ތާރީޚީ އޮޅުން ބޮޅުން


އަޅުގަނޑަކީ ތާރީޚު ލިޔެ އުޅުނު މީހަކީމެއް ނޫނީމެވެ. އެކަމަށް ބޭނުންވާނޭ މަޢުލޫމާތު ހުރި މީހަކަށް ނުވުމާއެކު އެކަން ކުރެވޭނޭ މީހެއްވެސް ނޫނެވެ. ނަމަވެސް އަޅުގަނޑަށް ފެންނަން ހުރި ލިޔުންތަކާއި ކަންކަމާއި ބައެއް ބޭފުޅުން ދެއްވާ މަޢުލޫމާތުގެ މައްޗަށް ބުރަވެ ހުރެ އެއާއި އެއްގޮތަށް ލިޔާ ބައެއް ލިޔުމަކީ ތާރީޚާއި ގުޅުން ހުރި ކަންކަމެއް ކަމަށް ބައެއް ބޭފުޅުން ދެކިވަޑައިގަނެއެވެ. އަދި އެފަދަ ބައެއް ބޭފުޅުން އެކަމަކަށް މުގުރަނިވި ފާޑު ވިދާޅުވުމެއް ނެތި އޭގެ ރަނގަޅު ނުރަނގަޅު އަންގަވައި "މަގު" ދައްކަވައިވެސްމެ އެވެ. 

ދިވެހިތާރީޚު ލިޔުންތެރިންކަމަށްވާ އަލްފާޟިލް ސިއްކަގޭ މުޙައްމަދު ނަސީމުއާއި އަލްފާޟިލާ ނަސީމާ މުޙައްމަދާއި ހިރިލަންދޫ އަލްފާޟިލް މުޙައްމަދު ޝާޠިރަށް ބައެއް ކަންކަމުގައި އަޅުގަނޑު ދަންނަވައިލީމާ އެކަމެއްގައި އެބޭފުޅަކަށް އެނގިވަޑައިގެންފައިވާ އެންމެ ރަނގަޅު "މަގު" އެބޭފުޅަކު ދައްކަވައިދެއްވައެވެ. މި ކަމަށްޓަކައި އެ ބޭބޭފުޅުންނަށް އަޅުގަނޑު ޝުކުރުވެރިވަމެވެ.  އަޅުގަނޑު ލިޔަމުންގެންދާ "މުޡުހިރުއްދީން ރަސްގެފާނުގެ ޢާއިލާ" ލިޔަންފެށީ އެޢާއިލާގެ ގިނަ މަޢުލޫމާތުތަކެއް މިވަގުތު އަޅުގަނޑުގެ އަތުގައި ހުރުމުން އެޢާއިލާގެ ގިނަ ބޭފުޅުންތަކެއް ކުރިއްސުރެ އެކަމަށް އެދިވަޑައިގަންނަވާތީވެ އެވެ. އެސިލްސިލާ މަސައްކަތް ފެށުމުން އެކަމަށް އެންމެ ބޭނުންތެރި މަގެއް ދައްކަވައި ކޮމެންޓް ކުރެއްވި އެއްބޭފުޅެއްގެ ޤަލަމީ ނަމަކީ "ޙުސޭން" އެވެ. އެބޭފުޅެއްގެ ސީދާ ނަމެއް އަޅުގަނޑަކަށް ނޭނގެއެވެ. އެހެންވުމުން އެބޭފުޅަކާއި ސީދާ ގުޅާލައިގެން އެއްވެސް ވާހަކައެއް ދެއްކޭކަށް ނޯވެއެވެ. އަދި އެބޭފުޅެއްގެ އަރިހުން ނުވަތަ ޤަލަމީ ނަމެއްގައި ކޮމެންޓް ކުރައްވާ ބޭފުޅެއްގެ އަރިހުން ހޯދަން ބޭނުންވާ ކޮންމެ މަޢުލޫމާތަކީ ކޮމެންޓާއި އެހާ ގުޅުން ހުރި އެއްޗަކަށްވެސް ނުވުމާއެކު އަޅުގަނޑަކީ ކޮމެންޓާއި އެހާ ރައްޓެހި މީހެއްވެސް ނޫނެވެ. މިއީ އަޅުގަނޑަށް އެކަމުގައި ދިމާވަމުންދާ ބޮޑު ދައްޗެކެވެ. އަދި އަޅުގަނޑަކީ މީހުން ލިޔާތީ ލިޔެވިދާނޭ ހީކޮށް ލިޔުނަސް ޙަޤީޤަތުގައި ލިޔުންތެރިއެއްވެސް ނޫނެވެ. 

ދިވެހި ތާރީޚުން ފެންނަންހުރި ބައެއް ޞަފުޙާތަކުގައި ތާރީޚީ އޮޅުންތަކެއް ނުވަތަ އެކަމާމެދު ސުވާލު އުފެދޭ ކަންތައްތަކެއް އެބަ ހުރި ކަމަށް ތާރީޚު ދިރާސާ ކުރައްވާ ބައެއް ބޭފުޅުން ވިދާޅުވެއެވެ. އެއީ އެކަން ވެދާނެ ގޮތެއްކަމަށްވެސް އެބޭފުޅުން ވިދާޅުވެއެވެ. ތާރީޚުގައި ފާހަގަކޮށްފައިވާ ކަމެއް ލިޔުއްވި ބޭފުޅުންނަކީ އެކަމެއް ސީދާ ދެކިވަޑައިގެންފައިވާ ބޭފުޅުންކަމަށް ނުވެ ހިނގައިދާނެއެވެ. މިހެންމެ އެކަމަކީ ސީދާ އެބޭފުޅުން ދެކިވަޑައިގެން ކަމަކަށްވުން ވެސް ކޮންމެހެން ލާޒިމެއް ނޫނެވެ. އެކަމެއްގެ ޙަޤީޤަތާއި އެއްގޮތަށް އިތުބާރު ކުރެވޭ ކަންކަމެއްގެ މައްޗަށް ބިނާކޮށް އެކަމެއް ދެނެހުރި ބަޔަކު ކިޔައިދިން ގޮތެއްގެ މައްޗަށް އެކަމެއް ލިޔަނީއެވެ. އެކަމަކު އެހޯދުނު އިތުބާރާއި އަޑު އިވުނު ގޮތަކީ ރަނގަޅު ނޫން ގޮތެއްކަން އެނގުމުން ދެން އެކަމެއްގެ ރަނގަޅުގޮތަކީ ކޮބައިތޯ ބަލައި އެކަމެއް އިޞްލާޙު ކުރުމަކީވެސް ކުރަން ޖެހޭ ކަމެކެވެ. ތިމާ ދެކޭގޮތަކީ އެންމެ ރަނގަޅު ގޮތް ކަމަށް ތިމާ ދުށުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

ދެއްވަދޫ ރަސްގެފާނާއި އެއްބަނޑު އެއްބައްޕާފުޅު އެހެން ބޭފުޅަކު ނެތް ކަމާއި ތިއްބެވީ އެރަސްގެފާނާއި އެއްބަނޑު ބޭފުޅުންކަމަށް ބައެއް ބޭފުޅުން ވިދާޅުވެއެވެ. އެބޭފުޅުން އެހެން ވިދާޅުވަނީ އެރަސްގެފާނާއި "އެއްބަނޑު" ނުވަތަ "އެއްކިހުނުފަން" ދައިތާފުޅެއްގެ ވާހަކަ ތާރީޚު ފޮތުގައި އޮތުމުންނާއި އަދި އެރަސްގެފާނާއި އެއްބަނޑު އެއްބައްޕަ ބޭފުޅުން ކަމަށް ލިޔެފައިވާ އެއްވެސް ބޭފުޅެއްގެ ވާހަކައެއް ތާރީޚު ފޮތުގައި ނުވަތަ ޢާއްމު ކުރެވިފައިވާ ލިޔުމެއްގައި ނެތީމާ ކަމަށް ވެސް ވެދާނެއެވެ. މިދެންނެވި ދެއްވަދޫ ރަސްގެފާނުގެ ދައިތާފުޅަކީ ދެއްވަދޫގައި އިންނެވި ދެއްވަދޫ ދޮންދަލޭކަ ކަނބުލޭގެފާނެއް ނޫނެވެ.

"އެއްކިހުނުފަން" އެއީ އެއްބަނޑު އެއްބައްޕަ ކަމަށް ތާރީޚު ލިޔުންތެރިޔާ ސިއްކަގޭ އަލްފާޟިލް މުޙައްމަދު ނަސީމު ވިދާޅުވިއެވެ.

"އެއްކިހުނުފަން" އެއީ އެއްބަނޑު ކަމަށް ތާރީޚު ލިޔުންތެރިޔާ އަލްފާޟިލާ ނަސީމާ މުޙައްމަދު ވިދާޅުވިއެވެ.

"އެއްކިހުނުފަން" އެއީ އެއްބަނޑު އެއްބައްޕަ ކަމަށް ޝައިޚު ޞަލާޙުއްދީން ވިދާޅުވެފައިވާ ވާހަކައެއްގެތެރޭ އަންނަ ކަމަށާއި ނަމަވެސް "އެއްކިހުނުފަން" އެއީ އެއްބަނޑުކަމަށް އަމިއްލަ ގޮތުން ދެކިވަޑައިގަންނަވާ ކަމަށް ތާރީޚު ލިޔުންތެރިޔާ ހިރިލަންދޫ އަލްފާޟިލް މުޙައްމަދު ޝާޠިރު ވިދާޅުވިއެވެ.

ދެއްވަދޫ ރަސްގެފާނާއި އެއްބަނޑު އެއްބައްޕާފުޅު ބޭފުޅުން ތިއްބެވިކަމަށް އިތުބާރުހުރި ގޮތެއްގައި ވިދާޅުވާ ބޭފުޅުން ވެސް މަދެއްނޫނެވެ. މިބޭފުޅުން އެގޮތަށް ވިދާޅުވަނީ ދެއްވަދޫ ރަސްގެފާނު ދެއްވަދޫގައި ބިނާކުރެއްވި ހުކުރުމިސްކިތަށް ވަޤުފު ކުރެވިފައި ހުރި ތަންތަނާއި ތަކެތީގެ ވާހަކަ ލިޔެފައި އޮތް އެމިސްކިތުގެ ބޯގަ ފަތުގައި އެކަންކަމާއި ގުޅިގެން ދެއްވަދޫ ރަސްގެފާނާއި އެއްބަނޑު އެއްބައްޕާފުޅު ބޭފުޅުންތަކެއްގެ ވާހަކަ ލިޔެފައި އޮތުމުންނެވެ. ދެއްވަދޫގެ ގިނަ ކުދިންނަށް ގިނަ އަހަރުތަކެއް ވަންދެން އަކުރު އަންގައިދީ އުނގަންނައި ދެއްވި އެދުރެއްކަމަށްވާ ދެއްވަދޫ ކަންމަތީވިލާ އަލްފާޟިލް އަލްމަރުޙޫމް މުޙައްމަދު ރަޝާދާއި، ދެއްވަދޫގެ ޤާޟީ ކަމާއި އިސް ކަތީބުކަން ކުރެއްވި ދެއްވަދޫ މޫންލައިޓްވިލާ އަލްފާޟިލް މުޙައްމަދު އަނީސް، މި ބޯގަފަތް ދެކިވަޑައިގެން އެފަތް ވިދާޅުވެފައިވެއެވެ. މިފަތް ގެންގުޅުއްވީ އޭރު 80 އަށްވުރެ މަތީގެ ޢުމުރެއްގާ ދެއްވަދޫގައި ހުންނެވި ދެއްވަދޫ ފިޔަޖަހާގޭ އަލްމަރުޙޫމް މުޙައްމަދުދީދީ އެވެ. ދެއްވަދޫ މޫންލައިޓްވިލާ މުޙައްމަދު އަނީސަކީ ދެއްވަދޫ ގަނޑުވަރު ދޮންދަލޭކަ ކަނބުލޭގެފާނު (ދެއްވަދޫ ދޮން ދަލޭކަ ކަނނބުލޭގެފާނުގެ މަރިޔަމް ކަނބުލޭގެފާނުގެ ދެއްވަދޫ ގަނޑުވަރު ދޮން ދަލޭކަ ކަނބުލޭގެފާނު)ގެ ފުތް ޙަސަންމަނިކުފާނާއި ކޮނޑޭ ޢަލިމަނިކުފާނުގެ ދި ކޮނޑޭދީދީ (ދޮންދީދީ، ނުވަތަ ފާޠިމާދީދީ) އާއި ދެމަފިރިންގެ ފުތް، މުޙައްމަދުދީދީގެ ފުތް، އިބްރާހީމްދީދީގެ ފުތް ޢަބުދުﷲ ދީދީގެ ދި، މަރިޔަމްދީދީގެ ފުތް، މުޙައްމަދު އަނީސެވެ. ދެއްވަދޫގައި ހުރި އެހެނިހެން ބޯގަ ފަތާއި ފަތްކޮޅުތައް އެރަށުން މާލެ ގެންދިޔައީ ރައީސް އަމީން ދިވެހިދައުލަތް ހިންގެވި ދުވަސްވަރުއެވެ.

ދެއްވަދޫ ހުކުރުމިސްކިތުގެ ބޯގަފަތުގައިވަނީ، ހުވަދޫ މާރަންދޫ މަތީގެ ހުރިހާ ފަޅުރަށްރަށާއި، ހުވަދޫ ކުރަމަތީ ގޮއިގެ 2/1 ބަޔާއި، ހުވަދޫ އޮއިނިގިއްލާގެ 4 އަހަރުގެ ވަރުވާއާއި، ހުވަދޫ ކުބުރާއި، މުންނަފަރުން ކެލައިފަރާ ދެމެދު ފަރުން (ކެދެރޭ ކައިރިން ދެކުނަށް ގިއުޅު ބާނާ ކަނޑުގެ އުތުރާ ދެމެދު) ހިލާ ބޮލިން ރަސްކަމުގެ ފަރާތަށް ދައްކަންޖެހޭ ބޮއްޔާއި، މިތަކެތިން މިސްކިތުގެ އެންމެހައި ކަންކަން ބެލެހެއްޓުން ޢަލީތުއްކަލާގެ (ދެއްވަދޫ ރަސްގެފާނުގެ ބައްޕާފުޅުގެ) ދަރިދަރި މިނިމިނީންނަށް މަތިކުރައްވައި އެބޭފުޅުންގެ ބެއްލެވުމުގެ ދަށުން އެކަން ކުރައްވަމުން ގެންދަވާ ގޮތަށެވެ. މިފަތުގައި ޢަލީތުއްކަލާގެ ބޭފުޅުންގެ ނަންތަކެއްވެސް ލިޔެފައިވެއެވެ. ދެއްވަދޫ ހުކުރުމިސްކިތުގެ ބޯގަފަތް ލިޔުނުއިރު އެރަށުގައި ކަލާފާނު ރަދުން ބިނާ ކުރެއްވި ދެއްވަދޫ ކުޑަ މިސްކިތުގެ ބޯގައަކަށް ދެއްވަދޫ ކައިރި ފަޅުރަށްރަށް ވަނީ ކަލާފާނުގެ ރަސްކަމުގައި ވަޤުފްކޮށް ދެއްވާފައެވެ.


ކުރީގެ އެކިއެކި ރަސްކަމުގެ ދުވަސްވަރުގައި މިސްކިތްތައް ބެލެހެއްޓުމަށް އެކި ރަށްރަށާއި އެކި ތަންތަނުން ލިބޭ އެއްޗެހި ރަސްގެފާނުގެ ފަތަކުން މިސްކިތްތަކަށް ވަޤުފުކޮށް ދެއްވާފައި ހުރެއެވެ. ހުވަދޫ ކޮނޑޭ އަޑިއާއި، (ކޮނޑޭގެ ވަކި ހިސާބެއް) ރަހަގަޑާއި، ދޮށުންރެހާއި، މުޅި ރެއްދަފުއްޓާއި، ވާރިޔާދުވާއި، ވާދޫން ސަތޭކަގަޒު ހުރި ބިމަކާއި، މާތޮޑާއިން ސާޅީސް ލާރިއާއި، މުޅި ބޮލިމަތައިދުވާއި، ކަޅުފުށި ކިޔާ ރަށާއި، މިތަންތަން މާލޭގެ ހުކުރުމިސްކިތް ބެލެހެއްޓުމަށް އިސްކަންދަރު ރަސްގެފާނު ދެއްވާފައިވެއެވެ.
ދެއްވަދޫ ހުކުރުމިސްކިތުގެ ބޯގަފަތަށް ބަލާއިރު ދެއްވަދޫ ރަސްގެފާނު ފިޔަވައި އެރަދުންނާއި އެއްބަނޑު އެއްބައްޕަ ބޭފުޅުން ދެއްވަދޫގައި ތިއްބެވިކަން އެނގެއެވެ. އަދި ދެއްވަދޫ ހުކުރުމިސްކިތުގެ އިރު ދެކުނުގައި އެވާ އަންހެން މަހާނަގައު ތަކަކީ ދެއްވަދޫ ގަނޑުވަރު ބޭފުޅުންގެ މަހާނަގައުތައް ކަމާއި އޭގެތެރޭ މިސްކިތާއި އެންމެގާތަށް އެވާ މަހާނަގަލަކީ ދެއްވަދޫ ރަސްގެފާނާއި އެއްބަނޑު އެއްބައްޕަ އަންހެން ބޭފުޅެއްގެ މަހާނަގައު ކަމަށް ދިވެހި މުއައްރިޚު އަދި ދެއްވަދޫ ގަނޑުވަރުގެ ބޭފުޅުންނާއި ތިމާގެ ބޭފުޅެއްކަމަށްވާ އުސްތާޛު މަރުޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީ، ދެއްވަދޫ ނާރެސް މުޙައްމަދުދީދީ ހުންނެވި ތަނެއްގައި ވިދާޅުވެފައިވެއެވެ. މިމަހާނަގަލަކީ ދެއްވަދޫ ދޮންދަލޭކަ ކަނބުލޭގެފާނުގެ މަހާނަ ގަލެއް ނޫނެވެ. އެ ގައުވަނީ ހަވަރުތިނަދޫ ހުކުރުމިސްކިތުގެ ބިސްތާނައިގައެވެ.  ތާރީޚު ފޮތުގައި ދެއްވަދޫ ރަސްގެފާނާއި އެއްބަނޑު ކަމަނާއެއްގެ ވާހަކަ ލިޔެފައި އެވަނީ ހަމައެކަނި އެރަދުންނާއި އެއްބަނޑުކަން އެންގުމަށްތޯ ނުވަތަ އެއީ ކާކުކަން އެންގުމުގެ ފަސޭހައަކަށް މިވެނި މީހެއްގެ އެއްބަނޑު މީހެކޭ އެބުނާ ގޮތަށްތޯ މިއީވެސް ވިސްނާލުން ހަމަ ރަނގަޅު ކަމެކެވެ. އަދި އަލްޙާއްޖު ޢަލީ ތުއްކަލާ ފަދަ ތަނަވަސް ޢިލްމީ ޤަދަރުވެރި ބޭފުޅަކު ކައިވެނިކުރެއްވި ބޭފުޅަކީ އެހެން ބޭފުޅަކާއި ކައިވެނިކުރައްވައި ބޭފުޅުންތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެއްތޯ މިއީވެސް ވިސްނާލުން ރަނގަޅު ކަމެކެވެ. 


ޢަލީ ތުއްކަލާގެ އަނބިކަނބަލުން އަބޫބަކުރު ފަނޑިޔާރު ކަލޭގެފާނުގެ ދަރިކަނބަލުން އައިސާދިޔޯއަކީ އެދުވަސްވަރު ދެކުނުގެ ތިން އަތޮޅުގައި އިންނެވި އެންމެ ތޫނުފިލި އެންމެ ރިވެތި އެންމެ ބަނިޔާދަން ބޭފުޅާކަމަށް ބުނެވޭ މަޝްހޫރު ބޭފުޅަކަށް ވީމާ އެކަމަނާގެ އެހެން ފިރިކަލެއްގެ ބޭފުޅުންތަކެއް ތިއްބެވި ނަމަވެސް އެއީ ކުރިން ދެންނެވިހެން އަލްޙާއްޖު ޢަލީ ތުއްކަލާ ފަދަ ޢިލްމީ ޤަދަރުވެރި ބޭފުޅަކު ދެއްވަދޫއަށް ވަޑައިގެން އެކަމަނާއާއި ކައިވެނި ކުރައްވައިފައިވާނެ ކަމެއްތޯ ފިކުރު ހިންގާލުމަކީވެސް މުޅިން ނެތްކަމެއް ނޫނެވެ.

ދެއްވަދޫ ރަސްގެފާނާއި އެއްބަނޑު އެއްބައްޕަ ބޭފުޅަކު ނެތި ހަމައެކަނި އެރަސްގެފާނާއި އެއްބަނޑު ބޭފުޅުންގެ ދަރިފަސްކޮޅެއް ހިނގާފައި ވިޔަސް އެހިސާބުން އެދަރިކޮޅަށް އުނިވާނެ ތަނަކީ މީދޫ ޝަމްސުއްދީން ފަނޑިޔާރު ތަކުރުފާނުގެ ދަރިކަލުން އަލްޙާއްޖު ޢަލީ ތުއްކަލާއާއި ހަމައިން ހިނގާފައިވާ ދަރިފަސްކޮޅަކަށް އެދަރިކޮޅު ނުވުމެވެ. ނަމަވެސް އެކަން އެހެންވުމަކީ އަލްޙާއްޖު ޢަލީ ތުއްކަލާއާއި ނުވަތަ ޢަލީ ތުއްކަލާގެ ބައްޕާފުޅު ޝަމްސުއްދީން ފަނޑިޔާރު ތަކުރުފާނާއި އެދަރިފަސްކޮޅާއި އެއްވެސް ގޮތަކުން ގުޅުމެއް ނެތުން ނޫނެވެ.

ދެއްވަދޫ ރަސްގެފާނާއި އެއްބަނޑު އެއްބައްޕަ ބޭފުޅަކު ނެތި ހަމައެކަނި އެރަސްގެފާނާއި އެއްބަނޑު ބޭފުޅުންގެ ދަރިފަސްކޮޅެއް ހިނގާފައި ވިޔަސް އެހިސާބުން އެދަރިކޮޅަށް އުނިވާނެ ތަނަކީ މީދޫ ޝަމްސުއްދީން ފަނޑިޔާރު ތަކުރުފާނުގެ ދަރިކަލުން އަލްޙާއްޖު ޢަލީ ތުއްކަލާއާއި ހަމައިން ހިނގާފައިވާ ދަރިފަސްކޮޅަކަށް އެދަރިކޮޅު ނުވުމެވެ .ނަމަވެސް އެކަން އެހެންވުމަކީ އަލްޙާއްޖު ޢަލީ ތުއްކަލާއާއި ނުވަތަ ޢަލީ ތުއްކަލާގެ ބައްޕާފުޅު ޝަމްސުއްދީން ފަނޑިޔާރު ތަކުރުފާނާއި އެދަރިފަސްކޮޅާއި އެއްވެސް ގޮތަކުން ގުޅުމެއް ނެތުން ނޫނެވެ.

 އެހެނީދެއްވަދޫ ދޮން ދަލޭކަ ކަނބުލޭގެފާނަކީ ދެއްވަދޫ ރަސްގެފާނާއި ހަމައެކަނި އެއްބަނޑު ބޭފުޅަކަށް ވިޔަސް އޭނާގެ ދި، މަރިޔަމް ކަނބުލޭގެފާނުގެ ދި، ދެއްވަދޫ ގަނޑުވަރު ދޮން ދަލޭކަ ކަނބުލޭގެފާނުގެ ދެބޭފުޅެއްކަމަށްވާ އާމިނާ މަނިކުފާނާއި ޙަސަން މަނިކުފާނު، ކައިވެނީގެ ގޮތުން ގުޅިވަޑައިގެން ދަރިފަސްކޮޅު ހިނގާފައިވަނީ މުޡުހިރުއްދީން ރަދުންނަށް ހޫރުކާފަ، އަދި ޙާޖީ ބަންޑާރައިންނަށް މުނިކާފަ ވިދާޅުވާ ދެބޭފުޅެއްކަމަށްވާ ދޮންދީދީ (ކޮނޑޭދީދީ) އާއި މުޙައްމަދުދީދީ (ތުއްކަލާދީދީ) އާއެވެ. އަދި މަރިޔަމް ކަނބުލޭގެފާނުގެ ޢާއިލާގެ ގިނަ ބޭފުޅުން ކައިވެނީގެ ގޮތުން ގުޅިވަޑައިގެންފައިވަނީ ވެސް މުޡުހިރުއްދީން ރަދުންނާއި ޙާޖީ ބަންޑާރައިންގެ ޢާއިލާގެ ބޭފުޅުންނާއެވެ. މިއީ މިހާރުވެސް ފެންނަން އޮތް ބޮޑު ދަރިފަސްކޮޅެކެވެ. މިހެންވީމާ މިހުރިހާ ބޭފުޅުންގެ ދަރިފަސްކޮޅު ހިނގާފައި އެވަނީ މުޡުހިރުއްދީން ރަސްގެފާނުގެ ދަރިފަސްކޮޅުގެ ބޭފުޅުންނާއި ގުޅިގެންކަމަށް ވީމާ އެދަރިފަސްކޮޅާއި ޝަމްސުއްދީން ފަނޑިޔާރު ތަކުރުފާނާއި އެވަނީ ގުޅިފައެވެ. އެހެނީ މުޡުހިރުއްދީން ރަސްގެފާނުގެ މަންމާފުޅަކީ މީދޫ ޝަމުސުއްދީން ފަނޑިޔާރު ތަކުރުފާނުގެ ދި، އަލްޙާފިޡާ ބޮޑު ފާޠިމާފާނުގެ ދި، ކޮރުވަލު ޒުލޭޚާބީގެ ދި، އަތިރީ ޙައްވާބީގެ ދި، އަތިރީކަމަނާއެވެ. އަތިރީކަމަނާގެ ބައްޕަ ހަނދޭގިރި ތަކުރުފާނަކީ ޢިމާދުއްދީން (2ވަނަ) ރަސްގެފާނާއި އެއްބަނޑު ބޭފުޅަކަށްވީމާ ޢިމާދުއްދީން (2ވަނަ) ރަސްގެފާނުގެ ދަރިކަލުން އިބްރާހީމް (2ވަނަ) ރަސްގެފާނަކީ އަތިރީކަމަނާއާއި ދެބެންގެ ދެދަރި ބޭފުޅެކެވެ. އަދި އިބްރާހީމް (2ވަނަ) ރަސްގެފާނު ކައިވެނިފުޅު ކުރައްވައިގެން ހަ ބޭފުޅުން ލިބިވަޑައިގެންނެވި ޢާއިޝާ ކަނބާފާނަކީ އަތިރީކަމަނާގެ ދި، ފާޠިމާ މާވާކިލެގެފާނުގެ ދަރިކަނބަލުންނެވެ. ޙާޖީ ބަންޑާރައިންނަކީ އިބްރާހީމް ރަސްގެފާނާއި ޢާއިޝާ ކަނބާފާނާއި ދެމަފިރިކަނބަލުންގެ ބޭފުޅެކެވެ. 

ހުރިހާ ކަމަކީ ތާރީޚު ފޮތެއްގައި ނުވަތަ އެހެން އެއްޗެއްގައި ވިޔަސް ލިޔެވި ފެންނަން ނުހުރެދާނެ ކަންކަމެވެ. އެކަމަށް ވިސްނާލުމަކީ ނެތްކަމެއް ނޫނެވެއޮތް ކަމެކެވެ. ތާރީޚު ފޮތުގައި ނުވަތަ އެހެން އެއްޗެއްގައި ކަމެއްގެ ވާހަކަ ނުލިޔެވުމަކީ އެކަމެއް ވުޖޫދަށް ނައިސް މުޅިން ނެތްކަމަކަށް ވުމެއް ނޫނެވެ. އެއްކަމަކާއި ގުޅިގެން އެކަމެއްގެ މަޢުލޫމާތު އެކި މީހުންނަށް އެކި ވަރަށް ލިބިފައި ހުންނާތީވެސް އެބަ ފެނެއެވެ. އޭގައި ތަފާތެއް ހުރެދާނެއެވެ. އޮޅުން އަރާގޮތެއް ވެދާނެއެވެ. ނަމަވެސް އެކަމެއް ދެނެހުރި ބަޔަކު ގުޅިގެން އެކަމުގެ ޙަޤީޤަތާއި އެއްގޮތަށް އެކަމެއް އެއްގޮތްކޮށްލެވި ދާނެއެވެ. އެއްޗެއްގެ ނުވަތަ ކަމެއްގެ ވާހަކަ ލިޔާ ބަޔަކަށް އެކަމެއް ނޭނގި އެކަމެއް ފާހަނގަ ނުކުރެވި ވެސް އޮވެދާނެއެވެ. ނުވަތަ ހާމަކުރަން ބޭނުންވާ ކަމެއްގައި ސީދާ އެކަމަކަށް ކޮންމެހެން ބޭނުންނުވާ ކަންކަން ދޫކޮށްލާފައި ވެސް އޮވެދާނެއެވެ. އެކަން ޖެހޭނީ ދެން ތިބީންގެ ވިސްނުމަށް ގެނެސް އެކަން އެހެން އެވީ ކީއްވެތޯ ބަލާށެވެ. 


މިސާލަކަށްhttp://maj.s5.com/meedhoo_genealogy.htm  މި ސައިޓުގައި މީދޫ ޝަމްސުއްދީން ފަނޑިޔާރު ތަކުރުފާނުގެ ބޭފުޅުންގެތެރޭގައި އަލްޙާއްޖު ޢަލީ ތުއްކަލާގެ ނަންފުޅެއް ނެތެވެ. އޮތީ އަލްޙާފިޡާ ބޮޑު ފާޠުމާފާނާއި، އަޙުމަދު ޝިހާބުއްދީން ބޮޑު ނައިބު ތަކުރުފާނާއި، އަލްޤާޟީ ޙުސައިން ޤުޠުބުއްދީންގެ ނަންފުޅެވެ. އަދި އަތިރީކަމަނާގެ ބޭފުޅުންގެތެރޭގައި މުޡުހިރުއްދީން ރަދުންގެ ނަންފުޅެއް ވެސް ނެތެވެ. މިދެންނެވި ދިޔަ ބޭފުޅުންގެ ނަންފުޅު އޭގައި ނެތީ ކީއްވެގެންތޯ ދެކޭ މީހުން ވިސްނާލަންވާނެއެވެ. އެބޭފުޅުންގެ ނަންފުޅު އޭގައި ނެތީ އެއީ ވަކި ބޭފުޅުންކޮޅެއްގެ ދަރިކޮޅަކަށް ނުވަތަ ޢާއިލާއަކަށް ބަލާފައިވާ ލިޔުމެއްކަމަށް އެލިޔުން ވުމުން އޭގެ ބޭރު އިތުރު ނަންތަކެއް އޭގައި ހިމެނުމުގެ މާބޮޑު ބޭނުމެއް ނެތުމުން ކަމަށް ވުން އެކަށީގެންވެއެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ. އެބޭފުޅުން އެލިޔުއްވުމުގައި ވިދާޅުވެފައި އެވަނީ އެދަރިކޮޅުގައި ކޮންމެހެން އެހެން ބޭފުޅުން ނެތް ވާހަކައެއް ނޫނެވެ. އެއީ އެލިޔުމަށް ނުވަތަ އެކުރެހުމަށް ނުވަތަ އެމަޢުލޫމާތަށް ކޮންމެހެން ބޭނުންނުވާ ނަންތައް ދޫކޮށްލެއްވުމާއި ވަޤުތު ސަލާމަތް ކުރެއްވުމުގެ ބޭނުން ހިއްޕެވީކަމަށްވެސް ވެދާނެއެވެ.  ލިޔުމެއް ލިޔެފައިވާ ބޭނުމާއި ލިޔުނު ޙާލަތާއި އޭގައި ބުނާ އެއްޗަކަށް ގޮތަކަށް އެއްލި ކަޅިއަކުން ބަލައިފިނަމަ ބައެއް މީހުންނަށް ވަރަށް ފަސޭހައިން އެލިޔުން އޮޅޭގޮތް ވުމަކީ އެކަށީގެންވާ ކަމެކެވެ. އޭގެ މިސާލަކަށް ބަލައިލަމާތޯއެވެ.

މާލޭ ހުކުރުމިސްކިތު ފޮތުގެ 172 ނަމްބަރު މަހާނަގަލުގެ ލިޔުމުގައިވަނީ "ހިޖުރައިން ހާހާއި އެއްސަތޭކަ ފަސްދޮޅަސް ތިންވަނަ އަހަރު ރަމަޟާން މަހު އަށާވީސް ވީ ހޯމަ ދުވަހު މާތޮޑާ ދޮންމަރުނު ކުދު ކަތީބު ކަލޭގެފާނުންގެ ދި ދޮން ދަލޭކަ ކަނބުލޭގެފާނު ބަޑުން ދޮން ކުކައު ނާއިބު ކަލޭގެފާނަށް އުފަން ވާދޫ މުޙައްމަދު ނާއިބު ކަލޭގެފާނުންގެ ފުތް އަބޫބަކުރު ނާއިބު ކަލޭގެފާނުންގެ އަލްޚާޒިން އަލްވަޒީރު ޢަލިތަކުރުފާނުންގެ ފުތް އަލްވަޒީރު މުޙައްމަދު ބޮޑުތުންމަނިކު ޝަހީދުވީ ކަމުގެ ހަދާން. މިގައު ގެހި ދުވަހީ އަލްޙައްޖު މަހު ހުކުރުދުވަހަކު. މިގައު ގެއްސީ މޭނާކަލޭގެފާނާއި އެއްބަޑު އަލްޚާޒިނު ރަނަހަމާންތި ކަލޭގެފާނު." މިހެންނެވެ. މިލިޔުމަށް އެއްލި ކަޅިއަކުން ބަލައިފިނަމަ އޭގައި އެބުނާ ދޮން ދަލޭކަ ކަނބުލޭގެފާނަކީ ދެއްވަދޫ ގަނޑުވަރު ދޮން ދަލޭކަ ކަނބުލޭގެފާނު ކަމަށް ހީވެދާނެއެވެ. އަދި ދެއްވަދޫ ގަނޑުވަރު ދޮން ދަލޭކަ ކަނބުލޭގެފާނަކީ މާތޮޑާ ދޮންމަރުނު ކުދު ކަތީބު ކަލޭގެފާނުގެ ދަރިއެއްކަމަށް ވެސް ހީވެދާނެއެވެ.

ނަމަވެސް މިމަހާނަ ގަލުގައި އެބުނާ ދޮންދަލޭކަ ކަނބުލޭގެފާނަކީ ދެއްވަދޫ ގަނޑުވަރު ދޮންދަލޭކަ ކަނބުލޭގެފާނެއް ނޫނެވެ. އެކަން އެނގޭނީ އެއަށް ގޮތަކަށް ކަޅިއެއް އެއްލާނުލައި އެއަށް ގޮތަކުން އެއްކިބާވެ ވިސްނާލިނަމަ ނޫންތޯއެވެ. އޭރުން ދާދި ފަސޭހައިން އެބުނާ އެއްޗެއް އެނގިދާނެއެވެ.

ތިނަދޫ ޖަނަވަރީގޭ އަލްމަރުޙޫމް ޙަސަން ޙިލްމީ ލިޔުއްވާފައިވާ ޢާއިލީ ލިޔުއްވުމެއްގައި ދެއްވަދޫ ދޮން ދަލޭކަ ކަނބުލޭގެފާނުގެ ނަން ލިޔުއްވާފައިވަނީ އަލްޙާއްޖު ޢަލީ ތުއްކަލާގެ ބޭފުޅެއްކަން އެނގޭ ގޮތަށެވެއެލިޔުއްވުމުގައި ދޮން ދަލޭކަ ކަނބުލޭގެފާނުގެ ނަން އޮތީ އޭނާގެ މަންމާފުޅު އައިސާދިޔޯއާއި ގުޅިގެން ނޫނެވެ. އަލްޙާއްޖު ޢަލީ ތުއްކަލާއާއި ގުޅިގެންނެވެ. ދެއްވަދޫ ގަނޑުވަރުގެ ކުރީގެ ޢާއިލާތައް ލިޔުއްވި ވާދޫ އަޙުމަދު ޢަލިދީދީ (ދެއްވަދޫ)ގެ ލިޔުއްވުމެއްގާވެސް ދެއްވަދޫ ދޮން ދަލޭކަ ކަނބުލޭގެފާނަކީ އަލްޙާއްޖު ޢަލީ ތުއްކަލާގެ ބޭފުޅެއް ކަމަށް އެނގެން އޮވެއެވެ. ދެއްވަދޫ ދޮން ދަލޭކަ ކަނބުލޭގެފާނު އަވަހާރަވެ ވަޅުފުޅުލެވިފައި ވަނީ އުތީމު މަހާރަދުން ތިނަދޫގައި ބިނާ ކުރެއްވި ހުކުރުމިސްކިތުގެ އުތުރު ފަރާތުން މިސްކިތާއި ދާދި ގާތުގެ ބިސްތާނައިގައި ކަމަށް ތިނަދޫ ޖަނަވަރީގޭ އަލްމަރުޙޫމް ޙަސަން ޙިލްމީ ލިޔުއްވާފައިވެއެވެ. ދެއްވަދޫ ދޮން ދަލޭކަ ކަނބުލޭގެފާނު ތިނަދޫގައި އަވަހާރަވީ ދެއްވަދޫ ރަސްގެފާނު ތިނަދޫގައި ޢިމާރާތް ކުރައްވަން ފައްޓަވާފައިވާ އެރަދުންނަށް ނިސްބަތްވާ މިސްކިތް (މަސްޖިދުއް ސުލްޠާން މުޙައްމަދު) ގެ މަސައްކަތް ފަށައި އެރަދުން އަވަހާރަވީއިރު އެމަސައްކަތް މުޅިން ނުނިމޭތީވެ، އެމަސައްކަތް ހިނގާ ނުހިނގާ ގޮތް ބެއްލެވުމަށް ދެއްވަދޫގައި އިންނަވާފައި ދޮން ދަލޭކަ ކަނބުލޭގެފާނު ތިނަދޫއަށް ކުރެއްވި ދަތުރެއްގާ ކަމަށް ޙަސަން ޙިލްމީ ލިޔުއްވާފައިވެއެވެ.

ހަވަރުތިނަދޫގެ ދެވަނަ އާބާދީގައި ހަވަރުތިނަދޫގައި މީހުން ވަޒަންވެރިވީ އިރު ވެސް ދެއްވަދޫ ދޮން ދަލޭކަ ކަނބުލޭގެފާނުގެ މަހާނަ ގައު ހުއްޓެވެ. އޭގެ އެތައް އަހަރެއްގެ ފަހުން މިސްކިތުގެ ޤަބުރުސްތާނުން މިނި ކަށި ނެގުމަށް ކޮނުނު އިރު އެ ގަލާއި ޤަބުރުސްތާނުގައިވާ ތާރީޚީ އެހެން ގައުތައްވެސް ހެޔޮވަރަކަށް "ކޮނެލެވި" ނިމިގެން ދިޔައީއެވެ.

ދެއްވަދޫ ދޮން ދަލޭކަ ކަނބުލޭގެފާނަކީ ކާކުގެ ކޮން ބޭފުޅެއްކަން ތިނަދޫ ޖަނަވަރީގޭ އަލްމަރުޙޫމް ޙަސަން ޙިލްމީގެ ވިސްނެވުމަށް ނުގެންނެވުނު ނަމަ ދެން އެކަމާމެދު އަޅުގަނޑުމެން ކަހަލަ މީހަކު މިހާރު ދަންނަވާނީވެސް ވަކި ކީކޭތޯއެވެ. (ދެއްވަދޫ ދޮން ދަލޭކަ ކަނބުލޭގެފާނުގެ މަރިޔަމް ކަނބުލޭގެފާނުގެ ދެއްވަދޫ ގަނޑުވަރު ދޮންދަލޭކަ ކަނބުލޭގެފާނުގެ ފުތް ޙަސަންމަނިކުފާނާއި ކޮނޑޭ ޢަލިމަނިކުފާނުގެ ދި ކޮނޑޭދީދީ (ދޮންދީދީ، ނުވަތަ ފާޠިމާދީދީ) އާއި ދެމަފިރިންގެ ފުތް އިބްރާހީމްދީދީ ކައިވެނިކުރެއްވީ، ދެއްވަދޫ ގަނޑުވަރު ދޮންދަލޭކަ ކަނބުލޭގެފާނުގެ ދި އާމިނާ މަނިކުފާނާއި ކޮނޑޭ ޢަލިމަނިކުފާނުގެ ފުތް ތުއްކަލާދީދީ (މުޙައްމަދުދީދީ) އާއި ދެމަފިރިންގެ ދި ދޮންދީދީ އާއި އެވެ. މިކައިވެނީގެ ދެ ދަރިންގެ ތެރެއިން ދެއްވަދޫ ދަލޭކައިދީ (ދެއްވަދޫ ގަނޑުވަރުދީދީ)ގެ ފުތް، އިސްމާޢީލްދީގެ ފުތް، މުޙައްމަދުދީދީގެ ދި، ދޮންދީދީގެ، އެއްދަރިއަކީ ތިނަދޫ ޖަނަވަރީގޭ ޙަސަން ޙިލްމީއެވެ.)


ތާރީޚީ ގޮތުން އެއްވެސް ފައިދާއެއް ނެތް ކަންކަން އިތުރަށް އޮޅުންބޮޅުން ކުރުން ދޫކޮށްލައި ބިނާކުރަނިވި ހެޔޮގޮތުގައި ވަޤުތުގެ ބޭނުން ހިފުމަކީ ބޭނުންތެރި ކަމަކަށް ނޫނީ ނުވާނެކަމާމެދަކު ޝައްކެއް ނެތެވެ. (ނިމުނީ)
                    ---------------------------
ޢަބުދުﷲ ހިލްމީ
01 ޖޫން 2012މ.