އިސްތިޢުފާޖިންނި

















މީހެއްގެ ކަންފަތުން އިސްތިޢުފާ ޖިންނި ނެރެލައި އެމީހަކަށް ކޮންމެހެން އިވެންޖެހޭ ރަނގަޅު އަޑުތައް އިވި ވިސްނުމަށް ގެންނަންޖެހޭ ރަނގަޅު ކަންކަން ވިސްނުވައިދިނުމުގެ ބޭނުމުގައި އިސްތިޢުފާ ގޮވަގޮވާ އެމީހެއްގެ އެފަދަކަންކަމަށް ބަދަލެއް ނައިނަމަ، ދެން އެންމެރަނގަޅުވާނީ ޖިންނި ނުނުކުމެ އެތާނގައި އޮތީ ކޮންމެވެސް އެހެން ދެއްވަކާއެކު (ޖިންނިއަކާއެކު) ކަމަށް ބެލުމެވެ. އެހެންވީމާ ދެން އިސްތިޢުފާއަށް ގޮވަންވީ ކޮންމެދެއްވެއްގެ ނަން ވަކިވަކިން ކިޔުމަށްފަހުއެވެ. މިސާލަކަށް ކިއްސައްދެވި، އިސްތިޢުފާއެވެ. ބުއްޑެވި އިސްތިޢުފާއެވެ. ކަނޑުކުއްޕާރަ އިސްތިޢުފާއެވެ. މުޅަދެވި އިސްތިޢުފާއެވެ. ދެވިތަކުގެ ނަން ދަސްކޮށްގެން  އިސްތިޢުފާ ގޮވަންވީއެވެ. މިކަމަށްޓަކައި ދިވެހިރާއްޖޭގައި އުޅޭ ދެވިތަކުގެ ނަން ދަސްކުރުމަކީ ބޭނުންކަމެކެވެ. ދިވެހިބަހުގެ އެދުރު މަރުޙޫމް ޝައިޚު ޞަލާޙުއްދީން ދެވިތަކުގެ ނަމާއި ދެވިންގެ ގޮތްބާވަތް ލިޔުއްވާފައިވެއެވެ.

ބުއްޑެވި: މިއީ ބުދުތަކުގެ ރޫޙާނީ ކަމެވެ. ބޫޛާ ގެ ރޫޙާނީ ކަމެއް ނޫނެވެ.
ރަވޯ: ޅަކުދީންނާއި ފާވެގަނެގެން އުޅޭ ޝައިޠާނެކެވެ. ކުދީންނަށް ޒާތްޒާތުގެ އުނދަގޫދީ ހަށިހިއްކައި، ރޮއްވައި، އަރާމު ލިބުނަ ނުދީ އުޅެއެވެ.
އޮޑިތާން: މިއީ ކަނޑުގެ ފަހުލަވާނާއެވެ. ކަޅުހިލަ ދާ ޔަކަށް އަރައިގެން، ބިންހިމަ ފަތަކުން ރިޔަލެއް ނަގައިގެންވެސް ހިނގައިދެއެވެ.
ހެއި މޫސަ: އަކީ ވެސް މިފަދަ ދެއްވެކެވެ.
ދިޔޯ: ރޫޙާނީ ރާނީ އެކެވެ.
މިސްކިތްދާރަ: ރާއްޖެ އިސްލާމްވުމަށްފަހުގައި، އުފެދުނު ދެއްވެއްކަމުގައި ފެނެއެވެ. ކޮންމެއަކަސް މިއީ މުއުމިނު ޖިންނިއެވެ.  އެއްވެސް ނުބައި ކަމެއް އެއިގެ ކިބަޔަކުން ނާންނާނެއެވެ.
ހަންޑި: އަންހެން ޝައިޠާނެކެވެ. ވަރަށްދެރަ މުޑުދާރު އެއްޗެއްމެއެވެ.
ވިގަނި: މަރުގެ ރޫޙާނީ ކަމެވެ. ކުއްލި ކުއްލިއަށް މީސްތަކުން މަރުވުމާއި، ވަބާތަކާއި ރޯގާތަކުގެ ސަބަބަކީ، އެއީ ކަމުގައި ހީކުރެތެވެ.
ކުޑަފޫޅު:  މިއީ ވަރަށް މުޑުދާރު ޝައިޠާނެކެވެ. ވަރަށް ގިނަ ދުއްތުރައު މީސްތަކުންނަށް ދޭ އެއްޗެކެވެ.
އިފުރިންފަރާ: ވަރަށް ބޮޑު ރޫޙާނީ ރަސްކަލެކެވެ. ބޮޑެތި ކިޔެވެލި ކިޔަވައިފައި، ކަތިލާ ޤުރުބާން އެއިގެ މައްޗަށް، ކަތިލެވޭކަމަށް ބުނެވެއެވެ.
އޮޑިވަރުރެއްސި: ކަނޑުގައި އުޅޭ ޝައިޠާނެކެވެ. މަސްވެރީންނާއި ދިމާކޮށްގެން އުޅެއެވެ.
ކިއްސައްދެވި: ޤަބުރުސްތާނުގައި އުޅޭ ޝައިޠާނެކެވެ. މީހުނަށް ބަލިޖައްސައި ކުލަ ރީނދޫކޮށް، މާބަނޑު މީހުންގެ ބަނޑުގައި ރޮނގު ދަމައި އުޅެއެވެ.
މުޅަދެވި: ޤަބުރުސްތާނުގެ ދެއްވެކެވެ.
ހާމުންޑި:  ގެޔަށް އޮޅުވެގެން އުޅޭ ޒާތުގެ ދޫނި ސޫފާ ސޫފީގެ ދެއްވެވެ. އިންނާނީ ހިޔަ ފިޔޮއް ގޮވައިގެން އިންނަ ފީކުކުޅެއް ހެންނެވެ.
ބަބުރުކަލޯ: ބަޑި އެދުރު ކަލޭގެ ނުވަތަ ކަލޭފާނު ނުވަތަ މާބެއި، ނުވަތަ ކިރުފެލި ހުނި ހުސެންކަލޭގެ ނުވަތަ ބަޑި ފުރޭތަ މިއީ ކުއްފާރު ޖިންނި އެވެ. މާ ގަދަފަދަ ޝައިޠާނެކެވެ. އަބަދުވެސް ބޮޑު ބަޑިއަކާއި، ކައިތުވައްބަޑިއަކާއި، ފިސްތޯލައަކާއި ގެންގުޅެއެވެ. އޭނާގެ ނަންގަނެވިއްޖެ ކޮންމެތާކު ހުރެއެވެ.  އަންހެނުންގެ ކުށަކީ މިއެވެ. މީނާގެ ވާހަކަ ވަރަށް ދިގެވެ.
ދޯނގި އައިހާ ކަނބުލޭގެ: މިއީ ބަޑި އެދުރުގެ ހެޔޮ އަނބި މީހާއެވެ. ރުމާތީޒަމްބަލި ޖައްސަނީ މި ކަނބުލޭގެ އެވެ.

އިސްތިއުފާއަށް ގޮވާލެވޭ ނުވަތަ އިސްތިޢުފާ ޖައްސާ މީހާގެ ކަންފަތުގައި ރިހުމެއް ހުރިނަމަ ރިހުންފިލުމުގެ އިތުރަށް އިވޭ ގަދައަޑުގެ ސަބަބަބުން ކަންފަތުގެ އިއަރ ޑްރަމް ރަގަޅަށް ވައިބްރޭޓްވެ އިތުރަށް ތާޒާވުމާއި އެމީހަކަށް ކުރިޔަށްވުރެ މާދުރުގެ އަޑުވެސް އިވޭކަހަލަ ޒަމާނީ އަޑުގަދަކުރާގެ މުޅީންއާވައްތަރެއް ބާޒާރަށް ނެރޭތޯ އިސްތިޢުފާ ޖައްސަން ބޭނުންވާ މީހުން ބަލަބަލައި ތިބުމަކީ ދެފަރާތަށްވެސް ފައިދާހުރި ކަމެކެވެ. 
                   ---------------------
"ހަވަރުއޮންލައިން" އިން ނަގާފައި
ޢަބުދުﷲ ޙިލްމީ
05 ސެޕްޓެމްބަރ 2011މ.