ނިޝާން ޣާޒީގެ ޢިއްޒަތުގެ އަޞްލު




ޕޯޗްގީޒުންގެ ސަތާރަ އަހަރުގެ ނުބައިކަމާއި ކާފިރުކަމުގެ އަޅުވެތިކަމުގެ ދަށުގައި ދިވެހީން ނޭވާހޮޅިއަށް އެޅި މަރަށް ޙާޟިރުވެ ތިއްބައި އެ މީހުން ސަލާމަތްކޮށްދެއްވިއެވެ.

ރަސްމީ ފަތްކޮޅުތައް(ސިޓީތައް) ފެށުމުގައި ދަޢުލަތުގެ ނިޝާނެއްގެ ގޮތުން هوالغنى ލިޔުއްވަން ފެއްޓެވުމާއި، މިނިވަން އިސްލާމީ ދަޢުލަތެއްގެ ގޮތުގައި الدولةالمحلديبية ރަސްމީގޮތުން އުފެއްދެވުމާއި، ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޯހިމަނުއްވައި މީސްތަކުންގެ މައްޗަށް އިޤްތިޞާދު ހަމަޖެއްސެވުމާއި، ދިވެހީންގެ މަދަނިއްޔަތާއި ޙަޟާރަތް އަލުން އަނބުރައި އިޢާދަކުރެއްވުމާއި، އުވިދިޔަ މިސްކިތްތައް އަލުން ބިނާކުރައްވައި އެ މިސްކިތްތައް ބަލަހައްޓަވަން “ބޯގަ” ހަމަޖައްސަވައިދެއްވުމާއި، ދިވެހި ލަޝްކަރު (ހަނގު ބޭކަލުން) އުފައްދަވައި އެމީހުންނަށް ހަނޑުލުން މުސާރަދެއްވަން ފެއްޓެވިއެވެ.

އަދި މާލޭގައި ދިފާޢީ ޙަމަލާގެ ބުރުޒުތައް ބިނާކުރައްވައި ދިވެހި ލަޝްކަރަށް ހެވިކަމުގެ ތަމްރީނު ދެއްވަން ފެއްޓެވުމާއި،  ރާއްޖޭގައި އިސްލާމީ ޝަރީޢަތް ޝާފިޢީ މަޒުހަބަށް ހިންގަވާން ފައްޓަވައި މާލޭގައި ފަނޑިޔާރުކަމުގެ މަރުކަޒު ބިނާކުރެއްވުމާއި، ރާއްޖެތެރެއަށް ހުއްދަފަތް(ފަރުޟް، ޙަރާމް، ޙަލާލު، ސުންނަތް އެންގެވި ލިޔުން) ފޮނުއްވުމާއި، ރާއްޖޭގައި ފުރަތަމަފަހަރަށް ލީގަލް ޓެންޓަރެއް (ޤާނޫނީ ފައިސާ) ތަޢާރަފުކުރެއްވުމުގެ ގޮތުން ދިގުލާރި ޖެއްސެވުމާއި، ތާނައަކުރު ލިޔުއްވަން ފެއްޓެވުމާއި މިފަދަ މަތިވެރި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅަކު، ހުވަދުއަތޮޅު ތިނަދޫގައި ހުންނަވައިގެން ބިނާކުރެއްވި މިސްކިތެއް އުވާލައި އެ ތާނގައި އިސްލާމުންނަށް ނަމާދުކުރެވޭނޭ އެއްވެސްގޮތެއް ނެތިގެން އެ މީހުން ކޮޅުކޮޅަށް ދުވަމުންދާ އިރު، ހަމަ އެ ބޭފުޅަކަށް ނިސްބަތްކޮށް ޢިއްޒަތުގެ ނިޝާންތަކާއި ދަރަޖަތަކާއި މަޤާމްތައް އެކި ފަރާތްޕުޅުތަކަށް ދެއްވުމުގެ އެއްވެސް ބޭނުމެއް އެބަ އޮތްތޯއެވެ. އޭގެ އެއްވެސް އަގެއް އެބަ ހުރިތޯއެވެ. އޭގެ އެއްވެސް ބުރަދަނެއް އެބަ ހުރިތޯއެވެ.


ނިޝާން ޣާޒީގެ ޢިއްޒަތަކީ ދިވެހިރާއްޖޭގައި ހަމަޖެހިފައިވާ އެންމެމަތީ ޢިއްޒަތްކަމަށް އެބަ އިވެއެވެ. މިހެންކަމަށްވާނަމަ މި ޢިއްޒަތުގެ އަޞްލު ނިސްބަތްވާ ނުވަތަ މި ޢިއްޒަތުގެ ޙަޤީޤަތް ރަމްޒުކޮށްދޭ ފަރާތްޕުޅަކީ އެ ބޭފުޅެއްގެ ޤަދަރާއި އިޙުތިރާމް ވެސް ދިވެހިރާއްޖޭގެ އެންމެއުސް ކުންނުތަކަށް ވުރެ އަދި އެންމެއުސް ކުރިބޯށިތަކަށް ވުރެ މައްޗަށް އުފުލިފައިވާން ޖެހޭ ފަރާތްޕުޅަކަށް ވާން ޖެހޭނެއެވެ.

ދިވެހިރާއްޖޭގައި "ނިޝާން ޣާޒީގެ ޢިއްޒަތް" ނިސްބަތްވާ ނުވަތަ އެ ޢިއްޒަތް ރަމްޒުކޮށްދޭ ފަރާތްޕުޅަކީ އުތީމު މަހާރަދުންނެވެ. ޣާޒީ ރަދުންނެވެ. އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންނެވެ. އެ ރަދުންނަކީ ހަމަ އެކަނި ޕޯޗްގީޒުންގެ ސަތާރަ އަހަރުގެ ނުބައިކަމާއި ކާފިރުކަމުގެ އަޅުވެތިކަމުގެ ދަށުން ދިވެހިރާއްޖެ މިނިވަންކޮށްދެއްވި ހިތްވަރުގަދަ ފަހުލަވާނަށްވީ ނަމަވެސް ކަނޑުގެ ސަޠަޙައިގެ މައްޗަށް ދިވެހިރާއްޖެ އުފުލިފައި އޮތްހައި ހިނދެއްގައި އެ ރަދުންނަކީ މުޅި ދިވެހިރާއްޖެ އެ ރަދުންނަށްޓަކައި ފަޚުރުވެރިވުން ޙައްޤު ޤައުމީ ބަޠަލުކަމުގައި ވާނެއެވެ. އެ ރަދުންގެ އެ މަތިވެރި އިސްލާމީ އަދި ޤައުމީ ޖިހާދުގެ ޛިކުރާ އައުކުރުމާއި އެ މަތިވެރި ޤުރުބާނީއާއި އެފަދަ ދެވަނައެއް ނެތް ޚިދުމަތުގެ އަގު ވަޒަންކުރުމަކީ ދިވެހިރާއްޖޭގެ އެންމެހައި މުވާޠިނުންގެ މަތިވެރި މުޤައްދަސް ވާޖިބެއްކަމުގައި ވާން ޖެހޭނެއެވެ. މިހެންނުވާނަމަ އެ ރަދުންނަށް ނިސްބަތްވާ ޢިއްޒަތާއި ދަރަޖަތަކާއި މަޤާމްތަކުގެ އެއްވެސް ބޭނުމެއްނެތެވެ. އޭގެ އެއްވެސް އަގެއްނެތެވެ. އޭގެ އެއްވެސް ބުރަދަނެއް ނެތެވެ.
                   -----------------------

ޢަބުދުﷲ ޙިލްމީ
27 ޖުލައި 2013

ފޮޓޯ: ހަވީރު ނޫސް
މަޢުލޫމާތުގެ ޙިއްޞާ:
http://www.bmc.gov.mv/main/boduthakurufaanu