އާދަނުގެ މިލްކުވެރިކަން



އާދަނުގެ މިލްކުވެރިކަން ސާބިތުކުރުމަށްޓަކައި މެގަފޯނާއި ރޭޑިޔޯއިން ގޮވަމުންދާ އިޢުލާނެކެވެ. އެ އިޢުލާނުގައި ވަނީ އާދަނު އަލަށް ޖެހި ދަތްޕިލައާއި، އޭނާ ގެންގުޅޭ އެންމެހައި މުންޑާއި، ސަތާރަ ސޯރުފޮތިކޮޅާއި، ރަތްކުލައިގެ ދެ ހަރުވާޅާއި، މިދިޔަ ޖެނުއަރީ މަހު ކެއި އެންމެހައި ކާތަކެއްޗާއި، ބުއި ފެނާއި، އެތަކެތި ބޭރުވިނަމަ ބޭރުވި ނަރުދަމާއާއި، އާދަނުގެ ގޭގެ ވަޅާއި، އެވަޅުގެ ދާންޏާއި، އެދާނިން ނެގި ފެނާއި، އަދި އެގޭ ބަދިގޭގެ އެންމެހައި ސާމާނުގެ މިލްކުވެރިކަމާއި މެދު ދަޢުވާކުރާ ފަރާތެއްވާނަމަ ހަތްދުވަހުގެތެރޭ އެކަން އަންގަންޖެހޭ ފަރާތަށް އެންގުމަށެވެ.

މި އިޢުލާނުގެ އަޑުއިވުމާއެކު ވިލާތު ކުކުޅެއްހެން ފުންމައިގެން ގޮސް އާދަނުގެ ކުރިމައްޗަށް ޖެހިފައި ހައްވަ ބުންޏެވެ. "އެ ގޮވާ އެއްޗެއް އެބަ އަޑު އިވޭހެއްޔެވެ. ތިޔަހަރަ ދެ ކަންފަތުން އެ އަޑު އަހައިބަލާށެވެ. އާދަނު ދުނިޔެއަށް އުފަންވީފަހުން މީހާގެ އެތެރެހަށްޓަށް ލެވުނު އެންމެހައި ކާތަކެތީގެ އަގުވެސް ދައްކަން ޖެހުނީއެވެ. މީހާގެ ހަށިގަނޑުގެ މިލްކުވެރި ފަރާތަކީވެސް ކޮބައިތޯ ބަލާ ހިސާބަށް ދިޔައީއެވެ. އެހެންވާނެ ނޫންހެއްޔެވެ. މީހާ ތިޔަހަރަ ދަނީ ދުވާލަކު ޕާޓީއަކަށް ސޮއިކުރަމުންނެވެ. އެއްދުވަހާ ދެ ޕާޓީއަށް ވެސް ސޮއި ކުރަނީއެވެ. މިގޭ ދޮރުން އެތެރެވާ ކޮންމެ ފޯމެއްގައި އެބަ ސޮއިކުރެއެވެ. އެއިން ކޮންމެ ޕާޓީއެއްގައި އުޅެން ޖެހެއެވެ. އެމީހުންބާއްވާ އެއްވުންތަކަށް ދާން ޖެހެއެވެ. ނުދިޔައިއްޔާ އެމީހުން އިލެކުޝަނުގެ ބޮޑުމީހާ ގާތު އެޝަކުވާ އެބަކުރެއެވެ. ވިސްނައިބަލާށެވެ. ތިޔައީ އިންސާނުން އުޅެންވާ ވައްތަރެއްހެއްޔެވެ. އާދަނުމެން ދުނިޔެއަށް އައީ ހިތަކަށް ދުނިޔެ ތަޅައި ތިރިއަރުވާލައިފައި އެނބުރި ދާންހެއްޔެވެ. ސޮއިކުރާ ކޮންމެ ޕާޓީ ފޯމަކަށް ލިބޭ ފައިސާއަކީ ޙަލާލުވާނެ އެއްޗެއްހެއްޔެވެ. މާދަމާވެސް މަރުވެދާނެއެވެ. ތިޔަ ވައްތަރަށް ނުއުޅެ އިޞްލާޙުވެ ބަލާށެވެ.

ޙައްވަ ދިޔުމުން އާދަނުގެ ހިތަށްއެރިއެވެ. އެވެސް ދޮގެއްނޫނެވެ. ކުޑަ ލާރިކޮޅަކަށް މި ވިއްކައިލެވެނީ މަގޭ ނަފުސެވެ. އެކަން އެނގޭބަޔަކުވެސް ތިބޭނެތާއެވެ. އެކަމަކު އެމީހުންނަށް ވެސް އެނގެން ޖެހޭ އެއްޗެއް އޮންނާނެއެވެ. ގޯނިގޯނީގެ ވަޢުދު ހިފައިގެން ރައްޔިތުންގެ ގާތަށް ތިމާމެން މިއަންނަ ބޭނުމާމެދުގަ އެވެ. މިއަންނަނީ ރައްޔިތުންނަށް ހެޔޮ އެދިގެން ރައްޔިތުންނަށް ރަނގަޅަކަށްތޯ، ނޫނީ ތިމާމެންގެ އަމިއްލަބޭނުމާއި އަމިއްލަ ފައިދާއަށްޓަކައި ތިމާމެންނަށް ރަނގަޅަކަށްތޯއެވެ. ޕާޓީ ހަދަނީ ނިކަމެތި ރައްޔިތުންގެ ބައިތުލްމާލުން ތިމާމެންނަށް ލިބޭނޭ ލާރިއާއި، ތިމާމެން ބައިވެރިވާ ސަރުކާރަކުން ތިމާމެންނަށް ލިބޭނޭ ސުލޮޓާއި، ފުލެޓާއި، މަޤާމާއި، ކަން ފަސޭހަކަމާއި، އަތް ފަސޭހަ ކަމާއި، މިކަންކަމުގެ ބޭނުމުގައިތޯ މިއީ އެބަޔަކު ވެސް ދަންނަން ޖެހޭ ކަމެކެވެ. މިކަން ދަންނަން ޖެހެނީ އަހަރެމެން އެކަންޏެއްނޫނެވެ. ދެފަރާތުންވެސް މިކަން ދަންނަން ޖެހެއެވެ. އޭރުން އިންސާނުންގެ މިލްކުވެރިކަމުގެ އިޢުލާނެއް އެގޮތަކަށް ގޮވާކަށް ނުޖެހޭނެއެވެ. އެފަދަ އިޢުލާނެއް ނުގޮވި ނަމަވެސް އިންސާނުންގެ މިލްކުވެރި ފަރާތަކީ ކޮބައިކަން ތިޔަ ޕާޓީ ހަދާ މީހުންނާއި އަހަރެމެންނަށް ވެސް އެނގޭނެއެވެ.
                  --------------------------------------
7/2/2013