ޝައިޠާނާގެ ޑަބަލް ޕްރޮމޯޝަން

ޢައްބާސީ ވެރިކަމުގެ ދުވަސްވަރު ޢިރާގުގެ އަވަށްގަނޑެއްގެ ބަޔަކު ކުނިވާ ކާބޯތަކެތި އުކައިލާ ގަސްގަހާގެހީގެ ސަރަޙައްދެކެވެ. ރޭގަނޑު މެންދަމުގެ ވަގުތު ބޮޑު ޝައިޠާނާއާއި އޭނާގެ ކުދި ޝައިޠާނީ އަޢުވާނުންގެ ބަޔަކު މިތަނުން ފައުޅުވެ އެބައިމީހުންގެ ބައްދަލުވުމެއް ބޭއްވިއެވެ.  އިއްތިފާގުން މިތަން ދެކިވަޑައިގަންނަވަނީ އެދުވަސްވަރުގެ ބަޣުދާދުގެ ޚަލީފާއަށް ހަރާންކޯރުވެވަޑައިގަތް ދޮގު ތުހުމަތެއްގައި ގަތުލުކުރުމަށް ނިންމައި ހޯދަމުންދާ ޞާލިޙު ބެއިކަލަކަށެވެ. އޭނާ އޮންނެވީ އެ ތާނގައި ހުރި ބޮޑު ގަހެއްގެ ތޮފަޅަތެރޭގައިފިއްލަވައިގެންނެވެ.


ޝައިޠާނާގެ މި ބައްދަލުވުމުގައި ބައިވެރިވާ އަޢުވާނުންނަކީ މީގެކުރިން ޢިރާގުގެމުސްލިމް ގަބީލާ އަވަށްގަނޑެއްގެ މީސްތަކުންގެ ތެރެއިން ޝައިޠާނާގެ ވަސްވާސްތަކަށް ބަޔަކު ހެއްލުންތެރި ކުރުވައި އެބައިމީހުން ނަރަކައަށް ފޮނުވާލެވޭތޯ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ އަޢުވާނުންގެ ބަޔެކެވެ.ބޮޑު ޝައިޠާނާ ހިތްހަމަޖެހޭފަދަ ފެންވަރަކަށް އޭރު އެކަންކަން ކުރެވިއްޖެކަމަށް ބަލައި އޭނާ މި ކުދި ޝައިޠާނުން އަނބުރައި ގެނައީ މިބައިމީހުން ކުރަމުންދިޔަ މަސައްކަތް ކުރެވޭފަދަ ފެންވަރަކަށް އެތަނުންޝައިޠާނާގެ އިންސާނީ އަޢުވާނުންކޮޅެއް ތަމްރީނުކޮށް އެބައިމީހުންނާއި މަސައްކަތް ޙަވާލުކުރުމަށްފަހު އެވެ.

އޭގެ ދުވަސްކޮޅެއްގެ ފަހުން މިހާރު އެތަނުގެ ޙާލަތަކީ ކޮބައިތޯ އަދި ކަންހިނގަނީ ތަމްރީނު ދެވިފައިވާ ގޮތަށް ރަނގަޅަށްތޯ ބެލުމަށް ބޮޑު ޝާއިޠާނާ މިބައިމީހުން އެ ތާކަށް ފޮނުވުމަށްފަހު އެބައިމީހުން އަނބުރައި ގެނެސް މިބައްދަލުވުމެއް ބާއްވަނީ އެވެ. ފެންނަ ފެނުމަށް ބޮޑު ޝައިޠާނާގެ އުފާވެރިކަން ކުޑައެވެ. ހީނލުމެއް ނެތެވެ. ގަހެއްގެ ބޮޑު ގޮފިގަނޑެއް ކަނޑައިލެވުނު ތަނުން ގަހާއި ގުޅިފައިވާ ބައިގައި ޖުއްބާއަޅުވައިގެންއެލިގަނެގެން އޮވެ ބޮޑު ޝައިޠާނާ ވާހަކަދައްކަން ފެށިއެވެ.

މިތުރުންނޭވެ! އަހަރެންނަކީ ހަމަ އަހަރެންނެވެ. ތިޔަބައިމީހުންނަކީ ވެސް ހަމަތިޔަބައިމީހުންނެވެ. އަހަރެންނާ ތިޔަބައިމީހުންނާ ހުރި ތަފާތަކީ ސުވަރުގެއިން އަހަރެން ނެރެލެވުނުކަމާއި އަދި ތިޔަބައިމީހުންނަށް ސުވަރުގެއަށް ވަދެވިފައި ނުވުމެވެ. ސުވަރުގެއިން އަހަރެން ނެރެލެވުނީކީއްވެގެންކަން މިތުރުންނަށް އެނގޭނެތެވެ. އެދުވަހު މަތިވެރި ﷲ ގެ ޢިއްޒަތް ގަންދީ އަހަރެން ހުވައެއް ކުރީމެވެ. އެ ވަގުތުން ފެށިގެން އާދަމުގެދަރީން މަގުފުރައްދާނެ ކަމަށެވެ. އަހަރެން ދުނިޔޭގައި ދިރިލަހައްޓަވައިފި ނަމަޤިޔާމަތާ ހަމަޔަށް ވެސް އިންސާނުން މަގުފުރައްދައި ނަރަކައަށް ފޮނުވާލުމުގެ މަސައްކަތް ކުރާނެކަމަށެވެ. ދުނިޔެވީ ހެއްލުންތެރިކަމާ ފަސާދައިގެދަލުގައި އިންސާނުން ޖައްސައި އެބައިމީހުން ހަލާކުގެތެރެއަށް ގެންދާނެކަމަށެވެ. މި ކުރެވެނީ އެ މަސައްކަތެވެ. ތިޔަބައިމީހުންނަކީ މި ކަމުގައި މިހައިތަނަށް ވެސް އަހަރެންގެ ނުހަނު ބޮޑެތި މަދަދުގާރުންނެވެ.

މިތުރުންނޭވެ! މިހައިތަނަށް އަހަރެމެންގެ މީސްމީހުންނަށް ކުރެވިފައިވާ މަސައްކަތަށްލިބިފައިވާ ކުރިއެރުމާ ކަން ހުރި ނެތް ގޮތް ބަލައިލާން އެ ގަބީލާ އަވަށްގަނޑަށް ދިޔައީ ވެސް ހަމަ ތިޔަބައިމީހުންނެވެ. އެތަނުން އެނބުރި އައިސް އަހަރެން އުފާވާނޭ އެކި ޚަބަރު އެކި ވަރަށް ތިޔަބައިމީހުން ދީފީމުއެވެ. އެކަކު ބުނަނީ ދަރި ވިހެއިތަނުން ބައްޕަ މަރުވެ މަންމަގެ ބުރަ މަސައްކަތުން އެ ދަރި ރަނގަޅަށް ބަލައި ކާންދީ ބޮޑުކުރީމާ އެ ދަރި މަސްތުގެބުއިމަށް އެދުންބޮޑުކަމުން މައިމީހާގެ ފޮށިފަޅާލައި ފޮށީގައި އޮތް 2 ފައުނު (ފައިސާ) ނަގަން އުޅެނިކޮށް މަންމައަށް ފެނިގެން އެކަމާއި ސުވާލުކޮށް ނަޞޭޙަތްތެރި ވީމާ އެންމެފަހުން އެ ދަރި މައިމީހާމަރާލީކަމަށެވެ. އަނެކަކު ބުނީ ދޮގުހެދުމުގެ ބައި އެތާނގައި ހެޔޮވަރަކަށް ކުރިޔަށް ޖެހިލައިފިކަމަށެވެ. ދުނިޔެވީ އެދުމުގައި ޙައްގާއި ބާޠިލް އޮޅުވައިލެވޭ މިންވަރަށެވެ. ރޯމާދުވާލު މެންދުރުގެ އިރު ފެންނަން ހުންނައިރު އެބައިމީހުންގެ ބަޔަކު އެއީ ރޭގަނޑޭ ވެސް ބުނެ އުޅެއެވެ. އަދި މި ބަޔެއްގެ ބަސް މިފަދަ ޙާލަތުގައިވެސް ހަމަ ދޮގުކަން އެނގޭއިރުވެސް ހިތުންރުހުމުން ގަބޫލުކުރާ ބަޔަކު ވެސް ހަމަ އެތާނގައި އެބައުޅެއެވެ. އަނެކަކު ބުނަނީ މުސްލިމު ދަތުރުވެރިއަކު މިސްކިތެއްގައި ނަމާދުގެ ސަޖިދައިގައިވަނިކޮށް އެމީހާގެ ކައިރީ ބާއްވައިފައި އޮތް އެމީހާގެ ސުންބުއްޔާ ބޯ ފެންފޮދު އަޅައިފައިވާ ކުޑަ ފެންދޯރު ޖެހިލުމެއްނެތި ނަގަން ކެރޭވަރަށް ވެސް އެ ގަބީލާ އަވަށްގަނޑުގެ ބަޔަކު ކުރިއަރައިފިކަމަށެވެ. ތިޔަބައިމީހުންނަށް ވެސް އެނގޭނެފަދައިން ނަމާދަށްހުންނަ މީހަކީ އަދި ޚާއްޞަކޮށް ނަމާދުގެ ސަޖިދައިގައިވާ މީހަކީ މަތިވެރި ﷲ އާ އެންމެ ކުއްތަން ބޮޑު މީހާއެވެ. އެފަދަ މީހެއްގެ ކައިރީގައިވާ ތަކެތި ނެގުމަކީ އަހަރެމެން (ޝައިޠާނުން) ނަށް ވެސް ކުރަން ކެރޭ އަދި ކުރެވޭވަރުގެ ކަމެއްނޫނެވެ. ކޮށްއުޅުނު ކަމެއް ވެސް ނޫނެވެ. އަހަރެމެންނަށް ކުރެވޭވަރަކީއީމާންތެރިކަން ތަންކޮޅެއް ޟަޢީފު ޢަޤީދާ ބަލިކަށި މީހުންގެ ނަމާދުގެ ނިޔަތް އަރައިރުންކޮށް ރަކުޢަތްތައް އޮޅުވައިލައި ދުނިޔެވީ އެކިއެކި ކަންކަން އެމީހެއްގެ ހިތަށް ވައްދައިދިނުން ފަދަ ކުދިކުދި ވަސްވާސްތެރި ކަންކަމެވެ. އެކަމަކު ދެކިބަލާށެވެ! މިކަމުގައި އެތިބަ އިންސާނުން އަހަރެމެން (ޝައިޠާނުން) ފަހަނައަޅައި އެތައްތަނެއް ކުރިޔަށް ޖެހިލީއެވެ.

މިތުރުންނޭވެ! އަހަރެމެން (ޝައިޠާނުން)ގެ މަސައްކަތުން އެބައިމީހުންގެތެރެއިން ބަޔަކަށްވަސްވާސްދީ ހެއްލުންތެރިކުރުވައި އެބައިމީހުން ލައްވައި ކުރުވަމުންދާ ވައްކަމާއި ފޭރުމާއި ލޫޓުވުމާއި ޒުވާބުކޮށް ހަޑިހުތުރު އަވަގުރާނަ ގޮވުމާއި މާރާމާރީއާއި ގަޔަށް އަތްލައި ފުރާނައަށް ނުރައްކާ ކުރުމާއިދޮގުހެކިދިނުމާއި މީސްމީހުންގެ ކަދުރު ދަނޑުތަކާއި ގޮވާން ދަނޑުތައް ހަލާކުކުރުމާއި ފާޙިޝްޢަމަލް ހިންގުމާއި ފުދޭ ހާލު ދަރަނިވެރިވުމާއި އެދަރަނި އަނބުރައި ނުދީ ހިފެހެއްޓުމާއި ފަގީރު މިސްކީނުންކަމަށް ހެދިގެންސަލާންޖަހައި ޒަކާތު ފައިސާ ނެގުމާއި ނުކުރާ މަސައްކަތްތަކަށް އުޖޫރަ ނެގުމާއި އެންމެންގެ ލާބައާއި މަންފާއަށްޓަކައި ބޭނުންކުރަންޖެހޭ ތަކެތި ބެލުމެއްނެތި ސުންނާފަތިކުރުމާ ޙަރާމްތަކެއްޗާއި ޙަރާމް ފައިސާގެބޭނުންކުރުމާއި މައިންބަފައިންނާއި ގާތް މީހުންނާއި މުސްލިމުންނަށް ޙުރުމަތެއް ކުލުނެއް ނެތުމާއި މިކަހަލަ އެންމެހައި ކަމެއްގައި އެބައިމީހުންވަނީ އަހަރެމެން ޝައިޠާނުންނަށް ވުރެ އެތައް ގުނައެއްކުރީގައެވެ.

މިތުރުންނޭވެ! ކަންހުރީ މިހެންކަމަށް ވިޔަސް އަހަރެން އުފަލެއް ނުވެއެވެ. ކަން ހުރި ގޮތްއެނގޭނަމަ ތިޔަބައިމީހުން ވެސް އުފަލެއް ނުވާނެތެވެ. އެބައިމީހުންގެ މިކަންކަމަކީ އެބައިމީހުންގެ ވެރި މަތިވެރި ﷲގެ ޙަޟްރަތުގައި ތައުބާވާންވީ ގޮތަށް އެބައިމީހުން ތައުބާވެއްޖެނަމަ އެ ތައުބާ ގަބޫލުކުރައްވާނެކަންކަމެވެ. އެފާފަ ފުއްސަވައި ދިންނެވުން ހުރި ކަންކަމެވެ. އެފަދަ މީހުން ތައުބާވާނޭ ގޮތް ކިޔައިދޭނޭ ޢިލްމުވެރިންގެ ބަޔަކު ވެސް އެބައިމީހުންގެތެރޭ އަބަދާއިއަބަދު އުޅޭނެތެވެ. އެކަކު ނެތިދާއިރު އަނެކާ ހުންނާނެތެވެ. އެ ކިޔައިދިނުމުގެ އަޑަކީ ކޮންމެވެސް ގޮތަކުން އެބައިމީހުންނާއި ހަމައަށްފޯރާނެ އަޑެކެވެ. މިހެނީ މަތިވެރި ﷲ އަކީ އެކަލާނގެ އަޅުތަކުންގެ ކިބައިން ތައުބާ ޤަބޫލުކުރައްވާ އަދި އެބައިމީހުންނަށް ކުރެވޭ ނުބައި ކަންތައްތައް ޢަފޫކުރައްވާ ކަލާނގެއެވެ. އެކަލާނގެ އެދިވޮޑިގެންވަނީ ފާފަކުރެވޭ އަޅުން ތައުބާވުމަށެވެ. އެކަމަށް އެމަތިވެރި ކަލާނގެ އުފާފުޅުވެ ވޮޑިގެންވެއެވެ.އެކަލާނގެ ޚަލްޤުކުރެއްވި އެއްވެސް އަޅަކަށް ދެރަގޮތެއްވުމަށް އެކަލާނގެ އެދިވޮޑިގެނެއްނުވެއެވެ. މަތިވެރި ﷲ އަންގަވާފައިވަނީ ''އޭ އީމާންވެއްޖެމީސްތަކުންނޭވެ. ތިޔަބައިމީހުން މާތް ﷲ ގެ ކިބަފުޅަށް ތެދުވެރިކަމާ އެކު ތައުބާވާށެވެ! އެއީ ތިޔަބައިމީހުން ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ތިޔަބައިމީހުންގެ ކުށްތައް ޢަފޫކުރައްވާނޭ ކަމަށާއި އެތަންތާނގެ ދަށުން ފެން އާރުތައް ހިނގަހިނގާ ހުރި ސުވަރުގެތަކަކަށް ތިޔަބައިމީހުން ވެއްދުމަށްޓަކައެވެ." މިހެންނެވެ. މިއީ އެބައިމީހުންނަށް އެނގޭނޭ ކަމެކެވެ.ނުއެނގި ނުދާނެ އެވެ. އަދި މަތިވެރި ﷲ ގެ އަޅުތަކުންގެ ތައުބާއަކީ ހުޅަނގު ފަރާތުން އިރު އަރައްޖައުމަށް ދާންދެން އެބައިމީހުންނަށް ފިލައިނުދާނެވަރަށްމަތިވެރި ރަޙުމަތެކެވެ.

މިތުރުންނޭވެ! ކަންހުރީ މިހެންނެވެ. މިހެންވީއިރު ތިޔަބައިމީހުން ކުރަންވީ ކަމަކީއިންސާނުންނަށް ޚާއްޞަކޮށް މުސްލިމުންނަށް ދޮގުހެދުމާއި ވަޢުދާއި ޚިލާފުވުމާއި އަދި އަމާނާތަށް ޚިޔާނަތްތެރިވާން ދަސްކޮށްދޭންވީ އެވެ. އެބައިމީހުންގެ ކިބައިގައި މި ތިން ސިފަ އަށަގަންނުވައިގެން ނޫނީއަހަރެމެންގެ މަސައްކަތް ދެން އިތުރަށް ކުރިއަށްދާނެ ކަމަށް ނުފެނެއެވެ. މި ތިން ސިފަ މީހެއްގެ ކިބައިގައި ޖަމާވެއްޖެނަމަ އެވަނީ ފުރިހަމަމުނާފިގަކަށެވެ. މިހެނީ މުނާފިގުންގެ ޢަލާމާތްތައް ތިނެކެވެ. ވާހަކަ ދައްކައިފިނަމަ ދޮގު ހަދާނެއެވެ. ވަޢުދެއްވެއްޖެނަމަ އެއާއި ޚިލާފުވާނެއެވެ. އަދި އަމާނާތެއް ޙަވާލު ކުރެވިއްޖެނަމަ އެއަށް ޚިޔާނާތްތެރި ވާނެއެވެ.

މިތުރުންނޭވެ! އަހަރެމެން އެންމެންގެ މަސައްކަތުން މުނާފިގުންގެ ބައިގަނޑެއް މިބައްރުގައި އުފެއްދިއްޖެ ނަމަ އެއީ ވަރަށްބޮޑު ކާމިޔާބީއެކެވެ. މުނާފިގުންނަކީ ބޭރުން ބަލާބެލުމަށް ދީންވެރި ލަފާދާރު ނިޔަނެތި ކުށެއްނެތް މަޢުޞޫމް ބަޔެކެވެ. މިބަޔަކަށް ޢިލްމުވެރިއަކަށް ހެޔޮ ނަޞޭޙަތެއް ވެސްދެވޭނީ އެއީ ނުލަފާ ފާފަވެރި ބަޔެއްކަން އެނގޭނަމަތާ އެވެ. މިހެންވީއިރު އަހަރެމެން ދެން ކުރަންޖެހޭ ކަމަކީ މުނާފިގުން އުފެއްދުމެވެ. އެބައިގިނަވޭތޯ ހުއްޓައިނުލައި ގަދައަޅައި މަސައްކަތް ކުރަންވީއެވެ. ތިޔަބައިމީހުންގެތެރެއިން މުނާފިގުން އުފެއްދުމުގައި ކުރިއަރައިދިޔަ މީހަކަށް އަހަރެންގެ ޑަބަލް ޕްރޮމޯޝަންގެ "މިތަކެތި" ލިބޭނެތެވެ. އެކަމަށް އަވަސްވެގަންނާށެވެ. ދެން ހިނގައިދާށެވެ.
 
ބޮޑު ޝައިޠާނާއާ އޭނާގެ ޝައިޠާނީ ކުދި އަޢުވާނުންގެ ބައްދަލުވުންދެކިވަޑައިގެން އަޑު އެއްސެވި ޞާލިޙު އެ ބެއިކަލަކު ވިދާޅުވަނީ "މިތަކެތި" ކަމަށް ޝައިޠާނާ ދެއްކި އޭނާގެ ޑަބަލް ޕްރޮމޯޝަންގެ އެއްޗިއްސަކީ ފިލުނދުވެކުނިވަމުންދާ ބަކަރިފަޔަކާއި ޖަމަލެއްގެ ފާދިޔަ ފުޅިއެކެވެ.
                   ----------------------
ޢަބުދުﷲ ޙިލްމީ
16 އޯގަސްޓް 2012މ.