މަޑަވެލީ މޫސިޔާގެ ޢާއިލާއިން - ފުރަތަމަބައި





 







ހަވަރުތިނަދޫ އަލްމަރުޙޫމް ޙާޖީ މުޙަންމަދު ކަލޭފާނަކީ، އަޅުގަނޑުމެންގެ ކާބަފަ އިންގެ ތެރެއިން ފާހަގަކޮށްލެވޭ، ވަރަށް ޚާއްޞަ ޞަޚްޞިއްޔަތެކެވެ. އަދި އެނޫނަސް އެފަދަ ކިތައްމެ ބޭފުޅުންނެއް އަޅުގަނޑު މެންގެ ކާބަފައިންގެ ތެރޭގައި އުޅެފައިވުމާއެކު، އެފަދަ ބައެއް ބޭބޭފުޅުންގެ ޚިދުމަތްތަކާމެދު މަތިމަތިން ނަމަވެސް ބަލާލުމަކީ، އަޅުގަނޑުމެންގެ ހިތްތަކަށް ހިތްހަމަޖެހުން ލިބޭނެ ކަންކަމެވެ.


އާދެ!އިސްވެ މިދެންނެވި ބޭބޭފުޅުންގެ ތެރޭގައި ދުނިޔެ ދޫކޮށްފައިވާ ބޭފުޅުންނާއި، މިހާރު ވެސް ދުނިޔޭގައި އުޅުއްވާ ބޭފުޅުން އެބަ ތިބޫ އެވެ. އެ ބޭބޭފުޅުން މި ލޮބުވެތި ޤަވްމަށް ކޮށްދެއްވާފައިވާ ޙިދުމަތްތައް ވަރަށް ގިނަ އެވެ. ނަމަވެސް އެބޭބޭފުޅުންގެ ޚިދުމަތްތަކުގެ ތެރެއިން، މިފޮތުގައި އަޅުގަނޑު ފާހަގަކޮށްލާނީ، ހަމައެކަނި އެންމެ ކަމެކެވެ. މިދެންނެވި ޚިދުމަތަކީ، ނުވަތަ ކުޅަދާނަ އެ ހުނަރަކީ، މިފޮތުގައި ފާހަގަކޮށްފައިވާ ޝަޚްޞިއްޔަތުގެ ވެސް އަދި އޭނާގެ ޢާއިލާގެ ގިނަ ބޭފުޅުންނަށް ވެސް ލިބިވަޑައިގެންފައިވާ ހުނަރެކެވެ. އާދެ! އެއީ "ނިޔަމި" ކަމެވެ. އޭގެތެރެއިން ބައެއް ބޭފުޅުންނަކީ، އެބޭފުޅުންގެ ނިޔަމިކަމުގައި، ހުވަދޫ ކަނޑު ހުރަސްކޮށް މާލެއާއި އުތުރުކަރަޔާއި، އޮޅުދޫ ކަރަޔަށް ގިނަގުނަ ދަތުރު ތަކެއް ކުރައްވާ ފައިވާ ކުޅަދާނަ ނެވީންނެވެ.

ރިޔާނެގި އޮޑިފަހަރުގައި ހޭރިއާކޮށް ނުވަތަ މޫސުމީ ދަތުރުތައް ކުރުމުގައި (ބައެއް ފަހަރު) ކަރަގޮނޑާއި ނުވަތަ ދަތުރު ކުރަން ބޭނުންވާ މަންޒިލާއި ފޭވެ، އެ މަންޒިލަށް ވާޞިލުނުވުނުކަމަށް ވިއަސް، އޮޑި އިން ނުކުތާ އެ ބޭފުޅުންނަށް އެނގިވަޑައި ގަންނަވަ އެވެ. ބައެއްފަހަރަށް ވައި ހިނދި، އޮޔާގޮސް ސޯމާލި ކަރަޔަށް ނުވަތަ ބަތާވީކަރަށް ގޮނޑު ވިއަސް މޫސުމުގެ ވައި ލިބުމާއެކު، ޤަވްމަށް ދަތުރުކުރެއްވުމަކީ، އެބޭފުޅުންނަށް ނުހަނު ފަސޭހަ ކަމެކެވެ. މިފަދަ އެތަކެއް ނިޔަމީންނެއްވަނީ، ދުނިޔެ ދޫކޮށްފަ އެވެ. ނަމަވެސް އަދި މިހާރު ވެސް (2011މ.) ބައެއް ފޭޅުން ހެޔު ޙާލުކޮޅުގައި އެބަތިބޫ އެވެ.

އަޅުގަނޑުމެންގެ އިސްވެދިޔަ ކާބަފައިންނަކީ، ކާނޑެއްދޫ ކަނޑުން ނިކުމެގެން ނުވަތަ ހުވަދޫ ކަނޑު ހުރަސްކޮށް ކިތަންމެފަހަރަކު ޙިޖާޒްކަރަޔަށް ދަތުރުކޮށް، ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ ބޭފުޅުންނެވެ. އެފަދަ ޙައްޖާޖީން ދެކެވަޑައިގެންފައިވާ ބޭފުޅުން މިއަދުވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަތިބޫއެވެ. ކާބޯތަކެއްޗާއި، ބޯފެނާއެކު އެބޭފުޅުން (ނިޔަމީން) ޢަރަބިކަރަޔަށް ދަތުރު ފައްޓަވަނީ، ފުރިހަމަ ޔަޤީންކަމާއި އެކުގަ އެވެ. ޢަރަބިކަރަޔަކީ، އެފަދަ ނިޔަމީންގެ ނަޒަރުގައި ދާދި ގާތުގައި އޮތް ތަނެކެވެ. ނަމަވެސް ކާމިޔާބު އެތައް ދަތުރުތަކެއް އެބޭފުޅުން ކޮށްފައި ވިއަސް، ބައެއްފަހަރު ވަޔާއި، އޮއި އެކަމަށް ތަންނުދޭތީ، ނާކާމިޔާބީއާވެސް ކުރިމަތިލައްވަން ޖެހިވަޑައިގެންފައި އެބަހުއްޓެވެ. އެގޮތުން ސުއްކަތުރާ، ޒެންޒިބާރު، ޢަދަނު، ސޯމާލިއާ ފަދަ ތަންތަނަށް ދެވި، އަމިއްލަ ނަފްސް ސަލާމަތް ނުކުރެވޭ ފަހަރު ވެސް އާދެއެވެ. އެގޮތުން މިނިކާ ރާއްޖެ (ސޯމާލިއާ އާއި، އިންޑިއާގެ ނާތަހުޒީބް ރަށްތައް) ފަދަ ނުރައްކާތެރި ތަންތަނަށް ވެސް ދެވިފައިވާކަން ތާރީޚުން އެނގެ އެވެ.

އާދެ! މި ލިޔުމުގައި ފާހަގަކޮށްފައި މިވާ ޝަޚްޞިއްޔަތީ، ހުވަދު އަތޮޅު ހަވަރު ތިނަދުވަށް ނިސްބަތްވާ ބޭފުޅެކެވެ. އެ ފަސްގަނޑަކީ، ޝަޚްޞިއްޔަތްތަކެއް އުފަންވެފައިވާ ފަސްގަނޑެކެވެ. އެފަދަ ބައެއް ބޭފުޅުންގެތެރޭގައި، ދީނީ ރޮނގުންނާއި، ޤާނޫނީ ދާއިރާއިންނާއި، އިޖްތިމާޢީ، ޞިއްޙީ، ޢިމްރާނީ ގޮތުނާއި އަދި ކުރިއަރާފައި މިޒަމާނުގެ ހުނަރުވެރީން ވަރަށް ގިނަ އެވެ. ނަމަވެސް ދުނިޔެ ހިނގަމުންދާނީ، ދުނިޔޭގެ ސުންނަތާ އެއްގޮތަށެވެ. "ހެވާއި، ނުބައި" މި ދެބައި ވެސް އޮންނާނެ އެވެ. އެގޮތުން އެކިއެކި ރޮނގުރޮނގުން ކުރިއަރާފައިވާ ގިނަަބަޔަކު އުފަންވެފައިވާ އެފަސްގަނޑުން އެނޫން މީހުން ވެސް އުފަން ވެފައިވެ އެވެ. (ކަންކަމުގެ "ހެއުނުބައި" ވަކިކުރަން އެނގޭނީ، ދެފުށް ފެނިގެން ނެވެ.) އެރަށުގެ މާޙަވްލުން އެހުރިހާ ކުލައެއް ފެންނާނެ އެވެ. އާދެ! ކުރު ގޮތަކަށް ދަންނަވާނަމަ، އަޅުގަނޑު ދަންނަވާނީ، ހުވަދު އަތޮޅު ތިނަދޫގެ ފަސްގަނޑަކީ، ދެނިޔެއަށް ނިސްބަތްކުރާއިރު "ޢިރާޤް" ފަދަ ބިމެއް ކަމަށެވެ! އެއީ ތާރީޚީ ފަސްގަނޑެކެވެ. ނަމަވެސް އެއިން އެއްވެސްކަމެއް އެ ބިމުން މިއަދު ފެންނާކަށް ނެތެވެ.

އާދެ! އަލްމަރުޙޫމް ޙާޖީ މުޙަންމަދު ކަލޭފާނަކީ، ވަރަށްބޮޑު ކަރަވެއްސެކެވެ. އޭނާއަކީ، ފަސްމީރު ކުރިރުކެކެވެ. މިހެން މިދެންނެވީ ސަބަބުތަކެއް އޮވެގެންނެވެ. މިފޮތުގައި އަޅުގަނޑު ލިޔެފައި މިވަނީ، އޭނަޔާބެހޭ މަޢުލޫމާތުގެ ކުޑަކުޑަ މިންވެރެކެވެ. އަދި އަޅުގަނޑަށް އެނގިފައިނުވާ، ނަމަވެސް އެހެންފަރާތްތަކަށް އެނގިވަޑައިގަންނަވާ މަޢުލޫމާތު އެބަހުރިކަން ފަހުން އަޅުގަނޑަށް އެނގިފައިވެ އެވެ. ނަމަވެސް އޭރު މި ފޮތް ލިޔެ ނިމިއްޖެ އެވެ.

މިބައި ނިންމާލުމުގެކުރިން އަދި އެއްކަމެއް ފާހަގަކޮށްލާނެވެ. އާދެ! ޙާޖީ މުޙަންމަދު ކަލޭފާނަށް ބޭސްފަރުވާ ކުރެއްވީ، ހަވަރު ތިނަދޫ ކޭވަކުގޭ އަލްފާޟިލް ޙަކީމު ޙުސައިން ޢަފީފަކީ، ދެކުނުގޭ ދޮންމަނިކުގެ ދަރިވަރެކެވެ. އޭނާއަކީ، ފަހުން އިންޑިއާގެ ޠިއްބިއްޔާ ކޮލެޖުން ބޭސްވެރިކަމުގެ (ޙަކީމީ ބޭހުގެ) ރޮނގުން ދަސްވެނި (ގްރެޖްއޭޓް) ވެ ވަޑައިގެންނެވި ބޭފުޅެކެވެ. ކަންދިމާވި ގޮތުން މަޤާމާއި ޙަވާލުވެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައި ނުގަތްކަމަށް ވިއަސް، އޭނާއަކީ، ހެލްތް މިނިސްޓަރުކަން ދެއްވަން އަލްއަމީރު މުޙަންމަދު އަމީން ދީދީ ހަމަޖެއްސެވި ބޭފުޅެކެވެ.

ޝަޚްޞިއްޔަތުގެ ޢާއިލާ

ހަވަރު ތިނަދޫ ޙާޖީ މުޙައްމަދު ކަލޭގެފާނުގެ ޙަޔާތުގެ ޞަފްޙާތަކަށް ދިއުމުގެ ކުރިން، އޭނާ ނިސްބަތްވާ މަޑަވެލީ މޫސިއާގެ ޢާއިލާ އާއި، ބެހޭގޮތުން ކުރީއްސުރެ އިވިފައިވާ ބައެއް (ފުލޯކު) ވާހަކަތަކާއި (ޙަޤީޤީ) ބައެއް ވާހަކަތަކަކީ، ސިޔާސީ އަދި ތާރީޚީ ބޭފުޅުންނަށް ބޭނުންތެރި ވާހަކަތަކެއްކަމުގައި ވެދާނެތީ (ފޮތް ވިދާޅުވާ ބޭފުޅުންނާ) އެވާހަކަ ޙިއްޞާކޮށްލުމަކީ، އެންމެ ރަނގަޅު ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ.

ހުވަދު އަތޮޅުގެ ވާރުވެރިޔާ (އަތޮޅުވެރިޔާ) ޙާޖީ މުޙަންމަދު ކަލޭފާނުގެ ބައްޕައަކީ، ހަވަރު ތިނަދޫ ޢަލިކަލޭގެ ދަރިކަލުން ޢަލީ (ކަޅުބެއްޔާ) އެވެ. އޭނާގެ މަންމައަކީ، މަޑަވެލީ އިސްމާޢީލް ކަލޭގެ މޫސިއާ (މަޑަވެލީ މޫސިޔާ) ނުވަތަ މޫސާގެ މަރިޔަމް (މަރިޔަންދިޔެ) އެވެ. މުޙައްމަދު ކަލޭގެފާނުގެ މާމަޔަކީ، ހަވަރުތިނަދޫ މެރަދޫގޭ އާމިނަތު (އާމިނަ) އެވެ. ހަވަރުތިނަދޫގައި ފާހަގަކުރެވޭ 25 ޢާއިލާގެ ތެރެއިން 15 ޢާއިލާއަކީ، މި މޫސިއާގެ ދަރިފަސްކޮޅެވެ. މޫސިއާއަކީ، މަޑަވެލީގެ ބޭކަލަކަށް ވިޔަސް އެރަށް ދޫކުރައްވައި ހަވަރުތިނަދުއަށް ދިރިއުޅުން ބަދަލުކުރެއްވީ، މަޑަވެލީގައި އޭރު ހިގަމުންދިޔަ ވެރިކަމުގެ ތެރޭގައި ހަމަހަމަކަން ނުވަތަ ޑިމޮކްރަސީގެ ސިފަތައް ނެތްކަމަށް ފެންނާތީ އެވެ. ނަމަވެސް އެޒަމާން ފާއިތުވެއްޖެ އެވެ. މިއީ އެހެން ޒަމާނެކެވެ. މިއަދު އޭނާ ދުނިޔޭގައި ނެތްކަމަށް ވިއަސް، ޙައްޤް ބަސްބުނުމުގައި ޘާބިތުވެތިބި އެތައްދަރީންނެއް މިއަދު އެ ޢާއިލާއިން އެބަ ފެނެ އެވެ.

މޫސިއާގެ ދަރިފަސްކޮޅަކީ، (އެ ޝަޚުޞިއްޔަތަކަށްޓަކައި އެކަނި ވެސް) ފަޚުރުވެރިވުން ޙައްޤް ބަޔެކެވެ. ހުވަދު އަތޮޅާއި، އަދި އެ އަތޮޅުގެ ބައެއް ރަށްރަށުގެ ވެރިކަމުގެ ދާއިރާއިން ފެންނަމުންދާ ދަރިފަސްކޮޅު މިހާރު ވެސް އެ ގެންދަވަނީ، ޙަރަކާތްތެރިވެ ވަޑައިގަންނަވަމުން ނެވެ. ސަރުކާރުގެ ވަޒީރުން، ދީނީ ޢިލްމްވެރީން، އަތޮޅުވެރީން، ގާޒީން، ނާއިބުން، ކަތީބުން، މުދިމުން،ކައުންސިލަރުން (ތަނުގެ ނިސްބަތުން) ނަންހުރި އެންމެބޮޑެތި ފައިސާވެރީން، ޑޮކްޓަރުން، ގާނޫނީ ވަކީލުން، އިންޖިނޭރުން، ޕައިލެޓުން ޕާލަމެންޓަރީ މެމްބަރުން، ސަރުކާރުގެ އިސް މަގާމްތައް އަދާކުރެއްވި (މިހާރުވެސްއަދާކުރައްވާ) ފަރާތްތަކާއި އެކިއެކި ފަންނުތަކުގެ ހުނަރުވެރީން އެދަރިފަސް ކޮޅުން އުފެދި ފެންނަމުން އެބަ ދެ އެވެ. މިދަރިކޮޅާއި، ގުޅިފައިވާ އެކިއެކި ދަރިކޮޅުތައް ހަވަރުތިނަދޫ، މަޑަވެލި، ހޯޑެއްދޫ، ފިޔޯރީ، ފަރެސް މާތޮޑާ، ވިލިނގިލި އަދި މިނޫން ކިތައްމެ ރަށްރަށެއްގައި އެބަ ތިބޫ އެވެ.

މަޑަވެލީ މޫސިއާއި ބެހޭ މައުލޫމާތު މުއްސަދިކުރުމަށްޓަކައި އޭނާ އުފެދިބޮޑުވެގެންއައި ޢާއިލާއަށް ނަޒަރު ހިންގުމަކީ، އެންމެ ރަގަޅު ކަމެކެވެ. އާދެ! ބުނެވޭގޮތުގައި ހުވަދު އަތޮޅު ގެމެންދޫ (ގަލަންދޫ) މޫސާ މާލިމީގެ ޢާއިލާއަކީ، ފުވައްމުލަކުން ހިޖްރަކުރި ބައެކެވެ. ގެމެންދުވަކީ، ހުވަދު އަތޮޅު އިރުއުތުރު ދުނީގައި ކުރިންއޮތް (މިހާރު ގިރައިފައިވާ) ރަށެކެވެ. އެހެން ކަމުން އެނަންކިޔާ ރަށެއް މިހާރު އެއަތޮޅުގައި ނެތެވެ. މި މޫސާ މާލިމީމެންގެ ޢާއިލާއަކީ، ކުރިއްސުރެ ދިރިއުޅުމުގެ ފަސޭހަތަކާއި، ބޭރުގެ ކަނޑުފޭރޭ މީހުންގެ ނުރައްކަލުން މީހުންނާއި، މުދާ ސަލާމަތްކުރުމަށްޓަކައި ވިޔަސް ހުވަދު އަތޮޅުގެ އެކިރަށްރަށުގައި އަމިއްލަގޮތުން ވަޒަންވެރިވަމުން ގެންދިޔަ ޢާއިލާ އެކެވެ. އެގޮތުން އެ ޢާއިލާ އެފަހަރަކަށް އުޅޭ ރަށްގަނޑު ކޮންމެވެސް ސަބަބަކާހުރެ ފަޅުވާން ދިމާވުމުން ނުވަތަ އެރަށަކީ، ފަޅުރަށަކަށް ވެއްޖެނަމަ، ސަރުކާރުން އެ ޢާއިލާ އެރަށަކުން ބޭލުއްވުމުން އެހެން ރަށެއްގައި ވަޒަންވެރިވަނީ އެވެ. މި ސިލްސިލާގެ މީހުން އެންމެ ފަހުން އުޅުނުކަމަށް ބުނެވެނީ، ހުވަދު އަތޮޅު ކެރަމިންތާގަ އެވެ. ފަހުން މޫސާ މާލިމީގެ ޢާއިލާ ކެރަމިންތާގައި އުޅުނީ، އެރަށް ވަރުވާއަށް ލިއުއްވައި ގެންނެވެ.

މޫސާ މާލިމީގެ ދަރިއެއްކަމަށްވާ މަޑަވެލީ އިސްމާޢީލުކަލޭގެ ދިރިއުޅުނީ، މަޑަވެލީގައެވެ. އެރަށް އާބާދުވީކަމަށް ބުނެވެނީ 1845މ. ވަނަ އަހަރުގަ އެވެ. މޫސާ މާލިމީ ކެރަމިންތާގައި ދުވަސްތަކެއް ވޭތިވުމަށްފަހު، ހުވަދު އަތޮޅު ވާރުވެރިޔާ (އަތޮޅު ވެރިޔާ) ގެ އަމުރަށް އޭނާގެ ޢާއިލާ އެރަށުގެ ބަދަލުގައި ހޯނޑެއްދޫގައި ވަޒަންވެރިވުމަށް އެންގެވިއެވެ. ވާރުވެރިޔާ އެފިޔަވަޅު އެޅުއްވީ މަދުމީސްކޮޅެއް އެކަނިމާއެކު ވަކިން އެކަހެރިން ފަޅުރަށެއްގައި ވަޒަންވެރިވެގެން އުޅުމަކީ، ރަނގަޅުކަމެއް ނޫންކަމަށް ފެނިވަޑައި ގަންނަވާތީ އެވެ. އެދުވަސްވަރު ވާރުކުރަނީ، ހޯނޑެއްދޫގަ އެވެ. ވާރުގެ (އަތޮޅުގޭގެ ނަމުގައި) ހަވަރު ތިނަދުއަށް ބަދަލުކުރެއްވީ، މޫސާ މާލިމީގެ މުނިކާފަ ބޭފުޅެއް ކަމަށްވާ ޙާޖީ މުޙައްމަދު ކަލޭގެފާނުގެ ވާރުވެރިކަމުގަ އެވެ. 
(ނުނިމޭ)