މީހާއަށްވުރެ ޕާޓީ ބޮޑު، ޕާޓީއަށްވުރެ ޤައުމު ބޮޑު، ޤައުމަށްވުރެ އަމިއްލައެދުން ބޮޑު



އާދަނު އަބަދުވެސް ބުނަނީ އޭނާއަށްވުރެ އޭނާގެ ޕާޓީ ބޮޑުކަމަށާއި އަދި ޕާޓީއަށްވުރެ އޭނާގެ ޤައުމު ބޮޑުކަމަށެވެ. މި ޢިބާރާތް ހަމަ މި ގޮތަށް އެތައް ތަނެއްގައި އާދަނު ތަކުރާރުކުރަމުން ގެންދާއިރު އާދަނު އެ ބުނާ އޭނާގެ ޤައުމަށްވުރެ އޭނާގެ އަމިއްލައެދުން މާ ބޮޑުކަމަށް ބުނާމީހުން އެ ރަށުގައި މަދެއްނޫނެވެ. މީގެތެރޭ އެންމެބޮޑަށް ނަގައިކިޔާ މީހަކީ ވެސް އާދަނާއި ވަކި ދުރުހިލޭ މީހެއްނޫނެވެ. އޭނާގެ 11 ކުދިންގެ އަމަޔެވެ. ހައްވައެވެ. ހައްވައަށް ވާނީ ވެސް އެހެންތާއެވެ. އާދަނު އެ ބުނާ ޕާޓީއަކީ ކޮބައިކަމެއް އާދަނަށް ވެސް ވަކި އެނގެނީކީ ނޫންކަން ހައްވަ ރަނގަޅަށް ދަނޭވިއްޔާއެވެ. އެހެނީ މަދު ދުވަހެއްގައި ނޫނީ އާދަނު މަދުވެގެން ދެތިން ޕާޓީއަށް ސޮއިނުކުރާ ދުވަހެއް މަދުވާނެއެވެ. އެ ރަށުގައި ތިބި އެކި މީހުންނާއި އެ ރަށަށް އައިސް ގޮސްވާ އެކި މީސްމީހުން އެ މީސްމީހުން ނިސްބަތްވާ ޕާޓީއަށް ތާއީދު އިތުރުކުރުމަށްޓަކައި އެކި މީހުން ޕާޓީއަށް ވެއްދުމަށްޓަކައި ކުރަމުންގެންދާ މަސައްކަތުގައި އާދަނުގެ ފުރިހަމަ އެއްބާރުލައިދިނުން އަބަދު ވެސް އޮވެއެވެ. ކޮންމެ ބަޔަކު ކޮންމެ ޕާޓީއެއްގެ ފޯމެއް ހިފައިގެން އާދަނުގެ ގާތަށް ދިޔަ ނަމަވެސް އެ ބަޔަކަށް ފުރިހަމައަށް އިޙުތިރާމް އަދާކޮށް އެ ބަޔަކު ގެނައި އެއްޗެއްގައި ސޮއިކުރަމުން ދަނީ އާދަނުގެ ހިތްހެޔޮކަން ނޫން ދެން އެހެން ކޮންކަމެއްހެއްޔެވެ.

އާދަނު ބުނަނީ ޕާޓީތަކުގެ ފޯމް ހިފައިގެން އޭނާގެގާތަށް އަންނަނީ ޖަނަވާރުންނޫން ކަމަށެވެ. އިންސާނުން ކަމަށެވެ. އެ މީހުންނަށް ކަމޭހިތަންވާނެއެވެ. އެއިން މީހަކު އެފަދަ ކަމަކު އެދިގެންއައި ނަމަ އެ ވަގުތަކަށް ވެދެވެން އޮތް އެހީތެރިކަމެއް ވެދޭން ޖެހޭނެއެވެ. އެހެންނަމަވެސް އެ ގޮތުން ވެދެވޭ އެހީތެރިކަމަކީ ކަންދެއްކުމަކަށް ވެގެންނުވާނެއެވެ. ޕާޓީތަކުން ބާއްވާ ބޮޑެތިބޮޑެތި ޖަލްސާގެ އިސްޓޭޖުތަކަށް އަރައި އެ ޕާޓީއެއްގެ ބޮޑުމީހާގެ ގައިގައި ބައްދައިގެން ހުރެ ފޮޓޯ ނަންގުވައި އެ މީހާގެ މުލައްދަނޑީގައި ތުއިގޮތަކަށް ބޮސްދީ، އެ މީހަކާއި ފޯމް ޙަވާލުކޮށް އޭގެ ފަހުން އެ ތަނެއްގައި ބަހައްޓާފައި ހުންނަ ފޮށިގަނޑުގައި ހަރުކޮށްފައި ހުންނަ މައިކު ޚައްލާގެ އެތެރެއަށް ވައްދައިގެން ހުރެ ތިމާގެ ނެތްވަރު ދައްކައި ފޮނިކަނޑައިގެން ނުވާނެއެވެ. އަދި އެ ޕާޓީގެ ބޮޑުމީހާއަކީ މި ދުނިޔޭގައި ލައްވާފައިނުވާ ފަދަ ގިނަ ކަންކަންކުރެވޭ ކަންކަން ކޮށްދެވޭނޭ މީހެއްކަމަށް ބުނެ ހުވާކޮށްގެން ވެސް ނުވާނެއެވެ.
އެހެނީ މަތިމައްޗަށް ހަތްހުވާ ހަތްފަހަރު ކުރި ނަމަވެސް އެ ހުވާކުރާ މީހާއަކީ ކިހާ ފެންވަރެއްގެ ކާކުކަމާއި އަދި އެ ބުނާ ބޮޑުމީހާއަކީ ވެސް ކާކުކަން އެނގޭނޭ މީހުން އެ ރަށެއްގައި މަދެއް ނުވާނެއެވެ. މިހާވަރު ވީމާ ބުނެވޭނީ ފޮނިކަނޑާ މީހާއަށްވުރެ އޭނާގެޕާޓީ ބޮޑު ނަމަވެސް ޕާޓީއަށްވުރެ ޤައުމުބޮޑޭ ބުންޏަސް ޙަގީގަތުގައި އެ މީހާގެ ޤައުމަށްވުރެ އެ މީހާގެ އަމިއްލައެދުން މާ ބޮޑު ކަމަށެވެ. އެކަން އެނގޭނީ ވަތުބަތާނަ ބަލައިލީމައެވެ.

އެހެންވީމާ އެފަދަ ބޮޑު ދޮގުހެދުމާއި އޮޅުވާލުމާއި ހީލަތުގެ ފާފަ ގޯންޏެއް ހިފައިގެން އެ އިސްޓޭޖަކުން އެ މީހަކު ފައިބައިގެން ވެސް ނުވާނެއެވެ. އެ މީހެއްގެ އަޖަލު ހަމަވަންދެން އެ ހުރި ގޮތަށް ހުންނަންވާނީ ހަމަ އެ އިސްޓޭޖުގައެވެ.
           -----------------------------------------------
26 ޖޫން 2013މ.