ޙާޖީބަންޑާރައިންގެ ދަރިކަލުން އިބްރާހީމް ފާމުލަދޭރިކިލެގެފާނު



ޙާޖީބަންޑާރައިންގެ އިބުރާހީމް ފާމުލަދޭރި ކިލެގެފާނުގެ ދަރިކަނބަލުން ޢާއިޝާދީދީގެ ދޮންދީދީ (ފާޠިމާދީދީ)އާއި ތުއްކަލާދީދީ (މުޙައްމަދުދީދީ)އަށްވުރެ، ފާމުލަދޭރި ކިލެގެފާނުގެ ހިމިތީ ބަނޑުގެ ބޭފުޅުން ވަރަށްބޮޑަށް ހަގެވެ. އަދި ޢާއިޝާދީދީގެ ޙަސަންދީދީއާއި އަޙުމަދުދީދީއަށް ވުރެ ކިލެގެފާނުގެ އެންމެހަނގު އަނބިކަނބަލުން މިސްކިތްމަގު އެދުރުގޭ މަރިޔަމް މަނިކުފާނު، ގާތްގަނޑަކަށް ހަޔެއްކައަހަރު ވަރު ހަގެވެ. ކިލެގެފާނުގެ ހިމިތީ އަނބިކަނބަލަކީ ކިލެގެފާނު ސިލުވާނުކުރުމަށް އުޅުމާއި އަރުވާލެއްވި ދަތުރުފުޅުގައި އެކަންކަމުގެ ކުރިން މާލޭގައި ކައިވެނިކުރެއްވި ބޭފުޅެކެވެ. ހިމިއްޗަށް ވަޑައިގެން ނޫނެވެ.

އިބުރާހީމް ފާމުލަދޭރި ކިލެގެފާނު އަވަހާރަވީ 1828 ނުވަތަ 1829މ. ގައެއް ނޫނެވެ. މި އަހަރުތަކުގައި ރަސްކަމުގައި ހުންނެވީ އައްސުލްޠާނު މުޙައްމަދު މުޢީނުއްދީން (އެއްވަނަ)އެވެ. މުޢީނުއްދީނުގެ ދަރިކަލުން އައްސުލްޠާނު މުޙައްމަދު ޢިމާދުއްދީން (ހަތަރުވަނަ)ގެ ދަރިކަލުން ޙަސަން ޢިއްޒުއްދީން (ލޯފަން މަނިއްޕުޅު)ގެ ލޯފުޅުގެ އާލާސްކަންފުޅަށް ބޭސް ފަރުވާކުރެއްވުމަށްޓަކައި އެ ދުވަސްވަރުގެ މޮޅު ބޭސްވެރި ވައުރުލު (ވާރުލޫ، ނުވަތަ ހުޅުވާރުލޫ)ގެ މަޝްހޫރު ބޭސްވެރި ވައުރުލު ދިހަރޭގޭ ދޮން ޢަލިމަނިކު މުލަކުގައި ހުންނަވަނިކޮށް މާލެ ގެންދެވި އެވެ. ދޮން ޢަލިމަނިކު އޭރު މުލަކުގައި ހުންނެވީ ފާމުލަދޭރި ކިލެގެފާނުގެ ބޭސްކޮޅަކަށެވެ. ދޮން ޢަލިމަނިކު ބަލައި ވައުރުލުއަށް ދިޔަ ރަސްކަމުގެ ފަރާތުގެ އޮޑި ވައުރުލުއަށް ދިޔުމުން ދޮން ޢަލިމަނިކު ހުންނެވީ ކިލެގެފާނުގެ ބޭސްކޮޅަކަށް މުލަކުގައި ކަމަށް އެނގުމުން މުލަކަށް ދިޔައީއެވެ. 

އެފަހަރު ދޮން ޢަލިމަނިކު މާލެ ވަޑައިގެން ރަސްގެފާނުގެ މަނިއްޕުޅަށް ބޭސް ފަރުވާ ކުރެއްވުމުން މަނިއްޕުޅުގެ ލޯފުޅަށް ކޮންމެވެސްވަރެއްގެ ލުޔެއް ލިބިވަޑައިގަތެވެ. މުސްކުޅި ބަންޑާރައިން އެކަމާއި އުފާފުޅުވެ ދޮން ޢަލިމަނިކަށް ބަންޑާރައިން ކޮށްދެއްވާނީ ކޮންކަމެއްތޯ ވިދާޅުވީމާ އެއްވެސްކަމެއް ބޭނުންނޫންކަމަށް ދޮން ޢަލިމަނިކު ދެންނެވި އެވެ. ނަމަވެސް ކޮންމެވެސްކަމެއް ކޮށްދެއްވުމަށް ކޮންމެހެން ބަންޑާރައިން ބޭނުންފުޅުވެ، ދޮން ޢަލިމަނިކަށް ކޮށްދެއްވި ކަންކަމުގެތެރޭގައި ދޮން ޢަލިމަނިކުގެ އަނބި ޙައްވާއަށް ކަނބުލޭގެކަން ދެއްވުމާއި ހަ ހިރު އެޅި ލިބާސް ލެއްވުމާއި ފައިވާނަށް އެރުއްވުމާއި އަދި ކުޑަ ނެގުމުގެ ހުއްދަ އެ ކަނބުލޭގެފާނަށް ދެއްވުން ހިމެނެއެވެ. މި ކަންކަމަކީ އެދުވަސްވަރު ރަސްގެފާނުގެ ހުއްދަ ލިބިގެން ނޫނީ ކުރުން މުޅީން މަނާ ކަންކަމެވެ. ކޮށްފިނަމަ ކުށްވެރިވާނެ އެވެ.

މި ދަތުރުގެ ފަހުންވެސް ދޮން ޢަލިމަނިކު ފުވައްމުލަކަށް ދުރުވެ ކިލެގެފާނަށް ބޭސްފަރުވާ ކުރެއްވި އެވެ. އޭރު ކިލެގެފާނުގެ އުމުރުފުޅުން ގާތްގަޑަކަށް 80 ގެ މައްޗަށް ހިނގައިދާނެކަމަށް ފެނެއެވެ. އޭގެ އަނެއް އަހަރު ރަދުންގެ ދަރިކަލުން މަނިއްޕުޅުގެ ބޭސްފަރުވާއަށް ދޮން ޢަލިމަނިކު ފުވައްމުލަކުން މާލެ ވަޑައިގެން އުޅުއްވަނިކޮށް ކިލެގެފާނު އަވަހާރަވީ ޚަބަރު މާލެއަށް ލިބުނެވެ. އެ ފަހަރު ދޮން ޢަލިމަނިކު އެނބުރި މުލަކަށް ދުރުވީ ފުވައްމުލަކުގެ ވާރުވެރިކަމާއި ޙަވާލު ވެވަޑައިގެންނެވެ. ދޮން މަނިކު އަވަހާރަވީމާ އޭނާގެ ދަރިކަލުން ދޮންމަނިކު (ފަހުން މުޙައްމަދު ހިރިހަމައިދި ކަލޭގެފާނު)އަށް ކަލޭގެފާނު އަވަހާރަވުމުން އޭނާގެ ދަރިކަލުން ޢަލިދީދީއަށް، މީނާ އަވަހާރަވުމުން މީނާގެ ކޮއްކޮ ޙަސަންދީދީއަށް، މުލަކުގެ ވާރުވެރިކަން ދެއްވަމުން ގެންދެވި އެވެ. 1920 ވަނަ އަހަރު އެޗް.ސީ.ޕީ ބެލް މުލަކަށް ޒިޔާރަތްކުރެއްވި އިރު ވާރުވެރިއަކީ ޢަލިދީދީ އެވެ. މިއީ ވައުރުލު ދޮން ޢަލިމަނިކާގެ ޚިދުމަތުގެ އަގު ވަޒަންކުރެއްވުމަށް މާލޭގެ ރަސްކަމުގެ ފަރާތުން އެބޭފުޅުންނަށް ދެއްވަމުން ގެންދެވި ޚާއްޞަ ޢިނާޔަތެކެވެ. މި ކަމާއެކުމެ މި ހުރިހާ ބޭފުޅުންނަކީވެސް މަޤާމާއި އެކަށީގެންވާ ޢިލްމުވެރި ޤާބިލް ބޭފުޅުންނެވެ. އެގޮތުން މީހަކަށް ބުނެވޭނޭ އެއްޗެއް ނެތެވެ. މުލަކު އަތޮޅު ކައުންސިލްގެ މިހާރުގެ ރައީސަކީވެސް މި ޢާއިލާގެ ބޭފުޅެކެވެ. 

ޢިމާދުއްދީން (ހަތަރުވަނަ) ރަސްކަމަށް ވަޑައިގަތީ ކިލެގެފާނުގެ ޢުމުރުފުޅުން ގާތްގަނޑަކަށް 62 އަހަރު ހާ ތާގައެވެ. ކިލެގެފާނު އަވަހާރަވީ ޢިމާދުއްދީން (ހަތަރުވަނަ)ގެ ރަސްކަމުގައި ކިލެގެފާނުގެ ޢުމުރުފުޅުން 90 އަހަރާ ގާތްކުރާ، ނުވަތަ 90 އަށް ވުރެ މަތީ ޢުމުރުފުޅެއްގައެވެ.

ލިޔުންތެރިންގެ ގުޅުމުގައި ލިޔުއްވާފައިވާ ސިލުވާނެއް ކުރުމަށް އުޅުނީ އިބުރާހީމް ފާމުލަދޭރި ކިލެގެފާނުގެ ހިމިތީ ބަނޑުގެ ބޭފުޅެއްގެ ނޫނެވެ. އިބުރާހީމް ފާމުލަދޭރި ކިލެގެފާނުގެއެވެ. އަރުވާލީވެސް އެކިލެގެފާނެވެ. 

އަޅުގަނޑު މާލެ ދިޔަ ދަތުރެއްގައި ބޮޑުގަލުގޭ މޫސާދީދީގެ ދަރިކަލުން ޞަލާޙުއްދީންގެ ދަރިކަލުން އިބްރާހީމް ޝިހާބާއި، އަދި މޫސާދީދީގެ ޢަބުދުﷲދީދީގެ ދަރިކަލުން ޝައިޚު ޖަމީލުދީދީ ވެސް، ކިލެގެފާނަށް ކުރަން އުޅުނު ސިލުވާނު ޙާދިޘާގެ ވާހަކަފުޅު އަޅުގަނޑާއި ދައްކަވައިފައިވެއެވެ. ޝިހާބާއި ޖަމީލުދީދީއާއި ދެބޭފުޅުންނަކީ ދިޔަމިގިލީ ދަރިކޮޅަށްވެސް ނިސްބަތްވާ ދެބޭފުޅުންނެވެ. 

ކިލެގެފާނުގެ ސިލުވާނާއި އަރުވާލުމުގެ ވާހަކައަކީ ދެކުނުގެ ތިން އަތޮޅުގައި އެދުވަސްވަރުން ފެށިގެން ފަހަކާ ޖެހެންދެން ގިނަ ބަޔަކަށް އެނގޭ އެމީހުން ދައްކައި އުޅުނު ވާހަކައެކެވެ. ކިލެގެފާނުގެ ބޭފުޅުންގެތެރެއިން 16 ބޭފުޅުންނަކީ ފުވައްމުލަކުގެ ބޭފުޅުންނެވެ. މިހެންވުމުން އެބޭފުޅުންގެ ފަރާތްޕުޅުންވެސް މި ވާހަކަ ދައްކަމުން ނަގުލުވަމުން ގޮސްފައިވެއެވެ. އެބޭފުޅުންގެ ބައްޕަ އެވާހަކަ އެހެންމީހުންގެ ގާތުގައިވެސް ދެއްކެވި އަޑު އެބޭފުޅުން އައްސަވައި އަދި އެބޭފުޅުންވެސް އެވާހަކަ އެބޭފުޅުންގެ ޢާއިލާގެ އެދުވަސްވަރުގެ ބޭފުޅުންގެ އަރިހުގައި ވިދާޅުވެފައި ވެއެވެ. 

ކިލެގެފާނުގެ ބެރިމަގު އާމިނާދީގެ ޢަލިދީދީގެ ކަތްދާދީދީއަކީ އަޅުގަނޑުގެ މަންމަ މަރިޔަމްދީދީގެ މަންމައެވެ. މާމަ ކަތްދާދީދީ މިގޮތަށް މިވާހަކަ ދެއްކެވި އަޑު އަޅުގަނޑުވެސް އެހީމެވެ. މާމަ އަޑުއެއްސެވީ އޭނާގެ މުންނަ އާމިނާދީދީ ދައްކަވާ އަޑެވެ. އާމިނާދީދީ އޭނާގެ ބައްޕަ ކިލެގެފާނުގެ އަރިހުގައި އިންނަވަނިކޮށް އެކި ދުވަހު އެކި ބޭފުޅުންގެ އަރިހުގައި މިވާހަކަ އޭނާގެ ބައްޕަ ކިލެގެފާނު ދެއްކެވި އަޑުވެސް އާމިނާދީދީ އެއްސެވިއެވެ. އަޅުގަނޑުގެ މާމަ ކަތްދާދީގެ މާމަގެ މާމައަކީ ކިލެގެފާނުގެ ޢާއިޝާދީދީއެވެ. މިމަގުންވެސް މިވާހަކަ މާމަ އަޑު އެއްސެވި އެވެ.

ޙާޖީ ބަންޑާރައިން ޝަހީދުކުޅަ ކަންތައް ހިންގި ބަޔަކު އެ ކަމެއް ކުރި ނަމަވެސް ޙާޖީ ބަންޑާރައިންގެ ހުންނެވި ހަމައެކަނި ބޭފުޅާއަށް ކިލެގެކަން ދެއްވުމަށްފަހު ޙަސަންނޫރައްދީނު (އެއްވަނަ) ރަސްގެފާނުގެ ދަރިފަސްކޮޅުން ހިނގަމުންދިޔަ ދިގު ރަސްކަމުގައި އެސިލުވާނެއްގައި ނޫނީ ކިލެގެފާނު އަވަހާރަވުމާއި ހަމައަށްވެސް ކިލެގެފާނަށް ދުއްތުރާލެއް ފަޟީޙަތެއް ކުރިމަތި ވެވަޑައިނުގަނެއެވެ. އަދި ކަކާގޭ ބޭފުޅުންގެ ފަރާތްޕުޅުން ކިލެގެފާނަށް ނުހަނު ގާތްކަން ބާއްވަވަމުން ގެންދަވާފައިވެއެވެ. އެއްވެސް ފަރާތަކުން ޢާއިލީ ނުތަނަވަސްކަމެއް އުފައްދަވާފައި ނުވެއެވެ. އަތިރީގޭ އިބްރާހީމް ދޮށިމޭނާކިލެގެފާނު ހުޅުދުއަށް އަރުވާލެއްވި ދުވަސްވަރަކީ ކިލެގެފާނުގެ ޢާއިޝާދީދީގެ އަޙުމަދުދީދީއާއި ޙަސަންދީދީގެ އެންމެ އާރާއި ބާރުގައި އެ ރަށުގައި ތިއްބެވި އިރެވެ. މި ދެބޭފުޅުންވެސް ދޮށިމޭނާކިލެގެފާނާއި ނުހަނު ބޮޑަށް ގާތްކަން ބޭއްވެވި އެވެ.

ކޮންމެވެސް ބަޔެއްގެ ނުބައިކަމުން މާލޭގައި ހިންގި ކިލެގެފާނު ފަޟީޙަތްކުރުމުގެ ނުބައި ރޭވުމުގައި ވަކި ބޭފުޅަކަށްޓަކައި ޙާޖީ ބަންޑާރައިންގެ ކިލެގެފާނު ދުވަސްކޮޅެއްގައި އަރުވައިލައިފައި ހުންނެވި ނަމަވެސް އެ ދުވަސްވަރުގެ ރަސްގެފާނަކީ ވެސް ކިލެގެފާނަށް ރަނގަޅު ބޭފުޅެކެވެ. 
                      ---------------------------------
ލިޔުއްވީ: ޢަލިދީދީ ވިދުވަރުގެ، ޏ. ފުވައްމުލައް