ދިވެހިރާއްޖޭގައި ގިނަ ބަޔަކު މަރުވިކަން އެނގޭ ކޮލެރާ


މިއީ ވާހަކައެކެވެ. ކިޔާލުން އެންމެ ރަނގަޅު ޙަގީގީ ވާހަކައެކެވެ. ދިވެހިރާއްޖޭގައި މިހާތަނަށް ގާތްގާތުގައި ހުވަދުއަތޮޅުގައި ގިނަ ބަޔަކު މަރުވިކަން އެނގޭ ކޮލެރާގެ ވާހަކައެކެވެ. ހަވަރުތިނަދޫން މީހުން ބޭލުމުގެ ޙާދިސާ ހިނގި ދަތުރުގައި ދިވެހިސަރުކާރުގެ ބޯޓް "ސިލްވަރކްރެސްޓް" ހަވަރުތިނަދޫއަށް އައީ ވެސް ތިނަދޫ އަލިދޯދި އފ. ޢަބުދުﷲ ޢަފީފާއި އަޅުގަނޑާއި ދެ މީހުން ފޫހިފިލުވާލުމުގެ ބޭނުމުގައި ވާހަކައެއް ކިޔުމަށް ޢަފީފުމެން ގޭގައި ތިއްބަ އެވެ. ހުސް ވަގުތުގެ ފޫހިފިލުވައިލުމަށް އެއް ބަޔަކު ވާހަކަކިޔައި އުޅޭ ގޮތަށެވެ. ޢަފީފަކީ އެ ވަގުތަށް މަދުރަސީ ޙަޔާތް ނިންމަވައި ސަރުކާރަށް ޚިދުމަތްކުރައްވަމުން ގެންދެވި އަޅުގަނޑާއި އަބަދު ވެސް ގާތް ބޭފުޅެކެވެ. އޭރު ވެސް މިހާރު ވެސް ދިވެހިބަހާއި އަދަބުގެ ކުރިޔަށް ހުންނެވި ބޭފުޅެއްކަމަށް އަޅުގަނޑު ދެކެމެވެ. އަޅުގަނޑުމެން ދެ މީހުން އެކަކު އަނެކަކަށް ވާހަކަކިޔައި އުޅެނީ ބައެއް ފަހަރު ހިތުންނެވެ. އަނެއްބައި ފަހަރު ދިވެހިބަހާއި ދިވެހިއަދަބީ މޮޅު ބޭފުޅުން ލިޔުއްވާފައިވާ ފޮތްތަކުން ބަލައިގެންނެވެ. އަޅުގަނޑުމެން ނޫނަސް އޭރާއި މިހާރު ވެސް ވާހަކަ ކިޔައިއުޅޭ ބަޔަކު މައިގަނޑުގޮތެއްގައި ކިޔައި އުޅޭނީ ޚިޔާލީ ވާހަކައާއި ޙަގީގީ ވާހަކަ އެވެ. މި ލިޔުމުގައި ވާނީ ފަހުން ދެންނެވި ވައްތަރުގެ ވާހަކައެކެވެ. ވިދާޅުވަން ބޭނުންފުޅުވާ ބޭފުޅަކު އެ ކަން ކުރައްވާނެ އެވެ. ބޭނުންފުޅު ނޫން ބޭފުޅަކު އެ ކަމެއް ނުކުރައްވާނެތާ އެވެ.


1978 ވަނައަހަރު ދިވެހިރާއްޖޭގައި ހަލުވިކަމާއެކު ފެތުރިގެން ދިޔަ ކޮލެރާ ރޯގާގެ ވާހަކަ ދައްކާމީހުން، އެ ވާހަކަކިޔާ މީހުން މިހާރު ވަރަށް މަދުވާނެ އެވެ. އެ ފަހަރުގެ ކޮލެރާ ރޯގާއަކީ އޭގެ ކުރިން ރާއްޖޭގައި ފެތުރިގެންދިޔަ ކަން އެނގިފައިނުވާ ފަދަ އަވަސް މިނެއްގައި ވަރަށްގިނަ ބަޔަކު އެ ބަލީގެ ސަބަބުން ދުނިޔެދޫކޮށްލި ބައްޔެކެވެ. މިއީ ކާބޯތަކެތީގެ ޒަރީޢާއިން އަނގައިން އެތެރެހައްޓަށް ވާޞިލްވާ ޖަރާސީމެއްގެ ސަބަބުންޖެހޭ ބައްޔެކެވެ. ބަލިޖެހޭތާ 24 ގަޑިއިރު ތެރޭ ދިރިހުރުމާއި މަރާއި ދެގޮތުން ކޮންމެވެސް އެއްގޮތެއްވާ ކަމަށް ބެލެވޭ ބައްޔެކެވެ. ކޮލެރާއަކީ ކޮންކަހަލަ ބައްޔެއްތޯ ބައްލަވަން މި ލިޔުން ވިދާޅުވާ ބޭފުޅުން ބޭނުންފުޅުވާނަމަ ގޫގްލްސްގައި ސާރޗްކޮށްލައްވަ ބައްލަވާށެވެ.

ކޮލެރާ އަކީ "ވިބްރިއޯ ކޮލެރާ" ކިޔާ ޖަރާސީމެއްގެ ސަބަބުން ފެތުރިގެންދާ ނުރައްކާތެރި ބައްޔެކެވެ. ހޯދުންތަކުން އެނގިފައިވާ ގޮތުން މި ބަލި ޖެހެނީ ކާބޯތަކެއްޗާއި ބޯން ގެންގުޅޭ ފެނުގައި މި ޖަރާސީމް އެކުވެގެން ހަށިގަނޑުގެ ތެރެއަށް ދިޔުމުގެ ސަބަބުންނެވެ. ބަލީގެ ޢަލާމާތަކީ ގިނަގިނައިން ބަނޑު ދިޔާކޮށް ބޮޑުކަމުދިޔުމާއި އަދި ބޮޑުކަމުދާ ތަކެތީގައި ހުދުކުލައިގެ ސެލްސް ތަކެއް (ހަނޑޫ ފުއްތަކެއްގެ ސިފައިގައި) ހުރުމެވެ. އަދި މީގެ އިތުރުން ހޮޑުލެވުމާއި، ހިތުގެ ވިންދު އަވަސްވުމާއި، ލޭގެ ޕްރެޝަރ ދަށްވުމާއި، ކަރުހިއްކުމާއި، އަކުނިވަޔަށް ދެމުމާއި، ގައިގެ ހަންގަނޑު ދޫވެފައި ހުރުމާއި ހިތް ނުތަނަވަސް ކަން އިޙްސާސްވުން ހިމެނެއެވެ. މި ބަލި ޖެހުމުން ގިނަ އަދަދަކަށް ބޭރަށްހިންގުމުގެ ސަބަބުން ހަށިގަނޑުން ފެން ހުސްވުމުން ފުރާނައަށް ވެސް ނުރައްކާވެ އެވެ. މި ބައްޔަށް ދެވޭ އެންމެ ޚާއްޞަ ފަރުވާއަކީ ބަލިޖެހޭ މީހާއަށް ގިނަގިނައިން ދިޔާ އެއްޗެތި ދިނުމެވެ. ޚާއްޞަކޮށް ލޮނުޕެކެޓް ދިނުމެވެ.

ކޮލެރާ އެއްމެ ފުރަތަމަ ފެނިފައި ވަނީ މީގެ އެތައް ގަރުނެއްގެ ކުރިންނެވެ. އެންމެ ފުރަތަމަ ކޮލެރާގެ ޢަލާމާތްތައް ހުންނަ ކަހަލަ ބައްޔެއް މީލާދީން 1000 ވަނަ އަހަރުގެ ކުރީކޮޅު ފެނުނީ އިންޑިޔާއިންނެވެ. މިގޮތުން ގޭސް ހެދިގެން ވާ އުނގަދޫތަކަށާއި ބޭރަށްހިންގުމާއި ހޮޑުލެވުމުގެ ބަލިތަކަށް ކޮލެރާ މި ބަސް 17 ވަނަ ގަރުނުގައި ބޭނުން ކުރެވެން ފެށި އެވެ. އޭގެ ފަހުން ކޮލެރާ ވަރަށް ގިނައިން ފެތުރިފައިވެ އެވެ. 18 ވަނަ ގަރުނުގައި އިނގިރޭސި ވިލާތުން ޚާއްޞަކޮށް 1854ގައި މި ބަލި ވަރަށް ބޮޑަށް ފެތުރިގެން ދިޔަކަށް ފާހަގަ ކުރެވިފައިވެ އެވެ. 

އިނގިރޭސިވިލާތުގައި 10 ދުވަހުގެ ތެރޭގައި 500 މީހުން މަރުވެގެން ދިޔުމުން އެ ގައުމުގެ ޑޮކްޓަރެއްކަމުގައިވާ ޑރ. ޖޯން ސްނޯވް ކުރެއްވި ދިރާސާއަކުން ބަލި ފެތުރެން މެދުވެރިވި ސަބަބު ހޯދިއެވެ. "ބްރޮޑް ސްޓްރީޓް ޕަމްޕް" ނަމުން ނަން ދެވިފައިވާ ލަންޑަންގެ ގެތަކަށް ފެން ދޫކުރުމަށް ހަދާފައިވާ އެންމެ މައި ފެން ޕަމްޕްގައި މި ބަލި ފަތުރާ ޖަރާސިމް ހުރިކަން ހޯދާ އެ ޕަމްޕްގެ ހެންޑެލް ނައްޓާލުމުން ކޮލެރާ ޖެހިގެން މަރުވާ މީހުން އަދަދު މަދުވެ ބަލި ފެތުރުން ހުއްޓުނެވެ. ޑރ. ޖޯން ސްނޯވް އަށް މި ބަލި ޖެހެނީ ކޮން ގޮތަކުން ކަން ނުހޯދުނަސް މި ބަލި ޖެހެން މެދުވެރިވި ސަބަބާއި މި ބަލި ފެތުރުން ހުއްޓުވޭނެ ގޮތް އޭނަ ހޯދި އެވެ. މިއީ މި ޒަމާނުގެ ގޮތަށް ބަލި ފެތުރެން މެދުވެރިވާ ސަބަބު ހޯދުމަށް އެންމެ ފުރަތަމަ ކުރެވުނު ތަޙްލީލެވެ. ގިނަ ޢަދަދަކަށް މި ބަލި ފެތުރިގެން ދިޔައީ 21 ވަނަ ގަރުނުގައި ،ފާއިތުވި 10 އަހަރު ތެރޭގައި އިންޑިޔާ، އިރާން، ވިއެޓްނާމާއި އެފްރިކާގެ ގިނަ ގައުމުތަކަށެވެ. ސާފު ބޯފެނާއި ރައްކާތެރިކަމާ އެކު ތައްޔާރުކުރެވިފައިވާ ކާބޯތަކެތި ލިބެން ނުހުންނަ ނަމަ މި ބަލި އަދި ވެސް ފެތުރެމުން ދާނެ ކަމުގައި ކަމާބެހޭ މާހިރުން ވިދާޅުވެ އެވެ. 

ދިވެހިރާއްޖޭގެ ލިޔެކިޔުންތަކުން މިހާރު ރަނގަޅަށް އެނގެން ނެތް ރާއްޖޭގެ ކުރީގެ ޒަމާންތަކުގައި ރާއްޖޭގެ މީހުން އުޅުނު ބައެއް ރަށްރަށް ފަޅުވެ އާބާދީ ނެތިވެ ގޮސްފައި ވަނީ މިކަހަލަ ކޮންމެ ވެސް ރޯގާއެއްގެ ސަބަބުން އެ ރަށްރަށުގައި އުޅެމުން ދިޔަ މީސްތަކުންގެ ގިނަ ބަޔަކު މަރުވެދިޔުމުން ކަމަށް ބެލެވެ އެވެ. އެ ރަށްރަށުގައި ފެތުރުނު އެފަދަ ރޯގާއަކުން ސަލާމަތްވެވުނު ބަޔަކުތިބި ނަމަ އެ ބަޔަކު ރަށް ދޫކޮށްލައި އެހެން ރަށްރަށަށް ހިޖުރަކުރަނީ އެވެ. ރަށްރަށުގެ ބޮޑުންގެ ވާދަވެރިކަމުގައި އޭގެ އެކަކު އަނެކަކަށް ސިހުރު ހާހޫރަ ކުރުމުން ރަށްރަށް ފަޅުވެދިޔަކަމަށް ވެސް ބުނެވެ އެވެ. ހުވަދުއަތޮޅު ކާޑެއްދޫއަކީ އެފަދަ ރަށެއްކަމަށް އިހުގެ ވާހަކަތަކުން އެނގެ އެވެ.

ދޮންބަންޑާރައިންގެ ޒަމާނުގައި ހުވަދުއަތޮޅުގައި މީހުން އުޅުނު 70އަށް ވުރެ ގިނަ ރަށްރަށް ހުރިކަމަށް ބުނެވެ އެވެ. އެ ދުވަސްވަރަކީ ފަޅުރަށްރަށް ލިޔުއްވައިގެން އުޅުނު ބައެއް މީހުން އެ މީހެއްގެ ޢާއިލާއާއި ބައެއް ގާތްމީހުން ވެސް އެ ރަށްރަށަށް ގެންގޮސްގެން ވަޒަންވެރިވެ އުޅުނު ޒަމާނަކަށް ވާތީ މީހުން އުޅުނުކަމަށް އެ ބުނާ  70 ރަށުގެ ތެރޭ އެފަދަ ރަށްރަށް ހުރުމަކީ ވެސް ވެދާނެ ކަމެކެވެ. ނަމަވެސް 1836މ. ގައި ހުވަދުއަތޮޅުގައި މީހުން އުޅުނު 30 ރަށް އޮތްކަމަށްވެ އެވެ. ނަމަވެސް އޭގެ ކުރިން ހުވަދުއަތޮޅުގެ މަދުވެގެން 39 ރަށުގައި މީހުން ދިރިއުޅެފައިވާ ކަން އެ ރަށްރަށުގައި ހުރި ތަރަހަތަކުންނާއި، ޤަބުރުސްތާން، އަދި ވަޅު، ވެއޮފަދަ ތަންތަނުން ސާބިތުކޮށްދެ އެވެ. އޭގެ ތެރެއިން މިހާރު ފަޅުވެފައިވާ ރަށްރަށަކީ ކާޑެއްދޫ، ކާށިހުޅުދޫ، ކެރަމިންތާ، ދެޔަނިގިއްލާ، ހެވާހުޅޫދޫ، ކަޅުހިގިއްލާ، ފޮނަހިގިއްލާ، ކަނަންދޫ، މާދޫ، މީހުންތިބޭހުއްޓާ، އާކިރާހުއްޓާ، ކެރެއްދޫ، މާނައިދޫ، މަގުއްދޫ، ގަން، ހުޅުވާރުލު، މާވާރުލު، ކޫއްޑޫ، ހަވޮއްޑާ، އަދި ދިޔަދޫ އެވެ. ދިޔަދޫ ފަޅުވީ އެ ރަށުގެ މީސްކޮޅު މަދުވުމުން ރަށުގައި ދެން ތިބި މީހުން މީހުންއުޅޭ އެހެން ރަށްރަށުގައި ސަރުކާރުން ވަޒަންވެރި ކުރުވުމުންނެވެ. 

1978ގައި ރާއްޖޭގައި ފެތުރެން ފެށީ ކޮލެރާކަން އެނގުމާ އެކު ރޯގާގެ ސީރިއަސްކަމާއި ފެތުރިގެންދާލެއް އަވަސްކަމާއި މީހުން މަރުވަމުން ދާން ފެށުމުން ސަރުކާރުގެ އެންމެ މަތީގެ ފުރިހަމަ ސަމާލުކަމަށް އެ ކަން ވަރަށް އަވަހަށް ގެންނަވައި ގާނޫނުއަސާސީގެ 35ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރުގެ ދަށުން އެ ބައްޔާ ބެހޭ ހުރިހާކަމެއް ކުރުން ސީދާ ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ ބެއްލެވުމުގެދަށުން ކުރައްވަން ފެއްޓެވި އެވެ. އެ ކަމާބެހޭ ކަންކަން އިސްކޮށް ހިންގައި ބެލެހެއްޓުމުގެ މަސައްކަތަށް ގަލޮޅު ބޯޅަދަނޑު ޚާއްޞަ ކުރައްވައި އެ ތާނގައި އެ ކަން ހިނގަމުންދިޔަ އެވެ.

ރާއްޖޭގައި އަވަސް ބާރުމިނެއްގައި ކޮލެރާ ފެތުރެން ފެށުމާ އެކު، ބަލީގެ މީހުންނަށް ފަރުވާ ދިނުމަށް ހިލޭ ސާބަހަށޭ އެ ކިޔާ ގޮތަށް އުޅެން އަމިއްލައަށް ބޭނުންވެގެން ރޭޑިޔޯމެސެޖަކުން ރައީސް އޮފީހަށް އެ ވާހަކަ ދެންނެވީމެވެ. އޭރު މާލެއާއި ރާއްޖެތެރޭގައި ކޮލެރާއަށް ފަރުވާ ދިނުމަށްޓަކައި މެޑިކަލްޓީމްތައް ޙަރަކާތްތެރިވާން ފަށަނީ އެވެ. އަޅުގަނޑުގެ މެސެޖް ރައީސް އޮފީހަށް ލިބިވަޑައިގެން އިރު ހުވަދުއަތޮޅުގައި ފަރުވާކުރުމަށް "ސިންދުބާދު" ލޯންޗްގައި  މެޑިކަލް ޓީމެއް ހުވަދުއަތޮޅަށް ދަތުރުކުރަނީ އެވެ. އެ ޓީމްގެ އިސް ވެރިޔަކަށް ހުންނެވީ މ. ދޫރެސް ޢަބުދުﷲ ޖަމީލެވެ. ރައީސް އޮފީހުން އަޅުގަނޑަށް ކޮޕީ ކުރައްވައި އެ މަނިކުފާނަށް ފޮނުއްވި މެސެޖެއްގައިވަނީ" ހުވަދުއަތޮޅަށް ވަޑައިގެން އެ ޓީމްގައި އަޅުގަނޑު ވެސް ބައިވެރިކުރައްވައި ފަރުވާގެ ކަންކަން ކުރިއަށް ގެންދެވުމަށް ފަހު މާލެ ވަޑައިގަންނަވާ އިރު އަޅުގަނޑު މާލެ ގެންނެވުމަށެވެ." 

އެ ދުވަސްވަރު މީހުން އުޅޭ ހުރިހާ ރަށްރަށެއްގައި ޞިއްޙީ ފަރުވާކުރާ މީހުންނާއި ތަންތަން ނުހުރެ އެވެ. އަތޮޅެއްގައި އެންމެ މީހަކާއި އެންމެ ތަނެއް ނޫނީ ނުހުރެ އެވެ. އެހެންވީމާ ކޮލެރާއަށް ފަރުވާކުރުމަށް ޖެހުނީ މޯބައިލް ޓީމްތަކުންނެވެ. އެއް ރަށުން އަނެއް ރަށަށް މީހުންނާއި ފަރުވާއާއި ގެންގޮސްގެންނެވެ. އެ ފަހަރު "ސިންދުބާދު" ޓީމާއި، "ކުވާމާމުޓާ" ޓީމްގައި ހުވަދުއަތޮޅުގެ 4 ރަށެއްގައި ފަރުވާދިނުމުގެ މަސައްކަތް އަޅުގަނޑު ކުރީމެވެ. ރަތަފަންދޫ، މަޑަވެލި، ކޮލަމާފުށި، ރަތަފަންދޫއެވެ. އެ ފަހަރު ފަރުވާގެ މަސައްކަތް ކުރަމުން ދިޔަ ޓީމްގެ ޓެކްނިކަލް އެންމެންނަކީ ވެސް ބަލިން ރައްކާތެރިވެ ސަލާމަތްވެ ތިބުމަށް ޕްރިވެންޓިވް ޑްރަގެއް ބޭނުންކުރަން ޖެހުނު ބަޔެކެވެ. މިއީ އެ ބަލި ޖެހިފައިވާ ބޮޑެތި މީހުންނަށް ދެމުން ގެންދާ ޑޯޒާއި ދާދި އެއްވަރު ބާރުމިނެއްގެ ޑޯޒެކެވެ. އެންޓިބައޮޓިކްސްއެކެވެ. ބައެއް ރަށްރަށަށް ޓީމްތަކަށް ދެވުނު އިރު ބައެއް ފުރާނަ ދުނިޔެ ދޫކޮށްފި އެވެ. އަޅުގަނޑު ފަރުވާދިން ރަށްރަށުގާ ވެސް އޭގެ ކުރިން ބައެއް ފުރާނަ ދުނިޔެ ދޫކޮށްފި އެވެ. އަޅުގަނޑު ގޮސްގެން ފަރުވާއާއި ހަމަޔަށް ދެވުނު އިރު ފަރުވާދިން ނަމަވެސް ގަދަނުވާ ހިސާބެއްގާވާ ވަރަށްމަދު ފަރާތެއް ފިޔަވައި ﷲ ގެ އިރާދަފުޅާއެކު އެންމެން ސަލާމަތްކުރެވުނެވެ. ކޮންމެ ރަށެއްގެ ބަލި އެންމެން ރަށުގެ ރަށްވެހިގެއަށް ނުވަތަ ލިބެންއޮތް އެންމެ ޖާގަ ބޮޑުތަނަކަށް ގެނެސްގެން ފަރުވާކުރަނީ އެވެ. ބައެއް ފަރާތްތައް ދުނިޔެ ދޫކުރީ އެފަދަ ތަންތާނގަ އެވެ. ބައެއް ފަރާތްތައް އެފަދަ ތަންތަނަށް ގެނައުމުގެ މަގުމަތީގަ އެވެ. އަޅުގަނޑުގެ ޙަޔާތުގައި ދިމާވި ބަލިމީހުންގެ އެންމެ އަސަރުކުރުވި މަރުތައް ހިނގާފައިވީ އެ ފަހަރު އެވެ. މަޑަވެލީގައި ގާތްގާތުގައި ދެ އެނދެއްގައި ބާއްވައިގެން ބޭސްދީ އައިވީ ގުޅައި ފަރުވާ ކުރަމުން ދިޔަ ދެމައިންގެ ތެރެއިން އަންހެންދަރިފުޅު ނިޔާވެ ދިޔައީ މަންމައަށް ހަމަ ރީތިކޮށް އެ މަންޒަރު ސިފަވާ ޙާލުގަ އެވެ. އެނގުމާއި ފެނުމާއި އިވުމުގެ ޙިއްޞަށް އެއްވެސް އުނިކަމެއް ނެތި އެވެ. "ދަރިފުޅު މިހާރު އެ ނިޔާވީއޭ" ބުނެ ގިނަ އިރުތަކެއް ނުވެ މަންމަ ވެސް ނިޔާވެދިޔައީ އެވެ. އެ ދެމައިންނަށް ހެޔޮ ރަޙުމަތް ލައްވާށި އެވެ. މިކަހަލަ ކިތަންމެ ހިތްދަތި މަރެއް އެ ފަހަރު ފެނިފައިވެ އެވެ.

ކޮލެރާއަށް ފަރުވާކުރުމަށް އަޅުގަނޑު އުޅުނު 4 ރަށަކީ ވެސް އެފަދަ ނުރައްކާތެރި ބައްޔެއް އެހާ އަވަހަށް ފެތުރިގެން ދާތީ ކޮންމެ މީހަކު ވެސް އެ މީހަކާއި އެ މީހެއްގެ ބެލުމުގެ ދަށުގައިވާ ޅަދަރިންކޮޅުގެ ސަލާމަތަށް ވިސްނަންޖެހުނު ސީރިއަސް 4 ރަށެކެވެ. އޭގެ ކުރިން އެ ބަލި އެ ރަށްރަށް ފިޔަވައި ރާއްޖޭގައި ވެސް ތަޖުރިބާކުރި ކަން ލިޔުންތަކުން އެނގެން ނެތް ބައްޔެކެވެ. ކޮލެރާއަކީ ބަންގްލާދޭޝް ފަދަ ބައެއް ތަންތާނގައި ފެންބޮޑުވުމާއި އެހެން ވެސް ކަންކަމާއި ގުޅިގެން ދޭތެރެ ދޭތެރެއިން ފެންނަމުން ޖެހެމުން އެއަށް މީސްތަކުން ހޭނެމުން ދިޔަ ބައްޔަކަށް ވިއަސް ރާއްޖޭގެ އެ ޖީލަށް އާ ބައްޔެކެވެ. ބަލިޖެހުމުން ދިމާވާ ކަންކަމުގެ ތެރެއިން ޚާއްޞަކޮށް ހޮނޑުލުމާއި ބޭރަށް ހިންގުމުން ހަށިގަނޑުން "ފެނުގެބައި" މުޅީން ހުސްވެއްޖެ ނަމަ ދުނިޔެ ދޫކޮށްލަންޖެހޭ ބައްޔެކެވެ. އެހެންވުމުން ހިތްވަރު ހުރި އަދި އަޅާލާނޭ މީހުން ތިބި ބަލިމީހުން އެ ބަލިން ސަލާމަތްވުމަށް ޑޮކްޓަރީ ބޭހެއްގެ ބޭނުންނުކޮށް ވެސް އެ ފަހަރު ސަލާމަތްވެފައި އެބަ ހުއްޓެވެ. ބޭރުވާ ވަރަކަށް އެތެރެކުރާ އުޞޫލުންނެވެ. ހޮނޑުލުމާއި ބޭރަށް ހިންގުމުން މަދުވެގެންދާ ފެނުގެބައި އަނބުރައި ގެނެސްގެންނެވެ. އެންމެ ކުޑަމިނުން ކުރުނބާ ފެނާއި ހަކުރުކޮޅަކާއި ލޮނުކޮޅަކާއި އެއްކޮށް ފެން އަޅައިގެން ބުއިމާއި ހަޖަމަށް ދަތިވާނޭ އޮއްޓަރު އެއްޗެތި ނޫން އެހެން އެއްޗެތި ބޭނުންކުރުމެވެ. މިއީ ހިތްވަރު ހުރި ބަޔަކަށް ކުރެވިދާނޭ ކަމެކެވެ.

ކޮލެރާގެ އެ ފަހަރު ރަތަފަންދޫ، މަޑަވެލި، ދެއްވަދޫ. ކޮލަމާފުށިން އަޅުގަނޑަށް ފެނުނީ އެކަކު އަނެކަކަށް އޯގާތެރި އަޅާލުން ބޮޑު މާޙައުލެކެވެ. އެ މީހަކު ނުވަތަ އެ މީހާ ފިޔަވައި އޭނާގެ ބެލުމުގެ ދަށުގައިވާ ބަޔަކަށް އެހީތެރިވެ އަޅާލުން އޮންނަގޮތަށް އެހެން މީހުންނާމެދު ވެސް އެ ކަންކަން އެ ގޮތަށް ކުރިއެވެ. މިއީ ޝުކުރު ޙައްގު ނަމޫނާއެކެވެ. ރަށްރަށުގެ ވެރިންނާއި ޢާއްމުންގެ ފަރާތުން ވެސް އެ ކަންކަން އެ ފަހަރު ފެނިފައިވެ އެވެ. އެ ފަހަރު އެ ރަށްރަށުގައި އަޅުގަނޑު ކުރަންޖެހުނު މަސައްކަތުގެ ބޮޑުކަމާއި ބުރަކަން އެ ރަށްރަށުގެ ހަމަ އެންމެން ވެސް ވަޒަންކުރެ އެވެ. އޭރުއްސުރެ މިހާތަނަށް ވެސް އެ ބޭފުޅުންނާއި އަޅުގަނޑާއި ދެމެދު ވަރަށް ގުޅުން ރަނގަޅެވެ.

ކޮލެރާގެ ބަލިމީހުންނަށް ފަރުވާކުރުމަށް ހިލޭ ސާބަހަށް އަޅުގަނޑު އުޅުމާއި ގުޅިފައިވާ ސަރުކާރުގެ ތަފާތު ދެ އިނާމެއް އަޅުގަނޑަށް ލިބުނެވެ. އެއް އިނާމަކީ އަޅުގަނޑުގެ ޚިދުމަތް ރަނގަޅަށް އެނގިވަޑައިގެން ދެއްވި އިނާމެކެވެ. އަނެއް އިނާމަކީ އަޅުގަނޑުގެ ޚިދުމަތް އެއްވެސްވަރަކަށް އެނގިވަޑައިނުގެން ދެއްވި އިނާމެކެވެ. ދެ އިނާމަކީ ވެސް އޭގެ ޒާތުގައި ކޮލެރާއަށް ފަރުވާދިނުމާއި ގުޅިފައިވާ ކަމެކެވެ. މިއީ ދިވެހިސަރުކާރުން އެއް އިރެއްގާ ވެސް އެކަކަށް ޖެހިޖެހިގެން އެހާ އަވަހަށް ދެއްވައިފައިވާ ކަން އަޅުގަނޑަށް އެނގިފައިނުވާ ވަރުގެ ތަފާތު ދެ އިނާމެކެވެ. 

ކޮލެރާއަށް އަޅުގަނޑު ކުރި ފަރުވާ އެނގިވަޑައިނުގެން ސަރުކާރުން ދެއްވި އިނާމަކީ އެ ދުވަސްވަރުގެ މަޝްހޫރު "ޗައިނާބަގީޗާ" ކިޔުނު މާލޭ ޖަލުގައި ވަރަށް ނިކަމެތި އިހާނެތި ދެރަވަރު ގޮތެއްގައި މަހަކަށް ވުރެ ގިނަ ދުވަހު ބަންދުކުރުމެވެ. އެ ތާނގައި މިހާރު އެ ހުރީ އިސްލާމީ މަރުކަޒެވެ. މި އިނާމު އަޅުގަނޑާއި ހަމައަށް އައީ އެއިރު ހަމަޖެހިފައިއޮންނަ އުޞޫލުގެ މަތިން ކަން ހިނގައި ގޮސް އެންމެ ފަހުން އެ އިރުގެ މިނިސްޓަރ އޮފް ޕަބްލިކް ސޭފްޓީ އޮނަރަބްލް ޢަބުދުލް ޙަންނާން ޙަލީމްގެ ބެއްލެވުމުގެ ދަށުގައިވާ ސިފައިންގެ އޮފީހުންނެވެ. ކޮލެރާގެ ނުރައްކަލުގެ ތެރޭގައި އެ ބައްޔަށް ފަރުވާކުރުމަށް ހިލޭ ސާބަހަށް އަޅުގަނޑު އުޅުމުގެ ގައުމީޚިދުމަތް އެނގިވަޑައިގެން ސަރުކާރުން ދެއްވި އިނާމަކީ އެހާ ތަނަށް އަޅުގަނޑު ސަރުކާރަށް ޚިދުމަތްކުރުމުގެ ބޮންޑްގެ ދުވަސްކޮޅެއް އޮތުމާއެކު ވެސް އޭގައި ނުހިއްޕެވުމާއި ޕްރައިވެޓް ޕްރެކްޓިސްގެ އުޞޫލުން ބަލިމީހުން ބަލައި ފަރުވާކުރުމުގެ ހުއްދަ ދެއްވުމާއި (މިހުއްދަ އިމްތިޙާނެއްގައި އިށީދެގެން އަލުން ހޯދަންޖެހުމުން އެގޮތަށް ހޯދީމެވެ.) އެ ކަމަށް ބޭނުންވާ ޑޮކްޓަރީބޭސް ދޫކުރުމުގެ ހުއްދަ ދެއްވުމާއި ބޭސްފިހާރައެއް ހިންގުމުގެ ހުއްދަ ދެއްވުމާއި މަސައްކަތަށް ބޭނުންވާނޭ ބައެއް އިންސްޓްރޫމަންޓް ދެއްވުމެވެ. މި އިނާމު ދެއްވީ އެ އިރު ހަމަޖެހިފައި އޮންނަ އުޞޫލުގެމަތިން ކަން ހިނގައި ގޮސް އެންމެ ފަހުން އެ އިރުގެ މިނިސްޓަރ އޮފް ހެލްތު އޮނަރަބްލް މުއުމިނާ ޙަލީމެވެ. ކުރިން ދެންނެވި ސޭފްޓީ މިނިސްޓަރގެ ކޮއްކޯފުޅެވެ. އެއް ކަމެއް އެއް ބޭފުޅެއްގެ ސީދާ ބެއްލެވުމާއި އެކު އެވެ. އަނެއް ކަމެއް އަނެއް ބޭފުޅެއްގެ ނުސީދާ ބެއްލެވުމުގެ ދަށުންނެވެ. ސަރުކާރުގެ ތަފާތު ދެ ވައްތަރެކެވެ.
                  ----------------------

ޢަބުދުﷲ ޙިލްމީ
24 ޑިސެމްބަރ 2012މ.
http://havaruonline.blogspot.com/2011/09/blog-post_19.html