ކަޅުބަންޑާރައިންގެ "ބާރެއް ނެތް" ވެރިކަން





މީލާދީން އަށާރަ ވަނަ ގަރުނުގެ ފަހުކޮޅާ ބެހޭ މާ ގިނަ މަޢުލޫމާތުތަކެއް ތާރީޚު ފޮތްފޮތުން ލިބެން ނެތް ނަމަވެސް، މި ދުވަސްވަރު ފާހަގަކޮށްލެވޭ ފަދަ ކަންތައްތަކެއް ދިވެހިރާއްޖޭގައި ހިނގައިފައިވެ އެވެ. އެއިރު ދިވެހިރާއްޖޭގެ ތަޚުތުގައި އިންނެވީ ދޮންބަންޑާރައިންގެ ދަރިކަލުން އައްސުލްޠާން މުޙައްމަދު މުޢިއްޒުއްދީން، ކަޅުބަންޑާރައިންނެވެ. މި ރަސްކަމާ ބެހޭ ގޮތުން ހޯދިފައިވާ ހޯދުންތައް މަދުކަމުގައި ވިއަސް، އެދުވަސްވަރު ހިނގައިފައިވާ ބައެއް ކަންތަކުގެ މަޢުލޫމާތު ލިބިފައި ވުމާ އެކު، މި ލިޔުމުގައި އެ ވާހަކަތަކަށް ކޮންމެވެސް ވަރަކަށް ބަލައިލާނަމެވެ. ލިބިފައިވާ މަޢުލޫމާތުން، އެޒަމާނުގައި ދިވެހިރާއްޖޭގެ ވެރިކަމާ ބެހޭ ކަންތައްތައް ހުރި ގޮތުގެ މައްޗަށް ކޮންމެވެސް ވަރަކަށް އަލިއަޅުވާލުމުގެ ނިޔަތުގަ އެވެ. 

މީލާދީން 1773 ވަނަ އަހަރު، އެއިރު ތަޚުތުގައި އިންނެވި ރަދުން، އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީން ޙައްޖަށް ވަޑައިގަތުމުން، ދޮންބަންޑާރައިންގެ ބޭބޭފުޅު ޙުސައިން ބޮޑުފާށަނާ ކިލެގެފާނުގެ ދަރިކަލުން، ހުރާ މުޙައްމަދު މަނިކުފާނު ދިވެހި ތަޚުތު ހިއްޕެވި އެވެ. އެމަނިކުފާނު ރަސްކަމަށް އިސްވެވަޑައިގެންފައި ޚިޔާރުކުރެއްވި ނަންފުޅަކީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން އިސްކަންދަރު(ދެވަނަ) އެވެ. ނަމަވެސް މާ ގިނަ ދުވަސްތަކެއް ވަންދެން އެމަނިކުފާނު ރަސްކަމަކު ނުހުންނަވަ އެވެ. ފަސްމަހާއި ދުވަސްކޮޅަކު ރަސްކަން ކުރެއްވުމަށް ފަހު، ދޮންބަންޑާރައިންގެ މުޙައްމަދު ކިޔުނު ދޮށީ ދަރިކަލުންނަށް ރަސްކަން ދެއްވީ އެވެ. މިރަދުންގެ ނަންފުޅަކީ އައްސުލްޠާން މުޙައްމަދު މުޢިއްޒުއްދީން (އެއްވަނަ) އެވެ. ކަޅުބަންޑާރައިން ގެ ނަންފުޅުން ވެސް ދިވެހީން މި ރަދުންނަށް ނިސްބަތް ކުރެ އެވެ.

މުޙައްމަދު ޝަމްސުއްދީން (ދެވަނަ) ރަސްކަމުން ވަކިވެވަޑައިގަންނަވައިފައި، އަމިއްލަ ނަންފުޅަކަށް މުޙައްމަދު ފާށަނާކިލެގެފާނު މި ނަންފުޅު ޚިޔާރު ކުރެއްވި އެވެ. ރަސްކަމުން ވަކިވެވަޑައިގެންނެވި ނަމަވެސް، ކަޅުބަންޑާރައިންގެ ރަސްކަމުގައި އެންމެ އިސް ރޯލެއް އަދާކުރައްވައި، ބަސްވިދާޅުވަން ހުންނެވީ މި ފާށަނާކިލެގެފާނެވެ. ބުނެވޭ ގޮތުގައި، ފާށަނާކިލެގެފާނު، މުޢިއްޒުއްދީން ރަދުން ތަޚުތަށް އިސްކުރެއްވީ، ބާރެއް ނެތް ރަސްކަލެއްގެ ގޮތުގަ އެވެ. މީލާދީން 1774 ވަނަ އަހަރު، ކުރީގެ ރަދުން، އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީން ޙައްޖުން އެނބުރިވަޑައިގަތުމުން، އެމަނިކުފާނު ކަނޑުފައްތައި ޝަހީދުކޮށްލުމުގެ އަނިޔާވެރި ޢަމަލު ހިންގުމުގައި ވެސް، އިސްވެ އަމުރު ހިންގަވަން ހުންނެވީ ފާށަނާކިލެގެފާނެވެ. އެއިރުގެ މީހުން ކިޔައި އުޅުނު ގޮތުގައި ނަމަ، ބޮޑު ފާށަނާ ކިލެގެފާނު އެވެ. 

މި ދުވަސްވަރު އަދި އެހެން މުހިންމު ޙާދިސާއެއް ވެސް ހިނގި އެވެ. ޣިޔާޘުއަދީން ރަދުންގެ ރަސްކަމުގައި (މީލާދީން  1766- 1773)) ހުވަދު އަތޮޅަށް އަރުވާލެވިފައި ހުންނަވަނިކޮށް، ފިއްލަވައިގެން ފަރަންސޭސީން ހިފައިފައި އޮތް، އިންޑިޔާގެ ޗަންދުރަނަގޯރަށް ވަޑައިގެން އެމީހުންގެ ޙިމާޔަތް ހޯއްދަވައިގެން ހުންނެވި، ހުރާ ޙުސައިން ކަކާތަކުރުފާނު، ރާއްޖެ ހިއްޕެވުމަށް ރޭއްވެވި އެވެ. އޭނާ އަލީރާޖާގެ އެހީ ހޯއްދަވައިގެން، ހަތިޔާރު އަރުވާފައި ހުރި ނަވެއްގައި ޣިޔާޘުއްދީން ރަދުންނާ ހަނގުރާމައަށް ރާއްޖެ ވަޑައިގަތެވެ. ނަމަވެސް މާލެއަށް ވަޑައިގެންނެވި އިރު، ރަސްކަން އޮތީ ހުރާ ދަރިކޮޅަށް ބަދަލުވެފަ އެވެ! ރަސްކަމުގައި އިންނެވީ ކަޅުބަންޑާރައިންނެވެ. ވުމާއެކު ޙުސައިން ކަކާތަކުރުފާނުގެ ޚިޔާލުފުޅު ބަދަލުވެއްޖެ އެވެ. އޭނާ ދެން ޤަޞްދުކުރެއްވީ ރާއްޖެއަށް އޭނާ ދަތުރުކުރެއްވި އަލީރާޖާގެ ނައު، އަތުލައްވާށެވެ. މި މަޤްޞަދުގައި އެނައު މާލެއާ ކައިރިޔަށް ގެނެސް ބޮޑު ބުރުޒު ކައިރީގައި އަޅަން ނަވުގެ މީހުންނަށް އެންގެވީމާ، އެމީހުން މިކަމެއް ނުކުރި އެވެ. ދެން ބޭނުންކުރެއްވީ އެހެން ޙިކުމަތެކެވެ. އެމީހުންނަށްޓަކައި ވަރަށް ރަނގަޅު ކެއުމެއް ހަރުގޭގައި ތައްޔާރު ކުރައްވައިފައި ދަޢުވަތު ދެއްވީ އެވެ. ނަވުގެ ބައެއް ބޮޑުން މާލެ އަށް ފޭބުމުން، ވަރަށް ފުރިހަމައަށް މެހެމާންދާރީ އަދާކުރެއްވުމަށް ފަހު، ކެއުމަށް ތައްޔާރުކޮށްފައި ހުރި އަށިގެއަށް އެމީހުން ވެއްދެވި އެވެ. ނަމަވެސް ކާން ފެށުމާ އެކު، އެތަނަށް ބަޔަކު މީހުން ވަދެ، އެމީހުން ބަނދެ، ހައްޔަރުކޮށްގެން ގެންގޮސް، މިއެންމެން ރާއްޖޭގެ އެކި ރަށްރަށަށް އަރުވާލީ އެވެ. އެއްގަމުގައި ވަރަށް ބޮޑު ގޯހެއް ހިނގައިފިކަން ނަވުގައި ތިބި މީހުންނަށް އެނގުމާ އެކު، ނަވައިގެން އަވަހަށް ފުރައިގެން އެމީހުން އިންޑިޔާ އަށް ހިނގައްޖެ އެވެ. އެހެންކަމުން، ކަކާ ތަކުރުފާނު ބޭނުންފުޅުވި ނަވެއް ލިބިވަޑައެއް ނުގަތެވެ. މި ޙާދިސާގެ ފަހުން މި ކަކާތަކުރުފާނަށް ދޮށިމޭނާކަމަށް ކޮލިލެއްވި އެވެ. އަދި މީނާ ޣިޔާޘުއްދީންގެ ހުވަފަތް އަނބިކަނބަލުންނާ ކައިވެނިފުޅު ކުރެއްވިކަމަށް ވެސް ވެއެވެ.

4 އެޕްރީލް 1777  12 ރަބީޢުލްއައްވަލް 1191 ގައި ދިއުޣާސް (ޑޫރަސް) ނަމަކަށް ކިޔުނު، މުދާ އަރުވައިފައިވާ ފަރަންސޭސި ނަވެއް، ނިލަންދެ އަތޮޅު އުތުރު ބުރީ (ފ އަތޮޅު) ހިމިތީ އަށް އުރުނެވެ. ނަވުގެ ކެޕްޓަން އަކީ ކެޕްޓަން ބްލޮންޝާރު ކިޔުނު ފަރަންސޭސިއެކެވެ. ނަވުގައި ފަރަންސޭސި ދެ އަންހެން ބޭފުޅުން ތިއްބެވި އެވެ. އެއް ބޭފުޅަކީ އެދުވަސްވަރު ފަރަންސޭސީންގެ ދަށުގައި އޮތް ފުލުސޭރީ (ޕޮންޑިޗެރީ) ގެ އެޑްމިނިސްޓްރޭޓަރުގެ އަނބިކަނބަލުންނެވެ. މީނާގެ ނަންފުޅު ކަމަށް ލިޔެފައިވަނީ މެދާމް ސީ އެވެ. މިކަމަނާ އެނަވުގައި ފުލުސޭރީ އަށް ދަތުރުފުޅު ކުރައްވަމުން ވަޑައިގަތީ، ފިރިކަލުން އެ ރަށަށް ވަޑައިގަތުމުގެ ކުރިން އެހިސާބަށް ވަޑައިގެންނެވޭތޯ އެވެ. ދެވަނަ އަންހެން ބޭފުޅަކީ، މެދާމް ސީ. އާ އެކުގައި ވަޑައިގެންނެވި އަރިހު ބޭކަނބަލެކެވެ. ދިމާވި ގޮތުން ދަތުރުފުޅު ކުރައްވާނެ އުޅަނދެއް ލިބިވަޑައިގަންނަވަންދެން، މިދެ ބޭފުޅުން ދެ ހަފްތާ ވަންދެން މާލޭގައި ތިއްބަވަން ޖެހިވަޑައިގަތެވެ. މާލެއިން ފުރާވަޑައިގަނެގެން ފުލުސޭރީ އަށް ވަޑައިގެންނެވުނީ މެއި ،24 1777 ގަ އެވެ. ދިއުޣާސް ނައު ހިމިއްޗަށް އުރުނީމައި، އޭގައި ތިއްބެވި އަންހެން ބޭފުޅުން ގެންދެވުނީ މާލެ އަށެވެ. މިބޭފުޅުން މާލޭގައި ތިއްބެވި ދުވަސްތަކުގެ ތެރޭގައި، މާލޭގައި ވަރަށް ބޮޑު އިޙްތިފާލެއް އޮތް ކަމަށް ފަރަންސޭސި ލިޔުމުގައިވެ އެވެ. އެލިޔުމުގައިވާ ގޮތުގައި، މިކަމުގައި ދެ ރަސްކަލުން ނާއި ހުރިހާ ވަޒީރުން ވެސް ބައިވެރިވެވަޑައިގަތެވެ. މިދުވަސްވަރަށް ބަލާއިރު، މިއިޙްތިފާލަކަށް ވާނީ، ރަބީޢުލްއައްވަލް 12 ދުވަހާ ގުޅިގެން އެއިރު ބާއްވާ މައުލޫދު ކިޔުން ފަދަ ދީނީ ޚާއްސަ ކަމެއް ކަމަށް ލަފާކުރެވެ އެވެ. މި ބަޔާނުގައި ވާގޮތުގައި، އެއިރު ދިވެހިރާއްޖޭގައި ދެ ރަސްކަލުން ތިއްބެވި އެވެ. އެތަނުން އެއް ބޭފުޅަކީ އެއިރު ހުންނެވި ޙަޤީޤީ ރަސްގެފާނެވެ. މިއީ ދޮންބަންޑާރައިންގެ ދަރިކަލުން އައްސުލްޠާން މުޙައްމަދު މުޢިއްޒުއްދީނެވެ. ނަމަވެސް މިބޭފުޅަކު ވަނީ ރަސްކަމުގެ ކަންތަކުން ދުރުކުރައްވާފަ އެވެ. އަދި އުޅުއްވަނީ ވެސް ދެރަ ޙާލަތެއްގަ އެވެ. މިމަނިކުފާނަކީ ގޮނޑިކޮއްކޮއެއް ގެ މިސާލުގައި ފެންނަ ބޭފުޅެކެވެ. މިހެން ހައްދަވައިފައި ވަނީ، އެމަނިކުފާނުގެ ދެބޭންގެ ދެދަރި ބޭބޭފުޅު، ރަސްކަމުން ވަކިވެވަޑައިގެންނެވި މުޙައްމަދު ފާށަނާކިލެގެފާނު އެވެ.

މިބަޔާނުގައި ވާގޮތުގައި، މި ދެ ރަސްކަލުންނަކީ ވެސް ބަލައިލުމަށް ރީތި، އިސްކޮޅުފުޅުން ދިގު ދެ ބޭފުޅުންނެވެ. އުޅުއްވުމާއި އަޚުލާޤުން، އެބޭފުޅުންގެ ދީންވެރިކަމާއި ޢިލްމަށް ލޯބިކުރައްވާ މިންވަރު ފައުޅުވާ ކަމަށް މިލިޔުމުގައިވެ އެވެ. ދެ ބޭފުޅުން ވެސް ތުރުކުރައްވާ ހެދުންކޮޅަކީ، ރަންކިނާރި އަޅައިފައިވާ ފަށުވި ފޮތީގެ ހެދުންކޮޅުކަން ފާހަގަކޮށްފައިވެ އެވެ. މި ބޭފުޅުންގެ ރަސްކަމުގައި ހިމެނިފައިވާ އެންމެ ރަނގަޅު ކަންކަމަކީ، އެއްވެސް ގަދަ ބާރެއްގެ ދަށުނުވެ، އަމިއްލަ ވެރިކަމެއް ރާއްޖޭގައި ޤާއިމްވެފައި އޮތުމާއި، ޢިލްމު އުނގެނުން ދީލަތިކަމާ އެކު ހުޅުއްވައިލައްވައިފައި އޮތުން ކަމުގައިވެސް، މިލިޔުމުގައި ވެއެވެ. މަތީގައި ދަންނަވާފައި އެވާ މަޢުލޫމާތު ނަގައިފައިވާ ބަޔާނަކީ، ބޭރު ބަޔަކު ކުޑަ ދުވަސްކޮޅަކަށް ރާއްޖެ އަށް އައިސް، އެމީހުންނަށް އެދުވަސްކޮޅުގެ ތެރޭގައި ފެނުނު ކަންކަމާއި، ޤަބޫލުކުރެވުނު ގޮތެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ. މިގޮތުން އެކި ލިޔުންތެރިންގެ ލިޔުއްވުމުގައި ތަފާތު ހުރި ނަމަވެސް، މިފަދަ ހުރިހާ ލިޔުންތަކަކީ ވެސް ނުހަނު ބޭނުންތެރި މަޢުލޫމާތު ހިމެނިފައިވާ ލިޔުންތަކެވެ.


ނޯޓް: މިލިޔުމުގައި ހިމަނައިފައިވާ މަޢުލޫމާތު ނަގައިފައިވަނީ ފަރަންސޭސި ލިޔުންތެރިޔާ ޕިއޭޣް ސޮނެރަތް ލިޔުއްވައިފައިވާ ޓްރެވަލް އިން އީސްޓަން އިންޑިޔާ އެންޑް ޗައިނާ ފްރޮމް 1774  އަންޓިލް 1781 (1782) (ނަން ތަރުޖަމާ ކޮށްފައި) އާއި،އެޗް.ސީ.ޕީ.ބެލް ގެ ދަ މޯލްޑިވް އައިލަންޑްސް، މޮނޮގްރާފް..... ( 1940 ) އާއި ދިވެހިބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒުން ނެރުއްވި ދިވެހި ތާރީޚު (1993) މި ފޮތްފޮތުންނެވެ.
                    ----------------------
http://www.dhivehiraajje.com/article.php?article=119127
13 ނޮވެމްބަރ 2010