މަޑަވެލީ މޫސިޔާގެ ޢާއިލާއިން - އަށްވަނަބައި













ދޮންމަނިކުގެ މަޝްހޫރު އަންބާ އަށްވީ ގޮތަކީ، މަޑަވެލީގައި ހުންނެވި ދުވަސްވަރު އެރަށު ބޮއްކުރާއެއްގައި ފަލިޖަހާފައި ހަވަރު ތިނަދުއަށް ވަޑައިގެންނެވި ދުވަހެއްގައި އެމީހުން ދޮންމަނިކަށް ދެންނެވީ އަންބާއެއް ހައްދަވައި ދެއްވުމަށެވެ. ޢަރަބިބަހުންވަގުތުން ހެއްދެވި މި އަންބާގެ މާނައަކީ ކޮންމެ ފަދަ މާނައަކަށް ވިއަސް، ދޮންމަނިކުގެ ކިބައިގައި ހުރި ޢަރަބިބަހުގެ ޓިކާނާކަން އެ އަންބާއިން ހާމަކޮށްދެ އެވެ.


ދެކުނުގޭ ދޮންމަނިކު އަންބާއަކީ:

މަޑަވެލީ ކުއްލުހުމް ކުސާލާ، ލަހުމް ޖުނޫދުމް ދާއިމަން ސުކާރާ،
ޔުޞައްވިތޫނަ ކަލްކިލާބި ދަވްމާ، ވަފިލްޙަޤީޤި އަންނަހުމް ޚިޔާރާ،   މިއެވެ.

އާދެ! މި އަންބާގެ މާނަ ބުނެދިނީ، ބޮއްކުރާ ލެފިވަގުތު އެތަނުގައި ހުރި ދޮންމަނިކުގެ ޠާލިބެއްކަމަށްވާ ހަވަރުތިނަދޫ އަބްހަރީގޭ އިބްރާހިމް ރަޝީދު (އާދަމްބެއްޔާގެ ކަލޯ) އެވެ. ކަރީމްބެއްޔާގެ ފަރާތުން އަޅުގަނޑަށް އެނގުނުގޮތުގައި ދޮންމަނިކަށް ޖުޒާމްބަލި ޖެހިފައިވާކަން ޚޮދު ދޮންމަނިކަށް އެނގިވަޑައިގަންނަވަ އެވެ. ކުޅަނދުރު ބޭނުންފުޅު ކުރައްވައިގެން ފައިގައި އިޙްސާސް ނެތްކަން ތަޙްލީލުކުރައްވާފައި ދޮންމަނިކު ވިދާޅުވީ، މިއީ ފަސޭހަވާނެ ބައްޔެއްކަމަށާއި، ނަމަވެސް އެ ބަލީގެބޭސްފަރުވާ މިވަގުތު ރާއްޖެއިން ލިބެން ނެތް ކަމަށެވެ.

އާދެ! ދެކުނުގޭ ދޮންމަނިކު އަވަހާރަވީ، ޖުޒާމް ބަލީގެ ޝިކާރަޔަކަށްވެ އެކަހެރިކުރެވިފައި ވަނިކޮށް (އެކަހެރި ކުރެވުނުތާ 9 އަހަރުފަހުން) ޢުމުރުފުޅުން 67 އަހަރު ފުޅުގައި (ގާތްގަނޑަކަށް 1958މ. ހާތަނުގައި) ހުނަދޫގަ އެވެ. ދެކުނުގޭ ދޮންމަނިކަކީ، ވަރަށް ގިނަ ޢިލްމުވެރީން އުފެއްދެވި ބޭފުޅެކެވެ. އޭގެތެރެއިން ބައެއް މުދިމުން ޚަޠީބުން ފަދަ ބައެއް ބޭފުޅުންނަކީ، ޤުރްއާން ދަސް ބޭފުޅުން ނެވެ. އޭނާގެ ބައެއް ދަރިވަރުންގެ ޚިދުމަތް މިހާރު (2011މ.ވަނަ އަހަރު) ވެސް ލިބެ އެވެ. އާނާގެ ބައެއް ދަރިވަރުންނާއި، އަޅުގަނޑާއި ބައްދަލުވެފައިވަނީ، ކ.ގުރައިދޫއިންނެވެ. އޭނާގެ ތަޢުލީމީ ސިލްސިލާ އަދިވެސްއޮތީ ކުރިއަށެވެ. އަޅުގަނޑުގެ ދުޢާއަކީ އަލްމަރްޙޫމް ދެކުނުގޭ ދޮންމަނިކަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމެވެ. އާމީން!

ނިންމާލުމުގެކުރިން

އާދެ! ގަހެއްގެ ހުރިހާ ގޮތްޕެއްގައި މޭވާ ވެސް ނާޅައެވެ. ނަމަވެސް އެ ގަސް ފުރިހަމަވަނީ، މޭވާ ނާޅާ ގޮފިތައް ވެސް ހުރުމުން ނެވެ. ހުރިހާ ގޮފިތަކެއްގައި މޭވާއަޅައިފިނަމަ އެ ގަސް ވެއްޓުމުގެ ފުރުޞަތު ބޮޑުވާނެ އެވެ. ހަމަ އެ އުޞޫލުން މަޑަވެލީ މޫސިއާގެ ޢާއިލާގެ އެންމެންނަކީ،ޝަޚްޞިއްޔަތްތަކެއް ނޫނެވެ. ނަމަވެސް ފަހުން ވެސް އެހެން ބަޔަކަށް މުގުރާނުލެވޭނެ ކިތައްމެ ރިކޯޑެއް ޤާއިމު ކޮށްފައިވާ ބޭފުޅުން މި ޢާއިލާގައި ވަރަށް ގިނައެވެ. އޭގެތެރެއިން ބައެއް ބޭފުޅުންގެ ނަންފުޅުތައް މި ފޮތުގައި ފާހަގަކޮށްފައި އެވަނީ، ހަމައެކަނި ތާރީޚައްޓަކައެވެ. އާދެ! ޙާޖީ މުޙަންމަދު ކަލޭފާނުގެ 31 އަހަރުގެ އަތޮޅުވެރިކަމުގެ ވާހަކަ ލިޔެވިއްޖެ އެވެ. ނަމަވެސް އޭނާގެ މުއްސަނދި ކަމާބެހޭގޮތުން މާގިނަ ވާހަކަތަކެއް ލިޔާކަށް އަޅުގަނޑު ގަސްތެއް ނުކުރަމެވެ. ހަމައެކަނި ފާހަގަކޮށްލާނީ، އޭނާގެ ތަރިކަ ބެހި ދުވަހު ވާރިޘެއްގެ ފަރާތުން މުދަލާއި ޙަވާލުވި މއ.ބާރަނާއާގެ ގދ.ތިނަދޫ އަމީރުއްޒަހުރި ހުސައިން ތައްޚާނު ބުނި ޢިބާރާތެކެވެ.    އާދެ! އޭނާ ބުނީ، ފަސްބަޔަށް ބެހުމުން އެއިން ކޮންމެ ބަޔަކަށް ލިބުނު ހަމައެކަނި ބަތްކާ ތަށީގެ ޢަދަދަކީ 750 ތަށި ކަމަށެވެ. އަދި ރުނބާ، ފަދަ އެހެނިހެން ކަންވާރާއި، ރިހިރުފިޔާގެ ޢަދަދު ވެސް ވަރަށް ގިނަ ކަމަށެވެ.

ޙާޖީ މުޙައްމަދު ކަލޭގެފާނު ނިސްބަތްވާ ޢާއިލާގެ މީސްގިނަކަމާމެދު ބުނެވެނީ، އޭނާގެ ގެ ހުންނަ ހިސާބު (މިހާރުގެ އަތޮޅުތަޢުލީމީ މަރުކަޒް) އެހުރި ހިސާބުން ފެށިގެން އޭނާގެ އޮޑިދޯނިފަހަރު އެހެލާ ހިސާބު މިހާރު ތިނަދޫ "ތޭންކް" އެހުރި ހިސާބާ ދެމެދުގައި ދިރިއުޅޭ އެންމެންނަކީ، އޭނާގެ އައުލާދުން ކަމަށެވެ. އާދެ! އިސްވެދިޔަ މަޢުލޫމާތްތަކަށް ރިޢާޔަތް ކުރުމުން ވަރަށް ގިނަ ޢިބްރަތްތަކެއް ލިބެ އެވެ. ކުރިންވެސް އަޅުގަނޑު ފާހަގަކޮށްފައިވާނެ، ފަދައިން އެޢާއިލާއިން ޤާއިމުކޮށްފައިވާ ރިކޯރޑްތައް ވަރަށް ގިނަ އެވެ. އެ އާޢިލާއިން ޤަވްމަށް ޚިދުމަތްކުރެއްވި ބޭބޭފުޅުންތެރޭގައި އަތޮޅުވެރިކަންކުރެއްވި ބޭފުޅުން، ޑޮކްޓަރުން މާލިމީން، ޙަކީމުން، ވަޒީރުބޭފުޅުންނާއި އަދި ވެސް ކިތަންމެބޭފުޅުން ހިމެނެ އެވެ. އެ ސިލްސިލާ މިހާރު ވެސް ދަނީ ހަމަ ކުރިއަށެވެ. އެދަރިކޮޅަށް ނިސްބަތްވާ އެތައްބަޔަކު، ތިނަދޫ، މަޑަވެލި، ހޯނޑެއްދޫ، ރަތަފަންދޫ، ފިޔޯރީ، މާތޮޑާ،  ދާންދޫ އަދި ވިލިގިލީގައި އެބަތިބޫ އެވެ. 
(ނިމުނީ)
                       -------------------------------

ލިޔުއްވީ: ޢަލީ ނަޞީރު، ޒޫރިޔާގެ/ މަޑަވެލި
17/1/2013