ތާރީޚީ މަޢުލޫމާތްތަކުގައި ބަގުޑިބައްދައިގެން ކަށްވަޅަށްއެތަނެއްގެ ޤައުމިއްޔަތަށް ބޭނުންތެރި ތާރީޚީ މަޢުލޫމާތްތަކަކީ އެތަނެއްގެ އެންމެހައި އަފުރާދުންގެ ޙައްޤެކެވެ. އެންމެހައި އަފުރާދުންނަށް އެނގެންޖެހޭ އެއްޗެކެވެ. މީގެތެރޭ ޢާއްމުކޮށް އެހެނިހެން އަފުރާދުންނަށް ވެސް ބޭނުންތެރި އަދި އެމީހުންނަށް އެނގިފައިނުވާ މަޢުލޫމާތްތަކެއް ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް އެނގޭގޮތެއްވެ އެނގިފައި އޮތުމަކީ ވެދާނެކަމެކެވެ. އެހެންނަމަވެސް މިފަދަ މީހުންނަކީ ވެސް އެމީހުންނަށް އެނގިފައިވާ މަޢުލޫމާތަކީ އެހެނިހެން އަފުރާދުންނަށް ވެސް ބޭނުންތެރި އެއްޗެއްކަމަށްވާނަމަ އެބަޔަކާއި ޙިއްޞާކުރަންޖެހޭ ބަޔެކެވެ. އެކަން ކުރެވެންއޮތް ގޮތަކުންނެވެ. އެގޮތަކީ އެކަމަށްޓަކައި ހޭދައެއް ކުރަންޖެހިގެން އޭގެ ބަދަލެއް ބޭނުންވާނަމަ އެ ބަދަލެއް ލިބިގެންނެވެ. އެފަދަ ބަދަލެއް ބޭނުންނުވާނަމަ ބޭނުންނުކޮށެވެ. ކޮންމެގޮތެއްވީނަމަވެސް މިފަދަ މަޢުލޫމާތްތަކަކީ އެހެން ބަޔަކާއި ޙިއްޞާނުކޮށް އެމީހަކު ނޫނީ އެބަޔަކު އޭގައި ބަގުޑިބައްދައިގެން ކަށްވަޅަށް ގެންދަންޖެހޭ އެއްޗެއްނޫނެވެ.

އެތަނެއްގެ ޤައުމިއްޔަތަށް ބޭނުންތެރި ތާރީޚީ މަޢުލޫމާތްތަކަކީ އެތަނެއްގެ ވެރިކަމުގެފަރާތުން އެއްކޮށް އެތަނެއްގެ އަފުރާދުންނާއި ޙިއްޞާކުރާ އެއްޗެކެވެ. ދުނިޔޭގެ ޤައުމުތަކުގައި ޒަމާނުއްސުރެ މިކަން ކުރަމުން ގެންދެއެވެ. ދިވެހިރާއްޖޭގައި ވެސް މިކަން އޮތީ މިހެންނެވެ. އެކަންކުރާ ތަނެއްގެ ނަމާއި މީހުންނަށް ބަދަލުއައިކަމަށް ވިޔަސް ކަމަކީ ކުރާ ކަމެކެވެ. މިހެންވުމުން އެތަނަކާއި އެބަޔަކަށްވެސް އެފަހަރަކަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދޭންޖެހެއެވެ. ވެރިކަމުގެ ފަރާތުންނާއި އަފުރާދުންގެ ފަރާތުންނެވެ. މިކަން މިގޮތަށްކޮށްގެން ނޫނީ ނަމެއްގައި ތަނެއް ހުއްޓަސް އަދި ނަމެއްގައި ބަޔަކު ތިއްބަސް އެތަނަކާއި އެބަޔަކަށް ކުރެވޭނޭ ކަމެއް ނޯންނާނެއެވެ.

ދެންއޮތީ ކުރިން  ދެންނެވިގޮތަށް ތާރީޚީ މަޢުލޫމާތްތައް އެތަނެއްގެ އަފުރާދުންނާއި ޙިއްޞާކުރުމުގެ ކަންތަކެވެ. މިކަމުގައި ވަކިވަކި އަފުރާދުންނަށްވުރެ އިސް ދައުރެއް އަދާކުރެވޭނީ ވެރިކަމުގެ ފަރާތުން އެކަމަށްޓަކައި އުފައްދައިފައިވާ ތަނެއްގައި ތިބޭ ބަޔަކަށެވެ. އެއީ އެކަމުގައި ގިނަ ސަބަބުތަކެއް ހުރީމައެވެ. މިހެންވީއިރު އެފަރާތްތަކުން އެކަންކުރުމީ ޤައުމީކަމެއްގެ ގޮތުގައި ދެކެންޖެހެއެވެ. މިހެންމެ ތާރީޚީ މަޢުލޫމާތްތައް ހޯދުމަށް އެދޭ ވަކިވަކި އަފުރާދުންނަށް އެމަޢުލޫމާތްތައް ފޯރުކޮށްދިނުމަކީ ވެސް ވެރިކަމުގެ ފަރާތުން އެކަމަށްޓަކައި އުފައްދައިފައިވާ ތަނެއްގައި ތިބޭ ބަޔެއްގެ ޤައުމީކަމެއްގެ ގޮތުގައި ދެކެންޖެހެއެވެ. ވާޖިބެއްކަމުގައި ބަލަންޖެހެއެވެ. ނަމަވެސް ހިތާމައަކީ މިކަންކަން އެންމެރަނގަޅަށް ނުދާތީއެވެ. ތާރީޚީ މަޢުލޫމާތްތަކަކީ ތިމާމެންނަށް ނޫން އެހެންބަޔަކާއި ޙިއްޞާކުރަން ނުޖެހޭނޭ ތިމާމެންގެ މިލްކެއްކަމުގައި ދެކޭތީއެވެ. އަދި މުޖުތަމަޢަށް ފައިދާކުރަނިވި އަފުރާދުންނަށް އޭގެ ބޭނުންތެރިކަން ބޮޑު މަޢުލޫމާތްތައް ތިމާމެންނާއެކީ ކަށްވަޅަށް ގެންދިޔުމަށް ކަމަރު ބަނދެ އޭގައި ބަގުޑި ބައްދާ އެއްޗަކަށްވާތީއެވެ.
       -------------------------------------

ލިޔުއްވީ: އިބްރާހީމް އާދަމް
18 އޯގަސްޓް 2013