ދެއްވަދޫ ގަނޑުވަރު ދޮންދަލޭކަ ކަނބުލޭގެފާނު



ކަމެއްހިނގިގޮތަކީ ކޮބައިތޯ އެކަމަކަށް ރަނގަޅަށް ވިސްނުމެއްނެތި އެއާއި ގުޅުންހުރިކަމެއް ހާމަކުރާނަމަ، އެކަމެއް އޮޅިގެންދިޔުމަކީ ވަރަށްކައިރި ކަމެކެވެ. މިކަން އަޅުގަނޑަށް ވެސް ތަޖުރިބާކުރެވުނެވެ. އަޅުގަނޑުލިޔުނު "ތާރީޚީ އޮޅުންބޮޅުން" ލިޔަމުންދިޔައިރު އޭގެތެރެއިން ގެނައި މިސާލެއްގެތެރެއިން ވާދޫ މުޙައްމަދު ނާއިބު ކަލޭގެފާނުގެ ވާދޫ އަބޫބަކުރު ނާއިބު ކަލޭގެފާނާ، ވާދޫ އަބޫބަކުރު ފަނޑިޔާރު ކަލޭގެފާނު ވެސް ކިޔާ ފަނޑިޔާރު ކަލޭގެފާނާ ދެބޭފުޅުންގެ ތެރެއިން އެރި އޮޅުމަކީ، އެ ތަޖުރިބާއެވެ.

މިދެންނެވިގޮތަށްވާން ޖެހުނީ، މުޙައްމަދު ނާއިބު ކަލޭގެފާނުގެ ޢާއިލާގެ މިހާރުތިބި ބަޔެއް އެނގޭނޭ ލިޔެވިފައިވާ ވަނަވަރެއް މިހާތަނަށް ނުފެނި ނޭނގި ވީ ނަމަ ވެސް، ދެ ފަރާތަކުން ދެއްވި މަޢުލޫމާތަކާ ގުޅިގެން އޭގެ ބުރަދަނަކީ ކޮބައިތޯ އެއަށް ބަލަންވާ ވަރަށް ބަލައި ވިސްނައިނުލެވުމުންނެވެ. މިކަމުގެ ސަބަބުން ވާދޫ މުޙައްމަދު ނާއިބު ކަލޭގެފާނުގެ މަންމަ ނުވަތަ އަލްޙާއްޖު ޢަލީތުއްކަލާއާއި އެއްބަނޑު ދޮންދަލޭކަ ކަނބުލޭގެފާނަކީ އަޅުގަނޑަށް ނޭނގޭ ބޭފުޅެއްކަމަށް ވެސް ބެލެވުމުގެ ފުރުޞަތު ތަނަވަސްވެގެން ދިޔައީއެވެ. އެހެނީ އެކަމަނާއަކީ އަޅުގަނޑަށް އެނގޭ ބޭފުޅެއްނަމަ، ވާދޫ ދަންނަކަލޭގެފާނުގެ އަރިހުން ވާދޫ އަބޫބަކުރު ފަނޑިޔާރު ކަލޭގެފާނު ކިޔަވައިވިދާޅުވަމުން ގެންދެވިއިރު ދުނިޔެއަށް އުފަންވެވަޑައިނުގަންނަވާ އެކަމަނާގެ ފަރާތްޕުޅުން އުފެދިފައި އޮތް ޢާއިލާއަކުން ވާދޫ އަބޫބަކުރު ފަނޑިޔާރު ކަލޭގެފާނު އުފަންވެވަޑައިގަންނަވަން ޖެހޭ ސަބަބެއް ނެތެއް ނޫންތޯއެވެ. މިއީ، ކަމެއް ހިނގިގޮތަކީ ކޮބައިތޯ އެ ކަމަކަށް ރަނގަޅަށް ވިސްނުމެއްނެތި އެއާ ގުޅުންހުރިކަމެއް ހާމަކުރާނަމަ، އެކަމެއް އޮޅިގެންދިޔުން ކައިރިކަމުގެ މިސާލެކެވެ.

އަލްޙާއްޖު ޢަލީތުއްކަލާއާއި އެއްބަނޑު ދޮންދަލޭކަ ކަނބުލޭގެފާނުގެ ދެ ބޭފުޅެއް ތިއްބެވިއެވެ. މުޙައްމަދު ނާއިބު ކަލޭގެފާނާއި، ބީފާނެވެ. ބީފާނުގެ ޢާއިލީ ވަނަވަރު މިހާތަނަށް އައިސްފައިވާގޮތް އެނގެއެވެ. އެ ޢާއިލާގެ ދެއްވަދޫ، ކޮނޑޭ، ވާދޫ، ތިނަދޫ އަދި އެނޫން ވެސް ރަށްރަށުގައި ތިބި ވަނަވަރުދަންނަ ފަރާތްތަކަށް ކުރިއްސުރެ އެނގި ލިޔެފައިވާ ވަނަވަރެކެވެ. މިއީ ފަހުގެމީހެއްގެ ދިރާސާއެއްގެ ލަފާކުރުމެއްގެ ފެންނަގޮތެއްގެ ވަނަވަރެއްނޫނެވެ. ދެއްވަދޫ، ކޮނޑޭ، ވާދޫ، ތިނަދޫ އަދި އެނޫން ރަށްރަށުގައި ވެސް ތިބި ބީފާނުގެ ޢާއިލާގެ ވަނަވަރުދަންނަ އެ ޢާއިލާގެފަރާތްތަކަށް ކުރިއްސުރެ އެނގި ލިޔެފައިވާ ވަނަވަރެކެވެ. 

ކަމެއްހިނގިގޮތަކީ ކޮބައިތޯ އެކަމަކަށް ރަނގަޅަށް ވިސްނުމެއްނެތި އެއާއި ގުޅުންހުރިކަމެއް ހާމަކުރާނަމަ، އެކަމެއް އޮޅިގެންދިޔުމަކީ ވަރަށްކައިރި ކަމެކެވެ. ވެދާނެކަމެކެވެ. އޮޅުމެއްއެރިނަމަ، އެކަމެއްވަނީ ވެސް އިންސާނުންނަށް ވީތީ އެވެ. މިކަމާއެކު އެފަރާތަކުން އެކަމަކާމެދު ދެކޭގޮތެއް ހާމަކުރުމަކީ ވެސް ބޭނުންތެރިކަމެކެވެ. ކުރަންވީ ރަނގަޅުކަމެކެވެ. އެއީ ބިނާކުރަނިވި ޢިލްމީ ބަޙުސަކަށް ހުޅުވޭ ދޮރެކެވެ. އެދޮރުން އެތެރެއަށް ވަދެވި، އޮޅުންބޮޅުން ފިލުވައިލެވިދާނެ ފައިދާކުރަނިވި ކަމެކެވެ. މިކަން އޮންނަންޖެހެނީ މިހެންނެވެ. 

ދިވެހިތާރީޚު ފޮތުގައި ލިޔެފައިވާ ދެއްވަދޫ ރަސްގެފާނުގެ އެއްބަނޑު ކަމަނާއާއި ގުޅުންހުރި ވާހަކަތަކެއް އަޅުގަނޑުލިޔުނު "އަބޫބަކުރު ފަނޑިޔާރު ތަކުރުފާނު"ގެ ލިޔުމުގައި ހުރުމުން އެބޭފުޅަކާމެދު، އެކި ބޭފުޅުން އެބޭފުޅުންގެ ހިތްޕުޅުގައި އުފެދިފައިވާ ސުވާލާއި އެހެނިހެން ކަންކަމުގެ ޝުޢޫރުތައް ފާޅުކުރައްވައި ކޮމެންޓްގެ ޢިލްމީބަޙުސެއް ކުރިޔަށްދާއިރު، ބައެއް ފަރާތްޕުޅުތަކުން އެބޭފުޅުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ވެސް ގެންދަވައެވެ. މި ޢިލްމީބަޙުސުގެ ބޮޑުބަޔަކަށްވެފައި އޮތީ ދެއްވަދޫ ރަސްގެފާނު އަވަހާރަވުމުން ދެއްވަދުއަށް އަރުވައިލެއްވިކަމަށް ދިވެހިތާރީޚު ފޮތުގައި ލިޔެފައިވާ "ދެއްވަދޫ ރަސްގެފާނުގެ އެއްބަނޑު ކަމަނާ"އެވެ. މިކަމަނާއާއި ގުޅުންހުރި ބައެއް ކަންކަމަށް ބައްލަވައި ބޭބޭފުޅުންގެ ޝުޢޫރު ފާޅުކުރައްވަމުން ގެންދަވަނީ އެބޭފުޅަކަށް ފެނިވަޑައިގަންނަވަން ހުރި ކަންކަމެއްގެ އަލީގައެވެ. އޭގައި އޮޅުންބޮޅުންތަކެއް ހުރިކަމަށް ފެނިވަޑައިގެން އެކަމެއް ފިލުވައިލެއްވުމަށެވެ. އޭގެ ރަނގަޅުގޮތަކީ ކޮބައިތޯ ބެއްލެވުމަށެވެ. މިއީ މިކަންވާންޖެހޭ ގޮތެވެ. އެހެންވެއްޖެނަމަ، އެއީ އުފެދެންޖެހޭ ސުވާލެވެ. ކަމެއްހިނގިގޮތަކީ ކޮބައިތޯ އެނގި، އެއާއިއެއްގޮތަށް އެކަމެއް ނިމިގެންދިޔުމަށްޓަކައި ޖަވާބު ބޭނުންވާ ސުވާލެވެ. 

ކަމެއްހިނގިގޮތަކީ ކޮބައިތޯ އެކަމަކަށް ރަނގަޅަށް ވިސްނުމެއްނެތި އެއާއި ގުޅުންހުރިކަމެއް ހާމަކުރާނަމަ، އެކަމެއް އޮޅިގެން ހިނގައިދާނެއެވެ. މުއައްރިޚު އުސްތާޛުލް މަރުޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީގެ ލިޔުއްވުމެއްގައިވާ މަޢުލޫމާތަށް ބިނާކުރައްވައި، އެއާއި ޙަވާލާދެއްވައި "ގދ.ވާދޫގެ އާސާރީ ހުކުރު މިސްކިތް" މި ސުރުޚީގެ ދަށުގައި އަލްފާޟިލާ ނަސީމާ މުޙައްމަދު "ހަވީރު" ނޫހުގައި ލިޔުއްވި ލިޔުއްވުމުގައި، "ދެއްވަދޫ ރައްޔިތުން ވާދޫ މިސްކިތާ ގުޅުނީ، ދެއްވަދޫ ރަސްގެފާނު އަވަހާރަވުމާ ވިދިގެން އެ ރަދުންގެ ބޮޑުދައިތާފުޅު ދޮންޛުލައިޚާ ކަނބުލޭގެފާނާއި އޭނާގެ ފިރިކަލުންނާ ބޭފުޅުން ދެއްވަދޫ އަށް ފޮނުވާލެއްވުމުންނެވެ." މިގޮތަށް ލިޔުއްވުމުން ދެއްވަދޫ ރަސްގެފާނު އަވަހާރަވުމުން ދެއްވަދުއަށް އަރުވައިލެއްވިކަމަށް ދިވެހިތާރީޚު ފޮތުގައި ލިޔެފައިވާ އެރަދުންގެ އެއްބަނޑު ކަމަނާއަކީ، އެރަދުންގެ ބޮޑުދައިތާފުޅު ދޮންދަލޭކަ ކަނބުލޭގެފާނު ކަމަށް، ނުވަތަ ދެއްވަދޫ ރަސްގެފާނު އަވަހާރަވުމުން ދެއްވަދުއަށް އަރުވައިލެއްވިކަމަށް ދިވެހިތާރީޚު ފޮތުގައި ލިޔެފައިވާ އެރަދުންގެ އެއްބަނޑު ކަމަނާ ދެއްވަދުއަށް އަރުވައިނުލައްވާކަމަށް ބައެއް ބޭފުޅުންނަށް މާނަކުރެއްވި، އެކަން އޮޅުމެއްގެތެރެއަށް ގޮސް މަޝްހޫރު ދިވެހި މުއައްރިޚު އުސްތާޛުލް މަރުޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީ ދެކިވަޑައިގަންނަވާ ގޮތުގައި ވެސް ދެއްވަދޫ ރަސްގެފާނު އަވަހާރަވުމުން ދެއްވަދުއަށް އަރުވައިލެއްވިކަމަށް ދިވެހިތާރީޚު ފޮތުގައި ލިޔެފައިވާ ކަމަނާއަކީ، އެ ރަސްގެފާނުގެ ބޮޑު ދައިތާފުޅު ދޮންދަލޭކަ ކަނބުލޭގެފާނު ކަމަށް ބައެއް ބޭފުޅުންނަށް ބެއްލެވުނުކަމީ ދެރަކަމެކެވެ.

ދެއްވަދޫ ރަސްގެފާނު އަވަހާރަވުމުން އެރަދުންގެ އެއްބަނޑު ކަމަނާއާއި، ފިރިކަލުން އިބްރާހީމް ފާމުލަދޭރި ތަކުރުފާނާއި، ދަރިކަލުން ޢަލިޚަޠީބު ވެސް ދެއްވަދުއަށް އަރުވައިލެއްވިއިރު ފާމުލަދޭރި ތަކުރުފާނުގެ މަންމަ ބީފާނާއި، އޭނާގެ މަންމަ ދެއްވަދޫ ރަސްގެފާނުގެ ބައްޕާފުޅު އަލްޙާއްޖު ޢަލީ ތުއްކަލާ އާއި އެއްބަނޑު ދޮންދަލޭކަ ކަނބުލޭގެފާނު ވެސް އެބޭފުޅުންނާއި އެކީ ދެއްވަދުއަށް ފޮނުވައިލެއްވުމަކީ ވެދާނެކަމެކެވެ.  އަދި އެކަމަކީ، މަޝްހޫރު މުއައްރިޚު އުސްތާޛުލް މަރުޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީގެ ކޮންމެވެސް ދިރާސާއަކުން އެމަނިކުފާނަށް އެނގިވަޑައިގެންފައި އޮވެދާނެ ކަމެކެވެ. އެއީ ނުވާނެކަމެއް ނޫނެވެ. މިހެނީ، އުސްތާޛުލް މަރުޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީއަކީ، މިހާތަނަށް ދިވެހިރާއްޖެ ދުށް އެންމެ ފުންނާބު އުސް ތާރީޚީ ޢިލްމުވެރިޔާ ކަމަށް އަޅުގަނޑުދެކެމެވެ. ތާރީޚީ ހޯއްދެވުންތަކާއި، އެ ތަންތާނގައި އާބާދީއެއް އުޅެފައި ވުމުގެ އެއްވެސް ނިޝާނެއް ކަމެއް ހުރިތޯ ފަދަ ޢިލްމީ ދިރާސާތައް ކުރެއްވުމުގެ ބޭނުންފުޅުގައި ދިވެހި ކަނޑުތަކުގެ ސަތަޙައިން މައްޗަށް ކިރިޔަކިރިޔާ ހިކޭ ފަހަރު އަންނަ ފިނޮޅެއް، ފަޅުރަށެއް،  މީހުންއުޅޭ ރަށެއް ވިޔަސް އެ ހުރިހާ ހިކިފަސް ތަނަކަށް ޒިޔާރަތް ކުރެއްވި ހަމައެކަނި ބޭފުޅެއްކަމަށް އަޅުގަނޑަށް އެނގިފައިވާ ބޭފުޅަކީ ވެސް އެއީއެވެ. 

ދެއްވަދޫ ރަސްގެފާނު އަވަހާރަވުމުން އެރަދުންގެ ބޮޑުދައިތާފުޅު އަލްޙާއްޖު ޢަލީ ތުއްކަލާ އާއި އެއްބަނޑު ދޮންދަލޭކަ ކަނބުލޭގެފާނު ވެސް ދެއްވަދުއަށް ފޮނުވައިލެއްވިކަމަށް އުސްތާޛުލްމަރުޙޫމް ލިޔުއްވައިފައިވުމަކީ ދިވެހިތާރީޚު ފޮތުގައި ލިޔެ ބަޔާންކޮށްފައިވާ ދެއްވަދޫ ރަސްގެފާނުގެ އެއްބަނޑު ކަމަނާ ދެއްވަދުއަށް އަރުވައިލެއްވުމުން ބަރީއަވެގެންދާ ކަމެއްނޫނެވެ. އެއީ  އެކަމަނާ ދެއްވަދުއަށް އަރުވައިނުލެއްވުމެއް ނޫނެވެ. އެއީ ދިވެހިތާރީޚު ފޮތުގައި ލިޔެފައިވާ ދެއްވަދޫ ރަސްގެފާނާއި އެއްބަނޑުކަމަނާއަކީ، ދެއްވަދޫ ރަސްގެފާނުގެ ބޮޑުދައިތާފުޅު ދޮންދަލޭކަ ކަނބުލޭގެފާނު ކަމަށް އުސްތާޛުލް މަރުޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީ ދެކިވަޑައިގަތުމެއް ވެސް ނޫނެވެ. މިނުކުތާ ހަނދުމަފުޅު ބެހެއްޓެވުން ކީއްތޯއެވެ.

ދެއްވަދޫ ރަސްގެފާނު އަވަހާރަވުމުން ދެއްވަދުއަށް އަރުވައިލެއް ބޭފުޅުންނާއި އަދި އެނޫން ބައެއް ބޭފުޅުން ދެއްވަދުއަށް ފޮނުވައިލެއްވުމުން ދެއްވަދޫ ރަސްގެފާނުގެ ބޮޑުދައިތާފުޅު އަލްޙާއްޖު ޢަލީ ތުއްކަލާ އާއި އެއްބަނޑު ދޮންދަލޭކަ ކަނބުލޭގެފާނުގެ ދަރިކޮޅު ދެއްވަދޫގައި ގިނަވެ، ދެއްވަދޫގެ ރައްޔިތުންނަށްވެ، އެ ރައްޔިތުން ވާދޫ މިސްކިތުގެ ތައުލިޔަ މޫލަވެރިކަމާ ގުޅުނެވެ. އެހެންވާން ޖެހުނީ، ދެއްވަދޫ ރަސްގެފާނުގެ ބޮޑުދައިތާފުޅު އަލްޙާއްޖު ޢަލީ ތުއްކަލާ އާއި އެއްބަނޑު ދޮންދަލޭކަ ކަނބުލޭގެފާނުގެ ދަރިކަނބަލުން ބީފާނުގެ ދަރިކަލުން އިބްރާހީމް ފާމުލަދޭރި ތަކުރުފާނު ކައިވެނިކުރައްވައިގެން ހުންނެވި ބޭފުޅަކީ، ދެއްވަދޫ ރަސްގެފާނު އަވަހާރަވުމުން ދެއްވަދުއަށް އަރުވައިލެއްވިކަމަށް ދިވެހިތާރީޚު ފޮތުގައި ލިޔެފައިވާ އެރަދުންގެ އެއްބަނޑުކަމަނާއަށް ވުމުން މިދެމަފިރިކަނބަލުންގެ ދަރިކޮޅު ދެއްވަދޫގައި ގިނަވެ، އެބައިމީހުން ދެއްވަދޫގެ ރައްޔިތުންނަށްވެ، އެހިސާބުން އެ ރައްޔިތުން ވާދޫ މިސްކިތުގެ ތައުލިޔަ މޫލަވެރިކަމާ ގުޅުނީމައެވެ. މިއީ ކަށަވަރުކަމެކެވެ. މިއީ ދިވެހިމުއައްރިޚު އުސްތާޛުލްމަރުޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީއަށް ރަނގަޅަށް އެނގިވަޑައިގެންފައި އޮންނާނެ ކަމެކެވެ.

އަޅުގަނޑުލިޔުނު "އަބޫބަކުރު ފަނޑިޔާރު ތަކުރުފާނު" ލިޔުމުގެ ތިރީގައިއެވާ ޢިބާރާތް ބައްލވައިލެއްވުން އެދެމެވެ. 

"ދެއްވަދޫ ރަސްގެފާނުންގެ އެއްބަޑު ކަމަނާކަމަށް (ށ)ގައި އެވާ ކަމަނާއަކީ، ތިރީގެ (ބ)ގައި ލިޔެފައިވާ [ކުރަމަތީ އަބޫބަކުރު ފަޑިޔާރު ކަލޭގެފާނުންގެ ކޮއްދުނާއި ކިހުނުފަން ދެއްވަދޫ އައްސުލްޠާނުލް ޤާޟީ މުޙައްމަދު މަހާރަދުނާއި އެއްކިހުނުފަން] ދޮން ދަލޭކަ ކަނބުލޭގެފާނެވެ. އަދި (ށ)ގައި [ރަސްގެފާނުންގެ އެއްބަޑު ކަމަނާޔަށާއި އެކަމަނާގެދަރިކަލުން ޢަލިޚަޠީބު ތަކުރުފާނުންނާއި އެކަމަނާގެފިރި އިބްރާހީމް ފާމުލަދޭރި ތަކުރުފާނަށާއި ރަސްގެފާނުން ކޯފާ އިސްވާނޭ ވާހަކައެއްދައްކައި އެމީހުން ރަދުންއަރިއަހަށް ނުވަނުމަށް އަމުރުކުރެއްވިޔެވެ.] ބުނެފައިވާ އިބްރާހީމް ފާމުލަދޭރި ތަކުރުފާނަކީ (ހ)ގައި ބުނާ [އެރަދުންގެ ބޮޑުދައިތާފުޅުގެ އަންހެންދަރިޔެއްގެ ފިރިހެންދަރިއަކަށް ފާމުލަދޭރިކަން ދެއްވިޔެވެ. މީނާޔަށް އިބްރާހީމް ފާމުލަދޭރި ތަކުރުފާނެވެ ކިޔަތެވެ.] އެބުނެވޭ އިބްރާހީމް ފާމުލަދޭރި ތަކުރުފާނެވެ. މިއީ ދެއްވަދޫ ރަސްގެފާނުގެ ބައްޕާފުޅާއި އެއްބަނޑު ދޮންދަލޭކަ ކަނބުލޭގެފާނުގެ އަންހެންބޭފުޅެއްގެ ދަރިކަލެކެވެ. މީނާ ކައިވެނިކުރައްވަނީ ތިރީގެ (ބ)ގައި ބުނާ ކުރަމަތީ އަބޫބަކުރު ފަޑިޔާރު ކަލޭގެފާނުންގެ ކޮއްދުނާއި ކިހުނުފަން ދެއްވަދޫ އައްސުލްޠާނުލް ޤާޟީ މުޙައްމަދު މަހާރަދުނާއި އެއްކިހުނުފަން ދޮންދަލޭކަ ކަނބުލޭގެފާނާ އެވެ. އެހެންވުމުން އިބްރާހީމް ފާމުލަދޭރި ތަކުރުފާނު ކައިވެނިކުރައްވާފައި ވަނީ އޭނާގެ މަންމައާއި ދެބެންގެދެދަރި ދޮންދަލޭކަ ކަނބުލޭގެފާނާ އެވެ."

މަތީގައިވާ ޢިބާރާތަށް ވިސްނައިވަޑައިގެންނެވުނު ނަމަ، ދެއްވަދޫ ރަސްގެފާނުގެ ބޮޑުދައިތާފުޅު އަލްޙާއްޖު ޢަލީ ތުއްކަލާ އާއި އެއްބަނޑު ދޮންދަލޭކަ ކަނބުލޭގެފާނުގެ ދަރިކަނބަލުން ބީފާނުގެ ދަރިކަލުން އިބްރާހީމް ފާމުލަދޭރި ތަކުރުފާނު ކައިވެނިކުރައްވައިގެން ހުންނެވި ބޭފުޅަކީ، ދެއްވަދޫ ރަސްގެފާނު އަވަހާރަވުމުން ދެއްވަދުއަށް އަރުވައިލެއްވިކަމަށް ދިވެހިތާރީޚު ފޮތުގައި ލިޔެފައިވާ އެރަދުންގެ އެއްބަނޑުކަމަނާއަށް ވުމުން މިދެމަފިރިކަނބަލުންގެ ދަރިކޮޅު ދެއްވަދޫގައި އޮތުން އެކަށީގެންވާ ކަމާއި، އެހެންވެއްޖެނަމަ ވެސް  އަލްޙާއްޖު ޢަލީ ތުއްކަލާ އާއި އެއްބަނޑު ދޮންދަލޭކަ ކަނބުލޭގެފާނުގެ ދަރިކޮޅު ދެއްވަދޫގައި ގިނަވެ، އެބައިމީހުން ދެއްވަދޫގެ ރައްޔިތުންނަށްވެ، އެ ރައްޔިތުން ވާދޫ މިސްކިތުގެ ތައުލިޔަ މޫލަވެރިކަމާ ގުޅުމަކީ ނުވާނެކަމެއް ނޫންކަމަށް ވިސްނުންފުޅަށް ގެންނެވުނީސް ނޫންތޯއެވެ. 

މަޝްހޫރު ދިވެހި މުއައްރިޚު އުސްތާޛުލް މަރުޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީއާއި، ދިވެހި ތާރީޚީ މަޢުލޫމާތުގެ ފުންނާބު އުސް ބޭފުޅެއްކަމަށްވާ އަލްފާޟިލާ ނަސީމާ މުޙައްމަދުގެ ނަންފުޅު، މިކަހަލަކަމެއްގެ ތެރެއަށް ބައެއް ބޭފުޅުން ގެންނަވާކަމީ، ދެރަ ކަމެކެވެ. ދެއްވަދޫ ރަސްގެފާނު އަވަހާރަވުމުން ދެއްވަދުއަށް އަރުވައިލެއްވިކަމަށް ދިވެހިތާރީޚު ފޮތުގައި ލިޔެފައިވާ ކަމަނާއަކީ، އެ ރަސްގެފާނުގެ ބޮޑު ދައިތާފުޅު ދޮންދަލޭކަ ކަނބުލޭގެފާނު ކަމަށް، އޭގެ އެއްވެސް ބޭފުޅަކު އެއްވެސް ލިޔުއްވުމެއްގައި ލިޔުއްވައިފައި ނެތެވެ. އެއީ އެހެންވާނޭ ކަމެއް ނޫނެވެ. އަދި އެއްވެސް ބޭފުޅަކަށް އެގޮތަށް ކުރެއްވޭނޭ ކަމެއް ވެސް ނޫނެވެ.

އަޅުގަނޑު ލިޔާ ލިޔުމަކާގުޅިގެން އުސްތާޛުލް މަރުޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީގެ ލިޔުއްވުމެއްގެ ޙަވާލާއެއް އައިސް، އެ ޙަވާލާއެއްގައި އޮޅުމެއްވާކަން އަޅުގަނޑަށް އެނގޭނަމަ، އަޅުގަނޑަށްވީވަރަކުން އެ އޮޅުމެއްފިލުވައިލައި ތާރީޚީ ރާސްތާ ސީދާކޮށްދެވޭތޯ ބެލުމަކީ ބައެއް ބޭފުޅުން ވިދާޅުވާގޮތަށް އަޅުގަނޑު ވެސް ކުރަންޖެހޭނޭ ކަމެކެވެ. އެއީ އެމަނިކުފާނާއި އަޅުގަނޑާ ގުޅުންތަކެއް އޮތުމަކުން ކުރަންޖެހޭ ކަމެއްނޫނެވެ. މިހެނީ އެމަނިކުފާނަކީ ޤަލަމަށް ތެދުވެރި ބޭފުޅަކަށްވާއިރު، އެކަމެއް ހިނގިގޮތްކަމަށް އެމަނިކުފާނަށް އެނގިވަޑައިގެންނެވި ގޮތަކަށް ނޫނީ އެކަމެއް ނުލިޔުއްވާނެއެވެ. ލިޔުއްވުމެއްގެއޮޅުމެއް އޮތްކަމަށް ފަހުން ވިޔަސް އެނގިވަޑައިގެންފިނަމަ، އެކަމެއް އަވަހަށް އިޞްލާޙުކުރައްވާނެއެވެ. އަދި އެފަދަ އޮޅުމެއްވާނަމަ އެކަމެއް އެމަނިކުފާނަށް ދެންނެވުމަށް ވެސް އެދިވަޑައިގެންފައި އޮވެއެވެ. މިއީ އަޅުގަނޑަށް ރަނގަޅަށް އެނގިފައިއޮންނަ ކަމެކެވެ. މިހެންވީއިރު މިއަދު އެއީ މަރުޙޫމް ބޭފުޅަކަށްވުމުން އެމަނިކުފާނުގެ ލިޔުއްވުންތަކުގައި އޮޅުމެއް ހުރިކަން އެނގޭނަމަ އެކަމެއް ރަނގަޅުކުރަން ތިބޭނީ އެމަނިކުފާނަށާއި ދިވެހިތާރީޚަށް ހެޔޮއެދޭބަޔެއް ތިބިނަމަ އެބަޔެއްކަމަށް ވެސް އަޅުގަނޑު ދެކެމެވެ. 


އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ލިޔުއްވި "ތަންޤީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު" މިފޮތުގެ 204ވަނަ ޞ. ބައްލަވައިލެއްވުން އެދެމެވެ. ދެއްވަދޫ ރަސްގެފާނު އަވަހާރަވުމުގެތެރޭ ހިނގި ކަންކަމެއްގެ ވާހަކައިގެތެރޭ އެމަނިކުފާނު ލިޔުއްވައިފައިވަނީ  "ރަދުންގެ ދައިތާފުޅާއި، އޭނާގެ ބޭފުޅުން ހުވަދުއަތޮޅު ދެއްވަދުވަށް އަރުވައިލިއެވެ." އަލްއަމީރު މުޙައްމަދު އަމީން ލިޔުއްވަނީ "ރަދުންގެ ދައިތާފުޅު" ކަމަށެވެ. "ބޮޑުދައިތާފުޅު" ކަމަށް ނޫނެވެ. "ދައިތާފުޅު" ލިޔުއްވީ ރަސްކަލަކާ އެއްބަނޑުއެއްބަފާ، ނުވަތަ އެއްބަނޑު، ނުވަތަ އެއްބަފާގައި އިންނެވި އެރަސްގެފާނަށް ވުރެ ދޮށީ އަންހެންބޭފުޅެއް ނަމަ، އެބޭފުޅެއްގެ ނަންފުޅު ލިޔުއްވަންވީ ގޮތަށެވެ. "މާތް" ގޮތަށެވެ. އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ފަދަ ދިވެހިބަހާއި އަދަބުގެ ފުންނާބު އުސް ބޭފުޅެއްގެ ލިޔުއްވުމެއް ނެތް ނަމަވެސް ދިވެހި ބަހުގައި ބޭނުންކުރާ އުޞޫލުތަކަށް އަޅުގަނޑުމެން ވިސްނައިލި ނަމަވެސް މީހަކާއި އެއްބަނޑުއެއްބަފާ، ނުވަތަ އެއްބަނޑު، ނުވަތަ އެއްބަފާ ދައިތައަށް އެމީހެއްގެ ބޮޑުދައިތަ ނުކިޔާނެނޫންތޯއެވެ. 

މިހެންވީމާ، ދެއްވަދޫ ރަސްގެފާނު އަވަހާރަވުމުން ދެއްވަދުއަށް އަރުވައިލެއްވި އެރަސްގެފާނާއި އެއްބަނޑު ކަމަނާއަކީ އަޅުގަނޑުމެން ވިސްނައިލިނަމަ ވެސް އޮޅިގެންނުދާނޭ ބޭފުޅެއް ނޫންތޯއެވެ. މިހެނީ، ކުރިއްސުރެ ލިޔެވިފައިވާ އެކަމަނާގެ ދަރިކޮޅުގެ ވަނަވަރާއި، އެކަމަނާއާއި ގުޅޭ ތާރީޚީ އެކިއެކި މަޢުލޫމާތު ފިޔަވައި، ދިވެހިތާރީޚު ފޮތާއި، މާލޭ ހުކުރުމިސްކިތް ފޮތުގެ އެންމެ މަހާނަގަލަކުން ވެސް އެކަމަނާ އެނގެން އެވަނީ ނޫންތޯއެވެ. 

ދެއްވަދޫ ރަސްގެފާނު އަވަހާރަވުމުން ދެއްވަދުއަށް އަރުވައިލެއްވިކަމަށް ދިވެހިތާރީޚު ފޮތުގައި ލިޔެފައިވާ ދެއްވަދޫ ރަސްގެފާނާއި "އެއްބަނޑު ކަމަނާ"އަކީ،  އެރަދުންނަށް ވުރެ ދޮށިފުޅު ބޭފުޅެކެވެ. އެއީ ދެއްވަދޫ ރަސްގެފާނުގެ "ދައިތާ" އެވެ. އަލްއަމީރު މުޙައްމަދު އަމީންގެ ލިޔުއްވުމުގައި ދެއްވަދޫ ރަސްގެފާނުގެ "ދައިތާފުޅު" ލިޔުއްވަނީ އެހެންވީމައެވެ. ދެއްވަދޫ ރަސްގެފާނު އަވަހާރަވުމުން ދެއްވަދުއަށް އަރުވައިލެއްވިކަމަށް ދިވެހިތާރީޚު ފޮތުގައި ލިޔެފައިވާ ދެއްވަދޫ ރަސްގެފާނާއި "އެއްބަނޑު ކަމަނާ"އަކީ،  އެރަދުންނަށް ވުރެ ދޮށިފުޅު އެރަދުންނާއި "އެއްބަނޑު" "ދައިތާ" ކަމަށާއި، އެއީ އެރަދުންގެ "ބޮޑުދައިތާފުޅު" ދޮންދަލޭކަ ކަނބުލޭގެފާނު ނޫންކަމަށް އެކިލެގެފާނާއި އެކިލެގެފާނަށް އެފޮތް ލިޔުއްވުމުގައި އެހީތެރިވެވަޑައިގެންނެވި ތާރީޚު ޢިލްމުވެރިންނަށް ރަނގަޅަށް އެނގިވަޑައިގެން އެގޮތަށް ލިޔުއްވީއެވެ. ދެއްވަދޫ ރަސްގެފާނާއި "އެއްބަނޑު ކަމަނާ"އަކީ،  އެރަދުންނަށް ވުރެ ދޮށިފުޅު ބޭފުޅެއްކަން މިލިޔުމުގެ 2 ވަނަ ބައިން އެނގިވަޑައިގަންނަވާނެއެވެ. 
  
މީހަކާއި އެއްބަނޑުއެއްބަފާ، ނުވަތަ އެއްބަނޑު، ނުވަތަ އެއްބަފާ އަންހެނަކީ އެމީހަކަށްވުރެ ދޮށީ މީހެއްނަމަ، އެމީހަކަށް ކިޔަންޖެހެނީ އަދި ލިޔަންޖެހެނީ ވެސް "ދައިތަ" ނޫނީ "ދައިތާފުޅު" މިހެންނެވެ. "ބޮޑުދައިތަ" ނޫނީ "ބޮޑުދައިތާފުޅު" ނޫނެވެ. މީހެއްގެ ބައްޕައާއި ނޫނީ މަންމައާއި އެއްބަނޑުއެއްބަފާ، ނުވަތަ އެއްބަނޑު، ނުވަތަ އެއްބަފާ އަންހެނަކީ އެމީހަކަށް ވުރެ ދޮށީ މީހެއްނަމަ، އެމީހަކަށް ކިޔަންޖެހެނީ އަދި ލިޔަންޖެހެނީ ވެސް "ބޮޑުދައިތަ" ނޫނީ "ބޮޑުދައިތާފުޅު" މިހެންނެވެ. "ދައިތަ" ނޫނީ "ދައިތާފުޅު"އެއް ނޫނެވެ. 

އަޅުގަނޑު ލިޔުނު "އަބޫބަކުރު ފަނޑިޔާރު ތަކުރުފާނު" ލިޔުމަށް ބައެއް ބޭބޭފުޅުންކުރެއްވި ސުވާލުގެ ކޮމެންޓަށް ބަލާއިރު، އުފެދިފައިވާ ބައެއް ސުވާލުތަކަށް ބައެއް ބޭބޭފުޅުންގެ ކޮމެންޓްތަކުން ރަނގަޅު ޖަވާބުދެއްވައިފައި ވެސް އެބަ ހުއްޓެވެ. ނަމަވެސް ބައެއް ސުވާލުތަކަށް އަޅުގަނޑުގެޖަވާބެއް ވެސް ބައެއް ބޭފުޅުން ބޭނުންފުޅުވާކަމަށް އެބަފެނެއެވެ. އެއީ، އެބޭފުޅުން ކޮމެންޓްކުރައްވަނީ އަޅުގަނޑު ލިޔެފައިވާ ލިޔުމެއްގައި ހުރި މަޢުލޫމާތަކާ ގުޅިގެންކަމަށްވުމުން ވެދާނެ އެވެ. ނޫނީ ދެއްވަދޫ ގަނޑުވަރުގެ ޢާއިލާއާއި ގުޅުންހުރި އެންމެގިނަ މަޢުލޫމާތާއި ވަނަވަރުތައް ލިޔެފައިވާ ވާދޫ "ގައްދަނޑުގޭ" ބޭނުންތެރިފޮތްތައް ނެތިދިޔަ ގޮތަކުން ނެތިދިޔުމަށްފަހު، ދެން އެފަދަ މަޢުލޫމާތްތަކެއް ހުރިނަމަ ހުރިވަރެއްގައި ހުރުން އެކަށީގެންވާ އެއްފަރާތަކީ ތިނަދޫ ޖަނަވަރީގޭ އަލްމަރުޙޫމް ޙަސަން ޙިލްމީއަށް ވުމުން، އޭނާގެ ބައެއް މަޢުލޫމާތުގެ ލިޔުންތަކާއި ޢާއިލީ ވަނަވަރުތައް އަޅުގަނޑާއި ހަމައިގައި ހުރެދާނެކަމަށް އެބޭފުޅުން ދެކެވަޑައިގަތުން ކަމަށް ވެސް ވެދާނެއެވެ.

"އަބޫބަކުރު ފަނޑިޔާރު ތަކުރުފާނު"ގެ ލިޔުމުގެ ބައެއް ކަންކަމަށް ބައެއް ބޭފުޅުން ކުރައްވައިފައިވާ ކޮމެންޓަށް ބަލާއިރު، އެލިޔުމުގައި އަޅުގަނޑު ބަޔާންކޮށްދީފައި ހުރި ވަނަވަރުތަކާއި ބައެއް ކަންކަން ވެސް  އޮޅުންބޮޅުމެއްގެ ތެރެއަށް ހިނގައިދާނެކަމަށް ފާހަގަކުރެއްވިގެން  އަބޫބަކުރު ފަނޑިޔާރު ތަކުރުފާނުގެ ޢާއިލާގެ ނުވަތަ ދަރިކޮޅުގެ ގިނަ ކަންކަމާއި ވަނަވަރުތައް ވެސް އެނގިވަޑައިގަންނަވާ ބައެއް ބޭފުޅުން އަޅުގަނޑާ ގުޅުއްވައެވެ. މިބޭފުޅުން ބޭނުންފުޅުވަނީ، އަލްމަރުޙޫމް ޙަސަން ޙިލްމީ ލިޔުއްވައިފައިވާ ލިޔުއްވުންތަކާއި ވަނަވަރުތަކާއި އަދި ދައްޗެއްނެތި ގިނަ ބޭބޭފުޅުންނަށް ފެނިވަޑައިގަންނަވާ ހިސާބުގައި އޮތް ދިވެހިތާރީޚު ފޮތާއި ބައެއް އެހެނިހެން ލިޔުންތަކުން ވެސް އެނގެންހުރި ކަންކަމުގެއަލީގައި "އަބޫބަކުރު ފަނޑިޔާރު ތަކުރުފާނު" ލިޔުމުގައި ބައެއް ބޭފުޅުން އުފައްދަވާފައިވާ ސުވާލުތަކަށް ޖަވާބެއް އެރުވުމަށެވެ. އަޅުގަނޑުގެ އިތުރު ލިޔުމަކުން އެކަންކަން ހާމަކޮށްލަދިނުމަށެވެ.

އަޅުގަނޑު ލިޔަމުންދާ ސިލްސިލާ "އިސްދޫ ދަރިކޮޅުން މުޡުހިރުއްދީން ރަސްގެފާނުގެ ޢާއިލާ" ގެ ބޮޑުބަޔަކީ، "އަބޫބަކުރު ފަނޑިޔާރު ތަކުރުފާނު" ގެ ވެސް ޢާއިލާ ނުވަތަ ދަރިކޮޅުގެ ބަޔެކެވެ. ދެއްވަދޫ ރަސްގެފާނުގެ "ބޮޑުދައިތާފުޅު" ދޮންދަލޭކަ ކަނބުލޭގެފާނުގެ ވެސް ޢާއިލާ ނުވަތަ ދަރިކޮޅުގެ ބަޔެކެވެ. ދެއްވަދޫ ރަސްގެފާނު އަވަހާރަވުމުން ދެއްވަދުއަށް އަރުވައިލެއްވި އެރަދުންގެ "އެއްބަނޑު ކަމަނާ" ނުވަތަ އެރަދުންގެ "ދައިތާފުޅު"ގެ ވެސް ޢާއިލާ ނުވަތަ ދަރިކޮޅުގެ ބަޔެކެވެ. މިކަންކަން އޮތީ މިހެންކަން އެނގޭނޭ ބައެއް ކަންކަމާއި ބައެއް ލިޔުންތަކުގެ އަލީގައި ކުރިއަށް ހުރި މިލިޔުމުގެ ބައިތައް ގެނެސްދެވޭތޯ މަސައްކަތް ކުރާނަމެވެ.

ކުރިން ވެސް ދެންނެވިހެން ކަމެއް އޮޅިގެންދިޔުމަކީ ކައިރި ކަމެކެވެ. އެއީ ވެދާނެކަމެކެވެ. އޮޅުމެއްއެރިނަމަ، އެކަމެއްވަނީ ވެސް އިންސާނުންނަށް ވީތީ އެވެ. އަދި އެކަމެއްގައި އެބޭފުޅަކު ދެކެވަޑައިގަންނަވާ ގޮތެއް ހާމަކުރެއްވުމަކީ ވެސް ރަނގަޅުކަމެކެވެ. ހެޔޮނިޔަތުގައި ތާރީޚީ އޮޅުންބޮޅުންތައް ފިލުވައިލެއްވުމުގެ ބޭނުންފުޅުގައެވެ. އެއީ ބިނާކުރަނިވި ޢިލްމީ ބަޙުސަކަށް ހުޅުވޭ ދޮރެކެވެ. އެދޮރުން އެތެރެއަށް ވަދެވި، އޮޅުންބޮޅުން ފިލުވައިލެވިދާނެ ފައިދާކުރަނިވި ކަމެކެވެ. މިކަން އޮތީ މިހެންނެވެ.  

ދެއްވަދޫ ރަސްގެފާނު އަވަހާރަވުމުން ދެއްވަދުއަށް އަރުވައިލެއްވިކަމަށް ދިވެހިތާރީޚު ފޮތުގައިވަނީ ދެއްވަދޫ ރަދުންގެ އެއްބަނޑު ކަމަނާއެވެ. ތަންޤީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު ފޮތުގައިލިޔެފައިވަނީ އެރަދުންގެ ދައިތާފުޅެވެ. މިއީ އެއް ބޭފުޅެކެވެ. ދެއްވަދޫ ރަސްގެފާނު އަވަހާރަވުމުން އެފަހަރު ދެއްވަދުއަށް ފޮނުވައިލެއްވި ކަމަށް އުސްތާޛުލް މަރުޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވައިފައިވަނީ އެރަދުންގެ ބޮޑު ދައިތާފުޅު ދޮންދަލޭކަ ކަނބުލޭގެފާނެވެ. އެއް ބޭފުޅަކު އަރުވާލެއްވީއެވެ. އަނެއް ބޭފުޅެއް ފޮނުވާލެއްވީއެވެ. "އަރުވާލި" އަދި "ފޮނުވާލި" މިއީ ތަފާތު ދެ ބަހަކުން އަންގައިދޭ ތަފާތު ދެ ކަމެއްނޫންތޯއެވެ. އެދުވަސްވަރުގެ ސިޔާސީ ކަންކަމާއި ގުޅިގެން މަތީ ފެންވަރުގެ ބޭބޭފުޅުން މާލޭގައި ބައިތިއްބެވުމަށް ބޭނުންފުޅުނުވުމުން ވިޔަސް އެބޭފުޅުން އަރުވައިލައްވަނީ އެބޭފުޅުންގެ ޢާއިލީ ރަށަކަށް ކަމަށް ތާރީޚުން އެނގެއެވެ. މިގޮތަށްބެލިކަމަށް ވިޔަސް ދެއްވަދޫ ރަސްގެފާނު އަވަހާރަވުމުން ދެއްވަދޫ ރަސްގެފާނުގެ ބޮޑު ދައިތާފުޅު ދޮންދަލޭކަ ކަނބުލޭގެފާނު ދެއްވަދުއަށް އަރުވައިލެއްވުމުގެ ސަބަބެއްނެތެވެ. އެކަމަނާއާއި ދެއްވަދުއާއި ހުރި ގުޅުމެއްނެތެވެ. އެކަމަނާގެ ބައްޕައަކީ މާތޮޑާގެ ބޭފުޅެކެވެ. މަންމައަކީ ވާދޫގެ ބޭފުޅެކެވެ. 


ދެއްވަދޫ ރަސްގެފާނު އަވަހާރަވުމާ ގުޅިގެން ދެއްވަދޫއަށް އަރުވައިލެއްވި ބޭފުޅުންނަށް ބަލާއިރު އިސްކަން ދެއްވައިފައި އެވަނީ، ދެއްވަދޫ ރަސްގެފާނާއި ކަށަވަރުން "އެއްބަނޑުން އުފަން" ބޭފުޅަކަށެވެ. ނުވަތަ އަބޫބަކުރު ފަނޑިޔާރު ތަކުރުފާނަށް މާފަ ވިދާޅުވާ ބޭފުޅަކަށެވެ. އެބޭފުޅުން ދެއްވަދުއަށް އަރުވައިލެއްވީ ދެއްވަދޫއަކީ އެބޭފުޅުންގެ ޢާއިލީ ރަށަކަށްވުމުންނެވެ. މިދެންނެވި އެއްޗަކަށް ބާރު ލިބިދޭ ކަމަކީ، ޢަލީ ވެލާނާތަކުރުފާނު "މިބޭފުޅުން ދެއްވަދޫއަށް އަރުވައިލައްވަހަރޭ" މިއަމުރުފުޅު ނެރުއްވީ ދެއްވަދޫ ރަސްގެފާނު ފުރައުއްތަވީކަން އެންގެވުމެއް ނެތި އެރަދުންގެ އަމުރުފުޅެއްގެ ގޮތުގައިނަމަ، އެ އަމުރުފުޅުގައި ހުންނާނީ ވެސް އެބޭފުޅުންގެ ރަށަށް "ދެއްވަދޫ" އަށް އެބޭފުޅުން އަރުވައިލެއްވުމުގެ ރޫޙެވެ. މިނޫން ރޫޙެއް ދެއްވަދޫ ރަސްގެފާނުގެ އެހާ ގާތް ބޭފުޅުންކޮޅަކާ މެދު އެރަދުން ނުގެންގުޅުއްވާނެ ކަމަށް އެދުވަސްވަރުގެ އެންމެންވެސް ޤަބޫލުކުރާނެއެވެ.

ދެއްވަދޫ ރަސްގެފާނު އަވަހާރަވުމުން އެފަހަރު އެރަދުންގެ ބޮޑުދައިތާފުޅު ދޮންދަލޭކަ ކަނބުލޭގެފާނު ދެއްވަދުއަށް ފޮނުވައިލެއްވުމުގެ ފަހުން ކަންކަން ހިނގައިދިޔަ އެއްވެސް ގޮތެއް ތިނަދޫ ޖަނަވަރީގޭ އަލްމަރުޙޫމް ޙަސަން ޙިލްމީ ލިޔުއްވައިފައި ވާތީ ނުދެކެމެވެ. އޭނާއަކީ ދެއްވަދޫ ރަސްގެފާނުގެ "އެއްބަނޑު ކަމަނާ" ދެއްވަދުއަށް އަރުވައިލެއްވުމުގެ އަމުރުފުޅުކުރެއްވި ޢަލީ ވެލާނާ ތަކުރުފާނާއި، ދެއްވަދޫ ރަސްގެފާނުގެ "އެއްބަނޑު ކަމަނާ" އާއި އަދި ދެއްވަދޫ ރަސްގެފާނުގެ "ބޮޑުދައިތާފުޅު ދޮންދަލޭކަ ކަނބުލޭގެފާނު" އާއި 3 ބޭފުޅުންގެ ވެސް ޢާއިލާގެ ފަރާތަކަށް ވުމުން ދެއްވަދޫ ރަސްގެފާނު އަވަހާރަވުމުގެ ފަހުން ބައެއް ކަންކަން ވިޔަސް ހިނގައިދިޔަ ގޮތެއްގެ މަޢުލޫމާތުތަކެއް އެފަރާތުގައި ހުރުމަކީ ވެދާނެކަމެކެވެ. މަޝްހޫރު މުއައްރިޚު އުސްތާޛުލް މަރުޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީ އަކީ ވެސް ޙަސަން ޙިލްމީ އާއި މަޢުލޫމާތު ބަދަލުކުރައްވައި ޚާއްޞަކޮށް ހުވަދުއަތޮޅާ ގުޅުންހުރި ގިނަ ކަންކަން ޙިއްޞާކުރެއްވި ބޭފުޅެކެވެ. މިހެންމެ، އެމަނިކުފާނަކީ ޢަލީ ވެލާނާ ތަކުރުފާނުގެ ޢާއިލާގެވެސް ބޭފުޅެކެވެ. މިކަންކަމުގެއިތުރަށް ދެއްވަދޫ ރަސްގެފާނުގެ ބޮޑުދައިތާފުޅު ދޮންދަލޭކަ ކަނބުލޭގެފާނުގެ ޢާއިލާގެ އެކެއްގެކިބައިން އަނެކާއަށް ނަގުލުވަމުން ދިޔަ އެޢާއިލާއާއި ގުޅުންހުރި ވާހަކަތަކެއް ހުރުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ދިވެހިތާރީޚު ފޮތުގައި ލިޔެފައިވާ "ދެއްވަދޫ ރަސްގެފާނުގެ ބޮޑުދައިތަ" އާއި، "ދެއްވަދޫ ރަސްގެފާނުގެ އެއްބަނޑު ކަމަނާ" އާއި، އަދި "ދެއްވަދޫ ރަސްގެފާނުގެ ދައިތާ"އަކީ ކޮބައިތޯ ބަލައިލަމާތޯއެވެ.

1. 
ދިވެހިތާރީޚު ފޮތުގެ 75ވަނަ ޞަފުޙާ
ދެއްވަދޫ ރަދުންގެ ދުވަސްވަރު އެރަދުންދެއްވި މަޤާމެއްގެ ވާހަކައެވެ.

"
އެރަދުންގެ ބޮޑުދައިތާގެ އަންހެންދަރިޔެއްގެ ފިރިހެންދަރިޔަކަށް ފާމުލަދޭރިކަން ދެއްވިޔެވެ. މީނާޔަށް އިބްރާހީމް ފާމުލަދޭރި ތަކުރުފާނެވެ ކިޔަތެވެ. އަދި މީނާޔަށް ލޮންސި ކޮއްޓެއްގެ އެދުރުކަންވެސް ދެއްވިއެވެ."

މަތީގައިވަނީ ދެއްވަދޫ ރަދުންގެ ބޮޑުދައިތާފުޅު، ނުވަތަ އަލްޙާއްޖު ޢަލީތުއްކަލާއާއި އެއްބަނޑު ދޮންދަލޭކަ ކަނބުލޭގެފާނާއި، އެކަމަނާގެ ދަރިކަނބަލުން ބީފާނާއި، މީނާގެ ދަރިކަލުން އިބްރާހީމް ފާމުލަދޭރި ތަކުރުފާނުގެ ވާހަކައެވެ. މި ފާމުލަދޭރި ތަކުރުފާނަކީ ދެއްވަދޫ ރަސްގެފާނު އަވަހާރަވުމުން ދެއްވަދުއަށް އަރުވައިލެއްވި އެރަދުންގެ އެއްބަނޑު ކަމަނާގެ ފިރިކަލުންނެވެ. ދެއްވަދޫ ރަދުންގެ ބޮޑުދައިތާފުޅު ދޮންދަލޭކަ ކަނބުލޭގެފާނުގެ ތިއްބެވީ ދެ ބޭފުޅެކެވެ. މުޙައްމަދު ނާއިބު ކަލޭގެފާނާއި، ބީފާނެވެ. ބީފާނުގެ ޢާއިލީ ވަނަވަރު މިހާތަނަށް އައިސްފައިވާގޮތް އެނގޭކަމާއި، މި ޢާއިލާގެވަނަވަރަކީ، އެޢާއިލާގެ ދެއްވަދޫ، ކޮނޑޭ، ވާދޫ، ތިނަދޫ އަދި އެނޫން ވެސް ރަށްރަށުގައި ތިބި ވަނަވަރުދަންނަ ފަރާތްތަކަށް ކުރިއްސުރެ އެނގި ލިޔެފައިވާ މިވަނަވަރަކީ ފަހުގެމީހެއްގެ ދިރާސާއެއްގެ ލަފާކުރުމެއްގެ ފެންނަގޮތެއްގެ ވަނަވަރެއްނޫން ކަމަށް "ދެއްވަދޫ ގަނޑުވަރު ދޮންދަލޭކަ ކަނބުލޭގެފާނު" ފުރަތަމަބައިގައި ދަންނަވައިފައިވާނެއެވެ.

2. 
ދިވެހިތާރީޚު ފޮތުގެ 79ވަނަ ޞަފުޙާ
ދެއްވަދޫ ރަސްގެފާނު އަވަހާރަވީ އާލާސްކަންފުޅުގައި އޮންނެވިއިރެވެ.

"
ރަސްގެފާނުން ބޮޑު އާލާސްކަންފުޅެއްގައި ޖެހިވަޑައިގެންފިއެވެ. އެއާލާސްކަންފުޅުގައި އޮންނަވަނިކޮށް ކުރެންދޫ ޢަލިޚަޠީބު ތަކުރުފާނާއި، އިސްދޫ ޢަލީ ވެލާނާ ތަކުރުފާނާއި ރަސްގެފާނުންގެ އަރިހަށްގޮސް ރަސްގެފާނުންގެ އެއްބަނޑު ކަމަނާއަށާއި، އެ ކަމަނާގެ ދަރިކަލުން ޢަލިޚަޠީބު ތަކުރުފާނުންނާއި، އެ ކަމަނާގެ ފިރި އިބްރާހީމް ފާމުލަދޭރި ތަކުރުފާނަށާއި ރަސްގެފާނުން ކޯފާއިސްވާނޭ ވާހަކައެއްދައްކައި އެމީހުން ރަދުން އަރިއަހަށް ނުވަނުމަށް އަމުރުކުރެއްވިއެވެ. މީގެ އިހަށް ރަދުން ހިތްތަވައިގެން ހުންނެވީ މިބުނި ޢަލިޚަޠީބު ތަކުރުފާނަށް ރަސްކަން ދެއްވާންކަމަށެވެ.

ދެން އެމީހުން ނުވަނުމަށް އަމުރުކުރެއްވުމަށްފަހު ރަސްގެފާނުން އަވަހާރަވަންދެން ކުރެންދޫ ޢަލިޚަޠީބު ތަކުރުފާނާއި އިސްދޫ ޢަލީ ވެލާނާ ތަކުރުފާނާއި ސަންފާ ކަނބާފާނާއި އެރަސްގެފާނު އަރިއަހުގައި ތިބޫއެވެ. ދެން އަވަހާރަވުމަށްފަހު ޢަލީ ވެލާނާ ތަކުރުފާނުން ނުކުންނަވައި ބުނުއްވިޔެވެ. ރަދުން ވިދާޅު ބަސްފުޅު އިއްވެވިއެވެ. ރަދުންގެ އެއްބަޑު ކަމަނާޔާއި، އެކަމަނާގެ ދަރިކަލުންނާއި، އިބްރާހީމް ފާމުލަދޭރި ތަކުރުފާނާއި، ރަންނަބަޑޭރި ތަކުރުފާނާއި، އޭނާގެ މައިކަމަނާޔާއި، މިއެންމެން ދެއްވަދުވަށް އަރުވާލަހަރޭ. ދެން މިމަގަށް މިކަންތައްކޮއްފޫއެވެ. އެމީހުން މާލޭން ބޭރުވުމަށްފަހު ރަދުން އަވަހާރަވީކަން މީހުނަށް އެމީހުން އެންގިއެވެ."

މިވާހަކަތަކުގެތެރެއިން ދެއްވަދޫ ރަސްގެފާނުންގެ އެއްބަނޑު ކަމަނާ އަކާއި، އެކަމަނާގެ ދަރިކަލުން ޢަލިޚަޠީބު ތަކުރުފާނާއި، އަދި އެކަމަނާގެ ފިރިކަލުން އިބްރާހީމް ފާމުލަދޭރި ތަކުރުފާނު،  ނުވަތަ ދެއްވަދޫ ރަދުންގެ ބޮޑު ދައިތާފުޅު އަލްޙާއްޖު ޢަލީތުއްކަލާ އާއި އެއްބަނޑު ދޮންދަލޭކަ ކަނބުލޭގެފާނުގެ ބީފާނުގެ ދަރިކަލުން އިބްރާހީމް ފާމުލަދޭރި ތަކުރުފާނު ފެނެއެވެ. މިހެންމެ، ދެއްވަދޫ ރަސްގެފާނު އަވަހާރަވުމުން މިބޭފުޅުން ދެއްވަދުއަށް އަރުވާލެއްވިކަން ވެސް އެނގެއެވެ. ދެއްވަދޫ ރަސްގެފާނާއި "އެއްބަނޑުން އުފަން" ބޭފުޅުންނަކީ ދޮންދަލޭކަ ކަނބުލޭގެފާނާއި، މަރިޔަމް ކަނބުލޭގެފާނާއި، ފާތުމާ ކަނބުލޭގެފާނެވެ. މީގެތެރެއިން އެއްވެސް ނަންފުޅެއް ލިޔުމެއްނެތި އޭގެ ބޭފުޅަކާ ގުޅުންހުރި ވާހަކަތަކެއް ދިވެހިތާރީޚު ފޮތުގައި ލިޔެފައިވަނީ ދެއްވަދޫ ރަދުން އަވަހާރަވުމުގެކުރިންނާއި އޭގެފަހުން އެރަދުންނާއި އެހާ ގާތް ބޭފުޅެއްގެ ކަންކަން ހިނގާފައިވާ ގޮތް ލިޔުމުގެބޭނުމުގައެވެ. މިހެންވުމުން މިކަމަނާއެއްގެ ނަންފުޅެއް ނުލިޔުނުކަމަށް ވިޔަސް މިކަމަނާގެދަރިކަލަކަށް ޢަލިޚަޠީބެއް ހުންނެވުމާއި، ދެއްވަދޫ ރަދުންނާއި "އެއްބަނޑުން އުފަން" އެހެން ބޭފުޅެއްގެ ޢަލިޚަޠީބެއް ނެތުމުން ޢަލިޚަޠީބުގެ މަންމަކަމަށްވާ "ދެއްވަދޫ ރަދުންގެ އެއްބަނޑު ކަމަނާ" ފާހަގަކުރެވޭނެއެވެ.

3. 
ދިވެހިތާރީޚު ފޮތުގެ 146ވަނަ ޞަފުޙާ
އިބްރާހީމް ރަސްގެފާނުގެ ދުވަސްވަރެވެ.

"
ދެއްވަދޫ ރަސްގެފާނުންގެ ދައިތާގެ ދަރި ޢަލީޚަޠީބުގެ ދަރިޔަކާއި، ރަސްގެފާނު ކައިވަނި ބައްލަވައިގެންނެވިއެވެ."

ދެއްވަދޫ ރަސްގެފާނުގެ މި ދައިތާއަކީ، އެ ރަދުންގެ ކޮން ދައިތާއެއްކަމެއް ލިޔުމުގެ ޢިބާރާތުން ނޭނގެއެވެ. ނަމަވެސް މިބޭފުޅެއްގެ ޢަލިޚަޠީބެއް އެބަ ހުންނެވިއެވެ. މީގެކުރިން އެ ރަދުންގެ "އެއްބަނޑު ކަމަނާ" އަކާއި، އެކަމަނާގެ ވެސް ޢަލިޚަޠީބު ކިޔާ ދަރިކަލެއް ހުންނެވިކަމަށް ދިވެހިތާރީޚު ފޮތުގެ 79ވަނަ ޞަފުޙާގައި ލިޔެފައި އެބަވެއެވެ.

4. 
ދިވެހިތާރީޚު ފޮތުގެ 148ވަނަ ޞަފުޙާ

"މިއަހަރުމެ (1143ހ.) ދެއްވަދޫ އިސްމާޢީލްގެ ފުތް ދަންނަ ޚަޠީބު ތަކުރުފާނު ނިޔައުވެއްޖެއެވެ. މީނާ މިއީވެސް ޙަސަން ތާޖުއްދީންގެ ދަރިވަރެކެވެ. އެއީ ރަބީޢުލްއާޚިރު މަހު ތޭރަވީ ބުރާސްފަތި ދުވަހުއެވެ. ދެން ދެއްވަދޫ ރަސްގެފާނުގެ ދައިތާގެ ދަރި ޢަލީޔަށް ޚަޠީބުކަން ދެއްވެވިއެވެ. ދެއްވަދޫ ރަސްގެފާނުންގެ ޙަޔާތްފުޅުގައިވެސް މީނާ ޚަޠީބުކަމުގައި ހުންނެވިޔޭ. ދެއްވަދޫ ރަސްގެފާނުން އަވަހާރަވުމަށްފަހު ޢަލިރަސްގެފާނުންގެ ރަސްކަމުގައި މީނާ އަރުވާލެއްވެވިޔޭ" 


ދެއްވަދޫ ރަސްގެފާނުންގެ ދައިތާގެ ދަރި ޢަލީޚަޠީބުގެ ދަރިޔަކާއި، އިބްރާހީމް ރަސްގެފާނު ކައިވަނި ބައްލަވައިގެންނެވި ކަމަށް ތާރީޚުފޮތުގެ 146 ވަނަ ޞަފުޙާގައި (ނަމްބަރ 3ގައި) ލިޔުމަށްފަހު، އެފޮތުގެ 148ވަނަ ޞ. ގައި(ނަމްބަރ 4ގައި) ދެއްވަދޫ ރަސްގެފާނުގެ ދައިތާގެ ދަރި ޢަލީޔަށް ޚަޠީބުކަން ދެއްވިކަމަށް ލިޔުމުން މި ޢަލިޚަޠީބާއި، މަތީގެ ނަމްބަރ 3 ގައި ލިޔެފައިވާ ޢަލިޚަޠީބަކީ އެއް ބޭފުޅެއް ކަމަށް އެނގެއެވެ. އޭގެއިތުރަށް އެނގެނީ، ދެއްވަދޫ ރަސްގެފާނުންގެ ޙަޔާތްފުޅުގައިވެސް މި ޢަލިޚަޠީބު، ޚަޠީބުކަމުގައި ހުންނެވިކަމާއި، އަދި ދެއްވަދޫ ރަސްގެފާނު އަވަހާރަވުމަށްފަހު، ޢަލިރަސްގެފާނުންގެ ރަސްކަމުގައި މި ޢަލިޚަޠީބު އަރުވާލެއްވި ކަމެވެ. މިހިސާބަށް އާދެވުނުއިރު މީގެކުރިން ދިވެހިތާރީޚު ފޮތުގެ 79ވަނަ ޞަފުޙާގައި (ނަމްބަރ 2ގައި) ދެއްވަދޫ ރަސްގެފާނު އަވަހާރަވުމުން އެ ރަސްގެފާނުގެ އެއްބަނޑު ކަމަނާއާއި އެކީގައި އެކަމަނާގެ ދަރިކަލުން ޢަލިޚަޠީބު ވެސް އަރުވައިލެއްވިކަމަށް ވެސް އެނގެއެވެ.

5. ދިވެހިތާރީޚު ފޮތުގެ 156ވަނަ ޞަފުޙާ
"ޖުމާދިލްއާޚިރު މަހު ހަޔެއްވީ ބުރާސްފަތި ދުވަހު ޢަލިޚަޠީބު ނިޔައުވިޔޭ"

ނަމްބަރ 3، އަދި 4 ގައި ލިޔެފައިވާ ދެއްވަދޫ ރަސްގެފާނުގެ ދައިތާގެ ޢަލިޚަޠީބު ނިޔައުވީ އެވެ. މިކަންއެނގެނީ، އިބްރާހީމް ރަސްގެފާނުގެ ދުވަސްވަރު "ދެއްވަދޫ ރަސްގެފާނުންގެ ދައިތާގެ ދަރި ޢަލީޚަޠީބުގެ ދަރިޔަކާއި، އިބްރާހީމް ރަސްގެފާނު ކައިވަނި ބައްލަވައިގެންނެވި ވާހަކަ ތާރީޚުފޮތުގެ 146ޞ. ގައި ލިޔެ، އެ ފޮތުގެ 148ޞ. ގައި ދެއްވަދޫ ރަސްގެފާނުގެ ދައިތާގެ ދަރި ޢަލީއަށް ޚަޠީބުކަން ދެއްވިކަމަށް ވެސް ލިޔުމަށްފަހު، އެ ފޮތުގެ 148ޞ. އާއި 156ޞ. އާއި ދެމެދުގެ އެއްވެސް ޞަފުޙާއެއްގައި ދެއްވަދޫ ރަސްގެފާނުގެ ދައިތާގެ ދަރި ޢަލިޚަޠީބު ފިޔަވައި އެހެން އެއްވެސް ޢަލިޚަޠީބެއްގެ ވާހަކަ ލިޔެފައި ނެތުމުންނެވެ. އަދި "ޖުމާދިލްއާޚިރު މަހު ހަޔެއްވީ ބުރާސްފަތި ދުވަހު ޢަލިޚަޠީބު ނިޔައުވިޔޭ" މިގޮތަށް ތާރީޚުފޮތުގެ 156ވަނަ ޞ.ގައި ލިޔެފައިވަނީ 1152ހ. ވަނަ އަހަރު ހިނގި ކަންކަމެއް ލިޔުމުގެތެރޭގައި ކަމަށްވާތީ ޢަލިޚަޠީބު ނިޔައުވީ 1152ހ. ވަނަ އަހަރު ޖުމާދިލްއާޚިރު މަހު ހަޔެއްވީ ބުރާސްފަތި ދުވަހު ކަމަށް ވެސް އެނގެއެވެ.

6. 
މާލޭ ހުކުރު މިސްކިތް ފޮތުގެ 389ވަނަ ޞަފުޙާ
މަހާނަގަލެއްގެ ލިޔުމެކެވެ.

"
ހިޖުރައިން އެކުސާސްތުރަ އެކުސައްތަ ބާވަންނަ އަހަރެތެރޭ އައްސުލްޠާނު އިބްރާހީމް އިސްކަންދަރު ރަންނަވަލޯކަ މަހާރަދުންގެ އޮނަވިހިވަނަ އަވެރު ކުރަމަތީ އަބޫބަކުރު ފަޑިޔާރު ކަލޭގެފާނުންގެ ކޮއްދުނާއި ކިހުނުފަން ދެއްވަދޫ އައްސުލްޠާނުލް ޤާޟީ މުޙައްމަދު މަހާރަދުނާއި އެއްކިހުނުފަން ބޮޑު މަނިކުފާނުން ބަޑުން އުފަން ދެއްވަދޫ ބޮޑު ޚަޠީބު މަނިކުފާނުން، ޖުމާދިލްއާޚިރު މަހު ހަވަނަވީ ބުރާސްފަތި ދުވަހު ފުރައުއްތަވީކަމު ހަނދާން."

1152
ހ. ވަނަ އަހަރު ޖުމާދިލްއާޚިރު މަހު ހަވަނަވީ ބުރާސްފަތި ދުވަހު،  ދެއްވަދޫ ރަދުންނާއި "އެއްކިހުނުފަން" ބޮޑު މަނިކުފާނުގެ "ބަނޑުން އުފަން" ދެއްވަދޫ ބޮޑު ޚަޠީބު މަނިކުފާނު ފުރައުއްތަވީ ކަމަށް އެނގުމުން، މިލިޔުމުގެ ނަމްބަރ 5،4،3،2 ގައި ލިޔެފައިވާ ދެއްވަދޫ ރަސްގެފާނުގެ އެއްބަނޑު ކަމަނާގެ ޢަލިޚަޠީބާއި، އެރަދުންގެ ދައިތާގެ ޢަލިޚަޠީބާއި މިއީ މަތީގެ މަހާނަގަލުގައި ލިޔެފައިވާ ދެއްވަދޫ އައްސުލްޠާނުލް ޤާޟީ މުޙައްމަދު މަހާރަދުނާއި އެއްކިހުނުފަން ބޮޑު މަނިކުފާނުން ބަޑުން އުފަން ދެއްވަދޫ ބޮޑު ޚަޠީބު މަނިކުފާނު ކަމަށް އޮޅުމެއްނެތި އެނގުނީއެވެ.

މިކަން އެނގެނީ ދެއްވަދޫ ރަސްގެފާނުގެ ދައިތާގެ ޢަލިޚަޠީބާއި އެ ރަދުންނާއި "އެއްކިހުނުފަން" ބޮޑު މަނިކުފާނުގެ ދެއްވަދޫ ބޮޑު ޚަޠީބު މަނިކުފާނާއި އެއްދުވަހެއްގައި އަވަހާރަވުމުން އެކަންޏެއް ނޫނެވެ. މިކަން އެނގެނީ އެއްދުވަހެއްގައި އަވަހާރަވުމާއި، އޭގެ އިތުރަށް ދެއްވަދޫ ބޮޑު ޚަޠީބު މަނިކުފާނަކީ ދެއްވަދޫ މުޙައްމަދު މަހާރަދުނާއި އެއްކިހުނުފަން ބޮޑު މަނިކުފާނުން "ބަނޑުން އުފަން" ބޭފުޅަކަށްވާތީ ބޮޑު މަނިކުފާނަކީ އަންހެން ބޭފުޅެއްކަން އެނގުމާއި، އެ މަހާރަދުންގެ އެއްބަނޑު ކަމަނާއާއި، އެ މަހާރަދުންގެ ދައިތާ ވެސް ހިމެނިގެންދަނީ އަންހެން ބޭފުޅުންނަށް ވުމުން އެ ތިން ނަމުގެ ބޭފުޅުންނަކީ ވެސް އެއް ބޭފުޅަކަށްވުމުގެ ފުރުޞަތު އޮތް ބޭފުޅުންނަށް ވުމުންނެވެ. މި ފުރުޞަތު ނެތްނަމަ އެކަމުގެ އޮޅުންތަކެއް ހުރެދާނެއެވެ. ބޮޑު މަނިކުފާނަށް "އުފަން" ދެއްވަދޫ ބޮޑު ޚަޠީބު މަނިކުފާނު، އެހެންނޫނީ ބޮޑު މަނިކުފާނު"ގެ" ދެއްވަދޫ ބޮޑު ޚަޠީބު މަނިކުފާނު މި ދެ ގޮތުންކުރެ ގޮތަކަށް އޮވެ، މިބޭފުޅަކާއި ދެއްވަދޫ ރަސްގެފާނުގެ ދައިތާގެ ޢަލިޚަޠީބު އަވަހާރަވީ ދުވަހަކީ އެއްދުވަހަކަށް ވިޔަސް މިއީ ދެ ބޭފުޅެއްކަމަށް ބެލެވިދާނެއެވެ. އެއީ ބޮޑު މަނިކުފާނަށް "އުފަން" އެހެންނޫނީ ބޮޑު މަނިކުފާނު"ގެ" މި ދެ ގޮތުންކުރެ ގޮތަކަށް އޮތްނަމަ ބޮޑު މަނިކުފާނުގެ ޖިންސަކީ ކޮބައިކަމެއް ކަށަވަރުނުވުމާއި މިހެންވީނަމަ، ދެއްވަދޫ ރަސްގެފާނާއި ގާތް ދެ ބޭފުޅެއްގެ ދެ ޢަލިޚަޠީބެއް ވެސް އެއްދުވަހަކު އަވަހާރަވުމަކީ ވެދާނެކަމަކަށް ވުމުން ދެ ޢަލިޚަޠީބެއް ކަމަށް ވެސް ބެލެވެން އޮތުމުންނެވެ. ނަމަވެސް މިލިޔުމުގެ 6،5،4،3،2 ނަމްބަރުތަކުގައި ކަން ހިނގާފައިވާގޮތަށް ބަލާއިރު، ދެއްވަދޫ ރަސްގެފާނުގެ އެއްބަނޑު ކަމަނާގެ ޢަލިޚަޠީބާއި، އެރަދުންގެ ދައިތާގެ ޢަލިޚަޠީބާއި، މުޙައްމަދު މަހާރަދުނާއި އެއްކިހުނުފަން ބޮޑު މަނިކުފާނުން "ބަޑުން އުފަން" ދެއްވަދޫ ބޮޑު ޚަޠީބު މަނިކުފާނާއި މިއީ އެއް ބޭފުޅެއްކަމަށް އެއްވެސް އޮޅުމެއްނެތި އެނގެނީއެވެ.

ތިރީގައިވާ 2 ވަނަވަރަށް ބައްލަވައިލެއްވުން އެދެމެވެ. ކުރަމަތީ އަބޫބަކުރު ފަޑިޔާރު ކަލޭގެފާނަށް އިސްކަންދެވިފައިވާ ވަނަވަރުގެ ބޭފުޅުން، އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ނަސްލީގުޅުމުން ގުޅިވަޑައިގެންފައިވާ ގޮތުގެ އޮޅުމެއް ބައެއް ފަރާތްތަކަށް އެރިނަމަވެސް އައްޑޫ މުޙައްމަދު ބޮޑު ފަނޑިޔާރު ކަލޭގެފާނަށް އިސްކަންދެވިފައިވާ ވަނަވަރުގެ ބޭފުޅުން، އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ނަސްލީގުޅުމުން ގުޅިވަޑައިގެންފައިވާ ގޮތަކީ ގިނަ ފަރާތްތަކަށް އޮޅުންއެރުން އެކަށީގެންނުވާ އަދި އެހާ އުދަނގޫއެއްޗަކަށް ނުވެދާނެއެވެ. ފުރަތަމަ އަބޫބަކުރު ފަނޑިޔާރު ތަކުރުފާނާއި ގުޅުވައިފައިވާ ވަނަވަރެވެ.

"
ހިޖުރައިން އެކުސާސްތުރަ އެކުސައްތަ ބާވަންނަ އަހަރެތެރޭ، އައްސުލްޠާނު އިބްރާހީމް އިސްކަންދަރު ރަންނަވަލޯކަ މަހާރަދުންގެ އޮނަވިހިވަނަ އަވެރު، ކުރަމަތީ އަބޫބަކުރު ފަޑިޔާރު ކަލޭގެފާނުންގެ ކޮއްދުނާއި ކިހުނުފަން، ދެއްވަދޫ އައްސުލްޠާނުލް ޤާޟީ މުޙައްމަދު މަހާރަދުނާއި އެއްކިހުނުފަން، ބޮޑު މަނިކުފާނުން ބަޑުން އުފަން، ދެއްވަދޫ ބޮޑު ޚަޠީބު މަނިކުފާނުން ޖުމާދިލްއާޚިރު މަހު ހަވަނަވީ ބުރާސްފަތި ދުވަހު ފުރައުއްތަވީކަމު ހަނދާން."


ދެން މި ވަނަވަރު ބައްލަވައިލެއްވުން އެދެމެވެ.

"
ޢީސާގެފާނުގެ ސަނަތުން އެކުސާސްތުރަ އަށްސައްތަ ހައްޓި އަހަރެތެރޭ، އައްސުލްޠާނު މުޙައްމަދު ޢިމާދުއްދީން މަހާރަދުންގެ ވިހިވަނަ އަވެރު، އައްޑޫ މުޙައްމަދު ބޮޑު ފަނޑިޔާރު ކަލޭގެފާނުންގެ ކޮއްދުނާއި ކިހުނުފަން، ބޮޑު ތުއްބީ ބަޑުން އުފަން، ޙައްވާ މަނިކާއި ކިހުނުފަން، ކިލަވަތި ކަނބޯވަތި ޢާއިޝާ ކަނބާފާނާއި ކިހުނުފަން، އައްސުލްޠާނުލް ޙާޖީ ޙަސަން މަހާރަދުނަށް ފުރަސޫތާވި، އިބްރާހީމް މަނިކުފާނާއި އެއްކިހުނުފަން، ބޮޑު މަނިކުފާނަށް އުފަން، ބަނޑޭރި ޙަސަން މަނިކުފާނު ފުރައުއްތަވީކަމު ހަނދާން."

("
ކިލަވަތި" މިއީ ރަސްކަމުގެ ތެރޭ ބޭފުޅެއްގެ އަނބިކަނބަލެއްކަން އަންގައިދޭ ބަހެކެވެ. މިސާލަކަށް: އެއީ އެއީ ކިލަވަތި ކަނބަލެކެވެ. "ފުރަސޫތާ" މިއީ ގަރުބަގަތުން މިބަހުގެ މާތްގޮތެވެ. "ފުރަސޫތާވެނުފަން" އަކީ ގަރުބަގަނެ އުފަންވުމެވެ. "މަރު" މިބަސް އެންމެ މާތްކޮށް ބޭނުންކުރާ ގޮތަކީ "ފުރައުއްތަ" އެވެ. ނަމަވެސް ނަބިއްޔުންނާއި ރަސޫލުންނަށް "ސުވަރުގެ ވަޑައިގަތުން" ވެސް ބޭނުންކުރެއެވެ.) 

"އައްޑޫ މުޙައްމަދު ބޮޑު ފަނޑިޔާރު ކަލޭގެފާނުންގެ ކޮއްދުނާއި ކިހުނުފަން ބޮޑު ތުއްބީ" މިގޮތަށް ބުނުމުން "ކޮއްދުނާއި" މި ބަސް ރައްދުވަނީ، ބޮޑު ފަނޑިޔާރު ކަލޭގެފާނުގެ "ބޮޑު ފާތުމާފާނު" އަށެވެ. "ކިހުނުފަން" ބަދަލުވެގެންދަނީ، "ބަނޑުން އުފަން" އަށެވެ. މިހެންވާންޖެހެނީ ކީއްވެތޯއެވެ. އެއީ ބޮޑު ފަނޑިޔާރު ކަލޭގެފާނާއި، ބޮޑު ތުއްބީއާއި ދޭތެރޭގައި "ބޮޑު ފާތުމާފާނު ބަނޑުން އުފަން" ނޫން ގޮތަކަށް ވަނަވަރުގައިވާ މީހެއްގެނަމަކަށް އަދި ކަމަކަށް އެއްވެސް އުނި އިތުރެއް ގެނެސްފިނަމަ، ވަނަވަރު ނުވަތަ ނަސްލުގެ ޙަގީގަތް އޮޅިގެންދާތީ އެވެ.

"
އިބްރާހީމް މަނިކުފާނާއި އެއްކިހުނުފަން ބޮޑު މަނިކުފާނަށް އުފަން ބަނޑޭރި ޙަސަން މަނިކުފާނު" މީގައިއެވާ "ބޮޑު މަނިކުފާނު" އެނޫންނަމަކަށް ބަދަލުކުރެވޭ ނަމަ، ބަދަލުވާނީ މި ބޭފުޅަކަށް ކިޔާ ނޫނީ މުޚާޠަބްކުރެވޭ އެހެން ނަމެއް ނުވަތަ ނަންތަކެއް އޮތްނަމަ އޭގެ ނަމަކަށެވެ. އެނޫން ނަމަކަށް "ބޮޑު މަނިކުފާނު" ވެސް ބަދަލެއްނުވާނެއެވެ. އެއީ އެނަމެއް ކިޔާ އެނަމެއް މުޚާޠަބްކުރެވޭ ބޭފުޅެއްގެ އުފަން ބޭފުޅަކަށް ނޫނީ ބަނޑޭރި ޙަސަން މަނިކުފާނު ވެސް ނުވާނެތީއެވެ. އެނޫން ގޮތަކަށް ވަނަވަރަށް އެއްވެސް އުނި އިތުރެއް ގެނެސްފިނަމަ، ވަނަވަރު ނުވަތަ ނަސްލުގެޙަގީގަތް އޮޅިގެންދާތީ އެވެ. މިހެންވީމާ، މި ވަނަވަރުގައި އޮތް "ބޮޑު މަނިކުފާނު" ލިޔުނުތާނގައި "ޢަލިމަނިކުފާނު" ނުވަތަ "ބޮޑު ރަހާ" ލިޔެވިދާނެއެވެ. އެއީ ބޮޑު މަނިކުފާނު، ބޮޑު ރަހާ،  މި ނަންތައްވެސް ކިޔަނީ މިނަންތަކުންވެސް މުޚާޠަބްކުރެވެނީ ޙަސަން ރަސްގެފާނުގެ ދަރިކަލުން ޢަލިމަނިކުފާނަށްވީމައެވެ. މިހެންމެ، މިވަނަވަރުގައި ލިޔެފައިވާ އެއްވެސް ބޭފުޅަކަށް ކިޔާ، ނޫނީ މުޚާޠަބްކުރެވޭ ނަމެއްނޫން އެހެންނަމަކަށް ވަނަވަރު ބަދަލުކޮށްފިނަމަވެސް ވަނަވަރު ނުވަތަ ނަސްލުގެ ޙަގީގަތް އޮޅިގެންދާނެއެވެ.

އަޅުގަނޑުމެން ބަލަމުންގެންދިޔަ ވަނަވަރަކީ ކޮބައިތޯއެވެ. އެއީ "މީލާދީ 1860 ވަނަ އަހަރު އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން މަހާރަދުންގެ ވިހިވަނަ އަހަރު އައްޑޫ މުޙައްމަދު ޝަމްސުއްދީން ބޮޑު ފަނޑިޔާރު ކަލޭގެފާނުގެ، ބޮޑު ފާތުމާފާނުގެ، ބޮޑު ތުއްބީގެ، ޙައްވާމަނިކެގެ، ޢާއިޝާ ކަނބާފާނުގެ، ޙަސަން ރަސްގެފާނުގެ، އިބްރާހީމް މަނިކުފާނާއި އެއްބަނޑުން އުފަން ޢަލިމަނިކުފާނު(ހިތަދޫ ގަނޑުވަރު ބޮޑު މަނިކުފާނު، ނުވަތަ ހިތަދޫ ގަނޑުވަރު ބޮޑު ރަހާ)ގެ، ބަނޑޭރި ޙަސަން މަނިކުފާނު އަވަހާރަވީކަމުގެ ހަނދާން." މި ވަނަވަރެވެ. އެހެންނޫންތޯއެވެ.

(
މަޝްހޫރު ބަނޑޭރި ޙަސަން މަނިކުފާނުގެ މި ވަނަވަރަކީ މިލިޔުމުގެ ބޭނުމަށްޓަކައި އަޅުގަނޑު އެކުލަވައިލި އެއްޗެއް ނަމަވެސް، އެއީ ޙަގީގީ ޢާއިލީ ވަނަވަރެކެވެ.)

މަތީގައިވާ ބަނޑޭރި ޙަސަން މަނިކުފާނުގެ ވަނަވަރަށް ވިސްނަވައިފިނަމަ، ކުރަމަތީ އަބޫބަކުރު ފަޑިޔާރު ކަލޭގެފާނުންގެ "ކޮއްދުނާއި" "ކިހުނުފަން" ދެއްވަދޫ އައްސުލްޠާނުލް ޤާޟީ މުޙައްމަދު މަހާރަދުނާއި "އެއްކިހުނުފަން"، "ބޮޑު މަނިކުފާނު"ން "ބަޑުން އުފަން" "ދެއްވަދޫ ބޮޑު ޚަޠީބު މަނިކުފާނު"ން، ޖުމާދިލްއާޚިރު މަހު ހަވަނަވީ ބުރާސްފަތި ދުވަހު ފުރައުއްތަވީކަމު ހަނދާން." މިވަނަވަރަކީ ވެސް އޮޅުމެއްނެތް އެއްޗެއް ނޫންތޯއެވެ.

އަބޫބަކުރު ފަނޑިޔާރު ކަލޭގެފާނުގެ "ކޮއްދުނާއި ކިހުނުފަން" އެ ބުނެވެނީ އަބޫބަކުރު ފަނޑިޔާރު ކަލޭގެފާނުގެ "ކުއްޖެއްގެ ބަނޑުން އުފަން" ކަމަށް އެނގުނު ނަމަވެސް އެޖުމްލައިން އެކަނި އެ ކުއްޖަކީ، އަބޫބަކުރު ފަނޑިޔާރު ކަލޭގެފާނުގެ ކޮން ކުއްޖެއްކަމެއް ނޭނގޭނެއެވެ. އަބޫބަކުރު ފަނޑިޔާރު ކަލޭގެފާނުގެ ބޭފުޅުންގެތެރޭ ފަޑިއަތްކަލޭގެ(ފަޑިއަތް ކަލޭގެފާނު)  ދޮންއާމިނަ ކަނބުލޯ، ދޮންމަރި ދޮންކަނބުލޯ، އަދި  އައިސާބީ(އައިސާދިޔޯ) ތިއްބެވުމުން އެއިން ބޭފުޅެއްގެ "ބަނޑުން އުފަން" ބޭފުޅެއް ހުންނެވިނަމަ ހުންނަވާނީ އަންހެން ބޭފުޅެއްގެ ކަމަށް އެނގެއެވެ. މިހެންވުމުން "އަބޫބަކުރު ފަނޑިޔާރު ކަލޭގެފާނުންގެ ކޮއްދުނާއި ކިހުނުފަން ދެއްވަދޫ އައްސުލްޠާނުލް ޤާޟީ މުޙައްމަދު މަހާރަދުން" މިގޮތަށް ބުނެވުމާ އެކު "ކޮއްދުނާއި ކިހުނުފަން" އަބޫބަކުރު ފަނޑިޔާރު ކަލޭގެފާނުގެ ދަރިކަނބަލުން އައިސާބީ(އައިސާދިޔޯ)ގެ "ބަނޑުންއުފަން" ކަމަށް ބަދަލުވީއެވެ. މިހެންވާންޖެހެނީ "ކޮއްދުނާއި ކިހުނުފަން"ގެ ފަހަތަށް ދެއްވަދޫ އައްސުލްޠާނުލް ޤާޟީ މުޙައްމަދު މަހާރަދުން މިގޮތަށް އޮތުމުންނެވެ. މިހެންމެ، "އައްސުލްޠާނުލް ޤާޟީ މުޙައްމަދު މަހާރަދުނާއި އެއްކިހުނުފަން "ބޮޑު މަނިކުފާނު"ން "ބަޑުން އުފަން" ދެއްވަދޫ ބޮޑު ޚަޠީބު މަނިކުފާނު" މިހެން ބުނުމުން އެ ޖުމްލައިގައިވާ "ބޮޑު މަނިކުފާނު" މިނަން ބަދަލުކުރެވޭނޭ ނަމަ، ބަދަލުކުރެވޭނީ މި ބޭފުޅަކަށް ކިޔާ އެހެން ނަމެއް ނުވަތަ ނަންތަކެއް އޮތްނަމަ އޭގެ ނަމަކަށެވެ. އެނޫން ނަމަކަށް "ބޮޑު މަނިކުފާނު" ބަދަލެއްނުވާނެއެވެ. އެއީ އެނަމެއް ކިޔާ ބޭފުޅެއްގެ ދަރިއަކަށް ނުވަތަ ބޭފުޅަކަށް ނޫނީ ދެއްވަދޫ ބޮޑު ޚަޠީބު މަނިކުފާނު ނުވަތަ ޢަލިޚަޠީބު ނުވާނެތީއެވެ. އެނޫން ގޮތަކަށް ވަނަވަރަށް އެއްވެސް އުނި އިތުރެއް ގެނެސްފިނަމަ، ވަނަވަރު ނުވަތަ ނަސްލުގެ ޙަގީގަތް އޮޅިގެންދާތީ އެވެ. އަދި މިވަނަވަރުގައި ލިޔެފައިވާ އެއްވެސް ބޭފުޅަކަށް ކިޔާ ނަމެއްނޫން އެހެންނަމަކަށް ވަނަވަރު ބަދަލުކޮށްފިނަމަ ވެސް ވަނަވަރު ނުވަތަ ނަސްލުގެޙަގީގަތް އޮޅިގެންދާނެއެވެ.

މިހެންވީމާ މާލޭ ހުކުރުމިސްކިތުގެ މަހާނަގަލުގައިވާ  މަރުޙޫމްގެ ވަނަވަރަކީ ކޮބައިތޯއެވެ.

"ހިޖުރައިން އެއްހާސް އެއްސަތޭކަ ފަންސާސް ދެވަނަ އަހަރު އައްސުލްޠާން އިބްރާހީމް އިސްކަންދަރު ރަންނަވަލޯކަ މަހާރަދުންގެ ނަވާރަވަނަ އަހަރު ކުރަމަތީ އަބޫބަކުރު ފަނޑިޔާރު ކަލޭގެފާނުގެ އައިސާދިޔޯގެ ބަނޑުންއުފަން ދެއްވަދޫ އައްސުލްޠާނުލް ޤާޟީ މުޙައްމަދު މަހާރަދުންނާއި އެއްކިހުނުފަން ބޮޑު މަނިކުފާނު ބަނޑުން އުފަން ދެއްވަދޫ ބޮޑު ޚަޠީބު މަނިކުފާނު ޖުމާދިލްއާޚިރު މަހު ހަވަނަވީ ބުރާސްފަތި ދުވަހު ފުރައުއްތަވީކަމު ހަނދާން." މި ވަނަވަރެވެ. އެހެންނޫންތޯއެވެ. 


ކުރަމަތީ އަބޫބަކުރު ފަނޑިޔާރު ކަލޭގެފާނަށް އިސްކަންދީފައިވާ ވަނަވަރަކީ އެ ފަނޑިޔާރު ކަލޭގެފާނަކީ ވާދޫ ދަންނަކަލޭގެފާނާއި ޣާޒީރަދުންގެ ދުވަސްވަރުން ފެށިގެން މަހާނަގަލުގައި ލިޔެފައިވާ ބޭފުޅަކު އަވަހާރަވުމާ ހަމައަށްވެސް ދިވެހި މުޖުތަމަޢުގައި ބޮޑު އިސްކަމެއްދެވިފައިވާ ބޭފުޅަކަށްވުމުން މަރުޙޫމް (ދެއްވަދޫ ބޮޑު ޚަޠީބު މަނިކުފާނު)ގެ މައިފުށުން އެ ފަނޑިޔާރު ކަލޭގެފާނާއި ގުޅުވައިފައިވާ ވަނަވަރެކެވެ. މިހެންވުމުން އެ މަރުޙޫމް (ދެއްވަދޫ ބޮޑު ޚަޠީބު މަނިކުފާނު)ގެ ބައްޕައާއި، އަދި އޭނާގެ މަންމަގެ ބައްޕަގެ ނަންފުޅު އެވަނަވަރުގައި ނުލިޔުނީކަމަށް ވުން އެކަށީގެންވެއެވެ. ވަނަވަރުގެ އިސްކަންދިނުން ފިޔަވައި މަހާނަ ގައުތަކުގައި އެކިގޮތަށް ވަނަވަރު ލިޔެފައިހުރެއެވެ. މިދެންނެވިގޮތުގެ ބައެއް މިސާލު ތިރީގައިވާ މަހާނަގައުތަކުގެ ލިޔުމަށް ބައްލަވައިލެއްވުން ވެސް އެނގިވަޑައިގެންފާނެ ކަމަށް ދެކެމެވެ.

"ހިޖުރައިން އެކުސާސްތުރަ އެކުސައްތަ ފަންސަހައްޓިވަނަ އަހަރު ....... އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން ރަދުނާއި އެކުބަޑު އެއްބަފައި ކަދީދާ މަނިކުފާނުގެ ދި އައިސާކަބާދި ކިލަގެފާނު އަވަހާރަވީކަމު ހަދާން." (359ޞ. މާލޭ ހުކުރުމިސްކިތް ފޮތް) މިވަނަވަރުގައި އިސްކަންދެވިފައިވާ ފަރާތަކީ، ދިވެހި މުޖުތަމަޢުގައި ބޮޑު އިސްކަމެއްދެވިފައިވާ ރަސްކަލެކެވެ. މަރުޙޫމާ (އައިސާކަބާދި ކިލަގެފާނު)ގެ މައިފުށުން އޭނާގެ މަންމާފުޅާއި އެއްބަނޑު އެއްބަފާ ޢިމާދުއްދީން ރަދުންނާއި ގުޅުވައިފައިވާ ވަނަވަރެކެވެ. މަރުޙޫމާ (އައިސާކަބާދި ކިލަގެފާނު)ގެ ބައްޕާފުޅާއި އަދި އޭނާގެ މަންމާފުޅުގެ ބައްޕާފުޅުގެ ނަންފުޅު ވަނަވަރުގައިނެތެވެ.

"
ހިޖުރައި ހާހާއި އެއްސަތޭކަ ފަސްދޮޅަސް ހަތްއަހަރު ޞަފަރުމަހު ސާވީސްވީ ދުވަސް ދެއްވަދޫ ބޮޑު މަނިކުފާނުންގެ ފުތް އަލްޚަޠީބު މަނިކުފާނުންގެ ފުތް އަލްވަޒީރު ދަރާލް (ދަހަރާ) މަނިކުފާނު ނިޔައުވީކަމު ހަދާން." ވައްﷲ އަޢުލަމް. (389ޞ. މާލޭ ހުކުރުމިސްކިތް ފޮތް) މި ވަނަވަރުގައި އިސްކަންދެވިފައިވަނީ މަރުޙޫމް ދަހަރާ މަނިކުފާނުގެ ބައްޕަ ޚަޠީބު މަނިކުފާނުގެ މަންމާފުޅު ދެއްވަދޫ "ބޮޑު މަނިކުފާނު"އަށެވެ. މަރުޙޫމް ދަހަރާ މަނިކުފާނުގެ މަންމާފުޅާއި އެމަނިކުފާނުގެ ކާފާފުޅުގެނަންފުޅު ވަނަވަރުގައިނެތް ނަމަވެސް، މަރުޙޫމް ދަހަރާ މަނިކުފާނުގެ މުންނަ (ބައްޕަގެ މަންމަ) ދެއްވަދޫ ބޮޑު މަނިކުފާނަށް އިސްކަންދީ މަރުޙޫމްގެ ވަނަވަރުލިޔެފައިވުމުން އެކަމަނާއަކީ ކަށަވަރުން ދަހަރާ މަނިކުފާނުގެ ޢާއިލާގެ ބޮޑު އިސްކަމެއް ދެވިފައިވާ ބޭފުޅެއްކަމަށް އެނގެއެވެ.

ދިވެހިތާރީޚު ފޮތުގެ އެއް ތަނެއްގައި "ދެއްވަދޫ ރަސްގެފާނުގެ އެއްބަނޑު ކަމަނާ" ހަމަ އެފޮތުގެ ދެ ތަނެއްގައި "ދެއްވަދޫ ރަސްގެފާނުގެ ދައިތާ" މާލޭގެ ހުކުރުމިސްކިތުގެ މަހާނަގަލެއްގައި "ބޮޑު މަނިކުފާނު" "ތަންޤީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު"ގައި ދެއްވަދޫ "ރަދުންގެ ދައިތާފުޅު" އަދި ހަވަރުތިނަދޫ ހުކުރުމިސްކިތުގެ ޤަބުރުސްތާނުގެ މަހާނަގަލެއްގައި "އެހެން ނަންފުޅެއް" އެވަނީ އެއް ބޭފުޅަކަށް ލިޔެފައެވެ. ދިވެހިރާއްޖޭގައި ޢާއްމުކޮށް ޢަރަބި ނަންތައް ވެސް ކިޔަމުން ދިޔަ ދުވަސްވަރެއްގައި ޚާއްޞަކޮށް މަތީ ފެންވަރެއްގެ ބޭފުޅެއްގެ ނަންފުޅަކަށް ހަމައެކަނި "ދެއްވަދޫ ރަސްގެފާނުގެ އެއްބަނޑު ކަމަނާ" "ދެއްވަދޫ ރަސްގެފާނުގެ ދައިތާ" "ދެއްވަދޫ ރަދުންގެ ދައިތާފުޅު" "ބޮޑު މަނިކުފާނު" ކިޔާނެތޯއެވެ. "ބޮޑު މަނިކުފާނު" "ދި މަނިކުފާނު" "ފުތް މަނިކުފާނު" މިގޮތަށް އެކަނި އެފަދަ ބޭފުޅެއްގެނަންފުޅެއް އޮވެދާނެތޯއެވެ. އެހެންކަމަށްވާނަމަ އެކަމަނާގެ އިތުރު ނަންފުޅެއް އޮތްތޯ ބަލައިލަމާތޯއެވެ. މިހެންދެންނެވީ، އެއް ބޭފުޅަކަށް އެއް ނަމަށްވުރެ ގިނަ ނަން ކިޔާތީއެވެ. ގިނަ ނަމުން މުޚާޠަބްކުރެވޭތީ އެވެ. ބަނޑޭރި ޙަސަން މަނިކުފާނުގެ ބައްޕާފުޅު ޢަލިމަނިކުފާނަށް "ބޮޑު މަނިކުފާނު" އަދި "ބޮޑު ރަހާ" ވެސް ކިޔަނީ ނޫންތޯއެވެ. 

ތާރީޚު ލިޔުންތެރިޔާ އަލްފާޟިލް މުޙައްމަދު ޝާޠިރު "ހަވީރު" ނޫހުގައި ލިޔުއްވަނީ "ދިވެހިރާއްޖޭގެ އިހުގެ އާދަކާދަތަކާއި ކަންތައްތަކަށް ބަލާއިރު އެކިއެކި ދުވަސްވަރު އެކިއެކި ކަންކަމާއި ދަރަޖަތަކުގެ މީހުންނަށް މުޚާތަބްކުރެވިފައިވާ ނަންތަކަށް ބަދަލު އައިސްފައި ވެއެވެ. މިގޮތުން އައިސްފައިވާ ބަދަލުތައް ދިރާސާކޮށްފިނަމަ، ފިލާވަޅުތަކެއް ލިބިގެން ދާނެ އެވެ. މީގެތެރޭގައި ރަސްދަރިކޮޅުގެ ބޭފުޅުންގެ ނަންތަކަށް އައި ބަދަލުތައް ޚާއްސަގޮތެއްގައި ފާހަގަ ކުރެވެ އެވެ. އަދިވެސް އޭނާ ލިޔުއްވައެވެ. "ސަތާރަ ވަނަ ގަރުނުގައި ފެށިގެން ދިޔަ އިސްދޫ ރަސްކަމުގެ ދުވަސްވަރު ނިމުމަށްފަހު، އެދަރިކޮޅުގެ ފިރިހެން ބޭފުޅުންނަށް މަނިކުފާނު އަދި ރަހާ ކިޔާފައި ވެ އެވެ. އަންހެން ބޭފުޅުންނަށް މަނިކެފާނު އަދި ރަނާ ކިޔާފައި ވެ އެވެ. ރަހާ އަކީ "ރަސް" މި މާނައިގައި ކިޔާ ބަހެއް ކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެ އެވެ. ރަނާ އަކީ "ރަނި" މި މާނައިގައި ކިޔާ ބަހެއް ކަމަށް ވެ އެވެ."

http://www.haveeru.com.mv/dhivehi//video/415 

ދެއްވަދޫ ރަސްގެފާނުގެ ދުވަސްވަރަކީ އިސްދޫ ދަރިކޮޅުގެ ރަސްކަންފެށުމުގެ ކުރިއެވެ. އިސްދޫ ދަރިކޮޅުގެ ދެ އަންހެން ބޭފުޅަކާ ދެއްވަދޫ ރަސްގެފާނު ކައިވެނިފުޅުކުރެއްވި ނަމަވެސް އެރަދުންނަކީ އިސްދޫ ދަރިކޮޅުގެ ބޭފުޅެއްނޫނެވެ. މަނިކުފާނު، މަނިކެފާނު ކިޔާފައިވަނީ އިސްދޫ ރަސްކަމުގެ ދުވަސްވަރު ނިމުމަށްފަހު އެދަރިކޮޅުގެ ބޭފުޅުންނަށެވެ. ދެއްވަދޫ ރަދުންނަށް އަދި އެރަދުންނާއި އެއްބަނޑުން އުފަންވި ބޭފުޅެއްގެ ނަންފުޅާއި ގުޅުވައިގެން "މަނިކުފާނު" ކިޔާފައިނުވާއިރު މަހާނަގަލުގެ ލިޔުމެއްގައި މަރުޙޫމްގެ މަންމަގެ ނަންފުޅެއްގެ ގޮތުން "ބޮޑު މަނިކުފާނު" ބޭނުންކޮށްފައިވަނީ ކީއްވެތޯ ވިސްނެވުން އެދެމެވެ. މިއީ އެނގެންހުރި ކަންކަމެވެ. 

"މާލޭ ހުކުރު މިސްކިތް" ފޮތުގެ 373ޞ. ގައި މަހާނަގަލެއްގައި [އައްސުލްޠާން ޙަސަން ޢިއްޒުއްދީން ކައްތިރި ބޮވަނަ މަހާރަދުންނަށް ދިއަފުރަސޫތާވި އަލްވަޒީރު މުޙައްމަދު ފާމުލަދޭރި މަނިކުފާނަށް އުފަން ޙުސައިން ބޮޑުދޮށިމޭނާ ކިލަގެފާނުގެ "ދި މަނިކުފާނު" އަވަހާރަވީކަމު ހަދާން] ލިޔެފައިވެއެވެ. އަދި ދެއްވަދޫ ހުކުރުމިސްކިތުގެ ޤަބުރުސްތާނުގެ ގަލެއްގައި [ދެއްވަދޫ ދަހަރާ މަނިކުފާނުންގެ ދި ފާތުމާ މަނިކުފާނުންގެ ބަޑުން ގުރައިދޫ ޢަލިމަނިކުފާނުންގެ ފުތް އިބްރާހީމް މަނިކުފާނުންގެ "ފުތް މަނިކުފާނު"] މިހެން ލިޔެފައިވެއެވެ. އަވަހާރަވީ ބޭބޭފުޅުންގެ ނަންފުޅުގެ ކުރީގައި އެ ބޭބޭފުޅުންގެ ނަސްލު ގުޅިފައިވާ ފަރާތްޕުޅުތަކުގެ ޢަރަބި ނަންފުޅެއް ވެސް ވާއިރު އަވަހާރަވީ ބޭބޭފުޅުންނަށް "ބޮޑު މަނިކުފާނު" "ދި މަނިކުފާނު" "ފުތް މަނިކުފާނު" މިގޮތަށް ބޭބޭފުޅުންގެ މަހާނަފުޅުތަކުގެ ގައުތަކުގައި ލިޔެފައިއެވަނީ ކީއްވެތޯއެވެ. އެއީ އެބޭފުޅެއްގެ ހަމައެކަނި ނަންތޯއެވެ. އެނަމުގެވެރިޔަކީ ކޮބައިކަން އެނގޭ ނަމަކަށްވަނީތޯއެވެ. ނުވަތަ އެބޭފުޅަކަށް މުޚާތަބްކުރެވޭ މަޝްހޫރު ނަމަކަށްވަނީތޯއެވެ. އޭގެ އެއްވެސް ބޭފުޅެއްގެ ޢަރަބި ނަމެއް ވެސް ނެތީތޯއެވެ. 


ބޮޑު ތަކުރުފާނާއި، އުތީމު ރަދުންނާއި، ޣާޒީ ބަންޑާރައިންނާއި، މުޙައްމަދު ތަކުރުފާނުލް އަޢުޡަމާއި، މުލީގޭ ދޮން ޙަސަން މަނިކުފާނާއި، ދޮން ބަންޑާރައިންނާއި، ޣާޒީ ޙަސަން ޢިއްޒައްދީނާއި، ކަޅުތުއްކަލާއާއި، ބޮޑު ރަސްގެފާނާއި، ސުލްޠާން މުޙައްމަދު ޢިމާދުއްދީން(އެއްވަނަ) އާއި، އިބްރާހީމް ވެލާނާ ތަކުރުފާނާއި، ބޮޑު ކިލެގެފާނާއި، މުޡުހިރުއްދީން ރަދުންނާއި، މުޙައްމަދު ދޮށިމޭނާ ތަކުރުފާނާއި، ދިޔަމިގިލީ ބަންޑާރައިންނާއި، ސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީނާއި، ކޮރުބަންޑާރައިންނާއި، ސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީނާއި، ކަޅު ބަންޑާރައިންނާއި، މުޢިއްޒުއްދީން ރަދުންނާއި، މުލީގޭ މަނިއްޕުޅާއި، ޝަމްސުއްދީން(ތިންވަނަ) ރަދުންނާއި، ވާދޫ އަބޫބަކުރު ފަނޑިޔާރު ކަލޭގެފާނާއި، ކުރަމަތީ އަބޫބަކުރު ފަނޑިޔާރު ތަކުރުފާނާއި، އައްޑޫ ބޮޑު ފަނޑިޔާރު ކަލޭގެފާނާއި، މީދޫ މުޙައްމަދު ޝަމްސުއްދީން ފަނޑިޔާރު ތަކުރުފާނާއި، ކުޑަ ކަމަނާއި، ބޮޑު ކަމަނާއި، ކުޑަ މަނިކުފާނާއި، ބޮޑު މަނިކުފާނާއި، ފުތް މަނިކުފާނާއި، ދި މަނިކުފާނާއި، ދޮށީ ދީދީ އާއި، މެދު ދީދީ އާއި، ހަގު ދީދީ އާއި، އަދި ޅަ ދީދީ ވެސް  ވެސް އުޅުއްވައިފައިވަނީ އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި ނޫންތޯއެވެ. މީގެތެރޭގައި އެއް ބޭފުޅަކަށް އެއް ނަންފުޅަށްވުރެ ގިނަ ނަންފުޅު އެވަނީ ނޫންތޯއެވެ.

މާލޭ ހުކުރުމިސްކިތުގެ ޤަބުރުސްތާނުގެ މަހާނަގަލެއްގައި "ބޮޑު މަނިކުފާނު" ކަމަށް ލިޔެފައިވާ ބޭފުޅަކީ، ރަސްކަލެއްގެ ދައްތާފުޅު، ނޫނީ ދައިތާފުޅަށް ވުމުން، އެ ދުވަސްވަރުގެ ރަސްކަމުގެ އާދަކާދައިގެ ތެރެއިން މި ކަމަނާއަށް ޢިއްޒަތުގެ ދަރަޖައެއް ލިބިވަޑައިގެންފައި ވުމަކީ ވެސް ވެދާނެކަމެކެވެ. ދެއްވަދޫ ކަނބައިދި ކިލެގެފާނަކީ ވެސް ދެއްވަދޫ ގަނޑުވަރު ޢާއިލާގެ ބޭފުޅެކެވެ. ކުރީގެ ދުވަސްވަރު ކަނބައިދި ކިލެގެ ކަމުގެ ދަރަޖަދެއްވަނީ ރަސްކަލެއްގެ އަދި ރަސްކަލެއްގެ އަނބިކަނބަލެއްގެ ދައިތާފުޅަކަށް ނުވަތަ އަންހެން ކޮއްކޯފުޅަކަށް ކަމަށް ލިޔުންތަކުން އެނގެންހުރެއެވެ. މިހެންވުމުން ދެއްވަދޫ ކަނބައިދި ކިލެގެފާނަކީ ދެއްވަދޫ ރަސްގެފާނުގެ ދައިތާފުޅަކަށް ނުވަތަ ކޮއްކޯފުޅަކަށް ވުމަކީ އެކަންވުން އެންމެގާތް ގޮތެވެ. ދެއްވަދޫ ކަނބައިދި ކިލެގެފާނުގެ މަހާނަފުޅު، ދެއްވަދޫ ކުރީގެ ހުކުރުމިސްކިތުގެ ޤަބުރުސްތާނުގައި އެބަވެއެވެ. ނަމަވެސް އެއީ މި "ބޮޑު މަނިކުފާނު"ގެ ނަންފުޅުގައިވާ ކަމަނާއެއްނޫނެވެ.

ދެއްވަދޫ އައްސުލްޠާނުލް ޤާޟީ މުޙައްމަދު މަހާރަދުނާއި އެއްކިހުނުފަން އަންހެންބޭފުޅަކަށް "ބޮޑު މަނިކުފާނުމުޚާޠަބްކުރެވެނީ އެ ރަދުންނަށް ވުރެ އެ ކަމަނާ ދޮށިފުޅުވުމާއި، އަދި މުޖުތަމަޢުގައި އެ ކަމަނާއަށް ލިބިވަޑައިގެންފައިވާ ޚާއްޞަ ކަންކަމެއް ވެސް ހުރުމުންކަމަށް ބެލެވިދާނެ ނަމަ، އެ ފަދަ ކަންކަމެއް ވެސް އެބަހުއްޓެވެ.

އެ ކަމަނާގެ މަންމާފުޅަކީ، އައިސާބީ ނުވަތަ އައިސާދިޔޯ އެވެ. އައިސާދިޔޯއަކީ، ރަސްކަލެއްގެ މަންމާފުޅަށް ވުމުން އެ ދުވަސްވަރުގެ ރަސްކަމުގެ އާދަކާދައިގެ ތެރެއިން ޢިއްޒަތުގެ ދަރަޖައެއް އެ ކަމަނާއަށް ލިބިވަޑައިގެންފައިވުމަކީ ނުވާނެ ކަމެއް ނޫނެވެ. "ބޮޑު މަނިކުފާނުކަމަށްވެސް މުޚާޠަބްކުރެވޭ ކަމަނާގެ ބައްޕާފުޅަކީ، މާފަތްކިލެގެކަމުގެ ޢިއްޒަތް ދެއްވައިފައިވާ ބޭފުޅެކެވެ. އެ ކަމަނާގެ ފިރިކަލުންނަކީ،  ފާމުލަދޭރި ކަމުގެ ޢިއްޒަތް ދެއްވައިފައިވާ ބޭފުޅެކެވެ. އެ ކަމަނާއަކީ، ދިވެހިރާއްޖޭގެ އިސް ފަނޑިޔާރުކަމާއި ރަސްކަން ވެސް ކުރެއްވި ދެއްވަދޫ ރަސްގެފާނުގެ ދައްތާފުޅެވެ. ނޫނީ ދައިތާފުޅެވެ. ބޮޑު ދައިތާފުޅެއްނޫނެވެ. އެ ކަމަނާއަކީ މާލޭގެ ޚަޠީބުކަންކުރެއްވި މަޝްހޫރު ދެއްވަދޫ ބޮޑު ޚަޠީބު މަނިކުފާނު ނުވަތަ ޢަލިޚަޠީބާއި، ދެއްވަދޫ ގަނޑުވަރުގެ މަރިޔަމް ކަނބުލޭގެފާނުގެ ވެސް މަންމާފުޅެވެ. ދިޔަމިގިލީ އިބްރާހީމް ރަސްގެފާނުގެ އަނބިކަނބަލުން ދެއްވަދޫ ގަނޑުވަރު ކަނބާފާނާއި، ދެއްވަދޫ ދަހަރާ މަނިކުފާނުގެ ބައްޕާފުޅުގެ މަންމާފުޅެވެ. ރާއްޖޭގެ މަޝްހޫރު އިސް ފަނޑިޔާރު ޝަމްސުއްދީން ފަނޑިޔާރު ތަކުރުފާނުގެ ކާފަ ދަރިކަނބަލެކެވެ. ޣާޒީ ރަދުންގެ ޚާއްޞަ ޢިނާޔަތާއި އެރަދުންގެ ވަރަށްބޮޑު އިސްކަމެއް އެ ބޭފުޅަކާއި އެބޭފުޅެއްގެ ޢާއިލާއަށްވެސް ދެއްވިކަން އެނގޭ ރާއްޖޭގެ އިސް ފަނޑިޔާރު، އަބޫބަކުރު ފަނޑިޔާރު ތަކުރުފާނުގެ މާފަ (މަންމަގެބައްޕަ) ދަރިކަނބަލެކެވެ.

ދެއްވަދޫ ރަސްގެފާނު އަވަހާރަވުމުން ދެއްވަދުއަށް އަރުވައިލެއްވިކަމަށް ދިވެހިތާރީޚު ފޮތުގައި ލިޔެފައިވާ ދެއްވަދޫ ރަދުންގެ "އެއްބަނޑު ކަމަނާނުވަތަ އެ ފޮތުގައި ލިޔެފައިވާ ދެއްވަދޫ ރަސްގެފާނުގެ "ދައިތާ" ނުވަތަ ތަންޤީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު ގައި ލިޔެފައިވާ "ދެއްވަދޫ ރަދުންގެ ދައިތާފުޅު" ނުވަތަ މަރުޙޫމް ދެއްވަދޫ ބޮޑު ޚަޠީބު މަނިކުފާނުގެ މަންމާފުޅު ނުވަތަ "ކުރަމަތީ އަބޫބަކުރު ފަޑިޔާރު ކަލޭގެފާނުންގެ ކޮއްދުނާއި ކިހުނުފަން، ދެއްވަދޫ އައްސުލްޠާނުލް ޤާޟީ މުޙައްމަދު މަހާރަދުނާއި އެއްކިހުނުފަން، ބޮޑު މަނިކުފާނު" ގެ އެހެން ނަންފުޅެއްވޭތޯ ބަލައިލަމާތޯއެވެ.

1. ދެއްވަދޫ ރަސްގެފާނުގެ މަންމާފުޅު، އައިސާދިޔޯގެ "ބަނޑުން އުފަންއަންހެންބޭފުޅުންނަކީ ދޮން ދަލޭކަ ކަނބުލޭގެފާނާއި މަރިޔަމް ކަނބުލޭގެފާނާއި ފާތުމާ ކަނބުލޭގެފާނެވެ. މީގެތެރެއިން މަރިޔަމް ކަނބުލޭގެފާނާއި ފާތުމާ ކަނބުލޭގެފާނުގެ ދަރިކަލަކަށް ދެއްވަދޫ ބޮޑު ޚަޠީބު މަނިކުފާނު ނުވަތަ ޢަލިޚަޠީބު ކިޔާ ބޭފުޅަކު ނެތްކަމާއި، ދޮން ދަލޭކަ ކަނބުލޭގެފާނުގެ ދަރިކަލަކަށް ދެއްވަދޫ ބޮޑު ޚަޠީބު މަނިކުފާނު ނުވަތަ ޢަލިޚަޠީބު ހުންނެވިކަމާއި މިބޭފުޅަކާއި "އެއްބަނޑުން އުފަން" މަރިޔަމް ކަނބުލޭގެފާނު ވެސް އިންނެވިކަން ކުރިއްސުރެ އެނގެއެވެ. މި ޢާއިލީވަނަވަރަކީ މިބޭފުޅުންނަށް ވުރެ އެތައް އަހަރެއްގެފަހުން ވަކި މީހެއްގެ ދިރާސާއެއް، ހޯދުމެއް، ފެންނަގޮތެއް ނެތި ކުރިއްސުރެ އެނގޭ އަދި ލިޔެވިފައިވާ ވަނަވަރަކަށްވުމުން މަރުޙޫމް ދެއްވަދޫ ބޮޑު ޚަޠީބު މަނިކުފާނު ނުވަތަ ޢަލިޚަޠީބުގެ މަންމައަކީ ދޮން ދަލޭކަ ކަނބުލޭގެފާނު ކަމަށް އެނގެއެވެ.

2. ދޮން ދަލޭކަ ކަނބުލޭގެފާނުގެ ދަރިކަލަކަށް ދެއްވަދޫ ބޮޑު ޚަޠީބު މަނިކުފާނު، ނުވަތަ ޢަލިޚަޠީބު ހުންނެވިއިރު މިބޭފުޅަކާއި "އެއްބަނޑުން އުފަން" މަރިޔަމް ކަނބުލޭގެފާނު ވެސް އިންނެވިކަމީ، މިބޭފުޅުންނަށް ވުރެ އެތައް އަހަރެއްގެފަހުން ވަކި މީހެއްގެ ދިރާސާއެއް، ހޯދުމެއް، ފެންނަގޮތެއް ނެތި ކުރިއްސުރެ އެނގެންއޮތް އަނެއްކަމަކީ:
(ހ) ނަމްބަރ 1. ގައި ބަޔާންކުރި ކަންކަމަށްބަލާއިރު، ދެއްވަދޫ ބޮޑު ޚަޠީބު މަނިކުފާނު ނުވަތަ ޢަލިޚަޠީބުގެ މަންމާފުޅަކީ ދޮންދަލޭކަ ކަނބުލޭގެފާނު ކަމަށް އެނގެއެވެ.

(ށ) ޢަރަބިބަހުން ކިޔާ "ޛުލައިޚާ" އަށް ދިވެހިން "ދަލޭކަ" ކިޔުމާއި، "ދަލޭކަ" އަށް "ހުވަދުއަތޮޅުގައި "ދަލިކާ" ކިޔުމާއި، ދަލިކާފާނަށް "ދަލޭކަ ކަނބުލޭގެފާނު" ނުވަތަ "ދޮން ދަލޭކަ ކަނބުލޭގެފާނު" ކިޔުމުގެ ފުރުޞަތު އޮވެއެވެ.

(ނ) ދެއްވަދޫ ރަސްގެފާނު އަވަހާރަވުމުގެކުރިން އެރަދުން ހަވަރުތިނަދޫގައި ޢިމާރާތްކުރައްވަން ފެއްޓެވި މިސްކިތުގެ މަސައްކަތަށް އެހީތެރިވެދީ ހިތްވަރުދިނުމަށްޓަކައި ކުރެވުނު ކަންކަމުގައި އެމަސައްކަތްކުރި މީހުންނަށް އެކިދުވަހު އެންމެބޮޑެތި ކެއިން ތައްޔާރުކޮށް އެމީހުންނަށް ކާންދިންމީހުންގެތެރޭ ހަވަރުތިނަދޫ ޙައްވާފާނާއި، އެރަށު ދިގު ރާބެއްޔާއާއި، ދެއްވަދޫ ޢަލިތުއްކަލާގެ ދަލިކާފާނާއި، މީނާގެ ދަރި "މަރިޔަމް ކަނބުލޯ" އާއި މި ފަރާތްތައް ހިމެނޭކަމުގެވާހަކަ، އެކެއުމެއް ކެއި ބަޔަކު ނޫނީ އެހެންބަޔަކު ވިޔަސް، އެމިސްކިތުގެ ކުރީގެ އޮމާންކުރި ހިރިގަލެއްގައި ލިޔެފައިވެއެވެ. ލިޔުނުތާ އެތައް އަހަރެއްވެފައިވާ މިލިޔުންފެނިފައިވަނީ މި މިސްކިތް ބޮޑުކުރުމަށްޓަކައި މިސްކިތުގެ ބޮޑު ބައެއް ރޫޅާލައިގެން މަސައްކަތްކުރުމުގެތެރޭއެވެ. ދެފަރާތް އޮމާންކޮށް ހިރިގަލުން ބިތްތައްހަދައި ލާގެ އަރުވައި ލަކުޑިބެރިތަކުގައި ލާފެންކޮށް ޤުރުއާނުގެ އާޔަތްތަކާއި މާތް ރަސޫލާގެ ޙަދީސްތައް ލިޔެ، ދެއްވަދޫ ރަސްގެފާނުގެ ސިއްކަފުޅު ޖަހާފައިވާ މިމިސްކިތުގެ އިރުއުތުރު ބިތުގެ ދެވަނައަށް ހުރި މި ހިރިގަލަކީ މިސްކިތުގެބޭރުން ފެންނަންހުރި ގަލަކަށްވީނަމަވެސް ލިޔުންތައް ހުރީ މިސްކިތުގެ އެތެރެއިން ތަޅަމުން ފޮރުވޭ ހިސާބުގައެވެ. 


މިހެންވުމުން މަތީގެ ހ. އަދި ށ. ގައި ބަޔާންކުރި ކަންކަމަށްބަލާއިރު ދެއްވަދޫ ޢަލިތުއްކަލާގެ ދަލިކާފާނަށް "ދޮން ދަލޭކަ ކަނބުލޭގެފާނު" ކިޔުމުގެ ފުރުޞަތުއޮތުމާއި، އަދި މީނާގެ ދަރިކަނބަލުން "މަރިޔަމް ކަނބުލޯ" އަށް "މަރިޔަމް ކަނބުލޭގެފާނު" ކިޔުމުގެ ފުރުޞަތުއޮތުމާއި، މިކަންކަމުގެ ސަބަބުން ދޮން ދަލޭކަ ކަނބުލޭގެފާނުގެ ދަރިކަލަކަށް ދެއްވަދޫ ބޮޑު ޚަޠީބު މަނިކުފާނު ނުވަތަ ޢަލިޚަޠީބު ހުންނެވިއިރު މިބޭފުޅަކާއި "އެއްބަނޑުން އުފަން" މަރިޔަމް ކަނބުލޭގެފާނު އިންނެވިކަންވެސް އެނގެއެވެ.

(ރ) މަތީގެ ނ. ގައި ބަޔާންކުރާ "ދެއްވަދޫ ޢަލިތުއްކަލާ" ނުވަތަ "ދެއްވަދޫ ޙާޖީ ޢަލީ ތުއްކަލާ" ކިޔާ ބޭފުޅެއްހުންނެވިކަން އެނގޭ އަނެއްގޮތަކީ، ދިވެހިތާރީޚު ފޮތުގެ 40 ވަނަ ޞ. ގައި "އައްޑޫ ބޮޑު ފަޑިޔާރު ތަކުރުފާނުންގެ ފުތް ދެއްވަދޫ ޙާޖީ ޢަލީ ތުއްކަލާގެ ފުތް މުޙައްމަދު ޚަޠީބު ތަކުރުފާނަށް ފަޑިޔާރުކަން ދެއްވެވިއެވެ." މިގޮތަށް ލިޔެފައިވުމުން ދެއްވަދޫ "ޙާޖީ ޢަލީ ތުއްކަލާ" ކިޔާ ބޭފުޅަކުހުންނެވިކަން އެނގުމާއި، އަދި އެބޭފުޅަކަށް "ދެއްވަދޫ ޢަލިތުއްކަލާ" ކިޔުމުގެ ފުރުޞަތު އޮތުމުންނެވެ.'

(ބ) މަތީގެ ނ. ގައި ބަޔާންކުރާ ދެއްވަދޫ ޢަލިތުއްކަލާގެ "ދަލިކާފާނުދެއްވި ކެއުމެއް ކެއި ބަޔަކަށާއި، އެދުވަސްވަރުގެ އެނޫން ބައެއް މީހުންނަށާއި، އަދި އެކަމަނާގެ ޢާއިލާގެފަރާތްތައް ފިޔަވައި، މިހިނގާ ޖީލުގެ އަދި ދުނިޔޭގައިތިބި ބައެއް މީހުންނަށްވެސް ދެއްވަދޫ ޢަލިތުއްކަލާގެ "ދަލިކާފާނު" ކިޔާ ބޭފުޅެއްހުންނެވިކަމަށް އެނގޭ އަނެއްގޮތަކީ، ދެއްވަދޫ ރަސްގެފާނު ހަވަރުތިނަދޫގައި ޢިމާރާތްކުރައްވަން ފެއްޓެވި މިސްކިތުގެ މަސައްކަތް އަވަހަށް ނިންމެވުމަށްޓަކައި ހަވަރުތިނަދޫއަށް ވަޑައިގެން އުޅުއްވަނިކޮށް އެރަށުގައި އަވަހާރަވެފައިވާ އަންހެންބޭފުޅެއްގެ މަހާނަފުޅުގެގަލުގައި ޢަރަބިއަކުރުން ލިޔެފައިވާ ލިޔުމުގެފަހަތުބައި، ދުވަސްވެ، ނުވަތަ ލިޔުމަށްލިބުނު ގެއްލުމެއްގެސަބަބުން އެބައި ކިޔަންނޭނގޭވަރުވީ ނަމަވެސް އެނގެންހުރި އެއްޗެއް 1962މ. ގައި ހަވަރުތިނަދޫން މީހުން ބޭލުމާ ހަމައަށްވެސް އެނގެންހުރިއިރު މި މަރުޙޫމާއަކީ ޤާޟީ މުޙައްމަދު ކިޔާ ބޭފުޅެއްގެ ޙާއްޖު ޢަލީގެ، ނުވަތަ ޙާޖީ ޢަލީގެ، "ޛުލައިޚާ" ނުވަތަ "ދަލިކާ" ކިޔާ ބޭފުޅެއްކަމަށް އެނގޭތީވެއެވެ.

3. "އެއްކިހުނުފަން" ކަމަށް ލިޔެފައިވާ އެއްވެސް ދެފަރާތަކީ "އެއްބަނޑު އެއްބަފާ" ދެފަރާތެއްކަމަށް އެނގޭނޭ އެހެންގޮތެއް ނުފެންނަނަމަ، އެއީ "އެއްބަނޑު އެއްބަފާ" ދެފަރާތެއްކަމުގެ ކަށަވަރުކަމެއް ނުލިބުމަކީ ވެދާނެގޮތެކެވެ. އެހެންނަމަވެސް "އެއްކިހުނުފަން" ކަމަށް ލިޔެފައިވާ ދެފަރާތަކީ "އެއްބަނޑު އެއްބަފާ" ފަރާތްތަކެއްނަމަ، އެބަޔެއްގެ ނަސްލީގުޅުން "އެއްބަނޑު އެއްބަފާ" ނޫންގޮތަކަށް ފުރޮޅިއްޖެނަމަ، އެދެފަރާތެއްގެ ނަސްލީގުޅުން އޮޅިގެން ހިނގައިދާނެއެވެ. މިހެންވުމާއެކު "އެއްކިހުނުފަން" ކަމަށް ލިޔެފައިވާ "އެއްބަނޑު އެއްބަފާ" ބައެއް ބޭފުޅުންގެ ނަސްލީ ގުޅިވަޑައިގަތުމުގެ ވަނަވަރުތަކެއް އަބޫބަކުރު ފަނޑިޔާރު ތަކުރުފާނުގެ ލިޔުމުގައިވެސް ގެނެސްދީފައިވާނެއެވެ.

(ހ) "މުޙައްރަމް މަހު ސައުވީސްވީ އާދީއްތަ އައްސުލްޠާނު މުޙައްމަދު ޢިމާދުއްދީން ރަދުނާއި "އެއްކިހުނުފަން" ކަދީދާމަނިކެ ބަޑުން އުޑޫދޫ އަލިކަލޭގެފާނަށް އުފަން ފާތުމާމަނިކެ ބަޑު އުޑޫދޫ އިބްރާހީމް ދަހަރައި ތަކުރުފާނަށް އުފަން ޙަސަން ރަންނަބަޑޭ މަނިކުފާނުންގެ ފުތް އުބުރަހެން މަނިކުފާނު ނިއައުވީކަމު ހަދާން" (މާލޭ ހުކުރުމިސްކިތް ފޮތް ޞ. 364)

(ށ) "ސަނަތު ހިޖުރައިން އެކުސާސްތުރަ އެކުސައްތަ ފަންސަހައްޓި ވަނަ އަހަރު ޝަޢުބާން މަހު ސަތާރަވީ ހުކުރުދުވަހު . . . . އައްސުލްޠާނު މުޙައްމަދު ޢިމާދުއްދީން ރަދުނާއި "އެކުބަޑު އެއްބަފައި" ކަދީދާ މަނިކުފާނުގެ ދި އައިސާ ކަބާދި ކިލަގެފާނު އަވަހާރަވީކަމު ހަދާން." (މާލޭ ހުކުރުމިސްކިތް ފޮތް ޞ. 359)

އައްސުލްޠާނު މުޙައްމަދު ޢިމާދުއްދީން ރަދުންނާއި ކަދީދާމަނިކެ ނުވަތަ ކަދީދާ މަނިކުފާނާއި ދެބޭފުޅުންގެ ނަސްލީގުޅިވަޑައިގަތުމަކީ "އެއްކިހުނުފަން" ކަމަށް އަދި "އެކުބަޑު އެއްބަފައި" ކަމަށްވެސް އެވަނީ ލިޔެފައެވެ.

(ނ) ހިޖުރާން (ހަފޮޅުވަތް ނޭގިފައި) އައްސުލްޠާން މުޙައްމަދު އިމާދުއްދީން ރަދުނާއި އެއްބަޑު ބޮޑު ހަދެއިގިރި ކަލޭގެފާނާއި މިދެމަފިރިކަބަލުންގެ ދި އަތިރީ ކަމަނާފާނާއި ފަސްމަންދޫ ހަކުރާތަކުރުފާނާއި މިދެމަފިރިކަބަލުންގެ ދި މާވާ ކިލެގެފާނާއި ތަކަންދޫ ބޮޑު ހަކުރައި ތަކުރުފާނާއި މިދެމަފިރިކަބަލުންގެ ދި ޙައްވާ ކަބާދި ކިލެގެފާނު އަވަހާރަވެއްޖެކަމު ހަދާން ސަނަތު 1211 (މާލޭ ހުކުރުމިސްކިތް ފޮތް ޞ. 358)

(ރ) "ހިޖުރައިން އެކުސާސްތުރަ އުނަވައިވަނަ އަހަރެތެރެ ސުވަސްތީ ސީރީ މަތަމަހާސިރީ ކުލަރަންމީބަ ކައްތިރިބަވަނަ މަހާރަދުންގެ އެއްތިރީސް ވަނަ އަހަރު ޖުމާދިލްއައްވަލް މަހު ހުކުރު އަށާރަވިލޭރެއި މިރަދުނާއި "އެއްކިހުނުވި" ..... ރަންނަބަޑޭރި ކިލަގޮށް އުފަން ކޮށަރި ކިލެގޮށް ތުއްކަމަނާފާނު "ބަޑުންއުފަން" ޙުސައިން އަމަންނާ ކިލެގެފާނު މިދުވަހުމެ ފުރައުއްތަވެއްޖެ ކަމު ހަދާނަށް ލީ ފާންތި." (މާލޭ ހުކުރުމިސްކިތް ފޮތް ޞ 346)

(ބ) "ހިޖުރައިން މިތައްވަނަ އަވެރުދު 1178ގައި ޛުލްޙައްޖުމަހު ހަރެޔަށްވީ އަންގާރަވިލޭރެއި ސިރީ ކުލަރަންމީބަ ކައްތިރިބަވަނަ މަހާރަދުނާއި އެއްކިހުނުފަން މިރަދުންގެ ދިޔަފުރަސޫތާވި އަލްވަޒީރު މުޙައްމަދު ފާމުލަދޭރި މަނިކުފާނުއަށްމެ އުފަން ޙުސައިން ބޮޑު ދޮށިމޭނާ ކިލަގެފާނު ފުރައުއްތަވީކަމު ހަދާން" (މާލޭ ހުކުރުމިސްކިތް ފޮތް ޞ. 372)

(ޅ) "ހިޖުރައިން ހާހާއި އެއްސަތޭކަ މިތައްވަނަ 1196 އަހަރު ޝަޢުބާން މަހު އޮނަތިރީސް ވިލޭރޭ އިރުއޮސްފުނުމާއި އެކު، އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒައްދީން މަހާރަދުނާއި އެއްކިހުނުފަން، މިރަދުނަށަ ދިޔަފުރަސޫތާވި އަލްވަޒީރު މުޙައްމަދު ފާމުލަދޭރި މަނިކުފާނުންގެ އަލްޢަޒީޒު ޙުސައިން ބޮޑު ދޮށިމޭނާ ކިލެގެފާނަށަމެ ދިޔަފުރަސޫތާވި އަލްވަޒީރު މުޙައްމަދު ފާމުލަދޭރި މަނިކުފާނަށަމެ އުފަން އަލްޢަޒީޒު ޢަލީ ރަންނަބަޑޭރި ކިލެގެފާނު ފުރައުއްތަވީކަމު ހަދާން." (މާލޭ ހުކުރުމިސްކިތް ފޮތް ޞ. 327)

ދެބޭފުޅެއްގެ ނަސްލީގުޅިވަޑައިގަތުމަކީ "އެއްކިހުނުފަން" ކަމަށް ބ. އަދި ޅ. ގައި ލިޔެފައިވާ އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒައްދީން ސިރީ ކުލަރަންމީބަ ކައްތިރިބަވަނަ މަހާރަދުންނާއި، ޙުސައިން ބޮޑު ދޮށިމޭނާ ކިލެގެފާނަކީ "އެއްބަނޑު އެއްބަފާ" ދެބޭފުޅުންކަމަށް ވަރަށް ގިނަ ލިޔުންތަކުން އެނގެއެވެ. މިހެންވުމުން "އެއްކިހުނުފަން" ބޭނުންކޮށްފައި އެވަނީ "އެއްބަނޑު އެއްބަފާ" ދެބޭފުޅެއްގެ ނަސްލީ ގުޅިވަޑައިގަތުމަށް ކަމަށްވާނަމަ، "އެއްބަނޑު އެއްބަފާ" ނޫންގޮތަކަށް އެވަނަވަރުގެ "އެއްކިހުނުފަން" ފުރޮޅިއްޖެނަމަ ދެބޭފުޅެއްގެ ނަސްލީގުޅިވަޑައިގަތުން އޮޅިގެން ހިނގައިދާނެއެވެ.

ރާއްޖޭގެ އެންމެދުވަސްވީ ލިޔުންތަކުގައި "އެއްކިހުނުފަން" ލިޔެފައިވާތީ ފެންނަނީ "ރާދަވަޅި" ފޮތާއި، އައްޝައިޚު ޔޫސުފު ޝަމްސުއްދީން އައްތަބުރޭޒީ މިކަލޭގެފާނުންގެ ޒިޔާރަތުގެތެރޭ އޮތް ހައިވަކަރުފިލާގަނޑެއްގެ ލިޔުމާއި، އަދި މާލޭ ހުކުރުމިސްކިތުގެ ޤަބުރުސްތާނުގެ ބައެއް މަހާނަގަލުގެ ލިޔުމެވެ. ސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީންގެ ދަރިކަލުން ސުލްޠާން ޙަސަން ނޫރައްދީން(1) ރަދުންގެ ރަސްކަމާހަމައަށް، މުސްކުޅި ދިވެހިބަހުން ލިޔެފައި އޮތް މި"ރާދަވަޅި" ގައި "އެއްކިހުނުފަން" އާއި "އެއްބަނޑު" އަދި "އެއްބަފާވެސް ލިޔެފައިވެއެވެ. "ރާދަވަޅި" އަކީ ރަސްރަސްކަލުންގެ ނަންފުޅުތަކާއި އެރަސްރަސްކަލުންގެ ކޮލީ ނަންފުޅާއި (އެނގިއޮތްވަރަކުން) އެބޭފުޅުންގެ މައިބަފައިކަލުންނާއި އެބޭފުޅުން ރަސްކަމަށް އިސްވެވަޑައިގަތް އަދި ވަކިވެވަޑައިގަތް (އަވަހާރަވެގެން ނަމަވެސް) ތާރީޚެއް އެނގޭގޮތަށް ބަޔާންކޮށްފައިވާ ލިއުމަކަށް ކިޔާ ނަމެއް ކަމަށް ދިވެހިތާރީޚާއި ޘަޤާފަތަށް ޚިދްމަތްކުރާ މަޖްލިސްގެ ހޯދުން "ރާދަވަޅި" ފޮތުގެ ތަޢާރަފްގައި ދިވެހިތާރީޚާއި ޘަޤާފަތަށް ޚިދްމަތްކުރާ މަޖްލިސްގެ ރައީސް އުސްތާޛުލް މަރުޙޫމް އިބްރާހީމް ޝިހާބު ލިޔުއްވައިފައިވެއެވެ. 


ތީމުގޭ ރަންފިރޭރު މިނިއަބާރުނަ މަހާރަދުނަވެ. މިކަލާ ރަސްކަންކުޅަ އަހަރު ..  މިރަދުނާއި "އެއްކިހުނުފަން" ހެނެވި މާވާ ކިލަގެ ފުތް ދުނެއި ކަލަމުންޖާން ސިރީ ބުވަނާދީއްތަ މަހާރަދުނަވެން މިކަލާ އިސްލާންނުވެ ރަސްކަންކުޅަހައި ދުވަހާއި އިސްލާންދީނުގައި ރަސްކަންކުޅަހައި ދުވަހާއި .. އަހަރުމިއަބާރުނަ ރަސްގެއާއި "އެއްކިހުނުފަން" މަލެއި މާވާކިލަގެ ފުތް މުތެއި ކަލަމުންޖާން ސިރީ ބުވަނަ އަބާރުނަ މަހާރަދުނަވެއް. މިކަލާ ރަސްކަންކުޅަ އަހަރު .. ރެކި ހިރިއާ މާވާކިލަގެ ފުތް ޢަލީ ކަލަމުންޖާން ސިރީ ފުރަނާދަ މަހާރަދުންވެން މިކަލާ ރަސްކަންކުޅަ އަހަރު .. ފަތިހިރިއާ މާވާ ކިލަގެ ފުތް ދޮނެއި ކަލަމުންޖާން ސިރީ ގަންނާދީތަ މަހާރަދުނަވެން މިކަލާ ރަސްކަންކުޅަ އަހަރު .. މިރަދުނާއި "އެއްކިހުނުފަން" ދިހެވި ކަލަމުންޖާން ސިރީ ދަގަތަ އަބާރުނަ މަހާރަދުނަވެއް މިކަލާ ރަސްކަންކުޅަ އަހަރު .. މިރަދުންނާއި "އެއްކިހުނުފަން" ވަޑިއެއި ކަލަމުންޖާން ސިރީ ދަގަބެސް މަހާރަދުން މިކަލާ ރަސްކަންކުޅަ އަހަރު .. މި ތިން ރަސްކަލުނާއި ހިރިއާ މާވާ ކިލަގެއާއި "އެއްބަޑު" ("ރާދަވަޅި" ޞ. 10)

"އައިފިގު މާވާ ކިލަގެ ބަޑުން އައިފިގު ހަދެއިގިރީނަށު ފަން.. ސިރީ ހިރިއާ ރަނިކިލަގޮށް ފަން ދޮނެއި ކަލަމިންޖާން ސިރީ.. އަބިންތުރަ އަބާރުނަ.. ރަސްގެއާއި އައިހާ ކިލަގެ ބަފައި މަރައިފައި.. ވަޑިއެއި ކަލަމެދިކިލަގެ އައިކޮއި މި ކަލަމެދި ކިލަގެއާއި.. މިތިންބެއިން "އެއްބަޑު" "ރެހެންދި މަހާރަދުނަވެށް މިކަމަނާ ރަސްކަންކުޅަ އަހަރު .. މިކަމަނާއި "އެއްބަފައި" ރަދުނަށަމެ ދިއަފުރަސޫތާވި ރާދަފަތިކަބާ............."  ("ރާދަވަޅި" ޞ. 13)

"މީގެފަހުން މިރަދުނަށަމެ ފުރަސޫތާވި ޢަލީ ކަލަމިންޖާން ސިރީ ރާއައްރާދޭސް ވަރަ މަހާރަދުނަވެން. މިކަލާ ރަސްކަންކުޅަ އަހަރު .. މިކަލާއި "އެއްބަޑު" ޔޫޞުފު ކަލމިންޖާން ސިރީ ބޮވަނާދީއްތަ މަހާރަދުނަވެށް. މިކަލާ ރަސްކަންކުޅަ އަހަރު .." ("ރާދަވަޅި" ޞ. 15)

"
ނާއިން ރަންނަބަޑޭރިކަލޯ ފުތް ކުޑަ ޙަސަން ރަސްގޮށް ސިރީ ދަންމަރު ބޮވަނަމަހާރަދުނެވެއް މިކަލާ ރަސްކަންކުޅަ މަސް .. މިރަދުންނާއި "އެއްބަފައި" ޢީސާ ރަސްގޮށް ސިރީ ބޮވަނަ ސަންފުރަ މަހާރަދުންވެށް މިކަލާ ރަސްކަންކުޅަ އަހަރު .." ("ރާދަވަޅި" ޞ. 21)

ރާދަވަޅީގައި ބައެއް ބޭފުޅުންގެ ނަސްލީގުޅިވަޑައިގަތުމަށް "އެއްކިހުނުފަން" އާއި "އެއްބަފާ" އަދި "އެއްބަނޑު" މި ތިން ޙާލަތު ވަކިވަކިން ރަސްރަސްކަލުންނާއި ގުޅިގެން ބޭނުންކޮށްފައިވީ ނަމަވެސް "އެއްކިހުނުފަން" ކަމަށް ލިޔެފައިވާ އެއްވެސް ދެބޭފުޅަކީ "އެއްބަނޑު އެއްބަފާ" ދެބޭފުޅުންކަމަށް އެނގޭނޭ އެހެންގޮތެއް ނުފެންނަނަމަ، އެއީ "އެއްބަނޑު އެއްބަފާ" ދެބޭފުޅުންކަމުގެ ކަށަވަރުކަމެއް ނުލިބުމަކީ ވެދާނެގޮތެކެވެ. އެހެންނަމަވެސް "އެއްކިހުނުފަން" ބޭނުންކުރެވެނީ "އެއްބަނޑުން އުފަން" ފަރާތްތަކަށްވުމުން "އެއްކިހުނުފަން" ކަމަށް ލިޔެފައިވާ ނަސްލީގުޅުމުގެ ވަނަވަރެއްގައިވަނީ "އެއްބަނޑު އެއްބަފާ" ފަރާތްތަކެއްނަމަ، އެވަނަވަރު "އެއްބަނޑު އެއްބަފާނޫންގޮތެއްގައި ފުރޮޅިއްޖެނަމަ، ދެބޭފުޅެއްގެ ނަސްލީގުޅިވަޑައިގަތުން އޮޅިގެން ހިނގައިދާނެއެވެ.

ކ. އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން އިސްކަންދަރު އިބްނި އައްސުލްޠާން އިބްރާހީމް ނޫރައްދީން އިސްކަންދަރު ކުލަސުންދުރަ ކައްތިރިބަވަނަ މަހާރަދުން މިރަދުންނަށް ކޮލިލައްވާންވެގެން ޒިޔާރަތްކުރައްވާން އައްޝައިޚު ޔޫސުފު ޝަމްސުއްދީން އައްތަބުރޭޒީ މިކަލޭގެފާނުންގެ ޒިޔާރަތް ޒިޔާރަތްކުރެއްވުމަށް މިޒިޔާރަތްތެރެއަށް ވެދެވަޑައިގެން ޞަލަވާތް ފާތިޙާ ވިދާޅުވެފައި މިތާ އެތެރެ ބެއްލެވިހިދު ލިޔެފައި އޮތް ހައިވަކަރުފިލާގަޑެއް ދެކެވަޑައިގެން މިފިލާގަޑު ބެއްލެވިއިރު އޭގައި ލިޔެފައިއޮތެވެ.

"
ހިޖުރައިން ހާހާ އެއްސަތޭކަ ފަސްދޮޅަސް ހަވަނަ އަހަރު ޞަފަރު މަހު ބުދަ ތޭރަ ފޮއި ވިލޭރޭ ދަނަރާހިން އެގާރަޔަށް އައި ކަންނަންނޫރުން ޢަލީ ރާޖާ ފޮނުވީމައި، ކަންނަންނޫރުން ބަޔަކު ހޮޅީން އައިސް މާލެޔަށް އަރައި އެތެރެކޯލާއި، ރަށުން ފަސްދޮޅަސް ތިން ގޯއްޗާއި، ތިން މިސްކިތާއި، ތިން ގަޑުވަރާއި، ހުޅުލައިދަވާފައި، މާލެ ހިފައިގެން މިވޭލާ ފުރަމާލޭ ތަޚުތުގައި އިންނެވި އައްސުލްޠާނުލް މުކައްރަމް މުޙައްމަދު ޢިމާދުއްދީން ސިރީ ނަވަރަންނަ ކީރިތި މަހާރަދުންނާއި މިރަދުންގެ "އެއްކިހުނުފަން" އައްސުލްޠާން އިބްރާހީމް ރަދުނަށަ އުފަން ކަލަމިންޖާއި، މިދެބޭކަލުން އޮޑިޔަކަށްލައިގެން ކަންނަންނޫރަށް ގެންގޮސްފައި މިދިވެހިރާއްޖޭގައި ޢަލީ ރާޖާޔަށް ތާނިޔާކިޔައި ސިއްކަ ހިންގާފޫ. ދެން ހޮޅީން ލަސްކަރީން ކޯއްޓެތަކާއި މިގަޑުވަރުލައިގެން ރަސްކަންމަތީ މަލިކު ބަންޑޯރުމަނިކު އިދެއްޖައޫ." (ދިވެހިތާރީޚަށް އައު އަލިކަމެއް" ޞ. 358)

އައްސުލްޠާނުލް މުކައްރަމް މުޙައްމަދު ޢިމާދުއްދީން ސިރީ ނަވަރަންނަ ކީރިތި މަހާރަދުންނާއި، އައްސުލްޠާން އިބްރާހީމް ރަދުންނާއި ދެބޭފުޅުންގެ ނަސްލީގުޅިވަޑައިގަތުމަކީ "އެއްކިހުނުފަން" ކަމަށް އެވަނީ ލިޔެފައެވެ. މިއީ "އެއްބަނޑު އެއްބަފާ" ދެބޭފުޅަކަށްވުމުން މިދެބޭފުޅުންގެ ނަސްލީ ގުޅިވަޑައިގަތުމަށް ބޭނުންކޮށްފައިވާ "އެއްކިހުނުފަން" "އެއްބަނޑު އެއްބަފާ" ނޫންގޮތަކަށް ފުރޮޅިއްޖެނަމަ މި ދެބޭފުޅުންގެ ނަސްލީގުޅިވަޑައިގަތުން އޮޅިގެން ހިނގައިދާނެއެވެ.
             -------------------------

ޢަބުދުﷲ ޙިލްމީ
24 ނޮވެމްބަރ 2012މ.