ހުވަދުއަތޮޅުގެ ފާހަގަކުރެވޭ ޝަޚުޞިއްޔަތެއްފައިސާވެރިކަމާ ޖާހާ ޢިއްޒަތާ ބޮޑު މަޤާމެއް ލިބިފައިވުމަކީ، ޝަޚްޞީގޮތުން ކޮންމެހެން މީހެއްގެކިބައިން ފާހަގަކުރެވެންޖެހޭ ރަނގަޅުކަންކަމެއް ނޫނެވެ. ޝަޚްޞީގޮތުން މީހެއްގެ ފާހަގަކުރަންޖެހެނީ،އެމީހެއްގެކިބައިގައި ހުރި ރަނގަޅު ސިފަތަކެވެ. ރަނގަޅު ކަންކަމެވެ. ނުބައި ކަންކަމެއްނޫނެވެ.

ހުވަދުއަތޮޅަށް ވަރަށް މަޝްހޫރު ކުރީގެ ކަތީބެއްކަމަށްވާ، ދެއްވަދޫ ޑޯރެންސީވިލާ އަލްފާޟިލް މުޙައްމަދު މުނީރަކީ އަޅުގަނޑަށް ފާހަގަކުރެވޭ ރަނގަޅު ސިފަތަކެއް ފެނުނު ޝަޚުޞިއްޔަތެކެވެ. އެއީ އޭނާއަށްވުރެ ދޮށީމީހުންގެ މުޙައްމާ ކަތީބެވެ. ހަނގު މީހުންގެ މުޙައްމާބެއެވެ. އޭނާ ކުއްލިގޮތަކަށް ދެއްވަދޫގައި އަވަހާރަވީކަން އަޅުގަނޑަށްއެނގުނީ އެޚަބަރުލިޔެފައިވާ ވެބްސައިޓަކުންނެވެ. އަވަހާރަވީތާ ދުވަސްތަކެއް ފަހުންނެވެ.

މުޙައްމާބެ އަވަހާރަވީތާ ދުވަސްތަކެއްގެފަހުން އެލިޔުންފެނިގެން އެކަންއެނގުމުން ހިތަށްއެރީ، އުޅުމާ ގުޅުމުގެބޮޑުކަން އަޅުގަނޑާ އެއްވަރަށް އެބޭފުޅެއްގެ ޢާއިލާއަށްވެސް އެކަން އެނގިވަޑައިގަންނަވާއިރު، އެހާ ކުއްލިގޮތަކަށް އެބޭފުޅަކުއަވަހާރަވެ ގިނަދުވަސް ތަކެއް ވޭތިވެދިޔައިރުވެސް އެކަމެއްނޭނގުނެވެ. އެހެންވީމާ ގިނަގޮތްގޮތުން ބަލާއިރު މިއުޅެވެނީ އުޅެންޖެހޭ ވަރަށްވުރެ މާފަހަތުގައިތާއެވެ.

މުޙައްމާބެ އަވަހާރަވީ ޚަބަރުގާ “ދެއްވަދޫ ކަތީބު ކަމުގެ މަޤާމުގާ އޭނާ ހުންނަވަނިކޮށް ހުވަދު އަތޮޅުގައި ހިނގި ބަޣާވާތާގުޅިގެން އޭނާ މާލެ ގެނައިކަމާ، ޖަލުގައި ދުވަސްކޮޅެއް ހޭދަކުރެއްވުމަށްފަހު އެނބުރި ރަށަށް ވަޑައިގެންނެވިއިރު، ކަތީބުކަމުގެ މަގާމުން ވަނީ ވަކިވެފާކަމަށް] ލިޔުއްވާފައިވެއެވެ. މުޙައްމާބެގެ ރަށަށް ނިސްބަތްވާ ސައިޓެއްގައިޚަބަރު ލިޔުއްވި ޒުވާން މުރާސިލަކީ، އަޅުގަނޑުމެންގެވެސް ގާތް ބޭފުޅެކެވެ. ޚަބަރުގެއިތުރަށް އޭގައި ހާމަކުރައްވާފައިވަނީވެސް އޭނާއަށް އެނގިވަޑައިގެންނެވި މަޢުލޫމާތެވެ. އެނގިވަޑައިނުގަންނަވާ މަޢުލޫމާތެއްއޭނާއަށް ހާމަނުކުރެއްވި އޮތުމަކީ އެއްގޮތަކަށްވެސް އުނިކަމެއްނޫނެވެ. އެއީ ހިނގަމުންދާ އަދި ހިނގަމުންދާނޭ ކަމެއްވެސްމެއެވެ. ކޮންމެއަކަސް ޒުވާން މުރާސިލް އެދުވަހު މުޙައްމާބެ އަވަހާރަވީކަން ހާމަ ކުރައްވާފައި ނެތްނަމަ، އެކަން އެނގެންޖެހޭ ކޮންމެވެސް ބަޔަކަށް އެކަން ނޭނގިދުވަސްތަކެއް ވޭތިވެދިޔުމަކީ ވެދާނެކަމެކެވެ. ކޮންމެއަކަސް ޒުވާން މުރާސިލް އެކުރެއްވި މަސައްކަތަށްޓަކައި ޝުކުރުޙައްޤެވެ.

އިނގިރޭސިންގެ މަކަރުވެރި ބަޔަކު އަޑީގާތިބެގެން، އައްޑޫ، ހުވަދޫ، ފުވައްމުލަކުގައި ހަމަނުޖެހުމެއްހިންގި ދުވަސްވަރެއް މާޒީވެ ގޮސްފައިވެއެވެ. ހުވަދުއަތޮޅުގައި ދެވަނަފަހަރަށް އެހަމަނުޖެހުން ހިނގިއިރުމުޙައްމާބެ ހުންނެވީ، ދެއްވަދޫ ކަތީބަކަށެވެ. އެ ފަހަރުގެ ހަމަނުޖެހުމާގުޅިގެން މާލެ ގެނައި މީހުންގެތެރޭ އޭނާ ހިމެނެއެވެ. މުޙައްމާބެއަށް އެކަން މެދުވެރިވީ ސަބަބު ގުޅިފާވަނީ އެދުވަސްވަރު ގިނަބަޔަށް ސީދާފެންނަ ފަށުގާ ހިނގަމުންދިޔަ ބައެއް ކަންކަމާއެވެ. އެހަމަނުޖެހުމުގާ މުޙައްމާބެއަށް މަޖުބޫރުވީ އެފަދަކަމެއްގާ ޢާއްމުކޮށްއޮންނަ ބޮޑު ދެގޮތުން ކޮންމެވެސް އެއްގޮތެއް ނިންމަވާށެވެ. އެހެންކަމުން އޭނާ ދެކިވަޑައިގެންނެވި ރަނގަޅުގޮތް ޚިޔާރުކުރެއްވީއެވެ. އެގޮތް ޚިޔާރުނުކުރެއްވިނަމަ، އޭނާގެ ނަފުސާ މުދަލަށް އެދުވަސްވަރުގެ ކަންކަން ހުރިގޮތުން ވަރަށް ދެރަގޮތެއްވާނެކަން ޔަޤީންކުރެއްވިއެވެ. އޭނާ ޚިޔާރުނުކުރެއްވިގޮތަކީ އެފަހަރުގެ ހަމަނުޖެހުމާ ސީދާ ދެކޮޅުވުމުގެ ސަބަބުން އޭނާގެ ނަފުސާ މުދަލަށް ދެރަގޮތެއްވުމެވެ

އެހަމަނުޖެހުމުގާ މީހުންގެލޮލަށް ފެންނަފަށުގައި އަތޮޅުގައި އިސްކޮށްތިއްބެވީ އޭނާއާ ގާތް ބައެއް ބޭފުޅުންނަށްވިއަސް އެދުވަސްވަރުކުރިމަތިވާ ބައެއް ޙާލަތުގާ އެ ބޭފުޅުންނަށްވެސް ބާރު ނުފޯރުއްވޭނޭ ކަންކަން ހިނގަމުންދިޔައެވެ. އެދުވަސްވަރު ކުރިމަތިވާކަމެއް ގޯސްވެ އެކަމެއް ހުއްޓުވަން، ނުވަތަ ކަމެއް ރަނގަޅުވެ އެކަމެއް ދެމެހެއްޓުމަށްވިޔަސް، ވެރިއެއްގެ، ރައްޔިތެއްގެ، އިންސާނީ އެއްވެސްބާރެއް އެކަމަކަށްނުފޯރާ ކަންކަމާ ޙާލަތު ކުރިމަތިވަމުން ދިޔައެވެ. އެއީ އެދުވަސްވަރު އެންމެނަށް ފެނި، އެނގި، ބާވެ، ކަށަވަރުވެފައިވާ ކަމެކެވެ. މުޙައްމާބެޚިޔާރުކުރައްވާ ގޮތަކުން ދެން އޭނާއާ ކުރިމަތިވާނޭ ދެރަކަމަކީ އޭނާ ވެރީންނާ ގާތްވުމަކުން ނުވުމަކުންވެސް، އެއްވެސް ފައިދާއެއް ނުކޮށް ހިނގައިދާނޭ ކަމެއްކަން މުޙައްމާބެ ދެނެވަޑައިގަނެއެވެ. އެދުވަސްވަރުގިނަ މީހުންނަށް ފެނިފާވަނީވެސް އެކަން އެހެންވަމުންދިޔަ ތަނެވެ.

އެ ފަހަރުގެ ހަމަނުޖެހުމާގުޅިގެން މާލެ ގެންދެވި ބަންދުގައި ދުވަސްތަކެއް ހޭދަވުމަށްފަހު، މުޙައްމާބެ މިނިވަންވީއިރު އޭނާއަކީ ހުވަދުއަތޮޅުގެ ހަމަނުޖެހުމުގެ އިސް ބައިވެރިއެއްކަމަށް ބަލައިގެން އޭނާގެދޯންޏާ ބައެއް މުދާތައްވަނީ ސަރުކާރުގެފަރާތުން މާލެ ގެންގޮސްފައެވެ. ފަހުން އެދޯނި އޭނާއާ ސަރުކާރުން ޙަވާލުކުރިއިރު، ދޯނި ރަށަށް ގެންދެވޭނޭގޮތެއް އޭނާއަށް ސަރުކާރުން ތަނަވަސްކޮށް ދެއްވާފައިނުވީމާ ހުޅުލޭގައި ދޯނި ހަލާކުވެ ނެތިދިޔުމީ ލިބިވަޑައިގެންނެވި ބޮޑުގެއްލުމެކެވެ. އެފަހަރުގެ ބަންދުން މިނިވަންވުމުން އޭނާއަށް ހުޅުލެއިން ގޯއްޗެއް ލިބިވަޑައިގެން އެތާނގައި ދިރިއުޅުއްވުމުގެ ފުރުޞަތުއޮތެވެ. ނަމަވެސް އެފުރުޞަތު ދޫކޮށްލެއްވީ އަމިއްލަރަށުގައި ދިރިއުޅުއްވުމުގެ ބޭނުންފުޅުގައެވެ. ނޫންނަމަ މިހާރު ގިނަ ބަޔަކުދެކޭ ރަންބިމުން އެގޯތީގެ ބުރިބުރީގެ ޢިމާރާތްތައް ފެނުނީހެވެ.

އެފަހަރުގެ ބަންދުގެތެރޭ މުޙައްމާބެއާ ކުރިމަތިވި ތަފާތުކަންކަމާ މަޖްބޫރީ ޙާލަތާ އަދި އޭރު އޭނާއާ އެހެންބަޔެއްގެވެސް މަޞްލަޙަތަށްޓަކައި 10 އޭޕްރީލް 1962 ގައި އޭނާ ދެއްވަން ޖެހިވަޑައިގަތް ބަޔާނާގުޅިގެން ކަތީބުކަމުގެ މަގާމު ގެއްލޭނެކަން އޭނާއަށް އެނގިވަޑައިގަނެވެ. [ހުވަދުއަތޮޅުގައި ދިވެހިދައުލަތާ ދެކޮޅަށް މިފަހަރު އުފެއްދި ބަޣާވާތުގައި އެބަޣާވާތުގެ ވެރިންނަށް ތިބި މީހުން އެންގި އެންގުމަކާގުޅިގެން ދެއްވަދޫގެ ކަތީބުކަމާއި ޙަވާލުވީކަމާއި، ދިވެހިދައުލަތުން ކަތީބުކަމުގެ ސަނަދެއް ދެއްވާފައި ވަނިކޮށް ދައުލަތާއި އިދިކޮޅުބަޔެއްގެ ވެރިކަމުގައި ހުރުމުން އެބަޣާވާތުގައި ބައިވެރިވާކަމަށާއި އެއީ ވަރަށްބޮޑު ކުށެއްކަމަށް ޤަބޫލު ކުރައްވާކަމަށް” މުޙައްމާބެ ދެއްވި ބަޔާންގެކޮޕީއެއް މީގެއަހަރުތަކެއްގެކުރިން ބަންޑާރަނާއިބުގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކޮށް ނަގައި އަޅުގަނޑުގެއަތުގައި އެބައޮތެވެ
 
މުޙައްމާބެ ހުވަދުއަތޮޅަށް އެނބުރި ވަޑައިގަތީ ބަންދުގެ މުއްދަތުގެ ބޮޑުބަޔެއް ބާކީއޮއްވާ މާފެއްގާ ދޫކޮށްލެއްވީމައެވެ. އަތޮޅަށް (ގއ.އަށް) ވަޑައިގެންއިރު އަތޮޅުވެރިޔަކީ ވިލިނގިލީ އިބްރާހީމް މުޙައްމަދު (ތުއްތު ކަތީބު) އެވެ. އަތޮޅުވެރިންނާ އޭނާގެއަރިހުގައި ތިއްބެވި އަތޮޅުގެ ބޮޑުންނަކީ، މުޙައްމާބެއާ ގިނަގޮތްގޮތުން ވަރަށްގާތް ބޭފުޅުންނެވެ. އެހެންވުމުން ދެއްވަދޫގެވެރިކަމުގެ ދާއިރާއާ އަލުން ގުޅިލެއްވުމުގެ ފުރުޞަތު ތަނަވަސްވެފައި އޮވެމެ، އެކަމާ މުޙައްމާބެ ނޫޅުއްވައެވެ. އޭނާ ބޭނުންފުޅުނަމަ އެކަމަކީ އޭރު ވަރަށްފަސޭހައިން ވެދާނެކަމެއްކަންކަށަވަރެވެ. މިހެނީ އެފަހަރުގެ ހަމަނުޖެހުމުގައި އަތޮޅުގައި އިސްކޮށްހުންނެވި ފަރާތްކަމަށް މީހުންނަށް ބެލެވޭފަރާތް ބަންދުވެ، ބަންދުވީތާ ސަތޭކަވަނައަށްވީ ދުވަހަކީ، އޭނާ މިނިވަންވެ ސަރުކާރުގެ ވަޟީފާއެއްގައި ހުންނެވި ދުވަހަކަށްވީމާ، މިހެންވީއިރު މުޙައްމާބެއަށް ސަރުކާރުގެއެއްވެސްވަޟީފާއެއް ލިބިވަޑައިނުގަންނަވަން ޖެހޭ އެއްވެސްސަބަބެއް ނެތެވެ. އެކަމަކު މުޙައްމާބެ އެކަމާ ނޫޅުއްވީއެވެ. ބޭނުންފުޅުނުވީއެވެ. މިކަންހިނގީ މިހެންކަން ގިނަބަޔަކުވެސް ދަނެއެވެ. އެދުވަސްވަރުންފެށިގެން މިހާތަނަށް ދެއްވަދޫގެ އިސްވެރިކަންކުރެއްވި ހުރިހާބޭފުޅުންވެސް މިކަން ޤަބޫލުކުރައްވަނީ މިހެނެވެ.

މުޙައްމާބެއަކީ ގިނަގޮތްގޮތުން ބަލާއިރު، ހުވަދުއަތޮޅުން މަދުންނޫނީ ފެނިފާނުވާފަދަ ޝަޚުޞިއްޔަތެއްކަމަށް ގިނަމީހުން ދެކެއެވެ. ކޮންމެގޮތަކުން ކޮންމެއެއްޗެއްވިއަސް ލިބޭތާނގައި ލިބިގަންނަ އުޞޫލަކީ، އޭނާ ޤަބޫލުކުރައްވާ ރަނގަޅު އުޞޫލެއްނޫނެވެ. އޭނާ އެކަމެއް ނުކުރައްވައެވެ. އެހިނދަކަށް އޭނާއާމެދު މަތިވެރި ﷲ މިންވަރުފުޅުކުރެއްވި ގޮތަކާރުހިވަޑައިގެން ހަމަޖެހިގެން އުޅުއްވަމުން ގެންދެވިއެވެ. ދިރިއުޅުއްވުމުގައި މެދުވެރިވާ ބޮޑެތި ހިތާމަތަކުގާވެސް އެ މާތްގޮތް ޚިޔާރުކުރައްވައި ކުރިޔަށްނެރުއްވި އެވެ. އޭނާގެ ގިނަބޭފުޅުންގެ މަންމަ، އަދި އޭނާގެ އޭރުގެ އަނބިކަނބަލުން ނަފީސާ އަވަހާރަވުމުގެ ހިތާމަވެރި ޙާދިސާއިން މިކަން ކަށަވަރުވެއެވެ. އެއީ ބޭފުޅަކު ރައްކާވުމުގެފަހުން ނަފީސާ ދުނިޔެދޫކުރެއްވުމުގައި ގއ. ޞިއްޙީމަރުކަޒުގައި އޭރު ހުންނެވި ހެލްތު ވޯކަރުގެ ޛިންމާދާރުކަމަށް ދިއްކުރެވޭ އިހުމާލުގެ އިނގިއްޔާމެދުގައެވެ. ކެތްކުރައްވަން އިންތިހާއަށް ދަތި އެކަމުގާވެސް މުޙައްމާބެ ދެއްކެވި ކެތްތެރިކަމުގެ ނަމޫނާ ލާމަސީލެވެ.

ދެއްވަދޫ ޑޯރެންސީވިލާ އަލްފާޟިލް އަލްމަރުޙޫމް މުޙައްމަދު މުނީރަކީ ދިރިއުޅުއްވުމުގައި އެވަގުތަކު ކުރައްވަން ޖެހިވަޑައިގަތް މަސައްކަތެއްކުރެއްވުމަށް ކުޑަވެސް ފަސްޖެހުމެއް ނޯންނަ ބޭފުޅެކެވެ. ރަށުގެ ޤަދަރުވެރި އިސްވެރިޔެއްގެ ދައުރެއް ކުރިން އަދާކުރައްވާފައިވުމުން ރަށުގެ އެނޫން ދައުރެއް އަދާކުރެއްވުމަށް ބައެއްބޭފުޅުން ކުޑަކޮށް ފަސްޖެހިވަޑައިގެން މާބޮޑު ލަދުފުޅެއްގައި އުޅުއްވާތީ ބައެއް ރަށްރަށުން ފެނެއެވެ. އެފަދަގޮތެއް މުޙައްމާބެ ކިބައިން އެއްވެސްމީހަކަށް ދުވަހަކު ފެނިފައެއް ނޯންނާނެއެވެ. އަތްޕުޅު ނުފޯރުއްވޭނޭ އުސް ތަންތަނަށް އަތްޕުޅު ފޯރުއްވާކަށް އޭނާ މަސައްކަތެއް ނުކުރައްވައެވެ. ޙައްޤުނޫން ޝަކުވާ އުފުއްލަވައިނޫޅުއްވައެވެ.


ރަށުގެ ތަރައްޤީއާ ކުރިއެރުމާ ފައިދާއަށްކުރެވޭ ކޮންމެކަމެއްގައި އެކަމެއްކުރައްވާ ފަރާތަކުން އެދިވަޑައިގެންގޮތަކަށް އެދިވަޑައިގަތް މިންވަރަކަށް އެކަމެއްގައި މުޙައްމާބެ ޢަމަލީގޮތުން ބައިވެރިވެއުޅުއްވައެވެ. ރަށުގެވެރިކަމުގެ ދާއިރާއާ ދުރުގާ ހުންނެވިއަސް ވެރިންނާ ބާއްވަވަންޖެހޭ ގުޅުމެއް ފުރިހަމައަށް ބޭއްވެވިއެވެ. އެބޭފުޅުންގެ މަސައްކަތްޕުޅުތަކާ ރައްޔިތުންގެ މަސައްކަތްތަކަށް ފުރިހަމަ އެހީތެރިކަމާ އެއްބާރުލެއްވުން ދެއްވިކަމަށް ދެއްވަދޫގެ އިސްވެރިކަންކުރެއްވި އަލްފާޟިލް މުޙައްމަދު އަނީސް އާ އަލްފާޟިލް މުޙައްމަދު ދީދީ އާ ދެބޭފުޅުން އަޅުގަނޑުގާތުގައި ވިދާޅުވިއެވެ. މުޙައްމާބެއަކީ ގާތްތިމާގެމީހުންނާ އަޅާލައްވާ ތިމާގެމީހުންނަށް ވިއަސް އެމީހުންނަށް ހެޔޮވާންޖެހޭވަރަށްވުރެ މާމައްޗަށް ބައެއްފަހަރު އެކަން ގެންދަވައިއުޅުއްވާތީ ގިނަބަޔަކުދެކޭ ބޭފުޅެކެވެ. 

ދެއްވަދޫ ޑޯރެންސީވިލާ އަލްމަރުޙޫމް މުޙައްމަދު މުނީރަކީ ތިމާގެމީހުންނާ ގާތްކަން ބާއްވަވާ ރަޙުމަތްތެރިންނަށް ހެޔޮކޮށްހިތްތަވާ އަދި އެހެންމީހުންނާވެސް ގުޅުންރަނގަޅު ބޭފުޅެކެވެ. ތިމާގެވުމާ ގާތްވުމަކީ ބައެއްމީހުންނަށް ކޮންމެހެން މިހާރަކު، އެހާ ބޭނުން ކަމެއްނޫންކަން އެކިދިމާލުން ފެނެއެވެ. ތިމާގެކަމާ ގާތްކަން އޮންނަންޖެހެނީ ދުނިޔެވީފޯރުންތެރިކަމެއްގެ، ނުވަތަ އެމީހަކު ޤަބޫލުކުރާ ސިޔާސީ ވިސްނުމެއްގެ ނިސްބަތެއްގައިކަމަށް އެބަފެނެއެވެ. ތިމާގެވުމާ ނުވުމަކީ ޤުދުރަތުންހިންގަވާ ކަމަކަށްވާތީ އެކަމަށް މީހެއްގެ ބާރެއް ނުފޯރަނީއެވެ. އެހެންނޫންނަމަ މިހާރަކަށްއައިސް ކޮންމެކޮންމެ މީހަކާ ލޭގެގޮތަކުން ދަރިކޮޅުގެގޮތަކުން ތިމާގެވާކަށް ލާހިކު ކުޅަދާނައެއްނޫނެވެ. އަޅުގަނޑު މިއުޅޭ ރަށުގެ ޢާއިލާ ބޮޑު މީހަކު ބަލިކަމާ ނިކަމެތިކަމާއެކު މަގުމަތީގައި ހިނގޭނުހިނގޭވަރުން އެބަ އުޅެއެވެ. މަދުމީހެއްގެ އަޅާލުމެއްނޫނީ އެމީހާއަށް ނެތްތާނގައި، ކުޑަމިނުން އަނގައިންބުނުމެއްވެސް ނެތި އެމީހާގެކައިރިން ބޫންއަޅުވާފާ ވޫސްއަޅުވާފާ ދާތީ ފެންނަނީ ލޭގެގޮތުން ދަރިކޮޅުގެގޮތުންވެސް އޭނާގެ ވަރަށް ގާތްތިމާގެ މީހުންނެވެ. އެކަން އެމީހާ އެބަ ދަނެއެވެ. އޭގެ ގިނަމީހުންވެސް އެކަން ނުދަންނާނެކަމަކަށްނުބެލެވެއެވެ. ކުރާނެ ކަމެއްނެތެވެ. މިއީ ފަހުޒަމާނުގެ ނިމުމުގެ ޑިމޮކްރަސީއެވެ.
ދެއްވަދޫ ޑޯރެންސީވިލާ އަލްފާޟިލް އަލްމަރުޙޫމް މުޙައްމަދު މުނީރަކީ ޝަމްސުއްދީން ބޮޑު ފަނޑިޔާރު ކަލޭގެފާނުގެ، އަލްޙާއްޖު ޢަލީ ތުއްކަލާގެ، ދޮންދަލޭކާ ކަނބުލޭގެފާނުގެ، ޙަސަން މަނިކުފާނުގެ، އިބްރާހީމް ދީދީގެ،ދެއްވަދޫ ގަނޑުވަރު ދީދީގެ، މުޙައްމަދު ދީދީގެ، އިސްމާޢީލް ދީދީގެ، ޙަސަން ދީދީގެ ދަރިކަލެކެވެ. މިއީ ދެއްވަދޫ ގަނޑުވަރަށް ނިސްބަތްވާ ދަރިކޮޅެކެވެ. މިދަރިކޮޅުގެ ތަޢާރަފެއް ކުރީގެ ލިޔުމެއްގައި އަޅުގަނޑު ލިޔެފައިވާނެއެވެ.

ދެއްވަދޫ ސީނުގޭ ޙަސަން އިސްމާޢީލް ދީދީއާ މަރިޔަމް ޢަލީއާ ދެމަފިރިކަނބަލުންނަށް ލިބިވަޑައިގެންނެވި ހަމައެކަނި ފިރިހެން ބޭފުޅެއްކަމަށްވާ މުޙައްމަދު މުނީރު ވަރަށް ތުއްޕުޅު ދުވަސްވަރު މަންމަ އަވަހާރަވުމާގުޅިގެން އޭނާ ގެންގުޅުއްވާ ކިޔަވާދެއްވުމުގެ ބުރަ އުފުއްލެވީ، އޭނާގެ މުންނަ (ބައްޕަގެ މަންމަ) އާ އެއްބަނޑު އެއްބަފާ ދައްތަ، އަލްފާޟިލާ ޚަދީޖާއިބްރާހީމް ދީދީ (މާމެއްތާ) އެވެ. އެއީ އެދުވަސްވަރުގެ މުއްސަނދި ތަނަވަސް ބޭފުޅެކެވެ. ކުދިންނަށް ޤުރުއާން ކިޔަވާދެއްވާ ވޮށުފިލާއަޅައި ދެއްވާ ބޭކަނބަލެކެވެ. އޭނާއަށް ބޭފުޅުން ލިބިވަޑައި ނުގަންނަވައެވެ. އެހެންކަމުން އަމިއްލަބޭފުޅެއް ފަދައިން އޭނާ މުޙައްމަދު މުނީރު ގެންގުޅުއްވިއެވެ.

ޚަދީޖާ އިބްރާހީމް ދީދީ އަކީ އެދުވަސްވަރު އޮޑިފަހަރުން ސިލޯނަށް މަހާ ކާއްޓާ ވިކޭ ބައެއްތަކެތި ފޮނުއްވާ ވިޔަފާރިކޮށްއުޅުއްވި ބޭފުޅެކެވެ. އައްޑޫއަށާ އެނޫންވެސް ރާއްޖޭގެ ބައެއްރަށްރަށަށް މުދާ ފޮނުއްވައިގެންވެސް ވިޔަފާރިކުރެއްވިއެވެ. މުޙައްމަދު މުނީރު ބޮޑުފުޅުވެ، ޢަމަލީމައިދާނުގައި ކަންކަން ކުރެއްވޭވަރުވީމާ މާމެއްތާގެ ވިޔަފާރި ޙަވާލުކުރެއްވީ އޭނާއާއެވެ. ވިޔަފާރިދަތުރުގައި މުޙައްމާބެ ސިލޯނުން އެނބުރި ވަޑައިގަންނަވާތާ ދެދުވަހެއްގެތެރޭ ކައިރި އަތޮޅުތަކާ ރަށްތަކަށްވެސް މުދާފޮނުއްވަން ޖެހުމާއެކު އޭނާ އުޅުއްވަމުން ގެންދެވީ ވަރަށް ބުރަކޮށްނެވެ. އެދުވަސްވަރު ރާއްޖެއިންބޭރަށް ދަތުރުކުރައްވައި އުޅުއްވުމުގެސަބަބުން ސިންގަޅަ ބަހާ އިނގިރޭސި ބަސް ވެސް ކޮންމެވެސްވަރަކަށް އޭނާ ދެނެވަޑައިގަނެވެ. ލެޓިންއަކުރުގެ ހުކުރުޚުޠުބާވެސްފަސޭހަކަމާއެކު ވިދާޅުވެ އެވެ. ދެއްވަދޫ ކަތީބުކަން ލިބިވަޑައިގެން އެމަސްއޫލިއްޔަތު އުފުއްލަވަންފެއްޓެވީ ވިޔަފާރީގައި އުޅުއްވަނިކޮށްނެވެ.

މުޙައްމަދު މުނީރުގެ ސިޔާސީ ޙަޔާތާބެހޭގޮތުން އޭނާގެބޭފުޅުންގެއަރިހުގާ ވިދާޅުވެފާވަނީ “ނާޞިރުގެ ސަރުކާރަކީ މިއިންދުވަހަކުވެސްނުދެކޭފަދަ އަނިޔާވެރި ސަރުކާރެއްކަމަށާ ޖަލުބަންދަށް ގެންދިޔަފަހަރު އަނިޔާތަކެއް ލިބިވަޑައިގެންނެވި ކަމަށެވެ.” މާލޭގައި އުފަލުގައި ދިރިއުޅުއްވެންއޮތް ނޫންތޯ، އޭނާގެބޭފުޅުން ދެންނެވީމާ ދެއްވި ޖަވާބަކީ [މާދަމާވެސް މަރުވެދާނެކަމަށާ، ދުނިޔޭގެކަންތަކާ އެހާވަރަށްކޮންމެހެންއުޅޭކަށް ނުޖެހޭކަމަށެވެ.” އަދި “ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަތީ ސަރުކާރުންފޮނުއްވި ޓީމުން ދެއްވި ބަޔާނެއްގައި ސޮއިކުރުމުންކަމަށާ، އެފަހަރު އޭގައި އޭނާ ސޮއިނުކުރެއްވިނަމަ، އެދުވަސްވަރު ދެއްވަދޫ އޮފީހުގައި އިސްކޮށްއުޅުއްވި އެހެން ބޭފުޅުންނަށް ގެއްލުމެއް ލިބިވަޑައިގެންފާނެކަން އެނގިވަޑައިގަންނަވާތީ އެހެންވާން ބޭނުންފުޅުނުވާ ކަމަށްވެސް އޭނާގެ ބޭފުޅުންގެ އަރިހުގައި ވިދާޅުވެފައިވެއެވެ.]

ދެއްވަދޫ ޑޯރެންސީވިލާ މުޙައްމާބެ، ބައެއްފަހަރު އޭނާގެޙަޔާތުގެ މުހިއްމު ބައެއްކަންކަން އަޅުގަނޑާ ޙިއްޞާކުރައްވައި ފެންނަ ނުފެންނަ އައްސަވާ އުޅުއްވިއެވެ. އޭނާއަށްވުރެ އަޅުގަނޑުގެތަޖުރިބާ މަދުކަމާއެކުވެސްމެއެވެ. ނަމަވެސް އެރުވެނީ ރަނގަޅު މަޝްވަރާއެއްނަމަ ޤަބޫލުކުރައްވާކަން އެނގެއެވެ. ގާތްތިމާގެމީހުންގެތެރެއިން އަޅުގަނޑަކީ އޭނާއާ ގުޅުންރަނގަޅު މީހެއްކަމަށް އޭނާގެ ބޭފުޅުންގެތެރެއިން ފާޠިމަތު އަޒުލިފާއާ، އަޙުމަދު އަޒުލީލާއި އެހެން ބައެއްބޭފުޅުންނަށްވެސް ފާހަގަކުރެއްވިފައި އޮވެދާނެކަމަށް އަޅުގަނޑުދެކެމެވެ. އެބޭފުޅުންވެސް އެހެން ވިދާޅުވާކަމަށް އަހަމެވެ. މިލިޔުމުގާ ބަޔާންކޮށްފައިވާ މުޙައްމާބޭގެ ގިނަ ކަންކަން އަޅުގަނޑަށް އެނގިފައިވުމުގެ މުހިއްމު ސަބަބަކީ ހަމައެކަނި ތިމާގެކަން އޮތުމެއްނޫނެވެ. އޮންނަ ގާތްކަންވެސްމެއެވެ.

ދެއްވަދޫ ޑޯރެންސީވިލާ އަލްފާޟިލް މުޙައްމަދު މުނީރު އަވަހާރަވީ، ޢުމުރުފުޅުން 76 ވަނަ އަހަރުއެވެ. 15 ޖޫން 2011 ވަނަ ދުވަހު ހުކުރުނަމާދަށް ވަޑައިގަތުމުގެ މަގުމަތީގައެވެ. އަވަހާރަވީއިރު އޭނާގެ އަނބިކަނބަލަކާ 9 ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވި އެވެ. ކާވެނި ބައްލަވައިގަތްކަމަށް އެނގިފައިވަނީ 4 ބޭކަނބަލަކާއެވެ. އޭގެތެރެއިން 3 ބޭކަނބަލުންގެ ބޭފުޅުންގެތެރޭގައި ގިނައީ ފިރިހެން ބޭފުޅުންނެވެ.

މަތިވެރި ﷲ މަރުޙޫމް މުޙައްމަދު މުނީރު (މުޙައްމާބެ)ގެ ފުރާނައަށް ސުވަރުގޭގެ މަތިވެރިނިޢުމަތް ދެއްވައި، އެޢާއިލާއަށް ކެތްތެރި ކަމާއި ބާއްޖަވެރި ދިރި އުޅުމެއް މިންވަރު ކުރައްވާށިއެވެ. އާމީން! 
                  -------------------
ޢަބުދުﷲ ޙިލްމީ
5/1/2013