނީ އޭރު ދިވެހިދައުލަތް ހިންގަވަން ހުންނެވި އެންމެ އިސްވެރިޔާ އަލްއަމީރު މުޙައްމަދު އަމީން ލިޔުއްވާފައިވާ ލިޔުއްވުމެކެވެ. ޙާޖީ މުޙައްމަދު ކަލޭގެފާނަކީ، ބަޔެއްގެ މެދުގައި ބަސްނުވިކޭ، އަދި ޝަޚުޞިއްޔަތުގައި އެހާ އޮއްޓަރެއް ހުރި ބޭފުޅެއްނޫން ކަމަށް ސިފަކޮށްދެއްވޭ ގޮތަށް އަލްއަމީރު މުޙައްމަދު އަމީން ލިޔުއްވުމަކީ އެ ކަން އެހެން ވުމުގައި އެ ދެ ފަރާތުގެ މަޢުނަވީ ސަބަބުތަކެއް އޮތް ގޮތަކަށް އޭރު އޮތް ކަމެއްކަމަށް ޤަބޫލުކުރެވެއެވެ. އެ ސަބަބުތަކަކީ ކޮބައިތޯ މި ލިޔުމުގައި ނުބެލިކަމަށް ވިއަސް އެނގޭ އެއްޗަކީ ޙާޖީ މުޙައްމަދު ކަލޭގެފާނުގެ އިސްތަށިފުޅަށް ރާއްޖޭގެ އެންމެ އިސްވެރިޔާ ކަނޑުއްވާލެއްވީ ދެވަނަ ބޮޑުހަނގުރާމައިގައި ހުވަދުއަތޮޅާއި ހަވަރުތިނަދޫގެ ދަތިކަމުގެ ފޫޅުކަމެވެ. ދެ ފަހަރު މަތިން 31 އަހަރު ހުވަދުއަތޮޅުގެ އެންމެ އިސް ވެރިކަންކުރެއްވި ބޭފުޅެއް ނަމަވެސް "އުރަތްޕެއް" ނެތް ބޭފުޅެއްކަމެވެ.

އެ ދުވަސްވަރު މުޙައްމަދު ކަލޭގެފާނަކީ ހަވަރުތިނަދޫގެ އެންމެ ތަނަވަސް ފަރާތަށްވީމާ އެ ޢާއިލާގެ މީހުންގެ ބަނޑުފުރާނަ މުއްތިކުރުމަށް އޭނާގެ ގޭގެ ގުދަނުގައި އަމިއްލަ މަދު ކާޑުގެބާވަތެއް ހުރުމަކީ ވެދާނެ ކަމެކެވެ. އޭނާ ރާއްޖެއިން ބޭރުގެ ދަތުރުކުރާ ދެ އޮޑި ގެންގުޅުއްވިއެވެ. މިއީ މައްސަލައެކެވެ. ހަވަރުތިނަދޫގެ ކޮންމެވެސް ބަޔަކު ކުދިކިޔައި އުޅުނުކަމަކަށް ވެދާނެއެވެ. އަދި އެ ދުވަސްވަރު މީސްތަކުންގެ ބަނޑުހައިހޫނު ބޮޑުވެ ގޯތިގެދޮރާއި ރަށްރަށުގެ ރަށުތެރެ އެންމެ ރަނގަޅަށް ސާފުތާހިރު ނުކުރެވޭކަމީ ވެސް މުޙައްމަދު ކަލޭގެފާނުގެ މައްސަލައެކެވެ. އޭނާގެ އިސްތަށިފުޅަށް އެ ކަމުގެ ފޫޅު ކަނޑަންޖެހުނު ކަމެކެވެ. އެ ކަން ކުރާނީ ކިހިނެއްތޯ ކޮންބަޔެއްތޯ ބަލާކަށް ބޭނުމެއް ނޫނެވެ. ވެރިންގެބޮލަށް ކަންކަމުގެ ފޫޅުކަނޑާ ގޮތަށެވެ.
              -----------------------
ޢަބުދުﷲ ޙިލްމީ
06 މާރޗް 2014މ.