ދިވެހި ސަރުކާރުން ތައްޔާރުކުރި ބަންދަލް މުޚްތާރު


ފުވައްމުލަކު ހިރިހަމައިދި ކަލޭގެފާނު ވިދާޅުވެފައި ވަނީ "ބަންދަލްމުޚްތާރަށް ހަދައިލީމާ ފީ އާރޮހެއް ކަމަކު ވިކިދާނެ"އެވެ. "ބަންދަލްމުޚްތާރު" މިއީ އޭގެޒާތަށް އޭގެ ބޭނުމަށް ބަލާނަމަ ވަކި މިވެނި އެއްޗެއް ނޫނެވެ. ނަމެކެވެ. އޭގެ އަޞްލު ނުގެއްލޭ ގޮތަށް އެއްޗަކަށް ކުރާ ކަމެއްގެ ނަމެކެވެ. އެއްޗަކަށް ގެންނަ ބޭނުންތެރި ކުޑަ ބަދަލެއްގެ ނަމެކެވެ. ކޮންމެ އެއްޗެއްވެސް ބަންދަލްމުޚްތާރަށް ހަދައިލެވިދާނެއެވެ. އެއްޗެއްގެ ބޭނުން ނުކުރެވި އެ އެއްޗެއް ނެތިދާނެ ކަމަށްޓަކައި ދެން އޭގެ ބޭނުން ކުރެވޭނެ ގޮތަކީ ކޮބައިތޯ ބަލައި އެގޮތެއް ހެދީމާ އެއެއްޗެއް ބަންދަލްމުޚްތާރަށް ހަދައިލެވުނީއެވެ. އެއްޗެއްގެ ނުވަތަ މަޢުލޫމާތެއްގެ ބޭނުންތެރިކަން އަންގައިދީ ވިސްނުވައި ދިނުމަށްވެސް އެ އެއްޗެއް ނުވަތަ އެ މަޢުލޫމާތެއް ބަންދަލްމުޚްތާރަށް ހަދައިލެވިދާނެއެވެ.

1974މ. ވަނަ އަހަރާ ހަމައަށް އައިއިރުވެސް ރާއްޖޭގައި ޅަފަތުގައި މަރުވާ ކުދިންގެ ވަރަށްބޮޑު ޢަދަދަކީ ވިހައިގެން ފޫޅު ކެނޑުމުގެ ތެރޭ ކަންތައް ކުރެވޭގޮތާ އަދި އޭގެ ފަހުން ފޫޅުގެ ފާރު ނުހިކި ޖަރާސީމު ވަދެގެން ޖެހޭ ބައްޔެއްކަމަށްވާ "އިދިފުށަށްދަމާ ބަލީގައި" ދުނިޔެ ދޫކުރާ ކުދިންނެވެ. ދިވެހި ސަރުކާރުން ހެއްދެވި ބަންދަލްމުޚްތާރަކީ މި ބޭނުންތެރި މަޢުލޫމާތުގެ މައްޗަށް ހެއްދެވި ބަންދަލް މުޚްތާރެކެވެ. އޭގެ އަޞްލު ނުގެއްލޭ ގޮތަށް މީހުން އެއަށް ޝައުގުވެރިވާ ގޮތަށް ކުރެއްވި ކަމެކެވެ. އެއީ އިދިފުށަށްދަމާ ބަލިން ތުއްތުދަރިފުޅު ސަލާމަތްވާނެ ގޮތާ އެބަލިން ރައްކައުތެރި ވުމަށް ވެކްސިން ދޭންޖެހޭ ގޮތާ ބެހޭ ބަންދަލް މުޚުތާރެކެވެ. ފޫހިފިލުވައިލުމާ ހީނހީނ ހަލާކުވާ ބަޔަކު ހަލާކުވުމުގެ ތެރެއިން ވިޔަސް ރަނގަޅު ބިނާކުރަނިވި މެސެޖެއް ދޭ ރޭޑިޔޯ އަދި ސްޓޭޖު ތަމްސީލެކެވެ. ގިނަ ބަޔަކު ބަލައިގަތް އަދި ހަނދާން ހުރި ފައިދާ ކުރި ތަމްސީލެކެވެ. ދިވެހިރާއްޖޭގެ އަޑުގެ މަޝްހޫރު ރޭޑިޔޯޑްރާމާ "ނިއޯ ނޭޓަލް ޓެޓްނަސް" ނުވަތަ "ޢަލިފުތާބެއްޔާ" އަކީ އެއީއެވެ. އޭގެ ތަމްސީލު އޮތީ މަޖީދިއްޔާ ސްކޫލްގެ ސްޓޭޖްގައެވެ. ތަމްސީލު އޮތް 3 ރޭ ވެސް ހައުސް ފުލްވި ޓިކެޓް ވިއްކައިގެން ލިބުނު ފައިސާ ޖަމާކުރީ ލޯފަން މީހުންގެ ފަންޑަށެވެ.

މިލިޔުމުގައި ވާނީ ތުއްތު ދަރިފުޅަށް ޖެހޭ އިދިފުށަށްދަމާ ބަލި "ނިއޯނޭޓަލް ޓެޓްނަސް"ގެ ނަމުގައި 1974 ގައި ކުޅުނު ރޭޑިޔޯ އަދި ސްޓޭޖް ތަމްސީލްގެ  ބައެއް މަޢުލޫމާތެވެ. މިއީ އޭގެ މަޤުޞަދުކަމަށްވާ ތުއްތު ދަރިފުޅަށް ޖެހޭ އިދިފުށަށްދަމާ ބައްޔާމެދު  ޢާއްމުން ހޭލުންތެރި ކުރުވި އެއްޗެކެވެ. ނިއޯނޭޓަލް ޓެޓްނަސް" އާއި އެހެނިހެން ރޭޑިޔޯ އަދި ސްޓޭޖު ތަމްސީލްތައް ވަރުން އަޅައި މިނެކިރައި މުޑުތުލައި އޭގެ މޮޅު ދެރަ ކަމާއި ލުއި ބަރުދަން ބަލަން އުޅުމަކީ މިލިޔުމުގެ ބޭނުމެއް ނޫނެވެ.

1960 ވަނަ އަހަރު ހެލްތު އެސިސްޓެންޓުން ތަމްރީން ކުރައްވައި ރާއްޖެއަށް ޚިދުމަތް ދެއްވަން ފެއްޓެވުމަކީ އެޚިދުމަތް މުޅި ރާއްޖެއަށް ޢާއްމު ކުރެއްވުމަށް ސަރުކާރުން ފެއްޓެވި މަސައްކަތުގެ ފެށުމެވެ. އެއީ ޞިއްޙީ ޚިދުމަތަށްޓަކައި ސަރުކާރުން އިންދެވި މުޅިން އާ ރޯ ކުރިއެކެވެ. އެކުރި ހެދި ބޮޑުވެ ގަހަކަށްވެ އެގަހުގެ އޮށްތަކުން އިތުރު ގަސްތައް ފެޅިއެވެ. އަދި އެގަސްތަކުގެ ޞިއްޙީ ހިޔާ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ވެސް ލިބުނެވެ. ކުރުގޮތަކަށް ދަންނަވާނަމަ މިހާރު މިލިބޭ ޞިއްޙީ ޚިދުމަތުގެ ހިޔާވަހިކަން މުޅި ރާއްޖެއަށް ފޯރަން ފެށުމުގެ އަޞްލު ގުޅިފައި ވަނީ ސަރުކާރުން ރާއްޖޭގައި އެންމެ ފުރަތަމަ ތަމްރީނު ކުރެއްވި ހެލްތް އެސިސްޓެންޓުންގެ އަގުހުރި ޞިއްޙީ ޚިދުމަތާއި ހަމައިން ކަމަށް އަޅުގަނޑު ދެކެމެވެ. ވިއްސާރަޔާ ވާރެޔާ އަވީގައި ދިވެހި ލޮބުވެތި މުވާޠިނުންނަށްޓަކައި ދިވެހި ދަރިންގެ ދުޅަހެޔޮ ކަމަށްޓަކައި މި ބޭފުޅުން ކުރެއްވި ބުރަ މަސައްކަތާ އުޅުއްވަމުން ގެންދެވި އުނދަގޫ ދަތިހާލު ދިވެހިންނަށް ވާނީ ފެނިފައެވެ. އެކަން ވާނީ ކަށަވަރު ކުރެވިފައެވެ. މިއީ ދިވެހިންގެ ނިމުމެއްނެތް ޝުކުރު ޙައްޤު ވަރަށް ޚިދުމަތްތެރި ބޭފުޅުން ކޮޅެކެވެ.


01 ސެޕްޓެމްބަރ 1973 ގައި ސަރުކާރުން އުފެއްދެވި އެލައިޑް ހެލްތު ސަރވިސަސް ޓްރޭނިންގ ސެންޓަރ (އޭ. އެޗް. އެސް. ޓީ. ސީ)އަކީ ސަރުކާރުން ކުރިން އިންދެވި ޞިއްޙީ ޚިދުމަތުގެ ގަސް ބޮޑުވެ އެގަހުގެ އޮށަކުން ފެޅި އިތުރު ގަހެކެވެ. "ނިއޯނޭޓަލް ޓެޓްނަސް" ނުވަތަ ތުއްތު ދަރިފުޅަށް ޖެހޭ އިދިފުށަށްދަމާ ބަލީގެ މަޢުލޫމާތާ އިރުޝާދު ގެނެސްދޭ "ނިއޯނޭޓަލް ޓެޓްނަސް" ގެ ރޭޑިޔޯ އަދި ސްޓޭޖު ތަމްސީލްގެ ބައިވެރިންނަކީ 1974 ގައި އޭ. އެޗް. އެސް. ޓީ. ސީ. (މިހާރު ފެކަލްޓީ އޮފް ހެލްތު ސައިންސަސް) ގެ އެދުވަސްވަރުގެ ދަރިވަރުންނެވެ. އޭގެ ސްކްރިޕްޓް ލިޔުއްވީ މއ. މާފުނަ އަލްފާޟިލް މުޙައްމަދު އިސްމާޢީލްފުޅެވެ. ނަމަވެސް ރޭޑިޔޯއާއި ސްޓޭޖް ތަމްސީލްގެ ޑައިލޮގް ނުވަތަ ދައްކާ ވާހަކައަކީ އެމީހެއްގެ ބައި އެމީހަށް ދޫކޮށްލި އެއްޗެކެވެ. އެދުވަސްވަރަށް ބަލާނަމަ "ނިއޯނޭޓަލް ޓެޓްނަސް" ތަމްސީލްގެ ބައިވެރިންގެ ރޯލް އަދާކުރި ރަނގަޅުކަމާ އަދި އޭގެތެރޭ ހުނަރުވެރި މުމައްސިލުން ތިއްބެވިކަމަށް ވެސް އެދުވަސްވަރު ކަމުގެ ފަންނީބޭފުޅުން ފާހަގަ ކުރެއްވިއެވެ.

"ނިއޯނޭޓަލް ޓެޓްނަސް"ގެ ސްޓޭޖާއި ރޭޑިޔޯ ތަމްސީލް ކުޅުމުގެ ކުރިން ޚާއްޞަކޮށް އޭގެ ފަންޑިތަ ހެދުމުގެ ގޮތްތަކަށް ޖީލުލް އުސްތާޛު ޝައިޚު މަރުޙޫމް މުޙައްމަދު ޖަމީލް ދީދީ ދެއްވި އިރުޝާދަކީ އެއަށް ލިބުނު ވަރަށް ބޮޑު ކުރި އެރުމެކެވެ. "ނިއޯނޭޓަލް ޓެޓްނަސް"ގެ ސްޓޭޖް ތަމްސީލް މަޖީދިއްޔާ ސްކޫލްގެ ސްޓޭޖްގައި ބޭއްވީ ރޭޑިޔޯ ތަމްސީލް ކުޅުމުގެ ކުރިންނެވެ. ސްޓޭޖް ތަމްސީލް ޢާއްމުކޮށް ބޭއްވުމުގެ ކުރިން އޭގެ ރިހާސަލް ބައްލަވައި ލެއްވުމަށް ޖީލުލް އުސްތާޛު މަޖީދިއްޔާ ސްކޫލަށް ވަޑައިގަތެވެ. އެރޭ ސަރުކާރުގެ ބައެއް ވަޒީރުންވެސް ވަޑައިގަތެވެ. އޭގެފަހުން އެތަމްސީލަށް ޖީލުލް އުސްތާޛު ޚާއްޞަ އިރުޝާދު ތަކެއް ދެއްވިއެވެ. އޭގެ އެއްކަމަކަށް އެމަނިކުފާނުގެ ދަރިކަނބަލުން (ޑރ. އާމިނަތު ޖަމީލް) މެދުވެރި ކުރައްވައި ވިދާޅުވަނީ [ޢަލިފުތާބެއްޔާގެ ފަންޑިތައިގައި ދުޢާއެއް ކިޔާހެން އެކިޔާ އެއްޗެއްގައި ކިޔަނީ ކީކޭކަން މީހުންނަށް ނޭނގޭ ގޮތަކަށް ކިޔާށެވެ.] ޑރ. އާމިނަތު ޖަމީލަކީ އޭރު އޭ. އެޗް. އެސް. ޓީ. ސީ ގެ ޓިއުޓަރއެއްގެ އިތުރަށް އެޑްމިންގެ އިސް ބޭފުޅެއްވެސްމެއެވެ.

"ދިވެހިރާއްޖޭގެ އަޑު"ގެ މަޝްހޫރު "ގިތެޔޮގުޅި"އަކީ "ނިއޯނޭޓަލް ޓެޓްނަސް"އަށް ޖީލުލް އުސްތާޛު ދެއްވި އިރުޝާދެއްގެ ފަހުން އެމަނިކުފާނު ލިޔުއްވި ޢިބުރަތްތެރި މަޖާ ކަންކަމެއްގެ ރޭޑިޔޯ ތަމްސީލެކެވެ. "ގިތެޔޮގުޅި"ލިޔުއްވި ބޭފުޅަކީ ޖީލުލް އުސްތާޛު ކަމަށް ދަންނަވައިލުމުން އެކަނިވެސް އޭގެ އޮއްޓަރު ހުންނާނެ ގޮތް އެނގެން ޖެހެއެވެ. އެވަރުން ފުދޭނެއެވެ. އޭގެއިތުރަށް އެތަމްސީލްގެ މުހިއްމު ރޯލްތައް ކުޅުއްވި "ރޭޑިޔޯ މޯލްޑިވްސް"ގެ ސަމަރޭ، ބަދުރު، ޒުހޭރާ، މިންނާ، ޢ.ދ. އަޙުމަދުފުޅު، މޫސާ ރުޝްދީ، ނަޖުމާމެން ބޭފުޅުންނަކީ މިކަހަލަ ކަންކަމުގެ ފަންނީ ހުނަރުވެރި ބޭފުޅުންނެވެ. މައިކާއި ވަރަށް"ރައްޓެހި" ބޭފުޅުންނެވެ. މައިކުވެސް އޭގެ ޒާތުގައި އެބޭފުޅުންނާ އެހާ "ގާތް" ބޭފުޅުންނެވެ.

"ނިއޯނޭޓަލް ޓެޓްނަސް"ގެ ސްޓޭޖް ތަމްސީލްގެ ފަހުން ރޭޑިޔޯ ތަމްސީލް ކުޅުނުއިރު "ރޭޑިޔޯ މޯލްޑިވްސް"ގެ ވެރިޔެއް ކަމަށްވާ އަލްފާޟިލް ބަދުރުއްނަޞީރުގެ ބޭނުންތެރި އިރުޝާދު ތަކެއް ތަމްސީލަށް ލިބިފައި ވުމަކީވެސް ތަމްސީލްގެ މަޤްބޫލްކަން އިތުރުވުމާ މަޝްހޫރު ވުމުގައި ފާހަގަކުރެވޭ ކަމެކެވެ. އިރުޝާދުގެ ފެއްޓެވުމަކަށް ބަދުރު ވިދާޅުވީވެސް ޑްރާމާގެ ބައިވެރިން އޭނާއާ ވަރަށްގަޔާވާ ކަހަލަ މަޖާ އެއްޗެކެވެ. ބަދުރުގެ ސަމާސާ މިޒާޖާ އެއްގޮތަށެވެ. ވިދާޅުވީ، [ޢަލިފުތާބެއްޔާ ފަންޑިތަ ހަދާއިރު އަހަންނާއި ދިމާލަށް ބަލާނަމަ އެއީ ވަރަށްބޮޑު ކަމެކެވެ.] 

ނިއޯނޭޓަލް ޓެޓްނަސް"ގެ ރޭޑިޔޯ ތަމްސީލް ރެކޯޑް ކުރުން އޮތީ މީގެ 38 އަހަރު ކުރިން ފަރީދީ ސިނަމާ ހިންގި ޢިމާރާތުގައެވެ. އެދުވަސްވަރު ރޭޑިޔޯއިން ފޮނުވާ ބައެއް ޕްރޮގްރާމްތައް ރެކޯޑް ކުރަނީ އެތާނގައި ހުންނަ ރޭޑިޔޯ މޯލްޑިވްސްގެ ސްޓޫޑިއޯއެއްގައެވެ. ތަމްސީލް ރެކޯޑް ކުރުމުގެތެރޭ 2 ރޭ ހަޔެއްކަ ފަހަރު
 "ޖައްސަން"ޖެހުނެވެ. އެއީ ފަންޑިތަވެރިޔާ ފަންޑިތަ ހަދަން ފެށުމާއެކު ރޭޑިޔޯ މޯލްޑިވްސްގެ ވެރިޔަކަށް އެފަންޑިތައިގެ އަސަރު ފޯރާތީއެވެ. ދެރަކޮށް ދިމާވި ކަމެކެވެ. ސްޓޫޑިއޯގައި ފަންޑިތަ ހަދާއިރު އެތަނާ ޖެހިގެން ހުންނަ ބައިގައި ރެކޯޑް ކުރަމުން ގެންދެއެވެ. މި ދެބައިގެ އެއްބައި އަނެއްބައިގެ ދޭތެރޭ ސައުންޑް ޕްރޫފް ބިއްލޫރި ލައްވާފައި ހުއްޓަސް އެއްބައިގެ ވާނުވާ އަނެއް ބަޔަށް ރީތިކޮށް ފެނެއެވެ. އެހެންވުމުން ވާގޮތަކީ އެއްބައިގައި އިން ފަންޑިތަވެރިޔާ ފަންޑިތަ ހަދަން ފަށައިގެން ވަކި ހިސާބަކަށް ދާއިރަށް އަނެއް ބައިގައި އިންނެވި ރޭޑިޔޯ މޯލްޑިވްސްގެ ވެރިއަކަށް އެފަންޑިތައިގެ އަސަރު މާބޮޑަށް ފޯރަނީއެވެ. އެކަމަކު ފަންޑިތަ ހަދަނީ ކޮންމެހެން ރޭޑިޔޯ މޯލްޑިވްސްގެ އެއްވެސް ވެރިއަކަށް އެއްވެސްކަމެއް ކުރާކަށް ނޫނެވެ. ތުއްތު ކުއްޖެއްގެ ފޫޅު ކަނޑަންވާ ގޮތަށް ފޫޅު ނުކެނޑުމުގެ ސަބަބުން އެކުއްޖަކަށް އިދިފުށަށްދަމާ ބަލި ޖެހުނީމާ އެއީ ސިޙުރުގެ ކަމެކޭ ފަންޑިތަވެރިޔާ ބުނެގެން ކުއްޖާ ރަނގަޅު ކުރުމަށް ސިޙުރު ބާޠިލްގެ ފަންޑިތަ ހަދަނީއެވެ. ނަމަވެސް އެފަންޑިތައިގެ އަސަރު ފޯރާކަމަށް ވަނީ އެކުއްޖަކަށް ނޫނެވެ. ރޭޑިޔޯ މޯލްޑިވްސްގެ ވެރިއަކަށެވެ. އަލްފާޟިލް ބަދުރުއްނަޞީރަށެވެ. 

އެކި ފަންޑިތަ ދިމާވީމާ އެކި މީހުންނަށް ވާނީ އެކިގޮތް ކަމަށް ބުނެއެވެ. ބަދުރަށް ވާގޮތަކީ މާގަދަޔަށް ހިނިފުޅު ވެޑުވެނީއެވެ. އަނެއްކޮޅުން އެތަން ފަންޑިތަވެރިޔާއަށް ފެނެއެވެ. ފެންނާތީ އޭނާއަށްވެސް ހެވެނީއެވެ. އެންމެފަހުން އެންމެންނަށްވެސް ހެވެނީއެވެ. ބަލިކުއްޖާ ނޫނީ ހަމަ އެންމެންނަށް ފަންޑިތައިގެ އަސަރު ފޯރީއެވެ. ބިނދި ބިނދިފައި ހެވެނީއެވެ. ފަންޑިތަ ހަދަން ރަނގަޅަށް ނޭނގޭ މީހުން އެކަހަލަ ކަންކަން ކުރާނަމަ ކަމާ ނުބެހޭ މީހުންނަށްވެސް އޭގެ އަސަރުފޯރަޔޭ ބުނެ އުޅެނީ މިހެންވީމާ ކަން ނޭނގެއެވެ. ކޮންމެއަކަސް ރެކޯޑް ކުރުން އެހިނދަށް ހުއްޓުނީއެވެ. އަނެއްކާ އަލުން ބަލުން "ޖައްސަން" ޖެހެނީއެވެ. މިއީ އެދުވަސްވަރުގެ ރެކޯޑިންގެ ކަންތައް ހުރިގޮތެވެ. ސާމާނުގެ ގޮތެވެ.

އެދުވަސްވަރަކީ މިދުވަސްވަރެއް ނޫނެވެ. މިހާރު މިފެންނަ ކުރިއަރާފައިވާ ސާމާނެއް އޭރަކު ނެތެވެ. ނުހުއްޓި ކުރިއަށް ދާންޖެހޭ ރެކޯޑިންގއެއްގެ އެއްވެސް ހިސާބަކުން މެދުކެނޑޭ ގޮތެއް ވެއްޖެނަމަ އަލުންބަލުން ރެކޯޑިންގ "ޖައްސަން" ޖެހެނީ އެހެންވީމައެވެ. ރެކޯޑިންގގެ ކަންތައް މިހާރުހުރީ އެހެނެއްނޫނެވެ. 

މިސާލަކަށް މިހާރު ރެކޯޑް ކުރާ ލަވައަކަށް ބަލާނަމަ އެއްދުވަހު ހަމައެކަނި ލަވައިގެ މައިގަނޑު ރެކޯޑް ކޮށްފައި އަނެއް ދުވަހު ރާއްޖެއިން ބޭރަށް ގޮސް 6 ދުވަސް ފަހުން އެނބުރި އައީއެވެ. އޭގެ އަނެއް ދުވަހު ލަވައިގެ ފުރަތަމަ ކަޑި ރެކޯޑްކޮށްފައި ކޮފީއަކަށް ޖައްސާލަންވީއެވެ. އެދުވަސް ދިޔައީއެވެ. ދެން އޭގެ ފަހުން ދުވާލަކު ލަވައިގެ އެންމެ ކަޑިއެއް ރެކޯޑް ކުރަމުން މެދުކެނޑެމުން އެގޮތަށް 6 ދުވަހުން މައިގަނޑާއި 6 ކަޑި ކިޔުނު ލަވައިގެ 6 ކަޑި މިހާރު އެ ގުޅާލަނީ ފަށައިގަތް ގޮތަށް ނުހުއްޓައި މައިގަނޑާއި 6 ކަޑި ކިޔައި ނިންމާލި ލަވައެއްހެނެވެ. 6 މިނެޓް ނުވަނީހެވެ. އަދި މިހެންމެ މިހާރު ހަމަ އެންމެ މީހަކަށް ހުރިހާ އެއްޗަކުން ހުރިހާ މިޔުޒިކެއްވެސް އެބަ ކުޅެވެއެވެ. އެހެންވީމާ އެދުވަސްވަރުގެ ރެކޯޑިންގ 2 ރޭ ހަޔެއްކަ ފަހަރު
 "ޖައްސަން"ޖެހުމަކީ އެހާ ބޮޑުކަމެއް ނޫނެވެ. ދިހަބާރަ ރޭ ދިހަބާރަ ފަހަރު "ޖައްސަން" ޖެހުނަސް ހަމަ ރަނގަޅެވެ. އެއީ ކުޑަކުޑަ ކަމެކެވެ. ކޮންމެއަކަސް އެވީކަމެއްވެ ނުވީކަމެއް ނުވެ "ނިއޯނޭޓަލް ޓެޓްނަސް" ނުވަތަ "ޢަލިފުތާބެއްޔާ" އެވަނީ ވުޖޫދަށް ގެނެވިފައެވެ. އަޑު އިވޭފަށަށް ފެންނަ ފަށަށް ތިލަ ކުރެވިފައެވެ. 

"ނިއޯނޭޓަލް ޓެޓްނަސް"އަކީ ވަރަށްބޮޑަށް ޢާއްމުން ހޭލައްވައިލި އެއްޗެކެވެ. ވިސްނުންތެރި ކުރުވި އެއްޗެކެވެ. އުފަންވާ ކުދިން ފޫޅު ކަނޑާއިރު ޖަރާސީމުން ރައްކާތެރިވެފައި ނުވާ ކުރަފަތާ ރޭޒަރާ ކަތުރުފަދަ އެއްޗެތީގެ ބޭނުން ކުރުމުން ކުއްޖާއަށް އިދިފުށަށްދަމާ ބަލި ޖެހޭ ގޮތެވެ. އެކަމުން ކުއްޖާއަށް ލިބޭ ވޭނެވެ. އުނދަގުލެވެ. ބަލިން ރައްކާތެރި ވުމުގެ ވެކްސިން ދިނުމުގެ ބޭނުންތެރި ކަމެވެ. ވެކްސިން ދޭނެ ގޮތެވެ. އަދި ބައްޔެއް ކަމެއް ދިމާވީމާ އޭގެ ހުރިހާވެސް ޙައްލަކީ ފަންޑިތަ ނޫން އެހެން އެއްވެސް އެއްޗެއްނޫން ކަމަށް ޒަމާނުއްސުރެ ހީކުރެވޭ ހީކުރުމުގެ މޮޔަކަމެވެ. ބޭކާރު ގޮތުގައި ފަންޑިތައަށް ހޭދަވާ ވަގުތާ އެކަމަށް ހޯދަން އުނދަގޫވާ ތަކެއްޗެވެ. ފައިސާއެވެ. އަދި ފަންޑިތައިގެ ނަމުގައި ބައެއް މީހުން ވިޔަސް ކުރާ މަކަރުވެރި ކަންކަމެވެ. "ނިއޯނޭޓަލް ޓެޓްނަސް" ނިމިގެން ދާއިރު މިދެންނެވި ހުރިހާ ކަމަކަށް ޢާއްމުންނަށް ވަރަށް ބޮޑު ހޭލުންތެރިކަމެއް ގެނެސްދެއެވެ. އޭގެ ލަނޑުދަނޑި ޙާޞިލްވެއެވެ. 

"
ނިއޯނޭޓަލް ޓެޓްނަސް"ގެ ކާމިޔާބަށް ބައްލަވައި މުޖުތަމަޢަށް ބޭނުންވާ އެފަދަ ބޭނުންތެރި ކަންކަމާގުޅޭ އިތުރު ތަމްސީލްތައް ގެނެސް ދެއްވުމަށް ޞިއްޙީ މަޢުލޫމާތު ދެއްވާ ސަރުކާރުގެ އިސް ފަރާތްތަކާ އަދި "ދިވެހިރާއްޖޭގެ އަޑު"ގެ ބައެއް އިސް ބޭފުޅުންގެވެސް ޝައުގުވެރިކަމެއް ހުއްޓެވެ. އެތަމްސީލްގެ ބައިވެރިންނާއެކު ވިޔަސް މުޖުތަމަޢަށް ބޭނުންތެރި "ބަލައިގަންނަ" މެސެޖްތަކެއް ގެނެސް ދެއްވޭތޯއެވެ. ޚާއްޞަކޮށް ޑރ. އާމިނަތު ޖަމީލު އާއި ރޭޑިޔޯގެ ބޭފުޅުންކަމަށްވާ ބަދުރުއްނަޞީރާއި މައިޒާން އަޙުމަދު މަނިކާއި އިސްމާޢީލް ޢަބުދުﷲ އާއި އަދި ޢަލީ ޢަބުދުﷲ މެންނަކީ މިކަމާ އުޅުއްވި ބޭފުޅުންނެވެ. ނަމަވެސް އެކަމުގައި ދިމާވަމުން ދިޔަ ދައްޗަކީ ބޭނުންވާ ތަކެއްޗާ ފައިސާގެ ކަމެއްނޫނެވެ. ދައްޗަކީ ތަމްސީލްގެ ބައިވެރިން އެއްތާކަށް ގެނައުމުގެ ކަންތަކެވެ. އެބައިވެރިންނަށް އެކަމަށް ވަގުތު ނުލިބޭ މައްސަލައެވެ. މިކަމަކީ ފަސޭހަ ކަމަކަށް ނުވެ އަދި މިހާތަނަށްވެސް ޙައްލެއް ނުލިބި ދަނީއެވެ. 

"ނިއޯނޭޓަލް ޓެޓްނަސް" ނުވަތަ "ޢަލިފުތާބެއްޔާ" އަށް ޢާއްމުންގެ އެހާ ބޮޑު ޝައުގުވެރިކަމެއް ހުރީ އެމީހުން ގަޔާވި ގިނަ ކަންކަމެއް އޭގައި ހުރުމުންނެވެ. ހުރި ކަމެއްގައި ހުރި ގޮތެއްގައެވެ. އޭގެ ޑައިލޮގެވެ. ވާހަކަދައްކާ ގޮތެވެ. ފަންޑިތައިގެ ގޮތްގަނޑެވެ. ވާހަކަ ދައްކާ މަޖާ ގޮތެވެ. އަދި  ހެއްވާ ބަހުރުވައިން ވާހަކަ ދެއްކި ތަމްސީލަކަށްވެސް ވުމެވެ. އެހެންވުމުން "ނިއޯނޭޓަލް ޓެޓްނަސް"އަކީ އޭގެ ލަނޑުދަނޑި ރަނގަޅަށް ޙާޞިލްވި ކާމިޔާބު ތަމްސީލެއްކަމަށް ޤަބޫލު ކުރެވެއެވެ. (ނިމުނީ)
                        -------------------
ޢަބުދުﷲ ޙިލްމީ
25/12/2012