ފުވައްމުލަކުގެ ޢިލްމީ އުދަރެހުން - 1 ޢަލީ މުޞްޠަފާ
[މަޖީދިއްޔާގައި އޭނާއަކީ އެންމެމޮޅު ޅެންވެރިޔާއަށް ވީފަދައިން ފަހަކަށްއައިސް ދިވެހިރާއްޖޭގައިވެސް "ހިޒާރު" (ޢަލީ މުޞްޠަފާ) އަކީ އޭނާއާއި ވާދަކުރުން ދަތި ޠަބީޢީ ޅެންވެރިއެކެވެ. ޤައުމީ މުބާރާތްތަކުގައި އެތައް ފަހަރެއްގެ މަތިން ހޮވުނު އެއްވަނަ ޅެންވެރިޔާއެވެ.]   - "މަލަސް"53 - 

ޢަލީ މުޞްޠަފާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 19 ރަމަޟާން 1341ހ. ގައި ފުވައްމުލަކުގަ އެވެ. ފުވައްމުލަކުގައި އޭނާ މަޝްހޫރުވެފައި ވަނީ "ފާނަންމަގު" ޢަލީ މުޞްޠަފާގެ ނަންފުޅުންނެވެ. "ފާނަންމަގު" މިއީ ގޭގެ ނަމެކެވެ. ޢަލީ މުޞްޠަފާ އަކީ ޢިލްމީ ޢާއިލާއެއްގެ ދީންވެރި ޢިލްމުވެރި އަދި އަޚުލާޤު ރަނގަޅު ބޭފުޅެކެވެ. އާދަޔާޚިލާފަށް ހިތް އަލި ބޭފުޅެކެވެ. ތުއްޕުޅު އިރު ފުވައްމުލަކުގައި ހުންނަވައިގެން އޭނާގެ ބައްޕަ ދޫނޑޭރެ އަޙުމަދުދީދީ އާއި އެއްބަނޑު އެއްބައްޕަ ބޭބެ ދޫނޑޭރެ އައްނާއިބު އިބްރާހީމް ފަހުމީދީދީ (ދޫނޑޭރެ ދޮންތުއްތު ދީދީ)ގެ އަރިހުން ދީނީ ތަޢުލީމާއި ޢަރަބި ބަހާއި ހިސާބާއި އަދި ނިޔަމިކަން ވެސް އުނގެނިވަޑައިގަތެވެ. އައްނާއިބު އިބްރާހީމް ފަހުމީދީދީ އަކީ ޤާޟީ އިބްރާހިމް މަޖުދުއްދީން އާއި ފުވައްމުލަކު "ދިހެރޭމަގު" ފާޠިމާ މަނިކެގެ ދަރިކަލުން އައްނާއިބު މުޙައްމަދު މަނިކުގެ ދަރިކަލެކެވެ. ޢަރަބިބަހާއި ފިޤުހާއި ނިޔަމިކަމަށް ވަރަށްމޮޅު ބޭފުޅެކެވެ. ޢަލީ މުޞްޠަފާ ފުވައްމުލަކުން ތަޢުލީމު ޙާޞިލްކުރެއްވުމަށް ފަހު މާލެއަށް ވަޑައިގެން ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީންގެ އަރިހުންނާއި އަދި މާލޭ މަދަރުސަތުއް ސަނިއްޔާ ފަހުން މަދަރުސަތުލް މަޖީދިއްޔާ އިން ވެސް ތަޢުލީމު ހޯއްދެވިއެވެ.

"ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖުލިސް" އިން ނެރުއްވި "މަލަސް 53" ގައި ލިޔެފައިވެއެވެ. [ޢަލީ މުޞްޠަފާ މަދަރުސާއަށް ވަދެވަޑައިގަތް ދުވަހުން ފެށިގެން ސްކޫލް ދައުރު ނިމެންދެންވެސް އޭނާއަކީ އެންމެ ބަސްއަހާ އަދި ކިޔެވުމުގައި އެންމެ ކުރިއަރާ ހަތަރު ފަސް ކުއްޖެއްގެ ތެރޭން ދަރިވަރަކަށްވިއެވެ. އޭނާއާއި އެއްކްލާހުގައި ތަޢުލީމު ނިންމި ދަރިވަރުންގެތެރޭގައި ނތ. ޙަސަންދީދީ، އަޙުމަދު ޝަފީގު، އިސްމާޢީލް ޢަބުދުﷲ އާއި ނައިފަރު ޢަލީ ޙުސައިނާއި އެފަދަ އެމަދަރުސާ އުފެއްދި ދަރިވަރުންކޮޅެއް ހިމެނުނެވެ. މިއިން ކޮންމެ ދަރިވަރަކީ މަޖީދިއްޔާ ފަޚުރުވެރިވުން ޙައްޤު ދަރިވަރެކެވެ. ސްކޫލް ނިންމަވައިގެން 1949 އަހަރުހާތާގައި އެކްލާސްނިންމި ދަރިވަރުން ސަރުކާރުގެ ޚިދުމަތުގައި ބޭނުންފުޅު ކުރެއްވުމުގައި ޢިލްމީ ޤާބިލިއްޔަތު އެންމެ މަތީ އެއްކުއްޖެއްގެ ގޮތުން މުޞްޠަފާއަށް ދެއްވީ މަޖީދިއްޔާ މުދައްރިސް ކަމެވެ.]

ޢަލީ މުޞްޠަފާ މާލޭގައި ހުންނެވީ ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީންގެ ބެއްލެވުމުގެ ދަށުގައި ބަގީޗާގޭގަ އެވެ. ޝައިޚު ޞަލާޙުއްދީން އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެދުގަނޑުވަރު ތުއްތުގޮމާއަކީ ޢަލީ މުޞްޠަފާއާއި ޢާއިލީގޮތުން ގުޅޭ ބޭފުޅުންނެވެ. އަދި މިބޭފުޅުން އެއްބޭފުޅަކު އަނެއް ބޭފުޅަކާއި ވެސް ޢާއިލީގޮތުން ގުޅެއެވެ. އެހެންވުމާއި އަދި ޢަލީ މުޞްޠަފާއަށް ލިބިވަޑައިގެންފައިވާ ތަރުބިއްޔަތާއި ހަރުދަނާ އަޚުލާޤުގެ ސަބަބުން އޭނާ ބަގީޗާގޭގައި ހުންނެވީ ހުރިހާ ކަމެއްގައި ވެސް ޞަލާޙުއްދީންގެ ބޭފުޅުންނެކޭ އެއްގޮތަށެވެ. ޢަލީ މުޞްޠަފާއާއި މެދު ބަގީޗާގޭ ބޭފުޅުން ދެކެވަޑައިގަންނަވަނީ ވެސް ގޭގެ ބޭފުޅެއްކަމަށެވެ.

"
ފުވައްމުލަކު ހިރިހަމައިދި ކަލޭގެފާނު" މި ސުރުޚީގެ ދަށުގައި އަޅުގަނޑު ލިޔުނު ލިޔުމަކަށް "ފިކުރީ" ނުވަތަ އެނަމުގައި ބޭފުޅަކު ކޮމެންޓެއް ކުރެއްވިއެވެ. އެކޮމެންޓްގައި އޭނާ ލިޔުއްވި އެއްވާހަކައަކީ ދިވެހިބަހާ އަދަބުގެ ފުންނާބު އުސް އަދީބު އަދި ކުޅަދާނަ ވާހަކަދެއްކުންތެރިޔާ އުސްތާޛުލް މަރުޙޫމް އިބްރާހީމް ޝިހާބު ވިދާޅުވެފައިވާކަމަށް އެހެން ކޮންމެވެސް ބޭފުޅަކު ވިދާޅުވާ ވާހަކައެކެވެ. [ޢަލީ މުޞްޠަފާގެ އަރިހުން ޅެންވެރިކަމެއް ހޯއްދަވަން އުސްޡާޛު ޝިހާބު އުޅުއްވި ނަމަވެސް ލިބިވަޑައިގަތީ ޢަލީ މުޞްޠަފާގެ ކުޅަދާނަކަމަށް ބަލާއިރު ވަރަށްވެސް ކުޑަ މިންވަރެއް] ކަމަށެވެ. ދިވެހި "ޅެންވެރިންގެ ދުވަސް" އެބޭފުޅަކަށް ނިސްބަތްވާ އަދި ދިވެހި ޝާޢިރީ ގުލްޝަންގެ "ޝާޢިރުއް ޝަބާބު" އުސްތާޛު އިބްރާހީމް ޝިހާބުގެ މި ވިދާޅުވުމުން ދެކަމެއް ފާހަގަކުރެވެއެވެ. އެއްކަމަކީ ވިދާޅުވުން އެފަރާތަކަށް ރައްދުކުރެވޭ ދިވެހި ޝާޢިރީ ގުލްޝަންގެ "ހިޒާރު" ނުވަތަ ޢަލީ މުޞްޠަފާގެ އެފަންނުގެ ޤާބިލްކަމެވެ. އަނެއްކަމަކީ ދެބޭފުޅުންގެ ގާތްކަން އޮތް މިންވަރެވެ. ދެބޭފުޅުންނަކީ ވެސް ބަގީޗާގޭ ބޭފުޅުންކަމެވެ.

(
ޝައިޚު ޞަލާޙުއްދީންގެ އެދުރު ޝައިޚުލްޙާފިޡު އިބްރާހިމް ތަކުރުފާނު (އައިސާބީގެދަރު ދޮންބެއްޔާ)ގެ އެދުރަކީ ޢަލީ މުޞްޠަފާގެ ބައްޕަ ފުވައްމުލަކު ދޫނޑޭރެ އަޙުމަދުދީދީގެ ކާފަ ޤާޟީ އިބްރާހިމް މަޖުދުއްދީނެވެ. އައިސާބީގެދަރު ދޮންބެއްޔާ އާއި މަޝްހޫރު ޝައިޚު މުޙައްމަދު ޖަމާލުއްދީން ނާއިބު ތުއްތުއަކީވެސް މަޖުދުއްދީންގެ ދަރިވަރުންނެވެ. މީދޫ އަލްފާޟިލް އަލްމަރުޙޫމް ޢަބުދުﷲ ޒަމީރު ލިޔުއްވާފައިވަނީ [މަޖުދުއްދީންއަކީ ދިވެހިއަދަބިއްޔާތާއި ރައިވަރުގެ ރޮނގުގައި އޭނާގެ ޖީލުގެ އެންމެ އިސް އެއް އުސްތާޛެވެ. ޢަރަބި ބަހާއި ފިޤުހާއި ތަފްސީރާއި ޙަދީޘާއި ތައުޙީދުގެ ޢިލްމަށް އަރާހުންނެވި ބޭފުޅެކެވެ. ފަލަކީ ޢިލްމާއި ނިޔަމިކަމާއި ނުޖޫމީ ޢިލްމުގެ މާހިރެކެވެ. ދީނީ ޢިލްމްވެރިއެއްގެ އިތުރަށް އޭނާއަކީ ޙަކީމީ ބޭސްވެރިކަމާއި ފަންނީ ޢިލްމުގެ މާހިރެކެވެ. އެދުރެކެވެ. ދިވެހިއަދަބިއްޔާތާއި ރައިވަރުގެ ރޮނގުގައި އޭނާއަކީ އޭނާގެ ޖީލުގައި އެންމެ އިސް އެއް އުސްތާޛެވެ. ތަޖުވީދު މަގުން ޤުރުއާން ކިޔަވައި ވިދާޅުވުމުގައްޔާއި މަދަޙަ ވިދާޅުވުމުގައި އޭނާގެ އަޑު މަޚްރަޖުގެ ރީތިކަމުން އެދުވަސްވަރު އޭނާ ފާހަގަވެފައިވަނީ ލާމަޘީލު އަޑުފުޅެއްގެ ވެރިއެއްގެ ގޮތުގައެވެ. އޭނާ އެކުލަވައިލެއްވި ފޮތްތަކާއި މައުލޫދަކާއި ބައެއް ދުޢާތަކާއި ބައެއް ޢަރަބި ޅެން ހުއްޓެވެ.] "ހިޒާރު" (ޢަލީ މުޞްޠަފާ) އަކީ އޭނާއާއި ވާދަކުރުން ދަތި ޠަބީޢީ ޅެންވެރިއެއް ކަމަށް "މަލަސް" 53 ގައި ލިޔުއްވާފައިވަނީ މަތިމަތިކޮޅުން ފެށިގެން ބިނާކުރަނިވި ޢިލްމީ ޅެންވެރިކަމެއްގައި ޢަލީ މުޞްޠަފާ ވެސް ހުންނެވުމުން ކަމަށް ޤަބޫލުކުރެވެއެވެ.

ތަޢުލީމު ޙާޞިލްކުރެއްވުމަށްފަހު ޢަލީ މުޞްޠަފާ މަޖީދިއްޔާގެ މުދައްރިސަކަށް ހުންނެވި ދުވަސްވަރަކީ އޭނާއަށް "ފާގަތި" ދުވަސްވަރަކަށް ވާނެ ކަމަށް ޤަބޫލުކުރެވެއެވެ. އޭނާގެ ބައްޕަ ފަރާތްޕުޅުގެ ބޭބެއެއްކަމަށްވާ އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީގެ ގާތްކަމާއި އެޢާއިލާގެ ބޭފުޅުންގެ އެހީތެރިކަން ވެސް އޭނާއަށް ލިބިވަޑައިގަންނަވާނެއެވެ. އަދި އެކުގައި ކިޔެވި ދަރިވަރުންނާއި މާލޭގެ ބޮޑުންގެތެރޭ ވެސް ޢާއިލީގުޅުން އޮތް ބޭފުޅުން ތިއްބެވިއެވެ. އެދުވަސްވަރު ދިވެހިދައުލަތް ހިންގަވަން ހުންނެވި އަލްއަމީރު މުޙައްމަދު އަމީން އަކީ ވެސް ޢަލީ މުޞްޠަފާގެ ޢިލްމީ ޤާބިލްކަމަށްޓަކައި ވިޔަސް ޢާއިލީ ގުޅުމަށްޓަކައި ވިޔަސް ޢަލީ މުޞްޠަފާއާއި ވަރަށްބޮޑަށް ގާތްކަން ބޭއްވެވި ބޭފުޅެކެވެ. އަދި އަލްއަމީރު މުޙައްމަދު އަމީން ދިވެހިދައުލަތް ހިންގެވި ދުވަސްވަރު އެމަނިކުފާނުގެ ސީދާ ބެއްލެވުމުގެ ދަށުން ހިނގަމުން ދިޔަ ދިވެހިބަހާއި އަދަބީ ޙަރާކާތްތަކުގައި ވެސް ޢަލީ މުޞްޠަފާގެ ޢަމަލީ ދައުރެއް އޮތެވެ.

އަލްފާޟިލް އަލްމަރުޙޫމް ޢަލީ މުޞްޠަފާ މަޝްހޫރުވެފައި ވަނީ ޢިލްމީ މޮޅު ޅެންވެރިއެއްގެ ގޮތުންނެވެ. އޭނާގެ ޅެންވެރިކަމަކީ އިސްލާމީ މަތިވެރި ތަރުބިއްޔަތެއްގެ މަތީ ބިނާކުރުވަނިވި ބުރަދަން ހުރި ޅެންވެރިކަމެކެވެ. އެ ޅެންވެރިކަމުން މުޖުތަމަޢަށް ދެއްވީ ހެޔޮ ނަޞޭހަތެވެ. ސީދާމަގު ދެއްކެވުމާއި ވިސްނުވައި ދެއްވުމެވެ. އޭނާއަކީ ޅެމެކޭ ހީކޮށް ކިޔާ އެއްޗެއްގެ އެކޮޅެއް މިކޮޅެއް ދިމާނުވެ އެންމެފަހުން އެ އެއްޗެއް ބުނި އަނގަޔަކަށް އެއެއްޗެއް އަނބުރައި ވަންނަ ކަހަލަ އެއްޗެހި ވިދާޅުވި ބޭފުޅެއްނޫނެވެ.

އަލްފާޟިލް އަލްމަރުޙޫމް ޢަލީ މުޞްޠަފާ ހައްދަވާފައިވާ މޮޅު ބައެއް ޅެންތައް އެކިދިމާލުން އިވި މަޝްހޫރުވެފައި ވެއެވެ. [ނަންފުޅު މުޙައްމަދު މުޞްޠަފާ ރަންއަކުރުގައި ކުލަގަދަވެފާ، އަންގާލުމަށް ފަހުގައި އުފާ ކަންތައް ވިޔޭ މާ ފަހިވެފާ] [އެކަލާނގެ ކުޅަދުންވަންތަކަން ފޯރައެ ވަނިވިހާ ތަންތަނަށް، އެކަލާނގެ ރަޙުމަތްވަންތަކަން ލިބެޔޭމެ ހުރިހާ އެއްޗަކަށް] [ނެތުމުގެތެރޭން މިޢާލަމް ކާކުތަ ހަދާ ނެރުއްވީ، ފަތުރުއްވަވާ މިބިންތައް އުޑުތައް ބިނާކުރެއްވީ، ކަޅު އަނދިރި ރޭރެއަށްމާ ކަޅުހިލަތަކުގެ މަތީގާ، ކަޅު ހިނި ހިރޭ ހިރުންވެސް ދެނެވޮޑިގަތުން މަތީވީ] މިފަދަ ޢިލްމީ އޮއްޓަރު ހުރި ބިނާކުރަނިވި ޅެންޅެމަށް ބަލައިލައި ވާހަކަދައްކަން އުޅުމަކީ އަޅުގަނޑުމެން ކަހަލަ އޭގެ "ކަންފުޅެއް" ވެސް ނެތް މީހަކަށް ކުރެވޭނޭ އަދި ކޮށްގެންވާނޭ ކަމެއް ވެސް ނޫނެވެ. އެހެން އުޅެނިކޮށް ވަދެވޭނީ ޅެންވެރިކަމުގެ "ބެރިކޭޑް"ގެ އެތެރެއަށެވެ. އޭރުން ވާނެގޮތަކީ "ހުއްދަނެތި" ވަނީތީވެ އެފަންނުގެ ފުންނާބު އުސް ކޮންމެވެސް ބޭފުޅެއްގެ "ރަތްކާޑަކާ" ދިމާވާނީއެވެ. "ލިޔުންތެރިންގެ ގުޅުމުގެ"ތެރޭ ވެސް މިބޭފުޅުން ވަކި މަދެއްނޫނެވެ. މީގެތެރޭ ދިވެހި ޝާޢިރީ ގުލްޝަންގެ "ހިޒާރު" ނުވަތަ ޢަލީ މުޞްޠަފާގެ އަރިހުން ޅެންވެރިކަމުގެ އިރުޝާދު ހޯއްދެވި ބޭފުޅަކު ވެސް އެބަ ހުންނެވިއެވެ. ޅެން ހެއްދެވުމުގައި ވަކި ޚާއްޞަ ރޮނގެއް ނެތި ހުރިހާ ރޮނގެއްގައި ވެސް އެހާމެ މޮޅަށް އެކަންކުރެއްވޭ ފެންވަރަށް އެފަންނަށް ވަދެވަޑައިގެންހުންނެވި އަދި ދިވެހިބަހާއި އަދަބުގެ ވެސް ފުންނާބު އުސް ބޭފުޅެއްކަމަށްވާ އަލްފާޟިލް ޢަބުދުﷲ ޞާދިޤެވެ.


[އެ ކަކުންޏެއް ހަރު ކޮންނާނީ އެ ކަކުންޏެއްގެ ވަރުން] ކަމަށް ކަކުނި ވެސް ދަނެއެވެ. އެހެންވީއިރު އަޅުގަނޑުމެން ވެސް އެކަން ދަންނަން ޖެހޭނެއެވެ. "ޢަލީ މުޞްޠަފާ"ގެ މައިގަނޑުނަމުގެ ދަށުގައި އަޅުގަނޑުމެންކަހަލަ މީހަކަށް ކުރެވޭނޭ ކަންކަމެއް އޮތްނަމަ އޭގެ އެއްކަމަކަށް ވާނީ ޤަބުރުސްތާނުތަކުގެ މަހާނަގައުތަކާއި "މަތާރަންފިލާ"ގައި ހުންނަ އިހުގެ ލިޔުންތަކުން ހިރަފުސް ފޮޅައި އެ އެއްޗެހި ބަލައިގެންނާއި އަދި މީސްމީހުންގެ ގާތުން އަހައިގެން ވިޔަސް އަލްފާޟިލް އަލްމަރުޙޫމް ޢަލީ މުޞްޠަފާގެ ޢާއިލީ ވަނަވަރަށް ބަލައިލުން ކަމަށް ހީކުރެވެއެވެ. ވާން އޮތް ވަރަކުންނެވެ.

މިހިސާބުން ދެން އެބަޔަށް ޖެހިލަމާތޯއެވެ. ޢަލީ މުޞްޠަފާގެ ޢާއިލީވަނަވަރަށެވެ. އޭގެކުރިން ޢާއިލީވަނަވަރު ވިދާޅުވަމުންގެންދަވާ ބޭފުޅުން ހަނދުމަފުޅުކޮށްލެއްވުން އެދެވިގެންވާ ކަމެއް އެބަ އޮތެވެ. އެއީ ވަނަވަރުގައިވާ ބައެއް ބޭފުޅުންގެ ނަމާއިގުޅިގެން ދިވެއްސާ ހިސާބުގެ ބައެއް އަކުރު ލިޔެފައިވަނީ އެބޭފުޅުން ދެނެގަތުމުގެ ފަސޭހައަކާއި އިތުރު ތަޢާރަފަކަށްޓަކައި ކަމެވެ.

ޝައިޚުލް ފަޤީހު މުޙައްމަދު ޖަމާލުއްދީން، މަޝްހޫރު ވާދޫ ދަންނަކަލޭގެފާނުގެ އަރިހުން ދަރިވަރުވި މޮޅު ބޭފުޅުންގެ ތެރޭ މީދޫ ޝަމްސުއްދީން ފަނޑިޔާރު ތަކުރުފާނާއި ފުވައްމުލަކު ދޫނޑިގަމު އެދުރުތަކުރުފާނާއި ފުވައްމުލަކު ދަޑިމަގު ކޮއްކިރި މުޙައްމަދު އެދުރު ކަލޭގެފާނާއި ހުވަދޫ އަބޫބަކުރު ފަނޑިޔާރު ތަކުރުފާނު ހިމެނެއެވެ. މީގެތެރެއިން ފުވައްމުލަކު ދަޑިމަގު ކޮއްކިރި މުޙައްމަދު އެދުރު ކަލޭގެފާނަކީ ޤާރީވެރިކަމާއި ފިގުހުގެ ރޮނގުން އަރައިހުންނެވި ބޭފުޅެކެވެ. މިކަލޭގެފާނުގެ ދަރިކަލުން ފުވައްމުލަކު ދަޑުފީށި ޢަލިތައްޚާނުގެ މައިގޭ މުޙައްމަދު ތައްޚާނު(ހ)ގެ މައިގޭ ޢަލިތައްޚާނުގެ މައިގޭ މުޙައްމަދު ތައްޚާނު(ށ)ގެ މައިގޭ ޙުސައިން ތައްޚާނުގެ މައިގޭ މުޙައްމަދު ތައްޚާނު(ނ) އަކީ ރިވެތި ޢަރަބިއަކުރުން އަމިއްލަޔަށް ގިނަ މުޞްޙަފް (ކީރިތި ޤުރުއާން) ލިޔުއްވި ބޭފުޅެކެވެ. މި މުޙައްމަދު ތައްޚާނު ލިޔުއްވި މުޞްޙަފެއް ދާދި ފަހަކުން "ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު"ގައި ބޭއްވިފައިވާކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

މިދެންނެވި މުޞްޙަފް ލިޔުއްވި ފުވައްމުލަކު މައިގޭ މުޙައްމަދު ތައްޚާނު(ނ)ގެ ދަރިކަލުން މައިގޭ އަޙުމަދު ތައްޚާނު ކައިވެނިކުރެއްވީ ޙާޖީ ބަންޑާރައިންގެ ދަރިކަލުން އިބްރާހިމް ފާމުލަދޭރި ކިލެގެފާނުގެ ދަރިކަނބަލުން ބެރިމަގު އާމިނާދީދީ އާއި އެވެ. ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ޢަލިދީދީ، ހުޅުދޫ ގައުމާތުގޭ ޢީސާފުޅު ކަލޭގެފާނުގެ މޫސާ މަނިކުފާނު(1)ގެ ދޮންދީދީ(2) އާއި ކައިވެނިކުރައްވައި ލިބިވަޑައިގަތް ބޭފުޅުންގެ ތެރެއިން މަރިޔަމްދީދީ އާއި ފިރިކަލުން ދޫނޑޭރެ އަޙުމަދުދީދީގެ ދަރިކަލަކީ ފާނަންމަގު ޢަލީ މުޞްޠަފާ އެވެ. ޢަލީ މުޞްޠަފާގެ ބައްޕަ ދޫނޑޭރެ އަޙުމަދުދީދީގެ ބައްޕައަކީ ޤާޟީ އިބްރާހިމް މަޖުދުއްދީން އާއި ފުވައްމުލަކު "ދިހެރޭމަގު" ފާޠިމާ މަނިކެގެ ދަރިކަލުން އައްނާއިބު މުޙައްމަދު މަނިކެވެ. ދޫނޑޭރެ އަޙުމަދުދީދީގެ މަންމައަކީ، ކިލެގެފާނުގެ އަޙުމަދުދީދީގެ ދޫނޑޭރެ ޢަލިދީދީ އާއި ކިލެގެފާނުގެ ޙުސޭންދީދީގެ ދޮންދީދީ އާއި ދެމަފިރިކަނބަލުންނަށް ލިބިވަޑައިގަތް އާމިނާދީދީ އެވެ.

މުޙައްމަދު ތައްޚާނު(ހ) (ށ) (ނ) މިގޮތަށް ލިޔެފައިވަނީ އެއް ޢާއިލާއެއްގެ ދަރިންގެ ދަރި ދަރިންގެ ތެރޭ ގާތްގާތުގައި މުޙައްމަދު ތައްޚާނު ކިޔާ 3 ބޭފުޅުން ތިއްބެވުމުންނެވެ.

މޫސާ މަނިކުފާނު(1)ގެ މަންމައަކީ ޙަސަން(ދިހަވަނަ) ރަސްގެފާނުގެ އިބްރާހިމް މަނިކުފާނުގެ ޙުސައިން މަނިކުފާނުގެ މުޙައްމަދު މަނިކުފާނު (މީދޫ ރަހާ)ގެ ކަތްދާ މަނިކުފާނެވެ.

ދޮންދީދީ(2)ގެ މަންމައަކީ މުޡުހިރުއްދީން ރަދުންގެ މުޙައްމަދު މަނިކުފާނުގެ ފުވައްމުލަކު ދައިގަނޑު ގަނޑުވަރު ޢާއިޝާ މަނިކުފާނާއި މީދޫ ކުދުރަނިއަގެ އެދުރު ތައްޚާނު (އެދުރުމަނިކުފާނު) ކައިވެނިކުރައްވައިގެން ލިބިވަޑައިގެންނެވި އެއް ބޭފުޅެއްކަމަށްވާ މަރިޔަމް މަނިކުފާނުގެ ޢާއިޝާ ދީދީ(4)ގެ މީދޫ ގަނޑުވަރު އަޙުމަދު ދީދީ(5)ގެ ޙައްވާދީދީ(5) އެވެ.

ޢާއިޝާ ދީދީ(4)ގެ ބައްޕައަކީ ޙާޖީ ބަންޑާރައިންގެ ދަރިކަލުން އިބްރާހިމް ފާމުލަދޭރި ކިލެގެފާނެވެ. މީދޫ ގަނޑުވަރު އަޙުމަދުދީދީ(5)ގެ ބައްޕައަކީ މީދޫ ގަނޑުވަރު މުޙައްމަދު ތައްޚާނެވެ.

ޤާޟީ އިބްރާހިމް މަޖުދުއްދީންގެ ބައްޕައަކީ ވަޒީރުއްޞަޢީރުލް އުސްތާޛު އަލްޙާއްޖު އިބްރާހިމް ޝަހީދުލް މުކައްރަމް (ދޮއްތަޑަފި އެދުރުތަކުރުފާނު)ގެ ވަޒީރުއްޞަޢީރުލް އުސްތާޛު ޢަބްދުއްސަލާމްގެ އެދުރު ޢަލީ ތަކުރުފާނުގެ ސަންފާބީފާނުގެ އަޙުމަދުގެ ވަޒީރުއްޞަޢީރުލް އުސްތާޛު އިސްމާޢީލްގެ ވަޒީރުއްޞަޢީރުލް އުސްތާޛު ޢަލީގެ މުޙައްމަދު ކުޑަތަކުރުފާނުގެ އުސްތާޛާ މަރިޔަމްގެ އަލްޚަޠީބުލް އުސްތާޛު ދޮން ޢަލީ ތަކުރުފާނުގެ މީދޫ އެދުރުގޭ އަލްޚަޠީބު އަލްފަޤީހު މޫސާ އެދުރު ތަކުރުފާނެވެ. ޤާޟީ އިބްރާހިމް މަޖުދުއްދީންގެ މަންމައަކީ ޝަމްސުއްދީން ފަނޑިޔާރު ތަކުރުފާނުގެ އަލްޢައްލާމާ އަޙުމަދު ޝިހާބުއްދީންގެ ކުދުރަނިޔަގެ ފާޠިމާފާނުގެ އިބްރާހިމް ތަކުރުފާނުގެ އެޅަގެދަރިގޭ އާމިނާފާނުގެ ފާޠިމާފާނެވެ. މި ފާޠިމާފާނާ އެއްބަނޑު އެއްބައްޕަ ސިއްކަ ދޮން މުޙައްމަދު ތަކުރުފާނުގެ ބޭފުޅުންނަކީ ހުޅުދޫ އަތިރަގޭ ބޭފުޅުންނެވެ. މީގެތެރެއިން އެއްބޭފުޅަކީ ޤާޟީ އިބްރާހިމް މަޖުދުއްދީން ކައިވެނިކުރައްވައިގެން ބޭފުޅުން ލިބިވަޑައިގެންނެވި އެއް އަނބިކަނބަލުން ހުޅުދޫ އަތިރަގޭ އާމިނާފާނެވެ. އެހެންވުމުން މިއީ ޤާޟީ އިބްރާހިމް މަޖުދުއްދީން އާ ދެބެންގެ ދެދަރި ބޭފުޅެކެވެ. އަލްޢައްލާމާ އަޙުމަދު ޝިހާބުއްދީންގެ ދަރިކަނބަލުން ކުދުރަނިޔަ އާއި ކައިވެނިކުރައްވައިގެން ބޭފުޅުން ލިބިވަޑައިގަތް ފިރިކަލަކީ އޭނާ އާއި ދެބެންގެ ދެދަރި ބޭފުޅެއްގެ ދަރިކަލެކެވެ. އެއީ ޝަމްސުއްދީން ފަނޑިޔާރު ތަކުރުފާނުގެ އަލްޤާޟީ ޙުސައިން ޤުޠުބުއްދީންގެ އަލްވަޒީރުލްކަބީރު މުޙައްމަދު ބޮޑުފުތް ތަކުރުފާނުގެ ދަރިކަލުން އިބްރާހިމް ނާއިބު ތަކުރުފާނެވެ. ފުވައްމުލަކު ދައިގަނޑު ގަނޑުވަރު ޢާއިޝާ މަނިކުފާނާއި ކައިވެނިކުރައްވައިގެން މަރިޔަމް މަނިކުފާނު ލިބިވަޑައިގެންނެވި މީދޫ އެދުރުތައްޚާނު (އެދުރު މަނިކުފާނު) އަކީ އިބްރާހިމް ނާއިބުތަކުރުފާނާ ކުދުރަނިޔަ އާއި ދެމަފިރިކަނބަލުންގެ ޙައްވާފާނުގެ މުޙައްމަދުތަކުރުފާނުގެ ދަރިކަލެކެވެ.   

ޢަލީ މުޞްޠަފާ ތަޢުލީމީޚިދުމަތުގައި މަޖީދިއްޔާގެ މުދައްރިސަކަށް ހުންނަވަނިކޮށް އޭނާއަށް އާލާސްކަންފުޅެއް ޖެހިވަޑައިގަތެވެ. އެކަމަށް މާލެއިންކުރެއްވި އެއްވެސް ފަރުވާއަކުން ލުޔެއް ލިބިވަޑައިނުގަތުމުން އިތުރަށް ފަރުވާދެއްވައި ލުޔެއް ލިބިވަޑައިގަންނަވާތޯ އޭނާއާއި އެއްބައްޕަ ދައްތަ ގައްދަޑުގޭ ދޮންދީދީ (މ.ސީނާ) ކޮއްކޮ ޢަލީ މުޞްޠަފާ ގޮވައިގެން ވާދޫއަށް ވަޑައިގަތެވެ. އޭރު ދޮންދީދީ މާލެ ވަޑައިގެން އިންނެވީ ރާއްޖޭގެ ފުރަތަމަ ޖުމްހީރިއްޔާގެ ރަސްމިއްޔާތަށެވެ. ހުވަދޫ ވާދޫއަކީ އެދުވަސްވަރު ވެސް މޮޅު ބޭސްވެރިން ތިއްބެވި ރަށެކެވެ. އެފަހަރު ވަޑައިގެން ޢަލީ މުޞްޠަފާ ބެހެއްޓެވީ ވެސް އޭނާގެދައްތަ ދޮންދީދީގެ އަރިހުގައެވެ. ޢަލީ މުޞްޠަފާގެ ދައްތަ ދޮންދީދީގެ މަންމަ ގައްދަޑުގޭ ދޮންތުއްތުދީދީ އަކީ ވެސް ޢަލީ މުޞްޠަފާއާއި ޢާއިލީގޮތުން ވަރަށްބޮޑަށް ގުޅޭ ބޭފުޅެކެވެ. ޙާޖީ ބަންޑާރައިންގެ އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ޢާއިޝާދީދީގެ ދެ ބޭފުޅެއްގެޢާއިލާގެ ބޭފުޅެކެވެ.

(
ކިލެގެފާނުގެ ޢާއިޝާދީދީގެ ދޮންދީދީގެ އިބްރާހީމްދީދީ ކައިވެނިކުރެއްވީ މި ޢާއިޝާދީދީގެ މުޙައްމަދުދީދީގެ ދޮންދީދީ އާއި އެވެ. ދެބެންގެ ދެދަރި ދެ ބޭފުޅުންނެވެ. މިކައިވެނިން ލިބިވަޑައިގަތް ބޭފުޅުންގެތެރެއިން ޚަދީޖާދީދީގެ ފާޠިމާދީދީގެ އިބްރާހީމްދީދީގެ އެއް ބޭފުޅަކީ ގައްދަޑުގޭ ދޮންތުއްތުދީދީ އެވެ. ދޮންތުއްތުދީދީގެ މަންމައަކީ ކޮނޑޭ ޢަލިމަނިކުފާނުގެ ހުޅެދޫދީދީގެ އާމިނާދީދީ އެވެ. އާމިނާދީދީގެ އެއްބަނޑު އެއްބައްޕަ ބޭފުޅުންގެތެރެއިން ޒުލައިޚާދީދީ އާއި ކައިވެނިކުރެއްވީ ކިލެގެފާނުގެ ޢާއިޝާދީދީގެ މީދޫ ގަނޑުވަރު ޙަސަންދީދީ އެވެ. އައްޑޫ ހުޅުދޫ ވާރުގޭ އަޙުމަދުދީދީ ކައިވެނިކުރައްވައި ބޭފުޅުން ލިބިވަޑައިގަތް އަނބިކަނބަލުން ފިޔޯރީ ދޮންދީދީ އަކީ މީދޫ ގަނޑުވަރު ޙަސަންދީދީ އާއި ކުރިންދެންނެވި ޒުލައިޚާދީދީ އާއި ދެމަފިރިކަނބަލުންގެ ބޭފުޅެކެވެ.)  

އަލްފާޟިލް ޢަލީ މުޞްޠަފާ ދުނިޔެ ދޫކުރެއްވީ ވާދޫއަށްވަޑައިގެން އާލާސްކަންފުޅަށް ފަރުވާކުރުމުގެތެރޭ 06 ޝައްވާލް 1372 ގައި ވާދޫގައެވެ. ވަޅުލެވިފައި ވަނީ ޝައިޚުލް ފަޤީހު މުޙައްމަދު ޖަމާލުއްދީން، ވާދޫ ދަންނަކަލޭގެފާނުގެ މަޤްބަރާހުންނަ ވާދޫ އާސާރީ ހުކުރުމިސްކިތުގެ ޤަބުރުސްތާނުގައެވެ.

މަތިވެރި ﷲ އަލްމަރުޙޫމް ޢަލީ މުޞްޠަފާގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ. އާމީން! (ނިމުނީ)
                 ---------------------

ޢަބުދުﷲ ޙިލްމީ
01 ސެޕްޓެމްބަރ 2012މ.

 މަޢުލޫމާތުގެ ޙިއްޞާ:
އަލްފާޟިލް ޢަލިދީދީ،  ވިދުވަރުގެ، ޏ. ފުވައްމުލައް  
އަލްފާޟިލް އަޙުމަދު ނާޞިޙު، ޢަންބަރީވިލާ، ސ. މީދޫ