ހަވަރުތިނަދޫ ޙާޖީ މުޙަންމަދު ކަލޭގެފާނު



އާދެ! ހަވަރުތިނަދޫ އަލްމަރުޙޫމް ޙާޖީ މުޙަންމަދު ކަލޭފާނަކީ، އަޅުގަނޑުމެންގެ ކާބަފައިންގެ ތެރެއިން ފާހަގަކޮށްލެވޭ، ވަރަށް ޚާއްޞަ ޝަޚްޞިއްޔަތެކެވެ. އަދި އެނޫނަސް އެފަދަ ކިތައްމެ ބޭފުޅުންނެއް އަޅުގަނޑުމެންގެ ކާބަފައިންގެ ތެރޭގައި އުޅުއްވާފައިވެއެވެ.


ހުވަދު އަތޮޅުގެ ވާރުވެރިޔާ (އަތޮޅުވެރިޔާ) ޙާޖީ މުޙަންމަދު ކަލޭފާނުގެ ބައްޕައަކީ، ހަވަރުތިނަދޫ ޢަލިކަލޭގެ ދަރިކަލުން ޢަލީ (ކަޅުބެއްޔާ) އެވެ. އޭނާގެ މަންމައަކީ، މަޑަވެލީ އިސްމާޢީލް ކަލޭގެ މޫސިއާ (މަޑަވެލީ މޫސިޔާ) ނުވަތަ މޫސާގެ މަރިޔަމް (މަރިޔަންދިޔެ) އެވެ. މުޙައްމަދު ކަލޭގެފާނުގެ މާމައަކީ، ހަވަރު ތިނަދޫ މެރަދޫގޭ އާމިނަތު (އާމިނަ) އެވެ. ހަވަރުތިނަދޫގައި ފާހަގަކުރެވޭ 25 ޢާއިލާގެ ތެރެއިން 15 ޢާއިލާއަކީ، މި މޫސިއާގެ ދަރިފަސްކޮޅެވެ. މޫސިއާއަކީ މަޑަވެލީގެ ބޭކަލަކަށް ވިޔަސް އެރަށް ދޫކުރައްވައި ހަވަރުތިނަދުއަށް ދިރިއުޅުން ބަދަލުކުރެއްވީ މަޑަވެލީގައި އޭރު ހިގަމުންދިޔަ ވެރިކަމުގެ ތެރޭގައި ހަމަހަމަކަން ނުވަތަ ޑިމޮކްރަސީގެ ސިފަތައް ނެތްކަމަށް ފެންނާތީ އެވެ. ނަމަވެސް އެ ޒަމާން ފާއިތުވެއްޖެއެވެ. މިއީ އެހެން ޒަމާނެކެވެ. މިއަދު އޭނާ ދުނިޔޭގައި ނެތްކަމަށް ވިއަސް، ޙައްޤުބަސް ބުނުމުގައި ޘާބިތުވެތިބި އެތައްދަރީންނެއް މިއަދު އެ ޢާއިލާއިން އެބަ ފެނެއެވެ.

މުޙަންމަދު ކަލޭފާނަކީ،ދެފަހެއްގެ މަތީން 31 އަހަރު ހުވަދުއަތޮޅުގެ ވާރުވެރިކަމާއި، ފަހުން އަތޮޅުވެރިކަން ކުރެއްވުމުގެ އިތުރަށް ތަފާތު އެތައް ކަމެއްގައި، އެންމެ އިސްދަވްރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާކުރެއްވި ވެރިކަމުގެ ގޮތުންނާއި އަމިއްލަފުޅު ގޮތުން ހުވަދު އަތޮޅަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ ގޮތުން ވަރަށްޙާއްޞަ ބޭފުޅެކެވެ. ޝަޚުޞީގޮތުން ވިދުންގަދަ ޝަޚްޞެކެވެ. އާދެ! އޭނާއަކީ، ހުވަދުއަތޮޅުގައި ފާހަގަކޮށްލެވޭ ޝަޚްޞިއްޔަތްތަކުގެ އެންމެއުސް ކުންނެވެ. ހުވަދުއަތޮޅަށް ޢާއްމުކުރައްވައިގެން ތަޢުލީމީ ހިޔާވަހި ކަމެއްގެ ބިންގާ އެންމެ ފުރަތަމަ އަޅުއްވައިދެއްވީވެސް އޭނާއެވެ. ވީމާ، އޭނާގެ ނަން "ރަންއަކުރުން" ފާގަކޮއްލަން ޖެހެއެވެ. ހުވަދު އަތޮޅުގެ ތަޢުލީމަށްޓަކައި، އޭނާ އެ އެޅުއްވި ބިންގަލަކީ ނުވަތަ އެ ޢިމާރާތަކީ، ޚާއްޞަކޮށް ހަވަރުތިނަދޫ ޢާއްމުކޮށް ހުވަދުއަތޮޅުގެ ތަޢުލީމަށްޓަކައި އެންމެ ފުރަތަމަ ހުޅުއްވެވި "އެދުރުވެހި" ކަމަށްވާ "މަދަރުސަތުލް އަޞްބާޙު" އެވެ. އެފަޚްރުވެރި ތާރީޚާކީ 17 ޖުމާދިލްއައްވަލް 1350ހ. (2 އޮކްޓޫބަރ 1931މ.) އެވެ.

އާދެ! ޢަރަބި ތަޢުލީމަކީ، އެދުވަސްވަރުވެސް އަދި މިދުވަސްވަރުވެސް މާލެފިޔަވައި އަތޮޅުތަކަށް އެހާ ޢާއްމު ތަޢުލީމެއް ނޫންކަމަށްވިއަސް އެތަޢުލީމުވެސް އެމަދަރުސާގައި އޭނާ ވަނީ، ފައްޓަވާ ދެއްވާފައެވެ. އޭގެ ފަހުން މި މަދަރުސާގެ ނަން ދެފަހަރަށް ބަދަލުވިއެވެ. ފުރަތަމަ ބަދަލުވީ "މަދަރުސަތުއްސުބުލައްސަލާމް" މިނަމަށެވެ. "ދޮންތުއްކަލާގެ އައްޑު ދަތުރު" މިފޮތަށް ރިޢާޔަތްކުރުމުން، އެމަދަރުސާގެ ރަންޒަމާނަކީ 1950މ. އާއި 1954މ. ށް ކަމަށް ލަފާކުރެވެއެވެ. ދެން ބަދަލުވީ "މަދަރުސަތުލްއަމީރުއިބްރާހީމް" މިނަމަށެވެ.

މަދަރުސަތުލް އަޞްބާޙުގެ ފުރަތަމަ ނާޒިރަކީ، އައްޝޭޚު މުޙައްމަދު ފަހުމީ ފާއިޒް (ދެކުނުގޭ ދޮންމަނިކު) އެވެ. އޭނާއަކީ، އައްޝޭޚް ޙުސައިން ޞަލާޙުއްދީން އަރިހުން (ރާއްޖޭގައި) ދަސްވެނިވި ބޭފުޅެކެވެ. މިޒަމާނުގެ ޢިބާރާތުން ދަންނަވާނަމަ ދެކުނުގޭ ދޮންމަނިކަކީ، ޑިގްރީ ހޯލްޑަރެކެވެ. ހުވަދުއަތޮޅު ރަށްރަށަށް ތަޢުލީމާ، ތަހްޒީބާ، ތަމައްދުނު ގެންގޮދިން އިސް މޭސްތިރީންނަކީ، ނުވަތަ އުސްތާޒުންނަކީ، ދެކުނުގޭ ދޮންމަނިކުގެ ނާޒިރުކަމުގެ ދަށުން ދަސްވެނިވި ބޭފުޅުންނެވެ. މިދެންނެވި ތަޢުލީމާ، ތަހްޒީބާ ތަމައްދުނު "އެ ޢިމާރާތެއްގެތެރޭގައި" ބައްޓަންވެގެންދިޔަ ޢިމާރާތުގެ ބާނީއަކީ، އަލްމަރުޙޫމް ޙާޖީ މުޙަންމަދު ކަލޭފާނެވެ. އޭނާއަކީ، ލާމަޘީލު ޝަޚްޞިއްޔަތެކެވެ. އަގުހުރި ޤަވްމީ ބަޠަލެކެވެ. އޭނާގެ މަތިވެރި ޒިކުރާއަށް ނިމުމެއް ނެތެވެ.

ޙާޖީ މުޙަންމަދު ކަލޭފާނުގެ ޙައްޖު ދަތުރުފުޅު ނިންމަވާލައްވައި، ރަށަށް ވަޑައިގަތުމަށްފަހު، އެންމެ ފުރަތަމަ ކުރެއްވި މަސައްކަތްޕުޅަކީ، އެރަށުގެ ހުކުރުމިސްކިތް (މަސްޖިދުއް ސުލްޠާން މުޙައްމަދު) މަރާމާތުކޮށް ބޮޑުކުރެއްވުމެވެ. {އެއީ އެ މިސްކިތް ބޮޑުކުރެވު 3 ވަނަ ފަހަރެވެ.} ކުރީގެ ހުކުރު މިސްކިތަކީ ލާފެންކޮށްގެން، ލާގެ ބަހައްޓައި، އެޒަމާނާ އެއްގޮތަށް ހަދާފައިވާ ވަރަށްރީތި މިސްކިތެކެވެ. ފަހުން މިސްކިތް ބޮޑުކުރައްވައި، މަރާމާތުކުރެއްވިއިރު މިސްކިތުގެ ތަނބު ތަކާއި ފިލާތަކާއި، ބެރިތަކާއި، ހިރިގަލުން ހަދާފައިވާ ތަކެތި، އެމިސްކިތުގެ 2 ވެވަށްއަޅައި އެ ވެއުތައްވަނީ،ފޮރުވާލެވިފައެވެ. މަސައްކަތެއް ކޮށްފިނަމަ،  މިއީ ތާރީޚީ ޚަޒާނާއެއްކަމަށް ވެދާނެއެވެ. އެ ދެ ވެއު މިހާރުވަނީ، އެމިސްކިތުގެ އިރުއުތުރުގައެވެ.

މިހާރު ބަންދުކޮށްފައި އެހުރި މަސްޖިދުއްސުލްޠާން މުޙައްމަދު 3 ވަނަ ފަހަރަށް ބޮޑުކޮށް މަރާމަތުކުރިއިރު އަލަށް އިތުރުކުރެވުނު ސަރަހައްދުން، މަދު ޢަދަދެއްގެ މިނިކަށިތައް ފެނިފައިވެއެވެ. ނަމަވެސް މިބަޔަކީ،  އެދުވަސްވަރު ނަމާދުކުރަން އިތުރުކުރި ބައެއްނޫނެވެ. އަދި ހިޔާކޮށްފައިވާ ބައެއްވެސް ނޫނެވެ. އެ ބައި އިތުރު ކުރެވުނީ، އިޙްތިރާމްކުރާ މީހުން ވަޅުލުމަށެވެ. ފަހުގެ މީހުންނަށް އެކަން ނޭގި އެބައި ހިޔާކޮށް މިސްކިތުގެ ބަޔަކަށް ހެދުނީއެވެ. ވީމާ، އެ ޤަބުރުތައް ނެގުމުން ނުވަތަ އެބައި މިސްކިތާއި ވަކިކުރުމުން އެކަން އެނިމުނީއެވެ. މިސްކިތުގެ ކުރީގެ ތަރަހައިގައި އެއްވެސް ގަބުރެއް ނުވާނެކަމަށް ކުރީއްސުރެ އެގިފައިވެއެވެ. ޝައްކެއްވާނަމަ ބެލިވެސްދާނެއެވެ. މިދެންނެވި ބަޔަކީ، މިސްކިތުގެ ވަށައިގެން އަށެއްކަ ފޫޓު ބޮޑުމިނުގެ ސަރަހައްދެކެވެ. މި ފޮތުގައި ފުރިހަމަ ތަފްޞީލް ނުލިއުނެއްކަމަކު، އެ މިސްކިތް 3 ފަހަރެއްގެމަތިން ބޮޑުކުރެވުނުގެ ގޮތުގައި ބައެއް ތަފްޞީލްތައް ކޮންމެވެސް މިންވަރަކަށް އަޅުގަނޑަ އެނގިފައިވިއަސް، އެ މިސްކިތް ބޮޑުކުރެވުނު ތާރީޚެއް ކަނޑައެޅިގެން އެނގޭކަށް ނެތެވެ. ނަމަވެސް ކުރިން މަރާމާތުކޮށްފައި ވަނިކޮށް، ޙާޖީ މުޙަންމަދު ކަލޭފާނުގެ ޙައްޖު ދަތުރަށްފަހު، އޭނާގެ މޭސްތިރިކަމުގެ ދަށުން އެދުވަސްވަރުގެ މުއްސަނދީގެ އެހީތެރިކަމާއެކު، މިސްކިތް ބޮޑުކުރެވުނެވެ. އެފަހަރު މާބޮޑަށް ބޮޑުކުރުމުގެ ސަބަބުން މިސްކިތުގެ ކުރީގެ ލާގެވެސް މުޅިން ރޫޅައި އަލުން އެހެންގޮތަކަށް ބަދަލުކުރެވުނެވެ. އެ ލާގޭގައި ބޭނުންކޮށްފައިވާ (ލިޔެފައިވާ) ހައިވަކަރު ބެރިތައް ވަޅުލީ ނުވަތަ އަޅާފައިވަނީ، އެ މިސްކިތުގެ އިރުމައްޗާއި އަދި އިރު އުތުރުގައި ހުރި ދެ ވެވަކަށެވެ. ހަމަ އެދުވަސްވަރު ކުރެވުނު އަނެއް މަސައްކަތަކީ، ހުޓުކޮޑޭ މިސްކިތް (ދެއްވަދޫ ރަސްގެފާނު ބިނާކުރެއްވި މިސްކިތް) ގެ ލާގެ ވެސް ރޫޅާލައި އެ މިސްކިތުގެ ދެކުނުގައި (މިހާރުގެ ބޯޅަދަނޑުގެ އުތުރުކޮޅުގެ ގޯލުދަނޑީގެ ހުޅަނގުގައި ހުރި ވެވަކަށް އެޅީއެވެ. އެ ގޮތުން އެ މިސްކިތުގެ ކުޑަ ތަންކޮޅެއްވެސް މިހާރު އެވަނީ، މަދު ޤަބްރުތަކެއްގެ މަތީގައެވެ. އާދެ! މިދެންނެވި  ވެޔޮތަކަކީ، ތާރިޚީ ޚަޒާނާއެއްކަމަށް ވާނެކަން ކަށަވަރެވެ! ކޮންމެވެސް ދުވަހަކުން، ކޮންމެވެސް ބަޔަކު އެ މުހިންމު މަސައްކަތްކުރާނެކަމަށް އުންމީދު ކުރެވެއެވެ.


ޙިޖްރައިން 1346 ވަނަ އަހަރު ޙާޖީ މުޙައްމަދު ކަލޭގެފާނު ޙައްޖަށް ކުރެއްވި ދަތުރުގައި އޭނާ ޤުދުސަށް ކުރެއްވި ޒިޔާރަތުގެ "ޞަފަރުނާމާ" އޭނާގެ ޤަލަމުންވަނީ، ލިޔުއްވާފަ އެވެ. ޝޭޚު ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ "ދިވެހީންގެ ސަފަރުނާމައޭ ހިޖާޒު 1346ހ." އެއީ ޙާޖީ މުޙައްމަދު ކަލޭގެފާނުވެސް ބައިވެރިވެ ވަޑައިގަތް ޙައްޖު ދަތުރެވެ. 

މޮޅު ކެޔޮޅެއްކަމަށް ބެލެވޭ ޙާޖީ މުޙަންމަދު ކަލޭފާނު ހަވަރު ތިނަދޫގެ 07 ދޯންޏަކަށް އެއްދުވަހު މަސްބާނައި ދެއްވިކަމަށް ބުނެވެ އެވެ. އެކަންވީގޮތަކީ، އޭނާ މަސްވެރިކަންކުރައްވަން ފުއްޓަރުފަރާތަށް ބޮއްކުރާއެއްގައި ނިކުމެ އުޅުއްވަނިކޮށް ފަރާއި ދާދިގާތުން މަސްވެރީން މަސްބާނަމުން ގެންދަނިކޮށް ފެނިވަޑައިގެން އެތަނުން ދޯންޏަކަށް އަރާވަޑައިގެން މަސްބާނާ ދެއްވައި، އެދޯނި ފުރުމުން އަނެއް ދޯންޏަށް ވަޑައިގެން މަސްބާނާ ދެއްވައި، އެގޮތަށް ހަތްދޯންޏަށް މަސްބާނާ ދެއްވީއެވެ. އެރަށުން މީހުން ބޭލުމާއި ގާތަށް ވަރަށްފަހަކާއި ޖެހެންދެން 07 ދޯންޏަށް މަސްބާނައި ދެއްވި ދުވަސް ހަވަރު ތިނަދޫ މީހުން ފާހަގަކުރަނީ، "ހަތްކުޑައިގެ ދުވަސް" ގެ ގޮތުގައެވެ. ގާތްގަނޑަކަށް 150 ވަރަކަށް ފަޅުރަށް އޮންނަ ހުވަދު އަތޮޅުގެ ހުރިހާ ފަޅުރަށެއްގެ ނަންތަކާއި، އެރަށްރަށް އޮންނަތަނާއި، އަތޮޅުގެ ގިރިފަރު، ކަނޑުއޮޅިތައް ވެސް އޭނާއަށް އެނގިވަޑައިގަންނަވަ އެވެ. އަތޮޅުގެ އެކިވަރުގެ ހައެއްކަ ފަޅުރަށް ވަރުވާއަށް ލިޔުއްވައިގެން އުޅުއްވިއެވެ.

މުޙައްމަދު ކަލޭގެފާނަކީ، ތިލޭރުވެރިކަމާއި، އެކިވައްތަރުގެ ވަޑިކަމާއި، ބޭސްވެރިކަމާއި،  ނަކަތްތެރިކަމާއި، އަދި ފަންޑިތަވެރިކަންވެސް އެނގި ވަޑައިގަންނަވާ ބޭފުޅެކެވެ. ތާރީޚީ މަޢުލޫމާތުތަކާއި، މާލެއާއި އަތޮޅުގެ ބޮޑެތި ޢާއިލާތަކުގެ ވަނަވަރާއި، އެޢާއިލާތަކާ ގުޅޭ މުހިއްމު މަޢުލޫމާތު ހޯއްދަވައި، އެއްކުރައްވައި، ލިޔުއްވިއެވެ. އަތޮޅުގެ ބޮޑުނާއިބުކަމާއި، ހަވަރު ތިނަދޫ އިސް ކަތީބުކަން ކުރެއްވިއެވެ. ބޭރުދަތުރުކުރާ ދެއޮޑިއާއި، އެތެރޭގެ މަސްވެރިކަމާއި، އެހެނިހެން ކަނޑުދަތުރުކުރާ އެކިވަރުގެ ހަތަރުފަސް އުޅަނދު ގެންގުޅުއްވިއެވެ. މިކަންކަމާއެކު ވަގުތުގައި ފަރުޟު ނަމާދު އަދާއަށްކުރެއްވުމަށް އިސްކަންދެއްވިއެވެ. އެޒަމާނުގައި ވަރަށް މަޝްހޫރު މުއްސަންޖަކަށް ވުމާއެކުވެސް  ޢާއްމުކޮށް ފަރިއްކުޅުއްވަނީ، ރާބޮޅާއިން ކައްކާ ކިރުގަރު ދިޔައާއި، ހިއްކި ބަނބުކޭލެވެ.

އާދެ!  މުޙަންމަދު ކަލޭފާނަކީ، އޭރުވެސް މިހާރުވެސް ހަވަރު ތިނަދޫއާއި، މަޑަވެއްޔާއި، ހޯޑެއްދޫއަށް ނިސްބަތްވާ އެންމެ ޢާއިލާ ބޮޑު، އަވަހާރަވުމާއި ހަމަޔަށްވެސް އެންމެގިނަބަޔަކު ބޯލެނބި، އަދި އެންމެގިނަ ދުވަހު އަތޮޅުގެ އެންމެ އިސްވެރިކަން ކުރެއްވި ޝަޚުޞިއްޔަތެވެ.

ޙާޖީ މުޙައްމަދު ކަލޭގެފާނު މާލެވަޑައިގަންނަވާ ކޮންމެ ދަތުރުފުޅެއްގައި ރަސްގެފާނުގެ ފައިންޕުޅު ދެކެވަޑައިގަތުމަށް ގަނޑުވަރަށް ވަޑައިގަންނަވާ ފުރަތަމަ ދުވަހުގައި، ކަލޭގެފާނާއި އިސްތިގްބާލް ކުރެއްވުމަށް ގަނޑުވަރުގެ ދޮރޯށިދޮށަށް އޭރުގެ ރަދުން (މުޙައްމަދު ޝަމްޝުއްދީން) ނުކުމެ ވަޑައިގަންވައެވެ.
    
އާދެ! ގަނހެއްގެ ހުރިހާ ގޮތްޕެއްގައި މޭވާވެސް ނާޅައެވެ. ނަމަވެސް އެ ގަސް ފުރިހަމަވަނީ، މޭވާ ނާޅާ ގޮފިތައްވެސް ހުރުމުންނެވެ. ހުރިހާ ގޮފިތަކެއްގައި މޭވާއަޅާނަމަ އެގަސް ވެއްޓުމުގެ ފުރުޞަތު ބޮޑުވާނެއެވެ. ހަމަ އެ އުޞޫލުން މަޑަވެލީ މޫސިއާގެ ޢާއިލާގެ އެންމެންނަކީ، ޝަޚްޞިއްޔަތްތަކެއް ނޫނެވެ. ނަމަވެސް ފަހުންވެސް އެހެން ބަޔަކަށް މުގުރާނުލެވޭނެ ކިތައްމެ ރެކޯޑެއް ޤާއިމު ކޮށްފައިވާ ބޭފުޅުން މި ޢާއިލާގައި ވަރަށް ގިނައެވެ. ޙާޖީ މުޙަންމަދު ކަލޭފާނުގެ 31 އަހަރުގެ އަތޮޅުވެރިކަމުގެ ވާހަކަ ލިޔެވިއްޖެއެވެ. ނަމަވެސް އޭނާގެ މުއްސަނދި ކަމާބެހޭގޮތުން މާގިނަ ވާހަކަތަކެއް ލިޔާކަށް އަޅުގަނޑު ގަސްތެއް ނުކުރަމެވެ. ހަމައެކަނި ފާހަގަކޮށްލާނީ، އޭނާގެ ތަރިކަ ބެހި ދުވަހު ވާރިޘެއްގެ ފަރާތުން މުދަލާއި ޙަވާލުވި މއ. ބާރަނާއާގެ ގދ.ތިނަދޫ، އަމީރުއްޒަހުރި ބޭސް ހުސައިން ތައްކާނު ބުނި ޢިބާރާތެކެވެ. އޭނާ ބުނީ، ފަސްބަޔަށް ބެހުމުން އެއިން ކޮންމެ ބަޔަކަށް ލިބުނު ހަމައެކަނި ބަތްކާ ތަށީގެ ޢަދަދަކީ 750 ތަށި ކަމަށެވެ. އަދި ރުނބާ، ފަދަ އެހެނިހެން ކަންވާރާއި، ރިހިރުފިޔާގެ ޢަދަދު ވެސް ވަރަށް ގިނަ ކަމަށެވެ.

މުޙައްމަދު ކަލޭގެފާނު ނިސްބަތްވާ ޢާއިލާގެ މީސްގިނަކަމާމެދު ބުނެވެނީ، އޭނާގެ ގެ ހުންނަ ހިސާބު (މިހާރުގެ އަތޮޅުތަޢުލީމީ މަރުކަޒް) އެހުރި ހިސާބުން ފެށިގެން އޭނާގެ އޮޑިދޯނިފަހަރު އެހެލާ ހިސާބު މިހާރު ތިނަދޫ "ތޭންކް" އެހުރި ހިސާބާ ދެމެދުގައި ދިރިއުޅޭ އެންމެންނަކީ، އޭނާގެ އައުލާދުން (ދުރުވެގެން ދެބެންގެ ދެދަރި މީހުން) ކަމަށެވެ. އާދެ! އިސްވެދިޔަ މަޢުލޫމާތްތަކަށް ރިޢާޔަތްކުރުމުން ވަރަށް ގިނަ ޢިބްރަތްތަކެއް ލިބެއެވެ. ކުރިންވެސް އަޅުގަނޑު ފާހަގަކޮށްފައިވާނެ، ފަދައިން އެޢާއިލާއިން ޤާއިމުކޮށްފައިވާ ރިކޯރޑްތައް ވަރަށް ގިނަ އެވެ. އެ އާޢިލާއިން ޤަވްމަށް ޚިދުމަތްކުރެއްވި ބޭބޭފުޅުންތެރޭގައި އަތޮޅުވެރިކަންކުރެއްވި ބޭފުޅުން، ޑޮކްޓަރުން މާލިމީން، ޙަކީމުން، ވަޒީރު ބޭފުޅުންނާއި އަދި ވެސް ކިތައްމެ ބޭފުޅުން ހިމެނެއެވެ. އެ ސިލްސިލާ މިހާރުވެސް ދަނީ ހަމަ ކުރިއަށެވެ. އެދަރިކޮޅަށް ނިސްބަތްވާ އެތައްބަޔަކު، ތިނަދޫ، މަޑަވެލި، ހޯނޑެއްދޫ، ރަތަފަންދޫ، ފިޔޯރީ، މާތޮޑާ،  ދާންދޫ އަދި ވިލިގިލީގައި އެބަ ތިބޫއެވެ. އަދި މިނޫނަސް އެތައްބަޔަކު އެބަތިބޫއެވެ. އޭނާއާއި ބެހޭގޮތުން އަޅުގަނޑު ލިޔެފައިވާ ފޮތް ވުޖޫދުވެއްޖެނަމަ އިތުރު މަޢުލޫމާތު ލިބިވަޑައި ގަންނަވާނެއެވެ. (ނިމުނީ)
               -------------------
ހަވަރުއޮންލައިނުން ނަގާފައި
ލިޔުއްވާފައިވަނީ: އަލްމަރުޙޫމް ޢަލީ ނަޞީރު ޒޫރިޔާގެ/ މަޑަވެލި
08 ޖެނުއަރީ 2011މ.