ބަކުރުބޭގެ މެނިފެސްޓޯ – 2(ބަކުރުބޭގެ މެނިފެސްޓޯ–1 އާއި ގުޅޭ)

9- އަހަރެންގެ ވެރިކަމެއްގައި ދިވެހިރާއްޖޭގެ ކޮންމެ ގެއަކަށް ތްރީޑީ ދުރުމީ އެއް ދޭނަމެވެ.

(މި ދުރުމީއަކީ ދުނިޔޭގެ 1ވަނަ ދުރުމީ ކުންފުނީގެ ފަރާތުން ވަރަށްފަހުން އުފައްދައި އަދި މާކެޓަށް ނެރެފައިނުވާ ވަރަށްމޮޅު ދުރުމީއެކެވެ. މި ދުރުމީގެ ބައެއް ފީޗަރސްގެ ތެރޭގައި މި ދުރުމީން މީހަކާއިދިމާލަށް ބަލައިލުމުން އެމީހަކީ ރިޝްވަތު ދޭ މީހެއްނަމަ އެމީހަކު ފެންނާނީ އަބަދާއަބަދު ކިނބިހިއަޅައި އަދި ބޭރަށްހިންގާ ކަންބަޅިއެއްގެ ސިފައިގައެވެ. ރިޝްވަތު އަތުލާމީހުން ފެންނާނީ ބޮޑުކަމުދިޔުން ދަތިވެ ލޮލުން ކަރުނައަޅައި ރޮއިރޮއިއޮންނަ މުސްކުޅި ބުޅަލެއްގެ ސިފައިގައެވެ. ދޮގުހަދާމީހުން ފެންނާނީ ކުޑަ ދޫ ބޭރަށްނުކުމެ ވާހަކަދެއްކުން ދަތިވެފައިވާ ރާމާމަކުނެއްގެ ސިފައިގައެވެ. ޚިޔާނާތްތެރިންނާއި މަކަރުވެރިން ފެންނާނީ އަމިއްލަގައިގެ މަސްތައް ކަމުންގެންދާ އޫރެއްގެ ސިފައިގައެވެ. ވަގުންނާއި ލުޓޭރުންނާއި ފޭރޭމީހުން ފެންނާނީ ކުނިވެ މަސްތައްމުޅަވެފައިވާ ކަނޑުގެރިއެއްގެ ސިފައިގައެވެ.)

10- އަހަރެންގެވެރިކަމެއްގައި ފަސޭހައިން ފާޚާނާކުރެވޭގޮތް ހަދައިދިނުމަށްޓަކައި މިރާއްޖޭގެ ކޮންމެ މީހަކަށް ރެޑީމޭޑް ފާޚާނާތައްޓެއް ދޭނަމެވެ. މިތައްޓަކީ ބޭނުންނަމަ ކޮންމެމީހެއްގެ ފިނދުކިބައިގައި ހަރުކޮށްގެން އެއްވެސް ދައްޗެއްނެތި އުޅެވިދާނެ އެއްޗެކެވެ.

11- އަހަރެންގެ ވެރިކަމެއްގައި ޢުމުރުން 15 އަހަރުފުރިފައިވާ މިރާއްޖޭގެ ކޮންމެ ފިރިހެނަކަށް ފެންފައިވާނަކާއި ކޮންމެ އަންހެނަކަށް ނިޔަފަތިކަނޑާ ދައްޗެއް އެމީހަކު ފައިސާދިނީމާ ދައްޗެއްނެތި ގަނެވޭނޭމަގު ތަނަވަސްކޮށްދޭނަމެވެ.

12- އަހަރެންގެވެރިކަމެއްގައި މިރާއްޖޭގައި ކަރުނައަޅައި ރުއިމާއި ހިތާމަކުރުމަށް ބޭނުންވާމީހުންނަށް ފަސޭހައިން އެކަންކުރެވޭނޭ ހެދުމަށްޓަކައި ޚާއްޞަ ކޮމިޝަނެއް އުފައްދައިދޭނަމެވެ.

13- އަހަރެންގެވެރިކަމެއްގައި މިރާއްޖޭގެ ބިންބިމުން ގޯތިގެދޮރަށް ބޭނުންވާ މީސްމީހުންނަކީ ކޮބައިތޯބަލައި ގޯތިގެދޮރުގެ ހުންނަންވީގޮތުގެ 5 އަހަރު ދުވަހުގެ އަސާސީ ތަމްރީން ކޯހެއް އެމީހުންނަށް ހިންގައިދޭނަމެވެ. އަދި މިކޯސް ހިންގަމުންދާ މުއްދަތުގައި ކޯހުގެބައިވެރިންގެ ޟަރޫރީ ބޭނުންފުއްދައިދިނުމަށްޓަކައި އެބައިމީހުންގެ ޢާއިލާގެ އެހީތެރިކަން ހޯދައިދެވޭނެއެވެ.

14- އަހަރެންގެވެރިކަމެއްގައި ކަންކަމާއި އިންތިހާއަށް ރުޅިއައިސް ދޮންބޮޑުވެފައިވާ މީހުން ރުޅި މަޑުކުރުވައި ފިނިކުރުމަށްޓަކައި ކަނޑުއަޑީގައި 100 އެނދުގެ ޚާއްޞަ މިނީ އައިސްޕްލާންޓެއް ޤާއިމުކޮށް އެޑްމިޓްކުރެވޭނޭ ވިސްނުމާއި ފިކުރު ގެންގުޅޭނަމެވެ.

15- އަހަރެންގެވެރިކަމެއްގައި އެއްވެސް ކަމަކަށްނުވާ ކަމަކާއި ހިތްދަތިވާ މީހުން ދެނެގަތުމުގެ ސާރވޭއެއް މުޅި ރާއްޖޭގައި ހިންގައި އެސާރވޭއިން %75 މާރކްސް ހޯދާ މީހުންނަށް އެކަމުގެ ހަނދާނީ ލިޔުމާއި ތައްޓާއި މެޑެލް ރަައްދުކޮށްދޭނަމެވެ.

16- އަހަރެންގެވެރިކަމެއްގައި ރާއްޖެއިން ބޭރުން ރާއްޖެއަށް ހިޖުރަކުރާ ބޭރަށްހިންގުމާއި ހުންއައުމުގެ ރޯގާތައް "ރާއްޖެއަށް ވަނުންމަނާ" ލިޔެފައިވާ ބޮޑެތި ބޯޑުތައް ރާއްޖޭގެ ކޮންމެ ކަނޑުއޮޅިއެއްގައި ހަރުކުރުމާބެހޭ މާސްޓަރޕްލޭން ތައްޔާރުކުރުމަށްޓަކައި 10 އަހަރުދުވަހުގެ ޚިޔާލީ އަސާސީ މަޝްވަރާ ބައްދަލުވުމެއް ބޭއްވޭނެއެވެ. (ނުނިމޭ)
                       ----------------------------------