މާލެއިން ސިފައިން ގޮސް ފުވައްމުލަކަށް ބަޑިން ދިން ޙަމަލާ

މި ޙަމަލާގައި އެކަކު ޝަހީދުވެ ތިން މީހަކު ޒަޚަމްވި.

ދުވަހަކީ ރޯދަމަހެއްގެ 20 ވަނަ ދުވަހެވެ. އަހަރަކީ 1959 އެވެ. ވަގުތަކީ ހެނދުނު 9:00 އެވެ. ފުވައްމުލަކު އިރުމަތީ ފަރާތުން ރަށާ ކައިރިއަށް އަންނަ ބޯޓެއްގެ ޚަބަރު ހޯދުމަށް ރަށުގެ އިސް މީހުން ދޯންޏެއްގައި ކަނޑަށް ނުކުމެއްޖެ އެވެ. ވަރަށް ވައި މަޑު، ރާޅުގެ އަސަރު އެއްގޮތަކަށް ވެސް ނެތް ދުވަހެކެވެ. އާންމު ގޮތެއްގައި ބޮޑެތި ރާޅުގެ ނުރައްކާ ކުރިމަތިވާ ފުވައް މުލަކުގެ އިރުމަތީ ފަރާތް އެދުވަހު އޮތީ ރަށަށް ފައިބާ މީހުންނަށް އެންމެ އަމާން ކޮށެވެ. ދެކުނު ފަރާތުން މަޑު މަޑުން ވައި ޖެހެމުން ދިޔަ އެވެ.

ރަށުގެ އުތުރު ފަރާތުން ބޯޓެއް އައިސް ފުވައްމުލަކާއި ކައިރި ކުރަނީ އެވެ. ރަށު ތެރޭގައި އެއްއަޑަކަށް ގުގުމާލައިފައި ވަނީ ”ކާޑު ބޯޓެއްއަތުވެއްޖެ މިހެންނެވެ. އެމީހަކު ކުރަން ހުރި މަސައްކަތެއް ދޫކޮށްފައި އަތިރި މައްޗަށް ދުއްވައި ގަތީ ރަމަޟާން މަހުގެ ފަހު ދިހައިގައި ކާނޭ ކާޑު ކޮޅެއް ލިބޭނެ ކަމުގެ އުއްމީދު ގައެވެ. މިބޯޓް ފުވައްމުލަކު އިރުމަތީ ފަރާތާ ކައިރި ކުރަން ފެށުމާއި އެކު އަތިރި މައްޗަށް މީހުން ޖަމާވާން ފެށި އެވެ.

ބޯޓުގެ ޚަބަރު ހޯދުމަށް ރަށުގެ އިސް މީހުންނާއެކު ކަނޑަށް ނުކުތް ދޯނި ލަސްތަކެއް ނުވެ ބޯޓާ ކައިރިކޮށްފި އެވެ. ދޯނީގައި ތިބީ ފަޅުވެރިންގެ އިތުރަށް އިބްރާހިމް ދީދީ، މުދިން ތުއްތު ދީދީ ފަދަ ރަށުގެ ކަމުވޮށިގެންވާ މީހުންނެވެ. ގިނަ މީހުން ހީކުރީ މިއީ އައްޑު އަތޮޅު ގަމަށް މުދާ ހިފައިގެން އަންނަ ”ނެފީ” ބޯޓު ކަމަށެވެ. ނަމަވެސް ބޯޓާއި ގާތްގަނޑަކަށް 200 ވަރަކަށް ފޫޓު ކައިރި ވިތަނާ މިއީ ”އެލިޒަބަތު ބޯޔާ” ކަން އެނގުނެވެ. މިއީ ސްރީލަންކާ އިން ރާއްޖެ އަށް މުދާ އުފުލާ ޗާޓަރު ބޯޓެކެވެ.

އެބޯޓާ އިތުރަށް ކައިރި ނުކުރުމަށް އެވަގުތު ކޭހިގޭ އިބްރާހިމް ދީދީ އެންގެވިއެވެ. އެއީ، ބޯޓުން ސިފައިންގެ މީހުން ފެނުމުންނެވެ. މިއެންގުމަށް ދޯނި އަނބުރާލައިފައި ރަށާއި ދިމާލަށް ފަލި ޖަހަން ފެށިއެވެ. ސިފައިން ކުޑަ ލޯންޗެއްގައި ދޯނީގެ ފަހަތުން އަންނަން ފެށިއެވެ. އަދި އެމީހުންނާއި ދިމާލަށް ބަޑި އަމާޒު ކޮށްފައި މަޑު ކުރާށޭ ބުންޏެވެ. އެހެން ނަމަވެސް ލޯންޗުގައި ތިބި ސިފައިންގެ އިންޒާރަށް އަޑު އެހުމެއް ނެތި ފަލި ޖަހާފައި އައިސް ދޯނި ވަނީ ރަށުގެ ރަސްގެފަންނުގެ ހުޅަނގުން އޮތް ބަނޑަހާ ފަންނަށެވެ.

އެލިޒަބަތު ބޯޔާ އާއި ކައިރި ކުރި އެހެން ބައެއް ދޯނި ފަހަރު އެމީހުން އަތުލައިގަތެވެ. ބައެއް ދޯނި ފަހަރު ފަލިޖަހާފައި އައިސް އެކި ދިމަދިމާލަށް ގޮނޑުދޮށަށް ބީއްސާލިއެވެ. ދޯނި ފަހަރު ހުއްޓުވުމަށް ”ފަޓާސް” ފަދަ ގޮވާ ތަކެތި އުކި ކަމަށްވެސް ވެއެވެ.

އެލިޒަބަތު ބޯޔާގެ މި ދަތުރަކީ މުދާ ގެނައުމުގެ ޗާޓަރު ދަތުރެއް ނޫނެވެ. ސިފައިންނާއި ހަތިޔާރާއި އެކު، ދެކުނުގެ ގަޑުބަޑު ހުއްޓުވުމަށް ކުރި ހަނގުރާމަވެރި ދަތުރެކެވެ. މިބޯޓު ގައި ތިބި ސިފައިންގެ ތެރޭގައި ދައްޕަރު މޫސާ މަނިކު، ޓިނު އަލިފުޅު އަނދިރިބޭ އާދަމް ފުޅު ހިމެނެއެވެ. އަދި ދާޚިލިއްޔާ އިން އަބްދުލް މަޖީދު މާހިރާއި އާދަމް ނަސީރު މަނިކުވެސް ބޯޓުގައި ތިއްބެވެ.

އެބޯޓުން އައި ލޯންޗު ބަޑި ހިފައިގެން ތިބި ސިފައިންނާއި އެކު އައިސް ގޮނޑުދޮށަށް ބީއްސާލުމާއި އެކު އަތިރިމައްޗަށް އެއްވެފައިވާ އެންމެން ލޯންޗަށް ގާ އުކަން ފެށުމުން އެމީހުންނަށް ހީވީ ގަލުގެ ބޮޑު ވާރޭ ވިލާގަނޑެއް އައީ ހެންނެވެކުއްލި އަކަށް އިވުނީ ބަޑި ޖަހަން ފެށި އަޑެވެ. މީހުންގެ ތެރެއަށް ބަޑިޖަހަންފެށިއެވެ. އެދުވަސްވަރުގެ ބަޑި މިހާރުގެ އޮޓޮމެޓިކް ބަޑިއާ ވަރަށް ތަފާތެވެ. އެއްފަހަރު ޖެހުމަށްފަހު އަނެއްކާ ޖެހެނީ ވަޒަނެއް ލާށެވެ. އެއީ ޒާތެއްގެ ހަންޓިން ރައިފަލް ތަކެކެވެ. އެހެންވެ އެހާ އަވަސް އަވަހަށް ބަޑި ޖެހޭ ގޮތެއް ނުވެ އެވެ.

ރަސްގެފަންނު ބަނދަރުގައި ބަޑިޖަހާ އަޑުއިވުމުން އެރަށުގެ ބޯދާ ހުކުރު މިސްކިތުގައި ޤުރުޢާން ކިޔަވަންއިން 14 އަހަރުގެ މޫސާ ފުތާ ކިޔެވުން ހުއްޓާލައިފައި އޭނާގެ އެކުވެރިންނާއި އެކު ދުވެފައި އައީ ރަސްގެ ފަންނަށެވެ. މީނާ އައިސް އެތާ ހުރި ފިނިފެންމާގެ އޮޑި ކައިރިއަށް މަޑު ކޮށްލިތަނާ އޭނާގެ ބޮލުގެ ވާތްފަރާތަށް އެރި ވަޒަނެއްގެ ސަބަބުން ވަގުތުން ހޭނެތިގެން ވެއްޓުނީ އެވެ. މޫސާ ފުތާ ހޭ އެރީ އޭގެ އަނެއް ދުވަހުއެވެ.

ސިފައިންގެ ހަމާލައިގައި ވަގުތުން އެކަކު މަރުވިއެވެ. ދޭލިގޭ ތުއްތު މަނިކު މަރުވީ އެރި ވަޒަނަކުން އޭނާގެ ބޯ މުޅިން ފިސްފިސް ވެގެން ދިޔުމުންނެވެ. ޒަޚަމްވި ތިން މީހުންނަކީ ރެކިދީދީ ގެ މުހުއްމަދު ދީދީ (ވަޑިގޭ މުހައްމަދު ދީދީ)، ހުސެއިން ތައްޚާން، ބޮޑުވާޅި އަލިބެ އަދި ހަސަން ފުތާއެވެވަޑިގޭ މުހައްމަދު ދީދީ ދާދި ފަހުން މި ހާދިސާގެ ހަނދާންތައް ހަވީރަށް ކިޔައި ދިނެވެ. ]އަހަރެން އަތިރި މައްޗަށް ދިޔައިރު ގަޑިން 09:30 ވެދާނެ. އަހަރެން ދިޔަތަނާ ބޯޓުން އައި ލޯންޗް ރަށަށް ކައިރިކޮށްލުމުން އޭގައި ބަޑިހިފައިގެން ތިބި މީހުން ފެނިފައި މީހުންތައް ގާ އުކަން ފެށީ. އަހަރެންވެސް ބައިވަރު ގާ އުކިން[
]އެމީހުން ފުރަތަމަ ބަޑި ޖެހީ މައްޗަށް. ދެން މީހުންގެ ތެރެއަށް ވެސް ބަޑި ޖެހި. އަހަންނަށް ހީވަނީ ގަސްތުގައި އަހަރެންގެ ގަޔަށް ބަޑިޖެހީ ހެން. މިހިރީ ވަޒަން އެރިތަން” ކަނާތު މުލަށްދަނޑި ދައްކާލަމުން މުޙައްމަދު ދީދީ ބުންޏެވެ.

ގާތް ގަނޑަކަށް ވިއްސަކަށް މިނެޓް ވަންދެން ސިފައިން ބަޑި ޖަހަމުން ދިޔަ އެވެ. ހަމަ އެއްވަރެއްގައި އެރަށު މީހުން ގާ އުކަމުންވެސް ދިޔައެވެ. ބަޑީގެ ނުރައްކަލާ މެދު މާބޮޑު އެއްޗެއް ހިތަކަށް ނާރައެވެއެންމެ ފަހުން، ރަށަށް ނުފޭބިގެން ލޯންޗް އަނބުރާ ދިޔައީ ބޯޓަށެވެ. ބޯޓުތެރޭގައި ބޭނުންކުރި ހަތިޔާރުތައް ބެހެއްޓުމުގެ ތެރޭގައި އެއްބަޑީގައި ތާށިވެފައިވާ ވަޒަނެއް ގޮވުމުގެ ސަބަބުން ފަންގިފިލާ ފޫ އަޅައިގެން ދިޔައެވެ. ބޯޓު ތެރޭގައި ޚިޔާލު ތަފާތު ވުން ތަކެއް ވެސް އުފެދުނެވެ.

ދާޚިލިއްޔާގެ އިސްބޭފުޅެއް ކަމުގައިވާ އަބްދުލް މަޖީދު މާހިރު ބޭނުންފުޅުވީ ހަތިޔާރާއި އެކު ފުވައްމުލަކަށް އަލުން ފައިބާ ހަމަލަ ދިނުމަށެވެ. ނަމަވެސް އާދަމް ނަސީރު މަނިކު މިކަމާ ދެކޮޅު ހެއްދެވިއެވެ. މިހަމަލާގައި ސިފައިންގެ ތެރެއިން އަނިޔާވި މީހުން ބޭލީ ބޭސް ކުރުމަށްޓަކައި ލ. އަތޮޅު މާމެންދުއަށެވެ.

އެލިޒަބަތު ބޯޔާގެ މިޝަން ނާކާމިޔާބުވެ ފުރައިގެން ދިޔުމުން ފުވައްމުލަކުން ޒަޚަމްވީ މީހުންނަށް ފަރުވާ ދިނުމަށްޓަކައި އައްޑު އަތޮޅު ގަމަށް ގެންދެވުނީ ދޯންޏެއްގައެވެ. މިމީހުންނަށް ގަމުގައި ދިހަ ވަރަކަށް ދުވަހު ފަރުވާ ދިނުމަށް ފަހު އެންމެ ބޮޑަށް އަނިޔާ ވެފައިވާ ޙަސަން ފުތާ އާއި ރެކިދީދީގެ މުޙައްމަދު ދީދީ ރޯޔަލް އެއަރފޯސްގެ މަތިންދާ ބޯޓެއްގައި ގެންދެވުނީ ސްރީ ލަންކާގެ ނިގަމްބޯގައި ހުންނަ އިނގިރޭސި ސިފައިންގެ ހޮސްޕިޓަލަކަށެވެ. އެމީހުން ވަގުތުން އޮޕަރޭޝަން ކޮށް ފަރުވާ ދެވުނެވެ. ރެކިދީދީގެ މުޙައްމަދު ދީދީ ގެ ކަނާތު މުލަށްދަނޑިއަށް އަރާފައިވާ ވަޒަން ނެގިއެވެ. މޫސާ ފުތާގެ މޫނުގެ ވާތްފަރާތުގައިވާ ޒަޚަމް ރަނގަޅު ކުރީ އޭނާގެ ފައިގެ ފަލަ މަސްގަނޑުން ބައެއް ނަގައި ގުޅާލުމުގެ އޮޕަރޭޝަނަކުންނެވެ.

މުޅިން ރަނގަޅުވެގެން ވައިގެ މަގުން ގަމަށް ދިއުމައްފަހު ކަނޑުމަގުން ފުވައްމުލަކަށް ޙަސަން ފުތާ މެންނަށް އާދެވުނީ ގާތްގަނޑަކަށް ދެތިން މަސް ފަހުންނެވެ. ރަށުގައި ހިނގި ހިތާމަ ވެރި ހާދިސާގެ ވާހަކަ މޫސާ ފުތާ އަށް އެނގެން ފެށީ އެއަށްފަހުއެވެ. އެހާދިސާގައި މީހަކު މަރުވެފައިވާ ކަމާއި އިތުރު ބަޔަކު ޒަޚަމްވެފައި ވާ ކަމެވެ. އަދި އެލިޒަބަތު ބޯޔާ އަނބުރާ ދިޔަކަމެވެ.

އެހާދިސާގެ އަހަރުތަކެއް ފަހުން ބަޑިޖެހި މީހުން ފުވައްމުލަކަށް އައުމުން ވެސް އެމީހުންނަށް މަރުހަބާކީ ވަރަށް ހިތްހެޔޮ ކަމާއެކު އެއްވެސް ޝަކުވާ އެއް ނެތި އެވެ.
                       -------------------------------------

ލިޔުއްވީ: އޭ.އެމް
http://www.dhivehitimes.com/?p=2665