ހުވަދޫ އަބޫބަކުރު ފަނޑިޔާރުތަކުރުފާނުގެ ވިސްނުންފުޅު


ފޮޓޯ: އަބޫބަކުރު ސްކޫލް / ގދ- ތިނަދޫ
ވިސްނުމަކީ ކަންތައްތައް ހޯދައި ދެނެގަތުމުގެ ބާރެވެ. ހުވަދޫ ނުވަތަ ވާދޫ އަބޫބަކުރު ފަނޑިޔާރު ތަކުރުފާނަކީ މިދެންނެވި ދެނެގަތުމުގެ ބާރު ގަދަ ބޭފުޅެކެވެ. ޣާޒީ ބަންޑާރައިންގެ ފަހުކޮޅުގައްޔާއި އެރަދުންގެ ދަރިކަލުން އިބުރާހީމް ކަލާފާނުގެ ރަސްކަމުގެ ކުރީކޮޅު ދިވެހިރާއްޖޭގެ ފަނޑިޔާރަކީ މިއަބޫބަކުރު ފަނޑިޔާރު ތަކުރުފާނު ކަމަށް ދިވެހިތާރީޚުން އެނގެއެވެ. ކަލާފާނު ރަދުން ޢަރަބި ކިޔަވާވިދާޅުވެ ޢިލްމުވެރިވީވެސް މިތަކުރުފާނުގެ އަރިހުންނެވެ. މިއީ ދެއްވަދޫ ރަސްގެފާނުގެ މާފާފުޅު (މަންމަގެ ބައްޕަ)އެވެ.

ޝައިޚް މުޙައްމަދު ޖަމާލުއްދީން ވާދޫ ދަންނަކަލޭގެފާނު ވާދޫއަށް ވަޑައިގެން އެރަށުގެ ވެރިއަކަށް ހުންނެވި މުޙައްމަދު ފަޑިއްތަކުރުފާނުގެ އެހީތެރިކަމާއެކު އެކަލޭގެފާނު ހުންނަވާނޭ ގެއެއް އަޅުއްވައި އެތާނގައި ދީނީ ޢިލްމު ކިޔަވައިދޭން ފެއްޓެވިއެވެ. ފުރަތަމަ ކިޔަވާދޭން ފެއްޓެވީ ވާދޫޚަޠީބު މުޙައްމަދު ފަޑިއްތަކުރުފާނުގެ ދަރިކަލުން ޢަލީ ނާއިބު ތަކުރުފާނަށެވެ. ދަންނަކަލޭގެފާނު ހުންނެވި ގޭގައެވެ. ނަމަވެސް ފަހުން އެކަންކުރެއްވީ ހުކުރުމިސްކިތުގެ ޖާގަ ބޮޑުކުރައްވައި މިސްކިތުގެ ދާލައިގައި އިންނަވައިގެން އެތަނަށް ދަރިވަރުން ގެންނަވައިގެންނެވެ.


ދަންނަކަލޭގެފާނު ކިޔަވައިދެއްވަން ފެއްޓެވިތާ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ އެތަން މިތަނުން ދަރިވަރުން ވާދޫއަށް އައިސް، އޭނާގެ އަރިހުން ޢިލްމު އުނގެނޭން ފަށައިފިއެވެ. ގިނައީ ހުވަދޫ ފުވައްމުލައް އައްޑޫގެ ދަރިވަރުންނެވެ.
މިދުވަސްކޮޅު ދަންނަކަލޭގެފާނުގެ ގޭގައި ހުންނަވައިގެން ދަރިވަރުވި ބޭފުޅަކީ ހަމައެކަނި އަބޫބަކުރު ފަނޑިޔާރު ތަކުރުފާނެވެ. އެހެން ދަރިވަރުން ތިއްބެވީ ރަށުގެ ގޭގޭގައެވެ. މިހެންވުމުން ގިނަވަގުތު ދަންނަކަލޭގެފާނުގެ އަރިހުގައި އުޅުއްވުމުގެ ފުރުޞަތު އަބޫބަކުރު ފަނޑިޔާރު ތަކުރުފާނަށް އޮންނާތީވެ މިތަކުރުފާނުގެ ޢިލްމީ ކުރިއެރުން ތަންކޮޅެއް ކުރިޔަށް ޖެހިލިކަމަށް ބައެއް ދަރިވަރުން ދެކެއެވެ. ދަންނަކަލޭގެފާނު ވިދާޅުވާކަމަށްވަނީ އަބޫބަކުރުގެ ވިސްނުން ގަދައީއެވެ. ނަމަވެސް މިކަމާއެކުމެ ބައެއް ދަރިވަރުންގެ މޫނުމަތިން މަދުފަހަރަކު ވިޔަސް ކުޑަ ފުސްކަމެއް ދަންނަކަލޭގެފާނަށް ފެނިވަޑައިގަނެއެވެ.

ދަންނަކަލޭގެފާނުގެ ގޭގެ ފެންޑާގައި ކުދިންނަށް ކިޔަވައިދެއްވިއިރެވެ. ކަލޭގެފާނާއި ކުދީންވެސް ތިބެނީ ބިންމަތީގައި އަޅާފައިވާ ފަންގި މަތީގައެވެ. ކުދިން އިށީދެތިބެނީ އާދަކޮށް އެކުއްޖަކު އިށީންނަ ތަނެއްގައެވެ. މިފެންޑާގެ ބޭރު ދާދިކައިރީގައި ވަރަށްގިނައިން ފަތްކެޔޮ މާޅަސްކެޔޮ ހައްދައިފައި އޮވެއެވެ. އެއްދުވަހަކު އަބޫބަކުރު ބޭރަށް ގޮސްފައި އައުމުގެކުރިން އެތާނގައިތިބި ބައެއް ކުދިންނަށް އެދުރުކަލޭގެފާނު ވިދާޅުވިއެވެ. "އެހެރަފެންނަ ތަނުން ކުޑަ ކެޔޮފަތްކޮޅެއް ހިފައިގެން އައިސް އަބޫބަކުރު އިށީންނަ ދިމާލުން ފަންގިދަށުގައި ފަތްކޮޅު ބާއްވާފައި ފަންގިގަނޑު ރީތިކޮށްލާށެވެ." ކުދީން މިކަންކޮށްފިއެވެ.

މިގޮތަށް ފަންގި ދަށުގައި އެހާކުޑަކުޑަ ފަތްކޮޅެއް އޮންނައިރު އޭގެމަތީގައި އިށީދެ އިންނަ މީހަކަށް ފަންގިދަށުގައި އެހާތުނިތުނި އެއްޗެއް އޮތްކަމުގެ އިޙުސާސްވުމަކީ ނުވަތަ އެނގުމަކީ ނާދިރުކަމެކެވެ. އެތާނގައި ކޮންމެދުވަހަކު އިށީދެ އުޅޭ މީހަކަށްވިޔަސްވެހެވެ.

އޭގެފަހުން މާލަހެއްނުވެ އަބޫބަކުރު އަތުވެއްޖެއެވެ. ގިނަކުދީންވެސް އައިސް ހަމަވަނީއެވެ. އަބޫބަކުރު އޭނާ އަބަދުވެސް އިށީނދެ އިންނަ ތާނގައި އިށީނުމާއެކު ތެދުވެއްޖެއެވެ. އަދި ފަންގަނޑަށް ބަލާލާފައި މަތީގައި އަތް ކާއްތާލާފައި އިށީދެއްޖެއެވެ. އިށީނުމާއެކު އަނެއްކާވެސް ތެދުވެއްޖެއެވެ. ދެތިންފަހަރު މިގޮތަށް ތެދުވުމަށްފަހު ހަތަރުވަނަފަހަރު އިށީނުމުގެ ކުރިން ފަންގިގަނޑު ހިއްލާލައި އޭގެދަށުން އެއްކަލަފަތްކޮޅު ނަގައިފިއެވެ.

އެވަގުތު ދަންނަކަލޭގެފާނު އެހެންކުދިންނަށް ވިދާޅުވިޔޯލައެވެ. "ކިޔެވުމުގައި އަބޫބަކުރުގެ ވިސްނުން ހުންނާނެގޮތް މިހާރު ތިޔަކުދީންނަށް އެގެންވާނެއެވެ." އެދުވަހުގެފަހުން އަބޫބަކުރަކީ ކިޔެވުމާއި އެހެންކަންކަމުގައި ވަރަށް ވިސްނުންތޫނު ކުއްޖެއްކަން ދަންނަކަލޭގެފާނުގެ ދަރިވަރުންނަށް ޔަގީންކުރެވުނީ އެދުވަހުގެ ފަހުންކަމަށް ބުނެވެއެވެ.

ވާދޫ ދަންނަކަލޭގެފާނުގެ އަރިހުން ޢިލްމު އުނގެނިވަޑައިގަތް އެންމެ މަޝްހޫރު ބޭފުޅުންނަކީ ހުވަދޫ ނުވަތަ ވާދޫ އަބޫބަކުރު ފަނޑިޔާރު ތަކުރުފާނާއި ފުވައްމުލަކު ޙަސަން ނާއިބުގެ ދަރިކަލުން މީދޫ މުޙައްމަދު (މީދޫ ޝަމްސުއްދީން ފަނޑިޔާރު ތަކުރުފާނު) އާއި މުލަކު ދޫޑިގަމު އެދުރުކަލޭގެފާނެވެ. އޭރު އެބޭފުޅުންގެ އުމުރަކީ 19-17 އަހަރު ކަމަށް ލިޔުންތަކުން އެނގެއެވެ. "ރާއްޖެ ސަލާމަތުން އޮންނާން އޮތްހައި ދުވަހަކު އައްޑޫ މީދޫގައި ފިޤްހު ޢިލްމާއި ފުވައްމުލަކުގައި ތަޖްވީދު ޢިލްމު ލެހެއްޓެވުމަށް ވާދޫ ދަންނަކަލޭގެފާނު ދުޢާކުރެއްވީ" މިދަރިވަރުންނަށް "ހިތްޙަލާލުގެ ވަދާޢެއް"ގެ ގޮތުގައިކަމަށްވެސް ބުނެވެއެވެ.

ވާދޫ ދަންނަކަލޭގެފާނު އަވަހާރަވީ ކިޔަވައިދެއްވާތާ އަހަރުތަކެއް ވޭތިވުމަށްފަހުއެވެ. އަވަހާރަވީ ސަބަބެއްކަމުގައި ބުނެވެނީ ވާދޫ ހުކުރު މިސްކިތް ދޮށަށް ފެންބަލައި ދިޔަ އަންހެނުންގެ ތެރެއިން އަންހެނަކަށް ބޭއިޚްތިޔާރުގައި ހަތަރުކަޅި ހަމަކޮށްލެވުމުގެ ހިތާމައިގައެވެ. ޖަމާލުއްދީން އަވަހާރަވުމުން ފަސްދާނު ލެވުނީ ކިޔަވައިދެއްވުމާއި އަޅުކަން ކުރައްވަން މިސްކިތުގައި އިންނެވި ދާލައާއި މާދުރު ނޫން ހިސާބެއްގައެވެ. ދަންނަކަލޭގެފާނުގެ ޒިޔާރަތް އެހުރީ އެތާނގައެވެ.
             -----------------

ޢަބުދުﷲ ޙިލްމީ
17 މޭ 2012މ.
ފޮޓޯ: އަބޫބަކުރު ސްކޫލް/ ހުވަދުއަތޮޅު ތިނަދޫ