ޓޮޕް – ފައިވްގެ ނަންތައް


ބަޙުރު ހިންދުން ބަޙުރުގެ މައްޗަށް ހިކިފައިވާ ޖަޒީރާތަކުގެ ތެރެއިން މަޙަލްދީބޭ ކިޔުނު ރަށްގަނޑުތަކުގެ ގޮނޑުދޮށްތަކަށް ބާވަތްބާވަތުގެ ތަކެތި ލައްގަމުން ދިޔުމީ އިހުއްސުރެ ހިނގަމުން އަންނަ ކަމެކެވެ. ކިޔެއްހޭ، ބަނީ އިސްރާއީލުންގެ މައްޗަށް ފިރުޢައުނު ފާވެގަތުގެ ކުރިންވެސް މިމަގަށް މިކަމެއް ހިނގަމުން ދެއެވެ.

މަޙަލްދީބޭ ކިޔުނު ރަށްގަނޑުތަކުގެ ގޮނޑުދޮށްތަކަށް މިބާވަތުން ލައްގަމުން ދިޔަ ތަކެތީގެ ގިނަކަމާއި މިތަކެތީގެ މޮޅުކަމާއި މިތަކެތީގެ އޮފުދާރުކަމާއި މިތަކެތީގެ މައްޗަށް މީސްތަކުންގެ އޮތް މުހުތާދުގެ ބޮޑުކަމާއި މިކަންކަމުގެ ވާހަކައީ، ބޮޑެތިބޮޑެތި ފޮތްތަކުގައި ނޫނީ އާދަމުގެ ދަރިންގެ ބަޔަކަށް ބަޔާންކުރެވޭނެ ކަންކަމެއްނޫނެވެ. އެހެނެއްނޫނޭ ނަޖިދުކަލޭގެ (އެބަހީ އިބްލީސް) އާއި މިސޮރުގެ ވާގިވެރީނާއި ޖިންނީންކުރެ މާރިދުންނަށް މިކަމަކީ ދާދި ފަސޭހަކަމަކަށް ވެދާހުއްޓެވެ.  

މިމަގަށް މިކަން ހިނގަމުންދަނިކޮށް މަޙަލްދީބޭ ކިޔުނު ރަށްގަނޑުތަކުގެ ގޮނޑުދޮށްތަކަށް ލައްގާ ތަކެތީގެތެރެއިން އެންމެގަދަ 5 އެއްޗެއް (އެބަހީ، ޓޮޕް ފައިވް) ކަނޑައެޅުމާ ބެހޭ މެދުމިނުގެ މަހާސިންތާއެއް ފުރަމާލޭގައި ބޭއްވުމަށް ނިންމައި ޞަލަވާތް ފާތިޙާއާއި ދަންނަ ހެޔޮ އެއްޗެއް ކިޔެވުމަށްފަހު އިހު ބުނެވިދިޔަ މަހާއޭ ކިޔުނު ސިންތާ ފަށައިގަތޫއެވެ. ރިވާކުރެއްވި ބެއިބެއިކަލުން ރިވާކުރައްވަނީ މިސިންތާއެއްގައި ބުއްދިވެރި އާދަމުގެދަރިންނަށްވުރެ ގިނައީ، ނަޖިދުކަލޭގެ (އެބަހީ، އިބްލީސް)ގެ ވާގިވެރީންގެ ތެރެއިންވެސް ބުއްދިމަދު އާދަމުގެދަރިންގެ ސިފައިގައިވާ މަޚުލޫގުންތަކެއް ކަމުގައެވެ.

މިސިންތާއެއްގެ ދީބާޖާގެ ވަކިވަކި ފަޞްލުތަކުގައި ބަޔާންވެގެންވާ ތަރުތީބުމަގުން ކަމަކަށްފަހު ކަމެއް ފަށައި ނިމެމުންދިޔައެވެ. މީގެތެރެއިން މިސިންތާގައި ފުރަތަމަ ހުށަހެޅީ ރަށްގަނޑުތަކުގެ ގޮނޑުދޮށްތަކަށް ލައްގާ ވަކިވަކި ތަކެތީގެ ސީދާ ނަމެއް ނުމެ އެނގޭތީވެ، އެތަކެއްޗަށް ކިޔާނެ ނަންތަކެއް ކަނޑައެޅުމުގެ ކަންތަކެވެ. މިބަޙުސެއްގެ އަޑުގަދަކަމާއި ވަގުތުގެ ދިގުކަމާއެވެ. ފަހެ، ދޮޅުގަޑިއިރާއި ދޮޅުމަސްދުވަހާއި ދޭތެރެއަށް މުއްދަތު ދެމިގެންދިޔަ މިސިންތާގައި ލައްގާ ތަކެއްޗަށް ކިޔާނެ ނަންތަކެއް ކަނޑައެޅުމަށްފަހު ދެން ފާސްކުރީ ދިވެހި ގޮނޑުދޮށްތަކަށް ލެއްގި ތަކެތިގެ ތެރެއިން އެންމެ ނަންހުރި އަދި އެންމެ ކަންހުރި ޓޮޕް – ފައިވް އެވެ. މިތަކެތި ފާސްކުރީ މުޅި މަހާސިންތާގެ ހަތަރުބައިކުޅަ ފަސްބައިގެ ބޮޑުވެގެންވާ އަޣުލަބިއްޔަތުންނެވެ.

1- ޖިންސުގެގޮތުން އަންހެން ފިރިހެން ވަކިނުވާ ޚުންސާ ފާޑުގެ އެންމެހައި ތަކެއްޗަށް "ލާމަރުކަޒީ" (ކުރުކޮށް ފޮނިކޮށް، ލާ-ނޫނެކޭ)

2- އެއްފަރާތް ގޭނި ކަންފަތިވެފައިވާ އެންމެހައި ތަކެއްޗަށް "ހިއުމޯން ހޯމޯން ލެފްޓްރައިޓްސް" (ކުރުކޮށް ކުޅިކޮށް، ޕާގަލްހޭ)

3- ބޭރުން ފެންނަފެނުމަށް ފިސާރި ކަންހުރި އެތެރޭގައި ކަމެއްނެތް އެންމެހައި ތަކެއްޗަށް "ސިވިލް އެވިލް ސަރުވީސް" (ކުރުކޮށް މަޖާކޮށް، އަށުތިރިއްކު ސައުވީސް)

4- ޖަމަލުފޮޑި ގޮތަށް ހުސް އަޑެއްހުންނަ އެންމެހައި ތަކެއްޗަށް "ބްރޯޑްކާސްޓް ކޮމާޝަލް" (ކުރުކޮށް ކުޅިކޮށް، ފޮޓޯ އެކޮޅުކޮޅުން)

5- އަޑުއަޑުލައްވާހެން ހީވާ ފިރުޢައުނު މުދާ ފާޑުގެ އޮޔާދާ އެންމެހައި ތަކެއްޗަށް "މޯލްޑިވްސް ޕޮލިޓިކްސް ވެޑިންގ ޕާޓީ" (ކުރުކޮށް ދިގުކޮށް، އަވަސްއަވަހަށް ކުލަ ބަދަލުކުރާ، އަދި ފައިސާކޮޅަކަށް ހެއްލޭ)
                  -----------------------
ޢަބްދުﷲ ޙަސަން ހުޅުދުމައިގެ
17 މޭ 2014މ.